ކާނިވާ ސަހައްދުގައި އެމްޑީޕީގެ ޖަލްސާއެއް ބާއްވަން ހުއްދަދީފި

ކާނިވާ ސަރަހައްދުގައި ކެމްޕެއިން ޖަލްސާއެއް ބޭއްވުމުގެ ހުއްދަ ހައުސިން މިނިސްޓްރީން އިދިކޮޅު މައި ޕާޓީ، އެމްޑީޕީއަށް ދީފިއެވެ.

ހައުސިން މިނިސްޓްރީން އެމްޑީޕީއަށް ފޮނުވި ސިޓީގައި ބުނެފައިވަނީ މިމަހުގެ އަށްވަނަ ދުވަހުގެ ރޭ ކާނިވާ ސަރަހައްދުގައި ޖަލްސާ ބާއްވަން އެ ޕާޓީއަށް ހުއްދަދީފައިވާ ކަމަށެވެ.

ޖަލްސާ ބާއްވަން އެމްޑީޕީއަށް ދީފައިވަނީ އަށްވަނަ ދުވަހުގެ ހަވީރު 4:00 އިން ރޭގަނޑު 12:00 އަށެވެ.

ގއ. ވިލިނގިލީގައި ރޭ ބޭއްވި ކެމްޕެއިން ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވަނީ މާލޭގައި ޖަލްސާ ބާއްވަން ހުކުރު ދުވަހެއް ލިބޭތޯ ހައުސިން މިނިސްޓްރީގައި ތަކުރާރުކޮށް އެދިފައިވާނެ ކަމަށް ވިދާޅުވެފައެވެ.

އިބޫ ވިދާޅުވީ ތަކުރާރުކޮށް މިނިސްޓްރީގައި އެދުމުން ރިޔާސީ އިންތިހާބާ ޖެހެންދެން ހުރިހާ ހުކުރު ދުވަހެއް ޕީޕީއެމްއަށް ދީފައިވާ ކަމަށް ބުނެ އެ މިނިސްޓްރީން ޖަވާބު ދީފައިވާ ކަމަށެވެ. އެހެންވެ ހޮނިހިރު ނޫނީ ބުރާސްފަތި ދުވަހު ޖަލްސާ ބާއްވަން ލިބޭތޯ އެދިފައިވާނެ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

އެމްޑީޕީން ކާނިވާ ސަރަހައްދުގައި ޖަލްސާ ބޭއްވުމުގެ ކުރިން މިމަހުގެ ހަތްވަނަ ދުވަހުގެ ރޭ އެތަނުގައި ޕީޕީއެމްގެ ޖަލްސާއެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

އާގިލް މަރާލި މައްސަލާގައި މީހަކު ހޯދަނީ

އެމްއެމްއޭ ސަރަހައްދުގައި މިދިޔަ ހުކުރު ދުވަހުގެ ރޭ ވަޅިން ހަމަލާދީ އިބްރާހިމް އާގިލް މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާންކޮށްފިއެވެ.

ގދ. ފަރެސްމާތޮޑާ، ކޮކާ، އިބްރާހިމް އާގިލް، 18، މަރާލި މައްސަލައިގެ ތުހުމަތުގައި މީހަކު ހޯދަން އިއުލާންކޮށްފައިވަނީ އިއުލާނުކޮށްފައިވަނީ ލ. ފޮނަދޫ، ހިޔާ، ހަމްދޫން ހަމްޒަތު، 18، އެވެ.

ހަމްޒަތުއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ފުލުހުންގެ ހޮޓްލައިން ނަންބަރު 3322111 ނުވަތަ ސީރިއަސް އެންޑް އޮގަނައިޒް ކްރައިމް ޑިޕާޓްމަންޓްގެ ޑިއުޓީ ނަންބަރު 9911099 އަށް ގުޅައި އެ މައުލޫމާތު ހިއްސާކުރުމަށް ފުލުހުން އެދެއެވެ.

އާގިލް މަރާލާފައިވަނީ ހުކުރު ދުވަހުގެ ރޭ އެމްއެމްއޭ ސަރަޙައްދުގައި ތޫނު އެއްޗަކުން ހަމަލާދީއެވެ. އޭޑީކޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް އޭނާ އޮތީ މަރުވެފައެވެ.

ރޮނާލްޑޯ އުޅެނީ ލަނޑެއް ނުޖެހިގެން، އެކަމަކު އޭނާގެ ދަރީގެ ފުރަތަމަ މެޗުގައި ހަތަރު ލަނޑު!

ޔުވެންޓަސްއަށް ލަނޑެއް ކާމިޔާބުކޮށްދިނުމަށް ކްރިސްޓިއާނޯ ރޮނާލްޑޯއަށް އުނދަގޫތަކަކާ ކުރިމަތިލަމުން ދަނިކޮށް އޭނާގެ ދަރި، ކްރިސްޓިއާނޯ ރޮނާލްޑޯ ޔުވެންޓަސްގެ ނުވަ އަހަރުންދަށުގެ ޓީމަށް ކުޅުނު ފުރަތަމަ މެޗުގައި ހަތަރު ލަނޑު ޖަހައިފިއެވެ.

މިހާތަނަށް ޔުވެންޓަސްއަށް ރޮނާލްޑޯ ކުޅުނު ތިން މެޗުގައި ވެސް އޭނާއަށް ލަނޑެއް ކާޟިޔާބު ކުރެވިފައެއް ނުވެއެވެ. އުމުރުން އަށް އަހަރުގެ ކްރިސްޓިއާނޯ ޖޫނިއާގެ ހަތަރު ލަނޑާއެކު ލުސެންޓޯ އަތުން ޔުވެންޓަސްގެ ޒުވާން ޓީމު އިއްޔެ މޮޅުވީ 5-1ގެ ނަތީޖާއަކުންނެވެ.

ރޮނާލްޑޯއެކޭ އެއްގޮތަށް އޭނާގެ ދަރި ވެސް ފާހަގަކޮށްލެވެނީ ހުނަރުވެރި ކުޅުންތެރިއެއްގެ ގޮތުގައެވެ. ހަލުވި ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކޮށްލެވޭ ކްރިސްޓިއާނޯ ޖޫނިއާއަކީ އޭނާގެ ބައްޕައެކޭ އެއްގޮތަށް އިދިކޮޅު ގޯލަށް ބާރު ހަމަލާތައް ފޮނުވާލާ ކުޅުންތެރިއެކެވެ.

ރޮނާލްޑޯގެ ދަރި ވެސް ޔުވެސްޓަސްއަށް ކުޅެނީ ހަތް ނަމްބަރުގެ ޖާޒީގައެވެ.

ކޮމިޝަންގެ ހުރިހާ މެމްބަރުންނަކީ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ ބޭފުޅުން: އިލެކްޝަންސް

އިލެކްޝަންސް ކޮމިޝަނުގެ ހުރިހާ މެމްބަރުންނަކީ ހުވަޔާ އެއްގޮތަށް އަމަލު ކުރައްވާ އެ ބޭފުޅުންގެ މަސްއޫލިއްޔަތު އަދާ ކުރައްވާ ބޭފުޅުންތަކެއް ކަމަށް އެ ކޮމިޝަނުން ބުނެފިއެވެ.

އިލެކްޝަންސްގެ ރައީސް އަހްމަދު ޝަރީފަށް ނިސްބަތްކޮށް ދެކެވެމުންދާ ވާހަކަތަކަށް ރައްދު ދިނުމަށް އެ ކޮމިޝަނުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ކޮމިޝަނުގެ ޒިންމާގެ ތެރެއަށް ސިޔާސީ ޕާޓީއެއްގެ ކުލަ ވަދެފައި ނުވާނެ ކަމަށާއި ކޮމިޝަނުގެ މުސްތަގިއްލުކަން ގެއްލޭ ގޮތަށް ސަރުކާރުގެ އެއްވެސް މުއައްސަސާއަކާ ގުޅިގެން ކަންތައްކޮށްފައި ނުވާނެ ކަމަށެވެ.

އިލެކްޝަންސްގެ ބަޔާނުގައި ބުނެފައިވާ ގޮތުގައި ރީރެޖިސްޓްރޭޝަންގެ މަސައްކަތްވެސް މީގެ ކުރީގެ އަހަރުތަކާ ހިލާފަށް ކޮށްފައި ނުވާނެ ކަމަށާއި މީގެ ކުރިންވެސް ދައުލަތުގެ މުއައްސަސާތަކާއި ސިވިލް ސާވިސްގެ އޮފީސްތަކުން އެ މަސައްކަތަށް އެހީތެރިކަން ހޯދާފައިވާނެ ކަމަށެވެ. އަދި ރީރެޖިސްޓްރޭޝަންގެ މައުލޫމާތުތަކެއް ލީކުވި ވާހަކަ އެއްވެސް އިރެއްގައި ކޮމިޝަނުގެ ރައީސް ވިދާޅުވެފައި ނުވާނެ ކަމަށް ބަޔާނުގައި ބުންޏެވެ.

“ރިސޯޓުތަކުގައި ވަކި އަދަދަކަށް މީހުން ހަމަވުމުން ވޯޓުލާ ގޮތަށް ހަމަޖެއްސީ ވޭތުވެދިޔަ އިންތިހާބުގެ ހަރަދާއި، ތަޖުރިބާއާއި އެކަންކަމުގައި އެ ކޮމިޝަނުން ތަހައްމަލު ކުރަން ޖެހުނު ކަންތައްތަކަށް ބަލައިފައެވެ. އަދި ރިސޯޓުތަކުގެ މެނޭޖުމެންޓުގެ ޔަގީންކަން ލިބުމުން ކުރީގެ އަދަދު ބަދަލުކުރީވެސް ގިނަ ބަޔަކަށް ވޯޓުލުމުގެ ހައްގު ދިނުމުގެ ގޮތުންނެވެ..،” އިލެކްޝަންސްއިން ނެރުނު ބަޔާނުގައި ބުނެފައިވެއެވެ.

އިލެކްޝަންސްއިން ބުނީ ސައުތު އެފްރިކާގެ ލެކްސްޓަން ގްރޫޕުގެ ބަޔަކު ރާއްޖެ އައީ ސިއްރުން ނޫން ކަމަށާއި އެމީހުން ރާއްޖެ އައުމުގެ ކުރިން އެކަމާ ބެހޭ މައުލޫމާތު އެންމެހާ ސިޔާސީ ޕާޓީތަކާއި ކަމާ ބެހޭ މުއައްސަސާތަކާ ހިއްސާކޮށްފައިވާނެ ކަމަށެވެ. އަދި މައުލޫމާތު ސެޝަންތަކަށް ސިޔާސީ ތިން ޕާޓީއަކުން ހާޒިރު ނުވުމަކީ އެ ކޮމިޝަނުން ކުރި ކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.

“އިލެކްޝަންސް ކޮމިޝަނުގެ ކަންކަން ނިންމަނީ އެ ކޮމިޝަނުގެ ރައީސެއް ނޫނެވެ. ކޮމިޝަނުން ކަންކަން ނިންމަނީ ކޮމިޝަނުގެ މެމްބަރުންގެ އަޣުލަބިއްޔަތުން ނުވަތަ މެމްބަރުންގެ އިއްތިފާގުންނެވެ. ވަކި ބަޔަކު ބުނާ ގޮތަކަށް ނުވަތަ ޕްރެޝަރު ކުރާ ގޮތަކަށް ނޫނެވެ..،” އިލެކްޝަންސްއިން ބުންޏެވެ.

އިލެކްޝަންސްއިން އިތުރަށް ބުނީ ހުރިހާ ސިޔާސީ ޕާޓީތަކަށާއި ހުރިހާ ކެންޑިޑޭޓުންނަށް ހަމަހަމަ ފުރުސަތު ދިނުމަށްޓަކައި ކަމާ ބެހޭ އެންމެހާ މުއައްސަސާތަކާއި ބައްދަލުކޮށް އެހީތެރިކަމަށް އެދިފައިވާނެ ކަމަށެވެ. އަދި ޝަކުވާ ހުށަހެޅުމުގެ ނިޒާމު ގާއިމް ކުރެވިފައިވާއިރު ޝަރީފަށް ނިސްބަތްކޮށް ލިޔުނު ލިޔުމުގައި ބުނެފައިވާ ފަދަ އެއްވެސް ޝަކުވާއެއް ހުށަހެޅިފައި ނުވާ ކަމަށެވެ.

މިހާރަކު ވަހީ ބާވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ، މާ ބަރަކާތްތެރި ބަޔަކު ނޫޅޭނެ: ޝަހީމް

މިހާރަކު ވަހީ ބާވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ ކަމަށާއި މާ ބަރަކާތްތެރި ބަޔަކު ވެސް ނޫޅޭނެ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާއެއްގައި ޝެއިހް އިލްޔާސް ހުސައިނަށް ނުސީދާކޮށް ރައްދު ދެއްވަމުން ހދ. ނޮޅިވަރަމަށް ވަޑައިގެން ވާހަކަ ދައްކަވަމުން ޝަހީމް ވިދާޅުވީ ތިމަންނާ ބުނާ އެއްޗަކުން ވެރިކަން ވެއްޓޭނެ ކަމަށް ހީކޮށްގެން ނުވާނެ ކަމަށެވެ.

“މިހާރަކު ވަހީ ބާއްވާލައްވާނެ ރޫހާނީ ލީޑަރުންނެއް ނުތިބޭނެ. ނަބީ ބޭކަލުންގެ ރިސާލާތްތައް މާތްﷲ ވަނީ މަތިވެރިކުރައްވާފައި. މިހާރަކު ނޫޅޭނެ މާ ބަރަކާތްތެރި ބައެއް. އެމީހުން ހީކޮށްގެން ނުވާނެ ތިމަންނާމެން ބުނާ އެއްޗަކުން ވެރިކަމެއް ވެއްޓޭނެ ކަމަކަށް،” ޝަހީމް ވިދާޅުވިއެވެ.

ޝަހީމު ވިދާޅުވީ މުސްލިމުން ވާންޖެހޭނީ ގައުމަށް ވަފާތެރި، ދީނަށް ވެސް އަމާނާތްތެރި ބަޔަކަށް ކަމަށާއި މުސްލިމު އިލްމުވެރިންނަކީ ފިތުނަ ފަސާދައަށް މަގުފަހިކޮށްދޭ ބަޔަކަށް ވެގެން ނުވާނެ ކަމަށެވެ. އަދި ނޭނގޭ ކަންކަމުގެ ވާހަކަ ދައްކަންޖެހޭ ބަޔަކަށް ވެގެން ނުވާނެ ކަމަށް ވެސް ޝަހީމް ވިދާޅުވިއެވެ.

އިދިކޮޅު އިއްތިހާދުން ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝެއިހް އިލްޔާސް ވިދާޅުވީ އަނިޔާވެރިކަމާ ދެކޮޅަށް ތެދުވުމަކީ ހުއްދަ ކަމެއް ކަމަށާއި އިންސާފު ގާއިމުކުރަން ޖެހޭ ކަމަށެވެ.

ތަޅުތައް ނައްޓާލައި، ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ބަދަލު ކުރާނަން: އިބޫ

އިދިކޮޅު އިއްތިހާދުގެ ވެރިކަމެއްގައި ރައްޔިތުންގެ މަޖިލީހުގައި އަޅުވާފައި ހުރި ތަޅުތައް ނައްޓާލައި، ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ބަދަލު ކުރައްވާނެ ކަމަށް ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ވިދާޅުވެއްޖެއެވެ.

ގއ. ނިލަންދުއަށް ވަޑައިގެން ވާހަކަ ދައްކަވަމުން އިބޫ ވިދާޅުވީ މިއަދު ނުހައްގު ހުކުމްތަކެއް ކުރުވައިގެން 16 މެންބަރެއް މަޖިލީހަށް ވަނަ ނުދީ ހިފަހައްޓާފައިވާ ކަމަށާއި މެންބަރުކަން ގެއްލިއްޖެ ނަމަ އަމަލު ކުރަން ޖެހޭ ގޮތާ ހިލާފަށް އިންތިހާބު ބާއްވަން ޖެހޭ މުއްދަތުގެ ތެރޭގައި އިންތިހާބު ވެސް ބާއްވާފައި ނުވާ ކަމަށެވެ.

“އިރާދަކުރެއްވިއްޔާ 23 ސެޕްޓެމްބަރުގައި ބާއްވާ އިންތިހާބު ކާމިޔާބު ކުރުމަށް ފަހުގައި މަޖިލީހުގައި އަޅުވާފައި ހުރި ތަޅު އަޅުގަނޑުމެން ހުޅުވާނަން. ފުރިހަމައަށް ރައްޔިތުން ތަމްސީލް ކުރެވޭ ރައްޔިތުންގެ ބަސް ބުނެވޭ މަޖިލީހަކަށް ރައްޔިތުންގެ މަޖިލީސް ބަދަލު ކުރާނަން،” އިބޫ ވިދާޅުވިއެވެ.

އިބޫ ވިދާޅުވީ މި ސަރުކާރުން ހުރިހާ ބާރެއް އެއްކުރައްވާފައިވާ ކަމަށާއި އެގޮތުން ރައްޔިތުންގެ މަޖިލީހާއި މިނިވަން މުއައްސަސާތަކުގެ ބާރު ކަނޑުވާލާފައިވާ ކަމަށެވެ. އަދި ޝަރުއީ ދާއިރާއަށް ވަރަށް ބޮޑަށް ނުފޫޒު ފޯރުވާފައިވާ ކަމަށް ވެސް އިބޫ ވިދާޅުވިއެވެ.

“ރާއްޖޭގެ ތަރައްގީއަށްޓަކައި މިއަދު ކުރަން ޖެހިފައި އޮތް އެންމެ މުހިންމު ކަމަކީ އިންސާފު ގާއިމް ކުރުން. ކޯޓުތަކުގައި އެތައް ސަތޭކަ މައްސަލައެއް އިންސާފު ނުލިބި އެބަހުރި. އެކަމާ ހެދި ގިނަ ވިޔަފާރިވެރިން ވަނީ ބަނގުރޫޓުވެފައި،” އިދިކޮޅު އިއްތިހާދުގެ ރިޔާސީ ކެންޑިޑޭޓް ވިދާޅުވިއެވެ.

ގަނާ ކުރުމުގެ ޝިކާރައަކަށްވި ކުއްޖާ ގެއްލިގެން ހޯދަނީ

ގަނާ ކުރުމުގެ ޝިކާރައަކަށްވި އަންހެން ކުއްޖާ ގެއްލިގެން ފުލުހުން ހޯދަން ފަށައިފިއެވެ.

އިއްޔެއިން ފެށިގެން މީސް މީޑިއާގައި ދައުރުވަމުންދާ ވީޑިއޯގައި ފެންނަނީ ދިވެހި ތިން އަންހެން ކުދިންގެ ގްރޫޕަކުން އެހެންއަންހެން ކުއްޖަކަށް އަނިޔާކޮށް، އިންޒާރުދޭ މަންޒަރެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން އެ ވީޑިއޯ އެނަލައިޒްކޮށް އެކުއްޖާ ދެނެގަނެވިފައިވާ ކަމަށެވެ. އެ ކުއްޖާއަކީ ގދ. ތިނަދޫ އާބާދުވާދީ، އުމުރުން 15 އަހަރުގެ ނަޝްފާ ހަސަނެވެ.

އެ ކުއްޖާއާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ފުލުހުންގެ ފެމެލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާޓްމަންޓުގެ ޑިއުޓީ ނަންބަރު 3000600 އަދި 9790163 އަށް ގުޅައި އެ މައުލޫމާތު ހިއްސާކޮށްދިނުމަށް ފުލުހުން ވަނީ އެދިފައެވެ.

އެ ވީޑިއޯ އާންމުވުމާއެކު އިއްޔެއިން ފެށިގެން އެ މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ފުލުހުން ބުނެއެވެ.

ދެ ގަޑިއިރު ތެރޭ އިންޑިއާއަށް ދެ ބިންހެލުން

އަވަށްޓެރި އިންޑިއާގެ އެންޑަމަން އައިލެންޑްސްއަށް ދެ ގަޑިއިރު ތެރޭ ދެ ބިންހެލުން އަތުވެއްޖެއެވެ.

އަންޑަމަން އައިލެންޑްސްއަށް ފުރަތަމަ ބިންހެލުން އައީ މިއަދު ހަވީރުގެ ވަގުތެއްގައެވެ. އަދި އޭގެ ފަހުން އިރުއޮއްސުނު ވަގުތުގައި އިތުރު ބިންހެލުމެއް އައެވެ.

ފުރަތަމަ މެގްނިޓިއުޑް މިންގަނޑުން 4.5 ބާރުމިނުގެ ބިންހެލުމެއް އައި އިރު، ދެވަނައަށް އައި ބިންހެލުމަކީ މެގްނިޓިއުޑް މިންގަނޑުން 5.5 ބާރުމިނުގެ ބިންހެލުމެވެ.

އެ ބިންހެލުންތަކުގައި އެއްވެސް މީހަކަށް ގެއްލުމެއް ވެފައިނުވާ ކަމަށް ހަބަރުތައް ބުނެއެވެ. އަދި ބިންހެލުންތަކުގެ ސަބަބުން ސުނާމީގެ އިންޒާރެއް ވެސް ނެރެފައެެއް ނުވެއެވެ.

މިއަދު ވަނީ ޕެރޫއަށް ވެސް ބާރުގަދަ ބިންހެލުމެއް އައިސްފައެވެ. އެއީ މެގްނިޓިއުޑް މިންގަނޑުން 7.1 ބާރުމިނުގެ ބިންހެލުމެކެވެ.

ލ. އަތޮޅުން ޝަހީމަށް ހޫނު މަރުހަބާއެއް، އިދިކޮޅުން ސައިކަލް ބުރެއް

އަންނަ މަހުގެ 23 ވަނަ ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގައި ޕީޕީއެމްގެ ޓިކެޓުގައި ވާދަކުރައްވާ ކެންޑިޑޭޓް ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ ރަނިންމޭޓް ޑރ. މުހައްމަދު ޝަހީމް އަލީ ސައީދަށް ލ. އަތޮޅުން ހޫނު މަރުހަބާއެއް ދެންނެވި އިރު، އިދިކޮޅުން ސައިކަލް ބުރެއް ބާއްވައިފިއެވެ.

އިސްކަންދަރު ވައިގެ މައިޒާނުން ޝަހީމަށް މަރުހަބާ ދެންނެވުމަށް ގިނަ އަދަދެއްގެ މީހުން މިއަދު ބައިވެރިވިއެވެ. ޝަހީމަށް މަރުހަބާ ދެންނެވުމަށް އެއްވެ ތިބި ކުދިބޮޑު އެންމެންނާ ޝަހީމް ވަނީ ސަލާމް ކުރައްވައިފައެވެ.

ލ. އަތޮޅުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ސައިކަލް ބުރު --
ލ. އަތޮޅުގައި އިދިކޮޅު ޕާޓީތަކުން ބޭއްވި ސައިކަލް ބުރު:

ޝަހީމް ދަނީ ރަށްރަށަށް ވަޑައިގެން އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވަމުންނެވެ. އެގޮތުން ޝަހީމް ވަނީ ދާދި ފަހުން ގދ. ތިނަދޫ އަދި ފުވައްމުލަކު ސިޓީއަށް ވެސް ވަޑައިގެންފައެވެ.

ލ. އަތޮޅަށް ޝަހީމް ވަޑައިގެން ވަގުތާ ދިމާކޮށް، އިދިކޮޅު ޕާޓީތަކުން ވަނީ ރިޔާސީ ކެންޑިޑޭޓް އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ)އަށް އޮތް ތާއީދު ދެއްކުމަށް ސައިކަލް ބުރެއް ބާއްވައިފައެވެ. އެ ސައިކަލް ބުރުގައި ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވިއެވެ.

ރިޔާސީ ބަހުސްގައި ބައިވެރިނުވާން އިބޫ ނިންމަވައިފި

ރިޔާސީ ބަހުސްގައި ބައިވެރިވަޑައިގަތުމަށް ނިންމެވި ނިންމެވުން އިދިކޮޅު އިއްތިހާދުގެ ކެންޑިޑޭޓު އިބްރާހިމް މުހައްމަދު ސޯލިހު (އިބޫ) ބަދަލުކުރައްވައި، އެ ބަހުސްގައި ބައިވެރިނުވުމަށް ނިންމަވައިފިއެވެ.

ޕީއެސްއެމްއާއި އެމްއެންޔޫ ގުޅިގެން ބާއްވާ ބަހުސްގައި ބައިވެރިނުވުމަށް އިބޫ މިހާރު ނިންމަވާފައިވާ އިރު، ރައީސް އަބްދުﷲ ޔާމީންއާ އެކު ބަހުސްއަކަށް ދާން ތައްޔާރަށް ހުންނެވި ކަމަށް އިބޫ ވަނީ ކުރިން ވިދާޅުވެފައެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިބޫގެ ތަރުޖަމާނު މާރިޔާ ދީދީ ވިދާޅުވީ އެމްއެންޔޫގެ ބަހުސް އޮންނާތީ ރާއްޖެ ޓީވީން ބާއްވާ ބަހުސްގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ނެތް ކަމަށް ރައީސް ޔާމީން ވިދާޅުވެފައިވާ ކަމަށާއި އެހެންކަމުން އެކަމުގެ އިހްލާސްތެރިކަމާއި ބަހުސްގެ މިނިވަންކަމާމެދު ސުވާލު އުފެދިފައިވާ ކަމަށެވެ.

“އެހެންކަމުން އެމްއެންޔޫގެ ޑިބޭޓުގައި ބައިވެރިވުމުގެ ޝައުގުވެރިކަމެއް ވެސް އިބޫގެ ނެތް. މި ފެންނަނީ އެއްވެސް އިހުލަސްތެތިކަމެއް ނެތް ކަން. ޑިބޭޓަކަށް ވަންޏާ އެއީ ކޮންމެ ތަނަކުން ދައުވަތު ދިން ކަމުގައި ވިޔަސް ރައީސް ޔާމީން ބައިވެރިވާނެ ކަމަށް ދެކުނީ. ނަމަވެސް ވަކި ތަނަކަށް އާނބަސް ވިދާޅުވެފައި ދެން ހުރި ތަނަކަށް ނޫނެކޭ ބުނާ ކަމަށްވަންޏާ އެއީ މިނިވަން ބަހުސްއެއްގެ ގޮތަށް ކުރިއަށް ދާނެ ކަމަކަށް ނުފެނޭ،” މާރިޔާ ވިދާޅުވިއެވެ.

މާރިޔާ ވިދާޅުވީ އެމްއެންޔޫގެ ބަހުސްގަައި ބައިވެރިވުމަށް ދުރާލާ ގަޑިތައް އެންގެވުމަށް ދަންނަވާފައިވާނެ ކަމަށާއި ނަމަވެސް މިއަދާ ހަމައަށް ވެސް އެކަން އަންގާފައިނުވާ ކަމަށެވެ.

haftha.mv ©