ގާޒީ މަހާޒަށް އެޅި ފިޔަވަޅު ރިވިއު ކުރަން ޖޭއެސްސީން ނިންމައިފި

ޑްރަގް ކޯޓްގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އަޅާފައިވާ ފިޔަވަޅު ރިވިއު ކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

 ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި ޖޭއެސްސީން އޭނާ އަށް ފިޔަވަޅު އެޅީ އަމިއްލަ ބްލޮގްގައި ލިއުއްވި ލިއުއްވުމަކާ ގުޅިގެން 2014 ވަނަ އަހަރު އެވެ.

އެ ލިއުމުގައި ގާޒީ މަހާޒު ލިޔުއްވާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބެއް ވެސް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ ނިންމުން މުރާޖައާ ކުރަން ކޮމިޝަނުން މިއަދު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެކޮމެޓީގައި ހިމެނޭ މެންބަރުން:

– ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ

– ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

– ކޮމިޝަނުގެ މެމްބަރު މެމްބަރު ޑރ. އަލީ ޝަމީމް

– ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު

އައިއޯޖީގައި ދިވެހި ދިދަ އުފުލާނީ ޒަބީރު

ދިހަވަނަ އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ހުޅުވުމުގެ ރަސްމިއްޔާތުގައި ދިވެހި ދިދަ އުފުލުމުގެ ޝަރަފު ބާސްކެޓް ކުޅުންތެރިޔާ އަހުމަދު ޒަބީރުއަށް ދީފި އެވެ.

އެމްއޯސީން ބުނީ، ދިދަ އުފުލާ އެތުލީޓު ހޮވީ އެމްއޯސީގެ ބޯޑުން ކަމަށެވެ.

އައިއޯއައިޖީގެ ރާއްޖޭގެ ދިދަ އުފުލުމަށް ޒަބީރު ހަމަޖައްސައި، އޭނާއާ ދިވެހި ގައުމީ ދިދަ ހަވާލްކޮށްދެއްވީ، ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް އެވެ.

ޓީރެކްސް ބާސްކެޓްބޯޅަ ކުލަބުގެ ޒަބީރަކީ، ދިވެހި ބާސްކެޓްގައި މިހާރު އެންމެ ތަޖުރިބާ ހުރި ކުޅުންތެރިޔާ އެވެ. އޭނާ ވަނީ ގައުމީ ބާސްކެޓްބޯޅަ ލީގްގެ މޮޅު ކުޅުންތެރިންގެ ތެރޭގައި ޖެހިޖެހިގެން ހަ އަހަރު ހިމެނިފަ އެވެ.

ރާއްޖޭގައި ބޭއްވި ފަސް ވަނަ ސަބާ ޗެމްޕިއަންޝިޕްގައި، ރާއްޖެއަށް ބްރޯންޒް މެޑަލް ހޯދައިދިނުމުގައި ޒަބީރު ވަނީ މޮޅު ކުޅުމެއް ދައްކާފަ އެވެ.

އައިއޯއައިޖީގެ ހުޅުވުމުގެ ރަސްމިއްޔާތުގައި 2015 ވަނަ އަހަރު ދިވެހި ދިދަ އުފުލީ ރާއްޖޭގެ އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދުއެވެ. މިމަހު 18 އިން 28 އަށް މޮރިޝަސްގައި ބާއްވާ މިގޭމްސްގައި ބައިވެރިވާ ދިވެހި ކޮންޓިންޖެންޓު ފުރުމަށް ހަމަޖެހިފައިވަނީ އަންނަ ބުދަ ދުވަހު ހެނދުނެވެ.

މި ފަހަރުގެ ގޭމްސްގައި ރާއްޖޭން ދިހަ ކުޅިވަރަކުން ވާދަކުރާނެ އެވެ. އެއީ އެތުލެޓިކްސް، ބެޑްމިންޓަން، ބީޗް ވޮލީބޯޅަ، ފުޓްބޯޅަ، ބާސްކެޓްބޯޅަ، ޓެނިސް، ސްވިމިން، ޓޭބަލް ޓެނިސް، ވޮލީބޯޅަ އަދި ކައިޓް ސާފިން އެވެ.

ބާ ކައުންސިލަށް މަރުހަބާ، ގާނޫނީ ދާއިރާ ކުރިއެރުވުމަށް މަސައްކަތް ކުރާނެ ކަން ޔަގީން: ރައީސް

ރާއްޖޭގައި އަލަށް އުފެއްދި ބާ ކައުންސިލަށް އިންތިހާބްވެވަޑައިގަތް ފަރާތްތަކަށް ރައީސް މަރުހަބާ ދަންނަވައި ގާނޫނީ ދާއިރާގެ ކުރިއެރުވުމަށް ބާ ކައުންސިލް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް ކަމަށް ވިދާޅުވެއްޖެ އެވެ.

ރައީސް އެހެން ވިދާޅުވެފައިވަނީ، ގާނޫނީ ވަކީލުންގެ ކަންކަން ބެލެހެއްޓުމަށް ރާއްޖޭގައި ފުރަތަމަ ފަހަރަށް އުފެއްދި ބާ ކައުންސިލަށް އިންތިހާބްވެވަޑައިގަތް ފަރާތްތަކަށް މަރުހަބާ ދަންނަވައި ކުރެއްވި ޓްވީޓެއްގަ އެވެ.

ބާ ކައުންސިލްގެ ފުރަތަމަ ރައީސަކަށް އިންތިހާބްވެވަޑައިގަތް މައުމޫން ހަމީދާއި ކައުންސިލްގެ އެހެނިހެން މަގާމްތަކަށް އިންތިހާބްވެވަޑައިގަތް މެންބަރުންނަށް ރައީސް ވަނީ މަރުހަބާ ދަންނަވާފަ އެވެ.

“އަދި ރާއްޖޭގެ ގާނޫނީ ދާއިރާގެ ކުރިއެރުމަށް ބާ ކައުންސިލް މަސައްކަތް ކުރައްވާނެ ކަމުގެ ފުރިހަމަ ޔަގީންކަން އެބައޮތް،” ރައީސްގެ ޓްވީޓްގައި ވިދާޅުވި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބްގައި ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގަތީ މައުމޫން ހަމީދު އެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއްސުއޫދުއަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ނައިބް ރައީސްއަކަށް އިންތިހާބްވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.

ބާ ކައުންސިލްގެ ރައީސަކަށް މައުމޫން ހަމީދު އިންތިހާބް ކޮށްފި

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބް ކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބްގައި ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގަތީ މައުމޫން ހަމީދު އެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއްސުއޫދުއަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ނައިބް ރައީސްއަކަށް އިންތިހާބްވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.

ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި އިންތިޚާބު ބޭއްވީ މާލެ އާއި އައްޑޫގަ އެވެ. އެއީ މާލޭގައި ދެ ފޮއްޓާއި އައްޑޫގައި ފޮއްޓެކެވެ. ޖުމްލަ 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމެޓީ:

1. މުހައްމަދު ފައިސަލް – 637 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.

ޖާބިރު، ޔޮޓް ޓުއާސް އިން އިސްތިއުފާ ދެއްވަނީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާ މެމްބަރު އަބްދުﷲ ޖާބިރުގެ އަމިއްލަ ކުންފުނި ޔޮޓް ޓުއާސް އިން އިސްތިއުފާ ދިނުމަށް ނިންމައިފިއެވެ.

ވިޔަފާރިވެރިޔާ ޖާބިރު ވިދާޅުވީ، ޔޮޓް ޓުއާސް އިން އިސްތިއުފާ ދިނުމަށް ނިންމީ ވިޔާފާރީގެ ދާއިރާއިން ދުރަށް ޖެހިވަޑައިގެން ސިޔާސީ މަސައްކަތްތަކަށް ވަގުތު ދިނުމަށް ކަމަށެވެ.

އެގޮތުން ޔޮޓް ޓުއާސް އިން އިސްތިއުފާ ދިނުމަށް ފުރިހަމަ ކުރަން ޖެހޭ ލިޔެކިޔުންތަކުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި އެކަން ހަމަޖެހުނުހާ އަވަހަކަށް އިސްތިއުފާ ދެއްވާނެ ކަމަށެވެ.

ޔޮޓް ޓުއާސް އިން އިސްތިއުފާ ދެއްވުމަށް ޖާބިރު ނިންމަވާފައިވާއިރު، ދިވެހި ރައްޔިތުންގެ ޕާޓީ(ޑީއާރުޕީ) އާ ގުޅިވަޑައިތަތުމަށް އޭނާ ވަނީ އިއްޔެ ނިންމަވާފައެވެ.

ޖާބިރު ވިދާޅުވީ، އޭނާގެ އަމާޒަކީ ރާއްޖޭގެ ދެވަނައަށް އުފެއްދި ޕާޓީ ޑީއާރުޕީ ނަގާ ކޮޅަށް ޖަހައި ޑީއާރުޕީ އަކީ ހަރުދަނާ ޕާޓީއަކަށް ހެދުން ކަމަށެވެ.

ރައީސް ބައިވެރިވެވަޑައިގަންނަވާ ޖަޒީރާ ހޮޅުއަށި މިފަހަރު ތިނަދޫގައި

ރައްޔިތުންގެ ކަންކަން ނިންމުމުގައި ރައްޔިތުންގެ ހިޔާލާއި މަޝްވަރާ ހޯދުމަށް ސަރުކާރުން ކުރިއަށް ގެންދާ ‘ޖަޒީރާ ހޮޅުއަށި’ ގިނަ ދުވަސްތަކަކަށް ފަހު އަންނަ ހަފްތާގައި ފެށުމަށް ނިންމައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ބައިވެރިވެވަޑައިގަންނަވާ ޖަޒީރާ ހޮޅުއަށީގެ މިފަހަރުގެ ބައްދަލުވުމުން ބާއްވަން ހަމަޖެހިފައި އޮތީ ގދ. ތިނަދޫގަ އެވެ. އެ ބައްދަލުވުން އޮންނާނީ އަންނަ ހަފްތާގެ ހުކުރު ދުވަހު އެވެ.

އެންމެ ފަހުން ޖަޒީރާ ހޮޅުއަށީގެ ބައްދަލުވުމުގެ ބާއްވައިފައި ވަނީ މިއަހަރުގެ ފެބުރުއަރީ މަހުގެ ފުރަތަމަ ދުވަހު އެވެ.

ރައީސްގެ ތަރުޖަމާނު އިބްރާހިމް ހޫދު ވިދާޅުވީ އެ ބައްދަލުވުމުގައި ރައްޔިތުންގެ ހިޔާލު ހޯދަން ހަމަޖެހިފައި ވަނީ މަސްވެރިކަމުން ނަފާ އިތުރު ކުރުމާ ގުޅޭގޮތުން ކަމަށާއި އަދި މަސް ކަނޑުތަކުގެ ނަފާ ދިވެހި މަސްވެރިންނަށް ފުރިހަމަ ގޮތުގައި ހޯދާ ދިނުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށެވެ

ޖަޒީރާ ހޮޅުއަށި ޕްރޮގްރާމަކީ ސިޔާސަތުތައް އެކުލަވާލުމުގައި، އެ މަސައްކަތެއްގައި ހަރަކާތްތެރިވާ ބައެއްގެ ލާބަޔާއި މަންފާއަށް ބަލައި، އަދި އެފަރާތްތަކަށް އެންމެ ބޮޑަށް ފައިދާވާނެހެން ކަންތައްތައް ރޭވުމަށް ބާއްވާ ބައްދަލުވުމެކެވެ.

ލުތުފީ ގެނައުމަށް ކުރީގެ ވެރިން ގިނަ މަސައްކަތްތަކެއް ކުރެއްވި: ފުލުހުން

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމަށް މީގެ ކުރީގެ ހޯމް މިނިސްޓަރުންނާއި ފުލުހުންގެ އިސްވެރިން ގިނަ މަސައްކަތްތަކެއް ކުރެއްވި ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން އެހެން ބުނެފައިވަމީ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ މަޖިލީހަށް ހާޒިރުކޮށް ލުތުފީއާ ގުޅޭގޮތުން ސުވާލުކުރުމުން، ދެއްކެވި ވާހަކަތަކަކީ ފުލުހުން ދިން ދޮގު މައުލޫމާތުގެ ސަބަބުން ދެއްކެވި ވާހަކަތަކެއް ކަމަށް ބައެއް ފަރާތްތަކުން ބުނެފައިވާތީ އެކަމާ ގުޅިގެން ނެރުނު ނޫސް ބަޔާނެއްގައެވެ.

އެގޮތުން މިނިސްޓަރު އިމްރާން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި މެމްބަރުން ކުރި ސުވާލަށް ޖަވާބުދެއްވަމުން، ދައްކަވާފައިވާ ވާހަކަތައް ބިނާކޮށްފައި ވަނީ ފުލުހުންގެ އިދާރާއިން ފޯރުކޮށްދިން ރެކޯޑުތަކުގެ މައްޗަށް ކަމަށެވެ.

“ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ހުކުމަށް ފިލައިގެން އުޅުނުއިރު އޭނާ ހައްޔަރުކޮށްގެން މާލެ ގެނެވިފައި ނުވާ ސަބަބާއި ފުލުހުން އެކަމުގައި ކޮށްފައިވާ މަސައްކަތްތަކާ ގުޅޭގޮތުން ދައްކާފައިވާ ވާހަކަފުޅުތަކަކީ މޯލްޑިވްސް ޕޮލިސް ސާވިސްގައި އެ މަސައްކަތްތަކާ ގުޅޭގޮތުން ފެންނަން ހުރި ރެކޯޑުތަކުގެ މައްޗަށް ބިނާކޮށް ޕޮލިސް ސާވިސް އިން އަރުވާފައިވާ މައުލޫމާތާ އެއްގޮތަށް މިނިސްޓަރު އިމްރާން އަބްދުﷲ ދައްކަވާފައިވާ ވާހަކަފުޅުތަކެކެވެ،” ފުލުހުން ނެރުނު ބަޔާނުގައި ވެއެވެ.

ލުތުފީ ފިލި ފަހުން ފުލުހުންގެ އިސް މަގާމުތަކާއި ހޯމް މިނިސްޓަރު ކަމުގެ މަގާމު ވެސް ގިނަ ފަރާތްތަކެއް އަދާކުރައްވައިފައިވާކަން ފާހަގަކޮށް އެ ބަޔާނުގައި ބުނީ އެ ފަރާތްތަކުން ލުތުފީ ހޯދަން ގިނަގުނަ މަސައްކަތްތަކެއް ކޮށްފައިވާ ކަމަށެވެ.

އެ މަސައްކަތްތަކުގެ ތަފްސީލް ރެކޯޑުތަކާއި އެ މަސައްކަތްތަކާ ގުޅޭގޮތުން ނިންމުނު ނިންމުންތައް އެ މަސައްކަތް ހިންގަމުން ދިޔަ ޑިޕާޓްމަންޓުތަކުގައި ލޮގް ކޮށް ރައްކާކުރެވިފައި އެބަހުރި ކަމަށް ވެސް ފުލުހުންގެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުން، ލަންކާއަށް ގޮސް އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވުމުން ނެވެ. އެއީ މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

ލުތުފީ ރާއްޖެ ގެނައުމަށް އިދިކޮޅުން ކުރި މަސައްކަތުގައި ލިބުނު ކާމިޔާބީ ފާހަގަކުރަނީ

ހ. ހާޖަރާގެ، އަބްދުﷲ ލުތުފީ ރާއްޖެ ގެނައުމާ ގުޅިގެން ލިބުނު ކާމިޔާބީ ފާހަގަކުރުމަށް އިދިކޮޅު ފަރާތްތަކުން ނިންމައިފި އެވެ.

އެގޮތުން އުމަރު ނަސީރު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ލުތުފީ ފޮރުވައިގެން ގެންގުޅެނިކޮށް އެކަން ފަޅާއަރުވާލައި، އޭނާ އަނބުރާ ޖަލަށް ގެނައުމަށް ކުރި މަސައްކަތުގެ ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ހާއްސަ ޖަލްސާ އެއް އަންނަ ހުކުރު ދުވަހުގެރޭ ކާނިވާ ސަރަހައްދުގައި އޮންނާނެ ކަމަށެވެ.

އެ ޖަލްސާގެ އިންތިޒާމްތައް ކުރަމުން އަންނަ އިރު ޖަލްސާ އޮންނާނީ ހުކުރު ދުވަހުގެރޭ 9:00 ގައި ކަމަށް އުމަރު ވިދާޅުވި އެވެ.

ބޭސްފަރުވާއަކަށް ކަމަށް ބުނެ ރާއްޖެއިން ބޭރަށް ދިޔަ ގޮތަށް ނުވަ އަހަރާއި ހަ މަހާއި 23 ދުވަހު ފިލައިގެން އުޅުމަށްފަހު އޭނާ ރާއްޖެ ގެނައީ ރޭ 9:31 ހާއިރު އެވެ.

ލުތުފީ ރާއްޖެ ގެނެސްފައި މިވަނީ، ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ޖެނުއަރީ 16، 2010 ގައި ބޭސްފަރުވާއަށް ތިން މަހަށް އިންޑިޔާއަށް ފޮނުވާލުމުން، ލަންކާއަށް ގޮސް އެގައުމުގައި ފިލައިގެން އުޅުމަށްފަހު މިދިޔަ މެއި މަހުގެ 1 ވަނަ ދުވަހު ލަންކާގައި ހުންނަ އެމްބަސީއާ އަމިއްލައަށް ގޮސް ހަވާލުވުމުން ނެވެ. އެއީ މިދިޔަ އޭޕްރިލް މަހު ލަންކާގައި ދިން ޓެރަރިސްޓް ހަމަލާތަކަށްފަހު އެގައުމުގެ ފުލުހުން ކުރިއަށް ގެންދިޔަ އޮޕަރޭޝަންތަކާ ގުޅިގެން ނެވެ.

ނަމަވެސް ލުތުފީ އެމްބަސީއަށް ގޮސް އަމިއްލައަށް ހަވާލުވިކަން ދިވެހި ސަރުކާރުން ހާމަކުރީ އޭގެ 54 ދުވަސް ފަހުންނެވެ. އެއީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެކަން ފަޅާ އަރުވައިލުމުންނެވެ.

އެ މައްސަލައާ ގުޅިގެން ސަރުކާރަށް ވަރަށް ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވިއިރު، އެމްބަސީގައި ލުތުފީ އަށް ދެމުންދިޔައީ ވީއައިޕީ ހިދުމަތްތަކެއް ކަމަށް ވެސް އިދިކޮޅު ފަރާތްތަކުން ތުހުމަތުކުރި އެވެ. ނަމަވެސް ސަރުކާރުން ބުނަމުންދިޔައީ ލުތުފީ ރާއްޖެ ގެންނަން ލަސްވެފައި ވަނީ ލަންކާ ސަރުކާރުގެ ކަމާ ބެހޭ ފަރާތްތަކުގެ ހުއްދަތައް ނުލިބިގެން ކަމަށާއި ލުތުފީ ހުރީ ދިވެހި ފުލުހުންގެ ބެލުމުގެ ދަށުގައި ކަމަށެވެ.

އިމްރާންގެ ދިފާއުގައި ނަޝީދު: ނުގެނެވުނު ލުތުފީ ގެނައީ އިމްރާންގެ މިނިސްޓަރު ކަމުގައި

ފިލައިގެން ދިޔަ ފަހުން އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރަކަށް ނުގެނެވުނު، ނޮވެމްބަރު ތިނެއްގެ އުދުވާނީ ހަމަލާގެ މޭސްތިރިޔާ، ހ.ހާޖަރާގޭ އަބްދުﷲ ލުތުފީ ރާއްޖެ ގެނައިސްފައިވަނީ ޝެއިހް އިމްރާން ހޯމް މިނިސްޓަރަކަށް ހުންނަވައިގެން ކަމަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މީގެ ކުރިން އަބްދުﷲ ލުތުފީ މާލެ ނުގެނެވުނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރުގެ ހުއްދަ ނުލިބިގެން ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހުގައި ދެއްކެވި ވާހަކަތައް ކުރީގެ ތިން ޕޮލިސް ކޮމިޝަނަރުން ވަނީ ދޮގުކުރައްވާފަ އެވެ.

އިއްޔެގެ މަޖިލީހުގެ ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ 2014 ވަނަ އަހަރު ލުތުފީ ހުރިތަނުގެ މައުލޫމާތު ދިނުމުން އޭނާ އަނބުރާ ރާއްޖެ ގެނައުމަށް ގިނަ މަސައްކަތަކެއް ދިވެހި ފުލުހުން ކުރި ކަމަށާއި، ނަމަވެސް ލުތުފީ އަނބުރާ މާލެ ނުގެނެވުނީ އުމަރުގެ ހުއްދަ ނުލިބިގެން ކަމަށެވެ.

ނަމަވެސް ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ޕޮލިސް ކޮމިޝަނަރުކަން ކުރެއްވި ތިން ބޭފުޅުންކަމަށްވާ އަހްމަދު އަރީފް އާއި ހުސެއިން ވަހީދު އަދި އަބްދުﷲ ރިޔާޒް ވެސް ވަނީ އިމްރާންގެ ވާހަކަތައް ދޮގުކުރައްވައިފަ އެވެ.

ނަޝީދު މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މަޖިލިސް ތަޅުމުގައި ހޯމް މިނިސްޓަރު އިތުރުފުޅު ހައްދަވާނެ ކަމަށް ދެކިގެން ނުވާނެ ކަމަށާއި އެތައް ޕޮލިސް ކޮމިޝަނަރަކާއި ހޯމް މިނިސްޓަރުންގެ ދައުރު ނިމިދިޔަ އިރު ލުތުފީ ރާއްޖެ ގެނެވިފައެއް ނުވާ ކަމަށެވެ.

“އެކަންވީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ރައީސް ކަމުގައި އިމްރާން އަބްދުﷲގެ ހޯމް މިނިސްޓަރުކަމުގައި މުހައްމަދު ހަމީދުގެ ސީޕީ ކަމުގައި،” ނަޝީދު ވިދާޅުވި އެވެ.

ލުތުފީ މިދިޔަ މެއި މަހުގެ އެއް ވަނަ ދުވަހު ލަންކާގައި ހުންނަ ދިވެހި އެމްބަސީއަށް ވަދެ އަމިއްލައަށް ސަރުކާރާ ހަވާލުވި ފަހުން މަހަކަށް ވުރެ ދުވަސް ވީއިރުވެސް އެކަން ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ. އެކަން ފަޅާއަރުވައިލީ ވެސް އުމަރެވެ.

ލުތުފީ މިރޭ މާލެ ގެނައިސްފައިވާއިރު ފުލުހުންގެ ބެލުމުގެ ދަށުން އޭނާ ކަރެކްޝަނާއި ހަވާލު ކުރުމަށް ވަނީ ނިންމާފަ އެވެ.

ހަސަން ސައީދުގެ ތަހުގީގް އަޑުއެހުން އާދިއްތަ ދުވަހު

ފެމިލީ ކޯޓުގެ އިސް ގާޒީ ހަސަން ސައީދުގެ މައްޗަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅާފައިވާ ދެ މައްސަލައިގެ ތަހުގީގުގެ އަޑުއެހުމެއް އަންނަ އާދީއްތަ ދުވަހު ހުޅުވާލައިގެން ބާއްވަން އެ ކޮމިޝަނުން މިއަދު ނިންމައިފި އެވެ.

ޖޭއެސްސީން މިރޭ ބުނީ، ހަސަން ސައީދުގެ ތަހުގީގް އަޑުއެހުން އާދިއްތަ ދުވަހުގެ 13:45 ގައި ޕޯސްޓް ބިލްޑިންގ ހަ ވަނަ ފަންގިފިލާގައި އޮންނާނެ ކަމަށެވެ.

ގާޒީ ހަސަންއާ ގުޅޭ ގޮތުން ޖޭއެސްސީ އަށް މައްސަލަ ހުށަހަޅާފައިވާއިރު މިދިޔަ މަހުގެ 12 ވަނަ ދުވަހު ވަނީ ސަސްޕެންޑުކޮށްފަ އެވެ. އަދި އެ ތަހުގީގު އާންމުކޮށް ހުޅުވާލައިގެން ބާއްވަން ހާޒީ ހަސަން އެދިވަޑައިގެންފައިވާ ކަމަށް ޖޭއެސްސީން ވަނީ ބުނެފަ އެވެ.

މީގެކުރިން އެހެން މައްސަލައެއްގައި ވެސް ހަސަން ސައީދު ސަސްޕެންޑުކުރި އެވެ. ނަމަވެސް އެ މައްސަލަ ބެލުމަށްފަހު އެއްވެސް ފިޔަވަޅެއް އޭނައާ މެދު އަޅާފައެއް ނުވެއެވެ.