ވައިގެ މަގުން ބްރެޒިލް އިން ރާއްޖެއަށް އައި އެގައުމުގެ ރައްޔިތަކާއި ލަޓްވިއާގެ ރައްޔިތެއްގެ އަތުން ތިން ކިލޯއަށްވުރެ ގިނަ ކޮކެއިން އަތުލައިގެންފިއެވެ.
ކަސްޓަމްސް އިން ބުނީ މި ދެ މީހުންގެ ތެރެއިން މިދިޔަ ނޮވެމްބަރު މަހުގެ ތިން ވަނަ ދުވަހު ރާއްޖެ އައި ލަޓްވިއާގެ 23 އަހަރުގެ ފިރިހެން މީހާގެ އަމަލުތައް ހުރި ގޮތުން އޭނައާމެދު ޝައްކުވެގެން އޭނާގެ ލަގެޖް ބަލައި ފާސް ކުރިއިރު، އޭނާގެ ލަގެޖުގެ ތެރެއިން ޑްރަގު ކަމަށް ޝައްކުވާ ތަކެތި ފެނުނު ކަމަށެވެ. އެތަކެތީގެ ބަރުދަނުގައި 2.44 ކިލޯ ހުރި އިރު، ފުރަތަމަ މަރުޙަލާގައި އެތަކެތި ޓެސްޓްކުރި އިރު ކޮކެއިންއަށް ޕޮޒިޓިވްވި ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
ކަސްޓަމްސް އިން ބުނީ، އުމުރުން 21 އަހަރުގެ ބްރެޒިލް މީހާ އައީ ނޮވެންބަރު 28 ވަނަ ދުވަހު އެވެ. އޭނާގެ އަމަލުތަކާމެދު ވެސް ޝައްކުވެގެން ބަލައި ފާސްކުރި އިރު ހަށިގަނޑުގައި ފޮރުވާފައިވާ 66 ޑްރަގު ކެޕްސޫލް ފެނުނު ކަމަށް ބުންޏެވެ. އެތަކެތީގެ ބަރުދަނުގައި 654.4 ގުރާމް ހުރި އިރު، ފުރަތަމަ މަރުހަލާގައި އެތަކެތި ޓެސްޓުކުރި އިރު ކޮކެއިންއަށް ޕޮޒިޓިވްވެފައިވާ ކަމަށް ކަސްޓަމްސް އިން ބުންޏެވެ.
މި ދެ މީހުން އަތުން އަތުލި ޑުރަގުގެ މަގުމަތީ އަގު 10،921،400 ރުފިޔާއަށް އަރަ އެވެ. އެ ދެމީހުންނާ ޑްރަގު މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.