• Mon, 30 November, 2020, 3:08 pm
  މަސްދޯންޏެއްގައި މަސްވެރިއަކު މަސްތައް ވަކިކުރަނީ --- ފޮޓޯ: ކޯޕަރޭޓް މޯލްޑިވްސް

  ލަންކާއަށް ދިވެހި ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުމުގައި ހުރަހެއް ނެތް: ސަރުކާރު

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ސްރީ ލަންކާއަށް ދިވެހި ކަނޑުމަހުގެ ބާވަތްތައް އެތެރެކުރުމުގައި ހުރަހެއް ނެތްކަމުގެ ޔަގީންކަން އެގައުމުން ދީފައިވާ ކަމަށް ދިވެހި ސަރުކާރުން ބުނެފި އެވެ.

  ލަންކާ ސަރުކާރުން އެގައުމަށް މަސް އެތެރެކުރުމުގެ ސިޔާސަތުތަކަށް ގެނައި ބަދަލުތަކާ ގުޅިގެން ރާއްޖޭން ފޮނުވި މަހުގެ ޝިޕްމަންޓެއް އެގައުމުގެ ކަސްޓަމްސްގައި ތާށިވި އެވެ. ނަމަވެސް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދާއި ލަންކާގައި ހުންނަވާ ދިވެހި ހައި ކޮމިޝަނަރު ލަންކާ ސަރުކާރުގެ އިސް ބޭފުޅުންނާއެކު ކުރެއްވި މަޝްވަރާތަކަށްފަހު އެ ޝިޕްމަންޓް ފަހުން ވަނީ ލަންކާއަށް އެތެރެކުރުމުގެ ހުއްދަ ދީފަ އެވެ.

  ހއ. ހޯރަފުށީ އެއާޕޯޓު ހުޅުވުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ ހިކި ކަނޑުމަހާއި ލޮނުމަސް، ސިލޯނަށް އެތެރެކުރުމަށް ހުރަސްތަކެއް ހުރިކަމުގެ ވާހަކައާއެކު ފޮރިން މިނިސްޓްރީން އެކަމަށް ހައްލެއް ހޯދުމުގެ ކުރި މަސައްކަތުން ރާއްޖެއިން ލަންކާއަށް ދައްޗެއް ނެތި މަސް އެތެރެކުރެވޭނެކަމުގެ ޔަގީންކަން މިހާރު ލިބިފައިވާ ކަމަށެވެ.

  "ސިލޯނުގެ ކަސްޓަމްސް އިން ފޮނުއްވާފައި އޮތް ސިޓީއެއް އެބައޮތް އަޅުގަނޑަށް ލިބިފައި. އެ ސިޓީގައި އޮތީ ސިލޯނުގެ ފިނޭންސް މިނިސްޓްރީއާ ހަވާލާދެއްވައި، ރާއްޖޭގެ އެކަހަލަ ހިކި ކަނޑުމަހާއި ލޮނުމަސް އެތެރެކުރުން މަނާކުރާ އެއްވެސް ޕޮލިސީއެއް އަދި ސިލޯނުގެ ސަރުކާރުގައި ނެތް ވާހަކަ. އެހެންކަމުން، އިރާދަކުރެއްވިއްޔާ އެކަމަށް ދައްޗެއް ނެތި ރާއްޖޭގެ މަސްވެރިންގެ މަސް ސިލޯނަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން ފޮރިން މިނިސްޓަރު މިހާރުވަނީ އަޅުގަނޑުމެންނަށް ދެއްވާފައި،" ރައީސް ވިދާޅުވިއެވެ.

  އެކަމާ ގުޅިގެން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވެސް ވަނީ ލަންކާއަށް އިމްޕޯޓްކުރާ ދިވެހި ކަނޑުމަހުގެ ބާވަތްތައް އެގައުމަށް އެތެރެކުރުމުގައި އެއްވެސް ހުރަހެއް ނޯންނާނެކަމުގެ ޔަގީންކަން ލަންކާ ސަރުކާރުން އަރުވާފައިވާ ކަމަށް ވިދާޅުވެފަ އެވެ. އަދި އެ ޔަގީންކަމާއެކު ލަންކާ ސަރުކާރަށް މިނިސްޓަރު ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.

  ރާއްޖޭގެ ކަނޑުމަހުގެ ބާވަތްތައް އެއްވެސް ހުރަހެއް ނެތި ލަންކާއަށް އެތެރެކުރެވޭނެ ކަމުގެ ޔަގީންކަން އެގައުމުން ދިން ނަމަވެސް، ރާއްޖޭން ލަންކާއަށް އެތެރެކުރާ މަހުގެ ބައެއް ބާވަތްތަކުން ޑިއުޓީ ވަނީ ބޮޑުކޮށްފަ އެވެ.

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.