ޣާފިލުކަމުން ހޭލާ ފާފަތަކުން ތައުބާވެ ﷲގެ ހަޟްރަތަށް އެނބުރި ރުޖޫއަވުމަށް މިއަދުގެ ހުކުރު ހުތުބާގައި ގޮވާލައިފި އެވެ.
"މަރު ހަނދާންކުރުން" މި މައުޟޫއަސް މިއަދު ފެށުނު މީލާދީ އާ އަހަރުގެ ފުރަތަމަ ހުތުބާގައި ބުނީ، ﷲ އިންސިންނާއި ޖިންނިން ހަލްގުކުރައްވާފައިވަނީ ވަރަށް މަތިވެރި މާތް މަގުސަދަކަށްޓަކައި ކަމަށާއި އެއީ ހަމައެކަނި އެކަލާނގެ އެންގެވި ގޮތުގެ މަތީން ހަޔާތުގެ ދުވަސްތައް ހޭދަކުރުމަށް ކަމަށެވެ. އަދި ﷲ މި ދުނިޔެ ލައްވާފައިވަނީ އާހިރަތް ބާއްޖަވެރިކުރުމަށްޓަކައި މަސައްކަތް ކުރާނެ މައިދާނެއްގެ ގޮތުގައި ކަމަށް ބުންޏެވެ.
އެގޮތުން މިތަނުގައި ހެޔޮއަމަލުތައް ގިނަކޮށްފި މީހާއަށް އޮތީ ކާމިޔާބީ އާއި ފަލާހު ކަމަށާއި އަދި ނުބައި އަމަލުތައް ގިނަވެއްޖެ މީހާއަށް އޮތީ ގެއްލުމާއި ހަލާކު ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާގައި ބުނީ، ﷲގެ ޒާތުފުޅު ފިޔަވައި ބިންމަތީގައިވާ ކޮންމެ އެއްޗަކީ ފަނާވެ ނެތިހިނގައިދާނެ އެއްޗެއް ކަމަށެވެ. އަދި ކިތަންމެ ބޮޑު މުއްސަންޖަކަށް ވިޔަސް ފަގީރަކަށް ވިޔސް އަދި ބޮޑު މީހަކަށް ވިޔަސް ކުޑަކުއްޖަކަށް ވިޔަސް އަދި ކިތަންމެ ދިގު މުއްދަތަކަށް ދުނިޔޭގަ އުޅުނަސް، އަދި ކިތަންމެ ވަރުގަދަ ތަނެއްގައި ބަންދުވެގެން ހުރިކަމުގައި ވިޔަސް އެމީހަކު މަރުން ސަލާމަތެއް ނުވާނެ ކަމަށް ބުންޏެވެ.
މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެ އެވެ. "އުސްވެގެންވާ ގަދަފަދަ ކިއްލާތަކެއްގެ ތެރޭގައި ތިޔަބައިމީހުން ތިބިކަމުގައިވިޔަސް އެންމެ ކައިރީގައިވަ އެއްޗަކީ މަރެވެ. އަދި އިންސާނާ އެ އެއްޗަކާ އެންމެ ދުރަށް ދުވެފައިދާ އެއްޗަކީ ވެސް މަރެވެ."
ހުތުބާގައި ބުނީ، އިންސާނާ މަރަށް ހާޒިރުވުމުން ވަރަށް ގިނަ ކަންތައްތައް ހަނދާންވާނެ ކަމަށެވެ. އެގޮތުން އޭނާގެ ވަށައިގެންވާ މީހުން ފެނުމުން އެމީހުންނާ ވާހަކަ ދައްކަން ބޭނުންވެ، ނުކުރެވި ހުރި ކަންކަން ކުރަން ވެސް ބޭނުންވާނެ ކަމަށެވެ.
ނަމަވެސް އެވަގުތު އެއްވެސް ކަމެއް އަދި ވާހަކައެއް ވެސް ނުދެއްކޭނެ ކަމަށާއި އެވަގުތު ކުރިމަތިން ފެންނާނީ މަލާއިކަތްބޭކަލުންގެ ޖަމާއަތަކާއެކު މަލަކުލްމައުތުގެފާނު އޭނާގެ ފުރާނަ ހިއްޕަވަން ވަޑައިގަންނަވާތަން ކަމަށް ހުތުބާގައި ބުންޏެވެ.
ހުތުބާ ނިންމާލަމުން ވަނީ، ޢާފިލުކަމުން ހޭލާ ފާފަތަކުން ތައުބާވެ ﷲގެ ހަޟްރަތަށް އެނބުރި ރުޖޫއަވުމަށް ގޮވާލައިފަ އެވެ. އަދި ކޮންމެ ވަގުތެއްގައި ވެސް މަރު އަތުވެދާނެކަމަށްޓަކައި ﷲ އަށް ބިރުވެރިވެ ހެޔޮ އަމަލުތައް ގިނަ ކުރުމަށް ގޮވާލެއްވި އެވެ.
އަދި އެކަނި އިނދެ، އަމިއްލަ ނަފްސާ ދީނުގެ އެންމެ މުހިންމު ރުކުން ކަމުގައިވާ ފަރުޟު ފަސް ނަމާދު ބަރާބަރަށް އަދާކުރެވޭތޯ އާއި ގުރުއާނުގެ އެއްވެސް މިންވަރެއް ކިޔެވޭތޯ އާއި ހުރިހާ ނިއުމަތްތައް ތަނަވަސްކޮށްދެއްވި ގަދަކީރިތި ވަންތަ ﷲގެ ކުޅަދުންވަންތަކަމާ މެދު ވިސްނާލުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ.