އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ ކުރީގެ އެސިސްޓަންޓް މެނޭޖިން ޑިރެކްޓަރު މުހައްމަދު ރަޝީދު (މެޓްރިކްސް މޯޑް)ގެ މައްޗަށް މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ ދައުވާ ކޮށްދިނުމަށް އެދި އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ)ގެ އޮފީހަށް ފޮނުވައިފި އެވެ.
ހިތަދޫ މެދު ދާއިރާގެ ކުރީގެ މެންބަރުކަން ވެސް ކުރެއްވި މެޓްރިކްސް މޯޑަކީ ހިތަދޫގައި ސިޔާސީ ގޮތުން ވަރަށް ހަރަކާތްތެރި ބޭފުޅެކެވެ. އެގޮތުން ޕީޕީއެމްގެ ހަރަކާތްތަކުގައި އޭނާ ވަނީ ވަރަށް އިސްކޮށް މީގެ ކުރިން މަސައްކަތް ކުރައްވައިފަ އެވެ.އަދި ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން އޭނާވަނީ ހިތަދޫ ދެކުނު ދާއިރާއަށް ވެސް އޭނާ ވާދަކުރެއްވި އެވެ.
އޭނާއާ ގުޅޭގޮތުން ހުށަހަޅާފައިވާ މި މައްސަލައަކީ އައްޑޫ ސިޓީ ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، އޮފީހަށް ހާޒިރުވާން ނުޖެހޭ ގޮތަށް އަދި ޗުއްޓީއެއް ނެގުމަކާނުލައި ކުރީގެ ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ކެމްޕެއިނަށް ވަޒީފާއިން ވީއްލައި، އެ ދުވަސްތަކަށް މުވައްޒަފުންނަށް މުސާރަ ދީފައިވާ ކަމަށާއި އެކަން ކޮށްފައިވަނީ މެޓްރިކްސް މޯޑުގެ މަގާމުގެ ނުފޫޒު ބޭނުންކޮށް، އޭނާގެ އެންގުމަށް ކަމަށް ބުނެ އޭސީސީއަށް ހުށަހެޅި މައްސަލައެވެ.
އޭސީސީން ބުނީ، މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވުނު ކަންތައްތަކަށް ބަލާއިރު، 19 ޖޫން 2018 ގައި މުހައްމަދު ރަޝީދު އެ ކުންފުނީގެ އެސިސްޓެންޓް އެޗްއާރު މެނޭޖަރަށް ފޮނުވާފައިވާ މެމޯގައި، 21 ޖޫން 2018 އިން ފެށިގެން އެ ކުންފުނީގައި މަސައްކަތްކުރާ 16 މުވައްޒަފަކު އެ ކުންފުނީގެ ބޭނުމަކަށް ކަމަށް ބުނެ، މަސައްކަތުގެ ޒިންމާއިން ވީއްލައި ދިނުމަށް އެދިފައިވާކަން އެނގޭ ކަމަށެވެ.
އަދި 2018 ވަނަ އަހަރުގެ ޖުލައި މަހާއި ސެޕްޓެންބަރު މަހާ ދެމެދު 12 މުވައްޒަފަކު ރިލީޒްގައި ތިބި އިރު، އެ މުވައްޒަފުން އޮފީހަށް ހާޒިރުނުވާ ދުވަސްތަކަށް ވެސް މުސާރަ އާއި އެލަވަންސް ދީފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އެ ކޮމިޝަނުން ބުނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންނަށް ދީފައިވާ ރިލީޒަކީ ރިލީޒް ދިނުމުގައި ޢަމަލުކުރަމުން އަންނަ ގޮތާ ހިލާފަށް ދީފައިވާ ރިލީޒެއްކަން އެ މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށެވެ.
އެގޮތުން އެ ދުވަސްވަރު ރިލީޒް ދީފައިވާ މުވައްޒަފުން އޮފީހަށް ހާޒިރުނުވި ނަމަވެސް، އެފަރާތްތަކުން އޮފީހަށް ހާޒިރުވި ކަމަށް ދެއްކުމަށްޓަކައި، ހިތަދޫ ޕޯޓްސް ލިމިޓެޑްގެ އެޓެންޑެންސް ސިސްޓަމަށް ބަދަލު ގެނައުމަށް، މުހައްމަދު ރަޝީދު، އެ ކުންފުނީގެ އައިޓީ މުވައްޒަފުންނަށް އަންގާފައިވާކަން، މި މައްސަލައިގެ ތަހުގީގަށް ފާހަގަކުރެވިފައިވާ ކަމަށް އޭސީސީން ބުންޏެވެ.
އޭސީސީން ބުނީ، 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ދުވަސްވަރު ހިތަދޫ ޕޯޓްސް ލިމިޓެޑްގެ މުވައްޒަފުންތަކަކަށް، ރިލީޒް ދީފައިވަނީ، މުހައްމަދު ރަޝީދު އޭނާގެ މަގާމުގެ ނުފޫޒު ބޭނުން ކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމަށާއި ނާޖާއިޒު ފައިދާއެއް ހޯދައިދިނުމުގެ ގޮތުން ކޮށްފައިވާ ކަމެއް ކަމަށެވެ.