އޮފީހުގެ ދިދަ އާއި ނަންބޯޑު ގެންދިޔަސް ރައީސް މައުމޫނަށް އޮތް ތާއީދު ގެއްލުވައި ނުލެވޭނެ: ވައްޑޭ

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ކަމުގައި ވިޔަސް ރައީސް މައުމޫނަށް ދިވެހި ރައްޔިތުން ކުރަމުން އަންނަ ތާއީދު ގެއްލުވައި ނުލެވޭނެ ކަމަށް ތުލުސްދޫ ދާއިރާގެ މެމްބަރު މުހައްމަދު ވަހީދު އިބްރާހީމް (ވައްޑޭ) ވިދާޅުވެއްޖެއެވެ.

މިރޭ ފުލުހުން ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ މައްސަލާގައި ވައްޑޭ ވިދާޅުވީ އެފަދަ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫނަށް ސަޕޯޓު އިތުރުވަމުން އަންނަ ކަމަށް އޭނާ ވިދާޅުވިއެވެ.

“މިފަދަ ކަންތައްތަކުގެ ސަބަބުން ރައީސް މައުމޫނަށް ރައްޔިތުން ކުރާ ތާއީދު އަންނަނީ އިތުރުވަމުން،” ވައްޑޭ ވިދާޅުވިއެވެ.

ސިވިލް ކޯޓުން ރޭ ނެރުނު އަމުރެއްގައި ވަނީ އެ ކޯޓުން ޕީޕީއެމްގެ ހިންގުން ހަވާލުކޮށްފައި ވަނީ ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީނާ ކަމަށެވެ. އެގޮތަށް ހަވާލުކޮށްފައި އޮއްވައި ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ނަމުގައި އޮފީހެއް ނުހިންގޭނެ ކަމަށާއި އެ އޮފީހުގައި ހުރި ނަންބޯޑާއި ދިދަ ނެގުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީހުގެ ދިދަ އާއި ނަންބޯޑު ފުލުހުން ގެންދިޔަ ވަގުތު ރައީސް މައުމޫނަށް ތައީދު ކުރާ ބަޔަކު ވަނީ އެ ސަރަހައްދަށް އެއްވެ އެކަމާ ދެކޮޅަށް އަޑުއުފުލައިފައެވެ.

ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ޕޮލިސްގެ މައްޗަށް އަމުރެއް ނެރެފި

ޕީޕީއެމްގެ ރައީސްގެ އޮފީސް ހިންގުން ހުއްޓުވުމަށް ސިވިލް ކޯޓުން މޯލްޑިވްސް ޕޮލިސް ސާވިސްގެ މައްޗަށް އަމުރެއް ނެރެފިއެވެ.

ސިވިލް ކޯޓުން މިރޭ ނެރުނު އަމުރުގައި ބަޔާންކޮށްފައި ވަނީ އެ ކޯޓުން މީގެކުރިން ހުކުމަކުން ޕީޕީއެމްގެ ހިންގުން ވަނީ ޕާޓީގެ މުސްތަޝާރާ ހަވާލުކޮށްފައި ކަމަށެވެ.

އެ ހުކުމް އެގޮތަށް ކޮށްފައި ވަނިކޮށް އެ ހުކުމުގެ ބާރު ނަފީވާގޮތަށް ހުކުމަށް ކިޔަމަންވެ ތަބާވުމެއް ނެތި ޕީޕީއެމްގެ ރައީސްގެ ނަމުގައި އޮފީހެއް ހަދައި ޕީޕީއެމްގެ ދިދަ އާއި ލޯގޯ ބޭނުންކޮށް ޕީޕީއެމްގެ ނަމުގައި ޖަލްސާތަކާއި ހަރަކާތްތައް ހިންގައި ހެދުމަކީ އެ ހުކުމް ތަންފީޒު ކުރުމަށް ހުރަސްއެޅުމުގެގޮތުން ހިންގާ ހަރަކާތްތަކާއި އަމަލުތަކެއްކަން އެނގެން އޮންނަ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެ އަމުރުގައި ބަޔާންކޮށްފައި ވަނީ ސިވިލް ކޯޓުގެ ހުކުމާ ޚިލާފުވާގޮތަށް ހިންގާ އެފަދަ ކަންތައްތަކަކީ ދައުލަތުގެ ކިޔާނާއި އާންމު މަސްލަހަތު ދެމެހެއްޓުމާއި ދައުލަތުގެ އެންމެ މަތީ މަސްލަހަތު ހިފެހެއްޓުމުގެ ގޮތުން ޝަރީއަތްކުރުމާ ބެހޭގޮތުން ހެދިފައިވާ ގަވާއިދު 6 ގެ 184 ވަނަ މާއްދާގައިވާގޮތުގެ މައްޗަށް ސަލާމަތީ ފަރާތްތައް މެދުވެރިކޮށް ޝަރީއަތުން ހުއްޓުވަންޖެހޭ ކަމެއް ކަމަށެވެ.

އެކަންކަން އެހެން ހުރުމުން ޕީޕީއެމްގެ ނަމުގައި އެއްވެސް ހަރަކާތެއް ހިންގަމުންދާނަމަ އެކަމެއް ހުއްޓުވުމަށާއި ހ. ތެމާގައި ހަދާފައިވާ ޕީޕީއެމްގެ ރައީސްގެ އޮފީހުގައިވާ ދިދަ ނަގައި އެތަނުގައި ޕީޕީއެމްގެ ހަރަކާތެއް ހިންގިޔަ ނުދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރާ ކަމަށް އެ އަމުރުގައި ވަނީ ބަޔާންކޮށްފައެވެ.

އެފަދަ ކަންތައްތަކަކީ ކޯޓުތަކުގެ ގާނޫނުގެ 77 ވަނަ މާއްދާއާ ޚިލާފުވާ ކަމެއް ކަމަށް ސިވިލް ކޯޓުން ވަނީ ކަނޑައަޅައިފައެވެ.

ގަވާއިދާ ޚިލާފަށް ވޯޓު ނެގިޔަސް ދެން މަސީހުގެ މައްސަލަ ކާމިޔާބު ކުރާނަން: އިބޫ

ގަވާއިދާ ޚިލާފަށް މަޖިލީހުން ވޯޓު ނެގިޔަސް ދެން ހުށަހަޅާ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ ވޯޓު ކާމިޔާބު ކުރައްވާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އިބޫ ވިދާޅުވީ މަސީހުގެ އިތުބާރުނެތްކަމުގެ މައްސަލަ ވަރަށް އަވަހަށް މަޖިލީހަށް ވައްދާނެ ކަމަށެވެ.

އިބޫ ވިދާޅުވީ އިދިކޮޅު ހަރަކާތްތައް ކުރިއަށްދަނީ ޕްލޭނެއްގެދަށުން ކަމަށާއި އިރާދަ ކުރެއްވިއްޔާ މަސީހު ބަދަލު ކުރާނެ ކަމަށެވެ.

ވަޒީރުންގެ ތެރޭގައި ވެސް ބަދަލު ކުރަން ޖެހޭ މީހުން އެބަތިބި ކަމަށާއި ބަންޑާރ ނައިބަށް ވެސް އިތުބާރު ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

“ގެންނަން ޖެހޭ ބަދަލުތައް އެބަހުރި. އަޅުގަނޑުމެން އެމަސައްކަތް ކުރާނަން،” އިބޫ ވިދާޅުވިއެވެ.

ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ކިބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވިދާޅުވީ ސަރުކާރުން ގޯސް ކަމެއް ނުކުރާ ކަމަށް ބުނާއިރު ރިޔާސީ އިންތިހާބުގައި ވާދަ ކުރެވޭނެ އިދިކޮޅު ލީޑަރަކު ނެތް ކަމަށެވެ.

“މިއީ ރައްޔިތުން ބޭނުންވާ ގޮތެއް ނޫން. ޕާޓީން ކަނޑައަޅާ މީހަކަށް ވާދަ ކުރެވެން ޖެހޭނެ” ރިޔާޒު ވިދާޅުވިއެވެ.

ރިޔާޒު ވިދާޅުވިގޮތުގައި ރައީސް ޔާމީން ވެގެންދާނީ ރާއްޖޭގައި ވެރިކަން ކުރެއްވި ބޭފުޅުންގެ ތެރެއިން ގިނިކަންޏާ ހުންނަވާނެ ހަމައެކަނި ބޭފުޅާ ކަމުގައެވެ. އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީންގެ މައްޗަށް ކާމިޔާބު ހޯދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫން ވިދާޅުވީ ސަރުކާރު ޒިންމާދާރުކުރުވަން ކުރާ މަސައްކަތުން ކާމިޔާބު ލިބެމުން އަންނަ ކަމަށާއި ހުއްޓުމެއް ނެތި އެ މަސައްކަތް ދާނީ ކުރިއަށް ކަމަށެވެ.

 

 

ރައީސް ޔާމީން މުޅިން އެކަނިވެރިވެއްޖެ: ޑރ. ޖަމީލް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް މިއަދު ހުންނެވީ މުޅިން އެކަނިވެރިވެފައިކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

ވީޓީވީގައި ވާހަކަފުޅު ދައްކަވަމުން ޑރ. ޖަމީލް ވިދާޅުވީ ރައީސް ޔާމީން އެކަނިވެރިވީ ރައްޔިތުންގެ ހައްގުތަކަށް އަރައިގަތުމުން ކަމަށެވެ.
ރައީސް ޔާމީންގެ ސަރުކާރަކީ އެތަށްހާސް ރައްޔިތުންގެ ބުރަ މަސައްކަތުން އުފެދިފައިވާ ސަރުކާރެއްކަމަށާއި މި ސަރުކާރު ވުޖޫދަށް އައީ އެތަށް ސިޔާސީ ލީޑަރެއް މަސައްކަތްކޮށްގެންކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ ހަގީގަތުގައިވެސް ރައީސް ޔާމީން މިއަދު ބަލިކަށިވެފައިވާކަމަށާއި އެހެން ނޫންނަމަ ސިޔާސީ ލީޑަރުން ހައްޔަރުކޮށް، ކޮންމެ ރެއަކު ފުލުހުންގެ އިދާރާއަށް ހާޒިރުކުރަމުން ނުގެންދާނެކަމަށެވެ.

މިފަދަ ކަންކަމަކީ ގާނޫނީ އިމުގެ ތެރެއިން ވެރިކަން ކުރަން އެނގިވަޑައިނުގަންނަވާކަމުގެ ހެއްކެއްކަމަށް ޑރ. ޖަމީލް ވިދާޅުވިއެވެ.
އިދިކޮޅު ފަރާތްތަކުގެ މެދުގައި އެއްބައިވަންތަކަމެއް ނެތްކަމަށް ބުނާއިރު، ސަރުކާރުގެ ތެރޭގައި އޮތީ ކޮން އެއްބައިވަންތަކަމެއްތޯ ސުވާލްކޮށްލަން ޖެހޭކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ މިސަރުކާރުން ރައްޔިތުންނަށްވީ ވައުދުތައް ހަނދާން ނައްތާލާފައިވާކަމަށާއި އެގޮތަށް ދިމާވީ ރައީސް ޔާމީން ވެރިކަމަށް ގެނައުމަށް މަސައްކަތް ކުރެއްވި ބޭފުޅުން ސަރުކާރުން ބޭރުކޮށްލުމުން ކަމަށެވެ.

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފުލުސް އޮފީހަށް ހާޒިރުކުރިކުރުން ޑރ. ޖަމީލް ވަނީ ވަރަށް ބޮޑަށް ކުށްވެރިކުރައްވާފައެވެ.

ޖޭޕީގެ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ބާތިލްކޮށްފި

ކުރިއަށް އޮތް ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި ޖުމްހޫރީ ޕާޓީގެ ޓިކެޓުގައި ވާދަކުރާ ދެ ކެންޑިޑޭޓެއްގެ ކެންޑިޑެސީ ސުޕްރީމް ކޯޓުން ބާތިލްކޮށްފިއެވެ.

އެ ދެ ކެންޑިޑޭޓުންނަކީ ގއ. ވިލިނގިލީ ކައުންސިލަށް އެ ޕާޓީގެ ޓިކެޓުގައި ކުރިމަތިލެއްވި އިމްރާން އަންވަރާއި ނ. ލަންދޫ ކައުންސިލަށް ކުރިމަތިލެއްވި ފަރީދާ އުމަރުއެވެ.

އެ ދެ މީހުންގެ ތެރެއިން އިމްރާން އަންވަރަކީ ސިޔާސީ ޕާޓީއެއްގެ ޓިކެޓު ހޯދުމަށްޓަކައި އެމްޑީޕީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ ކެންޑިޑޭޓެއްކަން އެ ޕާޓީން ފޮނުވި ލިޔުންތަކުން އެނގޭ ކަމަށާއި ފަރީދާ އުމަރަކީ އެމްޑީއޭގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މީހެއްކަން އެޕާޓީން ފޮނުވި ލިޔުންތަކުން އެނގޭ ކަމަށް ވެސް އެ ހުކުމްގައިވެ އެވެ.

ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ތިން ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 10 ވަނަ މާއްދާ އަށް ރިއާޔަތްކުރާއިރު، މިއަހަރު ބާއްވާ ކައުންސިލް އިންތިޚާބުގައި ވާދަކުރުމުގެ ހައްގު އެ ދެ މީހުންނަށް ލިބިގެންނުވާ ކަމަށް އެ ހުކުމްގައިވެ އެވެ.

ކައުންސިލް އިންތިޚާބު އޮންނާނީ އަންނަ މެއި މަހުގެ ހަ ވަނަ ދުވަހުއެވެ.

އަޅުގަނޑު ހާޒިރުކުރީ ރިޝްވަތުދޭން އުޅޭ ކަމަށް ބުނެ: ގާސިމް

ފުލުސް އޮފީހަށް ހާޒިރުކުރީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް ރިޝްވަތުދޭން އުޅޭ ކަމަށް ތުހުމަތު ކޮށް ކަމުގައި  ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

މިރޭ ފުލުސް އޮފީހަށް ހާޒިރުވެވަޑައިގަތުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެ ތުހުމަތު ފުލުހުން ކޮށްފައި ވަނީ ޖަލްސާއެއްގައި އެމަނިކުފާނު ދެއްކެވި ވާހަކަފުޅެއް ތަރުޖަމާކޮށްގެން މީހަކު މައްސަލައެއް ހުށަހެޅުމުން ކަމަށެވެ.

ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައި ވަނީ ޖުމްހޫރީ ޕާޓީ ދޫކުރައްވައި ޕީޕީއެމް އަށް ގުޅިވަޑައިގަތް މެމްބަރުން އަލުން އެ ޕާޓީއާ ގުޅިވަޑައިގެންފިނަމަ 2019 ވަނަ އަހަރު ބާއްވާ މަޖިލިސް އިންތިޚާބުގައި ވާދަކުރުމުގެ ޓިކެޓު ދޭނެކަން ކަމުގައި ގާސިމް ވިދާޅުވިއެވެ. އެގޮތަށް ވިދާޅުވުމުން އެއީ މަޖިލިސް މެމްބަރުންނަށް ރިޝްވަތު ހުށަހެޅުންކަން ބަޔަކު ތަރުޖަމާކޮށް މައްސަލަ ހުށަހެޅީ ކަމަށް ގާސިމް ވިދާޅުވިއެވެ.

ގާސިމް ވިދާޅުވީ ތަހުގީގު ދިޔައީ ވަރަށް އިންސާފުވެރިކޮށް ކަމަށާއި އެމަނިކުފާނު ދެކެވަޑައިގަންނަވާގޮތުގައި މައްސަލައެއް ހުށަހެޅީމަ ފުލުހުން އެ މައްސަލަ ބަލަން ޖެހޭނެ ކަމަށެވެ.

ސިޔާސީ މައިދާނުގައި އުޅޭއިރު މިފަދަ ކަންތައްތަކާ ދިމާވާނެ ކަމަށާއި އެއީ މައްސަލައެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށް ގާސިމް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ އެފަދަ ކޮންމެ ކަމެއް ދިމާވިޔަސް ސާބިތުކަމާއެކު އިދިކޮޅު ލީޑަރުންނާއެކު މަސައްކަތް ކުރެއްވުމުގައި ފަހަތަށް ނުޖެހި ދެމިހުންނަވާނެ ކަމަށެވެ.

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

އެމްޑީޕީގެ ސެކްރެޓަރީ ޖެނެރަލް އަނަސް އަބްދުއްސާއްތާރު ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

އަނަސް ވިދާޅުވީ އޭނާ އަށް މިއަދު ފުލުހުން ޗިޓް ހަވާލުކޮށްފައިވާ ކަމަށާއި އޭނާ ހާޒިރުކުރަނީ މައުލޫމާތެއް ސާފުކޮށްލުމަށް ކަމަށެވެ.

އަނަސް ފުލުސް އޮފީހަށް ހާޒިރުކުރާއިރު ފުލު ފުލުގައި އިދިކޮޅު ސިޔާސީ ލީޑަރުން އަންނަނީ ފުލުސް އޮފީހަށް ހާޒިރުކުރަމުންނެވެ.

އެންމެ ފުރަތަމަ ފުލުސް އޮފީހަށް ހާޒިރުކުރީ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ފާރިސް މައުމޫނެވެ. ދެން ހާޒިރުކުރީ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒެވެ. އެއަށްފަހު މިރޭ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް މިވަނީ ފުލުސް އޮފީހަށް ހާޒިރުކޮށްފައެވެ.

އިދިކޮޅު ފަރާތްތަކުން ބުނަނީ ސަރުކާރުން ކުރާ ގާނޫނާ ޚިލާފު ކަންތައްތައް ހުއްޓުވުމަށް ކުރަމުންދާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ. އިދިކޮޅު ފަރާތްތަކުން މިހާރު ކުރަން އުޅޭ އެންމެ ވަރުގަދަ މަސައްކަތަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހެޅުމެވެ.

 

ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފި

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރުވާން ޗިޓް ފޮނުވައިފިއެވެ.

ފުލުސް އޮފީހަށް ހާޒިރުވާން ގާސިމް އިބްރާހީމަށް ޗިޓް ފޮނުވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ފުލުސް އޮފީހަށް ހާޒިރުވާން ގާސިމް އިބްރާހީމަށް ޗިޓް ފޮނުވާފައި މިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރުނެތްކަމުގެ ވޯޓު ނެގުމަށް އިދިކޮޅު ފަރާތްތަކުން މަސައްކަތް ކުރަމުން އަންނަ ދަނޑިވަޅެއްގައެވެ.

ގާސިމް އިބްރާހީމް ފުލުސް އޮފީހަށް ހާޒިރު ކުރަން އުޅެނީ އިދިކޮޅު ސިޔާސީ ހަރަކާތްތައް ވަރަށް ވަރުގަދަޔަށް ހިންގާ ދަނޑިވަޅެއްގައެވެ.

ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަދި ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒު ވެސް ވަނީ ދާދިފަހުން ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލައިފައެވެ.

މަހުލޫފަށް ޖަލުން ދެމުންދިޔަ އިނާޔަތްތައް އެއް މަހަށް ކަނޑާލައިފި

ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު އަހުމަދު މަހުލޫފަށް ޖަލުން ދެމުން ދިޔަ އިނާޔަތްތައް އެއް މަސް ދުވަހަށް ކަނޑާލައިފި އެވެ.

މަހުލޫފްގެ އަނބިކަނބަލުން ނަޒްރާ ނަސީމް މިއަދު ވިދާޅުވި އޭނާގެ އިނާޔަތްތައް ކަނޑާލީ ގައުމީ ސަލާމަތަށް ނުރައްކާވާ ފަދަ ވާހަކަތައް ދެއްކެވި ކަމަށް ބުނެ ކަމަށެވެ.

އެވާހަކަ އޭނާ ދެއްކެވީ އެންމެފަހުން ލިބުނު ފެމެލީ ކޯލްގައި ކަމަށް ނަޒްރާ ވިދާޅުވިއެވެ.

ނަޒްރާ ވިދާޅުވީ ކަރެކްޝަންސް އިން ބުނާގޮތުގައި ގައުމީ ސަލާމަތައް ނުރައްކާވާ ދެ ވާހަކައެއް މަހުލޫފް ދެއްކެވިއެވެ. ފުރަތަމަ ވާހަކައަކީ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތް ކަމަށް ވޯޓު ދިނުމަށް ގޮވާލުމެވެ. ދެވަނަ ވާހަކައަކީ މަސީހުގެ އިތުބާރު ނެތްކަމަށް ގަލޮޅު ދެކުނު ދާއިރާގެ ވޯޓު ބޭނުންވާތީ އޭނާ މަޖިލީހަށް ހާޒިރުކޮށްދިނުމަށް ކޮމިޝަނަރ އޮފް ޕްރިޒަންސް އަހުމަދު ޝިހާނަށް ގޮވާލުމެވެ.

އެއް މަސް ދުވަހަށް ކަނޑާލި އިނާޔަތްތަކަކީ އައިލީ ފޯނު ކޯލާއި އާއިލާއާ ބައްދަލުކުރުމާއި އެކަހެރި ބައްދަލުވުންތަކެވެ. މާފުށީ ޖަލުގައި މަހުލޫފް މިހާރު ބަހައްޓާފައި ހުންނަނީ އެކަހެރިކޮށެވެ.

މަހުލޫފް ޖަލުން ސަލާމަތްވާނީ އަންނަ ޖޫން މަހުގެ ތެރޭގައެވެ.

އިންޑިއާ އިން ދިވެއްސަކު ހައްޔަރުކޮށްފި

މަސްތުވާތަކެތީގެ މައްސަލައެއްގައި އިންޑިއާ އިން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.

އިންޑިއާގެ ނޫސްތަކުގައި ރިޕޯޓްކޮށްފައިވާގޮތުގައި އެ މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އަނިލް އަހުމަދު ނަމަކަށް ކިޔާ އުމުރުން 35 އަހަރުގެ މީހެކެވެ.

އުމުރުން 35 އަހަރުގެ އަނިލްއާއެކު އެ މައްސަލައިގައި ނައިޖީރިއާގެ މީހަކު ވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

އެ ދެ މީހުން ހައްޔަރުކުރީ 430 ގްރާމް މެރުއާނާއި 48 ގްރާމް ހަޝިޝް އޮއިލް އާއި ތިން ގްރާމް މެތަމްފެޓޯމިން އަދި ފަސް ބްލޮޓްސްގެ އެލްއެސްޑީ އާއެކު ކަމަށް އިންޑިއާގެ ނޫސްތަކުގައި ބުންޏެވެ.

އަނިލް އަކީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހު، އިންޓަނޭޝަނަލް އެއާޕޯޓަކަށް ވަގަށް މަސްތުވާތަކެތި އެތެރެކުރުމުގައި ބައިވެރިވެ، ފިލައިގެން އުޅޭ މީހެއް ކަމަށް ވެސް އިންޑިއާގެ ނޫސްތަކުން ބުންޏެވެ.

haftha.mv ©