އިނގިރޭސިވިލާތުގެ ބިލިއަނަރު އަދި ދުނިޔޭގެ އެންމެ ބޮޑު ފޮރިން އެކްސްޗޭންޖު ކުންފުނީގެ ވެރިޔާ ލޮއިޑް ޑޯފްމަންގެ އަގުބޮޑު ޔޮޓް ރާއްޖެ އަތުވެއްޖެ އެވެ.
މިލްކިއްޔާތުގައި ގާތްގަނޑަކަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ ހުރި ލޮއިޑް ޑޯފްމަންގެ ޔޮޓް 74.5 މީޓަރު ދިގު ޔޮޓް، "އެލަންޑެސް" މިވަގުތު އޮތީ ހުޅުމާލެ ބޭރުގައި ކަމަށް މައުލޫމާތު ލިބެ އެވެ.
ޖަރުމަނުގެ މަޝްހޫރު ބޯޓު އުފައްދާ ކުންފުނި އޭބްކިންގް އެންޑް ރަސްމުސެން އިން 2018 ވަނަ އަހަރު އުފެއްދި މި ލަގްޒަރީ ޔޮޓް ޑިޒައިން ކޮށްފައިވަނީ ޔޮޓް ޑިޒައިން އާއި އާކިޓެކްޗާއަށް މަޝްހޫރު ބައިނަލްއަގްވާމީ ކުންފުނި ހެރިސަން އެޑިސްގާޑުންނެވެ.
ދަގަނޑާއި އެލުމިނިއަމުން ހަދާފައިވާ މި ޔޮޓްގައި ހަތް ކެބިން ހުންނައިރު، އެއް ފަހަރާ 12 ގެސްޓުންނަށް އުޅެވޭނެ އެވެ. އަދި އެމީހުންނަށް ހިދުމަތް ދިނުމަށް ގާތްގަނޑަކަށް 24 ކުރޫއިން ޔޮޓްގައި މަސައްކަތްކުރެ އެވެ.
މި ޔޮޓްގައި ކަނޑުގެ އަޑި ފެންނަ ގޮތަށް ހާއްސަ ލައުންޖެއް ހަދާފައިވާއިރު ސަން ޑެކުގައި 26 ފޫޓު ދިގު ސުވިމިން ޕޫލެއް ހަދާފައިވެ އެވެ. ޔޮޓްގެ ޑިޒައިންތަކުގެ ތަފާތުކަމާއެކު މި ޔޮޓަށް މިދިޔަ އަހަރުގެ ބޯޓް އިންޓަނޭޝަނަލް ޑިޒައިން އެންޑް އިނޮވޭޝަން އެވޯޑްސްގައި ހަތަރު އެވޯޑެއް ލިބިފައިވެ އެވެ.
މި ޔޮޓްގެ ހަރަދަށް އަހަރަކު ފަސް މިލިއަނާއި 11 މިލިއަން ރުފިިޔާގެ އަދަދެއް ހިނގާއިރު، މި ޔޮޓްގެ އަގަކީ 115 މިލިއަން ޑޮލަރު (1.7 ބިލިއަން ރުފިޔާ) އެވެ.