• Mon, 18 January, 2021, 1:56 am

  އުފާވެރި ޒަވާޖީ ހަޔާތް (5) ހަޔާތުގެ ބައިވެރިޔަކު ހޯދުން

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ފަރުޖުތަކަށް ރައްކާތެރިވުމަކީ އެންމެހާ ފާޙިޝް ކަމަކުން ދުރުވެ، ތިމާގެ އިއްފަތްތެރިކަން ރައްކާތެރި ކޮށްގެން ހުރުމެވެ. ކައިވެނީގެ ބޭރުން ދަރިންހޯދުމުގެ ފަލްސަފާއަކީ އިސްލާމްދީނާ ވަރަށް ބީރައްޓެހި ފަލްސަފާއެކެވެ. އަދި ކިއެއްތޯއެވެ. އިންސާނީ ހަމަ ބުއްދި ވެސް އެކަމަށް ތަރުހީބުދޭ ކަމެއް ނުމެނޫންމެއެވެ. އެއީ ކީއްވެތޯއެވެ؟ އެއީ ދަރިންނަށްފަހު އަންނަ ޒިންމާގެ ބޮޑުކަމުންނެވެ.

  ކައިވެނީގެ އުއްމީދީ މޭވާއަކީ ދަރިން ކަމުގައި ވީހިނދު، ތިމާގެ ދަރިފަސްކޮޅާމެދު ޒިންމާވާނެ ބައިވެރިޔަކު ލިބުން އެއީ އަމާން ދިރިއުޅުމެއް ލިބިއްޖެ ކަމުގެ ފެހި ރަމްޒެކެވެ. އެހެންކަމުން ކައިވެނި ކުރާނެ މީހަކު އިޚްތިޔާރު ކުރުމަށް އިސްލާމްދީނުގައި ކޮށައިދީފައިވަނީ ވަރަށް ވެސް ތަނަވަސް މަގެކެވެ. އިންސާނުންނަށް އެންމެ ފައިދާ ހުރިގޮތްތައް ބަޔާންކޮށްދެއްވަން ފޮނުއްވެވި މާތް ނަބިއްޔާ މުޙައްމަދު ﷺގެ އިރުޝާދު މިކަމުގައި ހުރިގޮތް ބަލާލަމާތޯއެވެ!

  އިތުރު އެކަލޭގެފާނުގެ ފަރާތްޕުޅުން މި މައުޟޫގައި ލިބިފައިވާ އިރުޝާދުތައް ވަރަށް ވެސް ގިނައެވެ. އޭގެތެރެއިން އެންމެ މުޙިންމު، އަދި އެންމެ މަޝްހޫރު ފިލާވަޅަކީ އިމާމް ބުޚާރި އާއި އިމާމް މުސްލިމް އަބޫޙުރައިރަތުގެފާނުގެ ކިބައިން ރިވާކުރެއްވި އަންނަނިވި ޙަދީޘެވެ.

  "تُنْكَحُ الْمَرْأَةُ لِأَرْبَعٍ : لِمَالِهَا ، وَلِحَسَبِهَا ، وَلِجَمَالِهَا ، وَلِدِينِهَا ، فَاظْفَرْ بِذَاتِ الدِّينِ تَرِبَتْ يَدَاكَ" -رواه البخاري (5090) ومسلم (1466)-. މާނައީ:- "(ފިރިހެނުން) އަންހެނުންނާ ކައިވެނި ކުރުމުގައި ހަތަރު ކަމަކަށް ބަލައި އުޅެއެވެ. (އެކަނބަލުންގެ) މުދާވެރިކަމާއި ޙަސަބާއި ރީތި ކަމާއި ދީންވެރިކަމެވެ. ފަހެ، ދީންވެރި އަންހެނާ ޚިޔާރު ކުރާށެވެ. އެހެންނޫންނަމަ ތިބާގެ އަތް ވެއްޔާ މޮޑެވިދާނެއެވެ. (މިހެން ބުނެ އުޅެނީ އަމިއްލަ އަތުން އަމިއްލަ ނަފްސަށް ގެއްލުން ލިބޭފަދަ ކަންކަން ކުރެވުނީމައެވެ.)"

  އިމާމު މުސްލިމުގެ ފޮތުގައިވާ މި ޙަދީޘްފުޅު ޝަރަޙަ ކުރައްވަމުން އިމާމް ނަވަވީ –رحمه الله- ވިދާޅުވެފައިވަނީ "މި ހަދީޘްފުޅުގައި ނަބިއްޔާ ﷺ އިޝާރާތް އެދެއްވަނީ ކާވެނި ކުރުމުގައި އާންމު ގޮތެއްގައި މީސްތަކުން ބަލައި އުޅޭ ކަންކަމަށެވެ. އެކަންކަން ތަރުތީބު ކުރާއިރު ގިނަބަޔަކު، އެންމެ ދެރަ، އަދި އެންމެ އިހުމާލު ކުޑަ ކަމެއްގެ ގޮތުގައި ދެކެނީ ދީންވެރިކަމެވެ. އެހެނަސް ކައިވެނި ކުރާ މީހާއަށް އިރުޝާދު ދެއްވައިފައި އެވަނީ ދީންވެރި މީހާ އިޚްތިޔާރު ކުރުމަށެވެ. އޭނާއަށް ހިތްވަރު ދެވިގެން ވަނީވެސް އެފަދައިންނެވެ. އަދި މި ޙަދީޘްފުޅުގައި އެވަނީ ހުރިހާ ކަމެއްގައި ވެސް ދީންވެރި މީހާ އިޚްތިޔާރު ކުރުމަށް ބާރު އަޅުއްވާފައެވެ. އެހެނީ އަނެކާގެ ކިބައިން ފައިދާއެއް ކުރާނީ އޭނާގެ ދީންވެރި ކަމާއި ރަނގަޅު އަޚްލާގަކުންނެވެ. އަދި އެފަދަ މީހާގެ ކިބައިން ލިބިދާނެ ފަސާދަތައް މަދު ވެސް ވާނެތީއެވެ..” އ.ހ

  ޙަދީޘްގައި އެވަނީ އަމުރެއް ނޫނެވެ. އަދި ވަކި ގޮތެއް އިޚްތިޔާރުކޮށް އެނޫން ގޮތްތައް ދޫކޮށްލަން ހިތްވަރު ދޭދިނުމެއް ވެސް ނުމެނޫންމެއެވެ. އޭގައި އެވަނީ މީސްތަކުން އެކަން ކޮށްއުޅޭ އާންމު އުޞޫލުތަށް ބަޔާން ކޮށްދެއްވާފައެވެ. މާނައަކީ ޙަދީޘްފުޅުގައި އެ ބަޔާންކުރާ ހަތަރު ގޮތުން ކުރެ ކޮންމެ ގޮތަކަށް ބަލާފައި ވެސް މީހަކާ އެހެންމީހަކު ކައިވެނި ކޮށްފާނެއެވެ. އޭގެތެރެއިން ކޮންމެގޮތެއް އިޚްތިޔާރުކޮށް ކައިވެނި ކުރިކަމުގައި ވިޔަސް އޭނާއަށް ދެރަގޮތެއް މެދުވެރިނުވެ އުފާވެރި ޒަވާޖީ ޙަޔާތެއް ލިބުން ވެސް އެކަށީގެން ވެއެވެ. އޭގެ ތެރެއިން ވެސް ދީންވެރިކަން އިޚްތިޔާރު ކޮށްފި މީހާއަށް ދުނިޔޭގައި އަދި އާޚީރަތުގައި ވެސް ދެރައިން ސަލާމަތްވެ ހުރުމަށް ފުރުޞަތު ބޮޑުވާނެކަން ބަޔާކުރުން އެއީ މި ޙަދީތްފުޅުން ލިބޭ ފިލާވަޅުތަކުތެރޭ ހިމެނޭ މުޙިއްމު އެއްފިލާވަޅެވެ.

  (ނުނިމޭ)

  | ލިޔުނީ: މުޙައްމަދު އަފްޟަލް

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.