• Mon, 30 November, 2020, 3:05 pm

    ވެކްސިނެއް އަވަސް ނުވެދާނެ، އުސޫލުތައް ހިފަހައްޓާ!

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކޮވިޑް-19 އިން ވީހާ ވެސް އަވަހަކަށް އަރައިގަތުމަށް ކުރެވޭ އުއްމީދު އެންމެ ބޮޑަށް ގުޅިލާމެހިފައިވާ ކަންތައް ކަމަށްވާ ވެކްސިން އުފައްދަން ކުރަމުން އަންނަ މަސައްކަތުގައި މިއީ ނާއުއްމީދު ކުރުވި ހަފްތާ އެކެވެ. ވެކްސިން ޓެސްޓްކުރުމުގެ މަސައްކަތްތަކަށް ކުރިމަތިވި ބައެއް ހުރަސްތަކާ އެކު، ޔޫރަޕްގެ ގައުމުތަކުން މިހާރު ވަނީ ބަލި ކޮންޓްރޯލްކުރުމުގެ އާ ފިޔަވަޅުތަކެއް އަނެއްކާ ވެސް އަޅާފަ އެވެ.

    ވެކްސިނެއްގެ އުއްމީދަށް ހިޔަނި އެޅުނީ އެމެރިކާގައި ޓެސްޓްތައް މެދުކަނޑާލުމުންނެވެ. އެމެރިކާގައި ކޮވިޑަށް ވެކްސިން ޓެސްޓްކުރުމުގެ ތިން ވަނަ ފިޔަވަހި ކުރިއަށް ގެންދާ އެލީ ލިލީ އިން ޓެސްޓްތައް މެދުކަނޑާލީ ހާދިސާއެއް ހިނގައިގެން ކަމަށް އެ ކުންފުނިން ބުންޏެވެ. އެކަމަކު، އެ ހާދިސާގެ ތަފްސީލެއް ނުދެ އެވެ. އެ ކުންފުންޏަކީ ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި، ވެކްސިން ޓެސްޓް ކުރުމުގެ މަސައްކަތް ވަގުތީ ގޮތުން ހުއްޓައިލި ދެ ވަނަ ކުންފުންޏެވެ. އޭގެ ކުރިން، ޖޯންސަން އެންޑް ޖޯންސަން އިން ވެސް ވަނީ ޓެސްޓްތައް މެދުކަނޑާލާފަ އެވެ. އެ ކުންފުނިން ބުނީ ޓެސްޓްތައް ހުއްޓައިލީ މައްސަލައެއް ދިމާވުމުންނެވެ.

    ކޮވިޑަށް ވެކްސިނެއް ހޯދުމުގެ މަސައްކަތް ކުރާ ބައެއް ކުންފުނިތަކުން ވަގުތީ ގޮތުން މަސައްކަތް ހުއްޓައިލި ނަމަވެސް ގިނަ ކުންފުނިތަކުން އެ މަސައްކަތުގައި އަދި ދެމި އެބަތިއްބެވެ. އެކަމަކު، އަވަސް މުސްތަގުބަލެއްގައި ވެކްސިނެއް ނުލިބިދާނެކަން، ދުނިޔޭގެ ބޮޑެތި އަދި މުއްސަނދި ގައުމުތަކުން ކަންކަން ކުރަމުން އަންނަ ގޮތަށް ބަލައިލުމުން އެނގެ އެވެ.

    އެކަން އެންމެ ސާފުކޮށް ފެންނަނީ ކޮވިޑް އެންމެ ފުރަތަމަ ފެނުނު އަދި އެބަލި ކޮންޓްރޯލް ކުރުމުގައި އެންމެ ކާމިޔާބު ގައުމު ކަމަށްވާ ޗައިނާ އިން ކުރާ މަސައްކަތުންނެވެ. ޗައިނާގެ ކިންޑާއޯ ނަމަކަށް ކިޔާ ރަށުން ކޮވިޑްގެ މަދު ކޭސްތަކެއް ފެނުމާ އެކު އެ ރަށުގެ މުޅި އާބާދީ ޓެސްޓްކުރަން އެ ގައުމުގެ ސަރުކާރުން ވަނީ މަސައްކަތް ފަށަފަ އެވެ. އާބާދީގައި 9.4 މިލިޔަން މީހުން ތިބި އެ ރަށުން މިހާތަނަށް ހަތަރު މިލިޔަން މީހުންގެ ސާމްޕަލް ވަނީ ނަގާފަ އެވެ.

    ޔޫރަޕަށް ބަލާލައިލާއިރު، ނެދަލޭންޑްސް ވަނީ ކޮންމެވެސް ވަރެއްގެ ލުއިތަކަކާ އެކު ލޮކްޑައުން ފިޔަވަޅެއް އަޅާފަ އެވެ. އެއީ، ކޮވިޑްގެ އެންމެ ބިޔަ އެއް ރާޅު އަނެއްކާ ވެސް ޔޫރަޕަށް ބިންދާލުމުންނެވެ. ނެދަލޭންޑްސްގެ ހުރިހާ ކެފޭ، ރެސްޓޯރެންޓް އަދި ބާތައް ބަންދުކޮށްފައި ވާއިރު، އުމުރުން 13 އަހަރުން މަތީގެ އެންމެން ވެސް އިމާރާތެއްގެ އެތެރޭގައި އުޅޭ ނަމަ މާސްކް އެޅުމަކީ މަޖުބޫރު ކަމަށް ވަނީ ހަދާފަ އެވެ. ހަމަ އެފަދަ ފިޔަވަޅުތަކެއް، ފްރާންސްގައި ވެސް ވަރަށް އަވަހަށް އިއުލާނު ކުރަން ތައްޔާރުވެފައިވާ ކަމަށް ބައިނަލްއަގުވާމީ މީޑިއާތަކުން އިއްޔެ ބުންޏެވެ. އެ ގައުމުގައި ވެސް، މީހުން ގެއިން ބޭރަށް ނުކުމެ އުޅުން މަދުކުރުމަށްޓަކައި ހަރުކަށި ފިޔަވަޅުތަކެއް އަޅާނެ ކަމަށް ވަނީ ބެލެވިފަ އެވެ.

    ހާޑް އިމިއުނިޓީގެ އުއްމީދު އަދި ކުޑަ

    ހާޑް އިމިއުނިޓީ އަކީ ގިނަ ބަޔަކަށް ބައްޔެއް  ޖެހި، އެ ބަލިން ދިފާއުކޮށްދޭން އެންޓިބޮޑީސް މީހުންގެ ހަށިގަނޑުގައި އުފެދުމެވެ. ބައެއް ބަލިތަކުގެ ބާރު ދަށްވާން ފަށަނީ އެ ހިސާބުންނެވެ. ވައިރަސް ފެތުރުން ވެސް އެ ހިސާބުން ވަރަށް ބޮޑަށް މަޑުޖެހެ އެވެ.

    ކޮވިޑްގައި އެގޮތަށް ކަންތައް ކުރާކަށް އެއްވެސް ގައުމަކުން އަދި އުޅޭ ކަމަކަށް ނުބެލެވެ އެވެ. އޭގެ ބަދަލުގައި، ހުރިހާ ގައުމަކުންހެން މަސައްކަތް ކުރާ ތަން ފެންނަނީ، ބަލި ފެތުރުން ކޮންޓްރޯލް ކުރަން ފިޔަވަޅަކަށް ފަހު ފިޔަވަޅެއް އަޅައިގެންނެވެ.

    އެކަހަލަ ރިސްކެއް ގައުމުތަކުން ނުނަގާ މައިގަނޑު ސަބަބަކީ، އެފަދަ މަސައްކަތެއް ނާކާމިޔާބުވާ ހާލަތުގައި ބޭނުންކުރާނެ ވެކްސިނެއް ނުވަތަ ފަރުވާއެއް އަދި ނެތުމެވެ. ވެކްސިނެއް ނުވަތަ ފަރުވާއެއް ކައިރި މުސްތަގުބަލެއްގައި ލިބޭނެ ކަމަށް ލަފާ ނުކުރެވޭތީ އެވެ.

    ކޮވިޑްގެ ވެކްސިން ރާއްޖެ އަށް ލިބޭނެތަ؟

    ވެކްސިން އުފެއްދުމާ އެކު ވެކްސިން ގަތުމަށް ގައުމުތަކުންނާއި ވޯލްޑް ބޭންކް ފަދަ ބޮޑެތި މާލީ އިދާރާތަކުން ވަނީ ފައިސާގެ އިންތިޒާމްތަކެއް ވެސް ހަމަޖައްސާފަ އެވެ. އެ ކަމަށް ހަރަދުކުރާނެ ފައިސާ ހޯދަން ގައުމުތަކުން އަންނަނީ ވަކިވަކިން ވެސް ބައިނަލްއަގުވާމީ މާލީ އިދާރާތަކާއި އެހެން ގައުމުތަކާ ވެސް ވާހަކަ ދައްކަމުންނެވެ.

    މި މަހުގެ ހަ ވަނަ ދުވަހު ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު ވިދާޅުވީ، ރާއްޖެ އަށް އަވަހަށް ވެކްސިން ލިބޭނެކަން ކަށަވަރުކުރުމަށްޓަކައި، ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އާއި ބައިނަލްއަގުވާމީ އެހެން ބައެއް ޖަމާއަތްތަކާ އެކު ސަރުކާރުން މަސައްކަތްކުރަމުން އަންނަ ކަމަށެވެ. މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޮވިޑްގެ ވެކްސިން ހުރިހާ ގައުމަކަށް ލިބިދިނުމަށް، ގައުމުތަކާއި ޖަމާއަތްތައް ގުޅިގެން ގާއިމްކޮށްފައިވާ "ކޯވެކްސް" ފެސިލިޓީގެ ބޭނުން ރާއްޖެ އަށް ހިފޭނެ އެވެ.

    "އަޅުގަނޑުގެ މައުލޫމާތު ކުށް ނޫން ކަމަށް ވަންޏާ ގާތްގަނޑަކަށް 146 ގައުމަކުން މި ކޯވެކްސް ފެސިލިޓީގައި ބައިވެރިވެފައި މިއޮތީ. ރާއްޖެ އަކީ ވެސް އަޅުގަނޑު ހިތުން މީގެ ބައިވެރިއެއް. އިރާދަކުރެއްވިއްޔާ މި ވެކްސިން މިއިން ހަމަޖެހިގެންދާނެ،" އަމީރު ވިދާޅުވި އެވެ.

    މިނިސްޓަރު ވިދާޅުވި ގޮތުގައި، ކޯވެކްސް ފެސިލިޓީގެ އިތުރުން، ވެކްސިނުގެ ކަންތަކުގައި ރާއްޖޭން އަންނަނީ ވޯލްޑް ބޭންކާ ވެސް ވާހަކަ ދައްކަމުންނެވެ. ވޯލްޑް ބޭންކުގެ ބޯޑުން މި ހަފްތާގައި ވަނީ، ކޮވިޑްގެ ވެކްސިން ގަތުމުގައި ކުރިއަރަމުން އަންނަ ގައުމުތަކަށް އެހީތެރިވުމަށްޓަކައި 12 ބިލިއަން ޑޮލަރުގެ ފައިސާ ކަނޑައަޅާފަ އެވެ.

    "މި ކޮވެކްސް ފެސިލިޓީގެ ކަންތައްތަކުގައި އަޅުގަނޑުމެން ވޯލްޑް ބޭންކާ އެކީގައި ވެސް ވާހަކަ ދައްކަމުން މިދަނީ. ވޯލްޑް ބޭންކްގެ ކޮމިޓްމެންޓެއް އެބަ އޮތް ވެކްސިން ހަމަ މާކެޓަށް އައުމާ އެކު އަޅުގަނޑުމެންނަށް ވެސް އެ ފުރުސަތު ހޯދައިދޭން އެ ބޭފުޅުން ވެސް އިންވެސްޓްކުރަމުން ގެންދާނެ ކަމަށް،" ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވެފައިވެ އެވެ.

    އެކަމަކު، މިހާތަނަށް ފެންނަން އޮތް ހަގީގަތަކީ ފައިސާ ހުއްޓަސް، ޑިމާންޑާ އެއްވަރަށް ސަޕްލައި ނެތުމުގެ ސަބަބުން ވެކްސިން އުފެއްދުމަށާއި ރައްކާތެރި ގޮތުގައި ވެކްސިން ރައްކާކޮށް އަދި އެއް ތަނުން އަނެއް ތަނަށް އުފުލަން ބޭނުންވާ ތަކެތި  ނުލިބޭ ކަމެވެ. ކޮވިޑް ފުރަތަމަ ފެތުރެން ފެށުމާ އެކު ސިއްހީ އެހީތެރިންނަށާއި ހޮސްޕިޓަލްތަކަށް ބޭނުންވާ ވަސީލަތްތައް ހޯދަން ގައުމުތަކުން ޖެހި ރޭހަކީ ވިސްނާލަން ޖެހޭ ކަމެކެވެ. ޕާސަނަލް ޕްރޮޓެކްޓިވް އިކުއިޕްމެންޓް (ޕީޕީއީ) އިން ފެށިގެން ގޮސް މާސްކާއި އަންގި އަށް ދާންދެން ހޯދަން އުނދަގޫވި އެވެ. އޭރު، އެފަދަ ބައެއް ސާމާނު، މުއްސަނދި ގައުމުތަކުން ގަންނަމުން ދިޔައީ ކުޑަ ގައުމަކަށް އެއިން އެއްޗެއް ނުވެސް ލިބޭހާ ގިނައިންނެވެ. އެކަމުގެ ދަތިކަން ރާއްޖެ އަށް ވެސް ކުރިމަތިވި އެވެ.

    ވެކްސިންގެ ކަންތަކުގައި ބައިނަލްއަގުވާމީ މަޝްރަހުގައި ވެސް މިހާރު ކުރަމުން އަންނަ އެންމެ މުހިއްމު ސުވާލަކީ ޑަބްލިއުއެޗްއޯ އިން ވެކްސިނެއް އެޕްރޫވް ކުރުމާ އެކު އެންމެ ފުރަތަމަ ވެކްސިން ލިބޭނީ ކޮން ގައުމަކަށްތޯ ކުރާ ސުވާލެވެ. މިއީ، ބޮޑެތި އަދި މުއްސަނދި ގައުމުތަކާއި ކުދި އަދި ވަސީލަތްތައް މަދު ގައުމުތަކާ ދެމެދު ކުރާ "ފިނި ހަނގުރާމަ"އަކަށް ވެދާނެތޯ ކުރެވޭ ބަހުސެވެ.

    އެމެރިކާގެ ނެޝަނަލް އިންސްޓްޓިއުޓްސް އޮފް ހެލްތާއި ސެންޓާ ފޯ ޑިޒީޒް ކޮންޓްރޯލް އިން ނެރުނު 237 ސަފްހާގެ ފްރޭމްވޯކެއްގައި، ނެޝަނަލް އެކަޑަމީ އޮފް މެޑިސިން އިން ވަނީ އެ ތަނުގެ ރިކޮމެންޑޭޝަންތައް އާއްމުކޮށްފަ އެވެ. އެ ރިޕޯޓްފައި ލަފާދީފައި ވަނީ، ވެކްސިނެއް ބޭނުންކުރެވެން ފެށުމާ އެކު ހަތަރު ފޭހަކަށް ބަހާލައިގެން ވެކްސިން ފޯރުކޮށްދިނުމަށެވެ. ގައުމުތަކަށް ވެކްސިން ފޯރުކޮށްދިނުމުގައި ބަލާނީ އެ ގައުމެއްގެ ކެރިފޯރުންތެރިން ހުރި މިންވަރާއި ދަތުރުފަތުރުގެ އުނދަގޫކަން ފަދަ ކަންތައްތަކަށެވެ. ހަމަ އެއާ އެކު، ވެކްސިން ދިނުމުގައި އިސްކަންދޭނެ ގިންތިތަކެއް ވެސް އެ ރިޕޯޓްގައި ހިމަނާފައިވެ އެވެ. އެގޮތުން، ކޮންމެ ގައުމަކުން ވެސް ފުރަތަމަ ވެކްސިން ލިބޭނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެ އަށް ފަހު، އުމުރުން ދުވަސްވީ މީހުންނާއި ދާއިމަށް ފަރުވާކުރަންޖެހޭ ބަލިތައް ތަހައްމަލުކުރަން ދާ ފަރާތްތައް ފަދަ ހައި ރިސްކް ކެޓަގަރީގެ މީހުންނަށެވެ.

    ގައުމްތަކުގެ ކެރިފޯރުންތެރިކަން ގިންތިކުރާއިރު، އެންމެ ފަގީރު ގައުމުތަކުގެ ތެރޭގައި ރާއްޖެ މިހާރު ނުހިމެނެ އެވެ. ރާއްޖެ އަކީ މިހާރު "މިޑުލް އިންކަމް" ގައުމެކެވެ. އެހެންވެ، ގައުމުގެ ފަގީރުކަމަށް ބަލައިގެން ވެކްސިން ބަހާ ނަމަ ލިސްޓްގެ އެހާ ކުރިއަކަށް ރާއްޖެ ނާރާނެ އެވެ. ހުރިހާ ގޮތަކުން ބަލާއިރު ވެސް ވެކްސިން ހަމަ އެޕްރޫވް ވާއިރަށް ލިބޭ ގައުމުތަކުގެ ތެރޭގައި ރާއްޖެ ނުހިމެނިދާނެ ކަމުގެ ކަންބޮޑުން އޮތީ މިހެންވެ އެވެ.

    އެހެންވެ، ކޮވިޑުން ސަލާމަތްވެ ތިބުމަށް މިއަދު ވެސް، މާދަމާ ވެސް ކުރެވެން އޮތް އެންމެ މުހިއްމު ކަމަކީ ބަލި ފެތުރިދާނެ ހުރިހާ މާހައުލަކުން ދުރަށް ދިއުމެވެ. ވައިރަސް އުފުލާ ވެހިކަލަށް ނުވާނެ ގޮތަކަށް އަމަލުތައް ބެހެއްޓުމެވެ. ބަލީގެ ޗޭނު ތިބާއާ ހިސާބުން ވަކިކޮށްލުމެވެ.

    ރައްކާތެރިވުމުގެ ގޮތުން އަހަރެމެންނަށް ކުރެވޭނެ އެންމެ މުހިއްމު އެއް މަސައްކަތަކީ ކޮންމެ ވަގުތަކު ވެސް ބަލި ޖެހިދާނެ ކަމާއި ބަލީގެ އަލާމާތެއް ނުފެނި ވެސް ހުރެދާނެކަން ވިސްނައި، އެފަދަ ހާލަތެއްގައި ވެސް އެހެން މީހެއްގެ ހަށިގަނޑަށް ބަލި ނާރާނެހެން އަމަލުތައް ބެހެއްޓުމެވެ. ސިއްހީ މާހިރުން ދެއްވާ ލަފަޔަށް އަމަލުކޮށް، ވީހާ ވެސް ބޮޑަށް އެކަހެރިވެގެން އުޅުމެވެ.

    ކޮވިޑްގެ ބަލިމަޑުކަން ފެތުރެން ފެށި ފަހުން މިވީ ހަތް މަހެއްހާ ދުވަހުގެ ތެރޭގައި ވެކްސިނެއް ހޯދަން ކުރި މަސައްކަތްތަކާއި ބަލި ކޮންޓްރޯލް ކުރަން ކުރި މަސައްކަތުގެ އުނދަގޫކަން އެންމެ ބޮޑަށް އިހުސާސް ކުރުވައިދޭ ކަމަކީ، ބަލީގެ ހަގީގަތް އަދިވެސް މާ ރަނގަޅަށް ނޭނގި އޮތުމެވެ. އެހެންވެ، ވެކްސިނެއް ހަމަ އުފައްދާ އިރަށް ރާއްޖެއާ ހަމަ އަށް ނައިސް ހިނގައިދާނެކަން އަބަދު ވެސް ސިކުނޑީގައި ބާއްވަން ޖެހެ އެވެ. ރައްކާތެރިކަމުގެ ފިޔަވަޅުތައް ދިރިއުޅުމުގެ ބަޔަކަށް ހަދައިގެން އުޅެން ފަރިތަކުރުން ނޫން ގޮތެއް މިވަގުތަކަށް ނެތެވެ!

    އެޑިޓަރުގެ ނޯޓު:
    މިއީ "ކޮވިޑް ހުއްޓުވާނީ އަހަރެން" ގެ ނަމުގައި ދިވެހި މީޑިއާއިން އިސް ނަގައިގެން ކުރިޔަށް ގެންދާ ގައުމ ކެމްޕެއިންގެ ދަށުން ގެނެސްދީފައިވާ ރިޕޯޓެކެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.