އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން 32 މީހަކު ކޮވިޑަށް ޕޮޒިޓިވްވެއްޖެއެވެ.
ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިއަދު ޕޮޒިޓިވްވި 59 މީހުންގެ ތެރެއިން 27 މީހުން ޕޮސިޓިވް ވެފައިވަނީ އޮބްލޫ ސިލެކްޓް ސަންގެލި ރިސޯޓުން ކަމަށެވެ. އެ ރިސޯޓުން ޕޮޒިޓިވްވެފައިވާ އެންމެންނަކީ ވެސް މުވައްޒަފުން ކަމަށެވެ.
އެރަށުން އެންމެ ފުރަތަމަ ކޭސްއެއް ފެނިފައިވަނީ މި މަހުގެ ތިންވަނަ ދުވަހު އެވެ. އެއީ ބިދޭސީ މުވައްޒަފެއް ރާއްޖޭން ބޭރަށް ދަތުރުކުރުމަށްފަހު އެނބުރި އައިސް ހެދި ޓެސްޓުންނެވެ. އެ ކޭސްއާ ގުޅިގެން ކޮންޓެކްޓްވި އަށް މީހަކު ކަރަންޓީން ކުރި އިރު، އޭގެ ފަހުން ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި ހަތަރު މުވައްޒަފަކު މިދިޔަ ހޯމަ ދުވަހު ޕޮޒިޓިވްވި އެވެ.
އެޗްޕީއޭ އިން ބުނީ، އިތުރު މުވައްޒަފުންތަކެއް ޕޮޒިޓިވްވުމާ ގުޅިގެން އެ ރިސޯޓުގައި އިއްޔެ ރެންޑަމް ސާމްޕަލްގެ ގޮތުގައި 98 ސާމްޕަލް ނަގާފައިވާ ކަމަށެވެ. އޭގެ ތެރެއިން 19 ސާމްޕަލެއް ޕޮޒިޓިވްވެފައިވާއިރު މިއަދު ބަލީގެ އަލާމާތްތައް ހުރެގެން ޓެސްޓު ކުރި އަށް މުވައްޒަފަކު ވެސް ޕޮޒިޓިވްވެފައިވާ ކަމަށް ބުންޏެވެ.
އެގޮތުން އެ ރިސޯޓުން މިހާތަނަށް 32 މީހުން ޕޮޒިޓިވް ވެފައިވާ ކަމަށް އެޗްޕީއޭ އިން ބުންޏެވެ. އަދި އިތުރު ސާމްޕަލްތައް ނެގުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ.
ސަންގެލި ރިސޯޓުން ބަޔަކު ޕޮޒިޓިވްވެފައިވާ އިރު، ސަން ސިޔާމް އޮޅުވެލި ރިސޯޓުން 24 މީހަކު އަދި ބިޔާދޫ އައިލެންޑް ރިސޯޓުން 53 މީހަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފަ އެވެ.