މިދިޔަ ހޮނިހިރު ދުވަހު 62 މީހުންނާއެކު ވެއްޓުނު އިންޑޮނޭޝިއާގެ ބޯޓު، އެއާވާދިނެސް އިންސްޕެކްޝަނުން ފާސްވި ކަމަށް އޮފިޝަލުން ބުނެފިއެވެ.
އިންޑޮނޭޝިއާގެ ޓްރާންސްޕޯޓް މިނިސްޓްރީން ބުނީ، ވެއްޓުނު ސްރިވިޖާޔާ އެއާގެ ފްލައިޓް މިދިޔަ އަހަރުގެ މާޗް މަހުން ފެށިގެން ނުދުއްވާ އޮތުމަށްފަހު އަލުން ދަތުރުތަށް ފެށެމުގެ ގޮތުން، މިދިޔަ ޑިސެމްބަރު މަހުގެ 14 ވަނަ ދުވަހު އެއާވާދިނަސް އިންސްޕެކްޝަނެއް ހެދި ކަމަށެވެ. އަދި އެ އިންސްޕެކްޝަނުން ފާސްވެ، ފްލައިޓުގެ ދަތުރުތައް ފަށާފައިވަނީ، އެއްވެސް ފަސިންޖަރަކު ނުލައި ދަތުރެއް ކުރުމަށް ފަހުގައި ކަމަށް ވެސް ބުންޏެވެ.
ޖުމްލަ 50 ފަސިންޖަރުންނާއި 12 ކުރޫންނާއެކު ފުރި ފްލައިޓާ ގުޅުން ކެނޑުނީ ޖަކާޓާއިން ޓޭކްއޮފް ކުރިތާ ހަތަރު ވަރަކަށް މިނެޓް ފަހުންނެވެ. ބޯޓު ހޯދުމަށް ކުރި މަސައްކަތްތަކުން ބޯޓުގެ ބައެއް ބައިތަކާއި ބައެއް ފަސިންޖަރުންގެ ހަށިގަނޑު މޫދު އަޑިން ވަނީ ފެނިފަ އެވެ.
ނަމަވެސް ބޯޓުގެ ބްލެކް ބޮކްސް ކަޅު ފޮށި ހޯދުމުގެ މަސައްކަތް ކުރަމުން އަންނައިރު، ބްލެކް ބޮކްސްތައް ހޯދުމަށް ގެންގުޅޭ ޑިވައިސެއް ހަލާކުވެ، އާ ޑިވައިސެއް ސިންގަޕޫރުން ގެންނައުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.