• Mon, 18 January, 2021, 3:10 am

  އުފާވެރި ޒަވާޖީ ޙަޔާތް (6)

  Share on twitter
  Tweet
  Share on facebook
  Share
  Share on twitter
  Tweet
  Share on facebook
  Share

  ހަޔާތުގެ ބައިވެރިޔަކު ހޯދުން

  ކާވެނި ކުރުމަށް ބައިވެރިޔަކު ހޯދާއިރު، (ފިރިހެނުން) އަންހެނުންގެ މުދާވެރިކަމާއި، ހަސަބާއި، ރީތިކަމާއި، ދީންވެރި ކަމަށް ބަލައެވެ. މިކަންކަމުގެ ތެރެއިން ދީންވެރިކަން އިޚްތިޔާރު ކޮށްފި މީހާއަށް ދުނިޔޭގައި ވެސް އަދި އާޚީރަތުގައި ވެސް ދެރަކަމުން ސަލާމަތްވެ ހުރުމަށް ފުރުޞަތު ބޮޑުވާނެކަން ބަޔާން ކުރާ ޙަދީޘް އިސްވެ ގޮސްފިއެވެ.

  މުދާވެރިކަމަކީ އިންސާނުން ލޯބިކުރާ ސިފައެކެވެ. ﴿وَتُحِبُّونَ الْمَالَ حُبًّا جَمًّا﴾) سورة الفجر: ٢٠( މާނައީ:- "އަދި ތިޔަބައިމީހުން ގަދަވެގެންވާ ލޯތްބަކުން، މުދަލަށް ލޯބިކުރަމުއެވެ." މުދާ ނެތުމަކީ ދިރިއުޅުމުގެ ބަހާތައް ފުރިހަމަ ވުމަށް އެޅޭ ހުރަހަކަށްވެސް ވާނެއެވެ. އެހެނަސް އެއީ ހަމައެކަނި އެކަމަކަށްޓަކައި މީހެއްގެ ޙަޔާތުގެ ޞަފުޙާއެއް ހުޅުވާވަރުގެ ކަމެއްކަމުގައި ނުވެދާނެއެވެ. ހަމައެހެންމެ ހަސަބުގެ މަތިފުށް، ނުވަތަ ޢާއިލީ ދަރަޖައެއް ލިބިގަތުން އެއީ ކާވެނީގެ ބައިވެރިޔަކު ހޯދުމުގައި ބަލާ ހަމައެކަނި މިންގަޑުކަމުގައި ހެދުމަކީ އެންމެ ބުއްދިވެރި ގޮތް ކަމުގައި ނުވެދާނެއެވެ. ހަމަ މިގޮތަށް ރީތިކަމަކީ ވެސް އެކަމަށް އެކަނި ބަލައި މުޅި ޙަޔާތް އޭގެމައްޗަށް ބިނާކުރުން އެންމެ ބުއްދިވެރި ނިންމުން ކަމުގައި ނުވެދާނެއެވެ. މީގެން އެއްވެސް ކަމަކީ ދާއިމީ ދެމިހުރުމެއް ކަމުގައި ނުވެއެވެ.

  މުދާވެރިޔާ، ފަޤީރު ވެދާނެއެވެ. ނަސަބުގެ ފަޚުރު ފިލައި ގޮސް، ޢާއިލާގެ ނަން ކަޅުވެ މީސްތަކުންގެ މެދުގައި ބަލައިނުގައްނަ ބަޔަކަށް ވެސް އެބަޔަކުވުން އެއީ ކަށީގެންވާ ކަމެކެވެ. ރީތިކަމުގެ ޖާދޫ ފަނޑުވެ، މީހާ ހުތުރު ވެސް ވެދާނެއެވެ. އެހެނީ މިއީ ހައްތަހާވެސް ބޭރަށް ފެންނަ ވަގުތީ ކަންކަމެވެ. މިއާ ޚިލާފަށް ދީންވެރި ކަމަކީ ހިތުގެ ބިންގަލެކެވެ. ވަގުތީ އެތައްކަމެއް އޭގެ ދަށުގައި ފުނޑުކޮށްލާ ވަރުގަދަ ބިނާއެކެވެ. ދީންވެރި އަންހެނަކު އިޚްތިޔާރު ކުރާނަމަ، އެއީ ތިމާގެ އަމިއްލަ ނަފުސައްޓަކައި އެކަނި ކުރިކަމެއްވެސް ނޫނެވެ. އެއީ މުޖުތަމަޢަށް އުފަންކުރާ ދަރިންގެ ތަރުބިޔަތަށް ހޯދޭ މާތް މަންމަ އެއްވެސް މެއެވެ. އެހެންކަމުން ތިމާގެ ދަރިފުށުން ދެމިގެން އަންނަ ނަޞްލު ހެޔޮލަފާ ރަނގަޅު ދަރިފަސްކޮޅަކަށް ހެދުމަށްޓަކައި، ހަޔާތުގެ ބައިވެރިއަކަށް ދީންވެރި ރަނގަޅު، މީހަކު ޚިޔާރުކުރުން މުހިންމެވެ.

  ދީންވެރިމީހާ ކެތްތެރި ވާނެއެވެ. އޭނާ މަޑުމައިތިރިވާނެއެވެ. ޙަޔާތުގައި ދިމާވާ ކަންކަމާމެދު އިލާހީ ތަރުބިޔަތު އިސްކުރާނެވެ. މިސްރުގެ ޢާލިމަކު ދީނީ ދަޢުވަތައިގެން އެފްރިކާގެ ރަށްރަށަށް ކުރެއްވި ދަތުރުފުޅެއްގައި ދިމާވި ޙާދިސާއެއް ކިޔައިދެއްވިއެވެ. "ތިމަން ރަށެއްގައި ވައުޡު ކިޔައިދީ ނިމިގެން ގެއަށް ދާން އުޅެނިކޮށް، އެ ދަރުހަށް އައިސް އިން އަންހެނަކު، ތިމަންނާއާއި ވަހަކަ ދެއްކިއެވެ. ވާހަކަ ފައްޓާނެ ގޮތެއްވެސް ނޭނގި އެގޮތްމިގޮތަށް އޭތިމީތި ކިޔަމުން އޭނާ ބުނަން ބޭނުންވި ވާހަކަ ކިޔަން ފަށައިފިއެވެ. އޭނާ ބުނަން ބޭނުންވީ އޭނާގެ ޙަޔާތުގައި ހަމަޖެހުން ނެތްކަމެވެ. މުޞީބާތުގެ ވަގުތުތައް މެނުވީ އޭނާއާ ކުރިމަތި ނުވާކަމެވެ. ލިބޭމިންވަރުން ދެކޮޅު ނުޖެހޭ ވާހަކައެވެ. ފިރިމީހާގެ މުރާލިކަން ކުޑަ ވާހަކައެވެ. ދަރިންނާއިގެން އުޅެންޖެހޭ ދަތި ޙާލުގެ ވާހަކައެވެ."

  އެ ޝައިޚު އިތުރަށް ކިޔައިދެއްވިއެވެ. "އަޅުގަނޑަށް އެދުވަހު އޭނާއަށް ދޭނީ ކޮން ޖަވާބެއް ކަމެއް ނޭނގުނެވެ. އޭނާ އެ ބުނާ ވާހަކަ ތަކަކީ ކޮންމެ އިންސާނެއްގެ ހަޔާތުގައިވެސް ދިމާވެދާނެ ކަންކަމެވެ. އެބުނާ ކަންކަން އެހެން ގެއެއްގައި ދިމާނުވާނަމަ، އެ ގެއެއްގައި އެނޫން އެތައްބައިވަރު އެހެން މައްސަލަތަށް ހުންނާނެއެވެ. އެހެންކަމުން ކުޑަކޮށް ވިސްނާލަން ހުއްޓާ ކުއްލިއަކަށް އަޅުގަނޑަށް ދެވުނު ޖަވާބަކީ ދުވަހަކުވެސް އަޅުގަނޑުގެ ހިތުން ފިލައިގެން ދާނެ ޖަވާބެއް ނޫނެވެ. އަޅުގަނޑު އެ އަންހެންމީހާއަށް ބުނީމެވެ. ﷲ އެއީ ތިބާގެ ޙަޔާތުގެ އެންމެ ބޮޑު ކަންތައް ކަމުގައި ދެކޭނަމަ، ދެން ހުރި ހުރިހާކަމަކީ ވަރަށް ކުދި ކަންތަކެވެ. އަދި ﷲ އެއީ ތިބާގެ ޙަޔާތުގެ އެންމެ ކުޑަ ކަންތަށް ކަމުގައި ދެކޭނަމަ، ދެން ހުރި ހުރިހާ ކަމަކީ ވަރަށް ބޮޑެތި ކަންކަމެވެ."

  ﷲއަށް ކިޔަމަންވުމާއި އެއިލާހުގެ ދީނުގެމަތީ ޘާބިތުވުން އެއީ އެންމެ ބޮޑު ކަންތައްކަމުގައި ވާނަމަ، ދެން ދިމާވާ ހުރިހާ ކަމަކީ ބޮޑެތި ކަންތަށް ކަމުގައި ނުދެކޭނެއެވެ. އެފަދަ އިޢްދިޤާދެއްގެ ވެރިއަކީ ދީންވެރިމީހެކެވެ. ދީންވެރިމީހަކު ތިބާގެ ޙަޔާތަށް ޚިޔާރު ކުރެވިއްޖެނަމަ، ދުނިޔޭގެ އެތައް މުޞީބާތެއް ތިމާގެ ކިބައިން ދުރުވެފައިވާތީ ފެންނާނެއެވެ. (ނުނިމޭ)

  | ލިޔުނީ : މުޙައްމަދު އަފްޟަލް

  ހިޔާލު ފާޅުކުރައްވާ

  Leave a Reply

  Your email address will not be published.

  This site uses Akismet to reduce spam. Learn how your comment data is processed.