• Mon, 18 January, 2021, 2:30 am

    ހަރުދަނާ ފިޔަވަޅުތަކާއެކު އެމްޑަބްލިޔުއެސްސީގެ ހިންގުމުގެ ހަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    އެމްޑަބްލިޔުއެސްސީން 2020 ވަނަ އަހަރު އެ ކުންފުނީގެ ހިންގުމުގެ ހަރަދު 297.9 މިލިއަން ރުފިޔާ ކުޑަކޮށްފައިވާ ކަމަށް އެ ކުންފުނިން ބުނެފި އެވެ.

    އެމްޑަބްލިޔުއެސްސީން ބުނީ، ކުންފުނީގެ އޮޕަރޭޓިން އެންޑް އެކްސްޕެންސް ބަޖެޓުގެ ގޮތުގައި 2020 ވަނަ އަހަރުގެ ނިޔަލަށް ކަނޑައަޅާފައި ވަނީ 838.9 މިލިއަން ރުފިޔާ ކަމަށެވެ.

    ނަމަވެސް އެކަމަށް ހަރުދު ކުރެވިފައިވާ މިންވަރު 541 މިލިއަން ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށާއި މިއީ 2019 ވަނަ އަހަރުގެ ކުންފުނީގެ ހިންގުމުގެ ހަރަދާ އަޅާބަލާއިރު 14 ޕަސެންޓް ކުޑަ އަދަދެއް ކަމަށް އެ ކުންފުނިން ބުންޏެވެ.

    "ކުންފުނީގެ ހިނގުމުގެ ހަރަދުތައް ކުޑަކުރެވިފައިވަނީ، ހަރަދު ކުޑަކުރުމުގެ ގޮތުން، ހާއްސަކޮށް ކޮވިޑް-19ގެ ހާލަތާ ގުޅިގެން ކުންފުނީގެ މެނޭޖްމަންޓުން  ރޭވުންތެރިކަމާއެކު އަޅާފައިވާ ހަރުދަނާ ފިޔަވަޅުތަކާއި، ގެންގުޅުއްވި ހިކުމަތްތެރި މާލީ ސިޔާސަތު ތަކުގެ ސަބަބުންނެވެ،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.

    އެކުންފުނިން ބުނީ، މިދިޔަ އަހަރު ކުރެވިފައިވާ ހަރަދުތަކަށް ބަލާއިރު އިންޖިނިއަރިން، މެނުފެކްޗަރިން، ފެނާއި ނަރުދަމާގެ ހިދުމަތްތައް އަދި ވިޔަފާރީގެ ދާއިރާ ހިމެނޭގޮތައް ފުރަތަމަ ކުއާޓަރުގައި 177.4 މިލިއަން ރުފިޔާ، ދެވަނަ ކުއާޓަރުގައި 130.7 މިލިއަން ރުފިޔާ، ތިންވަނަ ކުއާޓަރުގައި 163.5 މިލިއަން ރުފިޔާ އަދި ހަތަރުވަނަ ކުއާޓަރުގައި 94.8 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށެވެ.

    މި ހަރަދުތަކަކީ 2019 ވަނަ އަހަރާ އަޅާބަލާއިރު އިންޖިނިއަރިން ދާއިރާގެ ހަރަދުތައް ހަ ޕަސެންޓް، މެނުފެކްޗަރިންގެ ހަރަދުތައް 14 ޕަސެންޓް، ވިޔަފާރީގެ ދާއިރާގެ ހަރަދުތައް 16 ޕަސެންޓް އަދި ފެނާ ނަރުދަމާގެ ހިދުމަތައް ކޮށްފައިވާ ހަރަދުތައް 15 ޕަސެންޓް ކުޑަ އަދަދެއް ކަމަށް ވެސް އެމްޑަބްލިޔުއެސްސީން ބުންޏެވެ.

    އެ ކުންފުނިން ބުނީ، ހަރަދުތައް ކުޑަކުރުމުގެ ގޮތުން އެޅި ފިޔަވަޅުތަކާއެކުގައި ވެސް، ކޮވިޑް-19ގެ ހާލަތުން އަރައިގަތުމަށްޓަކައި ސަރުކާރުން އެޅި ހަރުދަނާ އަދި މުހިންމު ފިޔަވަޅުތަކަށް އެއްބާރުލުންދިނުމުގެ ގޮތުން އެ ކުންފުނީގެ އިޖްތިމާއީ ޒިންމާގެ ދަށުން ގިނަ ކަންތައް ތަކެއް ކޮށްފައިވާ ކަމަށެވެ.

    އޭގެ ތެރޭގައި ކޮވިޑު ފެސިލިޓީތަކަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށް ދިނުމާއި ރައްޔިތުން އާއްމުކޮށް އެއްވެއުޅޭ ތަންތަނުގައި އަތް ދޮންނަ ތަށި ބަހައްޓައި ދިނުމުގެ އިތުރުން ރައްޔިތުންނަށް ދިމާވެފައިވާ ދަތިތައް ލުއިކޮށްދިނުމައްޓަކައި ފެނުގެ އެހީތެރިކަން ފޯރުކޮށްދިނުން ހިމެނެ އެވެ. އެގޮތުން އެމްޑަބްލިޔުއެސްސީގެ އިޖްތިމާއީ ޒިންމާގެ ދަށުން މިފަދަ ކަންކަމަށް ޖުމްލަ 4.5 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނިން ބުންޏެވެ.

    "2020 ވަނަ އަހަރު ވެސް ކުންފުނިން ކެނޑިނޭޅި މަސައްކަތް ކުރަމުން ދިޔައީ ކުންފުނީގެ މައިގަނޑު ދާއިރާތަކުން ހާސިލުކުރުމަށް ބޭނުންވާ ލަނޑުދަނޑިތައް ހާސިލު ކުރުމަށެވެ. މިގޮތުން، މެދުކެނޑުމެއްނެތި ރައްކާތެރި ބޯފެނާއި ނަރުދަމާގެ ޚިދުމަތް ރައްޔިތުންނަށް ފޯރުކޮށްދެވިފައިވާކަމީ މި ކުންފުނިން އުފަލާއެކު ފާހަގަކުރާކަމެކެވެ،" އެމްޑަބްލިޔުއެސްސީން ބުންޏެވެ.

    އެ ކުންފުނިން ބުނީ، ކުންފުނީގެ ހިދުމަތްތައް އިތުރަށް ތަރައްގީކޮށް ފުޅާކުރުމަށްޓަކައި ތަފާތު އެކިއެކި ޕްރޮޖެކްޓްތައް މިދިޔަ އަހަރު ހިންގާފައިވާ ކަމަށެވެ. އެގޮތުން ސަރުކާރުން، ރައްޔިތުންނަށް ފެނާއި ނަރުދަމާގެ ހިދުމަތް ފޯރުކޮށްދިނުމަށް ހިންގާ މަޝަރޫއު ތަކުގެ ދަށުން، ދެރަށެއްގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު ނިންމައި، ފަސް ރަށެއްގެ އަމަލީ މަސައްކަތް ފަށައި، އަދި 25 ރަށެއްގެ ފެނާއި ނަރުދަމާ ގެ މަޝްރޫއު ފެށުމަށް ތައްޔާރުވެފައިވާ ކަމަށް ބުންޏެވެ.

    އެހެންކަމުން ކޮވިޑުގެ ހާލަތުގައި ވެސް ކުންފުނީގެ ހިދުމަތްތައް މެދުނުކެނޑި ކުރިއަށް ގެންދިއުމުގަ އާއި ކުންފުނީގެ ލަނޑު ދަނޑިތައް ހާސިލުކުރުމުގައި ކުންފުނީގެ މުވައްޒައްފުން ކޮށްދީފައިވާ މަސައްކަތްތައް ފާހަގަކޮށް އެމްޑަބްލިޔުއެސްސީގެ މެނޭޖްމަންޓުން ވަނީ ހުރިހާ މުވައްޒަފުންނަށް ޝުކުރު އަދާކޮށްފަ އެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.