ދަރިވަރުންނަކީ އިސްލާމް ދީނަށް ލޯބިކުރާ، އިސްލާމީ އުސޫލުތަކުގައި ހިފަހައްޓައި ހަރުދަނާ ދަރިންތަކަކަށް ހެދުމަށް މުދައްރިސުންނާއި ބެލެނިވެރިން ގުޅިގެން މަސައްކަތް ކޮށްދިނުމަށް މިއަދުގެ ހުކުރު ހުތުބާގައި އިލްތިމާސް ކޮށްފި އެވެ.
ދިރާސީ އަހަރުގެ ދެވަނަ ޓާމާ ގުޅުވައިގެން "އުނގެނުމަށް ސަމާލުކަން ދޭށެވެ!" މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވަނީ ދަރިވަރުންނާއި، ޓީޗަރުން އަދި ސްކޫލްތަކުގެ އިސްވެރިންނަށާއި ބެލެނިވެރިންނަށް ގިނަ ނަސޭހަތްތަކެއް ދީފަ އެވެ.
ހުތުބާގައި ބުނީ، ކޮވިޑުގެ ހާއްސަ ހާލަތުގައި އުނގެނުމުގެ ހަރަކާތްތައް ކުރިއަށް ދިޔައީ އެފަދަ ހާލަތެއްގައި އެކަން ކުރިއަށް ގެންދެވެން އޮތް އެންމެ ފުރިހަމަ ގޮތަށް ކަމަށާއި ކޮވިޑުގެ މި ހާލަތުގައި ވެސް ތައުލީމު ހާސިލު ކުރުމަށް އާ އަޒުމަކާއެކު ދިރާސީ އަހަރުގެ ދެވަނަ ޓާމަށް މަރުހަބާ ކިޔަން ތައްޔާރުވެފައިވާ ކަމަށެވެ.
ނަމަވެސް ބަލިމަޑުކަމުގެ ހާލަތު އަދިވެސް ހަމައަކަށް އެޅިފައިނުވާތީ، ދަރިވަރުންނާއި ބެލެނިވެރިން، ސާފުތާހިރުކަމާއި ގައިދުރުކަމާއި މާސްކު އެޅުމާއި ސިއްހީ ދާއިރާއިން އަންގާ އެންގުންތަކަށް ހުރުމަތްތެރިކޮށް ހިތުމަށް ސަމާލުވުމަށް ހުތުބާގައި އިލްތިމާސްކުރި އެވެ.
ދަރިވަރުންނަށް މުހާތަބުކޮށް ހުތުބާގައި ވަނީ މިފެށޭ ޓާމުގައި ކުދިންނަށް އިލްމީ ރޮނގުން އިތުރު ކުރިއެރުމާޢި ތަރައްގީ ލިބޭތޯ މަސައްކަތް ކުރުމަށާއި އިތުރު ހަރަކާތްތަކުން މުޅި މާހައުލަށް ދިރުން ގެނެސްދިނުމަށް އެދިފަ އެވެ. އަދި މަދްރަސާގެ ގަވާޢިދުތަކަށް ބޯލަނބައި، މަދްރަސާގެ މުދަލާއި ތަކެއްޗަށް ރައްކާޓެރިވެ، ހެޔޮގޮތުގައި އެތަކެތީގެ ބޭނުން ހިފުމަށް ނަސޭހަތްތެރިވި އެވެ.
އޭގެ އިތުރުން ކުދިން ތަރުބިައްޔަރު ކުރުމުގެ ބުރަ މަސްއޫލިއްޔަތާ ހަވާލުވެފައިވާ ޓީޗަރުންނަށް ހައްގުވާ ގަދަރާއި އިހްތިރާމު އަދާކުރުމަށް ވެސް ގޮވާލި އެވެ. އަދި ކުދިންނަށްޓަކައި މައިންބަފައިންނާއި ދައުލަތުން ކުރަމުންދާ ހޭދަ އާއި ތަނަވަސްކޮށްދީފައިވާ ފުރުސަތުތަކުގެ ބޭނުން ހެޔޮގޮތުގައި ހިފުމަށާއި އުނގޭ އިލްމުގެ ނޫރުހުން ﷲގެ ރުހިވޮޑިގަތުމާއި މައިންބަފައިންގެ ހިތްހަމަޖެހުމާޢި ގައުމަށް ކުރިއެރުން ހޯދައިދިނުމަށް ވެސް ގޮވާލި އެވެ.
ޓީޗަރުންނަށް މުހާތަބުކޮށް ހުތުބާގައި ބުނީ، ދަރިން ތަރުބިއްޔަތުކޮށް އިސްލާމް ދީނަށާއި ގައުމަށް ވަފާތެރި ބަޔަކަށް ހެދުމަކަށްޓާކައި އެދުރުންގެ ދައުރު ވަރަށް ބޮޑު ކަމަށާއި ކުދިންނަށް ފުރިހަމަ ތަރުބިއްޔަތެއް ދެވޭނީ ކެތްތެރިކަމާއި ހިކުމަތްތެރިކަމާއެކު އެދުރުންގެ މަސްއޫލިއްޔަތު އަދާކޮށްގެން ކަމަށެވެ.
އަދި އެދުރުން ކިޔަވައިދޭ ކުދިންގެ ލޯތައް ހުއްޓިފައި ހުންނާނީ އެދުރުންގެ މައްޗަށްކަން ހަނދާނުގައި ބެހެއްޓުމަށާއި އެކުދިންނަކީ އިސްލާމް ދީން ދެކެ ލޯބިވާ އެދީނަށް ހުރުމަތްތެރިކޮށް ހިތާ ބަޔަކަށް ހެދުމަށް ޓީޗަރުންނަށް އިލްތިމާސް ކުރެއްވި އެވެ.
ދަރިންނަށް ތައުލީމު ދިނުމަށްޓަކައި މައިންބަފައިން އަދާކުރާ ދައުރަކީ ތައުރީފު ހައްގު ދައުރެއްކަން ފާހަގަކުރައްވައި ހުތުބާގައި ބުނީ، ކޮވިޑުގެ ވަބާގެ ހާލަތު މުޅިން ހަމައަކަށް އެޅިފައި ނުވި ނަމަވެސް، ދަރިވަރުން ސްކޫލް މަދްރަސާ އަދި ކޮލެޖު ޔުނިވާސިޓީޓަކަށް ފޮނުވައިގެން އުނގަންނައިދިނުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. އެއީ ނިޒާމީ ތައުލީމުގެ އަމާޒުތަކުގެ ތެރޭގައި ދަރިވަރުންގެ ނަފްސާނީ ދުޅަހެޔޮކަމާއި އިޖްތިމާއީ ގުޅުންތައް ހަރުދަނާ ކުރުމާޢި ކުރިމަތިވާ މައްސަލަތައް ހައްލުކުރަން ދަސްވުން ހިމެނޭތީ ކަމަށް ހުތުބާގައި ބުންޏެވެ.
އެހެންކަމުން ހުތުބާގައި ވަނީ ވޭތުވެދިޔަ އަހަރު ތައުލީމުން ބީވެގެން ދިޔަ ބައި ހާސިލުކޮށްދެވޭތޯ ބެލެނިވެރިން، ހީވާގިކަމާއެކު މަސައްކަތް ކޮށްދިނުމަށާއި ދަރިން ސްކޫލުތަކަށް ފޮނުވުމަށް ހާއްސަ ސަމާލުކަމެއް ދިނުމަށް އެދިފަ އެވެ.
ހުތުބާގައި އިތުރަށް ބުނީ، ދަރިންނަކީ މާތް ﷲ އަހަރެމެންނާ ހަވާލުކޮށްފައިވާ ބޮޑު އަމާނާތަކަށްވާއިރު، އެކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑު ކުރެވިއްޖެނަމަ އެކުދިންގެ ހެޔޮދުއާގެ މަންފާ މައިންބަފައިންނަށް ކުރާނެ ކަމަށެވެ.
އެހެންކަމުން ދަރިންނަށް އިސްލާމީ ރިވެތި އަދަބާއި އުޅުން ދަސްކޮށްދީ ކީރިތި ޤުރުއާނާއި މާތް ނަބިއްޔާގެ ސުންނަތަށް އަމަލުކުރުމަށް ދަސްކޮށްދިނުމަށް ހުތުބާގައި ގޮވާލި އެވެ. އަދި ފަރުޟު ފަސްނަމާދު އަދާކުރާ ބަޔަކަށް އެކުދިން ހެދުމަށާއި އެކުދިންނަކީ އިސްލާމީ އަހުލާގީ މިންގަނޑުގައި ހިފަހައްޓާ ބަޔަކަށް ހެދުމަށް ވެސް ގޮވާލި އެވެ.