• Mon, 30 November, 2020, 3:43 pm

    ނުބައި އަމަލުކުރި މީހުން، ގިޔާމަތާ ހަމައަށް ކަށްވަޅުގައި އޮންނާނީ ބިރުވެރިކަމާއި ނާމާންކަމުގައި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި އަމަލުތައް ކަމަށާއި އެ އަމަލުތައް ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

    "ގިޔާމަތްދުވަހާ މެދު ޣާފިލުނުވާށެވެ" މި މައުޟޫއަށް މިއަދު ދިން ހުކުުރު ހުތުބާގައި ވަނީ އާހިރަތް ދުވަހާ މެދު ޣާފިލުވެ، އެދުވަހުގެ ބިރުވެރިކަން ހަނދާން ނައްތާލައި، މި ކެހިވެރި ދުނިޔޭގެ އަރާމާއި އުފަލުގެ ފަހަތުން ދަނީ، ﷲގެ އަޅުތަކުންގެ ތެރެއިން ކިތައް މީހުންތޯ ސުވާލު ކޮށްފަ އެވެ. އަދި ﷲ ތައާލާ ދެއްވާފައިވާ އުމުރުގެ އަގުބޮޑު ވަގުތު، ފައިދާއެއް ނެތް ކަންކަމުގައި ބޭކާރުކޮށްލަނީ ކިހާ ގިނަ ބަޔަކުތޯ ވެސް ސުވާލު އުފެއްދި އެވެ.

    ހުތުބާގައި ބުނީ، ލައުނަތް ލެއްވިގެންވާ ޝައިތާނާ ވަނީ އޭނާގެ ދަންތުރައިގައި އެބައިމީހުން ޖައްސައި، ދުންޔަވީ ލައްޒަތާއި ޝަހުވަތުގެ އަޅުވެތިކަމުގެ ކަސްތަޅުން ކަސްތަޅު އަޅުވާފައިވަ ކަމަށެވެ.

    އެ ދަންތުރައިން އަޅުތަކުންނަށް ސަލާމަތްވެވެން އޮތް ހަމައެކަނި މަގަކީ ޝައިތާނީ ވަސްވާސްތަކުން ކިލަނބުވެފައިވާ ހިތްތައް، އީމާންކަމުގެ ނޫރުން އަލިކޮށް، ފަނާވެދަނިވި ދުނިޔޭގެ މިކުރު ދަތުރުގެ މަގްސަދާ މެދު ފުންކޮށް ވިސްނައި، އެ ދަތުރު ނިންމައިލަންޖެހޭ މަންޒިލު ކަމުގައިވާ އާހިރަތުގެ މަތީން ތާއަބަދު ހަނދުމަކުރުމުގައި ސާބިތުވެ ތިބުން ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި ބުނީ އިންސާނާ މަރުވެ، ކަށްވަޅާށް ދިއުމާ ހަމައިން ގިޔާމަތުގެ މަރުހަލާ ފެށުނީ ކަމަށާއި ކަވަޅު ވެގެންދަނީ އާހިރަތުގެ މަންޒިލްތަކުގެ ތެރެއިން އެންމެ ފުރަތަމަ މަންޒިލަށް ކަމަށެވެ. އެ މަންޒިލަށް އިންސާނާ ދާން ޖެހެނީ އެތަނުގައި އެކަނިވެރިކަން ފިލުވައިދޭނެ އެއްވެސް މީހަކާ ނުލައި ކަމަށާއި އެކަނިވެރިކަން ފިލުވައިދޭނެހައި ވެސް އެއްޗަކީ ދުނިޔޭގައި ހުރި އިރު އޭނާ ކޮށްފައިވާ ހެޔޮ އަމަލުތައް ކަމަށް ބުންޏެވެ.

    ނަމަވެސް ދުނިޔޭގައި ނުބައި އަމަލުކޮށްފައިވާ މީހުންނާ ކަށްވަޅުން ބައްދަލުކުރާނީ އެ ނުބައި އަމަލުތައް ކަމަށާއި އެ އަމަލުތައް ކަށްވަޅުގައި ބައްދަލުކުރާނީ ބިރުވެރި ސިފައެއްގައި ކަމަށް ހުތުބާގައި ބުންޏެވެ.

    "ގިޔާމަތްވުމާ ހަމައަށް އެ މީހަކު އޮންނަން ޖެހޭނީ އެ ބިރުވެރިކަމާއި ނާމާންކަމުގެ ތެރޭގައެވެ. އަދި ހަމަ އެހެންމެ ނުބައި އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ނަރަކައިގެ ވަޅުގަނޑަކަށެވެ. އެއާ ހިލާފަށް ހެޔޮ އަމަލު ކުޅަ މީހުންނަށް ކަށްވަޅު ވެގެންދާނީ ސުވަރުގޭގެ ބަގީޗާއަކަށެވެ،" ހުތުބާގައި ބުންޏެވެ.

    ގިޔާމަތް ދުވަހު ކޮންމެ މީހަކު ވެސް ﷲގެ ދަރުބާރަށް ހާޒިރުވާނީ އެ މީހަކު މި ބިންމަތީގައި އުޅުނު އިރު ކުޅަ އަމަލަކާއިގެންކަން ފާގަހަކުރައްވައި ހުތުބާގައި އިތުރަށް ބުނީ ދުންޔަވީ ހަޔާތުގެ އަރާމާއި ލައްޒަތަށް ހެއްލި، އުހުރަވީ ހަޔާތާމެދު ޣާފިލުވެފައިވާ މީހާގެ ގާތަަށް މަރު އަންނަ ހިނދު، ތިމާގެ ބޮޑާކަމާއި ކިބުރުވެރިކަމާއި އަނިޔާވެރިކަމުގެ ނިމުން އަތުވެއްޖެކަން އެނގި ކަށަވަރުވެދާ ކަމަށެވެ. އަދި ތިމާގެ ނުކުޅުންތެރިކަމާއި ނިކަމެތިކަން ޔަގީންވެދާނެ ކަމަށް ހުތުބާގައި ބުންޏެވެ.

    ހުތުބާގައި ބުނީ، ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވެ، އަރްޝީގެ ހިޔާވަހިކަން ލިބޭނެ ހަތް ގިންތިއެއްގެ މީހުންގެ ހަބަރު މާތް ނަބިއްޔާ އުއްމަތަށް ދެއްވާފައިވާ ކަމަށެވެ.

    އެއީ އަދުލުވެރި ވެރިންނާއި އެބައިމީހުންގެ ވެރި ރަސްކަލާނގެއަށް އަޅުކަންކުރުން މަތީގައި ބޮޑުވި ޒުވާނުންނާއި އެބައެއްގެ ހިތް މިސްކިތާ ގުޅި ލާމެހިފައިވާ މީހުންނާއި ﷲއަށްޓަކައި އެއްބަޔަކު އަނެއްބަޔަކު ދެކެ ލޯބިވެ، ﷲ އަށްޓަކައި އެއްބަޔަކު އަނެއް ބަޔަކާ ބައްދަލުވެ، ﷲ އަށްޓަކައި އެއްބަޔަކު އަނެއް ބަޔަކާ ވަކިވި މީހުންނާއި ގަދަރުވެރި ރީތި އަންހެނަކު ފާހިޝް ކަމަކަށް ދައުވަތު ދިނުމުން ތިމަންމެން ﷲ އަށް ބިރުވެތިވަމޭ ބުނެ އެކަމުން ދުރުވެގަތް މީހުންނާއި ކަނާތުން ކުޅަ ސަދަގާތް ވާތަށް ނޭނގޭހައި ސިއްރުން ސަދަގާތް ކުޅަ މީހުންނާއި އެކަހެރި ތަނެއްގައި ﷲ ހަނދުމަކޮށް ލޮލުން ކަރުނަ އޮހޮރުނު މީހުންނެވެ.

    ހުތުބާގައި ވަނީ، ﷲގެ ރަހުމަތުން އުއްމީދު ކަނޑައިނުލައި ވަގުތު ފާއިތުވުމުގެ ކުރިން ކުރެވިފައިވާ ފާފަތަކަށް ތައުބާވެ، ﷲ ތައާލާގެ ހަޒްރަތުން ފާފަ ފުއްސެވުމަށް އެދި ދެންނެވުން އަވަސްވެގަތުމަށް ގޮވާލައިފަ އެވެ. އަދި ކުރެވިފައިވާ ކުށްތަކަށް ތައުބާވެ ﷲގެ ތަނަވަސް މަގުފިރަތާއި އެ ކަލާނގެ ދީލަތި ރަހުމަތަށް އެދި އަތްތައް އުފުލައި، ކަށްވަޅުގެ އެކަނިވެރިކަމާއި ގިޔާމަތް ދުވަހުގެ ބިރުވެރިކަމުން ސަލާމަތްވުމަށް އެދި އަބަދާއި އަބަދު ﷲ އަށް ދުއާ ދެންނެވުމަށް ވެސް ހުތުބާގައި ގޮވާލި އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.