• Mon, 18 January, 2021, 3:14 am

    ޖިހާދު ފުރުން މަނާކޮށް ނެރުނު އަމުރު ހައިކޯޓުން ބާތިލްކޮށްފި

    Share on twitter
    Tweet
    Share on facebook
    Share
    Share on twitter
    Tweet
    Share on facebook
    Share

    ކުރީގެ ނައިބު ރައީސް އަބްދުﷲ ޖިހާދު ބޭސްފަރުވާއަށް ފުރުމުގެ ހުއްދަ ނުދޭން ކްރިމިނަލް ކޯޓުން ނިންމި ނިންމުން ހައިކޯޓުން ބާތިލުކޮށްފި އެވެ.

    ޖިހާދުގެ ޕާސްޕޯޓް ހިފަހައްޓާފައިވަނީ ސްޕެޝަލް ޓޫރިސްޓް ޒޯނެއްގެ ގޮތުގައި ކ. ފުށިދިއްގަރުފަޅު ތަރައްގީކުރުމުގެ މަޝްރޫއާ ގުޅޭގޮތުން އޭނާގެ މައްޗަށް ކުރާ ކޮރަޕްޝަން މައްސަލައިގެ ދައުވާގައެވެ. އެ މައްސަލައިގެ އަޑުއެހުންތައް ކުރިމިނަލް ކޯޓުގައި ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 24 ގައެވެ.  އެ މައްސަލަ ކޯޓުގައި އޮއްވައި ޖިހާދު ވަނީ ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރަން އެދިވަޑައިގެންފަ އެވެ.

    އެކަމާމެދު ގޮތެއް ނިންމުމަށް ޑިސެމްބަރު 24 ވަނަ ދުވަހު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ޖިހާދު ބޭސްފަރުވާއަށް ފުރުމަށް ހުއްދަ ދިނުމަށް އިއުތިރާޒުކޮށް ދައުލަތުން ވަނީ ޖިހާދަށް ކޮށްފައިވަނީ ޖިނާއީ ބޮޑު ދައުވާއެއް ކަމަށާއި އެ މައްސަލައިގައި ޖިހާދަށް ފަސް އަހަރުގެ ހުކުމެއް ކުރުމުގެ ފުރުސަތު އޮއްވައި، ފުރައިފި ނަމަ ފިލައިފާނެ ކަމަށް ބެލެވޭ ކަމަށެވެ.

    އެގޮތުން އެ ކޯޓުގެ ގާޒީ މުހައްމަދު ސަމީރު ނިންމެވީ ޖިހާދު މިމަހު 20 ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެއިން ބޭރަށް ފުރައިގެން ދިއުން މަނާކުރުމަށެވެ.

    ހަމަ އެދުވަހު ޖިހާދުގެ ފަރާތުން އެ އަމުރު ރިވިއު ކޮށްދިނުމަށް އެދުމުން އެ އަމުރު މުރާޖައާކޮށް އެ ނިންމުން ބަދަލުކުރަންޖެހޭ ފަދަ މަގުބޫލު ސަބަބެއް ނެތް ކަމަށް ބުނެ އެ އަމުރު މުރާޖައާކޮށްނުދިނެވެ.

    އެ ނިންމުން ޖިހާދުގެ ފަރާތުން ހައިކޯޓުގައި އިސްތިއުނާފު ކުރުމުން ހައިކޯޓުން މިއަދު ނިންމީ ކްރިމިނަލް ކޯޓުގެ އަމުރަކީ ޝަރުއީ އަދި ގާނޫނީ އުސޫލުތަކާއި ހިލާފަށް ނެރެފައިވާ އަމުރެއް ކަމަށެވެ. މައްސަލަ ބެއްލެވި ތިން ފަނޑިޔާރުންނަކީ ހުސެއިން ޝަހީދާއި އަބްދުއްރައޫފް އިބްރާހިމް އަދި ހާތިފް ހިލްމީ އެވެ.

    މި ބޭފުޅުންގެ ތެރެއިން ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ވަނީ، ކްރިމިނަލް ކޯޓުގެ އަމުރު ނެރެފައިވަނީ ރަނގަޅަށްތޯ ބަލާއިރު ޝަރީއަތްކުރުމާބެހޭ ޖިނާއީ އިޖުރާއަތުގެ ގަވާއިދުގެ 46 ވަނަ މާއްދާގެ (ހ) ގައި ޖިނާއީ ކުށެއްގެ ތުހުމަތާ ގުޅިގެން މީހެއްގެ ޕާސްޕޯޓް ހިފެހެއްޓުމުގެ ކޯޓު އަމުރަކަށް އެދި ހުށަހަޅާނީ އެ ގަވާއިދުގެ ޖަދުވަލު 10.8 ގައިވާ ފޯމުން ކަމަށް ބަޔާންކޮށްފައިވެ އެވެ.

    ނަމަވެސް ޕީޖީގެ ފަރާތުން ޖިހާދު ރާއްޖޭން ބޭރަށް ފުރުން މަނާކުރުމަށް އެދި އެކަމާ ގުޅޭގޮތުން ވާހަކަ ދެއްކުމަށް އެދިފައިވަނީ ސިޓީއަކުން ކަމަށާއި އެ ސިޓީގައި ޕީޖީގެ ފަރާތުން އެދިފައިވަނީ ކޯޓުން ޖިހާދު ރާއްޖޭން ބޭރަށް ފުރައިގެން ދިއުމުގެ ހުއްދަ ދިނުމާ ގުޅިގެން ގޮތެއް ކަނޑައެޅުމުގެ ކުރިން އެކަމާގުޅިގެން ވާހަކަ ދެއްކުމަށްޓަކައި ޝަރީއަތުގެ މަޖިލީހެއް ބާއްވައިދިނުމަށް ކަމަށް ވެސް ރައުޔުގައިވެ އެވެ.

    އޭގެ އިތުރުން އެ ސިޓީގައި ޖިހާދު ރާއްޖެ ދޫކޮށް ފިލައިގެންދާން އުޅޭކަމަށް ބެލެވޭ އެއްވެސް ސަބަބެއް ޕީޖީގެ ފަރާތުން ފާހަގަކޮށްފައިނުވާއިރު، ހައިކޯޓުގެ ޝަރީއަތުގެ މަޖިލީހުގައި ޕީޖީގެ ފަރަތުން ފާހަގަކޮށްފައިވަނީ ޖިހާދު ފުރައިގެން ދާންއުޅޭ ކަމަށް ލިބިފައިވާ ހެއްކަކީ ޖިހާދު ދުރައިގެން ދިއުމުގެ ހުއްދައަކަށް އެދި ކްރިމިނަލް ކޯޓަށް ހުށަހެޅި ފޯމާއެކު ހުށަހަޅާފައިވާ ޓިކެޓު ކަމަށް ރައުޔުގައި ފާހަގަކޮށްފައިވެ އެވެ.

    ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި އިތުރަށް ބުނީ، ރާއްޖޭން ބޭރަށް ފުރަން އެދި ހުށަހަޅާ ޓިކެޓަކީ އޭނާއާ ދެކޮޅަށް ބޭނުންކުރެވޭނެ ހެއްކެއްކަމުގައި ބެލެވޭނެ އުސޫލެއް ޕީޖީގެ ފަރާތުން ހުށަހަޅާފައިނުވާއިރު، ޖިހާދު ފިލައިގެން ހިނގާދާނެ ކަމަށް ބެލެވޭ އެއްވެސް ހެއްކެއް ގަރީނާއެއް ޕީޖީގެ ފަރާތުން ހުށަހަޅާފައިނުވާ ކަމަށެވެ.

    އަދި މައްސަލައިގެ ތަހުގީގުގެ އެއްވެސް މަރުހަލާއެއްގައި ވެސް އަދި ޝަރީއަތަށް މައްސަލަ ހުށަހެޅުމަށްފަހު ވެސް ޖިހާދު ފުރުން މަނާކުރުމުގެ އަމުރަކަށް ޕީޖީގެ ފަރަތުން އެދިފައިނުވާ ކަމަށާއި އަދި ޕީޖީގެ ސިޓީގައި ޕާސްޕޯޓް ހިފަހައްޓަންޖެހޭ މުއްދަތެއް ވެސް ބަޔާންކޮށްފައި ނެތް ކަމަށް ރައުޔުގައިވެ އެވެ.

    އެހެންކަމުން ފަނޑިޔާރު ހުސެއިން ޝަހީދުގެ ރައުޔުގައި ބުނެފައިވަނީ، ކްރިމިނަލް ކޯޓުގެ އަމުރުގައި ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 75 ވަނައަށް ރިއާޔަތްކޮށްފައިވަނީ ޝަރުއީ ނުވަތަ ގާނޫނީ އުސޫލުތަކާ ހިލާފަށްކަން އެނގޭ ކަމަށެވެ.

    ހިޔާލު ފާޅުކުރައްވާ

    Leave a Reply

    Your email address will not be published.

    This site uses Akismet to reduce spam. Learn how your comment data is processed.