ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމްނުވާތީ: އަބްދުﷲ ރިޔާޒް

ފުލުސް އޮފީހަށް ހާޒިރުކޮށް ފޯނު އަތުލީ އިސްލާހީ މަސައްކަތް ސަރުކާރަށް ހަޖަމްނުވާތީ ކަމަށް ޖުމްހޫރީ ޕާޓީގެ ނައިބު ލީޑަރު އަދި ކުރީގެ ޕޮލިސް ކޮމިޝަނަރު އަބްދުﷲ ރިޔާޒް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު ކަން ވެސް ކުރައްވާ ރިޔާޒް މިއަދު ވިދާޅުވީ އޭނާގެ މައްޗަށް ފުލުހުން ކުރަނީ ފިތުނަ އުފެއްދުމާއި ހަގީގަތާ ޚިލާފް ވާހަކަ ދެއްކުމުގެ ތުހުމަތު ކަމަށެވެ. ނަމަވެސް އެކަމުގެ ތަފްސީލު އަދި ލިބިވަޑައިގެންފައިނުވާ ކަމަށް އޭނާ ވިދާޅުވިއެވެ.

އެފަދަ ތުހުމަތުތަކެއް ކުރިޔަސް ދުވަހަކު ވެސް ގާނޫނާ ޚިލާފް ކަމެއް ކުރައްވާފައި ނުވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ރިޔާޒު ވިދާޅުވީ ރައީސް ޔާމީންގެ ސަރުކާރަށް އިދިކޮޅު ފަރާތްތަކުގެ މަސައްކަތްތައް ހަޖަމް ނުވެގެން ފުލުހުން މެދުވެރިކޮށް ބިރު ދައްކަނީ ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުގައި ވަކާލާތު ކުރުމަށް މާތްﷲ ގަންދީ ކުރި ހުވަޔާ ޚިލާފު ކަމެއް ނުކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުން މިއަދު އެގޮތަށް އަމަލު ކުރަމުން ދަނީ ފުލުހުންނާއި މިނިވަން މުއައްސަސާތަކުގެ ކޮންޓްރޯލް ސަރުކާރުގެ އަތުގައި އޮތުމުން ކަމަށާއި ސަރުކާރުން އުޅެނީ މިނިވަން މުއައްސަސާތައް ބޭނުންކޮށްގެން އިދިކޮޅު ފަރާތްތައް ހުއްޓުވަން ކަމަށް ރިޔާޒް ވިދާޅުވިއެވެ.

މާޒް ސަލީމަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފި

ހޯމް މިނިސްޓަރުގެ ނައިބު އަހުމަދު ސަލީމް (މާޒް ސަލީމް) އަށް ހަމަލާދިން މީހަކު ހައްޔަރުކޮށްފިއެވެ.

މާސް ސަލީމަށް ހަމަލާދީފައި ވަނީ މިއަދު މެންދުރު 2:30 ހާއިރު ހުޅުމާލޭ ފެރީ ޓާމިނަލް ކައިރިންނެވެ.

ހުތުރުބަހުން ވާހަކަދައްކަމުން ގޮސް މާޒް ސަލީމްގެ ބުރަކަށީގައި މީހަކު ޖަހާފައި ވަނީ އޭނާ ސައިކަލްގައި ވަޑައިގަންނަވަނިކޮށެވެ.

މާޒް ސަލީމް ވިދާޅުވީ އެމީހާ އޭނާގެ ގައިގައި ޖެހުމާއެކު ގިނަ ބަޔަކު އެ ސަރަހައްދަށް އެއްވެފައިވާ ކަމަށެވެ. އަދި އެވަގުތު ފުލުހުން އޭނާ ހައްޔަރުކޮށްފައިވާ ކަމަށް މާޒް ސަލީމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ހަމަލާދިނީ ކާކުކަން އެނގިވަޑައިނުގަންނަވާ ކަމަށާއި އެ ހަމާލާގެ ސަބަބުން އެއްވެސް އަނިޔާއެއް ނުލިބޭ ކަމަށެވެ.

އެ މައްސަލަ ފުލުހުން އަންނަނީ ތަހުގީގު ކުރަމުންނެވެ.

ރާއްޖެ ޓީވީގެ ނޫސްވެރިޔާ ވިސާމްގެ މައްޗަށް ކުރި ދެވަނަ ދައުވާ ސާބިތެއް ނުވި

ރާއްޖެ ޓީވީގެ ނޫސްވެރިޔާ މުހައްމަދު ވިސާމްގެ މައްޗަށް ދައުލަތުން ކުރި ދެވަނަ ދައުވާ ޝަރީއަތަށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމް ކޮށްފިއެވެ.

ވިސާމްގެ މައްޗަށް ކުރި ދެވަނަ ދައުވާ އަކީ ފުލުހުންގެ ދައުރު އަދާކުރުމަށް ދަތިކުރުމުގެ ދައުވާއެވެ.

އެ ދައުވާ އުފުލީ 2015 ވަނަ އަހަރުގެ މާޗު މަހުގެ 25 ވަނަ ދުވަހުގެ ރޭ މާލޭގައި ބަޔަކު މުޒާހަރާ ކުރިއިރު ބޮޑުތަކުރުފާނު މަގާއި މުހައްމަދު އިސްމާއިލް ދީދީ ގޯޅި ގުޅުނު ކަންމަތި ބެރިކޭޑް ޖަހައި ބަންދުކޮށްފައިވަނިކޮށް، އެ ސަރަހައްދުން މީހަކު ހައްޔަރުކުރުމުން އެ މީހާ ހައްޔަރު ކުރި ސަބަބުން ހޯދުމަށް ކަމަށް ބުނެ ފުލުހުން ބަންދުކޮށްފައިވާ ސަރަހައްދަށް ގަދަކަމުން ވަދެ ފުލުހުންގެ ދައުރު އަދާކުރުމަށް ވިސާމް ދަތިކޮށްފައިވާތީ ކަމަށް ބުނެއެވެ.

އޭނާގެ މައްޗަށް ދައުލަތުން ކޮށްފައިވާ ދައުވާއާ ގުޅިގެން ހެކީގެ ގޮތުގައި ހުށަހަޅާފައިވާ ވީޑިއޯ ފުޓޭޖްގެ ސައްހަ ކަމާމެދު ސުވާލު އުފެދޭ ކަމަށް އެ ހުކުމްގައި ވަނީ ފާހަގަކޮށްފައެވެ.

އެ ވީޑިއޯއަކީ ފެށުނީއްސުރެ މެދުކެނޑިގެން ގޮސްފައި ނުވާ ވީޑިއޯއެއްކަން ސާބިތު ނުވާ ކަމަށާއި، އެ ވީޑިއޯ ހުށަހޅާފައިވަނީ ބައިބަޔަށް ކަމަށް ހުކުމްގައި ބަޔާން ކޮށްފައިވެއެވެ.

އެ ވީޑިއޯއިން ވިސާމް ހައްޔަރު ކުރި މަންޒަރު ނުފެންނަ ކަމަށާއި، ފެންނަނީ އޭނާ ހައްޔަރުކޮށްގެން ގެންދާ މަންޒަރު ކަމަށް ގާޒީ ވިދާޅުވި އެވެ.

ފުލުހުން ބެރިކޭޑް ޖަހާފައިވާ ސަރަހައްދަށް ނޫސްވެރިން ވަނުން މަނާކޮށްފައި ނުވާ ކަމަށާއި، އެވަގުތު ވިސާމް ހުރީ ނޫސްވެރިއެއްކަން އަންގައިދޭ ފާސް އަޅައިގެން ކަމަށާއި ދިފާއީ ހެކިންގެ ހެކި ބަހުން ދައުލަތުގެ ހެކިންގެ ހެކިބަސް ނަފީ ކުރެވޭ ކަމަށް ހުކުމްގައި ފާހަގަކޮށްފައިވެއެވެ.

އިއްޔެ އެނގިގެން ދިޔައީ މިނިވަން ވޯޓަކަށް ދިޔުމަށް ސަރުކާރު ޖެހިލުންވާވަރު: މައުމޫން

ރައްޔިތުންގެ މަޖިލީހުން އިއްޔެ ފެނިގެންދިޔައީ ނުފޫޒުން އެއްކިބާވެފައިވާ މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ޖެހިލުންވާވަރު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައްޔިތުންގެ މަޖިލީހުން އިއްޔެ ފެނިގެންދިޔަ ކަންކަމަކީ މަޖިލީހުގެ ހައިބަތާއި ގަދަރު މުޅިން ގެއްލިގެންދިޔަ ކަމެއް ކަމަށެވެ.

މިނިވަން ވޯޓަކަށް ދިއުމަށް ސަރުކާރުން ބިރުގަންނަ މިންވަރު އެމަނިކުފާނަށް ފެނިވަޑައިގެންފި ކަމަށް މައުމޫން ވިދާޅިވިއެވެ.

އެފަދަ ހުރިހާ ކަމަކުން ވެސް އެނގިގެން ދަނީ މުޅި ނިޒާމް އިސްލާހުކުރަން ޖެހިފައިވާކަން ކަމުގައި ރައީސް މައުމޫން ވިދާޅުވިއެވެ.

އިއްޔެ ބޭއްވި މަޖިލީހުގެ ޖަލްސާގައި ވޯޓުނަގާފައި ވަނީ އަނގަބަހުންނެވެ. ނަމަވެސް އަނގަބަހުން ވޯޓު ނަގާނީތޯ ބެލުމަށް ވޯޓު ނެގީ ސިސްޓަމުންނެވެ.

އަނގަބަހުން ވޯޓު ނެގުމަށް އިދިކޮޅު މެމްބަރުން އިހްތިޖާޖުކޮށް އަޑުގަދަ ކުރަން ފެށުމުން އިދިކޮޅު 13 މެމްބަރަކު ވަނީ މަޖިލީހުގެ ޖަލްސާ އިން ނެރެފައެވެ.

އެގޮތަށް ހެދުމުން އިދިކޮޅު ހުރިހާ މެމްބަރުން ވަނީ ޖަލްސާ ބޮއިކޮޓް ކޮށްފައެވެ.

ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކުން މައްސަލަ ނުބެލޭނެ: ޔުމްނާ

ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކުން މައްސަލަ ނުބެލޭނެ ކަމަށް ޕީޕީއެމްގެ ކައުންސިލް މެމްބަރު ޔުމްނާ މައުމޫން ވިދާޅުވެއްޖެއެވެ.

ޔުމްނާ މިހެން ވިދާޅުވީ މަޑުއްވަރީ ދާއިރާގެ މެމްބަރު މުހައްމަދު އަމީތު ސުލޫކީ ކޮމެޓީއަށް ހާޒިރުވާން ޕީޕީއެމްގެ މުސްތަޝާރު އަބްދުﷲ ޔާމީން ފެކްޝަނުން އޭނާ އަށް އަންގާފައި ވަނިކޮށް ކުރެއްވި ޓްވީޓެއްގައެވެ.

ޔުމްނާ ވިދާޅުވީ ޕީޕީއެމްގެ މެމްބަރުކަމުން މީހުން ވަކިކުރުމަކީ ވެސް ސަސްޕެންޑުކޮށްފައިވާ ސުލޫކީ ކޮމެޓީއަކަށް ކުރެވޭނެ ކަމެއް ނޫން ކަމަށެވެ.

މުސްތަޝާރު ފެކްޝަނުން ވަނީ ޕީޕީއެމްގެ ބާނީ ރައީސް މައުމޫން ވެސް އެ ޕާޓީގެ މެމްބަރުކަމުން ވަކިކޮށްފައިވާ ކަމަށް ބުނެފައެވެ.

ރައީސް މައުމޫންގެ ޕާޓީން އެމަނިކުފާނު ވަކިކުރުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް އިދިކޮޅު ފަރާތްތަކުން ވެސް އަންނަނީ ބުނަމުންނެވެ.

އިއްޔެ މަޖިލީހުން ވަނީ އިންސާފުވެރި ވޯޓަކަށް ހުރަސްއަޅާފައި: އެމެރިކާ

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ މައްޗަށް ހުށަހަޅާފައިވާ އިތުބާރު ނެތް ކަމުގެ މައްސަލާގައި އިއްޔެ ވޯޓު ނެގި އިރު، އިންސާފުވެރި ވޯޓަކަށް ހުރަސްއަޅާފައިވާ ކަމަށް އެމެރިކާ އިން ބުނެފިއެވެ.

ސްރީލަންކާގައި ހުންނަ އެމެރިކާ އެމްބަސީއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައި ވަނީ އިންސާފުވެރި މިނިވަން ވޯޓަކަށް މަޖިލީހުގައި ހުރަސް އަޅާފައިވާތީ ކަންބޮޑުވާ ކަމަށެވެ.

ޑިމޮކްރަޓިކް ނިޒާމުގެ މައްޗަށް އިތުބާރު ގާއިމު ކުރުމަށް މަޖިލީހުގެ ނިޒާމު މިނިވަންކޮށް ހިނގާނެ ޖާގަ ދިނުމަށް އެމެރިކާ އިން ވަނީ ގޮވައިލާފައެވެ.

މިނިވަން އިންސާފުވެރި ކައުންސިލު އިންތިހާބަކަށް ފުރުސަތު ދިނުމަށާއި، ނޫސްވެރިކަމުގެ މިނިވަން ކަމާއި އެއްވެ އުޅުމުގެ މިނިވަންކަމައި ޚިޔާލުފާޅު ކުރުމުގެ މިނިވަންކަން ހޯދައިދިނުމަށް ވެސް އެމެރިކާ އިން ވަނީ ގޮވައިލާފައެވެ.

މަސީހުގެ ވޯޓު އިއްޔެ ނަގާފައި ވަނީ އަނގަބަހުންނެވެ. އެގޮތަށް ވޯޓު ނަގާފައި ވަނީ ސިސްޓަމުން ވޯޓު ނަގައިފިނަމަ ސަރުކާރަށް ވޯޓު ނާކާމިޔާބުވާނެކަން ޔަގީންވާތީ ކަމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ބުނަމުންނެވެ.

މެމްބަރު އަބްދުﷲ ރިޔާޒު ފުލުސް އޮފީހަށް ހާޒިރުކުރުމަށް ފަހު ދޫކޮށްލައިފި

ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަދި ޖުމްހޫރީ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕްގެ ނައިބު ލީޑަރު އަބްދުﷲ ރިޔާޒު  ފުލުސް އޮފީހަށް ހާޒިރު ކުރުމަށް ފަހު ދޫކޮސްލައިފިއެވެ.

މެންބަރު ރިޔާޒު ދޫކޮށްލާފައިވަނީ އޭނާގެ ފޯނު އަތުލުމަށް ފަހުއެވެ.

ޖުމްހޫރީ ޕާޓީން މިރޭ ބުނީ ރިޔާޒު ހައްޔަރުކޮށްފައި ވަނީ މިރޭގެ 10:00 ހާއިރު  މާވެޔޮމަގުން ކަމަށެވެ. އެ ޕާޓީން ބުނީ އޭނާ ހައްޔަރުކުރީ ކީއްވެގެންކަމެއް އެނގިފައިނުވާ ކަމަށެވެ.

އެ މައްސަލައާ ގުޅޭގޮތުން މިހާތަނަށް ފުލުހުން ވަކިއެއްޗެއް ބުނެފައެއް ނުވެއެވެ.

ކުރީގެ ކޮމިޝަނަރ އޮފް ޕޮލިސް އަބްދުﷲ ރިޔާޒަކީ ރައީސް ޔާމީންގެ ސަރުކާރާ ޚިޔާލުތަފާތު ބޭފުޅެކެވެ. މި ސަރުކާރުން ގާނޫނާ ޚިލާފަށް ކުރާ ކަންތައްތައް ފާހަގަކޮށް ސަރުކާރު ޖަވާބުދާރީ ކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގެ ތެރެއިން އޭނާ އަންނަނީ މަސައްކަތް ކުރައްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގައި ވެސް ރިޔާޒު ވަނީ އިސް ދައުރެއް އަދާކުރައްވައިފައެވެ.

ރިޔާޒު ފުލުސް އޮފިހުން ދޫކޮށްލީ މިރޭ 11:45 ހާއިރުއެވެ.

މޫސާ މަނިކުގެ އިތުބާރު ނެތްކަމުގެ މައްސަލަ އޭޕްރީލް 11 އަށް އެޖެންޑާކޮށްފި

ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް ރީކޯ މޫސާ މަނިކުގެ އިތުބާރު ނެތްކަމަށް އިދިކޮޅު 15 މެމްބަރަކު ސޮއިކުރައްވައި ހުށަހަޅުއްވާފައިވާ މައްސަލަ އަންނަ އޭޕްރީލް މަހުގެ 11 ވަނަ ދުވަހަށް އެޖެންޑާކޮށްފިއެވެ.

އޭޕްރީލް 11 ވަނަ ދުވަހު ބާއްވާ ޖަލްސާ އަށް އެ މައްސަލަ އެޖެންޑާކުރިކަން މިހާރު ވަނީ މެމްބަރުންނަށް ލިޔުމުން އަންގާފައެވެ.

އެކަމާ ގުޅޭގޮތުން މޫސަ ވިދާޅުވެފައި ވަނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އޭނާ އެއްވެސް ކަމެއް ކުރައްވާފައިނުވާނެ ކަމަށާއި އޭނާއަކީ މަޖިލީހުގެ ރައީސް އަންގަވާ ކަމެއް ކުރަން ހުންނަ ބޭފުޅެއް ކަމަށެވެ.

މިއަދު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިލިމާލެ ދާއިރާގެ މެމްބަރު އަހުމަދު ނިހާން ހުސައިން މަނިކު ވިދާޅުވީ އެ ވޯޓު ވެސް އިދިކޮޅު ފަރާތްތަކަށް ނާކާމިޔާބުވާނެ ކަމަށެވެ.

އިދިކޮޅު މެމްބަރުން ވިދާޅުވީ މޫސާ މަނިކުގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަންޖެހުނީ މަޖިލީހުގެ ގަވާއިދާ ޚިލާފަށް އޭނާ މަސައްކަތް ކުރަވަމުން ގެންދަވާތީ ކަމަށެވެ.

އިދިކޮޅު ފަރާތްތަކުން ހުށަހެޅި މަޖިލީހުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ ވެސް ވަނީ ކާމިޔާބުވާގޮތް ނުވެފައެވެ. ސަބަބަކީ ގަވާއިދާ ޚިލާފަށް މަޖިލީސް މިއަދު ބޭއްވުމުން ކަމަށް އިދިކޮޅު މެމްބަރުން އަންނަނީ ވިދާޅުވަމުންނެވެ.