• Tue, 24 November, 2020, 10:35 pm

    ސިއްރު ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ އިސްލާމީ ޝަރީއަތާ ބީރައްޓެހި އަމަލެއް: ހުތުބާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް، ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އަދި އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

    "އިސްލާމްކަމުގެ ނިއުމަތް" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ބުނީ، މިއަދު އިސްލާމް ދީނަށް ނިސްބަތްވާ ބަޔަކު އެ ދީނުގެ ނަމުގައި ފަތުރާ ދީނާ ހިލާފު ފިކުރުތަކާއި މައުލޫމާތުގެ ނުރައްކާތެރިކަން ވަކި ކުޑަ ނޫން ކަމަށެވެ. އެބައި މީހުން ގަބޫލުކުރާ ގޮތްތަކާއި ފިކުރުތަކަށް ތަބައުނުވާ ކޮންމެ މީހަކީ ކާފިރެއް ކަމުގައި ކަނޑައަޅައި، މަރު ހުއްދަ ކުރާ ކަމަށް ހުތުބާގައި ބުންޏެވެ.

    އޭގެ އިތުރުން އެ ފިކުރުތަކަށް އަމަލު ނުކުރާ ސަރުކާރަކީ ތާއޫތު ކަމުގައި ނިންމައި އެ ސަރުކާރުގެ މުވައްޒަފުންނަކީ ކާފިރުން ކަމުގައި ނިންމައި އެ މީހުންގެ ފަހަތުގައި ނަމާދު ކުރުން ހުއްޓާލާ ކަމަށް ވެސް ހުތުބާގައި ބުންޏެވެ.

    "މި ނުބައި ނިންމުންތަކުގެ ސަބަބުން އެ ގައުމުގެ މީހުންގެ މުދާ ފޭރުމާއި މެރުން ހުއްދަ ކުރެ އެވެ. މިވަރުން އަދި ނިމުނީ އަކީ އެއް ނޫނެވެ. މިފަދަ މީހުން އެހެން މީހުންނާ މުޅިން ވަކިވެގަނެ އެވެ. އެހެން މީހެއްގެ ސަލާމަށް ޖަވާބެއް ނުދެ އެވެ. ވަރިކައިވެނީގެ މުއާމަލާތްތައް ގިނައިން ކޮށް އުޅެނީ އެމީހުންގެ މީހުންނާ އެކަންޏެވެ. އެމީހުން ކައިވެނި ކުރާކަށް ޝަރުއީ ކޯޓުތަކެއް ކަމަކު ނުދެއެވެ. ނަމާދު ކުރުމަށް މިސްކިތްތައް ކަމަކު ނުދެއެވެ. ސަރުކާރުގެ އެއްވެސް ވަޒީފާއެއް ހުއްދައެއް ނުކުރެއެވެ،" ހުތުބާގައި ބުންޏެވެ.

    ކައިވެނި ކުރުމަށްޓަކައި އިސްލާމް ދީނުގައި ވަކި ހަމަތަކަކާއި އުސޫލުތަކެއް އަދި ގާނޫނާއި ގަވާއިދުތައް ހެދިފައިވާކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ކޯޓުން ބޭރުގައި ކުރެވޭ ކައިވެނިން ލިބޭ ކުދިންގެ ގިނަގުނަ ހައްގުތަކެއް ގެއްލި، ސައްހަ ދަރިއެއް ކަމުގެ އެއްވެސް ލިޔުމެއް އަދި ހެއްކެއް ނޯންނަ ކަމަށެވެ.

    އެހެންކަމުން ޝަރުއީ ހަމަތަކާ އެއްގޮތަށް ކުރެވޭ ކައިވެނި ކުރަންޖެހޭނީ ވީހައި ވެސް ގިނަ ބަޔަކަށް އެނގޭނެހެން ފާޅުކަން ބޮޑު ގޮތެއް ކަމަށާއި އަދި ކައިވެނި ކުރުމަށްފަހު ވަލީމާ ދިނުން ޝަރުއު ކުރައްވާފައިވަނީ އެ ސަބަބަށްޓަކައި ކަމަށް ހުތުބާގައި ބުންޏެވެ.

    "މިއާ ހިލާފަށް، ހެދިފައިވާ ގާނޫނުތަކާއި އުސޫލުތަކަށް ނުފެތޭ ގޮތަށް، ސިއްރުން ކައިވެނީގެ ނަމުގައި ގުޅޭ ގުޅުމަކީ ގާނޫނާ ހިލާފު އަދި އިސްލާމީ ޝަރީއަތާ ވެސް ބީރައްޓެހި އަމަލެކެވެ. އެފަދަ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅެން ޖެހޭނެ އެވެ،" ހުތުބާގައި ބުންޏެވެ.

    ހުތުބާގައި އިތުރަށް ބުނީ، އެ ނުރައްކާތެރި ވިސްނުމުގެ މީހުން އަންހެން ދަރިންނަށް ކިޔަވައިދިނުމާއި ވެކްސިން ދިނުމަކީ ހުއްދަ ކަމެއް ނޫން ކަމަށް ދެކޭ ކަމަށެވެ. ނަމަވެސް އެހެން ބުނާއިރު އެކުދިން ބަލިވީމާ ދައްކަން ބޭނުންވަނީ އަންހެން ޑޮކްޓަރުންނަށް ކަމަށް ބުންޏެވެ. އަދި ބުނީ، އިސްލާމް ދީނުގައި އިލްމު އުނގެނުމަކީ ދެ ޖިންސަށް ވެސް ވާޖިބު ކަމެއް ކަމަށާއި އަދި ބަލިވުމުން ބޭސްފަރުވާ ކުރުމާއި ބަލި ޖެހުމުގެ ކުރިން ބަލިން ރައްކާތެރިވުމަށް ވެކްސިން ދިނުމަކީ އިސްލާމް ދީން ބާރުއަޅާ ކަންކަން ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.