• Tue, 24 November, 2020, 10:00 pm

    ކުށްކުރާ ކުދިން ހެޔޮގޮތުގައި މުޖުތަމައުއަށް ނެރުމަށް ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓު އުފައްދައިފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ޑިޕާޓްމަންޓު އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި ދައުލަތުގެ އިދާރާއެއް އުފައްދައިފި އެވެ.

    މި އިދާރާ އުފައްދާފައިވަނީ މިދިޔަ އަހަރުގެ ނޮވެމްބަރު 14 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުން ފާސްކޮށް، އެ އަހަރުގެ ނޮވެމްބަރު 20 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރެއްވި ކުޑަކުދިންގެ އަދުލުގެ ގާނޫނުގެ ދަށުންނެވެ.

    އެ ގާނޫނުގައި ބުނެފައިވާ ގޮތުން، އެ ގާނޫނަށް އަމަލުކުރަން ފެށުމާއެކު ކުޑަކުދިން ކުރާ ގާނޫނާ ހިލާފު އަމަލުތަކާގުޅޭ މައްސަލަތައް ބެލުމުގައި ކުޑަކުދިންގެ މަންފާއަށްޓަކައި މަސައްކަތްކޮށްދީ، އެކުދިން ހެޔޮގޮތުގައި މުޖުތަމައަށް ރުޖޫއަކުރުމުގައި އިސް ދައުރެއް އަދާކުރާނެ އިދާރާގެ ގޮތުގައި މަސައްކަތްކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފެދޭނެ އެވެ.

    ހޯމް މިނިސްޓްރީގެ ދަށުން ހިނގަމުންދާނެ އެ ޑިޕާޓްމަންޓުގައި މަސައްކަތްކުރާނީ ކުޑަކުދިންގެ މައްސަލަތަކަށް ހާއްސަކޮށްފައިވާ، އަދި އެކަމަށް ހާއްސަ ތަމްރީނު ލިބިފައިވާ މުވައްޒަފުންނެވެ. އަދި ޖުވެނައިލް ޖަސްޓިސް ޑިޕާޓްމަންޓް މިއަދު ހުޅުވުމުން ހޯމް މިނިސްޓްރީގެ ދަށުން ހިންގަމުން އައި ޖުވެނައިލް ޖަސްޓިސް ޔުނިޓް އުވޭނެ އެވެ.

    މިއަދު ބޭއްވި ރަސްމިއްޔާތެއްގައި އެ ޑިޕާޓްމަންޓް ހުޅުއްވައި ދެއްވައި ވާހަކަދައްކަވަމުން ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވީ، މުޖުމަތައުގެ ގާތްގަނޑަކަށް ތިންބައިކުޅަ އެއްބައި ކަމުގައިވާ ކުޑަކުދިންނަށް ރައްކާތެރިކަމާއި އަމާންކަން ކަށަވަރުކުރުމަކީ ކުޑަކަމެެއް ނޫން ކަމަށާއި އެއީ ވަރަށް ބޮޑު ޒިންމާއަކާއި އަމާނާތެއް ކަމަށެވެ.

    ރާއްޖޭގެ މުޖުތަމައުގެ ކަންކަން އޮތްގޮތުން ކުޑަކުދިންގެ އަދުލުގެ ނިޒާމްގެ ތެރެއަށް ވަންނަ ކުދިން ދުވަހުން ދުވަހަށް އިތުރުވަމުން އަންނަކަން ފާހަގަކުރައްވައި މިނިސްޓަރު އިމްރާން ވިދާޅުވީ އެކަމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިގެން މެނުވީ ރާއްޖޭގެ މުސްތަގުބަލު އުޖާލާ އަލިވެގެން ނުދާނެ ކަމަށެވެ.

    "އާންމު އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންގެ އަދުލުގެ ނިޒާމެއް ހަރުދަނާގޮތެއްގައި ހިންގި އެނިޒާމް ފުރިހަމަކުރެވުމަކީ މުޖުތަމައު ހަރުދަނާވެ, ބަދަހިވެ ދުޅަހެޔޮވުން. އެކަމަށްޓަކައި އަޅުގަނޑުމެން މިއެޅި ބިންގަލަކީ ވަރަށް މުހިއްމު ބިންގަލެއް" މިނިސްޓަރު ވިދާޅުވި އެވެ.

    ރަސްމިއްޔާތުގައި ޑިޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ ޑިރެކްޓަރު ފާތިމަތު ރޫނާ ވިދާޅުވީ އެންމެ ބޮޑު އަމާޒަކީ ކުޑަކުދިން ޖަލަށް ދިއުމުގެ ކުރިން އެކުދިން އަނބުރާ މުޖުތަމައުއަށް ގެނައުން ކަމަށެވެ. އަދި އެކުދިން ތިބެން ޖެހޭނީ ގޭގައި އަދި ސްކޫލުތަކުގައި ކަމަށާއި މުހިއްމު އަމާޒަކީ އެއީ ކަމަށް ވިދާޅުވި އެވެ.

    ޑިޕާޓްމަންޓް އޮފް ޖުވެނައިލް ޖަސްޓިސްގެ މަސްއޫލިއްޔަތުތައް

    • (ހ) ގާނޫނާ ހިލާފުވާ 18 އަހަރުން ދަށުގެ ކުދިންގެ މައްސަލަތައް ފުލުހުން ހުށަހެޅުމުން، އެކުދިންގެ މަސްލަހަތު ހިމާޔާތްކޮށްދިނުމަށް ކަމާބެހޭ މުއައްސަސާތަކާ ގުޅިގެން ކޭސް ވޯކްކުރުމަށާއި އަދި އެކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައަށް ގެނައުމަށް ރީހެބިލިޓޭޝަން ޕްރޮގްރާމް ހިންގުން
    • (ށ) ތަހްގީގު މަރުހަލާގައި ކޯޓަށް ހާޒިރުކުރެވޭ ކުދިންނާއި ޖިނާއީ ދައުވާ އުފުލިފައިވާ ކުދިންގެ މަސްލަހަތު ހިމާޔަތްކޮށްދިނުމަށްޓަކައި ޝަރީއަތަށް ހާޒިރުވުން
    • (ނ) ކުޑަކުދިން ކުށްކުރުމަށް މެދުވެރިވާ ސަބަބުތައް ދެނެގަތުމަށް ކުރަންޖެހޭ ދިރާސާތައް ކުރުން
    • (ރ) ކުޑަކުދިން ކުށްކުރުމުން ދުރުހެލިކުރުމަށް ކަމާގުޅޭ މުއައްސަސާތަކާ ގުޅިގެން ހޭލުންތެރިކުރުމުގެ ޕްރޮގްރާމްތައް ރާވައި ހިންގުން
    • (ބ) މި ގާނޫނުގެ ދަށުން ހިންގޭ ޑައިވާޝަންގެ ޕްރޮގްރާމްތަކާއި ކޮމިއުނިޓީ ކޮންފަރަންސިން ރާވައި ހިންގުން
    • (ޅ) ކުށަށް އަރައިގަންނަ ކުދިން އަނބުރާ މުޖުތަމައަށް ގެނައުމަށް ހިންގަންޖެހޭ ރީހެބިލިޓޭޓިވް ޕްރޮގްރާމްތައް ކަމާބެހޭ އިދާރާތަކުގެ ބައިވެރިވުމާއެކު ރާވައި ހިންގުން
    • (ކ) ކުޑަކުދިންގެ މަރުކަޒުތަކުގައި ބަންދުގައި ތިބޭ ކުދިންގެ ހާލަތު މޮނިޓަކުރުން އަދި ބަންދުކުރާ ތަންތަން މޮނިޓަކުރެވޭނެ ނިޒާމެއް އެކުލަވާލައި ގަވާއިދުން މޮނިޓަކުރުން
    • (އ) ޑިޕާޓްމަންޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ކުށުގެ ވެއްޓަށް ހުށަހެޅިފައިވާ ނުވަތަ ހުށަހެޅިދާނެ ކަމަށް ފެންނަ ކުދިންގެ މައްސަލަތަކުގައި ނަފްސާނީ އަދި އިޖްތިމާއީ އެހީތެރިކަން ފޯރުކޮށްދީ އަދި ހުރިހާ މަރުހަލާއެއްގައި ކުޑަކުދިންގެ ހައްގުތަކާއި މަސްލަހަތު ހިމާޔަތްކުރޭތޯ ބެލުން
    • (ވ) ޖިނާއީ އަދުލުގެ ނިޒާމުގެ ތެރެއިން ކުޑަކުދިންނާ މުއާމަލާތްކޮށް، އެކުދިންނާމެދު ފިޔަވަޅުއެޅުމުގައި މަސައްކަތްކުރާ ފަރާތްތަށް ދެނެގަނެ އެފަރާތްތަކަށް ތަމްރީން ޕްރޮގްރާމްތައް ރާވައި ހިންގުން
    • (މ) މުޖުތަމައުގައި ކުޑަކުދިން ކުށްކުރަން ދިމާވާ ސަބަބުތައް ދެނެގަތުމުގެ ގޮތުން ދިރާސާތައް ކުރުމާއި މި މައުލޫމާތު ކަމާބެހޭ މުއައްސަސާތަކާ ހިއްސާކުރުން
    • (ފ) ޑިޕާޓްމަންޓަށް ހުށަހެޅޭ މައްސަލަތަކުގެ ތަފާސް ހިސާބު އެއްކުރުމާއި ކަމާބެހޭ ޑޭޓާބޭސްއެއް ގާއިމުކުރުމާއި ބެލެހެއްޓުން
    • (ދ) ކުޑަކުދިންގެ އަދުލުގެ ނިޒާމަށް މުޖުތަމައު އަހުލުވެރިކުރުމުގެ ގޮތުން ހޭލުންތެރިކުރުވުމުގެ ޕްރޮގްރާމްތައް ހިންގުން
    • (ތ) ބައިނަލްއަގްވާމީ މިންގަނޑުތަކާއި ކުޑަކުދިންގެ އަދުލުގެ ނިޒާމަށް ކަމާބެހޭ ދާއިރާތައް އަހުލުވެރިކުރުމުގެ ގޮތުން ތަމްރީން ޕްރޮގްރާމްތައް ހިންގުން
    • (ލ) ކުށްކުރާ ކުދިންގެ ތެރެއިން މުޖުތަމައުން އެކަހެރިކުރަންޖެހޭ ކުދިންނަށް ރީހެބިލިޓޭޝަން ޕްރޮގްރާމްތައް ހިންގުމާއި އެފަދަ ކުދިން ބައިތިއްބާނެ މަރުކަޒުތައް ގާއިމުކޮށް، އެ މަރުކަޒުތައް ހިންގައި، ބެލެހެއްޓުން.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.