އުއްތަމަ ފަނޑިޔާރުގެ އިތުރު ސުލޫކީ މައްސަލައެއް ބަލަނީ

އުއްތަމަ ފަނޑިޔާރު ޑރ.އަހުމަދު އަބްދުﷲ ދީދީގެ ސުލޫކީ އިތުރު މައްސަލައެއް ބެލުމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ނިންމައިފިއެވެ.

ޖޭއެސްސީ އިން މިރޭ ނެރުނު ނޫސް ބަޔާނެއްގައި ބުނީ، މިއަދު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމުގައި އުއްތަމަ ފަނޑިޔާރުގެ ސުލޫކީ މައްސަލައެއް ބަލަން ނިންމީ، އެ ކޮމިޝަނުން ބަލަމުންދާ ސުލޫކީ މައްސަލައެއް ތަހުގީގުކުރުމަށްޓަކައި ހާޒިރުވެވަޑައިގަތުމަށް އުއްތަމަ ފަނޑިޔާރަށް އަމުރު ފޮނުވުމުން އެމައްސަލަ ބެލުމުގެ އިހްތިސާސް އެ ކޮމިޝަނަށް ލިބިގެން ނުވާކަމަށް ވިދާޅުވެ ކޮމިޝަނަށް ހާޒިރުވެވަޑައިގަތުމަށް އުޒުރުވެރިވެ ވަޑައިގަންނަވާފައިވާތީ ކަމަށެވެ.

އަދި އޭގެ ފަހުން އެ ކޮމިޝަނުން ބަލަމުންދާ މައްސަލައާމެދު ހަގީގަތާ ހިލާފު ވާހަކަތަކެއް ހިމެނޭ ގޮތައް އުއްތަމަ ފަނޑިޔާރު ބަޔާނެއް ނެރުއްވުމަކީ ޖޭއެސްސީގެ ދުސްތޫރީ މަސްއޫލިއްޔަތު އަދާކުރުމަށް ހުރަސްއަޅުއްވައި އެ ކޮމިޝަނުން ބަލަމުންދާ މައްސަލައަށް ނުފޫޒު ފޯރުވުމުން ކަމަށް ޖޭއެސްސީން ބުނެއެވެ.

މީގެއިތުރުން އުއްތަމަ ފަނޑިޔާރާ ގުޅޭގޮތުން މީގެ ކުރިން ޖޭއެސްސީން ބެއްލެވި ސުލޫކީ މައްސަލައެއް ސާބިތުވެ ތައުދީބީ ފިޔަވަޅެއްގެ ގޮތުން ނަސޭހަތް ދިނުމަށް އެކޮމިޝަނުން ނިންމުމުން، އެކޮމިޝަނުން ފޮނުވި ނަސޭހަތުގެ ލިޔުމާ ހަވާލުވެވަޑައިގަތުމަށް ވެސް އިންކާރުކުރައްވާފައިވާތީ އެއީ ވެސް އުއްތަމަ ފަނޑިޔާރާމެދު ސުލޫކީ މައްސަލަ ބަލަން ނިންމި ސަބަބެއް ކަމަށް ޖޭއެސްސީގެ ބަޔާނުގައި ބުނެފައިވެއެވެ.

އުއްތަމަ ފަނޑިޔާރު ނެރުއްވި ބަޔާނުގައި ޖޭއެސްސީން ގާނޫނު އަސާސީއާ ހިލާފަށް އަމަލުކުރައްވަމުން ގެންދަވާކަމަށް ވިދާޅުވެ ބޮޑެތި ފާޑު ކިޔުންތަކެއް އަމާޒު ކުރައްވާފައިވެއެވެ.

މިނިސްޓަރ ޝާހިދު ތައިލެންޑްގެ ފޮރިން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައިލެންޑްގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީ އާއި ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނުއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްތްރީން މައުލޫމަތުދެއްވި ގޮތުގައި ތައިލެންޑްގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެޤައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެޤައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތައިލެންޑްގެ ފޮރިން މިނިސްޓަރ ޕްރަމުދްވިނާއީގެ ވާހަކަފުޅުގައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ

ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އަތުން މަސްތުވާތަކެތި

ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރޭ 19:00 ހާއިރު ގަލޮޅު ދަނޑު ކައިރިން ހައްޔަރުކޮށްފައިވަނީ 29 އަދި 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 30 އަހަރުގެ މީހާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި އެއް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އަދި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އެ ދެ މީހުން ދުއްވި ސައިކަލު ޓޯވ ކޮށްފައިވާ ކަމަށެވެ.

އެމީހުން ފޭރިގެންފައިވަނީ މަޖީދީމަގު އޯޑިއޮން ކައިރީ ބިދޭސީ މީހާ ހުއްޓާ ސައިކަލެއްގައި ދަމުން ކަމަށާއި ފޭރިގަތް ވޮލެޓް ފެނިފައިވަނީ މުތީގޯޅި ކާނުގަނޑުގެ ތެރެއިން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފި

 ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީކޮށް ހުޅުވައިދެއްވަފިއެވެ.

މިނިސްޓަރ ޝާހިދު، މި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ، ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.
އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ތައިލެންޑުގައި ހުޅުވުނު އެމްބަސީއާއެކު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ތައިލެންޑުގައި ދިވެހި އެމްބަސީއެއް ރަސްމީކޮށް ހުޅުވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުންދާކަމުގެ ނިޝާނެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.

ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކަފާލާތުގެ ދަށުން ދޫކޮށްލައިފި

ބަނގުރަލުގެ މައްސަލައެއްގައި ހައްޔަރުކުރި ބަޔަކު ކަފާލާތުގެ ދަށުން ކްރިމިނަލް ކޯޓުން ދޫކޮށްލައިފިއެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ 27 އަހަރުގެ ދިވެހި ފިރިހެނަކާއި 20 އަހަރުގެ ދިވެހި ދެ ފިރިހެނުންނާއި 24 އަހަރުގެ ދިވެހި ފިރިހެނެކެވެ.

ފުލުހުންބުނީ މި މީހުން ހައްޔަރުކޮށްފައިވަނީ ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި މަހުގެ 14 ވަނަ ދުވަހު ހިންގި އޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން މައްޗަންގޯޅި ގެއެއް ބަލައިފާސްކުރުމަށްފަހުއެވެ.

އެގޮތުން އެގެ ބަލައިފާސްކުރިއިރު 44 ފުޅި ބަނގުރަލާއި މަސްތުވާތަކެތިކަމަށް ޝައްކުކުރެވޭ އެއްޗެއްހުރި 35 ސެލޯފިންކޮޅާއި މަނާ ބޭހުގެ 04 ގުޅަ ބޭސް ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ.

ނަމަވެސް މިމައްސަލާގައި ހައްޔަރުކޮށްފައިވާ ހަތަރު މީހުންގެ ބަންދާއިމެދު ގޮތެއް ނިންމުމަށް އިއްޔެ ކުރިމިނަލް ކޯޓަށް ހާޒިރުކުރުމުން ކަފާލާތުގެ ދަށުން އެ މީހުން ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެއެވެ.

ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދުން އެއީ ރައްޔިތުން އެދޭ ތަރައްޤީގެ :ރައީސް

ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ހޯދުން އެއީ ރައްޔިތުން އެދޭ ތަރައްޤީގެ ބިންގާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސޯލިޙް ވިދާޅުވެއްޖެއެވެ.

ރައީސް ސޯލިހް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ ރާއްޖެ ލާމަރުކަޒު ކޮށްގެން ޖަޒީރާވަންތަ ދިރިއުޅުމެއް ދިވެހީންނަށް ހޯދައިދިނުމަށް ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން އެކަން ހާސިލު ކުރުމަށްޓަކައި ލާމަރުކަޒީ ޤާނޫނަށް ގެންންނަޖެހޭ ބަދަލުތައް ގެނައުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާކަމަށެވެ. އަދި އެއީ ރައްޔިތުން އެދޭ ތަރައްޤީގެ ބިންގާ ކަމަށްވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނު އިސްލާކުރުމުގެ ބޭނުމަކީ، ލޯކަލް ކައުންސިލްތަކަށް ގާނޫނުން ލިބިދީފައިވާ ބާރުތަކުގެ ތެރެއިން ވޭތުވެދިޔަ މުއްދަތުގައި އެ ކައުންސިލުތަކުގެ ކިބައިން ވަކިކުރެވިފައިވާ ބާރުތަކާއި ޒިންމާތައް އަލުން އިއާދަކޮށްދިނުމާއެކު، ރައްޔިތުންގެ މަންދޫބުންގެ ބައިވެރިވުމާއެކު ކައުންސިލުތަކުގެ ކަންކަން ހިންގޭނެ މަގުފަހިކޮށްދީ، ކައުންސިލްތަކުގެ ހިންގުން މިހާރަށްވުރެ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ ހިދުމަތްތައް، ރައްޔިތުންނާ ވީހާވެސް ގާތުން ފޯރުކޮށްދިނުމުގެ އިންތިޒާމުތައް ހަމަޖައްސައިދިނުން ކަމަށް ސަރުކާރުން ވަނީ މީގެކުރިން ބުނެފައެވެ.

ސަރުކާރުން ލާމަރުކަޒީ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތަކުގެ ތެރޭގައި ކައުންސިލުތަކުގެ އިހްތިސޯސް ހިނގާ ސަރަހައްދު ކަނޑައަޅާނެ ގޮތުގެ އުސޫލުތައް ގާނޫނުގައި ބަޔާންކޮށް، ކައުންސިލުތަކުގެ އިހްތިސޯސްގައިވާ އެންމެހައި ވަސީލަތްތަކާއި ބިނާތަކާއި ނުއުފުލޭ ހަރު މުދާ ކައުންސިލުތަކުގެ މިލްކުވެރިކަމަށް ބަދަލުވެގެންދާނެ ގޮތަށް ހަމަޖެއްސުމަށް ވެސް ބިލުގައި ވަނީ ހިމަނާފައެވެ.

ކައުންސިލުތައް މާލީގޮތުން ބާރުވެރިކުރުމުގެ ގޮތުން، ދައުލަތުގެ އާމްދަނީގެ ފަސް ޕަސެންޓަށްވާ އަދަދުގެ ފައިސާ ކައުންސިލުތަކަށް ދިނުމާއި، ކައުންސިލުތަކުގެ އިހްތިސޯސްގައި ނުހިމެނޭ ބިމާއި ފަޅާއި ފަރުގެ ސަރަޙައްދުތަކުގެ ކުލީގެ 40 ޕަސެންޓަށްވާ އަދަދުގެ ފައިސާ، ފިސްކަލް ފޯމިއުލާއެއްގެ ދަށުން ހުރިހާ ކައުންސިލަކަށް ބެހިގެންދާގޮތަށް ހަމަޖެއްސުމާއި، ކައުންސިލްތަކުން ދޭ ހިދުމަތްތަކަށް ބޭނުންވާ ފައިސާ ހޯދުމަށް ފީ ނުވަތަ ކުލި ނެގުމުގެ ބާރު ކައުންސިލްތަކަށް ދޭ ގޮތަށް ވެސް ބިލަށް ވަނީ އިސްލާހު ހުށަހަޅާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ސްކޫލުން ދެނީ

އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތް ސްކޫލުތަކުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ސްޓްރެޓެޖިކް ޕްލޭނާއި ކެޕޭސިޓީ ނީޑްސް އެނަލިސިސް ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުން ތެރަޕީ ނުލިބޭ ކަމުގެ ޝަކުވާ ބެލެނިވެރިން އަބަދުވެސް ކުރާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަންނަ އަހަރު ސްކޫލްތަކުގައި ތެރަޕީ ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި އެނޫންވެސް ކަމާގުޅުންހުރި ދާއިރާތަކުން ބައިވެރިވެއެވެ.

އަދި އެ ބައްދަލުވުމުގައި އުނގެނުމުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އަދި އެކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސްޓްރެޓީޖިކް ޕްލޭން އިސްލާހު ކުރެވި ކުރިއަށް ހުރިކަންކަން ރާވައި އެކަމަށް ހިނގާނެ ހަރަދު އެނގިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އެކްސްކްލޫސިވް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އާތިފް ޕީއެސްއެމްއަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތުބައްދަލުވުން ނިމިގެންދާއިރު ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

ބަރަހަނާ ފޮޓޯތަކެއް ނަގާ، ބަޔަކު ބުލެކްމެއިލް ކުރަން އުޅުނު ފުލުހެއްގެ މައްސަލަ ބަލަނީ

ބުލެކްމެއިލް ކުރަން އުޅުނު ފިރިހެން ފުލުހެއްގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އުމުރުން 29 އަހަރުގެ ފިރިހެން ފުލުހަކާ ދެކޮޅަށް ބުލެކްމެއިލް ގެ މައްސަލައެއް މިމަހުގެ ހަ ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި އެ ފުލުހުން މީހާ ވެސް އަދި އެހެން މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

އޮފިޝަލު ވިދާޅުވީ، ތަހުގީގުގެ ވަރަށް ކުރީކޮޅުކަމުން ބައެއް ކަހަލަ ތަފްސީލު އަދި ހާމަކުރަން ދަތި ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގެއްގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ފުލުސް މީހާ މަސައްކަތް ކުރީ އޭނާގެ އަންހެނުންގެ އާއިލީ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގާ، އެ ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަންށެވެ.

ރިޕޯޓާ ގުޅިގެން ހަލަބޮލިވާނެ ގޮތަށް ވާހަކަނުދެއްކުމަށް ލެކްޗަރާއިންނަށް އަންގައިފި

އިސްލާމް ދީނަށާއި ﷲގެ ރަސޫލާއަށް ފުރައްސާރަކޮށް، މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓާ ގުޅިގެން މުޖުތަމައު ހަލަބޮލި ވެދާނޭ ގޮތަކަށް ގައުމީ ޔުނިވާސިޓީގެ ލެކްޗަރާއިން ސޯޝަލް މީޑިއާގައި ހިޔާލު ފާޅުނުކުރުމަށް ސަރުކާރުން އަންގައިފިއެވެ.

ސަރުކާރުން އެފަދަ އެންގުމެއް އަންގާފައިވާކަމަށް ބުނެފައިވަނީ ގައުމީ ޔުނިވާސިޓީގެ ޗާންސެލާ ޑރ. ހަސަން ހަމީދު މިއަދު އެ ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުންނަށް އީމެއިލް މެދުވެރިކޮށް ފޮނުވި މެސެޖެއްގައެވެ.

ޗާންސެލަރު ޑރ. ހަސަން ހަމީދު ފޮނުވި މެސެޖުގައި ވިދާޅުވެފައިވަނީ، އެމްޑީއެންގެ ރިޕޯޓާ ގުޅިގެން ރައްޔިތުންގެ ތެރެއިން ގިނަ ބައެއްގެ މެދުގައި ނުތަނަވަސްކަން އުފެދިފައިވާ ދަނޑިވަޅެއްގައި، ޔުނިވާސިޓީގެ ބައެއް ލެކްޗަރާއިން ރައްޔިތުންގެ މެދުގައި ބައިބައިވުން އުފެދި، މުޖުތަމައު ހަލަބޮލި ވެދާނޭ ފަދަ ބީދައަކުން އެ ރިޕޯޓާ ގުޅިގެން ސޯޝަލް މީޑިއާގައި ތަފާތު އެކި ހިޔާލު ފާޅުކުރަމުންދާކަން ސަރުކާރަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

އަދި އެކަމުގެ ޝަކުވާ ރައްޔިތުންގެ ފަރާތުން ސަރުކާރަށް ލިބެމުންދާކަން ވިދާޅުވެފައިވެއެވެ.

ޗާންސެލަރު ވިދާޅުވީ، ޔުނިވާސިޓީގެ މުދައްރިސުންނަކީ ރާއްޖޭގެ އެތަކެއް ޒުވާނުންގެ ކުރިމަގު ބައްޓަންކުރުމުގައި ނުހަނު މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކަށްވާއިރު، އެބޭފުޅުންގެ ފަރާތުން އެފަދަ ކަންކަން ތަކުރާރުވާނަމަ އެއީ މުޖުތަމައުއަށް އޭގެ ނޭދެވޭ އަސަރު ކުރާނޭ ކަމެއް ކަމަށެވެ.

“އެހެންކަމުން، މި މުއައްސަސާގައި މަސައްކަތްކުރައްވާ އެއްވެސް ބޭފުޅަކު، މި މުޖުތަމައުގައި ބައިބައިވުން އުފައްދައި، އެއްބަޔަކު އަނެއް ބަޔަކާމެދު ރުޅިވެރިކަން އުފެދޭނެ ފަދަ ވާހަކަތައް މީސްމީޑިޔާ އާއި، އެނޫންވެސް ވަސީލަތެއް މެދުވެރިކޮށް ފެތުރުން ހުއްޓުވުމަށްޓަކައި އަޅަންޖެހޭ އެންމެހައި ފިޔަވަޅުތައް އެޅުމަށް ސަރުކާރުން ޔުނިވަރސިޓީގައި އެދިވަޑައިގެންފައި ވެއެވެ،” ޗާންސެލަރުގެ އެންގުމުގައިވެއެވެ.

އަދި ޔުނިވާސިޓީގެ ހުރިހާ މުވައްޒަފުން ވެސް މުވައްޒަފުންގެ އަހުލާގީ ކޯޑްގައިވާ ހަމަތަކާއި ގާނޫނުތަކާ އެއްގޮތަށް އަމަލުތައް ބެހެއްޓެވުމަށް ޗާންސެލަރު ހަމީދުގެ އެންގެވުމުގައި ވިދާޅުވެފައިވެއެވެ.

އެމްއެންޔޫގެ ލެކްޗަރާއިންނަށް މިފަދަ އެންގުމެއް އަންގާފައިވާއިރު، އެމްޑީއެންގެ ރިޕޯޓު ކުށްވެރިކޮށް “އިލްމުވެރިންގެ ގުޅުން”ގެ ނަމުގައި ރާއްޖޭގެ ގިނަ ދީނީ އިލްމުވެރިން އިއްޔެ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ގައުމީ ޔުނިވާސިޓީގެ ގިނަ ލެކްޗަރާއިން ވެސް ބައިވެރިވިއެވެ.

ރައީސްގެ އެޑްވައިޒަރަކަށް މުހައްމަދު ޝިހާބް ހަމަޖައްސަވައިފި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް މުޙައްމަދު ޝިހާބު އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުގެ މަގާމަށް މުހައްމަދު މާހިރު ޢީސާ މިއަދު ޢައްޔަން ކުރައްވައިފިއެވެ.

މި ދެ ބޭފުޅުންގެ މަޤާމުގެ ފަތްކޮޅު އެރުވުމުގެ ރަސްމިއްޔާތު އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

އެޑްވައިޒަރ ޓު ދަ ޕްރެޒިޑެންޓުގެ މަގާމަށް ރައީސުލްޖުމްހޫރިއްޔާ މިއަދު ހަމަޖެއްސެވި މުޙައްމަދު ޝިހާބަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ގިނަ ދުވަސްތަކެއްވަންދެން ފުރުއްވާފައިވާ އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމާއި ދެ ވުޒާރާއެއްގެ ވަޒީރުކަމާއި މާލެ ސިޓީގެ މޭޔަރުކަމުގެ އިތުރުން ސަރުކާރުގެ އެކިއެކި އިދާރާތަކުގެ އިސް މަޤާމުތައް އަދާކުރައްވާފައިވާ ބޭފުޅެކެވެ. މުޙައްމަދު ޝިހާބު މަތީ ތަޢުލީމު ޙާޞިލުކުރައްވާފައި ވަނީ އޮސްޓްރޭލިޔާގެ ޖޭމްސް ކުކް ޔުނިވަރސިޓީންނެވެ.

މިނިސްޓަރ އޮފް ސްޓޭޓް ފޮރ ފޮރ ހޯމްއެފެއާޒްގެ މަގާމަށް ހަމަޖެއްސެވި މުޙައްމަދު މާހިރު ޢީސާއަކީ މިނިސްޓަރ އޮފް ހޯމްއެފެއާޒްގެ ނައިބުގެ މަގާމާއި ފާދިއްޕޮޅު އަތޮޅު ކައުންސިލަރުގެ މަގާމު ވެސް އަދާކުރައްވާފައިވާ ބޭފުޅެކެވެ.