• Mon, 18 January, 2021, 2:42 am

    އުފާވެރި ޒަވާޖީ ޙަޔާތް (4) ހަޔާތުގެ ބައިވެރިއަކު ހޯދުން

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ނަބިއްޔުންނާއި ރަސޫލުންގެ ފިޠުރަތުގެ ތެރޭގައިވެސް ކާވެންޏާއި ދަރިފަސްކޮޅު ހިމެނިގެންވިއެވެ. ކީރިތި ޤުރްއާނުގައި ﷲ سبحانه وتعالى ވަޙީކުރެއްވިއެވެ. ﴿وَلَقَدْ أَرْسَلْنَا رُسُلاً مِنْ قَبْلِكَ وَجَعَلْنَا لَهُمْ أَزْوَاجًا وَذُرِّيَّةً ...﴾ (الرعد: 38). މާނައީ:- "ހަމަކަށަވަރުން، ކަލޭގެފާނުގެ ކުރިން ތިމަންރަސްކަލާނގެ رسولން ފޮނުއްވީމެވެ. އަދި އެބޭކަލުންނަށް އަނބިންނާއި، ދަރިން ލެއްވީމެވެ. ..." އަދި ހަމަ އެހެންމެ މި ފިތުރަތު ވަނީ އެހެން ހުރިހާ އިންސާނުގެ ކިބައިގައިވެސް ލައްވާ، އެކަމަށް އަމުރުވެސް ކުރައްވާފައެވެ. ކީރިތި ޤުރްއާނުގައި މާތް ﷲ ވަޙީ ކުރައްވަނީ، ﴿وَأَنكِحُوا الأَيَامَى مِنْكُمْ وَالصَّالِحِينَ مِنْ عِبَادِكُمْ وَإِمَائِكُمْ ...﴾ (النور: 32). މާނައީ:- "އަދި ތިޔަބައިމީހުންގެ ތެރެއިން މީހުނާ ނުއިނދެތިބޭ މީހުން، ތިޔަބައިމީހުން (މީހުނާ) ދެވާށެވެ! އަދި ތިޔަބައިމީހުންގެ ފިރިހެން އަޅުންނާއި، އަންހެން އަޅުންގެ ތެރެއިން ހެޔޮލަފާ މީހުންވެސްމެއެވެ. ..." އަދިވެސް އެއިލާހު އެންގެވިއެވެ. ﴿...فَانكِحُوا مَا طَابَ لَكُمْ مِنَ النِّسَاءِ مَثْنَى وَثُلاَثَ وَرُبَاعَ فَإِنْ خِفْتُمْ أَلاَّ تَعْدِلُوا فَوَاحِدَةً ...﴾ (النساء: 3). މާނައީ:- "... އަންހެނުންގެ ތެރެއިން، ތިޔަބައިމީހުން ހިތްރުހޭ ބަޔަކާ ކާވެނިކުރާށެވެ! ދެމީހުނާއެވެ. ނުވަތަ ތިންމީހުނާއެވެ. ނުވަތަ ހަތަރުމީހުނާއެވެ. ފަހެ، عدلވެރި ނުވެވޭނެކަމަށް ބިރުގެންފިނަމަ، އެކަކާއެވެ. ...". މިއެވެ.

    ކާވެނި ކުރަންވީ ތިބާގެ ނޫކަށީފުރާގެ އެންމެ ޗާލޫކީ ދުވަސްވަރުއެވެ. ހަށިގަނޑުގައި ޖޯރުހުރި ޒުވާން ޢުމުރުގައެވެ. ދަތްހުރި ދުވަހު ކާށިކާން އުޅުމަކީ މިއީއެވެ. އެދުވަސްވަރު ކާވެންޏާ ދުރުދުރުން އުޅޭނަމަ ޒިނޭކުރުންފަދަ ފާޙިޝް ޢަމަލުތަކަށް އަރައިގަނެވިދާނެއެވެ. މަގުހޯދާއަރަތެއްގައި ދާނެ، ނުދާނެ ދިމާއެއް ނޭނގި ވިހާލި ވެދާނެއެވެ. ހުރިހާ ގަހަކުން ކެޔޮ އެއްކުރަމުން ދާނަމަ އެގަހު ކޭލެއް މިގަހު ކޭލެއް ވަކިނުވާ ދުވަސް ވަރަށް ގާތްވެދާނެއެވެ. މިފަދަ ކަންކަމުން ސަލާމަތްވެ ތިބުމަށްޓަކައި އަޅުގަނޑުމެންގެ މާތް ނަބިއްޔާ މުޙައްމަދު ﷺ ވަނީ ޒުވާން އުމުރުގައި ކާވެނިކުރުމަށް ބާރުއަޅުއްވާފައެވެ. ޙަދީޘްފުޅު ކުރައްވަނީ ”يَا مَعْشَرَ الشَّبَابِ! مَنِ اسْتَطَاعَ مِنْكُمُ الْبَاءَةَ فَلْيَتَزَّوَجْ، فَإِنَّهُ أَغَضُّ لِلْبَصَرِ، وَأَحْصَنُ لِلْفَرْجِ، وَمَن لَم يَسْتَطِعْ فَعَلَيْهِ بِالصَّومِ، فَإِنَّهُ لَهُ وِجَاءٌ“ – البخاري ومسلم –  މާނައީ:- " ޢަބްދުﷲ ޢިބްނު މަސްޢޫދު ރަޟިޔަﷲ ޢަންހުގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ﷺ ތިމަންމެންނަށް ޙަދީޘްފުޅު ކުރެއްވިއެވެ. "އޭ ޒުވާނުންނޭވެ! ތިޔަބައިމީހުންގެ ތެރެއިން ކާވެނިކުރުމަށް ކުޅަދާނަވެގެންވާ އެންމެން ކާވެނި ކުރާހުށިކަމެވެ. ފަހެ، ހަމަކަށަވަރުން އެއީ ލޯތަކަށްވާ ފިނިކަމެކެވެ. އަދި ފަރުޖުތަކަށްވާ ރައްކާތެރިކަމެކެވެ. އަދި ކާވެންޏެއް ކުރުމަށް ކުޅަދާނަކަން ލިބިގެން ނުވާމީހާގެ މައްޗަށް އޮތީ ރޯދަހިފުމެވެ. ފަހެ ހަމަކަށަވަރުން އެއީ އޭނާ ފާޙިޝްކަންކަމުން ދުރުކުރާނޭ އައްޑަނައެކެވެ."

    ޙަދީޘްފުޅުގައި ބަޔާންވެދިޔަ ލޮލަށްވާ ފިނިކަމަކީ، ތިމާގެ ޒިންމާގެ ދަށުގައިވާ އަނބިންނާއި ދަރިންނެވެ. އެކަން ދޭހަވަނީ އަންނަނިވި އާޔަތުންނެވެ. ﴿وَالَّذِينَ يَقُولُونَ رَبَّنَا هَبْ لَنَا مِنْ أَزْوَاجِنَا وَذُرِّيَّاتِنَا قُرَّةَ أَعْيُنٍ ...﴾ (الفرقان: 74). މާނައީ:- "އަދި އެއީ ބުނާމީހުންނެވެ. އަޅަމެންގެ ވެރިރަސްކަލާނކޮ! އަޅަމެންގެ އަނބިންގެ ކިބައިންނާއި، އަޅަމެންގެ ދަރިންގެ ކިބައިން، ލޮލަށް ފިނިކަން ލިބުމެއް އަޅަމެންނަށް ދެއްވާނދޭވެ! ..." ޙަދީޘްފުޅުގައި ފަރުޖުތަކަށްވާ ރައްކާތެރިކަމެކޭ އެވަނީ، އެންމެހާ ފާޙިޝްކަމަކުން ދުރުހެލިވެވި، ތިމާގެ ޢިއްފަތްތެރިކަން ރައްކާތެރި ވެގެންވުމެވެ. ކާވެނީގެ ބޭރުން ދަރިންހޯދުމުގެ ފަލްސަފާއަކީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ފަލްސަފާއެކެވެ. އަދި ކިއެއްތޯއެވެ. އިންސާނީ ހަމަ ބުއްދިވެސް އެކަމަށް ތަރުހީބުދޭ ކަމެއް ނުމެނޫންމެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ ދަރިންނަށްފަހު އަންނަ ޒިންމާގެ ބޮޑުކަމުންނެވެ. (ނުނިމޭ)

    | ލިޔުނީ މުޙައްމަދު އަފްޟަލް

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.