ބޭރުގެ ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް ދިވެހިންނަށް ކުރިމަތިވާ ދަތިތައް ހައްލުކޮށްދިނުމުގައި ސަރުކާރުން ތަފާތެއް ނުގެންގުޅޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު ވިދާޅުވެއްޖެއެވެ.
ނައިބު ރައީސް މިހެން ވިދާޅުވީ އެމަނިކުފާނު މިހާރު އިންޑިއާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ޓްރިވެންޑުރަމްގައި ދިރިއުޅޭ ދިވެހިންނާ މިއަދު ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.
ޓްރިވެންޑުރަމްގައި ހުންނަ ހޮޓެލް އެޕޯލޯގައި ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ނައިބު ރައީސް ވިދާޅުވީ، ކޮންމެ ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެގައުމެއްގެ ގާނޫނުތަކާ ގަވާއިދުތަަކަށް ހުރުމަތްތެރިކޮށް ހިތާބަޔަކަށް ދިވެހިން ވާންޖެހޭ ކަމަށެވެ.
އަދި ދިވެހިންނަކީ ބޭރު ގައުމެއްގައި ދިރިއުޅުނު ނަމަވެސް އެ ގައުމެއްގެ ބަޔަކާ ގުޅިގެން ދިރިއުޅޭ ބައެއްކަން ވެސް ފާހަގަކުރެއްވިއެވެ.
ނައިބު ރައީސް އިތުރަށް ވިދާޅުވީ، އިންޑިއާ ސަރުކާރުން ރާއްޖޭގެ ރައްޔިތުންގެ ފަސޭހައަށް ގިނަ ކަންތައްތަކެއް ކޮށްދެއްވަމުން އަންނަ ކަމަށާއި އަދި އިންޑިއާގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށާއި ބޭސްފަރުވާއަށް އަންނަ ދިވެހިންނަށް ދިމާވާ ދަތި އުނދަގޫ މައްސަލަތައް ހައްލުކުރުމުގައި މި ސަރުކާރު ވެރިކަމަށް އައިފަހުން ގިނަ މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށެވެ.
އެގޮތުން މިސަރުކާރު ދެމި އޮންނާނީ އަބަދުވެސް ރައްޔިތުންނަށް ދަތިވާކަންކަން ހައްލުކޮށްދިނުމުގައި ކަމަށާއި އެގޮތުން ބޭރު ގައުމުތަކުގައި ދިރިއުޅޭ ދިވެހިންވެސް އިސްތިސްނާ ނުވާނެކަމުގެ ޔަގީންކަން ދެއްވާ ކަމަށް ނައިބު ރައީސް ވިދާޅުވިއެވެ.
އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ދާއިރާތައް ހުރިންކަމަށާއި އެގޮތުން ދަރިންނަށް ތައުލީމުދީ ތަރުބިއްޔަތު ކުރާއިރު ކާބަފައިންގެ ފަރާތުން ވާސިލުވި ރިވެތި އަދަބުތަކުގެ މަތީގައި ތަރުބިއްޔަތު ކުރުމުގެ މުހިންމުކަން ނައިބު ރައީސް ފާހަގަކުރައްވައިފައެވެ.
އަދި ތައުލީމުދިނުމުގެ ތެރެއިން ދަރިންނަކީ މަސައްކަތްތެރި ބަޔަކަށް ހެދުމަށް އިސްކަމެއްދިނުމަށް ވެސް ނައިބު ރައީސްގެ ވާހަކަފުޅުގައި އިލްތިމާސް ކުރެއްވިއެވެ.