ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އަތުން މަސްތުވާތަކެތި

ބިދޭސީއެއްގެ ވޮލެޓު ފޭރިގަތް ކަމުގެ ތުހުމަތުގައި ހައްޔަރު ކުރި މީހާ އަތުން މަސްތުވާތަކެތި ފެނިއްޖެއެވެ.

ފުލުހުންގެ މީޑިޔާ އޮފިޝަލް ވިދާޅުވީ މި މައްސަލައާ ގުޅިގެން ރޭ 19:00 ހާއިރު ގަލޮޅު ދަނޑު ކައިރިން ހައްޔަރުކޮށްފައިވަނީ 29 އަދި 30 އަހަރުގެ ދިވެހި ދެ ފިރިހެނުން ކަމަށެވެ.

ފުލުހުން ބުނީ މި މައްސަލާގައި ހައްޔަރުކުރި 30 އަހަރުގެ މީހާ ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ހުރި އެއް ރަބަރު ޕެކެޓު ފެނިފައިވާ ކަމަށާއި އަދި މައްސަލައިގެ ތަހުގީގުގެ ބޭނުމަށް އެ ދެ މީހުން ދުއްވި ސައިކަލު ޓޯވ ކޮށްފައިވާ ކަމަށެވެ.

އެމީހުން ފޭރިގެންފައިވަނީ މަޖީދީމަގު އޯޑިއޮން ކައިރީ ބިދޭސީ މީހާ ހުއްޓާ ސައިކަލެއްގައި ދަމުން ކަމަށާއި ފޭރިގަތް ވޮލެޓް ފެނިފައިވަނީ މުތީގޯޅި ކާނުގަނޑުގެ ތެރެއިން ކަމަށްވެސް އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލަ ފުލުހުން އަންނަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބޭނުންވާ ތެރަޕީތައް ސްކޫލުން ދެނީ

އަންނަ އަހަރުން ފެށިގެން ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭންޖެހޭ ތެރަޕީގެ ހިދުމަތް ސްކޫލުތަކުން ދިނުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޑިއުކޭޝަން މިނިސްޓަރު ޑރ. އާއިޝަތު އަލީ ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، ހުރިހާ ކުދިން ޝާމިލުކޮށްގެން ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތުގެ ސްޓްރެޓެޖިކް ޕްލޭނާއި ކެޕޭސިޓީ ނީޑްސް އެނަލިސިސް ތައްޔާރުކުރުމުގެ ގޮތުން ބާއްވާ މަސައްކަތު ބައްދަލުވުންތައް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

މިނިސްޓަރު ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ސްކޫލުން ތެރަޕީ ނުލިބޭ ކަމުގެ ޝަކުވާ ބެލެނިވެރިން އަބަދުވެސް ކުރާ ކަމަށެވެ. އަދި އެކަމަށް ހައްލެއް ހޯއްދަވައިދެއްވުމުގެ ގޮތުން އަންނަ އަހަރު ސްކޫލްތަކުގައި ތެރަޕީ ދިނުމުގެ މަސައްކަތް ފެށިގެންދާނެ ކަމަށް ވިދާޅުވިއެވެ.

އަންނަ ބުރާސްފަތި ދުވަހުގެ ނިޔަލަށް ހުޅުމާލޭގެ ހުރަވީ ސްކޫލުގައި ކުރިއަށްދާ މަސައްކަތު ބައްދަލުވުމުގައި ސްކޫލްތަކުގެ ޕްރިންސިޕަލުންނާއި ބެލެނިވެރިންނާއި ޓީޗަރުންގެ އިތުރުން ޖަމިއްޔާ ޖަމާއަތްތަކާއި އެނޫންވެސް ކަމާގުޅުންހުރި ދާއިރާތަކުން ބައިވެރިވެއެވެ.

އަދި އެ ބައްދަލުވުމުގައި އުނގެނުމުގައި ހާއްސައެހީއަށް ބޭނުންވާ ކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސިޔާސަތު އަދި އެކުދިންނަށް ތައުލީމު ފޯރުކޮށްދިނުމުގެ ސްޓްރެޓީޖިކް ޕްލޭން އިސްލާހު ކުރެވި ކުރިއަށް ހުރިކަންކަން ރާވައި އެކަމަށް ހިނގާނެ ހަރަދު އެނގިގެންދާނެ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެއެވެ.

އެޑިއުކޭޝަން މިނިސްޓްރީގެ ޑިޕާޓްމަންޓް އޮފް އެކްސްކްލޫސިވް އެޑިއުކޭޝަންގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު އާތިފް ޕީއެސްއެމްއަށް ވިދާޅުވީ، މިހާރު ކުރިއަށްދާ މަސައްކަތުބައްދަލުވުން ނިމިގެންދާއިރު ސަރުކާރުގެ ސިޔާސަތުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެވޭނެ ކަމަށެވެ.

އެމްޑިޕީގެ ރައީސްކަމަށް އިތުރުދައުރަކަށް ރައީސް ނަޝީދު ވާދަކުރައްވަނީ

އެމްޑީޕީގެ މިހާރުގެ ރައީސް ރައީސް މުހައްމަދު ނަޝީދު އިތުރު ދައުރަކަށް އެޕާޓީގެ ރައީސްކަމަށް ވާދަކުރައްވާނެކަމަށް ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވާ އެމަނިކުފާނުކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އާ ދައުރަކަށް އެމްޑީޕީގެ ރައީސްކަމަށް ކުރިމަތިލައްވާނެކަމަށެވެ. އަދި ރައީސް ނަޝީދުވަނީ އެމްޑީޕީގެ އާންމުމެންބަރުންގެ ކިބައިން އިޚްލާސް ތެރިކަމާއި އެކު އެމަނިކުފާނަށް ތާއީދުކުރައްވައި  ވޯޓްދެއްވުމަށްވެސް އެދިވަޑައިގެންފައެވެ.

 އެމްޑީޕީގެ ރައީސް އާއި ނައިބްރައީސްގެ މަގާމަށް ކުރިމަތިލުމަށް މިހާރު ހުޅުވާލާފައިވާއިރު އެޕާޓީން ކުރި އިއުލާނެއްގައި ބުނެފައިވަނީ އެޕާޓީގެ ރައީސާއި ނައިބު ރައީސްގެ މަޤާމަށް ބޭފުޅަކު ހޮވުމަށް ބާއްވާ އިންތިޚާބު އަންނަ މަހުގެ 22ގައި ބާއްވަން ނިންމާފައިވާ ކަމަށެވެ. އަދި އެ މަގާމަށް ކުރިމަތިލުމަށް ފުރުސަަތު ހުޅުވާލާފައިވަނީ މި މަހުގެ 19ވަނަ ދުވަހުގެ ނިޔަލަށެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި މިހާތަނަށް ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދާއި ނައިބު ރައީސްގެ މަގާމުގައި ހުންނެވި ރައީސް އޮފީހުގެ މިނިސްޓަރ މުހައްމަދު ޝިފާޒްގެ ދައުރު އަންނަމަހު ހަމަވާނެއެވެ.

ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކުރަން ފަށައިފި

ސަރުކާރުގެ ބޯހިޔާވަހިކަމުގެ ސިޔާސަތުގެ ދަށުން އައްޑޫ ސިޓީގައި އިމާރާތް ކޮށްފައިވާ ފްލެޓްތައް ލިބުނު ފަރާތްތަކާއެކު އެގްރީމަންޓްގައި ސޮއިކުރަން މިއަދު ފަށައިފިއެވެ.

އައްޑޫ ސިޓީކައުންސިލުން މައުލޫމާތު ދިންގޮތުގައި އެގްރީމެންޓް ސޮއިކޮށް ފްލެޓް ލިބުނުފަރާތްތަކާއި ފްލެޓް ހަވާލުކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ހިތަދޫގައި އިމާރާއްކޮށްފައިވާ 264 ފްލެޓުގެ އިތުރުން ހުޅުދޫގައި އިމާރާތްކޮށްފައިވާ 48 ފްލެޓު ލިބުނުފަރާތްތަކާއި އެކުއެވެ.

މި ފްލެޓު ތަކުގެ ތެރެއިން ހިތަދޫގައި އިމާރާތްކުރި 264 ފެލެޓުގެ ތެރެއިން ބައެއް ފްލެޓުވަނީ މަރަދޫ އަދި ފޭދޫ މީހުންނަށް ހާއްސަކޮށްފައެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ ފްލެޓްތަކަށް ޑައުންޕޭމަންޓްގެ ގޮތުގައި 25،000 ރުފިޔާ ދައްކަން ޖެހޭ އިރު މަހު ފީގެ ގޮތުގައި 3،000 ރުފިޔާ ދައްކަންޖެހޭނެ ކަމަށެވެ.

ޖަމިއްޔާތަކުގެ މަސައްކަތް ހުއްޓުވައި އުވާލަން ތަރުހީބެއް ނުދެން: އެމްޑީޕީ

އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ސަރުކާރު ހިންގާ މައި ޕާޓީ، އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެ ބަޔާނެއް ނެރެފައި މިވަނީ، އިސްލާމްދީނަަށާއި ރަސޫލާ އަށް ފުރައްސާރަކޮށް މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން ނެރުނު ރިޕޯޓްގެ މައްސަލާގައި އެ ޖަމިއްޔާ ސަސްޕެންޑް ކޮށްފައިވަނިކޮށެވެ.

ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ކުށްވެރިކޮށް، އެމްޑީޕީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، އެޕާޓީއަކީ އިސްލާމް ދީނުގެ އަސްލުތަކާއި ހިލާފަށް ކުރާ އެއްވެސް ކަމަކަށް ތާއީދު ކުރާނެ ޕާޓީއެއް ނޫން ކަމަށާއި ކީރިތި ރަސޫލާއަށް ހަޖޫޖެހުމާއި ފުރައްސާރަ ކުރުމަށް ހިންގާ ކަންކަން ކުށްވެރިކުރާ ކަމަށެވެ.

އަދި ގާނޫނުއަސާސީން ލިބިފައިވާ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަން ބޭނުންކުރަންވާނީ އިސްލާމްދީނުގެ އަސާސްތަކާ ފުށުނާރާ ގޮތަށްކަން އަބަދުވެސް ގަބޫލުކުރާނެ ކަމަށް ބުނެފައެވެ. ހަމައެއާއެކު އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކުގެ މަސައްކަތް ހުއްޓުވައި އެފަދަ ތަންތަން އުވާލުމަށް ތަރުހީބު ނުދޭނެ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައެވެ.

“އަދި ހަމަ ކޮންމެ މީހަކާމެދުވެސް ޤާނޫނުގައިވާ ގޮތުގެ މަތީން އަމަލު ކުރެވުމެވެ. ޤާނޫނުގެ ބޭރުން އަދި ކަންކަން ހިންގުމަށް ކަނޑައަޅާފައިވާ އިޖުރާއާތުތަކުގެ ބޭރުން ކަންކަން ކުރުމުގެ ފުރުސަތު ހަމަ އެއްވެސް ފަރާތަކަށް ނުދިނުމެވެ،” އެމްޑީޕީން ބުނެފައިވެއެވެ.

އެމްޑީޕީގެ ބަޔާނުގައި އިތުރަށް ބުނެފައިވަނީ، ޤާނޫނާ ހިލާފަށް ހިޔާލުފާޅުކުރުމުގެ މިނިވަންކަން ބޭނުންކުރާ ފަރާތްތަކާ މެދުވެސް، އަދި އަނިޔާވެރިކަމަށް ހިތްވަރުދީ އެފަދަ ކަންކަމަށް ގޮވާލައި، ރައްޔިތުންނަށް ބިރުދައްކަމުންދާ ފަރާތްތަކާމެދު ވެސް ފިޔަވަޅު އަޅަންޖެހޭ ކަމަށެވެ.

އަދި ނަފްރަތާއި ރުޅިވެރިކަން އުފައްދަން ދައްކާ ވާހަކަ ދެއްކުމަކީ ގައުމަށް ލިބޭނޭ ހަމަޖެހުމެއް އަދި ދީނަށް ލިބޭނޭ ކުރިއެރުމެއް ވެސް ނޯންނާނެ ކަމަށާއި އެފަދަ ވާހަކަތައް ދެއްކުމަކީ، ގައުމުގައި ބައިބައިވުން އިތުރުވެ، ރާއްޖޭގެ އާންމު މަސްލަހަތަށާއި އަމަން އާންމަށް ނުހަނު ގެއްލުން ވެގެންދާ ކަމެއް ކަމަށެވެ.

އަދި ޖަލްސާތަކުގަ އާއި އެކިއެކި ފޯރަމްތަކުގަ އާއި މީސްމީޑިޔާގެ އެކިއެކި ވަސީލަތްތަކުގައި އަނިޔާވެރިކަމަށް ގޮވާލައި، ރައްޔިތުންގެ މެދުގައި ނަފްރަތާއި ފަސާދަ އުފައްދަން ވަކާލާތު ކުރާ ފަރާތްތަކުގެ އެ މަސައްކަތްތަކަކީ ބަލައިގަންނާނެ ކަންކަމެއް ނޫން ކަމަށާއި އެފަދަ ހަރުކަށި އަމަލުތައް އަބަދުވެސް ކުށްވެރިކުރާ ކަމަށް ވެސް އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

“އެހެންކަމުން، ހައްދުފަހަނައަޅާފައިވާ ހަރުކަށި ވިސްނުމުގެ މީހުން މުޖްތަމަޢުގައި ބިރުވެރިކަން އުފެއްދުމަށް ހިންގާ އަމަލުތައް ތަހުގީގުކޮށް ގާނޫނުގައިވާ ގޮތުގެ މަތީން އެފަރާތްތަކާމެދު ފިޔަވަޅު އަޅުއްވައިދެއްވައި، ރާއްޖެއަކީ އަމާން ތަނެއްގެ ގޮތުގައި ބޭއްވުމަށް ކުރައްވަންޖެހޭ މަސައްކަތް ސަރުކާރުން ކޮށްދެއްވުމަށް އިލްތިމާސް ދަންނަވަމެވެ.،” އެމްޑީޕީގެ ބަޔާނުގައި ބުނެފައިވެއެވެ.

ދިވެހިން ފިޓް ބަޔަކަށް ހެދުމަށް ރާއްޖޭގެ ދުޅަހެޔޮ އެމްބެސެޑަރަކަށް ސުނިލް ސެޓީ

ދިވެހިންނަކީ ދުޅަހެޔޮ އަދި ސިއްހަތު ރަނގަޅު ބަޔަކަށް ހެދުމަށް ރާއްޖޭގެ ދުޅަހެޔޮ އެމްބެސެޑަރަކަށް ބޮލީވުޑްގެ މަޝްހޫރު ފިލްމީ ތަރި ސުނިލް ޝެޓީ އައްޔަންކޮށްފިއެވެ.

ޔޫތް މިނިސްޓްރީން ބުނީ، ރާއްޖޭގެ “އެމްބެސަޑާ އޮފް ވެލްނެސް” އަށް ވުމަށް ސުނިލް ޝެޓީއަށް އެ މިނިސްޓްރީން ދިން ދައުވަތު އޭނާ ގަބޫލުކޮށްފައިވާ ކަމަށެވެ.

އަދި އޭނާއާއެކު ރާއްޖެއަކީ ދުނިޔޭގައި އޮތް އެންމެ ސިއްހަތު ރަނގަޅު ގައުމަށް ހެދުމަށް “މިޝަން ފިޓް މޯލްޑިވްސް” ގެ ނަމުގައި ހާއްސަ ހަރަކާތެއް ފަށަން ނިންމާފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުނެއެވެ.

އެގޮތުން މި ހަރަކާތުގެ ދަށުން ރާއްޖޭގެ ފިޓްނަސް އިންޑަސްޓްރީގައި ތަޖުރިބާކާރު މީހުންނާއެކު ސުނިލް ޝެޓީ އާއި އޭނާގެ ޓީމު ހަރަކާތްތެރިވާނެއެވެ.

ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ސުނިލް ޝެޓީ ހަމަޖެއްސުމުން އޭނާ ދިވެހި ބަހުން ކުރި ޓުވީޓެއްގައި ބުނީ ކާމިޔަބު ގައުމަކަށް އެންމެ މުހިންމީ ދުޅަހެޔޮ ރައްޔިތެއް ކަމަށެވެ.

އަދި ރާއްޖެއަކީ ދުނިޔޭގެ އެންމެ ރީތި އަދި ހިތްހެޔޮ ރައްޔިތުން ދިރިއުޅޭ ގައުމަކަށްވާއިރު، ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ޔޫތް މިނިސްޓަރު އަހުމަދު މަހުލޫފްގެ ޓީމާއެކު “މިޝަން ފިޓް މޯލްޑިވްސް” ގައި ބައިވެރިވުމަކީ ލިބޭ ޝަރަފެއް ކަމަށް ޓުވީޓްގައި ބުނެފައިވެއެވެ.

ރާއްޖޭގެ ވެލްނެސް އެމްބެސަޑަރަކަށް ސުނިލް ޝެޓީ އައްޔަން ކުރިއިރު، މިނިސްޓަރު މަހުލޫފް، އިންޑިއާއަށް މިދިޔަ މަހުގެ ފަހުކޮޅު ކުރެއްވި އަމިއްލަ ދަތުރުފުޅެއްގައި ރާއްޖޭގައި ފިޓްނަސް ޕްރޮމޯޓް ކުރުމަށް ސުނިލް ޝެޓީއާއެކު މަޝްވަރާކުރިއެވެ.

ބިލީވުޑްގައި 30 ވަރަކަށް އަހަރު ކާމިޔާބު ގިނަ މަސައްކަތްތަކެއް ކޮށްފައިވާ ސުނިލް ޝެޓީއަކީ އިންޑިއާގައި ފިޓްނަސް ޕްރޮމޯޓް ކުރުމަށް ފަށާފައިވާ ހަރަކާތެއް ކަމަށްވާ މިޝަން ފިޓް އިންޑިއާ ލީޑްކޮށް ހިންގަމުންދާ ފަރާތެވެ. އެ ހަރަކާތުގެ ބޭނުމަކީ ދުނިޔޭގައި އޮތް އެންމެ ފިޓް ގައުމަކަށް އިންޑިއާ ހެދުމެވެ.

އޭގެ އިތުރުން އޭނާއަކީ އިންޑިއާގެ ލީޑިން ފިޓްނެސް ރިއަލިޓީ ޝޯ “ބިގެސްޓް ލޫސާ ޖީތޭގާ” އަދި އިންޑިއާގެ ރިއަލިޓީ ސްޓަންޓް ޝޯއެއް ކަމަށްވާ “އިންޑިއާޒް އަސްލީ ޗެމްޕިއަން… ހޭ ދަމް؟” ކިޔާ ޓީވީ ޝޯގެ ހޯސްޓެކެވެ.

އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ބިދަބިން

ރ. އަލިފުށީގެ އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ އަލިފުށި އޯލް މެމްބާސް އިންޓެގުރޭޓެޑް އަމިޓީ އެސޯސިއޭޝަން (އާމިއާ) އިން އިންތިޒާމް ކޮށްގެން އެރަށުގައި ބާއްވާ އެންމެ ބޮޑު ފުޓްސަލް މުބާރާތް، އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް މިއަހަރު ވެސް ބިދަބިން ބޮޑުބެރު ގުރޫޕް ހަމަޖައްސައިފިއެވެ.

މިދިޔަ އަހަރުން ފެށިގެން ކޮންމެ އަހަރެއްގެ ބޮޑު ޗުއްޓީއާ ދިމާކޮށް ބާއްވަން ފެށި އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ބިދަބިން ހަމަޖެއްސުމުން މިއަހަރު އެ މުބާރާތް ބާއްވަން ހަމަޖެހިފައިވަނީ ބިދަބިން އާމިއާ ފުޓްސަލް ޗެލެންޖު 2019 ގެ ނަމުގައެވެ.

އާމިއާ ފުޓްސަލް ޗެލެންޖުގެ ޓައިޓަލް ސްޕޮންސަރަކަށް ބިދަބިން ހަމަޖެއްސުމަށް ރޭ ބިދަބިން ސްޓޫޑިއޯގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބިދަބިންގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ގުރޫޕްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު އާސިމް (އާއްކޮ)އެވެ.

އާމިއާ ފުޓްސަލް ޗެލެންޖުގެ ފަރާތުން ސޮއިކުރެއްވީ ނައިބް ރައީސް އިބްރާހިމް އަޒްމީއެވެ.

ރޭގެ ރަސްމިއްޔާތުގައި އާމިއާ ފުޓްސަލް ޗެލެންޖުގެ އިވެންޓް ޕާޓްނަރަކަށް ސައިޓް އެންޑް ސައުންޑް ވެސް ވަނީ ހަމަޖައްސައިފައެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރީ އެ ކުންފުނީގެ ސޭލްސް އެންޑް ކޮމިއުނިކޭޝަން ހަސީން ޝަފީއުއެވެ.

ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން އާއްކޮ ވިދާޅުވީ، ބިދަބިން އަކީ އަބަދުވެސް ކުޅިވަރާއި އިޖްތިމާއީ ކަންކަމަށް ޝައުގުވެރިކަން ހުންނަ އަދި މިކަހަލަ ކަންކަމުގައި އެހީވާން ބޭނުންވާ ބައެއް ކަމަށެވެ.

އަދި ބިދަބިންގެ އެންމެ ބޮޑު މަގްސަދަކީ މިއުޒިކް އާއި ކުޅިވަރުގެ ތެރެއިން ފަރުދުންެ މެދުގައި އެކުވެރިކަމާއި ރިވެތި އަހުލާގު އަށަގެންނެވުން ކަމަށާއި އެހެންކަމުން ޒުވާނުންގެ ހުނަރުތައް ކުރިއެރުވުމުގައި ބިދަބިންގެ ސަޕޯޓް އަބަދުވެސް ލިބޭނެ ކަމަށް އާއްކޮ ވިދާޅުވިއެވެ.

އާމިއާގެ ނައިބް ރައީސް އަޒްމީ ވިދާޅުވީ، ބިދަބިން ކަހަލަ ރާއްޖޭގެ ގިނަ ބައެއްގެ މަގުބޫލުކަން ހޯދާފައިވާ ބޭންޑެއް މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް ވުމަކީ މުބާރާތަށް ލިބޭ ވަރަށް ބޮޑު ކުރިއެރުމެއް ކަމަށެވެ.

އަދި އެކަމުން އެނގެނީ ބިދަބިން އިން ދިވެހި ޒުވާނުންނާއި ކުޅިވަރަށްދޭ އަހައްމިއްޔަތުކަން ކަމަށް ވިދާޅުވިއެވެ.

އޭނާ އިތުރަށް ވިދާޅުވީ، ސައިޓް އެން ސައުންޑް ކަހަލަ ބަޔަކު އިވެންޓް ޕާޓްނަރަކަށް ލިބުމަކީ މުބާާރާތް އިތުރަށް ކުލަ ގަދަވެގެން ދާނެ ކަމެއް ކަމަށާއި މުބާރާތުެ ކޮންމެ އިވެންޓެއް ވެގެންދާނީ ގުރޭންޑް އިވެންޓެއްގެ ގޮތުގައި ކަމަށެވެ.

“އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް”

ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް މިއަދުގެ ހުކުރު ހުތުބާގައި ވިދާޅުވެއްޖެއެވެ.

“ކީރިތި މާތް ނަބިއްޔާ صلى الله عليه وسلم ދެކެ ލޯބިވުން” މި މައުޟޫއަށް މިއަދު ދިން ހުކުރު ހުތުބާގައި ވިދާޅުވީ، ނަބީބޭކަލުންނަށް ފުރައްސާރަކުރުމަކީ އިއްޔެއަކު މިއަދަކު ކުރިމަތިވެގެން އުޅޭ އާ ކަމެއް ނޫން ކަމަށާއި މީސްތަކުންގެ ގާތަށް މާތްﷲ ފޮނުއްވި ކޮންމެ ނަބީބޭކަލަކާއި ރަސޫލު ބޭކަލަކަށް ފުރައްސާރަކުރި ބަޔަކުވާ ކަމަށެވެ.

މުސްލިމުންގެ މާތް ނަބިއްޔާއަށް ވެސް މި ދުއްތުރާތަކާ ކުރިމަތިވެ ވަޑައިގެންކަމަށާއި ނަމަވެސް އެފަދަ ފުރައްސާވެރިން މާތް ﷲ ނިކަމެތިކުރައްވައި އެކަލާނގެ ނަބިއްޔާއަށް ނަސްރު ދެއްވާފައިވާ ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

އެހެންކަމުން ކޮންމެ މީހަކަށް ވެސް އެމީހަކަށް ކުޅަދާނަވީ މިންވަރަކުން އިސްލާމްދީނާއި މާތް ނަބިއްޔާ ދިފާއުކުރުމަކީ ކޮންމެ މުސްލިމެއްގެ ވާޖިބެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ.

މާތް ﷲ ވަހީކުރައްވާފައިވާ ބަސްފުޅެއްގެ މާނަގައިވެއެވެ.

“ފަހެ، އެކަލޭގެފާނަށް އީމާންވެ، އެކަލޭގެފާނަށް ވާގިވެރިވެ، ނަސްރުވެރިވެ، އެކަލޭގެފާނާއެކުގައި ބާވައިލެއްވި ނޫރަށް ތަބާވި މީހުން (ދަންނާށެވެ!) ދިންނަވާނޭ މީހުންނަކީ، ހަމަ އެއުރެންނެވެ.”

މާތް ނަބިއްޔާއަށް ލޯބިކުރުމުގެ އެންމެ މުހިންމު އަލާމާތަކީ އެކަލޭގެފާނަށް ފުރިހަމައަށް ތަބާވުންކަން އިޝާރާތް ކުރައްވާ ހުތުބާގައި ވިދާޅުވީ، އެކަލޭގެފާނުގެ މަތިވެރި ސީރަތުން ނަމޫނާ ލިބިގަނެ، އެކަލޭގެފާނު އުއްމަތަށް ދައްކުވައިދެއްވި ރިވެތި އަހްލާގީ މިންގަނޑުތަކަށް ތަބާވެ، ތެދުބަސްބުނުމާއި ކެތްތެރިވުމާއި އަދުލުވެރިވުމާއި އެއްބަޔަކު އަނެއް ބަޔަކަށް އިހްތިރާމްކުރުމާއި މަޑުމޮޅިވުމާއި މިނޫން ވެސް އެކަލޭގެފާނު ގެނެސްދެއްވި އަހްލާގީ އެންމެހާ ސިފަތަކުން ޒީނަތްތެރިވާންޖެހޭ ކަމަށެވެ.

އަދި ކީރިތި ރަސޫލާ صلى الله عليه وسلم އަށް ކިޔަމަންގަތުމަކީ ސުވަރުގެއަށް ދެވެން އޮތް މަގެއް ކަމަށް ހުތުބާގައި ވިދާޅުވިއެވެ. އެކަލޭގެފާނު ހަދީޡް ކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.

“ތިމަން ކަލޭގެފާނުގެ އުއްމަތުގެ އެންމެން ސުވަރުގެއަށް ވަންނާނެއެވެ. ދެކޮޅުހަދައިފި މީހާ މެނުވީއެވެ.” އެހިނދު ދެންނެވުނެވެ. ﷲގެ ރަސޫލާއެވެ. ދެކޮޅުހަދާނީ ކާކުތޯއެވެ. ހަދީޡްކުރެއްވިއެވެ. “ތިމަންކަލޭގެފާނަށް ކިޔަމަންގެންފި މީހާ ސުވަރުގެއަށް ވަދެއްޖެއެވެ. އަދި ތިމަން ކަލޭގެފާނަށް އުރެދިއްޖެ މީހާ ދެކޮޅުހަދައިފިއެވެ،”

ޓެރަރިޒަމް ގާނޫނަށް ގެނައި އިސްލާހުތައް ރައީސް ތަސްދީގު ކުރައްވައިފި

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ދެ ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަސްދީގު ކުރައްވައިފިއެވެ.

ސަރުކާރުގެ ފަރާތުން އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ލީޑަރު، ހެންވޭރު ދެކުނު ދާއިރާގެ މެންބަރު ހުސައިން ޝަހީމް (އަނދުން ހުސައިން) ހުށަހެޅުއްވި ބިލް ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މިދިޔަ ސެޕްޓެންބަރު މަހުގެ 30 ވީ ހޯމަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުގައި ބޭއްވި ޖަލްސާގައެވެ.

އެ ބިލް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 52 މެމްބަރުންގެ އިއްތިފާގުންނެވެ.

ރައީސް އޮފީހުން ބުނީ، ޓެރަރިޒަމް މަނާކުރުމުގެ ގާނޫނަށް ސަރުކާރުން އިސްލާހު ގެނައުމުގެ މައިގަނޑު ބޭނުމަކީ، ނުރަނގަޅު މަގުސަދުތަކުގައި ޓެރަރިޒަމްގެ ދައުވާ ކުރުމަށް އެ ޤާނޫނުގެ ބޭނުންކުރެވޭ ކުރުން ހުއްޓުވުމުގެ ގޮތުން، ޓެރަރިޒަމް މަނާކުރުމުގެ ޤާނޫނުގައި މިހާރު ކަނޑައަޅާފައިވާ ޓެރަރިޒަމްގެ ކުށުގެ ދާއިރާއަށް ބަދަލު ގެނައުން ކަމަށެވެ.

އަދި ތަހުގީގު ކުރުމުގައާއި ޓެރަރިޒަމްގެ ކުށްތަކުގައި ދައުވާ އުފުލުމުގައި ގާނޫނު ތަންފީޒުކުރާ އިދާރާތަކަށާއި ޕްރޮސިކިއުޓާ ޖެނެރަލަށް ލިބިދޭ ގާނޫނީ ބާރުތަކުގެ ދާއިރާ އަލުން ކަނޑައަޅައި، ޒަމާނާ އެއްގޮތް ޤާނޫނީ އިމްތިޔާޒުތައް އެފަރާތްތަކަށް ދިނުން ކަމަށް ވެސް ބުނެފައިވެއެވެ.

މީގެ އިތުރުން ރާއްޖެއިން ބޭރުގައި ޓެރަރިސްޓުން ހިންގާ ހަނގުރާމަތަކުގައި ބައިވެރިވުމަށްފަހު ނުވަތަ އެފަދަ ސަރަހައްދުތަކަށް ދިޔުމަށްފަހު އަނބުރާ ރާއްޖެއަށް އަންނަ ފަރާތްތަކާމެދު ޤާނޫނު ތަންފީޒުކުރާ އިދާރާތަކުން އަޅަންޖެހޭ ފިޔަވަޅުތަކާއި އެ ފަރާތްތަކުގެ މައްޗަށް ހިންގޭނެ އިޖުރާއަތުތައް މި ކަނޑައެޅުމަކީ އެ އިސްލާހު ގެނައުމަށް ބޭނުންވި ސަބަބެއް ކަމަށް ރައީސް އޮފީހުން ބުނެއެވެ.

އެގޮތުން އެ ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހުތަކުގެ ތެރޭގައި ބޮޑެތި ކުށްތަކުގައި ކޯޓު އަމުރަކާ ނުލައި ތުހުމަތު ކުރެވޭ މީހުން ހައްޔަރު ކުރުމާއި ބަލައި ފާސް ކުރުމުގެ ބާރު ވަނީ ފުލުހުންނަށް ދީފަ އެވެ. އަދި ބިލްގައި ޓެރަރިޒަމްގެ އަމަލުތަކާއި އެފަދަ ކުށްތައް ކުރާ މީހުންނަށް ބޮޑެތި ޖަލު ހުކުމްތަކެއް ދެވޭ ގޮތަށް ބިލްގައި ހިމަނާފައިވެއެވެ.

ޓެރަރިޒަމް ކަމަށް ބިލްގައި ބުނެފައިވަނީ ވަކި ސިޔާސީ ނުވަތަ ދީނީ ނުވަތަ ހައްދުފަހަނައަޅާފައިވާ ވަކި ފިކުރެއް ކުރިއެރުވުމަށް ކުރާ ކަންކަމާއި ސަރުކާރުން ވަކިކަމެއް ކުރުމަށް ނުވަތަ ނުކޮށް ދޫކޮށްލުމަށް މަޖުބޫރު ކުރުވުމަށް ނުވަތަ އާންމުންގެ ބައެއްގެ މެދުގައި ބިރުވެރިކަން އުފެއްދުމަށެވެ.

ޓެރަރިޒަމްގެ ކުށްތައް

– މީހެއްގެ ހަށިގަނޑަށް ބޮޑު އަނިޔާއެއް ދިނުން

– ކުށްކުރާ މީހާ ފިޔަވައި އެހެން މީހެއްގެ ފުރާނައަށް ނުރައްކަލެއް ކުރިމަތި ކުރުވުން

– ގަދަކަމުން މީހަކު ފޮރުވުން ނުވަތަ ރަހީނެއްގެ ގޮތުގައި ހިފެހެއްޓުން

– މުދަލަށް ބޮޑެތި ގެއްލުން ދިނުން

– ފަސިންޖަރުން ނުވަތަ މުދާ އުފުލާ އުޅަނދެއް ހައިޖެކްކުރުން

– އާންމުންނަށް ނުވަތަ އާންމު ބައެއްގެ ސިއްހަތަށް ނުވަތަ ސަލާމަތަށް ބޮޑު ނުރައްކަލެއް ވާފަދަ ހާލަތެއް ކުރިމަތި ކުރުވުން

– މުހިންމު އުމުރާނީ ވަސީލަތަކަށް ބޮޑު ގެއްލުން ދިނުން ނުވަތަ އަސާސީ ހިދުމަތެއް މެދު ކަނޑާލުން

އޭގެ އިތުރުން ހަނގުރާމައަށް ދިއުމާއި ހަނގުރާމަވެރި ސަރަހައްދަކަށް ދިއުން ނުވަތަ އެފަދަ ސަރަހައްދެއްގައި ހުރުމާއި ހަނގުރާމަވެރި އަމަލެއް ކުރަން އުޅުމާއި އެފަދަ ކަމެއް ކުރަން އެހީވުން ނުވަތަ އެކަމުގައި އެއްވެސް ސިފައެއްގައި ބައިވެރިވުން ވެސް އެ ބިލުގައިވާ ގޮތުން އެއީ ކުށެކެވެ.

އަދި ހަނގުރާމަވެރި ހަތިޔާރު ނުވަތަ ގޮވާތަކެތި ނުވަތަ ފަނާކުރަނިވި މާއްދާ ހިމެނޭ އެއްޗެއް ނުވަތަ އެއާ އެއްފަދަ އެއްޗެއް އުފެއްދުން، ބޭނުންކުރުން އަދި އެފަދަ ތަކެތިން ވިޔަފާރިކުރުމާއި ޓެރަރިސްޓް ޖަމާއާތަކަށް ތާއީދު ކުރުމާއި ތާއީދުކުރުމަށް ގޮވާލުން ވެސް ކުށެއްގެ ގޮތުގައި ހިމަނާފައިވާއިރު، ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ ހަރަކާތްތަކަށް ހިތްވަރުދީ އެފަދަ ހިޔާލެއް ފާޅުކުރުމާއި އެކަަމަށް ހިތްވަރު ލިބޭ ހަރަކާތެއްގައި ބައިވެރިވުމުގެ އިތުރުން އެފަދަ ހަރަކާތެއް ރާވަައި ހިންގުމަކީ ވެސް ކުށެކެވެ.

ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރެއްކަމަށް ނުވަތަ ޓެރަރިސްޓް ޖަމާއަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމާއި، އެފަދަ ދޭހައެއްވުން އެކަށީގެންވާ ލިޔުމެއް ނުވަތަ ކުރެހުމެއް ނުވަތަ ފޮޓޯއެއް ބަޔަކަށް ފެންނާނެ ގޮތަށް ގެންގުޅުން ނުވަތަ ބޭނުންކުރުމަކީވެސް ކުށެކެވެ.

މި ކުށްކުށުުގެ އަދަބުތަކުގެ ގޮތުގައި ބިލުގައި ކަނޑައަޅާފައިވަނީ:

– ހަނގުރާމައަށް ދިއުމުގެ ކުށެއް ކޮށްފިނަމަ 17 އަހަރާއި 20 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

– ހަނގުރާމަވެރި ސަރަހައްދަކަށް ހިނގައްޖެނަމަ 10 އަހަރާއި 15 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

– ހަނގުރާމަވެރި ސަރަހައްދަކަށް ދާން ނުވަތަ ހަނގުރާމައަށް ދިއުމުގެ ކުށެއް ކުރަން އުޅެފިނަމަ ނުވަތަ ބައިވެރިވެއްޖެނަމަ، ނުވަ އަހަރާއި 12 އަހަރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

– ޓެރަރިސްޓު ޖަމާއަތެއްގެ މެމްބަރު ކަމަށް ނުވަތަ ޓެރަރިސްޓު ޖަމާއަތަކަށް ތާއީދު ކުރާ މީހެއް ކަން ދޭހަވާ ފަދަ އަންނައުނެއް އާންމު ތަނެއްގައި ލުމުގެ އަދަބަކީ ތިން އަހަރާއި ފަސް އަހާރާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުން

ބިލުގައި ބުނެފައިވާ ގޮތުން، ޓެރަރިޒަމްގެ ކުށެއްގެ ތުހުމަތުގައި ބަންދުކުރެވޭ މީހާ މި އިސްލާހުތަކުގެ ސަބަބުން ކަފާލާތުގެ ދަށުން ވެސް ދޫކޮށް ނުލެވޭނެވެއެވެ.

މީގެ އިތުރުން މިހާރު އޮންނަ ގޮތުން، ކުށެއްގެ ތުހުމަތުގައި ހައްޔަރުކުރާ މީހެއްގެ ބަންދާ މެދު ގޮތެއް ނިންމުމަށް ހައްޔަރުކުރާތާ 24 ގަޑިއިރުގެ ތެރޭގައި ފަނޑިޔާރެއްގެ ކުރިމައްޗަށް ގެންދަންޖެހޭ ޖެހުމަށް ވެސް ޓެރަރިޒަމް ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގައި ބަދަލުތަކެއް ގެނެސްފައިވެއެވެ.

އެގޮތުން އިސްލާހުގައިވާ ގޮތުން ޓެރަރިޒަމްގެ ކުށުގެ ތުހުމަތުވާ މީހުން ކޯޓު އަމުރަކާ ނުލައި ހައްޔަރުކޮށް، 48 ގަޑިއިރު ވަންދެން ބަންދުގައި ބެހެއްޓުމުގެ ބާރާއި ތުހުމަތު ކުރެވޭ މީހުން ހައްޔަރުކުރުމަށްޓަކައި ކޯޓު އަމުރަކާ ނުލައި އަމިއްލަ ތަންތަނަށް ވަނުމުގެ ބާރު ވެސް ފުލުހުންނަށް ލިބެއެވެ.

އަދި ބަލައި ފާސްކުރާ ފަރާތުގެ މައްޗަށް ތުހުމަތުކުރެވޭ ކުށާ ގުޅޭ އެއްޗެއް އޭނާގެ ހަށިގަނޑުގައި ފޮރުވާފައިވާ ކަމަށް ގަބޫލުކުރުމުގައި އެކަށީގެންވާ ސަބަބެއް އޮތްނަމަ، ކޯޓު އަމުރަކާ ނުލައި އޭނާގެ ޖިންސީ ގުނަވަން ހާމަވާގޮތަށް ބަލައި ފާސްކުރުމުގެ އިހުތިޔާރު ވެސް ފުލުހުންނަށް ލިބެއެވެ.

ޓެރަރިޒަމްގެ ކުށުގެ ތުހުމަތު ކުރެވޭ މީހުންގެ މައްޗަށް ކުށް ސާބިތު ކުރުމަށް އާންމު މައްސަލަތަކާއި ހިލާފަށް ބައެއް ހެކިތައް ގަބޫލުކުރެވޭ ގޮތަށް ބިލުގައި ވަނީ ހިމަނައިފައެވެ.

އެގޮތުން ކުށެއް ކުރި ކަމަށް އެއްބަސްވެ ޝަރީއަތުގެ މަޖިލީހުގައި ދޭ އިއުތިރާފާއި މީހަކު މަރުވަމުން ދައުވާ އާއި ގުޅުން ހުރި ހަގީގަތަކަށް ބާރު ލިބޭ ގޮތަށް އެމީހަކު ބުނެފައިވާ އެއްޗެސް ވެސް ހެކީގެ ގޮތުގައި ބަލައި ގަނެވޭނެ ކަމަށް ބިލުގައި ކަނޑައަޅާފައިވެއެވެ.

އަތޮޅުތެރޭގެ ރައްޔިތުން ނިކަމެތިކުރާނަމަ ދެކުނުގައި ވަކި ސަރުކާރެއް ހަދަން ޖެހިދާނެ: ސައުދު

މާލޭ ބޭފުޅުން އަތޮޅު ތެރޭ ރައްޔިތުން ނިކަމެތިކޮށް ތަފާތު ކުރުވާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް ކަމަށް ވިލިނގިލި ދާއިރާގެ މެމްބަރު ސައުދު ހުސެއިން ވިދާޅުވެއްޖެއެވެ.

ސައުދު މިހެން ވިދާޅުވީ، ހުޅުމާލޭގެ ބިމަކީ މާލޭގެ ރައްޔިތުންނަށް ހައްގު ބިމެއް ކަމަށާއި ރައްޔިތުންގެ މަޖިލީހުގެ “ރާއްޖެތެރޭގެ” މެމްބަރުން ހުޅުމާލެ އިން ގޯތި ހޯއްދަވަން ނޫޅުއްވުމަށް މާފަންނު މެދު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ) ގޮވާލުމާ ގުޅިގެން މިރޭ ކުރެއްވި ޓުވީޓެއްގައެވެ.

ސައުދު ވިދާޅުވީ، ރާއްޖޭގެ ބިމުގެ މިލްކުވެރިންނަކީ ދިވެހި ރައްޔިތުން ކަމަށާއި ހުޅުމާލެ އަކީވެސް ރައްޔިތުންގެ ޓެކްސް ފައިސާއިން ބިނާކޮށްފައިވާ ސިޓީއެއް ކަމަށެވެ. އެހެންކަމުން ތަފާތު ކުރުން ހުއްޓާލަންޖެހޭ ކަމަށް ވިދާޅުވެފައިވެއެވެ.

“މާލޭ ބޭފުޅުން އަތޮޅު ތެރޭ ރައްޔިތުން ނިކަމެތިކޮށް، ތަފާތު ކުރުވާނަމަ ދެކުނު ރައްޔިތުން އަލުން ވަކި ސަރުކާރެއް ހަދަން ނުޖެހޭ ސަބަބެއް ނެތް. ތަފާތު ކުރުން ހުއްޓާލާ،” ސައުދު ކުރެއްވި ޓުވީޓްގައި ވިދާޅުވެފައިވެއެވެ.

ލާމަރުކަޒީ ނިޒާމު ހަރުދަނާ ކުރުމުގެ ގޮތުން މަޖިލިހަށް ހުށަހެޅި ގަރާރުތަކަށް އިއްޔެ ބަހުސް ކުރައްވަމުން، މާލޭގެ ރައްޔިތުންނަށް ހުޅުމާލެ އިން ގޯތި ދޭންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލިހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވިދާޅުވިއެވެ.

ނަމަވެސް އެކަމާ ގުޅިގެން މާލެ އާއި ރާއްޖެތެރޭގެ ބަހުސް މަޖިލިހުގެ ތަޅުމަށް ވަދެ، އެ ޕާޓީގެ މެމްބަރުންގެ މެދުގައި ވަރުގަދަ ބަހުގެ ހަމަލާތަކެއް ރައްދުކުރިއެވެ.

އެގޮތުން ހުޅުމާލޭގެ ބިމަކީ މާލޭ ރައްޔިތުންނަށް ހައްގުވާ އެއްޗެއް ކަމަށް ވިދާޅުވުމުން، ދާންދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ޔައުގޫބް އަބްދުﷲ ވިދާޅުވީ މަޖިލީހުގައި ކުރިއަށް ދިޔަ ބަހުސްގައި ބައެއް މެމްބަރުން ވާހަކަ ދެއްކެވީ ރާއްޖެތެރޭގެ ރައްޔިތުން ވަރަށް ނިކަމެތިވާ ގޮތަށް ކަމަށެވެ.

އެގޮތުން ހުޅުމާލެއަކީ ރާއްޖޭގެ އެންމެންގެ ވެސް ތަނެއް ކަމަށާއި އެއީ ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް އަމާޒުކޮށްގެން ތަރައްގީކުރާ ތަނެއް ކަމަށް ޔައުގޫބް ވިދާޅުވިއެވެ.

މި ބަހުސުގައި ފޮނަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި ގާނޫނީ ވަކީލު މޫސާ ސިރާޖު ވެސް ވިދާޅުވީ ހުޅުމާލެ ހިއްކާފައި އޮތީ ހުރިހާ ދިވެހި ރައްޔިތުންގެ ފައިސާ އިން ކަމަށާއި އެހެންކަމުން ހުރިހާ ދިވެހި ރައްޔިތުންނަށް ހުޅުމާލެއިން ބިން ލިބެން ޖެހޭ ކަމަށެވެ.