ޖޭއެސްސީގެ 5 މެންބަރަކާއި ބެހޭ މައްސަލައެއް ފަނޑިޔާރު ދީދީ ފުލުހަށް ހުށަހަޅައިފި

ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ ފަަސް މެންބަރަކާއި ބެހޭ ގޮތުން ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ، ސިޓީއަކުން ފުލުހުންނަށް މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ފުލުހުން ވިދާޅުވެއްޖެ އެވެ.

ފުލުހުން ވިދާޅުވީ، ޖޭއެސްސީގެ ފަސް މެންބަރަކާއި ބެހޭ މައްސަލައެއް ފަނޑިޔާރު ދީދީ ރޭ ވަނީ ސިޓީއަކުން ހުށަހަޅާފައި ކަމަށާއި އެއީ ޖިނާއީ ތަހުގީގެއް ކުރަން ޖެހޭ ބާވަތުގެ މައްސަލައެއްތޯ ބެލުމަށް އެ މައްސަލަ ދިރާސާކޮށް، ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ފުލުހުންނަށް ހުށަހެޅީ، ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީ އިން ނިންމި ނިންމުމަށް އަމަލުކުރުން މަޑުޖައްސާލަން ސުޕްރީމް ކޯޓުން އަމުރު ކުރުމަށް އެއަމުރު ގަބޫލު ނުކުރާނެ ކަން އިއުލާން ކުރުމަށް ޖޭއެސްސީގައި ވޯޓް ދެއްވި ފަސް ބޭފުޅުންގެ މައްސަލައެވެ.

އެ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި، ރައްޔިތުން މަޖިލީހު މެންބަރުންގެ ފަރާތުން ޖޭއެސްސީގައި އިންނަވާ ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އާއި ބަންޑާރަނައިބު އިބްރާހިމް ރިއްފަތު އާއި ޖޭއެސްސީ އަށް ރައީސުލްޖުމްހޫރިއްޔާ އައްޔަން ކުރައްވާފައިވާ މެންބަރު އަލްއުސްތާޛު މަސްތޫރު ޙުސްނީ އާއި ސިވިލް ސާވިސް ކޮމިޝަންގެ ރައީސްގެ ހައިސިއްޔަތުން ޖޭއެސްސީގައި އިންނަވާ ޑރ.އަލީ ޝަމީމް އެވެ.

އެ މައްސަލާގައި ފަނޑިޔާރު ދީދީ ސަސްޕެންޑް ކުރަން ޖޭއެސްސީން ނިންމި ނަމަވެސް، އެ ނިންމުން ބާތިލްކޮށްދިނުމަށް އެދި ފަނޑިޔާރު ދީދީގެ ފަރާތުން ސުޕްރީމް ކޯޓަށް މައްސަލަ ހުށަހެޅުމުން އެ ކޯޓުން ވަނީ ޖޭއެސްސީގެ އެ ނިންމުމަށް އަމަލު ކުރުން ފަސްކުރުމަށާއި ފަނޑިޔާރު ދީދީއާމެދު އެއްވެސް ފިޔަވަޅެއް ނޭޅުމަށް އަމުރުކޮށްފަ އެވެ.

ނަމަވެސް ޖޭއެސްސީން ވަނީ އެ ކޮމިޝަނުން ނިންމި ނިންމުން ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ހައިވޭގެ ލަކުޑި ޑިވައިޑާތައް ކޮންކްރީޓަށް ބަދަލުކުރަނީ

ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި އެޅި ސިނަމާލޭ ބްރިޖް، ހައިވޭގެ މެދުގައި މިހާރު ޖަހާފައި ހުރި ލަކުޑި ޑިވައިޑާތަކުގެ ބަދަލުގައި ކޮންކްރީޓުން ޑިވައިޑާތައް ހަދަން ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށް މިއަދު ބުނެފި އެވެ.

އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު ސުހެއިލް އަހުމަދު ވިދާޅުވީ، މިހާރު ބަހައްޓާފައި ހުރި ޑިވައިޑާތަކުގެ ބަދަލުގައި ރަނގަޅު ޑިވައިޑާތަކެއް ބެހެއްޓުމަށް ފުލުހުން އަންގާފައިވާ ކަމަށާއި އެގޮތުނ ޑިވައިޑާތައް އަލުން މަރާމާތު ކުރާނީ ކޮންކްރީޓުން ކަމަށް އޭނާ ވިދާޅުވި އެވެ.

އަދި އެ މަސައްކަތް ވަރަށް އަވަހަށް ފަށާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ. އޭގެ އިތުރުން އެކްސިޑެންޓްތަކާއި ގުޅިގެން މިހާރު ހަލާކުވެފައިހުރި ޑިވައިޑާތަކުގެ ބަދަލު، އެކްސިޑެންޓްވި މީހުންގެ އަތުން ހޯދަން ބޭނުންތޯ ފުލުހުން އެދުމުން ބަދަލު ބޭނުންވާ ކަމަށްވެސް އަންގާފައިވާނެ ކަމަށް ސުހެއިލް ވިދާޅުވި އެވެ.

މިދިޔަ އަހަރު ފަހުކޮޅު ބޭނުންކުރަން ފެށި ސިނަމާލެ ބްރިޖުގައި ނުރައްކާތެރި އެކްސިޑެންޓްތަކެއް ހިނގާފައިވާއިރު، ހައިވޭގެ މެދުގައި ޖަހާފައި ހުރި ޑިވައިޑާތަކުގައި ޖެހި ގިނަ ޑިވައިޑާތައް ވަނީ ހަލާކުވެ، ފުނޑުފުނޑުވެފައި އެވެ.

ގިނަ ރަށްރަށުގައި އެމްބިއުލާންސެއް އޮވޭ، އެކަމަކު އޮތީ ހަލާކުވެފައި: އަމީން

ރާއްޖޭގެ މީހުން ދިރިއުޅޭ ގިނަ ރަށްރަށުގައި އެމްބިއުލާންސެއް އޮތް ނަމަވެސް ގިނަ ވެހިކަލްތައް އޮންނަނީ ރައްޔިތުންނަށް އެންމެ ފުރިހަމަ ހިދުމަތެއް ދެވޭ ފެންވަރަށްވުރެ ބޮޑަށް ހަލާކުވެފައި ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.
ސިއްހީ ދާއިރާގެ ކަންކަމާ ގުޅޭގޮތުން މީޑިއާތަކަށް މައުލޫމާތު ދިނުމަށް ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަމީން ވިދާޅުވީ ރާއްޖޭގައި މީހުން ދިރިއުޅޭ 187 ރަށުގެ ތެރެއިން އެމްބިއުލާންސްގެ ހިދުމަތް ނުދެވި އޮތީ ހަތަރު ރަށެއްގައި ކަމަށެވެ. އަދި އެންބިއުލާންސްގެ ހިދުމަތް ލިބޭ 50 ވަރަކަށް ރަށުގައި އޮންނަ އެންބިއުލާންސް ވަނީ ހަލާކުވެފައި ކަމަށް ވިދާޅުވިއެވެ.
“ގިނަ ރަށްރަށުގައި އެމްބިއުލާންސެއް އޮންނާނެ. އެކަމަކު ނުއެއް ދުވާނެ. އޭގައި އޭސީ ހަލާކުވެފައި ހުންނާނީ. ފުރޮޅެއް ނުހުންނާނެ. މަރާމާތު ކުރެވޭނެ ގޮތެއް ނޯންނާނެ. މި ރަށްރަށުގައި އެމްބިއުލާންސް ހުރި ކަމަށް ވިޔަސް، އަޅުގަނޑުމެން ނުބަލަން އެއީ އެމްބިއުލާންސް ހުރި ރަށްރަށް ކަމުގައި،” އަމީން ވިދާޅުވި އެވެ.

މިނިސްޓަރު އަމީން އިތުރަށް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވެރިކަމަށް ވަޑައިގެންނެވިއިރު، އެމްބިއުލާންސްގެ ހިދުމަތް އެއްވެސް މިންވަރަކަށް ނެތޭ ބުންޏަސް ދޮގަކަށް ނުވާނެ ކަމަށެވެ. އެގޮތުން މި އަހަރު ނިމުމުގެ ކުރިން ހުރިހާ ރަށެއްގައި އެ ހިދުމަތް ފޯރުކޮށްދިނުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިހާރުވެސް ދައުލަތުގެ ބަޖެޓުން ހަރަދުކޮށްގެން 20 އެމްބިއުލާންސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ރާއްޖޭން ބޭރުގެ ގައުމުތަކުން ދޭ އެހީގެ ގޮތުގައި ވެސް 21 އެމްބިއުލާންސެއް ލިބުމަށް ހަމަޖެހިފައި ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖޭން ބޭރުން ގެންނަން ހަމަޖެހިފައިވާ އެމްބިއުލާންސްތަކާ އެކީގައި، ރާއްޖޭގައި ނޭޝަނަލް އެމްބިއުލާންސްގެ ހިދުމަތް ފަށާނެ ކަމަށާއި އެ ހިދުމަތް ފޯރުކޮށްދިނުމުގެ ގޮތުން ކުރަން ޖެހޭ ހުރިހާ ތައްޔާރީތައް ހަމަޖައްސައި ނިމިފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު އަމީން ވިދާޅުވީ، އެމްބިއުލަންސް ނެތުމާއި އެމްބިއުލާންސް ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައި ހުރުމުގެ ސަބަބުން ބަލި މީހުން އުފުލުމުގައި ގިނަ ރަށްރަށަށް ބޮޑެތި ތަކުލީފުތައް އުފުލަން ޖެހޭކަމަށެވެ.

ހައްޖަން ދެވޭ ވަރަށް ޕެންޝަން ފައިސާ ހުރިތޯ ދެން ބަލައިލެވޭނެ!

ހައްޖައް ދާން ބޭނުންވާ ފަރާތްތަކަށް ހައްޖަށް ދެވޭ ވަރަށް ޕެންޝަން ފަންޑުގައި ފައިސާ ޖަމާވެފައި ހުރިތޯ  ބަލައިލެވޭނެ ގޮތެއް ޕެންޝަން އޮފީހުން ހަމަޖައްސައިފި އެވެ.

ޕެންޝަން އޮފީހުގެ ވެބްސައިޓްގައި މިހާރު ވަނީ މިކަމަށް ހާއްސަ ފީޗާއެއް ހިމަނާފަ އެވެ. އެގޮތުން ހައްޖަށް ދާން ބޭނުންވާ މީހާގެ އައިޑީ ކާޑު ނަންބަރާއި އުފަން ތާރީހު ޖެހުމުން ހައްޖަށް ދެވޭ ވަރަށް އެމީހެއްގެ އެކައުންޓުގައި ފައިސާ ހަމަވޭތޯ ނުވަތަ ނޫންކަން އެ ފީޗާއިން އެނގޭނެއެވެ.

ޕެންޝަން ފަންޑުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދިއުމަށް މިއަހަރު ގެނައި އިސްލާހުގެ ދަށުން އެކުލާވާލައިފައިވާ އުސޫލުގައި ބުނެފައިވަނީ ޕެންޝަން ސްކީމްގައި ބައިވެރިވެގެން ހައްޖަށް ދިއުމަށް ފައިސާ ދޫކުރަނީ އަލަށް ހައްޖަށް ދާ މީހުންނަށް އެކަންޏެވެ.

އަދި ހައްޖަށް ގެންދިއުމަށް ޕެންޝަން ފަންޑުން މިހާރު ނެގެނީ ސަރުކާރުން ކަނޑައަޅާ އަގުގެ 50 އިންސައްތަ ކަމަށްވެސް އުސޫލުގައި ވެއެވެ.

ޕެންޝަން ސްކީމުގައި ހުންނަ ފައިސާ ބޭނުންކޮށްގެން ހައްޖަށް ދެވޭ ގޮތް ހެދުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ރިޔާސީ ވައުދަކަށްވާއިރު މިހާރުވެސް އެ ފަންޑުން ހައްޖަށް ދިއުމުގެ ފުރުސަތު ލިބޭ 6000 މީހުން ތިބި ކަމަށް ވެސް ޕެންޝަން އޮފީހުން ބުނެއެވެ.

ދައުލަތުގެ ބަޖެޓުން ޕީޕީއެމަށް 9.2 މިލިއަން ރުފިޔާ ޖަމާކޮށްދީފި

މިއަހަރު ސިޔާސީ ޕާޓީތަކަށް ދައުލަތުގެ ބަޖެޓުން ދޭންޖެހޭ ފައިސާގެ ތެރެއިން، ކުރީގެ ރައީސް ޔާމީންގެ ޕާޓީ ޕީޕީއެމަށް، އިލެކްޝަންސް ކޮމިޝަނުގެ އެދުމުގެ މަތިން، 9.2 މިލިއަން ރުފިޔާ އެޕާޓީގެ އެކައުންޓަށް ޖަމާކޮށްދީފި އެވެ.

ފިނޭސް މިނިސްޓްރީގެ މީޑިއާ އޮފިސަރު މުހައްމަދު ޝަނޫން ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން އެކަމަށް އެދުނުތާ ތިން ދުވަސްތެރޭ، ޕީޕީއެމްއަށް ދޭންޖެހޭ 9.2 މިލިއަން ރުފިޔާ އެޕާޓީގެ އެކައުންޓަށް ޖަމާކޮށްދީފައިވާ ކަމަށެވެ.

ފިނޭސް މިނިސްޓްރީން މީގެ ކުރިން ވަނީ 3 ސިޔާސީ ޕާޓީއަކަށް ފައިސާ ދީފައެވެ. އެއީ ސަރުކާރުގެ މައި ޕާޓީ އެމްޑީޕީއަށް ބާރަ މިލިއަން ހަތްލައްކަ ސާޅީސް ނުވަހާސް އެއްސަތޭކަ ނުވަދިހަ އެއްރުފިޔާ ނުވަލާރި (-/2،7490،190.09)، ޖުމްހޫރީ ޕާޓީއަށް ދެމިލިއަން ފަންސާސް ނުވަހާސް ނުވަސަތޭކަ ފަސްދޮޅަސް ރުފިޔާ ތިރީސް ހަ ލާރި (-/2،5900،960.36) އަދި އެމްޑީއޭއަށް ދެ މިލިއަން އެއްތިރީސްހާސް ހަތްސަތޭކަ ފަންސާސް ހަތަރު ރުފިޔާ ފަންސާސް ލާރި (-/2،1300،754.50) ވަނީ ޖަމާކޮށްދީފައެވެ.

ގާނޫނު ބުނާގޮތުން ދައުލަތުގެ ބަޖެޓުން ކޮންމެ އަހަރެއްގައި 0.1 ޕަސެންޓު ސިޔާސީ ޕާޓީތަކަށް ޚާއްސަ ކުރަންޖެހޭ ކަމަށެވެ. އެގޮތުން މިއަހަރަށް ފާސްކޮށްފައިވާ 30.2 ބިލިއަން ރުފިޔާގެ ބަޖެޓުގެ ތެރެއިން 25.6 މިލިއަން ރުފިޔާ  ދޭންޖެހެނީ ސިިޔާސީ ޕާޓީތަކަށެވެ.

އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށަނީ

އަންނަ މަހު ފަހުކޮޅު ޓެކްސީތަކުގައި މީޓަރު ބޭނުންކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓުގެ ޑެޕިއުޓީ މިނިސްޓަރު ހިދާޔާ ނަސީރު މިއަދު ވިދާޅުވެއްޖެ އެވެ.

ޑެޕިއުޓީ މިނިސްޓަރު ވިދާޅުވީ އަންނަ މަހުގެ ތެރޭގައި ޓެކްސީ މީޓަރުގެ އަގުތައް އިއުލާން ކުރުމަށްފަހު، ޓެކްސީގައި މީޓަރު ހަރުކޮށްގެން ދުއްވަން ފަށާނީ އަންނަ މަހުގެ ފަހުކޮޅުން ފެށިގެން ކަމަށެވެ.

ހިދާޔާ އިތުރަށް ވިދާޅުވީ، މީޓަރުގެ ގޮތުގައި ޓެކްސީތަކުން ބޭނުންކުރަން ހަމަޖައްސާފައި ވަނީ މޮބައިލް އެޕްލިކޭޝަނެއް ކަމަން ވުމުން ޓެކްސީ ހިދުމަތަށް ބޭރުންކުރާނެ އެޕްލިކޭޝަން ހަދަން ޕްރޮޕޯޒަލް ހުށަހަޅަން ހުޅުވާލާފައިވާ ކަމަށެވެ.

އެގޮތުން މިމަހުގެ ނިޔަލަށް ޕްރޮޕޯޒަލް ހުށަހެޅުމަށް ހުޅުވާލައިފައިވާ އިރު، އެ މުއްދަތު ހަމަވުމުން ޕްރޮޕޯޒަލްތައް ބަލައި ރަނގަޅު އެޕްލިކޭޝަނެއް ހޮވާނެ ކަމަށް ވިދާޅުވި އެވެ.

ޓެކްސީ ބުކްކޮށް، ދަތުރުކުރާ ގޮތް ބެލުމަށް ބައެއް މޮބައިލް އެޕްލިކޭޝަން މިހާރު ވެސް ގެންގުޅެ އެވެ. ނަމަވެސް ދެން ބޭނުންކުރެވޭނީ ސަރުކާރުން ހުއްދަ ދީފައިވާ އެޕްލިކޭޝަންތައް އެކަނި ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

ގަވައިދާ ހިލާފަށް ޕާކުކޮށްގެން މިދިޔަ ހަފްތާ ހާހެއްހާ ވެހިކަލްގައި ސްޓިކާ ޖެހިި

ޕާކިން ގަވައިދާ ހިލާފުވެގެން މިދިޔަ ހަފްތާގައި 978 ވެހިކަލްގައި ޕާކިން ސްޓިކާ ޖެހި ކަމަށް ފުލުހުން ބުނެފިއެވެ.

ފުލުހުން މިއަދު އާންމުކޮށްފައިވާ ޓްރެފިކް މެނޭޖުމެންޓް ޑިޕާޓްމެންތުގެ މިމަހު 8 އިން 14 ގެ ތަފާސްހިސާބުތައް ދައްކާގޮތުން އެ ހަފްތާގައި، ޓޯކޮށްފައި ވަނީ 3 ސައިކަލާއި ކާރެކެވެ. އަދި 486 ވެހިކަލް ބަލާ ޗެކް ކުރިއިރު، އޭގެ ތެރޭގައި ލައިސެންސް ނެތި 143 އުޅަނދު އަދި ލައިސެންސް ނުލައި 85 އުޅަނދުގެ އިތުރުން 18 އަހަރުން ދަށުގެ ދެ ކުއްޖަކު ވެހިކަލް ދުއްވި މައްސަލައެއް ފުލުހުން ބެލި އެވެ.

މީގެ އިތުރުން، ވަންވޭއާ ހިލާފަށް ވެހިކަލް ދުއްވި 2 މައްސަލަ، މާ ބާރަށް ވެހިކަލް ދުއްވި 56 މައްސަލަ ވަނީ ފާހަގަވެފަ އެވެ. އިންޝްއަރެންސް ނެތި ވެހިކަލް ދުއްވި 18 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 46 މައްސަލަ އަދި ރޯޑްވާދިނަސް ނުހައްދާ 35 މައްސަލައެއް ބަލާފައިވެ އެވެ.

މިދިޔަ ހަފްތާގައި 31 އެކްސިޑެންޓެއް ހިނގިއިރު އެ އެކްސިޑެންޓްތަކުގައި އެންމެ މީހަކަށް ވަނީ އަނިޔާވެފަ އެވެ.

 ހައިވޭގައި ޕިކަޕެއްގެ ދެފުރޮޅު ފަޅައިގެންގޮސް އެކްސިޑެންޓް ވެއްޖެ

ހުޅުމާލެ އިން މާލެ އަށް ހައިވޭގައި ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެފުރޮޅު ފަޅައިގެންގޮސް ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ފުލުހުން ބުނީ އެ އެކްސިޑެންޓް ހިނގާފައި ވަނީ ރޭ 2:14 ހާއިރު ކަމަށެވެ.

އަދި އެކްސިޑެންޓް ހިނގީ ހުޅުމާލެ އިން މާލެއަށް ދުއްވާފައި ދިޔަ ޕިކަޕެއްގެ ކުރީ ދެ ފުރޮޅު ފެޅިގެން ކޮންޓްރޯލު ނުކުރެވި، މަގުގެ އަނެއްފަރާތުން ދުއްވާފައި ދިޔަ ބަހެއްގައި ޖެހި ކަމަށް ފުލުހުން ބުންޏެވެ.

ޕިކަޕުގެ ފުރޮޅު ފަޅައިގެން ގޮސް ކޮންޓްރޯލުން ނެއްޓި، ހައިވޭގެ މެދުން ޖަހާފައިވާ ފެންސުގައި ޖެހި ފެންސްތައް ވެސް ވަނީ ހަލާކުވެފަ އެވެ.

މި އެކްސިޑެންޓުގައި ރޯޑް ޑިވައިޑަރުތައް ހަލާކުވެ، ޕިކަޕަށާއި ބަހަށް އެކިވަރުގެ ގެއްލުންތައް ވަނީ ވެފައެވެ. އެގޮތުން ޕިކަޕުގެ ކުރީކޮޅު އެއްކޮންގޮސްފައިވާއިރު، ބަހުގައި ޕިކަޕު ޖެހުނު ތަން ވަނީ ބަނޑިވެފަ އެވެ.

ފުލުހުން ބުނީ މި އެކްސިޑެންޓްގައި އެއްވެސް މީހަކަށް އަނިޔާނުވާ ކަމަށާއި އެކްސިޑެންޓުވި ޕިކަޕު ދުއްވަން އިން މީހާ އަތުގައި ލައިސެންސް ވެސް އޮތް ކަމަށެވެ.

ފުލުހުން ދަނީ މި އެކްސިޑެންޓު އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަރުވާ ހޯދަމުންދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ

އައިޖީއެމްއެޗް ހޮސްޕިޓަލްގައި ފަރުވާ ހޯދަމުން ދިޔަ 92 އަހަރުގެ ގައިދީއަކު މަރުވެއްޖެ އެވެ.

ކަރެކްޝަން އިން ވިދާޅުވީ މަރުވެފައި ވަނީ މާލެ ޖަލުގައި ހުކުމް ތަންފީޒު ކުރަމުންދިޔަ 92 އަހަރުގެ ގައިދީއަކު އައިޖީއެމް ހޮސްޕިޓަލްގައި ފަރުވާދެމުން ދަނިކޮށް ހާލު ދެރަވެގެން ކަމަށެވެ.

ކަރެކްޝަން އިން ވިދާޅުވީ މަރުވެފައި ވަނީ، ގދ ގައްދޫ މަސްކޮތަންގެ، ރެކިފުތާ ކަމަށެވެ.

މިއަދު ހެނދުނު 11:30 ހާއިރު މަރުވީ މީހާއަކީ ކޮން މައްސަލައަކާއި ގުޅިގެން ހުކުމް ތަންފީޒު ކުރަމުންދިޔަ ގައިދީއެއް ކަމެއް ކަރެކްޝަން އިން ހާމަކޮށްފައެއް ނުވެއެވެ.

ކަރެކްޝަންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އޭނާގެ ވަކި ސިއްހީ މައްސަލައެއް ނުހުންނަ ކަމަށާއި ބެލެވޭގޮތުގައި، އޭނާގެ ސިއްހީ ހާލަތު ގޯސްވެފައި ވަނީ އުމުރުން އެހާ ދުވަސް ވުމުގެ ސަބަބުން ކަމަށް ލަފާކުރެވޭ ކަމަށެވެ.

ގަވާއިދާ ޚިލާފު ވެގެން ޓޯކޮށްފައިވާާ ގިނަ އުޅަނދުތަކެއް ނައްތާލައިފި

އެއްގަމު އުޅަނދުގެ ޤާނޫނާ ޚިލާފުވެގެން ފުލުހުން ޓޯކޮށްފައިވާ އުޅަނދުތަކުގެ ތެރެއިން 79 އުޅަނދެއް ފުލުހުން ނައްތާލައިފި އެވެ.

ފުލުހުން މިއަދު ވިދާޅުވީ، ޓޯކުރެވުފައިވާ އުޅަނދުތަކުގެ ތެރެއިން ނައްތާލަނީ 60 ދުވަހުގެ މުއްދަތެއް ދިނުމުން ވެސް އެއާ ހަވާލު ނުވުމުން ކަމަށެވެ.

އެގޮތުން މިއަދު ނައްތާލައިފާ އުޅަނދުތަކުގެ ތެރޭގައި ގިނައީ ޕާކިން ޒޯނުތަކުގައި ބަހައްޓާފައިވާވާ ގިނަ ދުވަސްތަކެއް ވެފައިވާ އުޅަނދުތަކުގެ ތެރޭގައި ހިމެނޭ 64 ސައިކަލާއި ހަތަރު ފުރޮޅުލީ 10 އުޅަނދާއި ފަސް ބައިސިކަލެއް ކަމަށް ފުލުހުން ބުންޏެވެ.

އުޅަނދުތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ގާނޫނުން ލިބިދީފައި ވަނީ، އެތަކެތި ޓޯކުރިތާ 60 ދުވަސް ފަހުން ނެވެ. އަދި އެ އުޅަނދުތައް އަނބުރާ ރައްދު ކުރަނީ ގަވާއިދާ ހިލާފަށް ޕާކުކުރުމުން، ޓޯ ކުރަން ނަގާ ޖޫރިމަނާ ސަރުކާރަށް ދެއްކުމުންނެވެ.