ކުރީގެ ސަރުކާރުން އިއުލާންކުރި ހިޔާ މަޝްރޫއުން ސިވިލް ސާވިސްގެ މުވައްޒަފުންނަށް ދޭން ނިންމި 1،000 ފްލެޓް އެކި އިދާރާތަކަށް ކަނޑައެޅި ގޮތާއި ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އާންމުކޮށްފި އެވެ.
ހައުސިން މިނިސްޓްރީން މިއަދު ގެޒެޓްކުރި އިއުލާނެއްގައި ބުނީ، އެންމެ ފުރަތަމަ2018 ވަނަ އަހަރު އޭރު އޮތް ސަރުކާރުން އެކި އިދާރާތަކަށް ފޮނުވާފައިވާ ދާއިމީ ލިސްޓްތަކުގައި ސިވިލް ސާވިސް މުވައްޒަފުންނަށް ޖުމްލަ އެވޯޑް ކޮށްފައިވަނީ 987 ފްލެޓު ކަމަށެވެ.
އޭރު މާލޭ ސިޓީ ކައުންސިލުގައި މަސައްކަތްކުރާ ސިވިލް ސާވަންޓުންގެ ފޯމުތައް ފުރިހަމަކުރުމަށްފަހު މިނިސްޓްރީއަށް ފޮނުވާފައިވީ ނަމަވެސް ފްލެޓް އެވޯޑްކުރުމަށްފަހު އެ ކައުންސިލަށް ދާއިމީ ލިސްޓު ފޮނުވާފައިނުވާ ކަމަށް އިއުލާނުގައިވެ އެވެ.
އެހެންކަމުން ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގައި އެލޮކޭޝަންގައި އޭރު ހައުސިން މިނިސްޓްރީން އެކި އިދާރާތަކަށް އެވޯޑްކޮށްފައިވާ ފްލެޓްތަކުގެ އިތުރުން މިފަހަރު މާލެ ސިޓީ ކައުންސިލަށް ހަ ފްލެޓް ހަމަޖައްސައި ބާކީ ހަތް ފްލެޓް ބަހާލީ ކުރިން އެކި އިދާރާތަކަށް ފްލެޓް ހަމަޖައްސާފައިވާ ނިސްބަތުން ކަމަށް އެ އިއުލާންގައިވެ އެވެ.
ހައުސިން މިނިސްޓްރީން އިތުރަށް ބުނީ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީގެ އެލޮކޭޝަން، އެއްވެސް އިދާރާއަކަށް ކުރިން ފްލެޓް އެވޯޑްކުރެވިފައިވާ އަދަދަށްވުރެ މަދު ނުކުރާ ކަމަށެވެ.
ސިވިލް ސާވިސް ކެޓަގަރީގެ 1000 ފްލެޓް މިހާރު އެލޮކޭޓް ކޮށްފައިވާ ގޮތް:
- ހައުސިން އެންޑް އިންފްރާސްޓްރަކްޗާ - ޖުމްލަ 142 ފްލެޓު
- ހެލްތު މިނިސްޓްރީ - 201 ފްލެޓު
- ހޯމް މިނިސްޓްރީ - 85 ފްލެޓު
- އިކޮނޮމިކް މިނިސްޓްރީ - 29 ފްލެޓު
- އިސްލާމިކް މިނިސްޓްރީ - 40 ފްލެޓު
- އެންވަޔަރަމެންޓް މިނިސްޓްރީ - 42 ފްލެޓު
- އެޑިއުކޭޝަން މިނިސްޓްރީ - 169 ފްލެޓު
- ފިނޭންސް މިނިސްޓްރީ 54 ފްލެޓު
- ފިޝަރީޒް މިނިސްޓްރީ - 29 ފްލެޓު
- ފޮރިން މިނިސްޓްރީ - 24 ފްލެޓު
- ޑިފެންސް މިނިސްޓްރީ - 43 ފްލެޓު
- ޓޫރިޒަމް މިނިސްޓްރީ - 16 ފްލެޓު
- ޔޫތު މިނިސްޓްރީ - 47 ފްލެޓު
- ޖެންޑާ މިނިސްޓްރީ - 42 ފްލެޓު
- އެޓާނީ ޖެނެރަލްގެ އޮފީސް - 28 ފްލެޓު
- މޯލްޑިވްސް މީޑިއާ ކައުންސިލް - ތިން ފްލެޓު
- މާލޭ ސިޓީ ކައުންސިލް - ހަ ފްލެޓު
ފްލެޓުތަކުގެ މައްސަލަތައް ބަލާ ކޮމެޓީން މިއަދު ކުރި ގެޒެޓްގައި ބުނީ އާ މިނިސްޓްރީތައް އުފެދި، މި ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކުން އެކި އިދާރާތަކަށް ބަދަލުވެފައިވީ ނަމަވެސް، ކޮމިޓީން އެކުލަވާލާފައިވާ ލިސްޓުގައި، ކޮންމެ ފަރާތެއް ވެސް ހިމަނާފައިވާނީ، އެ ފަރާތެއް ފޯމު ހުށަހެޅި މިނިސްޓްރީއެއްގެ ދަށުން ކަމަށާއި ލިސްޓުގައި ބޭނުންކޮށްފައިވަނީ ވެސް އޭރު މިނިސްޓްރީތަކަށް ކިޔަމުންދިޔަ ނަންތައް ކަމަށެވެ.
ސިވިލް ސާވިސް ކެޓަގަރީއަށް ޕޮއިންޓް ދިނުމުގައި ބަލާފައިވާނީ 15 ޖަނަވަރީ 2018ގެ ނިޔަލަށް ހިދުމަތް ކޮށްފައިވާ މުއްދަތާއި، ލިބިފައިވާ ތައުލީމީ ސެޓްފިކެޓްތަކަށެވެ.
އަދި ސިވިލް ސާވިސް ކެޓަގަރީއަށް ފޯމު ހުށަހެޅުމަށްފަހު، ފޯމު ހުށަހެޅި ފަރާތް، ފްލެޓްގެ ތަޅުދަނޑި ލިބުމުގެ ކުރިން، ވަޒީފާއިން ވަކިވެފައިވާނަމަ އެ ފަރާތެއްގެ ފޯމު ބާތިލްވާނެ ކަމަށާއި ފްލެޓް ލިބުމަށް ދެމަފިރިން ހޮވިއްޖެނަމަ، ހަވާލުކުރެވޭނީ އެ ފްލެޓް ކަމުގައި އޭރުގެ ހައުސިން މިނިސްޓްރީން ކަނޑައަޅާފައިވާ ކަމަށް ފްލެޓްތަކުގެ މައްސަލަ ބަލާ ކޮމިޓީގެ އިއުލާނުގައިވެ އެވެ.
އެ ކޮމިޓީން ބުނީ، "ހިޔާ" މަޝްރޫއުގެ ސިވިލް ސާވިސް މުވައްޒަފުންނަށް ހާއްސަ ކެޓަގަރީއަށް ފޯމު ހުށަހަޅާފައިވާ ފަރާތްތަކަށް ޕޮއިންޓް ލިބިފައިވާގޮތުގެ ވަގުތީ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު، މިއަދުން ފެށިގެން އަންނަ މަހުގެ ތިންވަނަ ދުވަހުގެ ގެ 15:00 ނިޔަލަށް ހުޅުވާލާ ކަމަށެވެ. އަދި ދާއިމީ ލިސްޓް އެކުލަވާލުމުގައި މި ޕޯޓަލް މެދުވެރިކޮށް ހުށަހެޅޭ ޝަކުވާތަކަށް ރިއާޔަތްކުރެވޭނެ ކަމަށް ބުންޏެވެ.
ސިވިލް ސާވިސް މުވައްޒަފުންގެ ކެޓަގަރީ އިން ތިން ގިންތިއަކަށް ފްލެޓު ދެއެވެ. އެއީ ފަންނީ އަދި މެނޭޖީރިއަލް ލެވެލް އާއި އިދާރީ އަދި ސަޕޯޓް ސާވިސް ލެވެލްގެ މުވައްޒަފުންނެވެ.