ހެއާ ޑްރަޔާރ އޮން ކޮށްގެން ނޫން ގޮތަކަށް ނުނިދޭ

ދުވަހަކުވެސް އަޑު އެއްސެވިންތޯ ހެއާ ޑްރަޔާރއާއި ނުލައި މީހަކަށް ނުނިދޭ ވާހަކަ؟ 31 އަހަރުގެ ލޯރީ ބްރޯޑީ އަކީ އުމުރުން 8 އަހަރުން ފެށިގެން ހެއާ ޑްރަޔާރއެއް އޮން ކޮށްގެން ކައިރީގައި ބާއްވައިގެން ނޫނީ ނުނިދޭ މީހެކެވެ.

ލޯރީ ބުނާގޮތުގައި ހެއާ ޑްރަޔާރ އޮންކޮށްގެން ނޫންގޮތަކަށް އޭނާއަށް ނުނިދޭއިރު ހެއާ ޑްރަޔާރ ނެތިއްޔާ އޭނާއަށް ނިދަން ވަރަށް އުނދަގޫވެ އަދި އެއްވެސް ގޮތަކަށް ބައެއް ރޭ ރޭ ނުނިދެއެވެ.

އޭނާ ބުނާގޮތުގައި ހެއާ ޑްރަޔާއިން ވާ ހޫނު އަދި އޭގެ އަޑުން އޭނާއަށް ހިތްހަމަޖެހުން ލިބެއެވެ. ލޯރީ ބުނާގޮތުގައި އޭނާ އެންމެ ފުރަތަމަ ހެއާ ޑްރަޔާރ އޮންކޮށްގެން ނިދަންފެށީ އޭނާގެ އާއިލާ މީހުން އަޑުގަދަކުރާ ވަރުންނެވެ.

ލޯރީގެ އާއިލާގައި ދިހަ މީހުން ތިބޭއިރު އޭނާއަށް އެމީހުންގެ އަޑުގަދަކަމުން ނިދަން އުނދަގޫވާކަމަށް ލޯރީ ބުންޏެވެ. އެހާހިސާބުން އޭނާ ހެއާ ޑްރަޔާރއެއް އޮންކޮށްގެން ނިދަން ފެށިގޮތަށް އަދިވެސް ނުހުއްޓާކަމަށް އޭނާ ކިޔައިދިނެވެ.

މިހާރު އުމުރުން 31 އަހަރުގެ ލޯރީ ވަނީ އެމެރިކާގެ މަޝްހޫރު އެކި ޓީވީ ޝޯވތަކުގައިވެސް އޭނާގެ މި ވާހަކަތައް ކިޔައިދީފައެވެ. ލޯރީ ކިޔައިދޭގޮތުގައި މިހާރު އޭނާ އެންމެ ހާސްވަނީ އޭނާގެ ދަރިފުޅުވެސް މިގޮތަށް އަމަލުކުރަން ފަށައިގަނެފާނެތީއެވެ.

ލޯރީ ބުނާގޮތުގައި އޭނާ އެއްވެސް ވަރަކަށް މިކަމަށްޓަކައި ލަދެއްނުގަނެއެވެ. އެކަމަކު ހެއާ ޑްރަޔާރ ހޫނުވެގެންގޮސް އޭނާ ނިދާފައި އޮންނަ ވަގުތު އަލިފާން ރޯވެދާނެތީ އޭނާ ވަރަށް ބިރުގަންނަކަމަށް ލޯރީ ކިޔައިދިނެވެ.

ބާރު ސްޕީޑުގައި ދުއްވާ އެއްޗިހި ދުއްވަނީ މިފަދަ މީހުން

ބާރު ސްޕީޑުގައި އާންމުކޮށް ދުއްވާ އެއްޗިހި ދުއްވަނީ ވަކި ވައްތަރެއްގެ ވަކި އިހުސާސްތަކެއް ހުންނަ ބައެއް ކަމަށް އިނގިރޭސިވިލާތުގެ ބައެއް ދިރާސާތަކުން ވަނީ ދައްކުވައިދީފައެވެ. މިގޮތުން އެންމެ ބާރަށް ދުއްވާ އެއްޗިހި ދުއްވަނީ އާންމުކޮށް އުމުރުން 17 އަހަރާއި 24 އަހަރާއި ދެމެދުގެ މީހުންނެވެ. މީގެ ތެރޭގައި އަންހެން އަދި ފިރިހެން ވަކި ޖިންސަކަށް މި ދިރާސާއިން ބުރަނުވެވޭއިރު ދެން އެންމެ ބާރަށް ދުއްވާ އެއްޗިހި ދުއްވާކަމަށް ދިރާސާތަކަށް ފާހަގަކުރެވިފައިވަނީ 25 އަހަރާއި 58 އަހަރާއި ދެމެދުގެ މީހުންނެވެ.

އެއަށްފަހު 58 އަހަރުން މަތީގެ މީހުންގެ ތެރެއިން އާންމުގޮތެއްގައި ބާރަށް ދުއްވަނީ ފިރިހެނުންކަމަށްވެސް މި ދިރާސާތަކަށް ވަނީ ފާހަގަކުރެވިފައެވެ. މިފަދަ މީހުންގެ ވަކި ހާއްސަ ބައެއް ސިފަތަކެއް ހުންނަކަމަށް މި ދިރާސާތަކުން ދައްކުވައިދޭއިރު މީގެ ތެރެއިން އެއް ސިފައަކީ އެމީހުންނަކީ ކެތްމަދު މީހުން ކަމުގައިވާތީކަމަށް މި ދިރާސާތަކުން ވަނީ ހާމަކޮށްފައެވެ. އަދި މިފަދަ މީހުންނަކީ އާންމުގޮތެއްގައި އެމީހަކާއި އެކު ކާރުގައި ނުވަތަ ސައިކަލުގައި ދެން އިންނަ މީހާއަށް އެމީހެއްގެ ދުއްވުމުގެ ހުނަރުވެރިކަމާއި ފަރިތަކަން ދައްކަންވެސް މަސައްކަތްކުރާ ބައެއްކަމަށް ވަނީ ފާހަގަކުރެވިފައެވެ.

އަނެއްބައި މީހުން ބާރަށް ދުއްވަނީ އެމީހުންގެ އިހުސާސްތައް އެވަގުތު ހުންނަ ގޮތަކުންކަމަށް ބެލެވޭއިރު ނުރަނގަޅު މޫޑެއްގައި އެމީހަކު ހުރެއްޖެނަމަ އެމީހަކު ދުއްވާ ސްޕީޑު އިތުރުވާކަމަށްވެސް ވަނީ ފާހަގަކުރެވިފައެވެ. މިއިން ކޮންމެ ކަމެއްވިޔަސް ކޮންމެ މީހަކުވެސް ދުއްވާފައި ދާއިރު ވިސްނާލުން އެންމެ ރަނގަޅީ މަގުމަތީގައި އެކްސިޑެންޓެއްވެއްޖެނަމަ ތިބާގެ ފުރާނައިގެ އިތުރުން އެހެން ބައެއްގެ ފުރާނައަށްވެސް ނުރައްކާވުމަކީ އެކަށީގެންވާކަމެއްކަމެވެ.

ރުޅިގަދަވެ ގޯހެއްހެދުމުގެ ކުރިން ތި ކެވޭ އެއްޗިއްސާއިމެދު ވިސްނާލުން މުހިންމު

ކުދި ކުދި ކަންތައްތަކާއި ދިމާވުމުން ފަސޭހައިން  ރުޅިގަދަވެ ރުޅި ކޮންޓްރޯލްކުރުމަށް ދަތިވުމަކީ ބައެއް މީހުންނަށް ވަރަށް އާންމުކޮށް ކުރިމަތިވާ ކަމެކެވެ. މިގޮތުން ރުޅި ގަދަވުމަށް އެތައް ސަބަބުތަކެއް ހޯދިފައިވާއިރު ރުޅި މައިތިރިކުރުމަށްވެސް އެތައް ގޮތްތަކެއް ހުރެއެވެ.

ތިމާ  ރުޅިގަދަވަނީ ނުވަތަ ފަސޭހައިން ރުޅި އަންނަނީ ތިމާއަށް ކެވޭ އެއްޗެއްގެ ސަބަބުންކަމާއި މެދު ވިސްނާލީ ތިޔައިގެތެރެއިން ކިތައްބޭފުޅުންތޯއެވެ؟ މިއީވެސް ހަމަ ވެދާނޭކަމެއްކަމަށް ބައެއް ތަޖުރިބާކާރުން ވަނީ ހާމަކޮށްފައެވެ. އެގޮތުން ރުޅިގަދަވުމަށް ނުވަތަ ފަސޭހައިން ރުޅި އައުމަށް މެދުވެރިކުރުވާ އެކައްޗަކީ އެންމެ ފެވަރިޓްގެ ގޮތުގައި ތިޔަ ބޭނުންކުރާ ކޮފީއެވެ.

ކޮފީ އަކީ އޭގެން މީހާގެ ހަށިގަނޑުގައި ބާރުޖައްސައިދޭ އެއްޗެއްކަމަށް ބައެއް ދިރާސާތަކުން މަޝްހޫރުވެފައިވާއިރު މިއީ ބައެއް ފަހަރު ހަށިގަނޑަށް ބޭނުންވާ މިންވަރަށްވުރެ އިތުރަށް ބާރު ލިއްބައިދޭ އެއްޗެކެވެ. މާ ގިނައިން ކޮފީ ބުއިމުގެ ސަބަބުން ނުވަތަ ތަންކޮޅެއްގިނައިން ކޮފީއަޅައިގެން ކޮފީ ބުއިމުގެ ސަބަބުން މީހާ ‘ހައިޕާރ’ ވާން މެދުވެރިވާއިރު ބައެއް ފަހަރު މީހާގެ ހަށިގަނޑު ކޮންޓްރޯލުން ނައްޓައިގެންދިޔުމަކީވެސް އެކަށީގެންވާކަމެކެވެ.

މިގޮތުން އެފަދަ ވަގުތެއްގައި ރުޅި އަންނަ ވަރުގެ ކަމެއް މެދުވެރިވެއްޖެނަމަ އެ ރުޅި ބޭރުކުރެވޭނީ ކޮފީއިން ތިމާއަށް ގެނުވައިދޭ ‘ފޯރި’ އާއި އެކުގައެވެ. ނަތީޖާއަކީ ތިމާގެ ރުޅި އިންތިހާއަށް އިތުރުވުމެވެ.

އަދި ހަމަ އެހެންމެ ކެއުމުގައި އާންމުކޮށް ތިޔަ ބޭނުންކުރާ ޓޮމާޓޯ އަކީވެސް މީހާ ހޫނުކޮށްދޭ ކާއެއްޗެއްކަމަށް އަޔުވެޑިކް ދާއިރާގެ ތަޖުރިބާކާރުން ވަނީ ބުނެފައެވެ. ވުމާއިއެކު ޓޮމާޓޯ ކައިގެން މީހާ ‘ހޫނު’ އަރާފައި ހުންނަ ގަޑީގައި ރުޅި އައިއްސިއްޔާ އެމީހެއްގެ ރުޅި އިތުރުވުމަކީވެސް އެކަށީގެންވާކަމެކެވެ.

މީގެއިތުރުން ކިރުން އުފައްދާފައިވާ ތަކެއްޗާއި ވީޓް ހިމެނޭ ކާ އެއްޗިއްސަކީ ވެސް މީހާގެ ރުޅި އިތުރުކޮށްދޭ ބާވަތްތަށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެފައިވެއެވެ. އެފަރާތްތަކުން އިންޒާރުކޮށް ބުނެފައިވަނީ މިދެންނެވިފަދަ ބަވަތްތަކުގައި  ކޭސެއިން ނަމަކަށްކިޔާ މާއްދާއެއް ހިމެނޭ ކަމަށެވެ.އަދި އެ  މާއްދާއަކީ ރުޅިގަދަވުން ނުވަތަ މީހާ ކޮންޓްރޯލުން ނައްޓައިގެން ދިޔުމަށް މެދުވެރިކުރުވާ އެއްޗެއްކަމަށް ވެސް ދިރާސާކުރާފަރާތްތަކުން އެތަށް އެތަށް ދިރާސާރަކަކަށް ފަހު ހާމަކޮށްފައިވެއެވެ. ވީމާ ރުޅި ކޮންޓްރޯލްކުރަން ބޭނުންވާނަމަ މި ދެންނެވި އެއްޗިހި ކެއުމުގައި މިންވަރެއް ގެންގުޅުން ވަރަށް ރަގަޅުވާނެއެވެ. ނޫނިއްޔާ ރުޅިކޮންޓްރޯލުން ނެއްޓި ބޮޑު ގޯހެއް ހިގައިދާނެއެވެ.

ލަވަކިޔުމަކީ މީހާގެ ސިއްހަތަށް ވަރަށް ފައިދާހުރި ކަމެއް

ލަވަކިޔުމަކީ ގިނަ ބަޔަކު ހުސްވަގުތުތަކުގައި ކުރުމަށް ވަރަށް ލޯބިކުރާ ކަމެކެވެ. އެގޮތުން ލަވަ ކިޔުމުން މީހާއަށް ނަފްސާނީގޮތުންވެސް ވަރަށް ގިނަ ފައިދާތަކެއް ކުރުވާ ކަމެއްކަމުގައި ދިރާސާތަކުން ދައްކުވައިދީފައިވާއިރު ލަވަކިޔުމަކީ މީހާގެ ސިއްހަތަށްވެސް ވަރަށް ފައިދާހުރި ކަމެއްކަމަށް އެދިރާސާތަކުން ވަނީ ފާހަގަކުރެވިފައެވެ.

މިގޮތަށް އެންމެ ފާހަގަކޮށްލެވޭ އެއް ފައިދާއަކީ ލަވަކިޔުމުގެ ސަބަބުން ހަށިގަނޑުގައި ހުންނަ ޓެންޝަން ނުވަތަ ސްޓްރެސް ބޭރުކޮށްދޭ ކަމެވެ. ލަވަކިޔާ ގިނަ ބަޔަކަށް މިކަން އޮންނާނީ ފާހަގަކުރެވިފައެވެ. ލަވަކިޔަން ފެށުމާއިއެކު ބައެއް މީހުންނަށް ދުވާލުގެ މަސައްކަތުގެ ބުރަ ކަމުގެ އިހްސާސްތަށް ފިލާގޮސް މީހާގެ ވިސްނުން ހަމަޖައްސާލަދެއެވެ.

މީގެއިތުރުންވެސް ލަވަކިޔުމުގެ ސަބަބުން މީހާގެ ސިކުނޑީގެ ސަމާލުކަންވެސް އިތުރުކޮށްދޭއިރު ލަވަކިޔުމުގެ ސަބަބުން މީހާގެ ހަށިގަނޑުގެ ލޭ ދައުރުވުންވެސް ރަނގަޅުކޮށްދޭކަމަށް ދިރާސާތަކުގެ އަލީގައި ބުނެފައިވެއެވެ.

މީހާގެ ސިކުނޑިއަށް އޮކްސިޖަން ފޯރުކޮށްދޭ މިންވަރުވެސް އިތުރުވާއިރު ލަވަކިޔުމުގެ ސަބަބުން މީހާގެ ސިކުނޑީގެ ބާރުވެސް އިތުރުކޮށްދޭ ކަމަށް ވެއެވެ.އަދި  ލަވަކިޔުމުގެ ސަބަބުން ސްޓްރެސް ހޯމޯންއެއްކަމުގައިވާ ކޯޓިސޮލް ވެސް މީހާގެ ލެއިން މަދުކޮށްދެއެވެ.

ގިނަ ބަޔަކަށް  ނޭނޭގި މިކަން ކުރެވުނުކަމުގައިވިޔަސް ހަގީގަތުގައިވެސް އެކުރެވެނީ ސިއްޚަތަށް ފައިދާހުރި ކަމެކެވެ. ނޭނގިނަމަވެސް ސިއްކަތަށް ފައިދާހުރިކަމެއް ކުރެވުމަކީ ރަގަޅުފާލެކެވެ. ހަމަ ކުރިޔަށް ގެންދަންވީއެވެ.

އެއްލައްކަ ސާޅީސް އެތަށް އަހަރެއްގެ ޖަލު ހުކުމަކުން ސަލާމަތްވެ އާންމު ދިރިއުޅުމަށް

ދުނިޔޭގެ އެކި ގައުމުތަކުގައި ގާނޫނީ ނިޒާމްތައް އޮންނަނީ އެކި ގޮތްގޮތަށެވެ. ބައެއް ގައުމުތަކުގައި އޮންނަ ނިޒާމުގެ ސަބަބުން ބައެއް ފަހަރު އެގައުމުގައި ކުށެއްކޮށްގެން ހުކުމްކުރެވޭ މީހުންނަށް ވަނީ އާދަޔާޚިލާފް ޖަލުހުކުމްތަކަށްވެސްކުރެވިފައެވެ. އަނެއްބައި ގައުމުތަކުގައި ގާނޫނު ބަލިކަށިވުމުގެ ސަބަބުން ސީރިއަސް ކުށްތައް ކުރާ މީހުންވެސް ޖަލު ހުކުމުގަ މަދު ދުވަސްކޮޅެއް ތަންފީޒުކުރުމަށްފަހު މުޖްތަމައުގެ ތެރެއަށް ދޫކުރެވިގެންދާތަންވެސް ފެނިގެންދެއެވެ.

މިގޮތުން ތައިލޭންޑްގެ ޗަމޮއި ތިޕްޔާސޯ އަކީ މުޅިއަކު 141،078(އެއްލައްކަ ސާޅީސް އެއްހާސް ހަތްދިހަ އަށެއް) އަހަރުގެ ޖަލުހުކުމެއް ތަންފީޒުކުރުމަށް އެގައުމުގެ ކޯޓަކުން ހުކުމް ކޮށްފައިވާ މީހެކެވެ.

ޗަމޮއި އަކީ މީހުންނަށް އޮޅުވާލައިގެން ފައިސާ ނެގިކަމުގެ ކުށުގައި ހައްޔަރުކުރެވި 2006 ވަނަ އަހަރު އެގައުމުގެ ކޯޓުން ހުކުމް އިއްވުނު މީހެކެވެ. އަދި އޭނާ ވަނީ ސޯޅަސަތޭކަ އެތަށް މީހުންނެއްގެ އަތުން އެތަށް މިލިޔަން ރުފިޔާއެއް ހޯދުމުގައި މަކަރުވެރި ބޮޑެތި ރޭވުންތަކެއް ރާވައިގެން  ފައިސާހޯދާފައެވެ. އެހެންކަމުން އެކި މީހުންނަށް ލިބުނު ގެއްލުމުގެ އަދަދު ވަނީ ޖުމްލަ 204 މިލިއަން ޑޮލަރަށް އަރައިފައެވެ.

ޗަމޮއި އަކީ މިހާތަނަށް ދުނިޔޭގެ އެންމެ ދިގު ޖަލު ހުކުމެއް ކުރެވިގެންދިޔަ މީހާގެ ރެކޯޑް ގިނިސް ބުކް އޮފް ވޯލްޑް ރެކޯޑްސްގައި އޮންނަ ފަރާތެވެ. އެހެންނަމަވެސް ތައިލޭންޑްގެ ގާނޫނުގައި އޭރު އޮންނަ ގޮތުންނަމަ މިފަދަ ކުށެއްގައި ކިތަންމެ ބޮޑު ހުކުމެއް ކުރެވިގެންދިޔަޔަސް އެމީހަކު ޖަލުގައި ހޭދަކުރަންޖެހޭ މުއްދަތަކީ ގިނަވެގެން އެންމެ 20 އަހަރެވެ.

އެހެންކަމުން ތައިލޭންޑްގައި އޭރު އަމަލުކުރަމުންދިޔަ އެ ގާނޫނުގެ ސަބަބުން އެއްލައްކަ ސާޅީސް އެއްހާސް ހަތްދިހަ އަށް އަހަރަށް ޖަލަށް ހުކުމްކޮށްފައިވާ ޗަމޮއި ވަނީ އެންމެ 8 އަހަރުތެރޭގައި ޖަލުން މިނިވަންވެ އާންމު ދިރުއުޅުމަށް ނުކުމެފައެވެ.

މަޝްހޫރު ތަރި ޝްރާދާ އަށް ބޮޑު ސިހުމެއް ލިބުނު އިރު ކެޓްރީނާގެ ދައްތަ މިހެދީ ކިހިނެއްބާ؟

އިންޑިއާގައި ވިޔަފާރި ކޮށްއުޅޭ އަދި އަގުބޮޑު ބައެއް ބްރޭންޑްތަށް ގެންގުޅޭޭ ފަރާތްތަކުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ އެފަރާތްތަކުން  ވިއްކަން ގެންގުޅޭ ބްރޭންޑެއް ނުވަތަ އެއްޗެއް ވިއްކުމަށްޓަކައި ބްލީވުޑްގެ މަޝްހޫރު ތަރިއެއް އެ ބްރޭންޑެއްގެ އެމްބަސެޑަރަކަށް ހެދުން ނުވަތަ  އެބްރޭންޑެއް ވިއްކުމަށް އެފަދަ މަޝްހޫރު ތަރިންނަށް އަމާޒުކުރުމެވެ.

އެގޮތުން ސްޕޮންސާރ ދިނުމުގައިވެސް އެފަދަ ބޮޑެތި ވިޔަފާރިވެރިން އަމަލުކުރަމުންދަނީ މިފަދަ ގޮތަކަށެވެ. އިންޑިޔާގެ ބައެއް ނޫސްތަކުގެ ފަލަސުރުޚީއަށް ނިމިގެންދިޔަ ހަފްތާގައި ވަނީ އެދަ ތަފާތު ޚަބަރެއް އަރާފައެވެ.

ގިނަބަޔަކަށް ހައިރާންކަން ލިބިގެން ދިޔަ މިޚަބަރުގައިވަނީ މަޝްހޫރު މޭކަޕްގެ ބްރޭންޑެއްކަމުގައިވާ “ލަކްމީ” ގެ ސްޕޮންސަރ ބޮލީވުޑްގެ އެންމެ ނަން މަޝްހޫރު އެއް ތަރިކަމުގައިވާ ޝްރާދާ ކަޕޫރުއަތުން ގެއްލިގެން ދިޔައިރު އެ ފުރުސަތު މިހާރު ލިބިފައިވަނީ ބޮލީވުޑްގެ ފިލްމަކުން މިހާތަނަށް ފެނިފައިނުވާ ކެޓްރީނާ ކާއިފްގެ ދައްތަ އިސަބެލް ކާއިފްއަށެވެ.

މޭކްއަޕްގެ ދާއިރާއިން ފުންނާބުއުސް މި ބްރޭންޑްއިން ވަނީ ޝްރާދާއަށް އެ ކުންފުނިން ދީފައިވާ ސްޕޮންސާރ ކޮންޓްރެކްޓް އަލުން އާކުރުމުގެ ބަދަލުގައި އިސަބެލް ކާއިފްއަށް އެ ކޮންޓްރެކްޓް ހުށަހެޅުމަށް ނިންމައިފައެވެ.

އަދި 2014ވަނަ އަހަރުން ފެށިގެން އެ ބްރޭންޑްގެ ސްޕޮންސާރ އޮންނަ ޝްރާދާއަށް އެއީ ލިބިގެންދާނެ ކުއްލި ސިހުމެއްކަމަށް ބެލެވިފައިވާއިރު މިފަދަ އަގުބޮޑު ސްޕޮންސަރތަކުގެ ސަބަބުން އިސަބެލްގެ މަގާމު އިތުރުވެ، އާންމުންގެ މެދުގައި އޭނާ އަންނަނީ ބޮޑު މަގްބޫލުކަމެއް ހޯދަމުންނެވެ.

އެހެންނަމަވެސް އިސަބެލް އަކީ ދުވަހަކުވެސް ބޮލީވުޑްގެ ފިލްމްއަކުން ފެނިގެންގޮސްފައިވާ އަދި ބޮޑު މަޝްހޫރުކަމެއް ކުރިން ލިބިފައިވާ ފަރާތެއް ނޫންކަމަށްވެސް އިންޑިޔާގެ ބައެއްނޫސްތަކުގައި ބުނެފައިވެއެވެ.

ބައެއްފަރާތަކުން ބުނެފައިވަނީ ކެޓްރީނާ ކާއިފް މަޝްހޫރުކަން އެއީ އިސަބެލްއަށް އެ ކޮންޓްރެކްޓް ލިބުމުގެ ފަހަތުގައި އޮތް ސިއްރުތަކެއްކަމަށެވެ.

އެޕަލް ކުންފުންޏާއި ، އައިފޯން އެހާ މަޤްބޫލީ ކީއްވެ؟

އެޕަލް ކުންފުންޏޭ ބުނުމުން މިޒަމާނުގައި ނޭނގޭ މީހަކު ވަރަށް މަދުވާނެއެވެ. އަދި އެ ކުންފުނީގެ އެންމެ މަގުބޫލު އުފެއްދުންކަމުގައިވާ އައިފޯންއަކީވެސް ދުނިޔޭގައި އެންމެ މަތީރޭންކު ތަކުގައި އަބަދުވެސް ހިފަހައްޓާ ފޯނެކެވެ. ދެން އުފެދޭ ސުވާލަކީ އެޕަލް ކުންފުނި އެހާ ކާމިޔާބުވީ ކީއްވެބާއެވެ؟ އަދި އައިފޯން އެހާ މަގުބޫލީ ކީއްވެގެންބާއެވެ؟

އެޕަލް ކުންފުންޏަކީ އަބަދުވެސް ޓެކްނޮލޮޖީގެ ދުނިޔޭގައި އެންމެ މަތީ ފަންތީގައި ހިފަހައްޓާ ކުންފުންޏެކެވެ. އަދި ބައެއް ފަހަރު އެ ކުންފުނީގެ ޕްރޮޑަކްޓްތަކުން ގަންނަ ފަރާތްތައް ހިތްހަމަނުޖެހޭ ކަންކަން ފެންނަ ނަމަވެސް އަބަދުވެސް އެ ޕްރޮޑަކްޓްއެއްގައި ހިތްހަމަނުޖެހޭ ކަންކަމަށްވުރެ ހިތްހަމަޖެހޭ ކަންކަން ގިނަކަމަކީ އެޕަލްއިން ޔަގީންކުރާ ކަމެކެވެ. އެޕަލް ކުންފުންޏަކީ ސްޓީވް ޖޮބްސްގެ ދައުރުގެ ސަބަބުން ގިނަ އަދަދެއްގެ ވަފާތެރި ސަޕޯޓަރުންތަކެއްވެސް އޮންނަ ކުންފުންޏެކެވެ.

އަދި އެ ކުންފުންޏަކީ އެ ކުންފުނީގެ ފިހާރަތަކަށް ޒިޔާރަތްކުރާ ފަރާތްތަކަށްވެސް ހާއްސަ އިސްކަމެއް ދީގެން މަސައްކަތްކުރާ ބައެކެވެ. އެޕަލް ކުންފުނިން ނެރޭ ކޮންމެ ޕްރޮޑަކްޓްއަކީވެސް މުއްސަނދިކަން ދައްކުވައިދޭ ފަދަ ޕްރޮޑަކްޓްއަކަށްވާއިރު އެއީ ބޭނުންކުރަންވެސް ހަމަ އެހާމެ ފަސޭހަ ޕްރޮޑަކްޓްއެއްކަމާއި މެދު އެޕަލްއިން އަބަދުވެސް ޔަގީންކުރެއެވެ.

ދެން އޮތީ އައިފޯނުގެ ވާހަކައެވެ. އައިފޯން އަކީ މިފަދަ އެއް މިސާލެވެ. އަބަދުވެސް އައިފޯންއަކީ ބޭނުންކުރަން އެންމެ ފަސޭހަ، ގިނަބަޔަކަށް އެންމެ ރައްޓެހި އެންމެ ފެންވަރު ރަނގަޅު ފޯނުތަކުގެ ތެރޭގައި ހިމެނޭ ފޯނެކެވެ. ސެކިއުރިޓީގެ ގޮތުން ބަލާނަމަ އައިފޯންއަކީ އެހެން ފޯނުތަކަށް ހުރި ލާމަސީލު މިސާލެކެވެ. އަދި އައިފޯން ގެންގުޅޭ މީހުންނަކީ އެހެން މީހުން ދެކޭގޮތުގައި ފެންވަރު މަތި، މަގުބޫލު އަދި ޓެކްނޮލިޖީގެ ގޮތުން ކުރިއަރާފައިވާ ބައެއްކަމަށް އަބަދުވެސް ވަނީ ބެލެވިފައެވެ.

މިކިޓަރަޔަން ވިއްކާލުމަށްފަހު މާރިއޯ ގެންނަން ޔުނައިޓެޑް އޮތީ ތައްޔާރަށް

އާރްމީނިއާގެ ހެންރިކް މިކިޓަރްޔަން ބޮރޫޝިޔާ ޑޯޓްމަންޑް ދޫކޮށް މެންޗެސްޓާރ ޔުނައިޓެޑަށް ބަދަލުވިއިރު ގިނަ ބަޔަކު ތިބީ އޭނާ މެންޗެސްޓާރ ޔުނައިޓެޑުގައި ބޮޑެތި ކާމިޔާބީތަކެއް ހޯދާނެކަމަށް އުންމީދުކޮށްގެންނެވެ.

އެހެންނަމަވެސް މަދު ސީޒަންތަކަކަށްފަހު މަންޒަރު މިވަނީ މުޅިން ބަދަލުވެފައެވެ. މިކިޓަރަޔަންއަކީ މިހާރު މެންޗެސްޓާރ ޔުނައިޓެޑުގައި ހުރި ހަމައެކަނި ބޭކާރު އެއް ކުޅުންތެރިޔާއަށް ވަނީ ވެފައެވެ. ހުނަރުވެރި ކުޅުންތެރިޔެއްކަމުގައި މިކިޓަރަޔަންވިޔަސް އޭނާއަށް މެންޗެސްޓަރގައި އިތުރު ކުރިމަގެއް ނެތްކަމަށް ވަނީ ފެންނަން ފަށައިފައެވެ.

މިކިޓަރަޔަންއަށް ޔުނައިޓެޑުގައި ލިބޭ ފުރުސަތު ދުވަހަކަށްވުރެ ދުވަހެއް މަދު ވަމުންދާއިރު މިހާރު މިކިޓަރަޔަން ހުރީ އިންޓަރ މިލާނަށް ބަދަލުވުމަށް ތައްޔާރަށްކަމަށް ބައެއް ކުޅިވަރު ރިޕޯޓްތަކުގައި ވަނީ ހާމަކޮށްފައެވެ.

އަދި މިކިޓަރަޔަން އަމިއްލައަށް މިފަދަ ބަދަލަކަށް އެދޭކަމަށްވެސް އެ ރިޕޯޓްތަކުން ބުނާއިރު މެންޗެސްޓަރ ޔުނައިޓެޑުން އޮތީ އޭނާގެ ބަދަލުގައި އިންޓަރއަށް ކުޅެމުން އަންނަ ޕޯޗުގަލްގެ ޖޯއާއޯ މާރިއޯ ގެނައުމަށް ވަރަށްބޮޑަށް ބޭނުންވެފައެވެ. އެހެންނަމަވެސް އިންޓަރއިން އެފަދަ އެއްބަސްވުމަކަށް އާނ ބަސް ބުނެފާނެތޯ އެއީ މިވަގުތު އުފެދޭ ސުވާލެކެވެ.

ގާނޫނީ ވަކީލަކާއި ލޯބީގެ ގޮތުން ގުޅުމުގެ ކުރިން މިކަންކަމަށް ވިސްނާލުން ކިހިނެއްތޯ.؟

ގާނޫނީ ވަކީލުންނަކީ އެންމެ ބުރަކޮށް މަސައްކަތްކުރަންޖެހޭ އަދި ސްޓްރެސްގެ މިންވަރު އެބައެއްގެ ކިބައިގައި އެންމެ ގިނަ އެއް ވަޒީފާވެސް އަދާކުރާ  ބައެކެވެ.

މިގޮތުން ވަކީލުކަމަކީ ބައެއް މީހުން ދެކޭގޮތުގައި އެހާ ރަނގަޅު ވަޒީފާއެއް ކަމުގައިނުވިޔަސް ރަނގަޅުގޮތުގައި ގާނޫނީ ވަކީލުކަންކޮށްފިނަމަ މާލީގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުންވެސް މީހާއަށް އެތައް ފައިދާކުރުވާ ވަޒީފާއެކެވެ. އެހެންނަމަވެސް މިދެންނެވި ކަންކަމަކީ އެއްވެސް ހާލެއްގައި ވަކީލަކާއި ލޯބީގެ ގޮތުން ގުޅެންވީ ސަބަބެއް ނޫނެވެ.

ވަކީލުންނަކީ މަސައްކަތްކުރުމަށް ވަކި ވަގުތެއް އޮންނަ ބައެއް ނޫނެވެ. ވަކީލަކާއި ލޯބީގެ ގޮތުން ގުޅިގެން އުޅުމުގެ ނަތީޖާއަކަށް އެންމެ ފަހުންވެގެންދާނީ އެކުގައި ވަގުތު ހޭދަކުރަން ނުލިބި މަދު ދުވަސްކޮޅެއްތެރޭގައި ދެ މީހުން ވަކިވާންޖެހުމެވެ. ވަކީލުންގެ އިތުރުން ވަކީލުކަން ކިޔަވާ ފަރާތްތަކުގެ ހާލަކީވެސް ގިނަ ފަހަރަށް މިއެވެ. ވަކީލަކާއި ގޭތެރޭގެ ކަމެއްގައި ނުވަތަ ހަޔާތުގެ ކަމެއްގައި ވާހަކަދެއްކުން ނުވަތަ ‘ޒުވާބުކުރުމަކީ’ވެސް ފޫނެތް ފަޔަށް ފެން ފުރުން ފަދަ ކަމެކެވެ. އެގޮތުން ވަކީލަކާއި ޒުވާބުކުރުމަކީ ބޭކާރު ކަމެކެވެ. ސަބަބަކީ އެއީ އެތައް އަހަރުތަކެއް ވަންދެން ޒުވާބުކުރުމުގެ ހުނަރު ދަސްކުރުމުގައި ހޭދަކުރާ ބަޔަކަށް ވާތީއެވެ. އެހެންކަމުން އެ ފަދަ ބައެއްކައިރިން ކުރި ހޯދާނެ ގޮތެއް ނިކަން ބުނެދީބަލާށެވެ.

ވަކީލުކަމަކީ އާދަޔާޚިލާފަށް ވިސްނުންތޫނު ސިނކުޑިއެއްގެ ވެރިއަކަށް މެނުވީ އަދާނުކުރެވޭވަރުގެ ހަރުދަނާ ވަޒީފާއަކަށްވާއިރު އެފަދަ މީހުންނަކީ ހަމަ އެ ސިކުނޑި ބޭނުންކޮށްގެން ގޭތެރޭގައިވެސް އުޅޭނޭ ފަރާތްތަކެވެ.

ވުމާއިއެކު މި ދެންނެވި ގޮތަށް ގިނަ ފަހަރަށް ކަންކަން ނިމިގެންދާނީވެސް ވަކީލުކަން ކުރާ ފަރާތް ބޭނުންވާ ގޮތަށެވެ. އަދި ބައެއް ފަހަރު ވަކީލުކަން ކުރާ މީހުންނަކީ ގަސްތުގައި ނޫންނަމަވެސް އެމީހުންގެ ވަޒީފާގެ ސްޓްރެސްގެ އަސަރު  ގޭތެރޭގައިވެސް ދައްކުވައިދޭ ބައެކެވެ.

އެހެންކަމުން ތިޔަބޭފުޅުންނިންމަވާނެ ގޮތެއް އެގިލައްވާނީ ހަމަ ތިޔަބޭފުޅުންނަށެވެ. ވަކީލަކާއި ލޯބީގެގޮތުން ގުޅުމުގެ ކުރިން މިދެންނެވިކަންކަމަށް ވިސްނާލުމަކީ ވެސް ހަމަ ނެތްކަމަކަށް ނުހަދާށެވެ.

މުސްލިމުން މެރިކަމަށް މިޔަންމާރގެ އަސްކަރިއްޔާއިން ފުރަތަމަ ފަހަރަށް އެއްބަސްވެއްޖެ

މިޔަންމާރގެ އަސްކަރިއްޔާގެ ސިފައިން ތަކެއް ރޮހިންޔާ މުސްލިމުންތަކެއް މެރުމުގައި ހަރަކާތްތެރިވިކަމަށް ފުރަތަމަ ފަރަހަށް މިޔަންމާ އަސްކަރިއްޔާއިން އެއްބަސްވެއްޖެއެވެ.

ބައިނަލްއަގްވާމީ އެތައް ފަރާތެއްގެ ތުހުމަތުތަކެއް މިޔަންމާރ ސަރުކާރަށާއި އަސްކަރިއްޔާއަށް ކުރިން ކުރެވިފައިވާއިރު އެގައުމުގެ އަސްކަރިއްޔާއިން ވަނީ އަބަދުވެސް އަސްކަރިއްޔާގެ އޮޕަރޭޝަންތަކަކީ ރޮހިންޔާ މުސްލިމުންގެ ހަނގުރާމަވެރި ޖަމާއަތްތަކާއި ދެކޮޅަށް ހިންގޭ އޮޕަރޭޝަންތަކެއްކަމަށް ބުނެފައެވެ.

އެހެންނަމަވެސް މި ހުރިހާ ވާހަކަތަކަކާއި ޚިލާފަށް މިޔަންމާރގެ އަސްކަރިއްޔާއިން ކުރިޔަށް ގެންދިޔަ ތަހުގީގަކުން އަސްކަރިއްޔާގެ ސިފައިންގެ ބަޔަކު ރޮހިންޔާ މުސްލިމުންތަކެއް މެރުމުގައި ހަރަކާތްތެރިވެފައިވާކަމަށް ވަނީ ހާމަވެފައެވެ. އަދި މި ތަހުގީގަށް ހާމަވެގެންދިޔަގޮތުގައި މިޔަންމާރގެ އަސްކަރިއްޔާގެ ހަތަރު ސިފައިންގެ މީހަކު ވަނީ މިޔަންމާރގެ މޯންގްޑޯވް ކައިރީގައި އޮންނަ ކުޑަ ރަށެއްގައި ރޮހިންޔާ މުސްލިމުންގެ 10 މީހަކު މަރާލަފައެވެ.

ތަހުގީގީ ރިޕޯޓްގައި ވާގޮތުންނަމަ ސިފައިން ވަނީ ރޮހިންޔާ މުސްލިމުންގެ ކިބައިން ބަދަލުހިފުމުގައި އެ ރަށުގެ ރައްޔިތުންނަށް އެހީތެރިވެދީފައެވެ.

މިޔަންމާރއިން ރޮހިންޔާ މުސްލިމުންގެ ނަސްލު ނައްތާލުމަށް މަސައްކަތްކުރަމުންދާކަމަށް ޔުނައިޓެޑް ނޭޝަންސްގެ އިތުރުން ދުނިޔޭގެ އެތަށް ގައުމުތަކުންވެސް ތުހުމަތުކޮށްފައިވާއިރު ރޮހިންޔާ މުސްލިމުންގެ 650،000 މީހުން ވަނީ އަމިޔާއަށް ކެތްނުކުރެވިގެން  އަވައްޓެރި  ގައުމުތަކަށް  ހިޖްރަކޮށްފައެވެ. އޭގެތެރޭގައި އެންމެ ގިނަބަޔަކު ހިޖްރަކޮށްފައިވަނީ އަވައްޓެރި ބަންގްލަ ދޭޝްއަށެވެ.