ތައިލެންޑްގައި ހުންނަ ދިވެހި އެމްބަސީ ރަސްމީކޮށް ހުޅުވައިދެއްވަފި

 ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ މިނިސްޓަރ އޮފް ފޮރިން އެފެއަރޒް އަބްދުﷲ ޝާހިދު ރަސްމީކޮށް ހުޅުވައިދެއްވަފިއެވެ.

މިނިސްޓަރ ޝާހިދު، މި އެމްބަސީ ރަސްމީކޮށް ހުޅުއްވައިދެއްވީ، ތައިލެންޑްގެ ފޮރިން މިނިސްޓަރ ޑޮން ޕްރަމުދްވިނާއީގެ ދައުވަތަކަށް އެޤައުމަށް ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައެވެ.

މި ރަސްމިއްޔާތުގައި ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީގެ ރަސްމީ ވެބްސައިޓްވެސް ވަނީ ލޯންޗްކޮށްފައެވެ.
އެމްބަސީ ރަސްމީކޮށް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި މިނިސްޓަރ ޝާހިދު ވަނީ އެކި ދާއިރާތަކުން ދިވެހިރާއްޖެއާއި ތައިލެންޑާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން ފާހަގަކުރައްވާފައެވެ. އެގޮތުން ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ދާއިރާއިންނާއި، ތައުލީމީ، އަސްކަރީ، އަދި ފަތުރުވެރިކަމުގެ ދާއިރާއިން ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިވަމުން އަންނަކަން މިނިސްޓަރ ފާހަގަކުރެއްވިއެވެ. އަދި ތައިލެންޑުގައި ހުޅުވުނު އެމްބަސީއާއެކު، ކުރިއަށް އޮތްތަނުގައި މިގުޅުންތައް އިތުރަށް ފުޅާވެގެންދާނެކަމަށްވެސް މިނިސްޓަރ ޝާހިދު ވިދާޅުވިއެވެ.

ތައިލެންޑުގައި ދިވެހި އެމްބަސީއެއް ރަސްމީކޮށް ހުޅުވުމަކީ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން ބަދަހިވަމުންދާކަމުގެ ނިޝާނެއްކަމަށް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ބެންކޮކްގައި ހުޅުވުނު މިއެމްބަސީ މެދުވެރިކޮށް ދިވެހިރާއްޖޭގެ ޚާރިޖީ ސިޔާސަތު ޕްރޮމޯޓްކޮށް، ތައިލެންޑަށް ޒިޔާރަތްކުރާ އަދި އެޤައުމުގައި ދިރިއުޅޭ ދިވެހިންނަށް ފޯރުކޮށްދޭ ކޮންސިއުލަރ ޚިދުމަތް ފުޅާވެގެންދާނެއެވެ. އަދި ދެޤައުމުގެ ގުޅުން އިތުރަށް ބަދަހިކޮށް، ބައިނަލްއަޤްވާމީ މުޖްތަމައުގައި ދެޤައުމު ގުޅިގެން މަސައްކަތްކުރުމަށް އިތުރު ބާރަކަށް ވެގެންދާނެކަމަށްވެސް ފޮރިން މިނިސްޓްރީން ވިދާޅުވެއެވެ.

ތައިލެންޑްގައި ހުންނަ ދިވެހިރާއްޖޭގެ އެމްބަސީ ރަސްމީކޮށް ހުޅުވާފައި މިވަނީ ބައިނަލްއަޤްވާމީ މުޖްތަމައާއިއެކު އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމަށް ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ ދަށުންނެވެ.

“އިންކަމް ޓެކްސް”ގެ ބިލް މަޖިލީހަށް ހުށައަޅައިފި

“އިންކަމް ޓެކްސް”ގެ ބިލް ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށައަޅައިފިއެވެ.

މިބިލުގެ ފުރަތަމަ ކިޔުން މިއަދުގެ މަޖިލިސް ޖަލްސާގައި އިއްވާފައިވާއިރު، ސަރުކާރުގެ ފަރާތުން މިބިލު މަޖިލީހަށް ހުށަހެޅުއްވީ އުނގޫފާރު ދާއިރާގެ މެންބަރު މުހައްމަދު ވަހީދެވެ.

އިންކަމް ޓެކްސް ނެގުމަށް ސަރުކާރުން ހުށަހަޅާފައިވަނީ މަހަކު 40000 ރުފިޔާއަށްވުރެ އިތުރަށް ޢާމްދަނީ ލިބޭ ފަރާތްތަކުގެ އަތުންނެވެ. އެގޮތުން 40000 އާއި 60000 އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %8ގެ ރޭޓުން، 60000 އާއި 100000އާ ދެމެދުގެ ޢާމްދަނީއެއް ލިބޭ ފަރާތެއްނަމަ %10ގެ ރޭޓުން އަދި 10000އަށްވުރެ މަތިން ޢާމްދަނީ ލިބޭ ފަރާތެއްނަމަ އިންކަމް ޓެކްސްގެ ގޮތުގައި %15 ނެގުމަށް އިންކަމް ޓެކްސްގެ ޤާނޫނުގެ ބިލުގައި ހުށަހަޅާފައިވެއެވެ.

އިންކަމް ޓެކްސް ނަގަން ފަށާއިރު 6000 މީހުން އިންކަމް ޓެކްސް ދައްކާނެކަމަށް ލާފާކުރެވޭކަމަށް ފިނޭންސް މިނިސްޓްރީން ވަނީ ވިދާޅުވެފައެވެ.

އެގޮތުން އިންކަމް ޓެކްސްގެ ބިލު މިއަހަރު ފާސްވެއްޖެނަމަ އަންނަ އަހަރު އެ ޓެކްސް ނަގަން ފަށާނެ ކަމަށް ރައީސް ސޯލިހު ވަނީ މިދިޔަ ފެބްރުއަރީ މަހު ދެއްވި ރިޔާސީ ބަޔާނުގައި ވިދާޅުވެފަވެއެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސްގެ މަގާމު ހުސްވެއްޖެ، އިންތިހާބު އަންނަ މަހު

ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީގެ ރައީސް އަދި ނައިބް ރައީސްގެ މަގާމު ހުސްވެފައިވާތީ، އެ ދެ މަގާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހު ބާއްވަން އެޕާޓީން ނިންމައިފިއެވެ.

އެމްޑީޕީގެ ރައީސް އާއި ނައިބް ރައީސަކު އެންމެ ފަހުން އިންތިހާބު ކޮށްފައިވަނީ އޮގަސްޓް 2014 ގައެވެ. އެ އިންތިހާބު ވާދަކުރެއްވުމެއް ނެތި ކާމިޔާބު ކުރެއްވީ ކުރީގެ ރައީސް މުހައްމަދު ނަޝީދެވެ. އެއީ 33709 މީހުންގެ ވޯޓް ހޯއްދަވައިގެންނެވެ.

ޖުމްލަ 21052 މީހުންގެ ވޯޓް ހޯއްދަވައިގެން، ނައިބް ރައީސް ކަމަށް ހޮވިވަޑައިގަތީ ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އަދި މިހާރު ރައީސް އޮފީހުގެ މިނިސްޓަރު މުހައްމަދު ޝިފާޒެވެ.

އެމްޑީޕީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޕާޓީގެ ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމު ހުސްވެފައިވާތީ އެ މަގާމަށް މީހުން ހޮވުމަށް ބާއްވާ އިންތިހާބު އަންނަ މަހުގެ 22 ވަނަ ދުވަހު ބާއްވަން ހަމަޖެހިފައިވާ ކަމަށެވެ.

ރައީސް އަދި ނައިބް ރައީސް ކަމުގެ މަގާމަށް ވާދަކުރަން ބޭނުންވާ އެޕާޓީގެ މެންބަރުން ޕާޓީގެ އިންތިހާބުތަކުގައި ކުރިމަތިލުމަށް އެދޭ ފޯމް ފުރިހަމަކޮށް ފޯމާއެކު ހުށައަޅަންޖެހޭ ހުރިހާ ލިޔެކިޔުންތަކާއެކު ހުށަހަޅަންޖެހޭ އެންމެ ފަހު ދުވަހަކީ އަންނަ ހޮނިހިރު ދުވަހުގެ މެންދުރު 12:00ގެ ކުރިންނެވެ.

އިންތިހާބަށް ކުރިމަތިލުމަށް އެދޭ ފޯމް އެމްޑީޕީގެ ސެކްރެޓޭރިއަޓުންނާއި ޕާޓީގެ ވެބްސައިޓް www.mdp.org.mv އިން ލިބޭނެ ކަމަށާއި ފޯމް ހުށަހަޅަން ޖެހެނީ އެމްޑީޕީގެ އިންތިހާބާއި ބެހޭ ކޮމިޓީގެ އީމެއިލް elections@mdp.org.mv އަށް ނުވަތަ އެޕާޓީގެ މައި އޮފީހުގެ ދެވަނަ ފުލޯއަށް ކަމަށް ވެސް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ބުނީ، އެޕާޓީގެ ރައީސް އާއި ނައިބްރައީސް ހޮވުމަށް ބާއްވާ އިންތިހާބުތަކުގައި ވޯޓުލުމުގެ ހައްގު ލިބޭނީ އަންނަ ހޮނިހިރު ދުވަހުގެ ނިޔަލަށް އެޕާޓީގެ މެމްބާޝިޕް ކޮމިޓީން މެމްބަރެއްގެ ގޮތުގައި ބަލައިގެންފައިވާ ފަރާތްތަކަށް ކަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމުން މޫސަ ވަކިކުރުމަށް ފޮނުވައިފި

ހިއުމަން ރައިޓްސް ކޮމިޝަންގެ މެމްބަރުކަމުން މޫސާ ޢަލީ ކަލޭފާނު ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން ފޮނުއްވައިފިއެވެ.

މޫސާ އަލީ ކަލޭފާނުގެ މައްޗަށް ކުރެވެނީ، އޭނާ ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުގެ ޑިރެކްޓަރު ޖެނެރަލްކަމުގެ މަގާމުގައި ހުންނަވަނިކޮށް، އެ ސެންޓަރުގެ 1.4 މިލިއަން ރުފިޔާއަށް ހިޔާނާތްތެރި ކަމަށް ބުނާ މައްސަލައެވެ. އެ މައްސަލައިގައި އޭނާއާއެކު އިތުރު އަށް ބޭފަޅަކަށް ދައުވާ ކުރުމަށްވެސް ފޮނުވިއެވެ.

 ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މަޖިލީހުގެ ރައީސްވަނީ އެޗްއާރުސީއެމްގެ މެމްބަރު މޫސާ ޢަލީގެ ކަލޭގެފާނާއި ގުޅިގެން ހިއުމަން ރައިޓްސް އެންޑް ޖެންޑާކޮމިޓީން ބަލަމުންދާ މައްސަލަ ކުރިއަށް ގެންދަވައި އޭނާ ވަކިކުރުމުގެ މަސައްކަތް ކުރިއަށް ގެންދެވުމަށް ދަންނަވާފައެވެ.

މަޖިލީހުގެ އާ ގަވާއިދުގެ 210 ވަނަ މާއްދާގައި ބުނާ ގޮތުން، މިނިވަން މުއައްސާތަކުގެ މެމްބަރުން، މަގާމުން ވަކިކުރުމުގެ މައްސަލަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން މަޖިލީހަށް ހުށަހެޅިދާނެއެވެ. އަދި އެފަދަ މެމްބަރުން މަގާމުން ވަކިކުރުމުގެ މައްސަލައެއް މަޖިލީހަށް ހުށަހެޅުމުން އެކަން މަޖިލީހުގެ ރައީސް އިއުލާން ކުރުމަށްފަހު، ބަހުސްކުރުމަކާ ނުލައި މައްސަލަ ދިރާސާކުރުމަށްޓަކައި މަޖިލީހުގެ ކަމާގުޅޭ ކޮމިޓީއަށް ފޮނުވަންވާނެކަމަށް ވެސް ބުނެފައިވެއެވެ.

އެމްއާރްއެމް އުފެއްދުމަށް ބާއްވާ ޖަލްސާ އަންނަ މަހުގެ 7 ވަނަދުވަހު

މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އުފެއްދުމަށް ބާއްވާ ހާއްސަ ޖަލްސާ އަންނަ ނޮވެމްބަރު މަހުގެ 7 ވަނަ ބޭއްވުމަށް ނިންމައިފިއެވެ.

އެމްއާރުއެމް އުފެއްދުމަށް ބާއްވަންޖެހޭ ޖަލްސާ ބޭއްވުމުގެ ހުއްދަ އިލެކްޝަންސް ކޮމިޝަނުން ދީފައިވަނީ މިމަހުގެ ދެވަނަ ދުވަހުއެވެ.

ރައީސް މައުމޫންގެ ދަރިކަނބަލުން ޔުމްނާ މައުމޫން އިސްކޮށްހުންނަވައިގެން އުފެއްދުމަށް މަސައްކަތް ކުރާ އެމްއާރުއެމް އުފެއްދުމުގެ ޖަލްސާ ދަރުބާރުގޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ޖަލްސާގައި ޕާޓީގެ އަސާސީ ޤަވާއިދު ފާސްކުރުމާއި، ޕާޓީގެ ދިދަ އަދި ލޯގޯ ފާސްކުރުން އޮންނާނެ ކަމަށް އެމްއާރްއެމުން ބުނެއެވެ.

ސިޔާސީ ޕާޓީ ތަކުގެ ޤަވައިދުގެ އަށް ވަނަ މާއްދާގެ (ށ) ގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއް އުފެއްދުމަށް ބޭނުންވާ 3000 މީހުންގެ ފޯމް އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން އެ ޕާޓީއެއް ރަޖިސްޓްރީކޮށްދިނުމުގެ ކުރިން އެޕާޓީއަކަށް ސޮއިކޮށްފައިވާ މީހުންގެ ތެރެއިން މަދުވެގެން 300 މީހުން ބައިވެރިވާ ޖަލްސާއެއް ބާއްވަންޖެހޭނެ ކަމަށެވެ.

ހަތްދިހަ ކިލޯގެ ޑުރަގް މައްސަލައިގެ ތަހުގީގަށް އިންޓަޕޯލްގެ ޓީމެއް ރާއްޖެއަށް

ކަނޑު ބޯޓަކުން ރާއްޖެއަށް އެތެރެ ކުރަން އުޅުނު 70 ކިލޯގެ ޑުރަގް މައްސަލަ ތަހުގީގު ކުރަން ދަ އިންޓަނޭޝަނަލް ކްރިމިނަލް ޕޮލިސް އޯގަނައިޒޭޝަން (އިންޓަޕޯލް)ގެ ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވާން ފަށައިފިއެވެ.

މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހުގެ ރޭ، ލަންކާ އާއި ރާއްޖޭގެ ކޯސްޓްގާޑާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި އަތުލައިގަތީ އީރާނުގެ ދިދަ ނަގާފައިވާ ބޯޓެކެވެ.

ބޯޓު ހިފެހެއްޓީ ހއ. ތުރާކުނުގެ ހުޅަނގު އުތުރުން ގާތްގަނޑަކަށް 172 މޭލު ބޭރުން، ރާއްޖޭގެ ހާއްސަ އިގްދިސޯދީ ކަނޑުގެ ސަރަހައްދުންނެވެ. މި މައްސަލާގައި ބޭރުގެ ބޯޓުން މަސްތުވާތަކެތި ނަގަންދިޔަ “ހެދޭކުރި-7” ނަމަކަށް ކިޔާ ރާއްޖޭގެ މަސް ދޯންޏެއް ވެސް ވަނީ ހިފަހައްޓައިފައެވެ.

ބޯޓުގައި ހަ މީހުން ތިބިއިރު ރާއްޖޭގެ މަސްދޯނީގައި ތިބީ ދެ ދިވެހިންނާއި ދެ ބިދޭސީން ކަމަށް ފުލުހުން ބުނެއެވެ.

އިންޓަޕޯލްގެ ވެސްޓު ލައިގެން ތިބި ހަތަރު ބޭފުޅުންނާއެކު ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، އެ މައްސަލައިގެ ތަހުގީގަށް ފުލުހުންގެ ޑުރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް (ޑީއީޑީ)ގެ ޓީމުތަކާއެކު އިންޓަޕޯލްގެ އިންސިޑެންޓް ރެސްޕޯޓްސް ޓީމެއް ރާއްޖޭގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.

އަދި ޑުރަގް ޓްރެފިކް ކުރުން ހުއްޓުވުމުގައި ސާބިތުވެ ޑުރަގް ވިޔަފާރި ހުއްޓުވާނެ ކަމަށް ސީޕީ ވިދާޅުވެފައިވެއެވެ.

މި ޑުރަގް އޮޕަރޭޝަންގައި ބޯޓުން ފެނުނު ތިން ގޯންޏަކަށް އަޅާފައިހުރި 70 ޕެކެޓް މަސްތުވާތަކެތީގެ ބަރުދަން 70 ކިލޯއަށް އަރައެވެ. އަދި އެ ތަކެތީގެ މަގުމަތީ އަގު 59.2 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފުލުހުން ބުނެއެވެ.

އެ މައްސަލާގައި ފުލުހުންގެ ބަންދުގައި މިވަގުތު 13 މީހަކު އެބަ ތިއްބެވެ. އަދި އެ އެންމެންނަށް ވެސް ބަންދުގެ މުއްދަތު ވަނީ ޖަހައިފައެވެ.

މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހިގެން ފަރުވާދެނީ

ހދ. ކުޅުދުއްފުށީ ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ މަސްދޯންޏެއްގައި ހުރި މީހެއްގެ ލޮލުގައި ބުޅިއަކުން ޖެހުމުން އިތުރު އަވަސް ފަރުވާއަށް ކުޅުދުއްފުށީ ހޮސްޕިޓަލަށް ގެންގޮސްފިއެވެ.

އެމްއެންޑީއެފުން ބުނީ، މިއަދު ހެނދުނު 10:46 ހާއިރު ރިޕޯޓްކުރި އެ ހާދިސާގައި ލޮލުގައި ބުޅިން ޖެހިފައިވަނީ ކުޅުދުއްފުށި އިރު ދެކުނުން 13 މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ “ރޯދި 3” ނަމަކަށް ކިޔާ ދޯންޏެއްގައި ހުރި 58 އަހަރުގެ ދިވެހި ފަޅުވެރިއެއްގެ ލޮލުގައި ކަމަށެވެ.

އަދި ސިއްހީ އިތުރު އަވަސް ފަރުވާ ދިނުމަށް މެޑިކަލް ޓީމަކާއެކު ނޮދަން އޭރިއާގެ ސީ އެމްބިއުލާންސްގައި ދޯނި އޮތް ސަރަހައްދަށް ގޮސް، އޭނާ ނަގައިގެން ހދ. ކުޅުފުއްފުއްޓަށް މިއަދު މެންދުރު 12:10 ހާއިރު ގެންގޮސްފައިވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.

ބޯކޮށް ވާރެހި އައްޑޫގައި ފެން ބޮޑުވެފައި، އެ ސަރަހައްދަށް އަދިވެސް ރީނދޫ ސަމާލު!

އައްޑޫ ސިޓީއަށް ރެއިން ފެށިގެން ބޯކޮށް ވާރޭވެހި އެ އަތޮޅުގެ ރަށްރަށުގެ މަގުތަކުގައި ފެންބޮޑުވެފައި ވަނިކޮށް، އެ ސަރަހައްދަށް އަނެއްކާ ވެސް ރީނދޫ ސަމާލު ނެރެފިއެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން މިއަދު ހަވީރު 4:00 އާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ ގއ. އަތޮޅުން އައްޑޫ ސިޓީއާ ހަމައަށެވެ. ސަމާލުގައި ބުނެފައިވަނީ، ބޯކޮށް ވާރޭ ވެހުމާއެކު ގުގުރުން އެކަށީގެންވާ ކަމަށެވެ.

އައްޑޫ ސިޓީ ކައުންސިލްގެ މޭޔަރު އަބްދުﷲ ސޯދިގު މިއަދު ވިދާޅުވީ ރޭ 10:00 އިން ފެށިގެން މެދުކެނޑުމެއް ނެތި އެ އަތޮޅުގެ ހުރިހާ ރަށަކަށް ވެސް ބޯކޮށް ވާރޭ ވެހި މަގުތަކުގައި ފެންބޮޑުވެފައިވާއިރު، މިހާތަނަށް 50 އަށްވުރެ ގިނަ ގެއަށް ފެންވަދެފައިވާ ކަމަށެވެ.

އެމްއެންޑީއެފުން ބުނީ، އައްޑޫ ސިޓީއަށް ބޯކޮށް ވާރޭވެހި ބައެއް މަގުތަކުގައި ފެން ބޮޑުވުމާ ގުޅިގެން ސަދާން އޭރިއާގެ ސިފައިން ފެން ހިއްކުމުގައި ހަރަކާތްތެރިވަމުންދާ ކަމަށެވެ.

ފުލުހުން ވެސް ބުނީ، އައްޑޫއަށް ކުރަމުންދާ ވިއްސާރައިގައި ރަށުތެރެ ފެންބޮޑުވެފައިވާތީ، ގޭގޭ ދޮރުމަތީގައި ވެލިބަސްތާ ޖަހައިދިނުމުގައާއި ފެން ހިންދުމުގައި ފުލުހުން ވެސް ބައިވެރިވަމުން އަންނަ ކަމަށެވެ.

މެޓް އޮފީހުން ބުނީ، އިއްޔެގެ ހެނދުނު 8:00 އިން މިއަދު ހެނދުނު 8:00 އަށް ސ. ގަމަށް 110.9 މިލިމީޓަރުގެ ވާރޭ ވެހިފައިވާ ކަމަށެވެ. އެ ވަގުތުގެ ތެރޭގައި އެންމެ ގިނައިން ވާރޭ ވެހިފައިވަނީ ގއ. ގެމަނަފުއްޓަށެވެ. އެރަށަށް ޖުމްލަ 140.3 މިލިމީޓަރުގެ ވާރޭ ވެހުނެވެ.

އެހީ ދިނުމުގައި ބަލާނެ މިންގަނޑު ކަނޑައެޅުމަށް ވޯލްޑް ބޭންކުން ރާއްޖޭގައި ސާރވޭއޭއް ފަށައިފި

ވޯލްޑް ބޭންކުން ރާއްޖެއަށް އެހީ ފޯރުކޮށްދިނުމުގައި ބަލާނެ މިންގަނޑު ކަނޑައެޅުމަށް ޚާއްސަ ސާރވޭއޭއް ރާއްޖޭގައި ފަށައިފިއެވެ.

މިސާރވޭއަކީ ވަކި ޤައުމަކަށް ޚާއްޞަކޮށް އެ ޤައުމެއްގެ ސަރުކާރާއި ކަމާބެހޭ ފަރާތްތަކާއި ޢާންމު ފަރުދުންގެ ބައިވެރިވުމާ އެކު ވޯލްޑް ބޭންކްއިން އެކުލަވާލާ ރިޕޯޓް “ސިސްޓަމެޓިކް ކަންޓްރީ ޑައެގްނޯސްޓިކް” (އެސްސީޑީ) ހެދުމަށް ބޭނުންވާ ޚިޔާލާއި މަޝްވަރާ ހޯދުމަށް ވޯލްޑް ބޭންކުން ކުރިޔަށްގެންދާ ސަރވޭއެކެވެ. މި ސާރވޭގައި ބަލަނީ އެ ބޭންކުން އެކި ޤައުމުތަކަށް އެހީ ފޯރުކޮށްދިނުމުގައި ބަލާނެ އަސާސްކަމަށް އެ ބޭންކުން ބުނެއެވެ.

ރާއްޖޭގައި ކުރިއަށްގެންދާ މި ސާވޭގައި ދިވެހިރާއްޖެއަށް ކުރިމަތިވެފައިވާ މުހިއްމު މައްސަލަތަކާއި، ޤައުމުތަކުގައި ހުރި ފުރުޞަތުތައް އަދި މި ކަންކަން ޙައްލުކުރުމަށްޓަކައި ކުރެވިދާނެ ކަންތައްތަކާއި ގުޅޭގޮތުން ދިވެހިންގެ ޚިޔާލާއި މަޝްވަރާ ހޯދޭނެއެވެ. މި ސަރވޭ ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ އޮކްޓޯބަރު 10 އަކުން ނޮވެމްބަރު 15 ވަނަ ދުވަހުގެ ނިޔަލަށެވެ. މިސަރވޭ ކުރިއަށްގެންދާނީ ދިވެހި ބަހުންނާއި އިނގިރޭސި ބަހުންނެވެ.

މި ސަރވޭއާއެކު ވޯލްޑް ބޭންކުން ވަނީ ރާއްޖެއަށް ޚާއްސަކޮށް ޓްވިޓަރ އެކައުންޓެއް ޤާއިމްކޮށްފައެވެ. އިނގިރޭސި ބަހާއި ދިވެހި ބަހުން މުޢާމަލާތް ކުރެވޭ މި ޕްލެޓްފޯމުގައި ވޯލްޑް ބޭންކުން ރާއްޖެއަށް ދިމާވެފައިވާ މައްސަލަތަކާއި ގުޅޭގޮތުން މީހުންގެ ޚިޔާލާއި މަޝްވަރާ ހޯދުމަށް ހަމަޖެހިފައިވެއެވެ.

އެމްޑީއެން ސަސްޕެންޑް ކުރުމުން ރައީސް ސޯލިހަށް ޝަހިންދާގެ އިންޒާރެއް!

އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމުމުން އެކަމަކީ އުސޫލުތަކާ ހިލާފަށް ކުރިކަމެއް ކަމަށް ބުނެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް އެމްޑީއެންގެ ފައުންޑަރު ޝަހިންދާ އިސްމާއިލް އިންޒާރެއް ދެއްވައިފިއެވެ.

އެމްޑީއެން ސަސްޕެންޑްކޮށް ޔޫތް މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ، އެޖަމިއްޔާ ސަސްޕެންޑްކުރީ އެމްޑީއެންގެ ރިޕޯޓެއްގައި އިސްލާމްދީނާ ހިލާފު ވާހަކަތަކެއް ހުރި ކަމަށާއި އިސްލާމްދީނާއި ކީރިތި ރަސޫލާއަށް ފުރައްސާރަކޮށްފައިވާ ކަމަށް ތުހުމަތުކޮށް ފުލުހުންނަށް ހުށަހެޅިފައިވާ މައްސަލަ އެ ސާވިސްއިން ތަހުގީގު ކުރަމުންދާތީ ކަމަށެވެ.

އެ ޖަމިއްޔާ ސަސްޕެންޑް ކުރަން ނިންމީ، ޖަމިއްޔާތަކުގެ ގަވައިދުގެ 39 ވަނަ މާއްދާއިން ޖަމްއިއްޔާތަކާބެހޭ ރަޖިސްޓްރާ އަށް ލިބިދީފައިވާ އިހްތިޔާރުގެ ދަށުން ކަމަށް ވެސް ޔޫތް މިިނިސްޓްރީގެ ބަޔާނުގައި ބުނެފައިވެއެވެ.

ނަމަވެސް އެކަމާ ގުޅިގެން ޝަހިންދާ މިރޭ ކުރި ޓުވީޓެއްގައި ބުނީ، އެމްޑީއެންއާ ދެކޮޅަށް ތުހުމަތުކުރާ މައްސަލައަކާ ގުޅިގެން ޔޫތް މިނިސްޓްރީގެ ރަޖިސްޓްރާ އެ ޖަމިއްޔާއާ ވާހަކަދައްކާ ނުވަތަ ޖަވާބުދާރީ ވުމުގެ ހައްގު ވެސް ދީފައިނުވާ ކަމަށެވެ.

އަދި އެވާހަކަތައް ދައްކަން ފަށައިފިނަމަ ޔުނިވާސަލް ޕީރިއަޑިކް ރިވިއު (ޔޫޕީއާރް) އާއި އެހެނިހެން ފަރާތްތަކާ ކުރިމަތިލައްވާ ރައީސް ސޯލިހު ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައިގަންނަވާނެ ބުނެފައިވެއެވެ.

ޔޫޕީއާރަކީ އދ.ގެ ހުރިހާ މެމްބަރު ގައުމުތަކުގެ އިންސާނީ ހައްގުތަކުގެ ހާލަތު ބެލުމަށް އދ. ގެ ހިއުމަން ރައިޓްސް ކައުންސިލްގެ ދަށުން ކުރިއަށްގެންދާ ޕްރޮސެސްއެކެވެ.

އެމްޑީއެން ސަސްޕެންޑް ކުރަން ސަރުކާރުން މިއަދު ނިންމީ، އެ ޖަމިއްޔާއިން ނެރުނު ރިޕޯޓްގެ މައްސަލާގައި އާންމުންގެ ގިނަ ކަންބޮޑުވުންތަކެއް އުފެދި، ރާއްޖޭގެ ގިނަ އަަދަދެއްގެ ދީނީ އިލްމުވެރިންތަކެއް ރައީސް ސޯލިހާ ބައްދަލުކުރެއްވިތާ ދެ ދުވަސް ފަހުންނެވެ.

އަދި އެ މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ފުލުހުން ތަހުގީގު ކުރަމުންދާއިރު، އެމްޑީއެންއަށް ފިޔަވަޅު އަޅަންޖެހޭ ކަމަށް ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް މިއަދު ވަނީ ވިދާޅުވެފައެވެ.