• Tue, 24 November, 2020, 11:28 pm
    ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު

    އީޖާދީ ވިސްނުން ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ މުހިންމު ކަމެއް: ފަޒްނާ

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ވިދާލުވެއްޖެއެވެ.

    ނޭޝަނަލް އިންސްޓިޓިއުޓް އޮފް އެޑިއުކޭޝަން (އެން.އައި.އީ) އިން އިންތިޒާމުކޮށްގެން ބާއްވާ "އެޑިއުކޭޝަން ޑިއުރިންގ ކްރައިސިސް: ފޯރޖިންގ އަ ޕާތް ޓު ކޮލިޓީ ލަރނިންގ" ގެ ނަމުގައި ބާއްވާ ތަޢުލީމާ ގުޅޭ މަހާސިންތާ އިފްތިތާހްދެއްވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ ވިދާޅުވީ ތަޢުލީމީ ދާއިރާގައި މަސައްކަތްކުރާ ހުރިހާ ފަރާތަކަން ވެސް، އަދި ޚާއްޞަކޮށް މުދައްރިސުންނާއި ދަރިވަރުންނަށް ވެސް، އަމިއްލަ އިސްނެގުމުގައި ކަންކަން ކުރުމާއި، އީޖާދީ ވިސްނުންތައް ކުރިއަށް ނެރެ ކަންކަން ކުރުމުގެ ފުރުޞަތު ފުޅާދާއިރާއެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައެވެ.

    އަދި، އޭގެ ނަތީޖާއެއްގެ ގޮތުން މުޖުތަމަޢުގައި އޮތް، އެކަކު އަނެކަކަށް ބަރޯސާވުމާއި، އީޖާދީ ކަންކަމަށް އޮތް ހަނި ފުރުޞަތުތައް ބަދަލުކުރަން ބާރުއެޅިގެންދާނެ ކަމުގައި އެ ކަމަނާ ވިދާޅުވިއެވެ. މި މޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ މިނިސްޓަރ އޮފް އެޑިއުކޭޝަން ޑޮކްޓަރ ޢާއިޝަތު ޢަލީއަކީ ތަޢުލީމީ ދާއިރާ އެ މިސްރާބަށް ގެންދިއުމަށް ވަރަށް ބޮޑު އިސްކަމެއް ދެއްވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިނިސްޓަރަށް ޝުކުރު އަދާކުރައްވާފައެވެ.

    މީގެއިތުރުން ކޯވިޑް-19 ގެ މި ހާލަތުގައި ވެސް ކުދިންނަށް ތަޢުލީމު އުނގަންނައިދޭން ތަޢުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ބޭފުޅުން ކުރައްވަމުން ގެންދަވާ ބުރަ މަސައްކަތް ފާހަގަކުރައްވައި، އެ ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަބިކަނބަލުން ފަޒްނާވަނީ ތައުލީމީ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ ފަރާތްތަކަށް ޝުކުރު އަދާކުރައްވާފައެވެ.

    ހަމަ އެއާއެކު، މަދުރަސީ މަރުޙަލާގައި ދަރިވަރުންނަށް އުނގަންނައިދޭ އިޖްތިމާޢީ ރިވެތި އާދަތައް ދަސްކޮށްދިނުން ހަމައެކަނި ސްކޫލުގެ މާޙައުލުން ނިންމައިނުލައި، މުދައްރިސުންނާއި، ސްކޫލްތަކުގެ އެހެނިހެން މުވައްޒަފުންނާއި، ބެލެނިވެރިންނާއި، މުޅި މުޖުތަމަޢުގެ ހުރިހައި ފަރުދުން ހިމެނޭ ގޮތަށް، ރިވެތި އާދަތަކަށް އަހުލުވެރި ބަޔަކަށް ހެދުމުގެ މުހިންމުކަން އެ ކަމަނާ ފާހަގަކުރެއްވިއެވެ. އަދި، އީޖާދީ ކަންކަމަށް ތަޢުލީމީ ދާއިރާއިން އިތުރު ފުރުޞަތުތައް ހުޅުވައިލުމަށް ސްކޫލްތަކުގެ މަސްއޫލުވެރިންގެ ކިބައިން އެ ކަމަނާ އެދިވަޑައިގެންނެވިއެވެ.

    އެން.އައި.އީ.އިން އިންތިޒާމުކޮށްގެން ކުރިއަށްގެންދާ މި މަހާސިންތާގެ މަޤްޞަދަކީ ކޯވިޑްގެ ޙާލަތުގައި ކުރިމަތިވި ގޮންޖެހުންތަކާއެކު ވެސް އީޖާދީ އަދި ފަހުގެ ޓެކްނޮލޮޖީގެ އެހީގައި ތަޢުލީމާއި އުނގަންނައިދިނުން ކުރިއަށްގެންދިޔުމުގެ ފަހަތުގައި ތިއްބެވި ބޭފުޅުން އެއް ތަނަކުން ބައްދަލުކޮށް، އެ ބޭފުޅުންގެ ތަޖުރިބާ ޙިއްޞާކޮށް، މަޢުލޫމާތު ބަދަލުކުރުމުގެ ފުރުޞަތު ފަހިކޮށްދިނުމެވެ. މިއީ ދެ ދުވަހުގެ މުއްދަތަކަށް ކުރިއަށްދާ މަހާސިންތާއެކެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.