ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ކެންޔާގެ އަންހެނަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައިގައި ދައުވާ ކުރަން ފޮނުވި ތިން މީހުންގެ ތެރެއިން ދެ މީހެއްގެ މައްޗަށް ދައުވާ ނުކުރާން ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން ނިންމައިފި އެވެ.
މި މައްސަލައިގައި ފުލުހުން ހައްޔަރުކުރީ ދެ މީހެކެވެ. އެއީ ކެންޔާ އަންހެން މީހާ ސަފާރީން މޫދަށް ފުންމާލުމުން، މޫދުން ނަގައިގެން ހުޅުމާލެއަށް ގެނެސްދިން ދެ މީހުންނެވެ. ނަމަވެސް މި މައްސަލައިގައި ދައުވާކުރުމަށް ފުލުހުން ޕީޖީ އޮފީހަށް ފޮނުވީ ތިން މީހަކަށެވެ. އެއީ މިދިޔަ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހު އެވެ. އޭރު އެއީ ކޮން ތިން މީހުންނެއް ކަމެއް ނުބުނެ އެވެ.
އެދުވަހު ޕީޖީ އޮފީހުން ބުނީ، އެ މައްސަލައިގައި ތުހުމަތު ކުރެވޭ ތިން މީހުންގެ މައްސަލަ ފުލުހުން ފޮނުވުމުން، އެކަމުގައި ހުރި ހެއްކާއި ގަރީނާއަށް ބަލައި އެ މައްސަލަ ބަލައިގެންފައިވާ ކަމަށެވެ.
ނަމަވެސް ޕީޖީ އޮފީހުން މިއަދު ބުނީ، އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވި އަނެއް ދެ މީހުންނަށް ދައުވާކުރަން ބޭނުންވާ ވަރަށް ހެކި ނެތިގެން އެ ދެ މީހުންގެ މައްސަލަ މިމަހުގެ ހަތް ވަނަ ދުވަހު އަނބުރާ ފޮނުވާލާފައިވާ ކަމަށެވެ. އަދި އެ ދެ މީހުންނަށް ދައުވާ ނުކުރާން ނިންމާފައިވާ ކަމަށް ވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން މިމަހު ހަ ވަނަ ދުވަހު ލ. ގަން، ތުނޑި، ނޫރަންގެ، އަބްދުﷲ ޝާންގެ މައްޗަށް ދައުވާކޮށް، އެ މައްސަލަ ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ވަނީ ހުށަހަޅައިފަ އެވެ. ޝާންއަކީ ރައްޔިތުންގެ މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދުގެ ފިރިކަލުންނެވެ.
އޭނާގެ މައްޗަށް ޕީޖީ އޮފީހުން ކުރަނީ، ޖިންސީ ގޯނާކުރުމުގެ ކުށުގެ ދައުވާއާއި އަނިޔާއެއް ދީފާނެކަމުގެ ބިރުދެއްކުމުގެ ކުށުގެ ދައުވާ އާއި ގައިގައި އަތްލުމުގެ ކުށުގެ ދައުވާ އެވެ.