މޫނުގައި ބިހި ނެގުން ހުއްޓުވުމަށް ހިޔާރުކުރަންވީ ބައެއް ކާނާ

ނިދާ ހޭލާއިރު މޫނުގައި ބިއްސެއް ނުވަތަ ބިހިތަކެއް ހުރެއްޖެނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. ބިހިތައް އަވަހަށް ފިލުވާލުމަށް އުނގުޅުނުހާ އެއް އުނގޫޅާ ކުރެވުނުހާ ކަމެއް ކުރާނެތެވެ. ފުރާވަރު އުމުރުގެ ކުދީންނަށް މިކަމުގެ ހާސްކަން އިންތިހާ މާބޮޑެވެ. ނަމަވެސް ބިހި ނެގުން ހުއްޓުވުމަށް ބޭނުން ކުރެވިދާނެ ބައެއް ކާނާ އެބަ ހުއްޓެވެ.

ބްރައުން ރައިސް އަކީ މޫނުން ބިހި ނެގުން ހުއްޓުވުމަކަށް ކާން ރަނގަޅު ކާނާ އެކެވެ. އޭގައި ވިޓަމިން ބީ، ޕްރޮޓީން، މެގްނީޒިއަމް އަދި ތަފާތު އެންޓިއޮކްސިޑެންޓްސް ހިމެނެ އެވެ. ވިޓަމިން ބީ އަކީ ސްޓްރެސް މަތަކޮށްދޭނެ މާއްދާއެކެވެ. ސްޓްރެސް މަތަވެ ދަށްވާނަމަ ހޯމޯން ލެވެލަށް އަންނަށް ބަދަލުތައް މަދުކޮށްދެ އެވެ. ނަތީޖާއެއްގެ ގޮތުން މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ލޮނުމެދަކީ ވެސް މޫނުން ބިހި ނަގާނަމަ ރަނގަޅު ހައްލެކެވެ. ލޮނުމެދުގައި އެކުލެވޭ “އެލިސިން” ނަމަކަށްކިޔާ ކެމިކަލަކީ ނުރައްކާތެރި ކެމިކަލްތައް ނެތިކޮށްލާ ކެމިކަލެކެވެ. މޫނުގައި ބިހި ނެގުމުން އެ ބިހީގައި ނުވަތަ ނަގާފައި ހުރި ބިހިތަކުގައި ލޮނުމެދެއް ފަޅިކޮށްލުމަށްފަހު އުނގުޅާލާށެވެ. އޭރުން ނަގާފައި ހުރި ބިއްސެއް ނުވަތަ ބިހިތައް ތިރި ވާނެ އެވެ.

ކަނޑުމަހުގައި އޮމެގާ ތިނެއް އަދި އޮމެގާ ހައެއްގެ ފެޓީ އެސިޑްސް އެކުލެވެ އެވެ. އެ އެސިޑްސް އަކީ މޫނުގައި ބިހިނެގުމުން ދުރުކޮށްދިނުމަށް އެހީވެދޭނެ މާއްދާއެކެވެ. އެހެންކަމުން ގިނައިން ކަނޑުމަސް ކާނަމަ މޫނުގައި ބިހި ނެގުމުގެ ފުރުސަތު ކުޑަކޮށްދެ އެވެ.

ވިޓަމިން އޭ އަދި ކެރޮޓެނޮއިޑްސް ގައި އެންޓި އިންފްލެމެންޓޮރީ ޕްރޮޕަޓީސް ހިމެނެ އެވެ. އެ މާއްދާއަކީވެސް މޫނުގައި ބިހި ނެގުން މަދުކޮށްދިނުމަށް އެހީވެދޭނެ މާއްދާއެކެވެ. މި މާއްދާ އެކުލެވޭ ބައެއް ކާނާގެ ތެރޭގައި ކެރޮޓު، ސްޕިނެޗް، ކޭލް، ތަރުކާރީ ސޫޕް، އަނބު، ފަޅޯ، އޯޓްމީލް އަދި ޓޮމާޓޯ ޖޫސް ހިމެނެ އެވެ.

އަފްގާނުގައި ބަހަކަށް ދިން ބޮމުގެ ހަމަލާއެއްގައި 11 މީހަކު މަރުވެއްޖެ

އަފްގާނިސްތާނުގެ ވެރިރަށް ކާބުލްގައި އާންމުން ގޮވައިގެން ދަތުރުކުރަމުންދިޔަ ބަހަކަށް އަމާޒުކޮށް ދިން ބޮމުގެ ހަމަލާއެއްގައި 11 މީހަކު މަރުވެއްޖެއެވެ.

މީޑީއާ ރިޕޯޓްތައް ބުނާގޮތުން، މަރުވި މީހުންގެ ތެރޭގައި ގިނައީ ކުޑަކުދިންނާއި އަންހެނުންނެވެ. ހާދިސާގައި 40 މީހަކު ވަނީ ޒަހަމްވެފައެވެ.

އެ ހަމަލާގެ ޒިންމާ އަދި އެއްވެސް ފަރާތަކުން އުފުލާފައި ނުވާއިރު އެފަދަ ހަމަލާތަކުގެ ޒިންމާ އާންމުގޮތެއްގައި އުފުލަނީ އެގައުމުގައި އުޅޭ ތާލިބާނު ޖަމާއަތުންނެވެ.

އަދި މިފަހަކަށް އައިސް ތާލިބާނުން އަންނަނީ ކާބުލްގައި މިފަދަ އެތައް ހަމަލާތަކެއް ދެމުންނެވެ. އެގޮތުން އާންމުންނަށް އަމާޒުކޮށް ދޭ ހަމަލާތަކުގައި މިއަހަރުގެ މިހާތަނަށް 232 އާންމުންވަނީ މަރުވެފައެވެ.

2045 ވަނަ އަހަރަށްދާއިރު ދުނިޔޭގެ އާބާދީގެ 22 ޕަސެންޓް މީހުން ތިބޭނީ ފަލަކޮށް!

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދިރިއުޅެމުން އަންނަ އެތައް މިލިޔަން މީހުންގެ މިހާރުގެ ދިރިއުޅުމުގެ ވައްޓަފާޅިއަށް ބަލާނަމަ މީގެ 27 އަހަރު ފަހުން ދުނިޔޭގެ އާބާދީގެ ހަތަރުބައިކުޅަ އެއްބައި ތިބޭނީ ފަލަ މީހުން ކަމަށް ދިރާސާއަކުން ދައްކައިފި އެވެ.

ދެހާސް ވަނަ އަހަރުން ފެށިގެން 2014 ވަނަ އަހަރާ ހަމައަށް އާންމުކުރި ދުނިޔޭގެ ބޮޑީ މާސް އިންޑެކްސް (ބީއެމްއައި) އަށް ބިިނާކޮށް އެ ދިރާސާ ހަދާފައިވަނީ، ޑެންމާކުގެ ހެލްތު ކެއަރ ކުންފުންޏަކުންނެވެ.

އޮސްޓްރިއާގެ ވިއޭނާގައި މިދިޔަ މެއި މަހު ބޭއްވި ޔޫރަޕިއަން ކޮންގްރެސް އޮން އޮބީސިޓީ އަށް ހުށަހެޅި އެ ދިރާސާގައި ބުނެފައިވާގޮތުގައި 2045 ވަނަ އަހަރާ ހަމައަށް ހަކުރު ބަލި ނުވަތަ ޑައިބަޓީސް ހުންނަ މީހުންގެ ނިސްބަތް 9.1 އިން 11.7 ޕަސެންޓަށް އިތުރުވާނެ އެވެ.

އަދި ދުނިޔޭގެ އާބާދީގެ 10 އިންސައްތައަށް ހަކުރު ބަލި ޖެހުން މަދުކުރަން ބޭނުންނަމަ ފަލަ ނުވަތަ އޮބީސިޓީ ހުންނަ މީހުންގެ ނިސްބަތް 25 ޕަސެންޓަށް ދަށްކުރަންޖެހޭ ކަމަށް ވެސް ދިރާސާގައި ފާހަގަކޮށްފައިވެއެވެ.

އެކަން ކުރެވެން އޮތީ ކެއުމުގައްޔާއި ދިރިއުޅުމުގެ ވައްޓަފާޅި ބަދަލުތަކެއް ގެނެސްގެން ކަމަށާއި އަދި ހަކުރު ބަލިން އިންސާނުން ސަލާމަތް ކުރުމަށް ފަލަވުމާއި ގުޅުންހުރި ކަންކަމާމެދު ބައިނަލްއަގްވާމީ ފެންވަރެއްގައި ވިސްނައި އެކަށީގެންވާ ފިޔަވަޅު އެޅުމަށް ދިރާސާކުރި ކުންފުނިން ކޮންގުރެސްގައި ގޮވާލާފައިވެއެވެ.

އިދިކޮޅު ކެންޑިޑޭޓުން ނުލައި ބޭއްވި ކެމްބޯޑިއާގެ އިންތިޚާބު ވެރިކަންކުރާ ޕާޓީން ކާމިޔާބު ކޮށްފި

އިދިކޮޅު ކެނޑިޑޭޓަކާ ނުލައި ކެމްބޯޑިއާގައި  ބޭއްވި އާންމު އިންތިހާބު، މިހާރުގެ ބޮޑުވަޒީރު ހުން ސެން ކާމިޔާބު ކުރައްވައިފި އެވެ.

މީގެ 33 އަހަރު ކުރީން ފެށިގެން އެގައުމުގެ ވެރިކަމުގައި ހުންނެވި ސެންގެ ކެމްބޯޑިއަން ޕީޕަލްސް ޕާޓީ (ސީޕީޕީ)ގެ ތަރުޖަމާން ވިދާޅުވެފައިވާ ގޮތުގައި، މިދިޔަ ހުކުރު ހޮނިހިރުގައި ނެގި ވޯޓްގެ %80 އެޕާޓީން ކާމިޔާބުކޮށް ގާނޫނުހަދާ މަޖިލީހުގެ 125 ގޮނޑީގެ ތެރެއިން 100 ގޮނޑި އެޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ. ނަމަވެސް އިދިކޮޅު މައި ޕާޓީ، ކެމްބޯޑިއާ ނޭޝަނަލް ރެސްކިއު ޕާޓީ (ސީއެންއާރުޕީ) އުވާލުމަށް ފަހު ބޭއްވި އެ އިންތިޚާބަކީ އޮޅުވާލުމެއް ކަމަށް ފާޑުކިޔާ ފަރާތްތަކުން ދަނީ ބުނަމުންނެވެ.

އިންތިހާބުގެ ވަގުތީ ނަތީޖާ އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން އިއްޔެ އިއުލާންކުރި ނަމަވެސް ދާއިމީ ނަތީޖާ އިއުލާނުކުރަން ނިންމާފައިވަނީ އޮގަސްޓް މަހުގެ މެދުތެރޭގައި އެވެ.

އެ ގައުމުގެ އިލެކްޝަންސް ކޮމިޝަނުން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވާގޮތުގައި ވޯޓުލުމުގެ ޝަރުތު ހަމަވާ މީހުންގެ 82.71 އިންސައްތަ މީހުން ވޯޓުގައި ބައިވެރިވެފައިވެ އެވެ.

ޖަލު ހުކުމެއްގައި ހުންނެވި ނަވާޒު ޝަރީފު ހޮސްޕިޓަލަށް ބަދަލުކޮށްފި

ދިހަ އަހަރުގެ ޖަލު ހުކުމެއް ތަންޒީފު ކުރައްވަމުން ގެންދަވާ ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު ނަވާޒް ޝަރީފް ހޮސްޕިޓަލަށް ބަދަލުކޮށްފި އެވެ.

ޕާކިސްތާނުގެ އޮފިޝަލުންނާ ހަވާލާދީ އެގައުމުގެ ނޫސްތަކުން ރިޕޯޓްކުރާ ގޮތުގައި، ހިތުގެ ބައްޔަށް ފަރުވާ ހޯއްދެއްވުމަށް ނަވާޒް ޝަރީފް ބަދަލުކޮށްފައިވަނީ، އިސްލާމާބާދުގެ މައި ހޮސްޕިޓަލަށެވެ.

ނަވާޒް ހުކުމް ތަންޒީފު ކުރައްވަމުން ގެންދަވާ ޖަލު ހުންނަ ޕަންޖާބު ޕްރޮވިންސްގެ ހޯމް މިނިސްޓަރު ޝައުކަތު ޖާވިދު އެގައުމުގެ ދައުލަތުގެ މީޑިއާއަށް ވިދާޅުވެފައިވަނީ، އުމުރުފުޅުން 68 އަހަރުގެ ނަވާޒް ޝަރީފް ހޮސްޕިޓަލަށް ބަދަލުކުރަން ނިންމީ އޭނާގެ މޭގައި ރިއްސާތީ ޖަލުގައި ހެދި އީސީޖީއަކުން ހިތުގައި މައްސަލަތަކެއް އުޅޭ ކަމަށް ކަށަވަރު ކުރެވިގެން ކަމަށެވެ.

“ހޮސްޕިޓަލުގައި އޭނާ [ނަވާޒް] ހޭދަކުރައްވާނެ މުއްދަތެއް އެނގިވަޑައިގަންނަވާނީ ޑޮކްޓަރުންނަށް،” ޝައުކަތު ޖާވިދު ވިދާޅުވި އެވެ.

ހަކުރު ބަލި ހުންނަ ނަވާޒް އަކީ މީގެ ކުރިންވެސް ހިތުގެ މައްސަލަތަކެއް ދިމާވެގެން ފަރުވާ ހޯއްދަވާފައިވާ ބޭފުޅެކެވެ. އެގޮތުން 2016 ވަނަ އަހަރު އޭނާ ވަނީ ހިތުގެ ބައިޕާސް ސާޖަރީއެއް ވެސް ހައްދަވާފައެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި ސުޕްރީމް ކޯޓުން ނަވާޒް ޝަރީފްގެ މައްޗަށް އިއްވާފައިވާ 10 އަހަރުގެ ޖަލު ހުކުމް ތަންފީޒު ކުރުމަށް ނަވާޒް ޝަރީފް ހައްޔަރުކޮށްފައިވަނީ ލަންޑަނުގައި ހުރުމަށްފަހު އެނބުރި ގައުމަށް ވަޑައިގަތުމުންނެވެ. ނަވާޒް ޝަރީފް ހައްޔަރުކޮށްފައިވާއިރު އެ ގައުމުގައި މިދިޔަ ހަފްތާގައި ބޭއްވި އާންމު އިންތިހާބު ކާމިޔާބުކޮށްފައިވަނީ ކުރީގެ ކްރިކެޓް ލެޖެންޑު އިމްރާން ޚާންގެ ކޯލީޝަނުންނެވެ.

ފިލްމު “ބާރަތު” ގައި ސަލްމާންގެ ބައްޕަގެ ރޯލަށް ޖެކީ ޝްރޮފް

އަންނަ ޖޫން މަހު ރިލީޒް ކުރުމަށް ހަމަޖެހިފައިވާ ސަލްމާން ޚާންގެ ފިލްމު “ބާރަތު” ގައި ސަލްމާންގެ ބައްޕަގެ ރޯލުން ފެނިގެންދާނީ ޖެކީ ޝްރޮފް ކަމަށް ބޮލީވުޑްގެ ހަބަރުތައް ބުނެފި އެވެ.

ޓައިމްސް އޮފް އިންޑިއާގައި ރިޕޯޓްކޮށްފައިވާ ގޮތުގައި އަލީ އައްބާސް ޒަފަރު ޑައިރެކްޓްކުރާ އެ ފިލްމުގައި ސަލްމާންގެ ބައްޕަގެ ރޯލަށް ޖެކީ ހަމަޖެއްސުމަށް ފިލްމުގެ ޕްރޮޑަކްޝަން ޓީމުން ވަނީ ނިންމައިފައެވެ.

ދެކުނު ކޮރެއާގެ ޑްރާމާ ފިލްމެއް ކަމުގައިވާ “އޯޑް ޓު މައި ފާދާ” އަސްލަކަށް ބަލައިގެން އުފައްދާ އެ ފިލްމުގައި ބަތޮލާގެ ރޯލު ކުޅެން ކުރިން ހަމަޖައްސާފައި އޮތީ ޕްރިޔަންކާ ޗޯޕްރާ އެވެ. ނަމަވެސް ޕްރިޔަންކާ އެ ޕްރޮޖެކްޓް ދޫކޮށްލުމުން މިހާރު އެ ރޯލަށް ދީފައިވަނީ ދިޝާ ޕަޓާނީ އަށެވެ.

ސުޕަ ހިޓަކަށް ވާނެ ކަމަށް ބެލެވޭ ފިލްމު، “ބާރަތު” ގައި ސަލްމާން އާއި ދިޝާ ޕަޓާނީގެ އިތުރުން ތާބޫ ފެނިގެންދާނެ އެވެ.

ކޮރަޕްޝަނުގެ ތުހުމަތުގައި އިރާގު އިލެކްޝަންސް ކޮމިޝަނުގެ ފަސް އޮފިޝަލަކު ވަކިކޮށްފި

ކޮރަޕްޝަނުގެ ތުހުމަތުގައި އިރާގުގެ އިލެކްޝަންސް ކޮމިޝަންގެ ފަސް އޮފިޝަލަކު މަގާމުން ވަކިކޮށް، ދައުވާ ކުރަން ނިންމައިފި އެވެ.

އިރާގުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީ، އެ ފަސް އޮފިޝަލުން ވަކިކޮށްފައިމިވަނީ މިދިޔަ މެއި 12ގައި އެގައުމުގައި ކުރިއަށްދިޔަ އިންތިހާބުގައި ވޯޓު އޮޅުވާލާފައިވާ ކަމަށް ތުހުމަތު ކުރެވޭތީ، އިންތިހާބުގެ ވޯޓު އަލުން ގުނަން ފަށާފައިވާ ދަނޑިވަޅެއްގައެވެ. ކުރިން އެ އިންތިހާބުގެ ވޯޓު ގުނާފައިވަނީ މެޝިނަކުން ނަމަވެސް މިހާރު ވޯޓް ގުނަމުންދަނީ މެނުއަލް ކޮށެވެ.

މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ވަކިކުރި ފަސް އޮފިޝަލުންނަކީ އިންތިހާބުގެ ކަންކަމުގައި ފަސް ސަރަހައްދަކަށް ކަނޑައެޅި އިސް އޮފިޝަލުންތަކެކެވެ.

އިރާގުގައި މެއި މަހު ބޭއްވި އިންތިހާބުގައި ކުރި ހޯދީ އެމެރިކާއާ ގާތް ގުޅުމެއް އޮންނަ މޮގްތަދާ އަލް ސަދުރުގެ ކޯލިޝަނުންނެވެ. އަދި މިހާރުގެ ބޮޑުވަޒީރު ހައިދަރު އަލް އަބާދީގެ ކޯލިޝަނަށް ލިބިވަޑައިގަތީ ތިން ވަނަ އެވެ.

ނަމަވެސް އެ ނަތީޖާ ގަބޫލުނުކޮށް އަބާދީގެ ކޯލިޝަނުން ދަނީ އިލެކްޓޯރަލް ވޯޓު އޮޅުވާލައިފައިވާ ކަމަށް ބުނެ، އެކަމުގެ ތުހުމަތު އިލެކްޝަންސް ކޮމިޝަނުގެ ބޮލުގައި އަޅުވަމުންނެވެ. އެކަމަށް ރައްދުދީ މޮގްތަދާ އަލް ސަދުރުގެ ކޯލިޝަނުން ބުނަނީ، އަބާދީ ކޯލީޝަނުން އުޅެނީ ނަތީޖާ ގަބޫލުނުކޮށް ބަލި ގަބޫލު ކުރަން ނުކެރިގެން ކަމަށެވެ.

އަލުން ވޯޓު ގުނަން ފަށާފައިވާއިރު ވޯޓު ފޮށިތަކެއް ހުރި ގުދަނެއްގައި ވެސް ވަނީ ރޯކޮށްލައިފައެވެ. ނަމަވެސް އެ ހާދިސާގައި ވޯޓު ފޮށިތަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށްވެ އެވެ.

ފަލަސްތީނުގެ ދެ މުސްލިމަކު ޝަހީދުކޮށްލައިފި

އިޒްރޭލު ބޯޑަރު ސަރަހައްދުން އިއްޔެ ފަލަސްތީނުގެ ދެ މުސްލިމަކު ޝަހީދުކޮށްލައިފި އެވެ. އެ ދެ މުސްލިމުން ޝަހީދުކޮށްލާފައިވަނީ އިއްޔެގެ ހުކުރު ނަމާދަށްފަހު ފަލަސްތީނުގެ މުސްލިމުން ކުރިއަށްގެންދިޔަ މުޒާހަރާގެ ތެރެއަށް އިޒްރޭލު ސިފައިން ބަޑިޖަހައިގެންނެވެ.

ގާޒާގެ ސިއްހަތާއިބެހޭ ވުޒާރާއިން ހާމަކޮށްފައިވާގޮތުގައި ޝަހީދުވި އެކެއްގެ ނަމަކީ ގާޒީ އަބޫ މުސްތަފާ އެވެ. އެއީ 43 އަހަރުގެ މީހެއް ކަމަށް ބުނެފައި ވެ އެވެ. ޝަހީދުވި 14 އަހަރުގެ ކުއްޖާގެ ނަން ހާމަކޮށްފައެއް ނުވެ އެވެ.

މި ދެ މުސްލިމުން ޝަހީދުކޮށްލާފައިވަނީ ގާޒާ ސްޓްރިޕްގެ ޚާން ޔޫނިސް ސަރަހައްދުގެ ބޯޑަރު ކައިރިންނެވެ. މި ކަމާއިބެހޭގޮތުން އިޒްރޭލު ސިފައިން ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ.

މާރިޗް މަހުގެ ފަހުކޮޅުން ފެށިގެން ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު ގޯސްވެފައިވާއިރު މިހާތަނަށް ފަލަސްތީނުގެ 155މުސްލިމަކު ޝަހީދުކޮށްލާފައި ވެ އެވެ. އިޒްރޭލު އެކަކުވެސް މަރުވެފައެއް ނުވެ އެވެ.

ފަލަސްތީނާއި އިޒްރޭލުގެ މަސްރަހު މިފަހަރު ގޯސްވެގެންދިޔައީ އިޒްރޭލިގެ ވެރިރަށަކީ ގުދުސްކަމިގައި އެމެރިކާއިން ބަލައިގަނެ އެކަން އިއުލާނުކޮށް އެމެރިކާއިން އިޒްރޭލަށް ހާއްސަކޮށްފައި ހުންނަ އެމްބަސީ ގުދުސް އަށް ބަދަލުކުރުމުންނެވެ.

ސައުދީއަށް އެތެރެކުރަން އުޅުނު ތިން ލައްކައަށްވުރެ ގިނަ ޕާޓީ ޑްރަގްސް އަތުލައިގެންފި

ސައުދީ އަރަބިއްޔާއަށް ކަނޑުމަގުން އެތެރެކުރަން އުޅުނު ގިނަ އަދަދެއްގެ މަނާ ބޭސް ނުވަތަ ޕާޓީ ޑްރަގްސް ތަކެއް އަތުލައިގެންފި އެވެ.

ސައުދީގެ މީޑިއާތަކުން ރިޕޯޓްކުރާ ގޮތުގައި، ވެހިކަލްތަކެއްގެ ތެރޭގައި ފޮރުވައިގެން ސައުދީއަށް އެތެރެކުރަން އުޅެނިކޮށް ސައުދީ ހަދީތާ ޕޯޓުން ސައުދީ ކަސްޓަމްސްއިން އަތުލައިގެންފައިވަނީ އެމްފެޓަމީން ނަމަކަށް ކިޔާ މަނާ ބޭސް ތަކެކެވެ. އަދި އޭގެ ތިން ލައްކައަށްވުރެ ގިނަ ގުޅަ އަތުލައިގެންފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.

ހަދީތާ ޕޯޓްގެ ކަސްޓަމްސްގެ ވެރިޔާ އަބްދުއްރައްޒާގް އަލް-ޒަހްރާނީ ވިދާޅުވެފައިވާ ގޮތުގައި އެ ތަކެއްތި ސައުދީ ޕޯޓަކާއި ހަމައަށް ގެނެވިފައިމިވަނީ، މީގެ ކުރިން ފަސް ފަހަރެއްގެ މަތީން އެކަން އެގޮތަށް ކުރަން މަސައްކަތްކުރިފަހުން ކަން ތަހުގީގަށް އެނގިފައިވާކަމަށެވެ.

ފާއިތުވި އަހަރުގެ ތެރޭގައިވެސް ސައުދީއަށް މަނާބޭސް އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި 1628 މީހަކު ހައްޔަރުކޮށްފައިވާއިރު، އޭގެތެރެއިން 604 މީހުންނަށް ސައުދީއަށް ނިސްބަތްވާ އެ ގައުމުގެ ރައްޔިތުންނެވެ.

ހަކުރު ބައްޔަށް ސިކުނޑި ބަދަން ވަރަށް މުހިންމު

ސިކުނޑި ބަދަން ނުވަތަ އިނގިރޭސި ބަހުން ނަމަ ވޯލްނަޓަކީ އޭގައި ފެޓްސް ގިނަ އަދަދަކަށް އެކުލެވޭ ބަދަނެކެވެ. އިންސާނެއްގެ ސިކުނޑި ސިފަވާގޮތަށް އުފެދިފައި ހުންނަ މި ބަދަން ހުންނަނީ ހަރު ތޮއްޓެއްގައެވެ. ތޮށީގެ ތެރޭގައި ސިކުނޑި ބަދަން އޮންނައިރު އެ ބަދަން ދެ ފަޅި ކޮށްލެވެ އެވެ. ސިކުނޑި ބަދަން އާންމުގޮތެއްގައި ކައި އުޅެނީ ރޮލާ ނުވަތަ ފިހެގެންނެވެ.

ސިކުނޑި ބަދަނަކީ ސިއްހީ ގޮތުން ގިނަ ގުނަ ފައިދާ އެކުލެވޭ ބަދަނެކެވެ. ހާއްސަކޮށް ހަކުރު ބައްޔަށް ފަރުވާ ހޯދާ މީހުންނަށް ސިކުނޑި ބަދަނުން ގިނަގުނަ ފައިދާ ލިބެ އެވެ.

ހުރިހާ ވައްތަރެއްގެ ބަދަނުގައި ވެސް ދެ ވައްތަރެއްގެ ފެޓްސް ހުރެ އެވެ. އެއީ “މޮނޯއަންސެޗުރޭޓެޑް” ފެޓްސް އާއި “ޕޮލީއަންސެޗުރޭޓެޑް” ފެޓްސް އެވެ. ފެޓްސްގެ އިތުރުން ސިކުނޑި ބަދަނުގައި “އޮމެގާ 3 ފެޓީ އެސިޑްސް” އެކުލެވެ އެވެ. މީގެ އިތުރުން “އަޔަން”، “ސެލީނިއަމް”، “ކެލްޝިޔަމް”، “ޒިންކު”، “ވިޓަމިން އީ، ބީ” އެކުލެވިގެން ވެއެވެ. މި މާއްދާތަކުގެ ސަބަބުން ހަށިގަނޑުގައި ނިއުޓްރިޝަން ލެވެލް އެއްމިނެއްގައި ހިފަހައްޓައިދެ އެވެ.

ދަ ޔޭލް ޔުނިވާސިޓީ ސްކޫލް އޮފް މެޑިސިނުން ހަކުރު ބަލި ހުންނަ މީހުންނަށް ސިކުނޑި ބަދަނުން ކުރާ ފައިދާ ދެނެގަތުމަށް ކުރި ދިރާސާއެއްގައި، ދިރާސާއަށް ނެގި ބައިވެރިން ދެ ބަޔަކަށް ބަހާލައި އެއް ބަޔަކަށް ކޮންމެ ދުވަހަކު 56 ގްރާމް ސިކުނޑި ބަދަން އަށް ހަފްތާ ވަންދެން ކާންދިނެވެ. ނަތީޖާއިން ދެއްކި ގޮތުގައި ސިކުނޑި ބަދަން ކޭ ގްރޫޕްގައި ހިމެނޭ މީހުންގެ ހަކުރު ބަލީގެ ހާލަތު މާބޮޑަށް ވެސް ރަނގަޅުވެގެން ދިޔައެވެ.