ވޯލްޑް ކަޕް ކޮލިފައިން: ޗައިނާ އާއި ސީރިއާ ހިމެނޭ ގުރޫޕަށް ރާއްޖެ

ވޯލްޑް ކަޕް ކޮލިފައިން އާއި އޭޝިއަން ކަޕް ކޮލިފައިންގައި ޗައިނާ އާއި ސީރިއާ އެއް ގްރޫޕެއްގައި ރާއްޖެ ލައްވާލައިފި އެވެ. މިއަދު ގުރު ނެގިއިރު ރާއްޖެ ހިމެނޭ ގްރޫޕް އޭގައި ދެން ހިމެނެނީ ފިލިޕީންސާއި ގުއާމެވެ.

2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިޔާގެ ޓީމުތައް ފަސް ސީޑިން ގްރޫޕަށް ބަހާލިއިރު ރާއްޖެ ހިމެނުނީ ހަތަރު ވަނަ ސީޑުގަ އެވެ. ސީޑުކޮށްފައިވަނީ ފީފާ ރޭންކިން އާއި މީގެ ކުރީގެ ނަތީޖާތަކަށް ބަލައިގެންނެވެ.

ގްރޫޕް ބީގައި ހިމެނެނީ އޮސްޓްރޭލިޔާ އާއި ޖޯޑަން އަދި ޗައިނީސް ޓައިޕޭ އާއި ކުވޭތާއި ނޭޕާލެވެ. ގުރޫޕް ސީގައި ހިމެނެނީ އޭޝިއާގެ ފުޓްބޯޅައިގެ އިތުރުން ސިޔާސީ ގޮތުން ވެސް ވާދަވެރި އިރާން، އިރާގުގެ އިތުރުން ބަހުރޭން، ހޮންކޮން އަދި ކެމްބޯޑިއާ އެވެ.

ގްރޫޕް ޑީގައި ހިމެނެނީ ސައޫދީ އަރަބިއާ އާއި އުޒުބަކިސްތާން އަދި ފަލަސްތީނާއި ޔަމަނާއި ސިންގަޕޫރެވެ. ސާކް ސަރަހައްދުގެ ތިން ގައުމު ކަމަށްވާ އިންޑިޔާ އާއި ބަނގްލަދޭޝް އަދި އަފްގާނިސްތާން ހިމެނޭ ގުރޫޕް އީގައި ދެން ހިމެނެނީ އޮމާނާއި އޭޝިޔާގެ ޗެމްޕިއަން ގަތެރެވެ.

ގްރޫޕް އެފްގައި ހިމެނޭ އެންމެ ގަދަ ޓީމަކީ ޖަޕާނެވެ. ދެން ހިމެނެނީ ކިރިގިސްތާނާއި ތަޖިކިސްތާނާއި މިޔަންމާ އަދި މޮންގޯލިއާ އެވެ.

ޔޫއޭއީ އާއި ވިއެޓްނާމް އަދި ތައިލެންޑާއި މެލޭޝިޔާއާއެކު އިންޑޮނީޝިޔާ ހިމެނެނީ ގްރޫޕް ޖީގަ އެވެ. ދެކުނު ކޮރެޔާ އާއި ލެބަނަން އަދި އުތުރު ކޮރެޔާ އާއި ތުރުކުމެނިސްތާން އަދި ލަންކާ ހިމެނެނީ ގްރޫޕް އެޗްގަ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން އެއް ބުރު ކުޅުމަށްފަހު ދެ ވަނަ ބުރަށްދާނީ ކޮންމެ ގްރޫޕަކުން އެންމެ ކުރި ހޯދާ ޓީމާއި ދެ ވަނަ އަށް ދާ ޓީމުތަކުގެ ތެރެއިން އެންމެ ގަދަ ހަތަރު ޓީމެވެ. ވޯލްޑް ކަޕުން އޭޝިޔާ އަށް ލިބިފައިވަނީ ހަތަރު ޖާގަ އެވެ. މިހެންވެ ދެ ވަނަ ބުރުން ފަސް ވަނަ ހޯދާ ޓީމު ކުޅޭނީ ޕްލޭއޯފް މެޗެކެވެ.

އޭޝިޔާގެ ވޯލްޑް ކަޕް ކޮލިފައިން ކުރިއަށް ގެންދާނީ އޭޝިއަން ކަޕް ކޮލިފައިންއާއެކު ވެސް އެކު އެވެ. މި ގޮތުން ގްރޫޕްތަކުގެ ޗެމްޕިއަން ޓީމާއި ދެ ވަނަ އަށްދާ އެންމެ ގަދަ ހަތަރު ޓީމު އޭޝިއަން ކަޕަށް ކޮލިފައިވާ އެވެ. އެހެން ޓީމުތައް އޭޝިއަން ކަޕުގެ ޕްލޭއޯފް ކުޅެން ޖެހޭނެ އެވެ.

އޮޕަރޭޝަނެއްގައި ޑުރަގާއެކު ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި

މަސްތުވާތަކެއްޗާ ދެކޮޅަށް ފުލުހުންގެ ހިންގި އޮޕަރޭޝަނެއްގައި ޑުރަގާއެކު ކުޑަ ކުއްޖަކު ހައްޔަރު ކޮށްފި އެވެ.

ފުލުހުން މިއަދު ބުނީ، މަސްތުވާތަކެތީގެ ވިޔަފާރި ކުރާކަމަށް އެ އިދާރާއަށް ލިބުނު މައުލޫމާތަކާ ގުޅިގެން އިއްޔެ ހެންވެއިރުގެ ގެ އެއް ބަލައި ފާސްކޮށް މަސްތުވާތަކެއްޗާއެކު ކުޑަ ކުއްޖަކާއެކު ދެ މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ.

އެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވަނީ އުމުރުން 42 އަހަރާއި 38 އަހަރުގެ ދިވެހި ދެ ފިރިހެނުންނެވެ. ކުޑަ ކުއްޖާގެ އުމުރެއް ފުލުހުން ހާމައެއް ނުކުރެ އެވެ.

އަދި އެ މީހުން ތިބި ގެ ބަލައި ފާސްކުރިއިރު 1 ކިލޯ 146 ގުރާމްގެ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ވެސް ފުލުހުން ބުނެ އެވެ.

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގައި ކުޑަކުދިން ބައިވެރިވާ މިންވަރު އިތުރުވަމުން އަންނައިރު، ފުލުހުން ދަނީ އިއްޔެ ހިންގި މައްސަލަ ތަހުގީގު ކުރަމުން ނެވެ.

ކަސްޓަމަރުންގެ ޝަކުވާ އިންތިހާ، ދިރާގުން ބޮޑު ދުވުމަކަށް!

ދިރާގަކީ ރާއްޖޭގައި މުވާސަލާތީ ހިދުމަތްދޭ އެންމެ ބޮޑު ކުންފުންޏެވެ. ރާއްޖޭގެ އެކި އެންޖީއޯތަކުން ކުރިއަށް ގެންދާ ހަރަކާތްތަކުގައި ވެސް އެ ކުންފުނިން އެއްބާރުލުންދީ އެހީތެރިވެ އެވެ. އިޖްތިމާއީ ހަރަކާތްތަށް ކަމުގައި ދުވުންތަކާއި މުބާރާތްތައް ބާއްވަ އެވެ. އެކަމުގައި އެ ކުންފުންޏަކީ ނަމޫނާ އެކެވެ.

ނަމަވެސް ހިދުމަތުގައި އެ ކުންފުންޏަށް ވަނައެއް ދެވޭނެ ހެއްޔެވެ؟ ދިރާގުގެ ކަސްޓަމަރުންގެ ޝަކުވާ އިންތިހާ ބޮޑެވެ. ހިދުމަތާ ގުޅޭގޮތުން ރަތަށް އަރައިގެން ނޫޅޭ ކަސްޓަމަރާ ދިމައެއް ނުވެ އެވެ. އެ ޝަކުވާ އުފުލައިދޭނެ ބަޔަކު ވެސް ނެތެވެ. ސަބަބަކީ ރާއްޖޭގައި އެފަދަ އަޑެއް އިއްވައިދޭނެ ބަޔަކު ވެސް “ގަނެލާފައި” ވުމެވެ.

ދާދިފަހުން ދިރާގުން ތައާރަފްކުރި ސިކުންތަކު އެއް ޖީބީގެ ސްޕީޑުގައި އިންޓަނެޓްގެ ހިދުމަތް ލިބޭނެ ކަމަށް ބުނަ “ގިގަ ސްޕީޑް”ގެ ހިދުމަތް ފާހަގަކޮށްލާނަމެވެ. ކިޔާލަން ޝައުގުވެރި ހިދުމަތެކެވެ. ދިރާގުގެ ކަސްތޮޅުގައި ޖެހިފައިވާ ބައެއް ފަރާތްތަކުން ގެނައި މޮޅެތި ހެޑްލައިން ތަކުން އެކަމަށް އިތުރު ފުރިހަމަ ކަމެއް ގެނެސްދެ އެވެ.

ނަމަވެސް އެއްވެސް ނޫހަކުން އެ އަގެއް ގެނެސްދީފައެއް ނުވެ އެވެ. “ފެލާލުމުގެ” ނިޔަތުގައި ތައާރަފްކުރި ހިދުމަތެއް ކަމަށް ބުނެ އަގާއެކު ރައްޔިތުން އެރީ ރަތަށެވެ. ސަބަބެއް ނެތި އެއް ނޫނެވެ. މަހަކު 6990 ރުފިޔާއަށް އެ ހިދުމަތް ދިނުން އެއީ އިންޓަނެޓްގެ އަގު ހެޔޮ ކުރާނެ ކަމަށް ބާރަށް ވިދާޅުވެ އައި ސަރުކާރަށް ކުރި މަލާމާތެއް ކަހަލަ އެވެ.

މި ސަރަހައްދުގެ އެހެން ގައުމުތަކާ އަޅާބަލާއިރު އެތައް ގުނަ އެއް އަގުބޮޑުކޮށް 1 ޖީބީޕީއެސްގެ ހިދުމަތް ދިރާގުން ތައާރަފްކުރުމުން އެއް ބަޔަކަށް ރަތަށް އެރި ނަމަވެސް އަނެއް ބަޔަކު ޖެހީ ޖޯކެވެ.

އެގޮތުން 10 އެމްބީޕީއެސްގެ ހިދުމަތެއް ރަނގަޅަށް ނުދެވިގެން އުޅޭ ކުންފުންޏަކަށް 1 ޖީބީޕީއެސްގެ ހިދުމަތް ދެވޭނެތޯ ކަސްޓަމަރުން ސުވާލު އުފެއްދިއިރު، ފުރަތަމަ ރަނގަޅު ހިދުމަތެއް ދިނުމަށް ގިނަ ބަޔަކު ގޮވާލި އެވެ. އަނެއް ކަސްޓަަމަރުން ބުނާގޮތުން ގޭ ކުއްޔާއި ކަރަންޓާއި ފެނާ އެއް ކުރުމުން ވެސް ދިރާގުގެ އާ އިންޓަނެޓްގެ އަގު ބޮޑެވެ.

އެހެންކަމުން “ފިނިހަކަ” ދުވެލީގައި ދިރާގުން މޮޅު ނަމުގައި ތައާރަފްކުރި ހިދުމަތަށް ގިނަ ބަޔަކު ދިނީ “ޕުއާ”ގެ ރޭޓިން އެވެ.

ދެން އޮތީ ދިރާގާއި ކަސްޓަމަރުންނާ އޮންނަ ގުޅުމުގެ ވާހަކަ އެވެ. ކަސްޓަމާ ސާވިސްއަށް ގުޅައިގެން އެތައް އިރެއްވާއިރުވެސް ފޯނަށް ޖަވާބު ނުދޭ ކަމުގެ ޝަކުވާ އެވެ. އެތައް ދުވަހެއް މަސައްކަތް ކޮށްގެން ވެސް ދިރާގުގެ އެޖެންޓަކާ ދިމާނުވާ ވާހަކަ އެވެ. ހިދުމަތެއް ހޯދަން ނުވަތަ ކަމެއް އޮޅުން ފިލުވަން ކަސްޓަމަރުން ފަހަތުން ދުވެ އާދޭސް ކުރާ މަންޒަރެވެ. ކުއްލި ކުއްލިއަށް ނެޓް ކެނޑި ފޯރިގަދަ ގޭމް ގަނޑެއް ޖަހަން އިންނަ މީހާއަށް ވެސް ލިބޭ ހިތްހަމަޖެހުން ފޭރޭ ތަނެވެ.

ކަސްޓަމަރުން ތަކަކަށް މިފަދަ ނިކަމެތި ހާލެއް ޖައްސާއިރު ދިރާގުން އަނެއްކާވެސް މިދަނީ ދުވުމަކަށް ތައްޔާރު ވަމުންނެވެ. ރާއްޖޭގައި ބާއްވާ އެންމެ ބޮޑު، އެންމެ ގިނަ ދުވަސްވީ އަދި ބައިނަލްއަގްވާމީ ގޮތުން އެކްރެޑިޓްކޮށްފައިވާ ހަމައެކަނި ދިގު ދުވުމަށެވެ. މި ހަރަކާތާއެކު ދިރާގުގެ ދަށުން މަސައްކަތްކުރާ ފަރާތްތަކުން ވެސް ދަނީ ލައްކަ ޕްރޮމޯޓް ކޮށްދެމުން ނެވެ. ހިދުމަތަށް ވުރެ ދުވުން މުހިންމެވެ. އެއީ ޝޯ ދެއްކުމަކަށް ވެސް ވެދާނެ އެވެ.

އިނާޔަތް ބޮޑުކުރަން ޖާބިރު ހުށަހެޅި އިސްލާހު ޕެންޝަންް ގާނޫނުގެ މަގްސަދާ ހިލާފު: އީސަ

އުމުރުން ދުވަސްވީ މީހުނަށް މަހަކު 10،000 ރުފިޔާ ދޭގޮތަށް ޕެންޝަނާބެހޭ ގާނޫނަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަކީ ރާއްޖޭގެ ޕެންޝަނާ ބެހޭ ގާނޫނުގެ މަގްސަދާ މުޅިން ހިލާފު އިސްލާހެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކެނދިކުޅުދޫ ދާއިރާގެ މެމްބަރު އަހްމަދު އީސާވިދާޅުވެއްޖެއެވެ.

އަބްދުﷲ ޖާބިރު ހުށަހެޅުއްވި އިސްލާހަށް ނުރުހުން ފާޅުކޮށް، މަޖިލީހުގެ މިއަދުގެ ޖަލްސާގެ ބަހުސްގައި އެމްޑީޕީގެ ގިނަ މެންބަރުންގެ ފާޑިކިޔުންތަށްވެސް ވަނީ އަމާޒުކޮށްފައެވެ.

މިއަދުގެ ބަހުސްގައި ވާހަކަދއްކަވަމުން އީސަ ވިދާޅުވީ ޖާބިރު އިސްލާހު ހުށަހެޅުއްވީ އެއްވެސް ވަރަކަށް ދިރާސާ ނުކޮށް، ދައުލަތުގެ މާލީ ހާލަތަށް ވެސް ބެލުމެއް ނެތި ކަމަށެވެ. އަދި އެ އިސްލާހު ފާސްވެއްޖެނަމަ ޕެންޝަނާ ބެހޭ ގާނޫނެއް ހެދުމުގެ މަގުސަދު މުޅިން ގެއްލިގެން ދާނެ ކަމަށް ވެސް އަހްމަދު އީސާ ވިދާޅުވި އެވެ.

“މި އިސްލާހުގެ ސަބަބުން އުފެދިގެން އަންނަ ނަތީޖާ އަކީ ދައުލަތަށް އުފުއްލައިނުގަނެވޭ ވަރުގެ ބޮޑު މާލީ ބުރައެއް ދައުލަތުގެ ބޮލުގައި މި މަޖިލީހުން އެޅުވުން، މިއީ އަޅުގަނޑުމެން އެއްގޮތަކަށް ވެސް ކޮށްގެން ވާނެ ކަމެއް ނޫން،” އީސާ ވިދާޅުވި އެވެ.

އީސާ ވިދާޅުވީ އިސްލާހު ފާސްވެއްޖެ ނަމަ، މަހެއްގެ މައްޗަށް 20 މިލިއަން ރުފިޔާ އާއި 30 މިލިއަން ރުފިޔާ އިތުރަށް ހޭދަކުރަން ޖެހޭނެ ކަމަށެވެ. އަދި މިހާރު ވެސް ދިވެހި ދައުލަތުން ޕެންޝަނާ ބެހޭ އޮފީހަށް ތިން ބިލިއަނަށް ވުރެ ގިނަ ރުފިޔާއިން ދަރާފައި ވާކަމަށެވެ.

އިޖްތިމާއީ ރައްކާތެރިކަމުގެ ނިޒާމް އެއްވެސް ކަހަލަ ޒިންމާދާރުކަމެއް ނެތި ސިޔާސީ މަގުސަދަކަށްޓަކައި ހިތަށް އެރި ގޮތަކަށް ހިތަށް އެރި ވަގުތެއްގައި ގާނޫނަށް ބަދަލު ގެންނަ ނަމަ ދައުލަތް ބަދަލުވެގެން ދާނީ ވެލްފެއާ ސްޓޭޓަކަށް ކަމަށާއި އެއީ ޒިންމާދާރު ރައްޔިތުންގެ މަޖިލީހަކުން ކުރަން ހެޔޮ ވާވަރުގެ ކަމެއް ނޫން ކަމަށް ވެސް އީސާ ވިދާޅުވި އެވެ.

ގާޒީ މަހާޒަށް އެޅި ފިޔަވަޅު ރިވިއު ކުރަން ޖޭއެސްސީން ނިންމައިފި

ޑްރަގް ކޯޓްގެ ގާޒީ މަހާޒު އަލީ ޒާހިރުގެ ސުލޫކީ މައްސަލައެއް ސާބިތުވި ކަމަށް ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ކުރިން އަޅާފައިވާ ފިޔަވަޅު ރިވިއު ކުރަން އެ ކޮމިޝަނުން ނިންމައިފި އެވެ.

 ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމައި ޖޭއެސްސީން އޭނާ އަށް ފިޔަވަޅު އެޅީ އަމިއްލަ ބްލޮގްގައި ލިއުއްވި ލިއުއްވުމަކާ ގުޅިގެން 2014 ވަނަ އަހަރު އެވެ.

އެ ލިއުމުގައި ގާޒީ މަހާޒު ލިޔުއްވާފައިވަނީ، ޕްރޮސެކިއުޓާ ޖެނެރަލެއް އަދި ޕްރޮސެކިއުޓާ ޖެނެރަލްގެ ނައިބެއް ވެސް ނެތި ޖިނާއީ ދައުވާތައް ކުރިއަށް ގެންދިއުމަކީ ގާނޫނުއަސާސީއާ ހިލާފު ކަމެއް ކަމަށެވެ.

ޖޭއެސްސީން މިއަދު ބުނީ ގާޒީ މަހާޒުގެ ސުލޫކީ މައްސަލައެއް ސާބިތުވާ ކަމަށް ނިންމާފައިވާ ނިންމުން މުރާޖައާ ކޮށްދޭން އެދި ހުށަހަޅާފައިވާ މައްސަލަ ބަލައިގަނެ އެ ނިންމުން މުރާޖައާ ކުރަން ކޮމިޝަނުން މިއަދު ކޮމިޓީއެއް އެކުލަވާލާފައިވާ ކަމަށެވެ.

އެކޮމެޓީގައި ހިމެނޭ މެންބަރުން:

– ޖޭއެސްސީގެ ނައިބު ރައީސް މަސްތޫރު ހުސްނީ

– ކޮމިޝަންގެ މެމްބަރު އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު

– ކޮމިޝަނުގެ މެމްބަރު މެމްބަރު ޑރ. އަލީ ޝަމީމް

– ކޮމިޝަންގެ މެމްބަރު އަދި އެޓާނީ ޖެނެރަލް އިބްރާހީމް ރިފްއަތު

ހިލަ ބަރުކޮށްގެން ދަތުރު ކުރަމުންދިޔަ ދޯންޏެއް އަޑިއަށް ގޮސްފި

ހިލަ އާއި ހިލަވެލި ހިފައިގެން ދަތުރުކުރި ދޯންޏެއް ހުޅުމާލެ ކައިރިއަށް އަޑިއަށް ގޮސްފި އެވެ.

އެމްއެންޑީއެފުން ބުނީ، އަޑިއަށް ގޮސްފައިވަނީ “ދުވެލި” ނަމަކަށް ކިޔާ ދޯންޏެއް ކަމަށެވެ. އަދި އެ ދޯނި ދަތުރުކުރަމުންދިޔައީ ހަތަރު މީހުންނާއެކު އެވެ.

އެއީ ތިން ބިދޭސީންނާއި ދިވެއްސަކު ކަމަށާއި ދޯނި އަޑިއަށް ދިއުމުން އެމީހުން ވަނީ ފަތާފައި ގޮސް ހުޅުމާލެއަށް އަރާފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ކޯސްޓްގާޑް މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް މިއަދު ހެނދުނު 11:34 ހާއިރު ލިބުނު މައުލޫމާތަކާއި ގުޅިގެން ދޯނި އަޑިއަށްދިޔަ ސަރަހައްދުގައި ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރި ވަމުންނެވެ. އަދި ދޯނި ފެންމަތިކުރުމަށް ދޯނީގެ ވެރިފަރާތާއި ކޯސްޓްގާޑާ ގުޅިގެން މަސައްކަތް ކުރަމުންދާ ކަމަށް އެމްއެންޑީއެފުން ބުނެ އެވެ.

ވޯޓު އަލުން ގުނުމުން ވެސް އިންތިހާބުވީ އަނާރާ

ބާ ކައުންސިލްގެ އެގެޒެކެޓިވް ކޮމެޓީއަށް މެންބަރުންގެ އިންތިހާބުގެ ވޯޓު އަލުން ގުނުމުން ވެސް ނަތީޖާއަށް ބަދަލެއް ނައިސް، ރައްޔިތުން މަޖިލީހުގެ މަކުނުދޫ ދާއިރާގެ ކުރީގެ މެންބަރު އަނާރާ ނައިމް އިންތިހާބު ވެއްޖެ އެވެ.

އިލެކްޝަން ކޮމިޝަނުން މިއަދު ބާ ކައުންސިލްގެ ވޯޓު އަލުން ގުނީ، އަނާރާއާ އެންމެ ގާތުން ވާދަކުރި ވަކީލު އަބްދުލް މާނިއު ހުސައިންއާ އެއް ވޯޓުގެ ފަރަގު ހުރުމުން، އަލުން ގުނައިދޭން މާނިއު ހުށަހެޅި ޝަކުވާއަކާ ގުޅިގެންނެވެ.

އެގޮތުން އަނާރާއަށް ލިބުނީ 343 ވޯޓެވެ. އަދި މާނިއުއަށް ލިބުނީ 342 ވޯޓެވެ.

މިއަދު ވޯޓު އަލުން ގުނާފައިވާއިރު، މިއަދު އިއުލާންކުރި ދާއިމީ ނަތީޖާ އާއި އިއްޔެ އާންމުކުރި ވަގުތީ ނަތީޖާއާ އެއްވެސް ތަފާތެއް ނެތެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމެޓީ:

1. މުހައްމަދު ފައިސަލް – 631 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

މާލެ އާއި އައްޑޫގައި އިއްޔެ ބޭއްވި ބާ ކައުންސިލުގެ އިންތިހާބުގައި ރައީސްގެ މަގާމަށް އިންތިހާބުވެވަޑައިގަތީ މައުމޫން ހަމީދެވެ. އެ މަގާމަށް މައުމޫން އިންތިހާބު ކުރެއްވީ ކުރީގެ ބަންޑާރަ ނައިބު ހުސްނުއް ސުއޫދާ ވާދަ ކުރައްވައިގެން ނެވެ.

ނައިބް ރައީސްއަކަށް އިންތިހާބުވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. އޭނާއާ ވާދަ ކުރެއްވީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ މުހައްމަދު ހަލީމެވެ.

ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑުކުރަން، ހުޅުލެއަށް ދާ މަގު މޫދަށް

ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑުކުރުމުގެ ގޮތުން ހުޅުމާލެ އާއި ހުޅުލެއާ ދެމެދު ދަތުރުކުރަން ކުރިން ބޭނުންކުރި މަގު، މޫދުގެ ބަޔަކަށް ހެދުމުގެ މަސައްކަތް ފަށައިފި އެވެ.

އެމްއޭސީއެލްގެ ކޯޕަރޭޓް ކޮމިއުނިކޭޝަން ޖެނެރަލް މެނޭޖަރު ހަސަން އަރީފު ވިދާޅުވީ އާ ސީޕްލޭން ޓާމިނަލް ނިމޭނީ، ސީޕްލޭން ޖައްސާ ސަރަހައްދު ބޮޑުކުރުމުގެ މަސައްކަތާއި އެކު ކަމަށެވެ. އެއާއިއެކު ސަލާމަތީ ގޮތުން އިތުރު ފުރިހަމަކަމެއް ލިބި، ސީޕްލޭން ޖައްސާށާއި، ފުރަން ބޭނުންކުރާ ސަރަހައްދު ތަނަވަސްވާނެ ކަމަށް ހަސަން ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ ސީޕްލޭނަށް މޫދު ސަރަހައްދު ބޮޑުކުރުމުން ސީޕްލޭންތައް ޖައްސަނީ ހުޅުމާލޭ އިރުމަތީ ފަރާތު [ފަރުމަތިން] ގޮސް ކަމަށާއި އެ ސަރަހައްދު އޮންނާނީ އާ ހައިވޭއާ ހަމައަށް ކަމަށެވެ.

ސީޕްލޭން ޖައްސާ ސަރަހައްދު ފުޅާކުރުމުގެ މަސައްކަތް ކުރަމުން އަންނަ ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ)ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ވިދާޅުވީ އެ މަސައްކަތަ އާ ލިންކް ރޯޑް މަޝްރޫއުގެ ބައެއް ކަމަށެވެ. އަދި އެ ސަރަަހައްދު ކޮނުމުގެ މަސައްކަތް ނިންމާ ގޮތަށް އޮތީ ތިން މަސްދުވަހުގެ ތެރޭގައި ކަމަށް ސުހައިލް ވިދާޅުވި އެވެ.

މިދިޔަ ހަފްތާތެރޭ 88 ވެހިކަލެއް ޓޯ ކޮށްފި

މިދިޔަ ހަފްތާތެރޭ 88 ވެހިކަލެއް ފުލުހުން ޓޯ ކޮށްފައިވާކަމަށް ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ފުލުހުން އާންމުކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު މިދިޔަ ހަފްތާ ފުލުހުން ވަނީ 441 އުޅަނދު ޗެކް ކޮށްފައެވެ. އަދި ޓްރެފިކް ގަވައިދާ ހިލާފަށް ޕާކުކޮށްފައިވާ 881 އުޅަނދުގައި ވަނީ ސްޓިކާ ޖަހައިފަ އެވެ.

ލައިސެންސް ކާޑުނެތި އުޅަނދު ދުއްވި 81 ފަރާތެއް ފާހަގަވެފައިވާއިރު، ލައިސަންސް ނޯންނަ 118 މީހަކުވެސް އެ މުއްދަތުގައި ހިފަހައްޓާފައިވާކަމަށް ފުލުހުން ބުންޏެވެ.

މާލެ ސަރަހައްދުގައި މިދިޔަ ހަފްތާ 31 އެކްސިޑެންޓެއް ހިނގިކަމަށް ފުލުހުންގެ ރިކޯޑުތަކުން ދައްކާއިރު އޭގެ ތެރެއިން ފަސް އެކްސިޑެންޓެއްގައި މީހުންނަށް ވަނީ އަނިޔާވެފައެވެ. މި އެކްސިޑެންޓުތަކާ ގުޅިގެން 10 މީހެއްގެ ލައިސެންސް ހިފެހެއްޓިއެވެ.

ތަފާސް ހިސާބުތަކަށް ބަލާއިރު ކަނޑައަޅާފައިވާ ސްޕީޑު ލިމިޓަށްވުރެ ބާރަށް ދުއްވި 69 ވެހިކަލަކާއި ހެޑް ފޯނު އަޅައިގެން ނުވަތަ ފޯނުގައި އިނދެގެން އުޅަނދު ދުއްވި 33 މައްސަލައެއް ވަނީ ފާހަގަވެފައެވެ. އިންޝްއަރެންސް އަދި ރޯޑްވާދިނަސް ނުހައްދާ ދުއްވި 49 މައްސަލަ އަދި އަހަރީ ފީ ނުދައްކާ 33 މައްސަލައެއް ބަލާފައިވެ އެވެ.

ބާ ކައުންސިލްގެ ރައީސަކަށް މައުމޫން ހަމީދު އިންތިހާބް ކޮށްފި

ބާ ކައުންސިލްގެ ރައީސް ކަމަށް މައުމޫން ހަމީދު އިންތިހާބް ކޮށްފި އެވެ.

މިއަދު ކުރިއަށް ގެންދިޔަ ބާ ކައުންސިލްގެ އިންތިހާބްގައި ރައީސްގެ މަގާމަށް އިންތިހާބްވެވަޑައިގަތީ މައުމޫން ހަމީދު އެވެ. އޭނާއަށް 543 ވޯޓް ލިބިލެއްވިއިރު ހުސްނުއްސުއޫދުއަށް ލިބިވަޑައިގަތީ 401 ވޯޓެވެ.

ނައިބް ރައީސްއަކަށް އިންތިހާބްވެވަޑައިގަތީ ކުރީގެ ބަންޑާރަ ނައިބް އަބްދުﷲ މުއިއްޒު އެވެ. ނައިބް ރައީސްގެ މަގާމަށް މުއިއްޒު އިންތިހާބްވެވަޑައިގަތީ 792 ވޯޓުންނެވެ. މުއިއްޒުއާ ވާދަކުރެއްވި ކުރީގެ ސިވިލް ކޯޓުގެ ގާޒީ މުހައްމަދު ހަލީމަށް ލިބިވަޑައިގަތީ 139 ވޯޓެވެ.

ރާއްޖޭގެ 1،600 ވަކީލުންގެ މެދުގައި އިންތިޚާބު ބޭއްވީ މާލެ އާއި އައްޑޫގަ އެވެ. އެއީ މާލޭގައި ދެ ފޮއްޓާއި އައްޑޫގައި ފޮއްޓެކެވެ. ޖުމްލަ 1488 ވަކީލުން ވޯޓުލެއްވުމަށް ރަޖިސްޓްރީ ކުރެއްވި ނަމަވެސް ވޯޓް ލައްވާފައިވަނީ 955 ވަކީލުންނެވެ.

ބާ ކައުންސިލްގެ ހިންގާ ކޮމެޓީ:

1. މުހައްމަދު ފައިސަލް – 637 ވޯޓް

2. އަހްމަދު މުއިއްޒު – 627 ވޯޓް

3. އައިޝާ ޝުޖޫން މުހައްމަދު – 445 ވޯޓް

4. އަނަސް އަބްދުއްސައްތާރު – 361 ވޯޓް

5. މުހައްމަދު އަސީލް ހަސަން – 356 ވޯޓް

6. އަނާރާ ނައީމް – 343 ވޯޓް

ގާނޫނީ ވަކީލުކަމުގެ ހުއްދަ ދިނުމާއި ވަކީލުންގެ ސުލޫކީ މައްސަލަތައް ބަލައި ވަކީލުންގެ ނަޒާހަތްތެރިކަން ކަށަވަރުކުރުމާއި ގާނޫނީ ތައުލީމުގެ ފެންވަރު ރަނގަޅުކުރުމަކީ ބާ ކައުންސިލުން ކުރަންޖެހޭ ކަންކަމެވެ.