އިނގިރޭސި ވިލާތުން ރާއްޖެ އައި ދިވެއްސަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާ ކަމަށާއި ނަމަވެސް އެއީ ކޮވިޑުގެ އާ ސްޓްރެއިންގެ ކޭސްއެއްކަން އަދި ބެލޭނެ ގޮތެއް ނެތް ކަމަށް ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނެފި އެވެ.
ފޭސްބުކްގައި އިއްޔެ މީހަކު ވަނީ އިނގިރޭސި ވިލާތުން ރާއްޖެ އައި ދެ ދަރިވަރެއްގެ ފަރާތުން ކޮވިޑުގެ އާ ސްޓްރެއިން ފެނިފައިވާ ކަމަށެވެ. އަދި މިމަހުގެ 20 ވަނަ ދުވަހު ބޭއްވި ކައިވެނި ހަފްލާއަށް ކޮވިޑް ފެތުރުނީ އެމީހުންގެ ފަރާތުން ކަމަށް ވެސް ބުންޏެވެ.
އެކަމާ ގުޅިގެން އެޗްއީއޯސީން ބުނީ، އިނގިރޭސި ވިލާތުން ރާއްޖެ އައި މީހެއްގެ ފަރާތުން އަލާމާތްތަކެއް ފެނިގެން ޓެސްޓުކުރި އިރު ޕޮޒިޓިވްވެފައިވާ ކަމަށެވެ. އަދި އޭނާއަކީ ކައިވެނި ކްލަސްޓާއާ ގުޅުން އޮތް އާއިލާގެ މެމްބަރެއް ކަމަށް ވެސް ބުންޏެވެ.
"ކޮވިޑަށް ޕޮޒިޓިވްވި މީހާ ރާއްޖެ އައީ ކައިވެނީގެ ފަހުން. އަދި އެ ކޭސްއަކީ އާ ސްޓްރެއިންގެ ކޭސްއެއްތޯ ބެލޭކަށް ނެތް،" އެޗްއީއޯސީން މީޑިއާތަކަށް ފޮނުވި މެސެޖުގައި ބުނެފައިވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި، ކޮވިޑުގެ އާ ސްޓްރެއިންގެ ކޭސްއެއްތޯ ބެލުމަށް ހަދަން ޖެހޭނީ ޖެނޯޓައިޕިން އެކެވެ. ނަމަވެސް އެ ޓެސްޓެއް ރާއްޖެއަކުން ހެދޭކަށް ނުހުރެ އެވެ. އެހެންކަމުން އޭގެ ސާމްޕަލްތައް ޖެހޭނީ ރާއްޖެއިން ބޭރަށް ފޮނުވައިގެން ޓެސްޓު ހަދާށެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ވަނީ، ރާއްޖެއަށް އައުމުގެ 14 ދުވަސް ކުރިން އިނގިރޭސިވިލާތުގައި އުޅެފައިވާ، ރާއްޖެ އަންނަ ދިވެހިންނާއި ވޯކް ވިސާގައި އަންނަ މީހުން ރާއްޖެ އައުމަށްފަހު 10 ދުވަހުގެ މުއްދަތަށް ގޭގައި ކަރަންޓީނުކުރަން ނިންމާފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ.
ކަރަންޓީންކުރާ މީހުންގެ ތެރޭގައި 12 ގަޑިއިރަށްވުރެ ގިނައިރު ޓްރާންސިޓްވެފައި އަންނަ މީހުން ވެސް ހިމެނޭނެ އެވެ.
އެޗްޕީއޭ އިން ބުނީ، އެމީހުން ރާއްޖެ އަންނަތާ ފަސް ދުވަހަށްފަހު އަދި 10 ދުވަހަށްފަހު، ކޮވިޑަށް ޕީސީއާރު ހަދަންޖެހޭނެ ކަމަށެވެ. އަދި އެ އެޖެންސީން ކުރި އިއުލާންކޮށް، އަންގާފައިވާ ގޮތަށް ރާއްޖެ އެތެރެވާއިރު 96 ގަޑިއިރު ނުވާ ނެގެޓިވް ޕީސީއާރު ނަތީޖާ ގެންނަންވާނެ ކަމަށް ބުންޏެވެ.