މިނިސްޓަރ ޝާހިދު ތައިލެންޑްގެ ފޮރިން މިނިސްޓަރ އާއި ބައްދަލުކުރައްވައިފި

ދިވެހި ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ތައިލެންޑްގެ ފޮރިން މިނިސްޓަރާއި ބައްދަލުކުރައްވައިފި

މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު، ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީ އާއި ބައްދަލުކުރައްވާފައިވަނީ މިއަދު ހެނދުނުއެވެ.

ރާއްޖޭގެ ފޮރިންގ މިނިސްތްރީން މައުލޫމަތުދެއްވި ގޮތުގައި ތައިލެންޑްގެ މިނިސްޓްރީ އޮފް ފޮރިން އެފެއަރޒްގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ދެޤައުމުގެ ގުޅުމާއި ބެހޭ ގޮތުން ދެ ބޭފުޅުން މަޝްވަރާކުރެއްވިއެވެ. އަދި މިނިސްޓަރ ޝާހިދުގެ ވާހަކަފުޅުގައި ދެޤައުމުގެ ސިޔާސީ ގުޅުމަށް 40 އަހަރު ފުރުމާއި ގުޅިގެން އެކަމުގެ ތަހުނިޔާ ވިދާޅުވެ، ވިސާއާއި ނުލައި ދިވެހިންނަށް ތައިލެންޑަށް ދަތުރުކުރުމުގެ މަގު އެޤައުމުން ފަހިކޮށްދީފައިވާތީ ތައިލެންޑްގެ ޚާރިޖީ ވަޒީރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ވިސާ އެގްރިމެންޓްގެ ދަށުން ދެޤައުމުގެ ރައްޔިތުން އެއް ޤައުމުން އަނެއް ޤައުމަށް ދަތުރުކުރުމުގައި ލިބިގެންދާ ފަސޭހަތަކާއި ގުޅޭ ގޮތުން މިނިސްޓަރ ވާހަކަފުޅު ދެއްކެވިއެވެ. އަދި ވަކިން ޚާއްސަކޮށް ބޭސްފަރުވާއަށް ތައިލެންޑަށް ދަތުރުކުރާ ދިވެހިންނަށް ލިބިގެންދާ ފަސޭހަތައް މިނިސްޓަރ ޝާހިދު ފާހަގަކުރެއްވިއެވެ.

މީގެ އިތުރުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު ވައިގެ ދަތުރުފަތުރު އިތުރުކުރުމާއި ގުޅޭ ގޮތުން މިނިސްޓަރ ޝާހިދު ވާހަކަފުޅު ދެއްކެވިއެވެ. އެގޮތުން ތައިލެންޑްގެ އެއަރލައިނެއްކަމަށްވާ ބެންކޮކް އެއަރވޭސްއިން އަންނަ އަހަރުން ފެށިގެން ދުވާލަކު 2 ފްލައިޓް މާލެއާއި ބެންކޮކާއި ދެމެދު ބާއްވާ ގޮތަށް ހަމަޖެހިފައިވާކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ.
ތައިލެންޑްގެ ފޮރިން މިނިސްޓަރ ޕްރަމުދްވިނާއީގެ ވާހަކަފުޅުގައި ދެޤައުމު ގުޅިގެން އެކި ދާއިރާތަކުން މަސައްކަތް ކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

އަދި ތައިލެންޑްގެ ކުންފުންޏެއްކަމަށްވާ ސިންހާ ގްރޫޕުން ދިވެހިރާއްޖޭގައި އިންވެސްޓްކޮށްފައިވާއިރު، އޭގެ ސަބަބުން ތައިލެންޑްގެ އިތުރު ވިޔަފާރިތަކަށް ދިވެހިރާއްޖޭގައި އިންވެސްޓްކުރުމަށް ހިތްވަރު ލިބިގެންދާނެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިނިސްޓަރ ޝާހިދު ތައިލެންޑަށް މިކުރައްވާ ދަތުރުފުޅަކީ އެޤައުމުގެ ފޮރިން މިނިސްޓަރގެ ދައުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ

ބަރަހަނާ ފޮޓޯތަކެއް ނަގާ، ބަޔަކު ބުލެކްމެއިލް ކުރަން އުޅުނު ފުލުހެއްގެ މައްސަލަ ބަލަނީ

ބުލެކްމެއިލް ކުރަން އުޅުނު ފިރިހެން ފުލުހެއްގެ މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވީ، އުމުރުން 29 އަހަރުގެ ފިރިހެން ފުލުހަކާ ދެކޮޅަށް ބުލެކްމެއިލް ގެ މައްސަލައެއް މިމަހުގެ ހަ ވަނަ ދުވަހު ހުށަހަޅާފައިވާ ކަމަށެވެ.

ނަމަވެސް އެ މައްސަލާގައި އެ ފުލުހުން މީހާ ވެސް އަދި އެހެން މީހަކު ވެސް ހައްޔަރުކޮށްފައެއް ނުވެއެވެ.

އޮފިޝަލު ވިދާޅުވީ، ތަހުގީގުގެ ވަރަށް ކުރީކޮޅުކަމުން ބައެއް ކަހަލަ ތަފްސީލު އަދި ހާމަކުރަން ދަތި ކަމަށެވެ. ނަމަވެސް ޖިނާއީ ތަހުގީގެއްގެ އިތުރުން ފުލުހުންގެ ޕްރޮފެޝަނަލް ސްޓޭންޑަޑްސް ކޮމާންޑުން އެ މައްސަލަ ބަލަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، އެ ފުލުސް މީހާ މަސައްކަތް ކުރީ އޭނާގެ އަންހެނުންގެ އާއިލީ ބައެއްގެ ބަރަހަނާ ފޮޓޯތަކެއް ނަގާ، އެ ފޮޓޯތައް ބޭނުންކޮށްގެން ބްލެކްމެއިލް ކުރަންށެވެ.

ނިއުޕޯޓް ވިއު ހިންގި ބިން ހަވާލުނުކުރުމުން ދައުލަތުން ކޯޓަށް

ނިއުޕޯޓް ވިއު ރެސްޓޯރެންޓް ހުރި ބިން ސަރުކާރާ ހަވާލުކުރަން ސިވިލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު ކުރި އަމުރަށް އަމަލުކޮށްފައި ނުވާތީ އެ ހުކުމް ތަންފީޒު ކޮށްދޭން ދައުލަތުން ކޯޓުގައި އެދިއްޖެއެވެ.

ރާޅުގަނޑު ސަރަހައްދުގައި ހިންގާ ނިއުޕޯޓް ވިއުގެ މައްސަލާގައި، އެތަން ހިންގާ ސްޓްރާޑާ ކުންފުންޏާ ދެކޮޅަށް ދައުލަތުން ދައުވާކުރީ އެތަން ހުސްކުރަން އަމުރުކޮށް ދިނުމަށާއި އެތަނުގެ ކުލީގެ ގޮތުގައި 1.1 މިލިއަން ރުފިޔާ ހޯދުމަށެވެ.

އެ މައްސަލާގައި ސިވިލް ކޯޓުން މިދިޔަ ސެޕްޓެމްބަރު މަހު އަމުކުރީ 15 ދުވަސް ތެރޭގައި އެ ބިން ސަރުކާރާ ހަވާލު ކުރުމަށެވެ. ނަމަވެސް އެ އަމުރަށް އަމަލުނުކޮށް، ސްޓްރާޑާ އިން ވަނީ އެ ހުކުމް އިސްތިއުނާފު ކުރުމަށެވެ.

ޕްލޭނިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުގެ ހުކުމާ އެއްގޮތަށް ސްޓްރާޑާ ކުންފުނިން ނިއުޕޯޓް ހިންގި ބިން ހުސްކޮށްފައި ނުވާ ކަމަށާއި އެހެންކަމުން ކޯޓުގެ ހުކުމުގައި އަންގާފައިވާ ގޮތަށް ތަންފީޒުކުރުމަށް ދައުލަތުން ކޯޓުގައި އެދިފައިވާ ކަމަށެވެ.

ސްޓްރާޑާ ކުންފުނިން މީގެ ކުރިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ސިވިލް ކޯޓުން ކުރި ހުކުމް އިސްތިއުނާފް ކުރަން ނިންމީ ނިއުޕޯޓް ވިއު ހިންގި ބިން އެ ކުންފުންޏަށް ސަރުކާރުން ކުއްޔަށް ދިން އެއްބަސްވުމުގެ ދަށުން ކުރަން ޖެހޭ ސީއެސްއާރު މަސައްކަތްތަަކަށް ބޮޑު ހޭދައެއް ކޮށްފައި ވާތީ ކަމަށެވެ.

އަދި ރިންގް ރޯޑް ހެދުމަށްޓަކާ އެތަނުގައި ފުރަތަމަ ހުޅުވި “ޗާޓައިމް” ބަންދުކުރިއިރު އެ ބްރޭންޑް ރާއްޖެއަށް ގެނެސް އެތަން ހިންގުމަށްޓަކައި އެ ކުންފުނިން ކުރި އިންވެސްޓްމަންޓަށް ދައުލަތުން ބަދަލު ދީފައި ނުވާ ކަމަށާއި ކޯޓުން އެ ކަންކަމަށް ވެސް ރިއާޔަތްކޮށްފައިނުވާ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

ކުރީގެ ސަރުކާރުގައި 2016 ގައި އެ ބިން ސްޓްރާޑާ ކުންފުންޏާ ހަވާލުކުރީ ބްރިޖް އަޅާ މަންޒަރު ބަލާ ޕްލެޓްފޯމެއް ތަރައްގީކޮށް، އެ ސަރަހައްދުގައި ރެސްޓޯރެންޓަކާއި ފުޓްސަލް ދަނޑެއް ތަރައްގީ ކުރުމަށެވެ.

އަދި ސްޓްރާޑާއާއެކު ހެދި އެއްބަސްވުމުގެ މުއްދަތު ސަރުކާރުން އިތުރުކޮށްފައި ވަނިކޮށް، އެތަން ހުސްކުރަން ސަރުކާރުން އެންގީ މިއަހަރު ކުރީކޮޅެވެ. އަދި މިދިޔަ ރޯދަ މަހުން ފެށިގެން އެތަން ހުންނަނީ ބަންދުކޮށްފައެވެ.

ވިއްސާރައަށް ފަހު އާންމުހަލަތު ދަނީ ރަގަނޅުވަމުން: މޭޔަރު

ނިމިގެންދިޔަ ހަފްތާ ބަންދުގައި އައްޑޫ ސިޓީއަށް ކުރި ވިއްސާރައަށް ފަހު، އާންމު ހާލަތު މިހާރު ރަންގަޅު ވަމުންދާކަމަށް އައްޑޫސިޓީގެ މޭޔަރ ޢަބްދުﷲ ސޯދިޤް ވިދާޅުވެއްޖެއެވެ.

މެދުނުކެނޑި ބޯކޮށް ވާރޭވެހި އައްޑޫސިޓީގެ ހުރިހާރައްތަކަށް ވަނީ ފެންބޮޑުވެ ބައެއް ގެއްލުންތަށްވެފައެވެ.

އައްޑޫ ސިޓީގެ މިހާރުގެ ހާލަތާ ގުޅޭގޮތުން ވާހަކަދައްކަވަމުން އައްޑޫސިޓީ މޭޔަރ ޢަބްދުﷲ ސޯދިޤް ވިދާޅުވީ އައްޑޫގެ އާންމު ހާލަތު މިހާރު ރަންގަޅު ވަމުން އަންނަ ކަމަށެވެ. އަދި ވަގުތީ ހިޔާތަކަށް ބަދަލުކުރި މީހުންގެ ތެރެއިން އެއް ގޭގެ މީހުން ފިޔަވައި ދެންތިބި ގެތަކުގެ މީހުން އަނބުރާ އެމީހުންގެ އެގެތަކަށް މިހާރު ގޮސްފައިވާ ކަމަށެވެ.

އައްޑޫ ސިޓީގެ މޭޔަރ ވިދާޅުވީ، އެހާ ބޮޑަށް ފެން ބޮޑުވީ ވެލި މަގުތަކަށްވުރެ ގެތައް ތިރިވުމުންކަމަށެވެ. އަދި ފެން ހިންދޭނެ ގޮތެއް ނެތުމުން ފެން ބޮޑުވެ ޖަނކްޝަންތައް ފުރި ފާޚާނަތަކުގައިވެސް މައްސަލަޖެހެން ދިމާވިކަމަށް މޭޔަރ ވިދާޅުވިއެވެ.

ވިއްސާރައިގެ ސަބަބުން ލިބުނު ގެއްލުން ތަށް ބަލާލުމަށް ޑިފެން މިނިސްޓަރ މާރިޔާ އަހުމަދު ދީދީ އާއި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް އަބްދުﷲ ޝަމާލް ވަނީ އައްޑޫގެ އަވަށްތަކަށް ޒިޔާރަތް ކުރައްވާ އާންމު ހާލަތު ބައްލަވާލައްވާފައެވެ.

ސީލައިފުން ޔާމީންގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާާކުރި މައްސަލައެއް ބަލަނީ

ސީލައިފުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އެކައުންޓަށް 15،000 ޑޮލަރު ޖަމާާކުރި މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބުނެފައިވަނީ ހުޅުމާލޭގައި 3000 ހައުސިންގ ޔުނިޓް އެޅުމަށް ކަމަށްބުނެ އޮޅުވާލައިގެން ގިނަ ބައެއްގެ އަތުން ފައިސާ ނަގާފައިވާ ސީލައިފުން ޔާމީންގެ އެކައުންޓަށް 2014 ވަނަ އަަހަރުގެ މާޗުމަހުގެ ތެރޭގައި 15،000 ޑޮލަރު ޖަމާކޮށްދީފައިވާ މައްސަލަ އެ ކޮމިޝަނުން ތަހުގީގުކުރަމުން ދާކަމަށެެވެ. ނަމަވެސް އެ މައްސަލައިގެ އިތުރު ތަފްސީލެއްް އޭސީސީން ހާމަކޮށްފައެއް ނުވެއެވެ.

ފްލެޓް ގަތުމަށް އެތައް ބަޔަކު ދެއްކި ފައިސާއަށް އެ ކުންފުނީގެ ވެރިން ހިޔާނަތްތެރިވެ އެ ފައިސާ އަނބުރާ ދީފައިނުވާތީ ދުއިސައްތަ ވުރެ ގިނަ މީހުންވަނީ އެ ކުންފުންޏާއި ދެކޮޅަށް ސިވިލްކޯޓްގައި ދައުވާކޮށްފައެވެ. މި މައްސަލާގައި ތެރެއަށް އެޗްޑީސީ ވަދެ ގެއްލުންވި ފަރާތްކަށް ބަދަލު ދިނުމަށް އެއްބަސްވުމެއް އެކުލަވާލާ ކޯޓުން ބޭރުގައި އެ މައްސަލަވަނީ ހައްލުކޮށްފައެވެ.

3000 ފްލެޓް އެޅުމަށް ސީ ލައިފްއާއި ހަވާލުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި އެވަރުގެ މަޝްރޫއެއް ހިންގުމުގެ ޤާބިލްކަން އެ ކުންފުނީގައި ނެތްކަން އެނގިތިބެކަން އެޗްޑީސީން އެކުލަވާލާފައިވާ ރިޕޯޓުން އެނގެއެވެ.

އަދި މަކަރާއި ހީލަތް ހަދައިގެން ފްލެޓް ތަށް ވިއްކަނެކަމަށް ބުނެ މީހުންގެ އަތުން ބޮޑެތި އަދަދުތަކުން ފައިސާ ނެގި މައްސަލަ ފުލުހުންގެ އިކޮނޮމިކް ކްރައިމް ޑިޕާރޓްމަންޓުން ތަހުގީގު ކުރަމުންދާއިރު، ސީލައިފް ގްލޯބަލް ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މޫސާ މުހައްމަދު (އައްމަޓީ) ހޯދުމަށް ވަނީ އިންޓަރޕޯލް ރެޑް ނޯޓިސް ނެރެފައެވެ. ސީލައިފްގެ މައްސަލަ ފެންމަތިވުމާ އެކު އައްމަޓީ ވަނީ ރާއްޖެއިން ފިލާފައެވެ.

ހިޔާލު ތަފާތުވުމާއެކު ނޫޅެވޭނަމަ ރާއްޖެއިން ހަނގުރާމައިގެ މަންޒަރު ފެނިދާނެ: ނަޝީދު

ހިޔާލު ތަފާތުވުންތަކާއެކުގައި އެންމެނަށް އެކީގައި އުޅެވެން ޖެހޭނޭ ކަމަށާއި ނޫޅެވޭނަމަ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދި ހަނގުރާމައިގެ ހާލަތަށް ރާއްޖެ ވެއްޓިދާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އަހުމަދިއްޔާގެ އިނާމު ދިނުމުގެ ޖަލްސާގައި މިރޭ ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މިއަދު ރާއްޖޭގައި ދިމާވެފައިވާ އޮތް އެންމެ މުހިންމު ކަމަކީ ދީނީ ގޮތުން ރަނގަޅާއި ގޯހަކީ ކޮބައިކަން ނޭނގުން ކަމަށާއި އެކަމުގެ ހިޔާލު ތަފާތު އިންތިހާއަށް ގޮސްފި ކަމަށެވެ.

އަދި އެކަމާ ގުޅިގެން އެއްބަޔަކު އަނެއްބަޔަކު ވަރަށް އަނިޔާވެރި ވާހަކަތަކެއް ދައްކަން ފެށި ނަމަވެސް ރަނގަޅާއި ނުބަޔަކީ އެކި މީހުން އެކި ގޮތަށް ދެކޭނެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ހިޔާލު ތަފާތުވުންތަކާއެކު އެންމެންނަށް އުޅެވެން ޖެހޭނެ ކަމަށާއި އެހެން ނޫނީ ހަނގުރާމަ ހިނގަމުންދާ ގައުމުތަކުގައި ފެންނަ މަންޒަރުތައް މާލެއިން ފެނިގެން ގޮސްދާނެ ކަމަށެވެ.

“ދަންނަވަން އޮތް ވާހަކައަކީ ހިޔާލު ތަފާތުވާނޭ. ރަނގަޅާއި ނުބައި ވެސް އެކި މީހުން އެކި ގޮތަށް ދެކޭނޭ. އެހެން ނަމަވެސް އެ ހިޔާލު ތަފާތުވުންތަކާއެކުގައި އެންމެނަށް އެކީގައި އުޅެވެން ޖެހޭނޭ. އަޅުގަނޑުމެން އެންމެނަށް އެކެއްގެ ހިޔާލު އެއީ ހަޖަމު ނުކުރެވޭ ހިޔާލެއް ކަމަށްވެ އެއާއެކީގައި ނޫޅެވޭ ތަނަށް ދިޔައީމާ ހިޔާލު ތަފާތުވުމުގެ ސަބަބުން ހަމަނުޖެހުން އުފެދޭ ހިސާބަށް. އެއީ އަޅުގަނޑުމެން ދާން ބޭނުންވާނެ ތަނެއް ނޫން،” ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު އިތުރަށް ވިދާޅުވީ، ވަރަށް ބުއްދިވެރިކަމާއި ވިސްނުންތެރި ކަމާއެކީގައި ދިވެހިންގެ ކަންކަން ނުގެންގޮސްފިނަމަ ހަރާބުގެ އައްސޭރިއަށް ދިވެހި މުޖުތަމައުގެ ޖީލު ގޮސްފާނެ ކަމަށެވެ.  އަދި ސަލާމަތުގެ އައްސޭރިއަށް ރާއްޖެ ގެންގޮސްދިނުމަކީ މިއަދު ޒިންމާއެއް ކަމަށް ވިދާޅުވިއެވެ.

“ތިބޭފުޅުން ތިދެކޭ ރަނގަޅުގައި އުޅެވިދާނެތޯ؟ އެއީ ގޯހަށް މާދަމާ ބަދަލުވެދާނެތޯ؟ އެ ގޯހާ ޖަދަލު ކުރަންވެގެން ކިތަންމެ ބަޔަކު ނުކުންނާނެ. އަދި އެ ރަނގަޅު ބުނެދޭން ވެސް އެތައް ބަޔަކު ނުކުންނާނެ. އަޅުގަނޑުގެ އިލްތިމާސްއަކީ އެ ހިޔާލު ތަފާތުވުމުގައި ހުރިހާ ކުދިން ވެސް އުޅެއްޗޭ،” ރައީސް ނަޝީދުގެ ވާހަކަފުޅު ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އެމްޑީއެންގެ ރިޕޯޓުން ފެންނަ މަންޒަރަށް ޖާގަ ދެވިގެން ނުވާނެ: ނަޝީދު

އިސްލާމް ދީނަށާއި ރަސޫލާއަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރެސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ ބޭރުގަނޑުގައި ބޭނުންކޮށްފައިވާ މަންޒަރުން ދޭހަވާ ކަމަށް ޖާގަ ދެވިގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އެމްޑީއެން އިން ނެރުނު ރިޕޯޓްގައި ބޭރުގަނޑުގައި ފެންނަނީ ކުޑަކުއްޖަކު ކުރަހާފައިވާ ގައުމީ ދިދަ އަކާއި ކަޅު ދިދައެކެވެ. އަދި ގައުމީ ދިދާގައި ރަސްގެ ލާފައި އިންނައިރު ކަޅު ދިދާގައި ޖަހާފައި އިންނަނީ ރަނގަޅު ފާހަގައެކެވެ.

މިއީ ދީނީ ހަރުކަށި މީހުން ރާއްޖެ ބަދަލު ކުރަން ބޭނުންވާ ގޮތްކަން ހާމަ ކޮށްދިނުމުގެ ގޮތުން ރިޕޯޓްގައި ބޭނުން ކޮށްފައިވާ ފޮޓޯއެއް ކަމަށް ބެލެވެއެވެ.

“މި މަންޒަރަށް، މި ތަސައްވަރަށް، މި ވިސްނުމަށް އެއް ގޮތަކަށް ވެސް ޖާގަ ދެވިގެން ނުވާނެ. ހަރުކަށި ފިކުރުގެ މަދު ބަޔަކު އިސްލާމް ދީނަށް ލޯބި ކުރުމުގެ ނަމުގައި ވިއްކަނީ މި ވިސްނުން،” އެ ފޮޓޯއާއެކު ނަޝީދު ކުރެއްވި ޓްވީޓުގައި ވިދާޅުވެފައިވެއެވެ.

އެމްޑީއެންގެ ރިޕޯޓް ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ބަލަމުންދާތީ އެ ޖަމިއްޔާ ވަނީ ސަސްޕެންޑް ކޮށްފައެވެ. ނަމަވެސް އެ ރިޕޯޓާ ގުޅުވައިގެން އެންމެ ގިނަ ތަފާތު ވާހަކަތައް އެކި މާނައިގައި ދައްކަވަމުންދާ އެއް ބޭފުޅަކީ ރައީސް ނަޝީދެވެ.

އެގޮތުން ޝެއިހް ހުސެއިން ރަޝީދު ލިޔުއްވާފައިވާ ޝަހީހް މުސްލިމްގެ ދިވެހި ތަރުޖަމާ އިފްތިތާހް ކުރުމަށް ބުދަ ދުވަހު ބޭއްވި ހަފްލާއެއްގައި ނަޝީދު ވަނީ އެމްޑީއެންގެ ރިޕޯޓާއި އެ ރިޕޯޓް ހެދި “ކުދިން” ދިފާއު ކުރައްވައިފައެވެ.

ނަޝީދު ވިދާޅުވީ، އެ ރިޕޯޓްގައި މާތްﷲ އާއި ކީރިތި ރަސޫލާ صلى الله عليه وسلم  ގެ އިސްމަފުޅުގެ އިތުރުން ދީނީ ވާހަކަތައް ގެނައުމުގައި ބޭނުންކުރި ބަސްތައް ބޭނުންކުރި ބައްތައް ރަނގަޅު ނޫން ކަމަށާއި ނަމަވެސް އެމްޑީއެންގެ ރިޕޯޓް ލިޔުނު މީހުން ނުރަނގަޅު ގޮތުގައި ބަސްތައް ބޭނުންކޮށްފައިވަނީ، އިސްލާމްދީން ބަލިކަށި ކުރުމުގެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން ނުފެނުނު ކަމަށެވެ.

އަދި ވިދާޅުވީ، އެ ރިޕޯޓުގައި އެފަދަ ބަސްތަކެއް ހުރީ އިނގިރޭސި ބަހުން އެއްޗެއް ލިޔަން ވެގެން އުޅެގެން ވެފައިހުރި ގޮތެއް ކަމަށެވެ.

“މާތް ﷲ އާއި ކީރިތި ރަސޫލާއަށް ނިސްބަތްކޮށް ލިޔަންޖެހޭ ގޮތްތައް ނުފެހެއްޓޭ ސަބަބުތަކެއް ވެސް ވާނެ. އަޅުގަނޑެއް ނުދެކެން އެއީ އެއްވެސް ހާލެއްގައި އިސްލާމްދީނަށް ނަފްރަތު ކުރުމަށް، ބަލިކަށި ކުރުމަށް އެދޭތީ ކަމަކަށް. އަޅުގަނޑުމެންގެ ކުދިންނެއް ވެސް އަދި ރިޕޯޓް ލިޔުނު ކުދިން ވެސް އެއްވެސް ހާލަތެއްގައި އެ ބަސްތައް ބޭނުންކޮށްފައި އެވަނީ އެ މާނައިގައި ކަމަކަށް އެ ރިޕޯޓް ކިޔައިގެން އަޅުގަނޑަކަށް ނުފެނުނު،” ނަޝީދު ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ މަސައްކަތު މީހުން ކިޔަވަން، ފޮޅާ ސާފުކުރުމުގައި އިދާރީ މީހުންނާއި ވެރިން

އިސްލާމީ މަރުކަޒުގެ މަސައްކަތު މީހުންނަށް ކިޔެވުމުގެ ފުރުސަތު ދިނުމަށް، އެމީހުންގެ މަސައްކަތް ތަނުގެ ވެރިންނާއި އިދާރީ މުވައްޒަފުން ކޮށްދޭން ނިންމައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މިއީ އެ މިނިސްޓްރީގެ މަސައްކަތު މީހުންނަށް މިނިސްޓްރީގެ ރިކްރިއޭޝަން ކުލަބުން މައުލޫމާތާއި ތަމްރީން ދިނުމަށް ބާއްވާ ވޯކްޝޮޕެއްގައި، އެމީހުންގެ މަސައްކަތް އެހެން ބަޔަކު ހަވާލު ވެގެން ނޫނީ މަސައްކަތު މީހުންނަށް ބައިވެރިނުވެވޭނެތީ ހިންގި ހަރަކާތެއް ކަމަށެވެ.

އެގޮތުން އެއް ދުވަސް އެއްކޮށް، ޑިއުޓީ ބަހައިގެން ތަން ފޮޅާ ސާފުކޮށް ސެކިއުރިޓީ ބެލެހެއްޓުމުގައި ހަރަކާތްތެރިވަނީ އިސްލާމިކް މިނިސްޓްރީގެ ވެރިންނާއި އިދާރީ މުވައްޒަފުން ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މި ހަރަކާތުގައި އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު އަލީ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފައެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ، މަސައްކަތު މީހުންނަށް ބާއްވާ ވޯކްޝޮޕްގައި އެ މިނިސްޓްރީގެ 35 މަސައްކަތު މީހުންނާއި ސެކިއުރިޓީ އޮފިސަރުން ބައިވެރިވާނެ ކަމަށެވެ.

މި ވޯކްޝޮޕްގައި ފުރަތަމަ ފަރުވާ އާއި ސިއްހީ އެކި މައުލޫމާތު މީހުންނާއި މުއާމަލާތް ކުރާނެ ގޮތްތަކާ ބެހޭގޮތުން ކަމާ ބެހޭ ފަންނީ ބޭފުޅުން މައުލޫމާތު ދެއްވާނެ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

ރަސޫލާއަށް ފުރައްސާރަކުރާ މީހަކީ އަބާއްޖަވެރިއެއް، ނަރަކަވަންތަ ވެރިއެއް: ހުތުބާ

މާތް ނަބިއްޔާ މުހައްމަދު صلى الله عليه وسلم އަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެއް ކަމަށާއި އެއީ ނަރަކަވަންތަ ވެރިއެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، މާތްވެގެންވާ އިސްލާމްދީނާއިގެން ވަޑައިގެންނެވި މާތް ސާހިބާ صلى الله عليه وسلم އަކީ ތަގުވާވެރިންގެ އިމާމެއް ކަމަށާއި އެކަލޭގެފާނު ފޮނުއްވީ ރަހްމަތެއް އަދި ހިދާޔަތުގެ މަގަށް އަލިކުރާ ވޮށެއްގެ ގޮތުގައި ކަމަށެވެ.

އަދި ކައުއިތުރު މާތް ނަބިއްޔާ صلى الله عليه وسلم އަށް އީމާންވުމަކީ އީމާންކަމުގެ ރުކުނެއް ކަމަށާއި އެކަލޭގެފާނަށް ކިޔަމަންގަތުމާއި އެކަލޭގެފާނުގެ މަތިވެރި މަގާމަށް ގަދަރުކޮށް އިހްތިރާމްކޮށް އަދަބުތައުލީމް އަދާކުރުމަކީ އިސްލާމްދީނުގެ އެންމެ ބޮޑެތި ވާޖިބުތަކުގެ ތެރެއިން ހިމެނޭ ވާޖިބެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެގޮތުން އެމީހެއްގެ އަމިއްލަ ނަފްސާއި، މުދަލާއި، އަނބިދަރިންނަށްވުރެ ބޮޑަށް އެކަލޭގެފާނުދެކެ ލޯބިވެ، އެކަލޭގެފާނަށް ނަސްރުދީގެން މެނުވީ އެއްވެސް މުސްލިމެއްގެ އީމާންކަން ފުރިހަމައެއް ކަމަށާއި އެކަލޭގެފާނާއި އެކަލޭގެފާނުގެ ތެދުމަގަށް ނަފްރަތުކުރުމާއި ކުޑައިމީސް ބަސްބުނެ، ފުރައްސާކުރުމަކީ އީމާންކަމުގެ ދާއިރާއިން ބޭރުވާނެ އަމަލެއްކަމަށް އިލްމުވެރިން ވިދާޅުވާ ކަމަށެވެ.

އަދި ވިދާޅުވީ، މާތް ނަބިއްޔާއަށް އީމާންނުވެ، އެކަލޭގެފާނުގެ ހިދާޔަތަށް ފުރަގަސްދިން ކޮންމެ މީހަކީ އަބާއްޖަވެރިއެއް ކަމަށާއި އެއީ ނަރަކަވަންތަ ވެރިއެއް ކަމަށެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ހަމަކަށަވަރުން، ﷲ އާއި، އެކަލާނގެ ރަސޫލާއަށް އުނދަގޫކުރާ (އެބަހީ: ދޮގުކޮށް ކާފިރުވާ) މީހުން (ދަންނާށެވެ!) ﷲ، އެއުރެންނަށް ދުނިޔެ އާއި އާހިރަތުގައި ލައުނަތްލެއްވިއެވެ. އަދި އެކަލާނގެ އިހާނަތްތެރި އަޒާބު އެއުރެންނަށްޓަކައި ތައްޔާރު ކުރެއްވިއެވެ.”

ކީރިތި ރަސޫލާ صلى الله عليه وسلم ހަދީޡް ކުރެއްވި ބަސްފުޅެއްގެ މާނައިގައިވެއެވެ.

“އެ އިލާހުގެ އަތްޕުޅުގައި މުހައްމަދުގެފާނުގެ ފުރާނަފުޅުވާ ކަލާނގެ ގަންދެއްވައި ހަދީޡްކުރައްވަމެވެ. ޔަހޫދީއެއް ކަމުގައި ވިޔަސް އަދި ނަސްރާނީއެއް ކަމުގައި ވިޔަސް، ތިމަންކަލޭގެފާނުގެ ރިސާލަތު އެމީހެއްގެ ގާތަށް ފޯރައި، އެ ރިސާލަތަށް އީމާންނުވެ މަރުވެއްޖެނަމަ، އޭނާ ވާހުށީ ނަރަކަވަންތަ ވެރިއެއްކަމުގައެވެ،”

ރިޕޯޓުގެ މައްސަލާގައި އެމްޑީއެން ސަސްޕެންޑް ކޮށްފި

އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ޔޫތް މިނިސްޓްރީން ނިންމައިފިއެވެ.

ޔޫތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެމްޑީއެން ސަސްޕެންޑް ކުރަން ނިންމީ، އެ ޖަމިއްޔާއިން “ޕްރިލިމިނަރީ އެސެސްމެންޓް އޮފް ރެޑިކަލައިޒޭޝަން އިން ދަ މޯލްޑިވްސް”ގެ ނަމުގައި ޝާއިއުކޮށްފައިވާ ރިޕޯޓްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ އެ ސާވިސްއިން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ، ޖަމިއްޔާތަކުގެ ގަވައިދުގެ 39 ވަނަ މާއްދާއިން ޖަމްއިއްޔާތަކާބެހޭ ރަޖިސްޓްރާ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ޔޫތް މިިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ނިންމާފައި މިވަނީ، އެ މައްސަލާގައި ރާއްޖޭގެ ގިނަ އަަދަދެއްގެ ދީނީ އިލްމުވެރިންތަކެއް ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލުކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

އިސްލާމިކް މިނިސްޓަރު ޑރ. އަހުމަދު ޒާހިރު ވެސް ބައިވެރިވެ ވަޑައިގަންނަވައިގެން މިދިޔަ އަންގާރަ ދުވަހު ރައީސް އޮފީހުގައި ބޭއްވި އެ ބައްދަލުވުމުގައި ދެކެވުނު ވާހަކަތަކެއް ރައީސް އޮފީހުން އަދި ހާމައެއް ނުކުރެއެވެ.

ނަމަވެސް ބައްދަލުވުމަށްފަހު ޑރ. މުހައްމަދު އިޔާޒު ވަނީ، ދީނީ އިލްމުވެރިންގެ އިހުސާސްތައް އެއްސެވި ކަމަށްޓަކައި ރައީސްއަށް ޝުކުރު އަދާކުރައްވައި، ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަންތައްކަށް އަވަސް ފުރުސަތެއްގައި އަމަލީ ސިފައެއް އައުމަށް ޔަގީން ކުރައްވާ ކަމަށް ވިދާޅުވެ ޓުވީޓެއް ކުރައްވައިފައެވެ.

އަދި އެމްޑީއެންއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ ވިދާޅުވެފައެވެ.