އާމަންހަޖާއި އެކު އަންނަ އަހަރުން ފެށިގެންދާނީ ރާއްޖޭގެ ތައުލީމީ ހަޔާތަށް އިންގިލާބީ ބަދަލުތަކެއް ގެނުވާނެ އަހަރަކަށް: ނާއިބް ރައީސް ޑރ. ޖަމީލް

jameel-13-395x262

ޖަމާލުއްދީން ސްކޫލުގެ 30 ވަނަ އަހަރީ ދުވަހަށް ކައުންޓްޑައުން ފެށުމަށް މިރޭ އެސްކޫލުގައި ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ރައީސުލް ޖުމްހޫރިއްޔާގެ ނައިބް ޑރ މުހައްމަދު ޖަމީލް ވިދާޅުވީ ރާއްޖޭގެ ތައުލީމީ ނިޒާމަށް ބަދަލު ތަކެއް ގެންނަން ފަށާފައިވާކަމަށާއި އެގޮތުން އެނިޒާމަށް އަންނައަހަރު އިންގިލާބީ ބަދަލުތަކެއް ގެންނަވަން ނިންމާފައިވާކަމަށެވެ.
މިއަހަރުން ފެށިގެން އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދުވަސްތައް ރާއްޖޭގެ ތައުލީމީ ހަޔާތަށްވެސް ބޮޑެތި ބަދަލުތަކެއް އަންނާނެކަން. ކުރިއަށް އޮތް ދިރާސީ އަހަރު ވެގެންދާނީ ރާއްޖޭގެ ތައުލީމީ ހަޔާތް، މިދިޔަ 40 ކަށް އަހަރު ތެރޭގަ އެންމެ ބޮޑަށް ބަދަލުވެގެންދާ އަހަރަށް،” ޑރ، ޖަމީލް ވިދާޅުވިއެވެ.
ނާއިބް ރައީސް ވިދާޅުވީ އަލަށް ތައާރަފް ކުރާ ތައުލީމީ މަންހަޖު ފަރުމާކުރެވިފައިވަނީ މުޖުތަމައުއަށާއި،ގައުމުގެ އިގްތިސާދަށް އެންމެ ބޭނުންވާ ގޮތަށް ކަމަށާއި އެ މަންހަޖުގެ ދަށުން ސްކޫލުތަކުގައި ދަރިވަރުންނަށް ދެވޭނީ ހަމަ އެކަނި ތައުލީމު ނޫން ކަމަށެވެ. އެހެންކަމުން ސްކޫލުތަކުގައި ކުދިން ތަރުބިއްޔަތުވެސް ކުރެވިގެންދާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
“ތައުލީމީ ހަޔާތަކީ ގައުމުގެ ހަޔާތެއްގައި ކުރާ އެންމެ މުހިންމު ދަތުރު. ގައުމުގެ އިގްތިސޯދަށް ފަންނުވެރިން އުފައްދަނީ މި މާހައުލުގެ ތެރެއިން. މިރޭ މި އިހްތިފާލުގެ ތެރޭގައި މިތިބަ ދަރިވަރުން، ދަރިވަރުންނަށް އިޝާރަތް ކުރައްވަމުން ނާއިބު ރައީސް ޑރ ޖަމީލް ވިދާޅުވި އެވެ.
ނައިބްރައީސް އިތުރަށް ވިދާޅުވީ އާމަންހަޖު މިޙާރު ތައްޔާރުކޮށް ނިމިފައިވާކަމަށާއި އެމަންހަޖު އެކުލަވާލުމަށް މިހާރުގެ އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު ޝިހާމް ވަރަށް އިސްކޮށް ހަރަކާތްތެރިވެވަޑައިގަތް ކަމަށެވެ.

އާމްދަނީން ފަސް ޕަސެންޓް ސަރުކާރަށް ލިބޭ ގޮތަށް އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އުރީދު އަށް ދޭން ނިންމައިފި

20140526_Ooredoo-in-Kuwait-400x300

އާމްދަނީން ފަސް ޕަސެންޓް ސަރުކާރަށް ލިބޭ ގޮތަށް، ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދިނުމުގެ ހުއްދަ އުރީދު އަށް ދޭން ސަރުކާރުން ނިންމައިފި އެވެ.
ނިމިގެންދިޔަ އޮކްޓޯބަރު މަހުގެ ދެވަނަ ދުވަހު ހޯމްމިނިސްޓަރ އުމަރު ނަސީރު ސޮއިކުރައްވާ ކޭމްއަށް ފޮނުއްވި ސިޓީގައި ބުނެފައިވާ ގޮތުގައި އައިއެސްޕީގެ ހުއްދަ ދިނުމުގެ ފީއެއްގެ ގޮތުގައި އުރީދޫން 50000 ޑޮލަރު ދައްކަން ޖެހޭ. އަދި އެ ހިދުމަތުން ލިބޭ އާމްދަނީގެ ފަސް ޕަސެންޓް ސަރުކާރަށް ދައްކަން ވެސް ޖެހެ އެވެ.

މިނިސްޓަރު އުމަރު ކޭމް އަށް ފޮނުއްވި ސިޓީގައި ސަރުކާރުން ކަނޑައަޅާފައިވާ އެހެން ބައެއް ޝަރުތުތަކުގެ ތެރޭގައި މާލެ އަށް، އޮޕްޓިކް ފައިބަ ބޭނުން ކޮށްގެން ފިކްސްޑް ލައިން އިންޓަނެޓްގެ ހިދުމަތް ދޭން ޖެހެ އެވެ. އަދި 5،000 މީހުންނަށް ވުރެ މަތީގެ އާބާދީތަކަށް ދެ އަހަރު ދުވަހުގެ ތެރޭގައި އިންޓަނެޓްގެ ހިދުމަތް ދޭން ޖެހޭނެ ކަމަށާއި 2،000 އަށް ވުރެ މަތީގެ އާބާދީ އޮންނަ ރަށްތަކަށް ތިން އަހަރު ތެރޭގައި އެ ހިދުމަތް ދޭންޖެހެއެވެ.އަދި މީގެ އިތުރުން ސަރުކާރުން ކަނޑައަޅާ 80 ރަށަކަށް ވެސް އެޚިދްމަތް އުރޫދޫ އިން ދޭންޖެހެއެވެ.  ރާއްޖޭގައި ފިކްސްޑް ލައިން މެދުވެރިކޮށް އިންޓަނެޓްގެ ހިދުމަތް މިހާރު ދެމުން ގެންދަނީ ދިރާގުގެ އިތުރުން އާރުއޯއެލް އިންނެވެ.

ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާ ދެ މީހަކު ބަންދުގައިބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ފުލުހުންގެ މައްޗަށްއަމުރުކޮށްފި

12

ކޯޓަށް ހާޒިރުކޮށްދިނުން އެދި ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން ހޯދަމުން ދަނީ ގދ.ތިނަދޫ، ވެސްޓްޕޯލްއިރު އަޙްމަދު ސަލީމް (32އ) އާއި ގދ.ތިނަދޫޫ، ސްކޫނަރ މުޙައްމަދު ވާޞިފް (42އ) އެވެ.
ތަންފީޒްކުރުމަށް ފުލުހުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން، ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ޝަރީޢަތަށް ހާޒިރުކުރަން ބޭނުންވެ ހާޒިރު ނުކުރެވިފައިވާ މި02 މީހުން ކޯޓަށް ހާޒިރުކޮށްދިނުން އެދި ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާ ގުޅިގެން މިހާތަނަށް ފުލުހުން ކުރި މަސައްކަތުން ހޯދައި ނުފެނިފައިވާތީ އެ މީހުންގެ މަޢުލޫމާތު ޢާންމުކޮށް އިޢުލާނުކޮށްގެން ހޯދަން ފަށައިފައިވާކަމަށްވެސް މޯލްޑިވްސް ޕޮލިސް ސަރވިސް އިންބުނޭ.
މި ދެ މީހުން ހޯދަމުން ދަނީ ކްރިމިނަލް ކޯޓަށް ހުށަހެޅިފައިވާ ޓެރަރިޒަމްގެ ކުށުގެ ދަޢުވާއަކާއި ގުޅިގެން ޙާޟިރުކުރަން ބޭނުންވެ ޙާޟިރު ކުރެވިފައި ނުވާތީ، އެ ދެ މީހުން ބަންދުގައި ބަހައްޓައިގެން ކޯޓަށް ޙާޟިރު ކުރުމަށް ކްރިމިނަލް ކޯޓުން ފުލުހުންގެ މައްޗަށް ކޮށްފައިވާ އަމުރަކާއި ގުޅިގެންނެވެ.އެހެންކަމުން މި 02 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަމްބަރު 9991442 އަށް ގުޅުއްވައި ހިއްސާކޮށްދެއްވުމަށްވެސް ޕޮލިސް ސަރވިސް އިން އެދިފައިވޭ.

ހދ. އަތޮޅުގައި ފަސް ރިސޯޓު ހަދަން ސަރުކާރުން ވަނީ ނިންމާފައި.. ރައީސުލްޖުމްހޫރިއްޔާ

57527_f6e80c86-4_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ‏ތިލަދުންމަތި އުތުރުބުރީ ‏‏ކުޅުދުއްފުއްޓަށް ވަޑައިގެން، އެރަށު ރައްޔިތުންނާ ރޭ ބައްދަލުކުރައްވައިފިއެވެ. ކުޅުދުއްފުށީ ‏‏ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ކުޅުދުއްފުއްޓަކީ ‏‏އާބާދީގެ ގޮތުން ބޮޑު، އަދި ‏ރާއްޖޭގެ ގިނަ ރަށްރަށަށް ވުރެން ތަރައްޤީގެގޮތުން ކުރިއަރަފާއިވާ ‏‏ރަށެއްކަން ފާހަގަކުރެއްވިއެވެ. ‏އަދި، އިޤްތިޞާދީ ތަރައްޤީއާއި އެހެނިހެން ގޮތްގޮތުން ‏‏ބެލިކަމުގައިވީނަމަވެސް، އުތުރުގެ ތަރައްޤީގެ ‏‏ނާރެހަކީ ކުޅުދުއްފުށިކަމުގައި ފާހަގަކުރައްވަމުން، ‏‏އެމަނިކުފާނުގެ ސަރުކާރުން ތިލަދުންމައްޗަށް ‏‏އަމާޒުކުރައްވައިގެން ހިންގެވުމަށް ހަމަޖެހިފައިވާ ‏‏ތަރައްޤީގެ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ‏‏އަލިއަޅުއްވައިލެއްވިއެވެ. ‏
‏މިސަރުކާރުން ކުރައްވާ މަސައްކަތްތަކީ އިޤްތިޞާދީގޮތުން ރައްޔިތުން މިހާރު އޮތް ‏‏‏ހަމައިން އެހެން ‏‏ފައްތަރަކަށް ގެންދިއުންކަމުގައި ބަޔާންކުރައްވަމުން، ޓުއަރިޒަމް ކުރިއެރުވުމަށާއި، ‏‏އަތޮޅުތަކުގެ ތަރައްޤީއަށާއި، ފަރުދުންގެ ތަނަވަސްކަން އިތުރުކުރުމަށް އިޤްތިޞާދީ އާ ‏‏ވިސްނުންތަކެއް ގެނައުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. ‏‏މިމޭރުމުން އެމަނިކުފާނުގެ ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމުގެ އިޤްތިޞާދު ‏‏އާރާސްތުކުރުމަށްޓަކައި، ‏ސަރުކާރުން ޚާއްޞަ އިޤްތިޞާދީ ސަރަހައްދުތަކެއް ޤާއިމުކުރުމަށް ‏‏ނިންމަވާފައިވާކަމުގައި ވިދާޅުވިއެވެ. މީގެއިތުރުން، ހދ. އަތޮޅުގެ ތަރައްޤީއަށް އަމާޒުކޮށްގެން ‏‏އެއަތޮޅުން ފަސް ރިސޯޓު ހަދަން ސަރުކާރުން ނިންމާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ‏‏ވާހަކަފުޅުގައި އިޢުލާނު ކުރެއްވިއެވެ. ރިސޯޓު ތަރައްޤީކުރުމަށް ސަރުކާރުން އިޢުލާނުކުރެއްވި ފަސް ‏‏ރަށަކީ ދިއްޕަރުފުށްޓާއި، ވައިކަރުމުރާދޫއާއި، ކަނަމަނައާއި ‏‏ކުޑަފަރުގެ އިތުރުން ކޭލަކުނެވެ. ‏
‏މިސަރުކާރުގެ ވައުދުތަކުގެ މައްޗަށް ބައްލަވާލައްވަމުން، ކުޅުދުއްފުށީގައި އެއަޕޯޓެއް ‏‏އެޅުމުގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި، ‏‏ކުޅުދުއްފުއްޓަކީ އުތުރުގެ ނާރެހަށް ވުމާއެކު، އަތޮޅަށް އިޤްތިޞާދީ ކުރިއެރުން ލިބެންއޮތީވެސް ‏‏އެރަށުގައި އެއަރޕޯޓެއް އެޅިގެންކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.‏

‏‏‏ޒުވާނުންނަށް ފަހި ‏‏‏މުޖުތަމަޢެއް ބިނާކުރުމުގެގޮތުން ސަރުކާރުން ކުރައްވަމުން ‏‏ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ‏‏‏ރައީސުލްޖުމްހުރިއްޔާގެ ވާހަކަފުޅުގައި ‏‏ބައްލަވައިލެއްވިއެވެ‏‎.‎‏ މިގޮތުން ޓުއަރިޒަމް ކުރިއެރުވުމަށް ސަރުކާރުން މިކުރައްވާ މަސައްކަތްޕުޅުގެ ‏‏ސަބަބުން، ‏ޒުވާނުންނަށް ވަޒީފާތަކާއި، އިޤްތިޞާދީ ފުރުޞަތުތައް އިތުރުވެގެންދާނެކަން ‏‏ބަޔާންކުރެއްވިއެވެ. ‏ ‏

ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ސަރުކާރާއެކީ ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފި

57496_7a7ef3be-e_

ރައްޔިތުން ބޭނުންވާ ކަންކަން ހުހެއް ނުވާނެ ކަމަށާއި، އެހެންނަމަވެސް، ހުރިހާ ރައްޔިތުންވެސް ކެތްތެރިކަމާއެކު ސަރުކާރާއެކީ ސާބިތުވެ ތިބުމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް އެދިވަޑައިގެންފިއެވެ. އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ، ތިލަދުންމަތި އުތުރުބުރީ ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރަސްމީ ގޮތުން ފަށްޓަވައިދެއްވުމަށް ބޭއްވެވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ސަރުކާރުގެ ޚިދުމަތްތަކަކީ ވަކި ރަށަކަށް ޚާއްޞަ ކުރެއްވިފައިވާ ޚިދުމަތްތަކެއް ނޫން ކަމަށާއި، އެއީ މުޅި ދިވެހިރާއްޖޭގެ ހުރިހާ ރަށަކަށް ފޯރުކޮށްދެއްވަންޖެހޭ ޚިދުމަތްތަކެއް ކަމުގައި ވިދާޅުވިއެވެ. އަދި، މި ސަރުކާރުގެ އަމާޒަކީ، މާތް ﷲގެ ރަޙްމަތާއެކީ، ދިވެހިރާއްޖެ ދުވަހަކުވެސް ނުދެކޭ ވަރުގެ ތަރައްޤީއެއް، މި 5 އަހަރު ނިމިގެންދާއިރު ރައްޔިތުންނަށް ފޯރުކޮށްދެއްވުން ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ހޯރަފުށީ ރައްޔިތުންނާ މުޚާތަބު ކުރައްވައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެރަށުގެ ތަރައްޤީއަށްޓަކައި ސަރުކާރުން ރާއްވަވާފައިވާ އެކިއެކި މަޝްރޫޢުތަކުގެ މައްޗަށް އަލިއަޅުއްވައިލެއްވިއެވެ. މިގޮތުން، ހޯރަފުށީގެ އާންމު ޙާލަތު ރަނގަޅު ކުރެއްވުމަށް ސަރުކާރުން އަޅުއްވަމުންގެންދަވާ ފިޔަވަޅުތަކާއި، އިހަވަންދިއްޕޮޅު ޞަރަޙައްދަށް ޚާއްޞަކުރެވިފައިވާ “އައިހޭވަން” މަޝްރޫޢާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންނާ ޙިއްސާ ކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޞިއްޙީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކުން އަރައިގަތުމަށާއި، އެ ދާއިރާ އިތުރަށް ހަރުދަނާ ކުރުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުތަކުގެ މައްޗަށްވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ބައްލަވައިލެއްވިއެވެ. މިގޮތުން، ޞިއްޙީ ޚިދުމަތްތައް މުޅި ރާއްޖެއަށް ފެތުރިގެންދާއިރު ސަރުކާރުން ތަޢާރަފްކުރައްވާ “ޓެލެމެޑިސިން”ގެ ޚިދުމަތާއި، ސީ-އެމްބިޔުލެންސްގެ ޚިދުމަތް ރައީސުލްޖުމްހޫރިއްޔާ ޚާއްޞަ ގޮތެއްގައި ފާހަގަ ކުރެއްވިއެވެ. އަދި، މީހުން ދިރިއުޅޭ ކޮންމެ ރަށެއްގައި އަގުހެޔޮކޮށް ބޭސް ލިބޭނެ އިންތިޒާމު، އެސް.ޓީ.އޯ މެދުވެރިކޮށް ސަރުކާރުން ކުރައްވަމުން ގެންދަވާކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް ރައީސުލްޖުމްހޫރިއްޔާ މިއަދު ރަސްމީކޮށް ފަށްޓަވައިދެއްވައިފ

57474_78abc999-6_

ތިލަދުންމަތި އުތުރުބުރީ ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތް، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު މެންދުރުފަހު ރަސްމީކޮށް ފަށްޓަވައިދެއްވައިފިއެވެ. ހޯރަފުށީ ނަރުދަމާ ނިޒާމް ޤާއިމްކުރުމުގެ މަޝްރޫޢަކީ، އެމް.ޑަބްލިޔު.އެސް.ސީ އާ ޙަވާލުކުރައްވައިގެން، މިނިސްޓްރީ އޮފް ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރއިން ހިންގަވާ މަޝްރޫޢެކެވެ.

ޓެރަރިސްޓު އިސްރާއީލުން ދައްކާވާހަކަތަކާމެދު ސަމާލުވާން އެބަޖެހޭ

އެތައްހާސް ކުޑަކުދިންނަކާއި އަންހެނުންނެއް އަދި ނިކަމެތި މުސްކުޅިން ރަހުމެއްނެތި ގަސްތުގައި މަރާލުމަށްފަހު ބޯދަމައިގަތުމުގެ ގޮތުން ޓެރަރިސްޓު އިސްރާއީލުން ދައްކާވާހަކަތަކާމެދު އަޅުގަނޑުމެން ސަމާލުވާން އެބަޖެހެއެވެ.

މިފަހުން އިސްރާއީލުން ޣައްޒާއަށް ދޭންފެށި ޢުދުޢާނީ ޙަމަލާތަކަކީ، ކީއްވެގެން ދޭންފެށި ޙަމަލާތަކެއްތޯ އެންމެފުރަތަމަ ބަލާލަމާ ހިނގާށެވެ. އިސްރާއީލުގެ ޒުވާނުންގެ ތިން މީހަކު ވަގަށްނެގުމަށްފަހު ދާދިފަހުން ބަޔަކުމީހުންވަނީ މަރާލާފައެވެ. އެތިންމީހުންގެ ހަށިގަނޑުފެނުނީ އެއްލާލާފައި ވަނިކޮށް މަގުމަތިންނެވެ.
ކޮންމެދުވަހަކު ފަލަސްޠީނުގެ ކުށެއްނެތް އެތައް ޒުވާނުން ޝަހީދުކުރަމުންދާ އިސްރާއީލުގެ ފިނޑި ވެރިންނަކަށް މިކަން ހަޖަމެއް ނުވިއެވެ. ނަތީޖާއެއްގެގޮތުން އެމީހުން ތިން ޒުވާނުން މަރާލި ބަޔަކު ހޯދުމަށްކަމަށްބުނެ ޣައްޒާއަށް ހަމަލާދޭންފެށިއެވެ. މިޙަމަލާތައްދޭން ފެށިއިރު، ފާހަގަކޮށްލަންޖެހޭ ކަމަކީ ހައްޤުން ކަމަކާނުލައި ޓެރަރިސްޓު އިސްރާއީލުން ޣައްޒާ ބަންދުކޮށް ޙިސާރުކޮށް ޒަރޫރީބޭނުމަކުވެސް ޣައްޒާގެ ރައްޔިތުންނަށް ޣައްޒާއިން ބޭރަށް ނުނުކުމެވޭގޮތަށް ބަންދުކޮށްފައިވާތާ މިހާރު އަށެއްކަ އަހަރު ވެއްޖެކަމެވެ.

މިއިސްތިއުމާރާ ދެކޮޅަށް ޖިހާދުކުރުމަކީ ޣައްޒާގެ ރައްޔިތުންނަށް ލިބިގެންވާ ހައްޤެކެވެ. ދީނާއި މިނިވަންކަމަށްޓަކައި އެތަނުގައި އިސްރާއީލާދެކޮޅަށް ހަނގުރާމަކުރަމުންދާ މީހުން އެކުރަނީ މާތްﷲގެ މަގުގައި ކުރާ ޖިހަދެކެވެ. އެމީހުންގެ ތެރެއިން މަރުވެދާމީހުންނަކީ މާތްﷲ އިރާދަކުރެއްވިއްޔާ ޝަހީދުންނެވެ.
ކޮންމެއަކަސް ބަރަކާތްތެރި ރޯމަހުގެ ޙުރުމަތް ކަނޑާލައި ޓެރަރިސްޓު އިސްރާއީލުން ޣައްޒާއަށްދިން ޙަމަލާތަކުގައި މިހާތަނަށް ގާތްގަނޑަކަށް ޣައްޒާގެ ކުށެއްނެތް ޢާމުންގެ 2،000 މީހުން ވަނީ ޝަހީދުވެފައެވެ. އޭގެތެރޭގައި މުޅިންވެސް ހިމެނެނީ ޢާއްމުންނެވެ. ގިނައީ މަޢުސޫމު ކުޑަކުދިންނެވެ.
މިލާއިންސާނީ ޙަމަލާތަކުގެ ވަކިހިސާބަކުން އެއްކަލަ މަރާލެވުނު އިސްރާއީލުގެ ޒުވާނުންގެ ވާހަކައެއް ނުދައްކައެވެ. ޙަމަލާދޭންފެށީ އެމީހުން، މަރާލިމީހުން ހޯދަން ކަމަށްވިޔަސް، ދޮގުވެރި އިސްރާއީލުން ފަހުން ބުނަންފެށީ މިޙަމަލާތަކަކީ ފަލަސްޠީނުގެ މިނިވަކަމަށްޓަކައި ޖިހާދުކުރާ ޙަމާސް ޖަމާޢަތުން އިސްރާއީލަށް ދޭ ދިފާޢީ ޙަމަލާތައް ހުއްޓުވަން ދޭ ހަމަލާތަކެއްކަމަށެވެ.

މިވަރުގެ ދޮގުވެރި މުޖުރިމުންގެ ބަޔަކު އެކާވީސްވަނަޤަރުނުގެ ތަހުޒީބު ދުނިޔޭގައި ފަހެ އުޅޭނެބާއެވެ؟ކޮންމެއަކަސް މި އަނިޔާވެރިކަން  ރޯދަމަހު ފެށިފަހުން  ޙަމާސްޖަމާޢަތަށް އެއްވެސް ވަރެއްގެ ގެއްލުމެއް ނުދެވުނުތާގައި ޙަމާސްގެ ރޮކެޓު ޙަމަލާތައް ހުއްޓުވުމުގައިވެސް އިސްރާއީލުގެ ހައްދުފަހަނަޅާފައިވާ ޓެރަރިސްޓު ސިފައިންވަނީ ފެއިލްވެފައެވެ.

އިސްރާއީލުގެ ސިފައިންނަކީ ފިނޑި މަރުދެކެ އިންތިހާއަށް ބިރުގަންނަބަޔަކަށްވާތީ އެމީހުންގެ ސިފައިންގެ ތެރެއިން އެތައްބަޔަކު ޙަމާސްގެ މުޖާހިދުންގެ ވަރުގަދަ ޙަމަލާތަކުން މަރުވާން ފެށުމުން ޙަމަލާތައް ކުރިއަށް ގެންދިއުމަށް މިހާރުވަނީ ދަތިތަކާ ކުރިމަތިވެފައެވެ. މަޖުބޫރުކޮށްގެން ގަދަކަމުން ނެރޭ ސިފައިންވެސް ދަނީ ހަނގުރާމައަށް ދިއުމަށް އިންކާރުކުރަމުންނެނެވެ. ބައެއް މީހުން ހަނގުރާމައަށް ފިލާކަމަށެވެސް ވެއެވެ. މަރުވާ ޔަހޫދީ ސިފައިންގެ ޢަދަދު އެމީހުންގެ ވެރިންވަނީ ވަރަށްބޮޑަށް ސިއްރުކޮށްފައެވެ.

އެހެންނަމަވެސް 60 އަށްވުރެ ގިނަ ޔަހޫދީ ސިފައިން މަރުވެފައިވާކަމަށް އިސްރާއީލުގެ ވެރިންވެސް އެއްބަސްވެއެވެ. މިއީ ޙަމަލާތައް ހުއްޓާލައި ސުލްޙަވުމުގެ ނަމުގައި އިސްރާއީލުން ދޭތެރެދޭތެރެއިން ދައްކާ ހޮޅި ވާހަކަ މިފަހަރު ތަކުރާރުކުރަން ޖެހުނު މައިގަނޑު ސަބަބެވެ. މީގެ އިތުރުން މިފަހަރުގެ ހަމަލާތަކުގެ ސަބަބުން އިސްރާއީލުގެ އިޤްތިސާދާއި ވައިގެ ދަތުރުފަތުރުގެ ނިޒާމަށްވެސް ވަނީ ބޮޑެތި ގެއްލުންތަކެއް ކުރިމަތިވެފައެވެ.

އަބަދުވެސް ދޮގުހަދަ އިސްރާއީލުން މިފަހަރު ވަނީ ހަމަލާ ބަދަލުކުރުން މެދުކަނޑާލުމަށް މިހާރު ގާއިމުކޮށްފައިވާ ތިން ދުވަހުގެ އެއްބަސްވުމުގެ މުއްދަތު އިތުރުކުރަން އެއްބަސްވާކަމަށް ބުނެފައެވެ. އެއެއްބަސްވުމުގެ ދަށުން ދިފާޢުގައި ހަނގުރާމަކުރަމުންދާ ހަމާސްއިން އެއްވެސް ހަމަލާއެއް ދީގެންނުވެއެވެ. އަދި ޣައްޒާ ޙިސާރުކޮށް ކާބޯތަކެއްޗާއި ބޯފެން ލިބުމުން ޣައްޒާގެ ރައްޔިތުން މަޙުރޫކޮށްފައިވާ ކުރުމާ ދެކޮޅަށް އެއްވެސް ކަމެއްވެސް ކޮށްގެންނުވެއެވެ. ޙިސާރުން މިނިވަން ވުމަށް ގައްޒާގެ ރައްޔިތުންވެސް ކަމެއް ކޮށްގެން ނުވެއެވެ.

އަނެއްކާވެސް ހިންދެމިލާ އަރާމުކޮށްލަން ޓެރަރިސްޓު އިސްރާއީލަށް ވަގުތުކޮޅެއް ދޭންވީއެވެ. ކޮއީ ހަމަހޭގައިތިބި ބަޔަކު އެއްބަސްވާނެ އުސޫލެއްބާއެވެ؟
ކޮންމެއަކަސް ޙަމާސްޖަމާޢަތުން ބުނަނީ އެއްބަސްވުމެއް ނަމަ ދެފަރާތަށްވެސް އެއިން ފައިދާތަކެއް ހުންނަންޖެހޭކަމަށެވެ. އެގޮތުން ހައްޤަކާނުލައި ޣައްޒާގެ ރައްޔިތުން ބަންދުކޮށް ޣައްޒާ ހިސާރުކޮށްފައި އޮތް އޮތުން އިސްރާއީލުން ނުމުމަކަށް ގެންނަންޖެހޭނެކަމަށެވެ. އެހެންނަމަވެސް މިކަމަކަށް އިސްރާއީލު އެއްބަހެއް ނުވެއެވެ. މިގޮތަށް ހަމަލާ ބަދަލުކުރުން ހުއްޓާލި ކޮންމެފަހަރަކުވެސް އިސްރާއީލުންވަނީ ވަޢުދާޚިލާފުވެފައެވެ.

ހަމާސްގެ ތަރުޖަމާން ސާމީ އަބޫ ޒުހްރީ ވިދާޅުވެފައި ވަނީ ޣައްޒާ އިން އިޒްރޭލުގެ ހުރިހާ ސިފައިން ފޭބުމަށް ފަހު، ގާޒާ ބަންދުކޮށްފައި އޮތް އޮތުން ނިމުމަކަށް ގެނައުމަށް ޙަމާސްއިން ހުށަހަޅާކަމަށެވެ. މި ޝަރުތުތަކަށް އިސްރާއީލުން އެއްބަސްނުވަނީސް ހަގީގީ ސުލްހަ ގާއިމު ނުވާނެ ކަމަށް ހަމާސްއިން ބުނެއެވެ. މިހާރުވެސް ފަލަސްޠީނުގެ ބިންތައް ހިފައިގެން އުޅޭ އިސްރާއީލުން ފަލަސްތީނުގެ ބިންތަކުން ފޭބުމަށް ކުރިއަށް ގެންދިޔަ ކޮންމެ ވާހަކަތައް ވެސް މެދުކަނޑާލާފައި ވަނީ ފަލަސްތީނުން މާ ގިނަ ކަންތަކަށް ޝަރުތުކުރާ ކަމަށް ބުނެއެވެ. ބިންތަކުން ފޭމުމަށްވެސް އަނިޔާވެރިކަމާއި ޙިސާރުކުރުންތައް ނިންމާލާކަށްވެސް އިސްރާއީލުން އެއްބަހެއްނުވެއެވެ.
މީގެ އެންމެ ހެއްވާކަމަކީ މަޝްވަރާތައް ކުރިއަށްގެންދަން އިސްރާއީލުން ބޭނުންވަނީވެސް މުޤައްދަސް މަސްޖިދުލް އަޤުސާ ހިމެނޭ ގުދުސްގެ މައްސަލަ ނުހިމަނައެވެ. މިއީ ޝަހާދަތުގެ ދެކަލިމަ ދުލުންކިޔައި ހިތުން ޤަބޫލުކޮށްގެން އެއްވެސް ބަޔަކު ޤަބޫލުކުރާނެ ކަމެއްނޫނެވެ.

މިފަދަ އަނިޔާވެރި އިސްރާއީލުން ހުރިހާ ނުބައެއް ހެދުމަށްފަހު އެމީހުންގެ މަސްލަޙަތު އޮންނަނ ދުނިޔޭގެ މީޑިއާތަކުން މިއަދުވެސް ބުންމުން އެދަނީ ޙަމަލާ ބަދަލުކުން ހުއްޓާލަން އިސްރާއީލު އޮތީ ތައްޔާރަށްކަމަށާ، މިކަން ނުވެގެން އުޅެނީ ޙަމާސް ޖަމާޢަތުން އެއްބަސްނުވެގެން ކަމަށެވެ. މިއީ ކޮންފަދަ ބޮޑު އޮޅުވާލުމެއްތޯއެވެ؟
ކޮންމެއަކަސް މިފަހަރު ދެމުންދާ ޢުދުވާނާގުޅިގެން ހަމާސް އާއި އިސްރާއީލާދެމެދު ގާއިމުކޮށްފައިވާ އެއްބަސްވުމުގެ މުހުލަތު ހަމަވާނީ ހުކުރު ދުވަހު އެވެ.

ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ރާއްޖޭގެ ރައްޔިތުންނަށް ފޮނުއްވި ތަހުނިޔާގެ ޚިޠާބު

0_140194377814_news

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ މުނާސަބަތުގައި، އަޅުގަނޑުގެ އެންމެ އިސް ވާޖިބަކީ، މި މަތިވެރި ނަޞްރު ދެއްވި ކަމަށްޓަކައި اللّـه سبحـانـه وتعـالىގެ ޙަޟުރަތަށް ޙަމްދާއި ޝުކުރު ދެންނެވުމެވެ. އެއަށްފަހު، މިއަދުގެ މުނާސަބަތުގައި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ތަހުނިޔާ ދަންނަވައި، ހެޔޮއެދުންތައް އަރިސް ކުރުމަކީވެސް އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެކެވެ.
ނަޞްރުގެ ދުވަހަކީ، 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ރާއްޖެއަށް ކުރިމަތިވި ނުރައްކާތެރި ބިރުވެރި ޢުދުވާނީ ޙަމަލާއަކީ ފަހަކަށްއައިސް ރާއްޖެއަށް ކުރިމަތިވި އެންމެ ބިރުވެރި ޙަމަލާއެވެ. އެދުވަހުގެ ހާދިސާއަކީ، ދިވެހި ރައްޔިތުންގެ ހިތްތަކުން ދުވަހަކުވެސް ފިލައިގެންދާނެ ހާދިސާއެއް ނޫނެވެ. އެހާދިސާގެ ބިރުވެރިކަން މިއަދުވެސް އަޅުގަނޑުމެންގެ ހިތްތަކަށް ވަދެގެންދެއެވެ.
އެދުވަހުގެ ޙަމަލާއިން މާތްވެގެންވާ އިސްލާމްދީނާއި، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުން ސަލާމަތްކޮށްދެއްވުމަށް ރާއްޖޭގެ ސިފައިން ވެވަޑައިގެންނެވި މަތިވެރި ޤުރްބާނީގެ މަތިން އަޅުގަނޑު މި ފުރްޞަތުގައި ހަނދާންކުރަމެވެ. އަދި ދިވެހި ޤައުމުގެ މިނިވަންކަމަށް ޖިހާދު ކުރައްވައި، މިނިވަންކަން ރައްކާތެރި ކުރައްވައި، އެ ޢުދުވާނީ ޙަމަލާގައި ޝަހީދުވެވަޑައިގެންނެވި ހިތްވަރުގަދަ އަބްޠާލުން އެކުރެއްވި ޖިހާދަށް ފަޚްރުވެރިވާ ޙާލު، އެހުރިހާ ބޭފުޅުންގެ ފުރާނައަށް މާތްﷲ ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވުން އެދި އެކަލާނގެ ޙަޟުރަތުގައި ދުޢާ ދަންނަވަމެވެ.3ނޮވެންބަރުގެ ޢުދުވާނީ ޙަމަލާގައި، މާތްﷲގެ ވާގިފުޅާއެކު، ދިވެހިންނަށް ނަޞްރު ލިބުނީ، ދިވެހި ރައްޔިތުން އެދުވަހު ދައްކަވައިދެއްވި އެކުވެރިކަމާއި، އުޚުއްވަތްތެރިކަމާއި، އެއްބައިވަންތަކަމުގެ ސަބަބުންނެވެ. އެންމެން އެއް އަޑަކުން، އެއް ފިކުރެއްގައި ތިއްބަވައި ކުރެއްވި މަތިވެރި ދުޢާއިންނެވެ.
ނަޞްރުގެ ދުވަސް މިއަދު ފާހަގަކުރަމުންދާއިރު، ދިވެހިރާއްޖެއަށް މާޒީގައި ކުރިމަތިވި ކޮންމެ ޢުދުވާނެއް ކުރިމަތިވެފައިވަނީ، އެކަމުގައި ދިވެހިންގެ ތެރެއިން ޤައުމާއި ދީނަށް ލޯތްބެއް ނެތް، ޤައުމަށް ޚިޔާނާތްތެރިވި ޚާއިނުންގެ ބަޔަކު ޝާމިލުވެގެންކަން މިއީ މިއަދުވެސް އަޅުގަނޑުމެން ހަނދާންކުރަންޖެހޭނެ ކަމެކެވެ. އަދި މިކަންކަމުން އަޅުގަނޑުމެން ޢިބްރަތް ހާސިލުކުރަން ޖެހެއެވެ. އެހެންކަމުން، މާޒީން ޢިބްރަތް ހާސިލުކޮށް، ދީނާއި ޤައުމަށް ލޯބިކުރާ މީހަކަށްވުމަށް، ރާއްޖޭގެ ރައްޔިތުންނަށް މިއަދު އަޅުގަނޑު އިލްތިމާސް ކުރަމެވެ.
ދިވެހި ތާރީޚުގައިވެސް ދިވެހިން ކުރިމަތިލާންޖެހުނު އެންމެ ބިރުވެރި އެއް ޙަމަލާއަށްފަހު، ރާއްޖޭގެ ރައްކާތެރިކަމާއި ސަލާމަތާބެހޭ ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެނެވި، ސަލާމަތީ ކަންތައްތައް އިތުރަށް ހަރުދަނާ ކުރުމަށް ވަނީ ފިޔަވަޅުތަކެއް އަޅާފައެވެ. މިގޮތުން، އޭރުގެ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެމަތީ ވެރިޔާ އަލްއުސްތާޛު މައުމޫން ޢަބްދުލްޤައްޔޫމާއި، ސިފައިންގެ ޒަޢާމަތުގައި ތިއްބެވި ބޭފުޅުންގެ ދުރު ވިސްނުންފުޅާއެކު، ސިފައިންގެ ކަންތައްތަކަށް ގެންނެވި އަވަސް ހެޔޮ ބަދަލުތަކުގެ މަތިން އަޅުގަނޑު މިއަދު ހަނދާންކުރަމެވެ.

ސިފައިންގެ ތެރެއަށް ތަޢުލީމީ ޒުވާނުން ވައްދައި، ދީނީ ލޯތްބާއި، ޤައުމީ ރޫޙު އަށަގަންނުވައި، ޤައުމުގެ ދިފާޢުގައި ފަސްނުޖެހި ކުރިމަތިލާނެ ޤާބިލު ޒުވާން ލަޝްކަރެއް މިއަދު ވަނީ އެކުލަވައިލެވިފައެވެ. އަދި މިހާރުވެސް ބޭރުގެ ޢަސްކަރިއްޔާތަކާ ގުޅިގެން ދިވެހި ސިފައިންނަށް ޢަސްކަރީ ތަމްރީނުތައްދީ، ޢަސްކަރީ ފަރިތަކުރުންތައް، ރާއްޖޭގަޔާއި ރާއްޖެއިން ބޭރުގައި ދަނީ ހިނގަމުންނެވެ.
ނަޞްރުގެ ދުވަހުގެ ޒިކުރާ އާކުރަމުންދާއިރު، ދިވެހި ޤައުމުގެ މިނިވަންކަމާއި ސިޔާދަތާއި، އަމިއްލަވަންތަކަމަށް އުނިކަމެއް އަތުވެދާފަދަ ކަންކަމުން އަޅުގަނޑުމެން ދުރުހެލިވެ ތިބުމަކީ، ވަރަށް މުހިންމު ކަމެކެވެ. ބޭރުގެ އެކި ފަރާތްތަކުން ފޯރުވުމަށް މަސައްކަތް ކޮށްފާނެ އެކި ނުފޫޒުތަކާ ދޭތެރޭގައި، އަޅުގަނޑުމެން އަބަދުވެސް ތިބެންޖެހޭނީ ސަމާލުވެއެވެ. ރާއްޖޭގެ އެއްބައިވަންތަކަމާއި އަމިއްލަވަންތަކަން ދިފާޢު ކުރުމުގެ މަތިވެރި ޢަޒުމުގައެވެ.
މާތްﷲ އަޅުގަނޑުމެންގެ މި ދިވެހިރާއްޖެ މިނިވަން އިސްލާމީ ޤައުމެއްގެ ގޮތުގައި އަބަދަށް ލަހައްޓަވާށިއެވެ! ބޭރުގެ އެކިއެކި ނުރައްކާތަކުން ރާއްޖެއާއި ރާއްޖޭގެ ރައްޔިތުން ސަލާމަތްކުރައްވާށިއެވެ! ރާއްޖޭގެ ރައްޔިތުންގެ މެދުގައި ޤާއިމުވެފައިވާ އެއްބައިވަންތަކަމާއި އެކުވެރިކަމުގެ ގުޅުން އަބަދަށް ދަމަހައްޓަވާށިއެވެ! އަދި ރާއްޖެއަށް އަބަދުވެސް ނަޞްރާއި ނަޞީބު މިންވަރު ކުރައްވާށިއެވެ!
10 މުޙައްރަމް 1436
3 ނޮވެންބަރު 2014

ދިރާގު ދިވެހި ލީގުގައި ކްލަބް އީގަލްސް އަތުން މޮޅުވެ ލީގު ޗެމްޕިއަންކަމާ ގާތަށް ނިއު ރޭޑިއަންޓް ޖެހިލައިފި

statement

ދިރާގު ދިވެހި ލީގުގައި މިރޭ ކްލަބް އީގަލްސް އަތުން މޮޅުވެ ލީގު ޗެމްޕިއަންކަމާ ގާތަށް ނިއު ރޭޑިއަންޓް ޖެހިލައިފި އެވެ. މިރޭގެ މޮޅާ އެކު ނިއުއިން ވަނީ ހަތަރު ޕޮއިންޓުގެ ލީޑަކާއި އެކު ތާވަލުގެ ކުރީގައެވެ. ނިއު 48 ޕޮއިންޓާ އެކު އެއް ވަނައިގައި އޮތްއިރު، ލީގުގައި މަހިބަދޫއާ ދެކޮޅަށް ބުދަ ދުވަހު ކުޅޭ މެޗުން މޮޅުވެގެން ޖެހިޖެހިގެން ތިން ވަނަ ފަހަރަށް ލީގު ކަށަވަރުވާނެ އެވެ.
ގައުމީ ފުޓްބޯޅަ ސްޓޭޑިއަމުގައި މިރޭ ކުޅުނު މެޗުގައި ނިއުގެ ހަމައެކަނި ލަނޑު 11 ވަނަ މިނެޓުގައިއެޓީމަށް ކާމިޔާބު ކޮށްދިނީ އުމެއިރު ނެގި ކޯނަރަކުން އަކްރަމް އަބްދުލް ބޮލުން ޖަހާ ގޯލަށް ވައްދައިލައިގެންނެވެ.

ނަތީޖާ ހަމަހަމަކުރަން 18 ވަނަ މިނެޓުގައި އީގަލްސް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ކެޕްޓަން އިސްމާއިލް އީސާ (މެސީ) ނެގި ހިލޭ ޖެހުން އޭރިއާ ތެރޭ ހުހަށް ހުރި އަހުމަދު ނޫމާން ފޮނުވާލުމުން ގޯލާ އަމާޒެއް ނުވި އެވެ. އޭގެ ފަހުން 43 ވަނަ މިނެޓުގައި އީގަލްސްގެ ހަސަން އަދުހަމް  އޭރިއާ ތެރެއިން ފޮނުވާލި ބާރު ބޯޅަ ނިއުގެ ކީޕަރު އިމްރާން މުހައްމަދު ދިފާއުކޮށް ކުޅުމުގެ ތެރެއަށް ފޮނުވާލި އެވެ. ދެ ވަނަ ފަހަރަށް ސަޑޭ ފޮނުވާލި ބޯޅަ ގޯލާ އަމާޒެއް ނުވި އެވެ.
އިތުރު ވަގުތުގެ ތެރޭ ނިއުގެ ބަދަލު ކުޅުންތެރިޔާ ޑޭން އީގަލްސްގެ ކުޅުންތެރިއަކަށް ފައިގެ ދަށްފުށުން ކުރި ޓެކުލަކާ ގުޅިގެން ރެފްރީ ވަނީ ޑޭން އަށް ސީދާ ރަތްކާޑެއް ދައްކައިފަ އެވެ.

ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

abdulla_yamin_mahinda_004

ސްރީލަންކާގެ ބަޑުއްލާ ޑިސްޓްރިކްޓުގައި ހިނގި ކިސަޑު ފޭބުމުގެ ހިތާމަވެރި ‏‏ހާދިސާގައި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏‏ސްރީލަންކާގެ ރައީސް، މަހިންދަ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.‏
‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ‏‏ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް ނުފެނިވާ މީހުން ހޯދުމުގެ މަސައްކަތް ‏‏ހިނގަމުންދާއިރު، އެމީހުން ސަލާމަތްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ‏‏ވިދާޅުވެފައިވެއެވެ.‏
‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ‏‏ސްރީލަންކާގެ ރައީސް ‏މަހިންދަ ރާޖަޕަކްސަ‏އަށާއި، ސްރީލަންކާގެ ސަރުކާރަށާއި، ރައްޔިތުންނަށް ‏‏ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި އެންމެންގެ ‏‏ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.