ކޮވިޑް-19 ބަލިމަޑުކަން ދުނިޔެ ތަހައްމަލު ކުރަމުން އަންނަތާ އަހަރަކަށްވުރެ ގިނަ ދުވަސް ވެފައިވާއިރު، މިހާރު އެންމެ ހަލުވިކަމާޢެކު ހުރިހާ ގައުމަކުން ވެސް ކުރަމުން އަންނަ މަސައްކަތަކީ ބައްޔަށް ވެކްސިނެއް ހޯދައި އެ ވެކްސިން ޖެހުމުގެ މަސައްކަތެވެ. އެގޮތުން ވެކްސިން އެންމެ ފުރަތަމަ ދިނުމުގައި ގިނަ ގައުމުތަކުން އިސްކަންދެނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެއަށްފަހު ބަލީގެ ރިސްކުބޮޑު ކެޓަގަރީގައި ހިމެނޭ އުމުރުން ދުވަސްވީ މީހުންނަށެވެ.
ނަމަވެސް ދެކުނު އިރުމަތީ އޭޝިއާގެ ގައުމުތަކުގެ ތެރެއިން ކޮވިޑް އެންމެ ހަލުވިކަމާއެކު ފެތުރެމުން އަންނަ އިންޑޮނެޝިއާގައި އެ ނިންމުން ތަފާތެވެ. އެގައުމުން އެންމެ ފުރަތަމަ ކޮވިޑް ވެކްސިން ދޭނީ ސިއްހީ ހިދުމަތްތެރިންނަށެވެ. އެއަށްފަހު 18 އަހަރާއި 59 އަހަރާ ދެމެދުގެ ޒުވާނުންނަށެވެ. އެގޮތުން މި ގުރޫޕް މީހުންނަށް މިއަދުން ފެށިގެން މާޗު މަހުގެ ނިޔަލަށް ވެކްސިން ދޭނެ އެވެ.
އެގޮތުން އެގައުމުގައި ވެކްސިން ދޭން ފެށުމުގެ ގޮތުން އެންމެ ފުރަތަމަ ވެކްސިން ޖައްސަވާފައިވަނީ އިންޑޮނޭޝިއާގެ ރައީސް ޖޯކޯ ވިޑޯޑޯއެވެ. އޭނާގެ އުމުރުފުޅަކީ 59 އަހަރެވެ. ނަމަވެސް ނައިބް ރައީސް، އުމުރުން 77 އަހަރުގެ މައުރޫފް އަމީންއަކަށް ފުރަތަމަ ފޭސްގައި ވެކްސިނެއް ނުދޭނެ އެވެ.
އިންޑޮނޭޝިއާގެ ހެލްތު މިނިސްޓްރީގެ ތަރުޖަމާނާ ހަވާލާދީ އަލް ޖަޒީރާގައި ބުނީ، އިންޑޮނޭޝިއާ އިން ބޭނުންކުރަނީ ޗައިނާގެ ސިނޮވެކް ބަޔޯޓެކުން އުފައްދާފައިވާ ވެކްސިން ކަމަށެވެ. އަދި އުމުރުން ދުވަސްވީ މީހުންނަށް އެ ވެކްސިން ނުދޭން ނިންމާފައިވަނީ އެ އުމުރުގެ މީހުންނަށް ވެކްސިން ދިނުމުގެ ޓްރައިލްތައް އަދި ނިނުމޭތީ ކަމަށް ބުންޏެވެ.
އިންޑިނޭޝިއާގައި 830،000 އަށްވުރެ ގިނަ މީހުންނަށް ކޮވިޑް ޖެހިފައިވާއިރު، އެބަލީގައި އެގައުމުން 24،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ.