• Tue, 24 November, 2020, 10:27 pm

    ސީރިއާގެ ނިކަމެތި މަންމައެއްގެ އާދޭސް: ފިނި މޫސުމުގައި ދަރިން ފިނިން ރައްކާތެރިކޮށްދީ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ސީރިއާގެ ރެފިއުޖީ ކޭމްޕެއްގެ ފޭލިގެއެއްގައި ދިރިއުޅެމުންދާ މަންމައެއްގެ އުންމީދެއް މި ފިނި މޫސުމާއި ދިމާކޮށް އެބައޮތެވެ. ދެކުނު ޙަލަބްގެ ހާލަތާއި ގުޅިގެން އެތަނުން ނިކުންނަން ޖެހުނު މީހުންގެ ތެރޭގައި 10 ދަރިންގެ މަންމައެއް ކަމަށްވާ އުއްމު މުޙައްމަދު އިންޓަނޭޝަނަލް އެއިޑް ކެމްޕޭން (އައިއޭސީ)އަށް އޭނާގެ ހިތުގެ އިހްސާސްތައް ހިއްސާކުރި އެވެ. އުއްމު މުހައްމަދުގެ ހަތް އަންހެން ކުދިންނާއި ތިން ފިރިހެން ކުދިން ތިބެ އެވެ. ވައިގެ ހަމަލާތަކާއި ގުޅިގެން އަމިއްލަ ގެއިން ނުކުންނަން ޖެހުނު މި އާއިލާ މިހާރު ދިރިއުޅެމުން އަންނަނީ ފޭލި ގެއެއްގަ އެވެ. އަދި މިތަނުގައި ދިރިއުޅެމުން ދާތާ މިހާރު ދޮޅުއަހަރުވެފައިވާ ކަމަަށް އުއްމު މުހައްމަދު ބުންޏެވެ.

    ފިނި މޫސުމަކީ މިފަދަ ދަތި ހާލަތުގައި ދިރިއުޅެމުން އަންނަ ފަރާތްތަކަށް އިތުރު ނިކަމެތި ކަމެއް ކުރިމަތިވާ ދުވަސްވަރެއް ކަމަށް ވުމުން، މި މޫސުމަށް ތައްޔާރުވުމަށް ކުރަނީ ކޮންކަމެއްތޯ އައިއޭސީން ސުވާލުކުރުމުން އުއްމު މުހައްމަދު ބުނީ، ފުރަތަމަ ހަލާކުވެފައި ހުރި ތަންތަން ވައި ނުވަންނަ ގޮތަށް ބަންދުކުރަނީ ކަމަށެވެ. މީގެއިތުރުން ވިއްސާރައިގެ ފެނުން ރައްކާތެރިކަން ހޯދުމަށް ޕްލާސްޓިކް ކަވަރު ހޯދައިގެން ފޭލިގޭގެ ބޭރުގައި އަޅާކަމަށް އެ މަންމަ ބުންޏެވެ. އަދި އޭނާގެ ދަރިންނަށް ފިނިން ރައްކާތެރިވުމަށާއި ހޫނުކަން ހޯދައިދިނުމަށް ބޭނުންކޮށްފައި ހުންނަ އަންނައުނު ލިބޭތޯ މަސައްކަތްކުރާ ވާހަކަ ބުންޏެވެ.

    މި އާއިލާއިން ފޭލިގޭގެ ތެރޭގައި ހޫނުކުރުމަށް ބޭނުންކުރާ އާލަތް ދައްކަމުން އުއްމު މުހައްމަދު ބުނީ ފިނި މޫސުމުގައި ހޫނު ކުރުމަށް އޭގެ ތެރެޔަށް ތެޔޮ އަޅަނީ ކަމަށާއި އަދި އޭތި އަނދަން ފެށިމާ އާއިލާ މެމްބަރުން އޭގެ ވަށައިގެން ތިބެނީ ކަމަށެވެ. މި ފަދަ ނުރައްކާތެރި ވަސީލަތެއް ބޭނުންކުރުމާއި ބެހޭގޮތުން އައިއޭސީން ސުވާލު ކުރުމުން އެ މަންމަ ބުނީ، އެއީ ނުރައްކާތެރިކަމެއް ކަމުގައި ގަބޫލުކުރާ ކަމަށާއި، މިއީ މިފަދަ ނައިލޯން ފޭލިގެއެއް ތެރޭގަ ރޯކޮށްފަ ހުންނަ އަލިފާން ކަމަށެވެ. އަދި މިގޮތަށް މި ވަސީލަތް ބޭނުންކުރުމުގެ ތެރޭގައި ވަރަށް ގިނަ ފަހަރު ފޭލިގެ ތަކުގައި އަނދާ ހުލިވެފައި އެބަހުރިކަން އުއްމު މުހައްމަދު ބުންޏެވެ.

    އެ ފޭލިގޭގައި ހޫނުކުރަން ބޭނުންކުރާ ވަސީލަތައް އަޅާ ތެލާއި ގުޅޭގޮތުން ސުވާލުކުރުމުން އޭނާ ބުނީ ތެޔޮ ލީޓަރެއް އެއް ޑޮލަރަށް ލިބޭތީ އެމީހުން ބަހައްޓަނީ ވަރަށް ލަސްލަހުން ތިކި ޖެހޭގޮތަށް ހަދާފައި ކަމަށާއި ލީޓަރަކުން އެއް ގަޑއިރު ހިފަހައްޓާލެވޭ ކަމަށެވެ. މީގެއިތުރުން ދުވާލަކު އެއް ލީޓަރަށް ވުރެ ގިނައިން ބޭނުން ކުރުމުގެ ފުދުންތެރިކަމެއް އެ އާއިލާގެ ކިބައިގައި ނެތް ކަމަށް ބުންޏެވެ.

    އެހެންކަމުން ފިނި މޫސުމުގައި، ދުވާލަކު އެންމެ ގަޑިއިރަކަށް ހޫނުކޮށްފައި ބާކީ ހުންނަ ވަގުތުތަކުގައި އެ އާއިލާއިން ބަހައްޓަނީ އޭތި ނިއްވާލައިފަ އެވެ. އޭގެ ބަދަލުގައި ދެން ހުރި ވަގުތު ތަކުގައި އެންމެން ތިބެނީ ކައިރިކަރީގައި ރަޖާ އަޅާއިގެން ކަން އުއްމު މުހައްމަދު ބުންޏެވެ. އަދި ބައެއް ފަހަރު ފްލާސްޓިކް ހޮވައިގެން ފޭލިގެ ކުރިމަތީގައި ހޫނުކުރުމަށް އެވެސް އަންދާކަން އޭނާ ބުންޏެވެ

    ފިނި މޫސުމަކީ ގިނަ ތުއްތު ކުދިން ބަލިވާ މޫސުމެއް ކަމުން ބަލިވުމުން ކިހިނެއްތޯ ހަދަނީ އެހުމުން ވަރަށް އަސަރާއެކު އުއްމު މުހައްމަދު ބުނީ ބޭސް ގަނެފިއްޔާ ތެލެއް ނުގަނެވޭނެތީ، ބަލިވުމުން އެ ކުދިންގެ ގައިގައި ރަޖާ އަޅުވާފައި ބައިތިއްބަނީ ކަމަށެވެ. މި ފިނި މޫސުމާއި ދިމާކޮށް 10 ދަރިންގެ މަންމަ އުއްމު މުހައްމަދުގެ އެދުމެއް އެބައޮތެވެ. އޭނާގެ އެދުމަކީ އޭނާގެ ދަރިން ފިނިން ރައްކާތެރިކޮށްދިނުމޭ، އަދި ހޫނު ކަމެއް ލިބުމެވެ.

    މިއީ އެންމެ މަންމައެއްގެ އާދޭހުގެ އަޑު ކަމުގައި ވިއަސް، މިއީ ސީރިއާ، ފަލަސްތީން، ޔަމަން އަދި ރޮހިންޔާ ދަރިފަސްކޮޅުގެ ރެފިއުޖީންގެ ތެރޭގައި ދިރިއުޅެމުން އަންނަ ހުރިހާ މަންމައިގެ އާދޭހެވެ. އެ ހުރިހާ މައިންގެ އުންމީދަކީ މި އަހަރުގެ ފިނި މޫސުމުގައި އެ ފަރާތްތަކުގެ އާއިލާއަށް ރައްކާތެރިކަމެއް ލިބުމެވެ. އަދި މި ރައްކާތެރިކަން ފޯރުކޮށްދޭނެ އެހީތެރިކަމުގެ އަތެއް ލިބުމެވެ.

    https://fb.watch/1x1ZmGGiCz/

    އައިއޭސީން ވަނީ މިއަހަރު ފިނި މޫސުމާއި ދިމާކޮށް ސަވައިވިންގް ވިންޓާ 2020 ލޯންޗުކޮށްފަ އެވެ. ސަވައިވިންގް ވިންޓާ 2020ގެ ތެރެއިން ކޮންމެ ފަސް މީހުންގެ އާއިލާއަކަށް އެއް މަސް ދުވަހަށް ބޭނުންވާ ޕެކޭޖް ހަމަޖެހިގެންދާނެ އެވެ. އެގޮތުން ކޮންމެ ޕެކޭޖެއްގެ އަގަކީ 1000 ރުފިޔާ އެވެ. މި ޕެކޭޖުގެ ތެރޭގައި ބޯހިޔާވެހިކަން، ހޫނުކުރުމަށް ބޭނުން ކުރެވޭނެ އެކި ކަހަލަ އާލާތްތައް، ކާބޯތަކެތި އަދި ސާފުތާހިރުވުމަށް ބޭނުން ކުރެވޭނެ ހައިޖީން ޕެކް ހިމެނެ އެވެ.

    މި ނިކަމެތި އާއިލާތަކަށް ދިވެހި ރައްޔިތުންގެ ތެރެއިން ކޮންމެ ފަރާތަކަށް ވެސް އެ ފަރާތަކެއް ދެވުނު މިންވަރެއް ހަދިޔާ ކޮށްދިނުމުގެ ފުރުސަތު އައިއޭސީން ވަނީ ހުޅުވާލައިފަ އެވެ. އެގޮތުން މި ހަތަރު ގައުމަށް އެހީތެރިކަންފޯރުކޮށްދިނުމަށް، ބީއެމްއެލް އިސްލާމިކުގެ ހަތަރު އެކައުންޓެއް ހާއްސަ ކޮށްފައިވެ އެވެ.

    ފަލަސްތީން: 7770000026261

    ރޮހިންޔާ:   7770000026265

    ޔަމަން:    7770000026264

    ސީރިއާ:   7770000026263

    މި ކޭމްޕޭނާއި ބެހޭ އިތުރު މަޢުލޫމާތު ބޭނުންފަރާތްތަކުން، އައިއޭސީގެ ހޮޓްލައިން ނަންބަރު، 9122121 އަށް ގުޅާލެވިދާނެއެވެ. މީގެއިތުރުން، އައިއޭސީގެ ފޭސްބުކް ޕޭޖް https://web.facebook.com/IACMaldives/ މެދުވެރިކޮށް ސަވައިވިންގް ވިންޓަރ 2020 އާ ބެހޭ އިތުރު މަޢުލޫމާތު ލިބިގެންދާނެއެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.