Thu, 20 January, 2022, 2:10 pm

ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަން އަށް ދޭން ނިންމައިފި

Share on twitter
Share on facebook
Share on twitter
Share on facebook

ސްރީ ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަނަށް ދޭން ނިންމާާފައިވާ ކަމަށް އެގައުމުގެ ސަރުކާރާ ހަވާލާދީ ނޫސްތަކުން ރިޕޯޓްކޮށްފި އެވެ.

ލަންކާގެ ސިވިލް އޭވިއޭޝަން އޮތޯރިޓީ (ސީއޭއޭއެސްއެލް)އާ ހަވާލާދީ ލަންކާގެ ނޫސްތަކުން ބުނާ ގޮތުގައި، ލަންކާ ސަރުކާރުން ވަނީ ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ ދެ އެއާލައިނަކަށް ދީފަ އެވެ. އެއީ މޯލްޑިވިއަންގެ އިތުރުން އިތިއޯޕިއަން އެއާލައިންސް އެވެ. މިއާއެކު ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ ދީފައިވާ އެއާލައިންތަކުގެ އަދަދު ވަނީ 40އާ ގާތްކޮށްފަ އެވެ.

މޯލްޑިވިއަން އާއި އިތިއޯޕިއަން އެއާލައިންސްގެ އިތުރުން އިތުރު ހަ އެއާލައިނަކުން ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދައަށް އެދިފައިވާ ކަމަށް ވެސް އެގައުމުގެ ނޫސްތަކުން ބުނެ އެވެ. އޭގެ ތެރޭގައި ހިމެނެނީ ގޯއެއާ، ސްކައި ކެޕިޓަލް، ޖެޓްސާ، އެއާ ފެލްކޮން އަދި ޖަޒީރާ އެއާވޭސް އެވެ.

ލަންކާއަށް ދަތުރުތައް ފެށުމުގެ ހުއްދަ މޯލްޑިވިއަން އަށް ދީފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، އެ ދަތުރު ފަށާނެ ތާރިހެއް ނުވަތަ މޯލްޑިވިއަނުން އޮޕަރޭޓް ކުރާނެ އެއާޕޯޓެއް ނޫސްތަކުގައި ހާމަކޮށްފައެއް ނުވެއެވެ. އަދި އެކަމާ ގުޅޭގޮތުން މޯލްޑިވިއަނުން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މީގެ ކުރިން ވެސް މޯލްޑިވިއަންގެ ދަތުރުތައް ލަންކާއަށް ފެށުމުގެ ވާހަކަތަކެއް ފެތުރުނެވެ. އެއީ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އޭރުގެ ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ސްރީލަންކާގެ ސިވިލް އޭވިއޭޝާން މިނިސްޓަރު ނަމާލް ސިރިޕާލަ ޑިސިލްވައާ ބައްދަލުކުރައްވައި އޭރު ބޭއްވި މަޝްވަރާތަކަށްފަހު އެވެ.

އެފަހަރު މޯލްޑިވިއަންގެ ދަތުރުތައް ފަށާނެ ކަމަށް ބުނެފައިވަނީ ރަތަމަލާނަ އެއާޕޯޓު މަރާމާތުގެ މަސައްކަތް ނިމުމުންނެވެ. ފަހުން އެ ދަތުރުތަކުގެ ވާހަކައެއް ސަރުކާރުން ހާމަކޮށްފައެއް ނުވެ އެވެ.

ކޮވިޑާ ގުޅިގެން ރާއްޖެއަށް ޒަރޫރީ ގޮތުން ބޭނުންވާ ތަކެތި ގެނައުމަށް މޯލްޑިވިއަނުން ވަނީ މީގެ ކުރިން ރާއްޖެއާއި ލަންކާއާ ދެމެދު ޗާޓަރު ފްލައިޓްތަކެއް ބާއްވާފައެވެ. އަދި ފަހުން މޯލްޑިވިއަން އިން ވަނީ ސްރީލަންކާގެ މައްތަލަ ރާޖަޕަކްސާ އިންޓަނޭޝަނަލް އެއާޕޯޓަށް ވެސް ޗާޓަރު ފްލައިޓުތަކެއް ބާއްވައިފަ އެވެ.

ހިޔާލު ފާޅުކުރައްވާ

ހިޔާލު ދެއްވާ!

Your email address will not be published.

This site uses Akismet to reduce spam. Learn how your comment data is processed.