ހުއްޓާލަކަށް ނުވޭތަ..؟ތިޔަމަރާލަނީ އެތަށް ކުޑަކުދިންނެއް

1981 ވަނަ އަހަރު ޖަޕާނުގެ ޢިލްމު ވެރިއެއް ކުރި ދިރާސާ އަކުން އެގިގެންދިޔައީ ނުސީދާ ދުމުން އިންސާނާގެ ހަށިގަނޑަށް ހީވެސް ނުކުރާވަރަށް ވުރެ ބޮޑަށް ގެއްލުންލިބިގެންދާކަމުގެ އިލްމީ ހެކިތައް ހޯދި ވަނީ ސާބިތުވެފައި ވެއެވެ.

އެގޮތުން ދުންފަތުގެ އިސްތިޢުމާލުކުރުމުގެ ސަބަބުން ޖެހޭ ބަލިތަކުގައި މަރުވާ މީހުންގެ ތެރެއިން 6 ލައްކަ މީހުން ދުނިޔެދޫކޮށްދަނީ އެހެންމީހުން ދުންފަތުގެ އިސްތިއުމާލުކުރުމުން ބޭރުވާ ދުމަށް ހުށަހެޅުމުގެ ސަބަބުންނެވެ. ނުވަތަ ނުސީދާގޮތެއްގައި ދުންފަތުގެ ދުމުން އަސަރުކޮށްގެންނެވެ.

ދުނިޔޭގެ އާބާދީގެ ދެބައިކުޅަ އެއްބައި ކުދިން ނޭވާލަނީ ދުންފަތުގެ ދުމުން ތަޣައްޔަރުވެފައިވާ މާހައުލަކަށް ކަމަށް ދިރާސާތަކުން ދައްކާއިރު އާބާދީގެ 40 އިންސައްތަ ކުދިންގެ މައިންބަފައިންގެ ތެރެއިން ކޮންމެވެސް އެކަކު ދުންފަތުގެ އިސްތިޢުމާލު ކުރެއެވެ. މާނައަކީ ގޭތެރެއިން އެކުދިން ދުންފަތުގެ ދުމަށް ހުށަހެޅެއެވެ. ދުންފަތުގެ ދުމަށް ހުށަހެޅިގެން މަރުވާ މީހުންގެ ތެރެއިން 31 އިންސައްތަ އަކީ ކުޑަކުދިންނެވެ. ގޭތެރެއިން ދުންފަތުގެ ދުމަށް ހުށަހެޅުމަކީ ދުންފަތުގެ އިސްތިޢުމާލުކުރަން ފެށުން އަވަސްކުރާ ކަމެކެވެ. ނުވަތަ ދުންފަތުގެ އިސްތިޢުމާލުކުރުމަށް މަގުފަހިކުރާ ކަމެކެވެ.

ހަމަ އެއާއިއެކު ނުސީދާ ދުމަށް ހުށަހެޅުމަކީ ފުއްޕާމޭގެ ކެންސަރު ޖެހުމުގެ ފުރުޞަތު 20 އިންސައްތަ އިތުރުކުރާ ކަމެކެވެ. އަދި ހިތުގެ ބަލިތައް ޖެހުމުގެ ފުރުޞަތު 23 އިންސައްތަ އިތުރުކުރުވައެވެ. ދުންފަތުގެ ދުމަށް ހުށަހެޅުމުގައި ވަކި މިންވަރަކަށް ހުށަހެޅުމަކީ ރައްކާތެރި ކަމެކޭ ބުނެވޭކަން ނެތެވެ. މާނައަކީ ކިތައްމެ ކުޑަ މިންވަރަކަށް ހުށަހެޅުނު ނަމަވެސް އެކަމުގެ ގެއްލުން ހަށިގަނޑަށް ކުރާނެ އެވެ.

ދުންފަތުގެ އިސްތިއުމާލުކުރުމުން ހަށިގަނޑަށް އެތެރެވެގެންދާ ދުމުގައި 7000 އަށްވުރެ ގިނަ ކެމިކަލް އެކުލެވިފައި ވެއެވެ. އޭގެ ތެރޭގައި 250 އަށްވުރެ ގިނަ ހަށިގަނޑަށް ގެއްލުންދެނިވި، ތަފާތު ވިހަ ކެމިކަލްތައް ހިމެނެއެވެ. އަދި އޭގެތެރެއިން 70 ވަރަކަށް ކެމިކަލް އަކީ ކެންސަރު ޖެހުމަށް މަގުފަހިކުރާ މާއްދާތަކެއްކަން ވަނީ ހޯދިފައެވެ.

ކޮލެސްޓްރޯލް ދައްކުރުމަށް ކެއުމުގައި މިތަކެތި ބޭނުން ނުކުރޭ

ކޮލެސްޓްރޯލް ނުވަތަ ސަރުބީއަކީ އިންސާނުންގެ ހަށިގަނޑުގައި އެކުލެވޭ ލޭގެ ފެނުގެ ބައި ނުވަތަ ލޭގެ ޕްލާޒްމާގައި ހުންނަ ތެޔޮ އެކުލެވޭ މާއްދާ އެކެވެ. ނުވަތަ ލޭގައި ހުންނަ ސަރުބީގެ ވައްތަރެކެވެ. މިއީ ސްޓީރޮއިޑް އާއިލާއަށް ނިސްބަތްވާ އޯގެނިކް ކަމްޕައުންޑެކެވެ.

ކޮންމެ އިންސާނަކަށް ވެސް އެމީހެއްގެ ހަށިގަނޑު ރަގަޅަށް މަސައްކަތް ކުރުމަށްޓަކައި، ކޮންމެވެސް މިންވަރަކަށް ކޮލެސްޓްރޯލް ބޭނުންވެއެވެ. އެހެން ނަމަވެސް ކޮންމެ އިންސާނަކަށް ވެސް ހަށިގަނޑަށް ކޮލެސްޓްރޯލް ބޭނުންވަނީ ވަކި މިންވަރަކަށެވެ. އަދި ހަށިގަނޑަށް ބޭނުންވާ މިންވަރު ހައްދު ފަހަނައަޅައި ގޮސް އެއަށްވުރެ ގިނައިން ހަށިގަނޑުގައި ކޮލެސްޓްރޯލް ހުރުމަކީ ތަފާތު ބަލިތައް ފެންމަތިވެގެން އަންނާނެ ކަމެކެވެ.

ސަރުބީ މަތިވުމަކީ ލޭގައި ހުންނަ ސަރުބީގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމެވެ. އާންމު ގޮތެއްގައި ސަރުބީ މަތިވުން ނިސްބަތް ކުރެވެނީ ލޭގައި ސަރުބީގެ ވައްތަރުތައް ކަމުގައިވާ ކޮލެސްޓްރޯލް އަދި “ޓްރައިގްލިސެރައިޑް”ގެ މިންވަރު ހުންނަންޖެހޭ މިންގަނޑަށްވުރެ މަތިވުމަށެވެ.

ލޭގައި ސަރުބީގެ މިންވަރު މަތިވުމަކީ ހިތުގެ ބަލިތަކާއި ލޭހޮޅިތައް ހަރުވުން ފަދަ ބަލިތަކަށް ފުރުޞަތު ހުޅުވިގެންދާނެ ކަމެކެވެ.

މިދެންނެވި ބަލިތަކުގައި ލޭހޮޅިތަކުގެ ތެރޭގައި ކޮލެސްޓްރޯލް ނުވަތަ ސަރުބީ ޖަމާވެ، ލޭހޮޅިތަކުގައި ލޭ ދައުރުކުރުމުގައި ހުރަސްތަކާއި ކުރިމަތި ކުރުވައެވެ. ނަތީޖާއެއްގެ ގޮތުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ލޭފޮނުވާދޭ މިންވަރު ދަށްވެ، ހިތް ހުއްޓުން، ހިތުގެ މަސްގަނޑުން ބައެއް މަރުވުން، އަދި ވާގިނެތޭ ބަލި ޖެހުން ފަދަ ކަންތައްތައް ކުރިމަތި ކުރުވައެވެ.

ލޭގައި ކޮލެސްޓްރޯލް ހިމެނޭ މިންވަރު ދަށްކުރުމަށްޓަކައި ކެއުމުގައި ތެޔޮ ނުވަތަ ސަރުބީ އެކުލެވޭ ކާނާ ބޭނުންކުރުން މަދުކުރަން ޖެހެއެވެ.

އަދި ކެއުމުގައި ސެޗިޔުރޭޓެޑް ފެޓް، އަދި ކޮލެސްޓްރޯލް ހިމެނޭ މިންވަރު މަދުކުރާށެވެ. ސެޗިޔުރޭޓެޑް ފެޓް އަދި ކޮލެސްޓްރޯލް ހިމެނޭ ކާނާގެ ބާވަތްތަކުގެ ތެރޭގައި އެއްގަމު މަސް، ކުކުޅު ބިހުގެ ގޮބޮޅި، ހޯލް މިލްކު، ބަޓަރު، އަދި ޗީޒް ފަދަ ތަކެތި ހިމެނެއެވެ. ޓްރާންސް ފެޓު ގިނައިން ހުންނަނީ ޗިޕްސް، ކޫކީޒް، ކްރެކާސް ފަދަ ބަންދުކޮށްފައި ހުންނަ ކާތަކެތީގައެވެ.

ނިކް ޖޯނަސްއާއެކު ދަރިން ހޯދަން ޕްރިޔަންކާ ކެތް މަދުވެފައި!

އެމެރިކާގެ ލަވަކިޔުންތެރިޔާ/އެކްޓަރު ނިކް ޖޯނަސް އާއި އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާގެ ކައިވެންޏަށް މިމަހު މިވަނީ 10 އަހަރު ފުރިފައެވެ. ދެ މީހުންގެ ލޯބި ފެންނަ ފެނުމަށް ވަރަށް ގަދައެވެ. ދެމީހުންގެ ފަރާތުން އެބުނާ ކެމިސްޓްރީ ވެސް ފެނެއެވެ.

ނަމަވެސް މިފަހަކަށް އައިސް ޕްރިޔަންކާ ދައްކާ އެއް ވާހަކައަކަށް ގިނަ ބަޔަކު ސަމާލުކަން ވަނީ ދަމައިގެންފައެވެ. ދަރިން ހޯދަން ކެތް މަދުވެފައިވާ ވާހަކައެވެ. މަޔަކަށްވާން ބޭނުންވާ ވާހަކައެވެ. އެކަމާ ސީރިއަސްކޮށް ވިސްނަމުންދާ ކަމަށް ބުނާ ބުނުމެވެ.

ފްރިޔަންކާ ކައިރީގައި ދަރިން ހޯދުމަށް ފެޝަން ޑިޒައިނަރު ޑައިއޭން ވޮން ފާސްޓޭންބާގް ދިން ނަސޭހަތާ ގުޅޭގޮތުން އެމެރިކާގެ ޓޯކް ޝޯ، “ޓުޑޭ” ގައި ވާހަކަދައްކަމުން ޕްރިޔަންކާ، 37 ބުނީ، ދިރިއުޅުމުގައި އެތައް ކަމެއް ވަމުންދާއިރު ހަމަގައިމުވެސް ނިކްއާ ދެމީހުން ވެސް ދަރިން ބޭނުންވާ ކަމަށެވެ.

“އަހަންނަކަށް މަޑެއް ނުކުރެވޭނެ. އަހަންނަށް ހަގީގަތުގައި ވެސް މަޑެއް ނުކުރެވޭނެ. ވާހަކައަކީ، އަހަރެމެންގެ ދިރިއުޅުމުގައި ވަރަށް ގިނަ ކަންތައްތަކެއް އެބަ ހިނގާ. ނަމަވެސް އެކަމަށް ކަލާނގެ އިރާދަކުރެއްވިއްޔާ، އަހަރެމެން އެކަން ބޭނުން،” ދަރިން ހޯދުމާ ގުޅޭގޮތުން ޕްރިޔަންކާ ބުންޏެވެ.

ޕްރިޔަންކާ ދަރިން ހޯދަން ކެތްމަދުވެފައިވާއިރު، ޕްރެސް ޓްރަސްޓް އޮފް އިންޑިިއާ (ޕީޓީއައި) އަށް ދިން އިންޓަވިއުއެއްގައި ޕްރިޔަންކާ ވަނީ ފިރިމީހާ ނިކް ވެސް އާއިލާއެއް ފެށުމާ ދޭތެރޭ ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށް ބުނެފައެވެ. އެކަމަކު އޭގެ ކުރިން ހަޔާތުގައި ފުރިހަމަކުރަން ބޭނުންވާ ކަންކަން ވެސް އަދިވެސް އެބަހުރި ކަމަށް ބުންޏެވެ.

އެގޮތުން އަމިއްލަ ގެއެއް ގަންނަން ބޭނުންވާ ކަމަށާއި އެކަމާ ނޫޅެވޭތާ ވަރަށް ދުވަސް ވެއްޖެ ކަމަށް އޭނާ ބުންޏެވެ.

ޕްރިޔަންކާ މިހާރު އަންނަނީ ހުކުރު ދުވަހު ރިލީޒްކުރާ ހިންދީ ފިލްމު “ދަ ސްކައި އިޒް ޕިންކް” ޕްރޮމޯޓްކުރަމުންނެވެ. އެ ފިލްމުގައި ޕްރިޔަންކާ ފެނިގެންދާނީ ޒުވާން ދެ ކުދިންގެ މައެއްގެ ރޯލުންނެވެ.

ކޮންމެ ދުވަހަކުވެސް ބޭނުންކުރަންވީ، ސިއްޚީގޮތުން ގިނަފައިދާތަކެއް ލިއްބައިދޭ

އަންނާރަކީ ތަފާތު ވިޓަމިން ތަކުން މުއްސަދިވެފައިވާ މޭވާ އެކެވެ. އެގޮތުން އަންނާރުގައި ހިމެނޭ ފާހަގަކޮށްލެވޭ ވިޓަމިންގެ ބާވަތްތަކުގެ ތެރޭގައި، ވިޓަމިން އޭ، ވިޓަމިން ސީ، ވިޓަމިން އީ އަދި ފޮލިކް އެސިޑް ހިމެނެއެވެ.

އަންނާރުން ލިބޭ ބައެއް ސިއްޚީ ފައިދާތަކަށް ބަލާއިރު ދިރާސާތަކުން ދައްކާގޮތުގައި އަންނާރު ޖޫސް ކޮންމެ ދުވަހަކު ބޭނުންކުރުމަކީ ހަށިގަނޑުގައި ލޭދައުރުވުން ރަގަޅުކުރުމުގައި އެހީތެރިވެދީފާނެ ކަމެކެވެ.

އަންނާރުގައި ހިމެނޭ ތަފާތު އެންޓި އޮކްސިޑެންޓް ތަކުގެ ސަބަބުން ލޭހޮޅިތަކުގައި ސަރުބީ ތަތްވުން ހުއްޓުވައި ލޭހޮޅިތައް ބެދުނަނުދީ ހިފަހައްޓައިދެއެވެ. ނަތީޖައެއްގެ ގޮތުން ސްޓްރޯކް ޖެހުން، ހާރޓް އެޓޭކް ޖެހުން ފަދަ ހިތާއި ލެހޮޅިތަކާއި ގުޅުންހުރި ބަލިތައް ޖެހުމުގެ ފުރުޞަތު ކުޑަކޮށްދެއެވެ.

އަދި އެހެން ދިރާސާއަކުން ދައްކާފައިވާ ގޮތުގައި ކޮންމެ ދުވަހަކު 1.7 އައުންސްގެ އަންނާރު ޖޫސް ބޭނުންކުރުމަކީ ސިސްޓޮލިކް ޕްރެޝަރު 5 އިންސައްތަ ދަށްވާނެ ކަމެކެވެ. މީގެ އިތުރުން ލޭހޮޅިތައް ބޯވެ، ހަރުކޮށްލާ ބަލިތަކާއި، ހުޅާއި މަޑުކަށިތައް ހަލާކުކޮށްލާ ބަލިތަކަށް މިމޭވާ ބޭނުންކޮށްގެން ލުއެއް ހޯދައިދެވިދާނެ ކަމަށް ބުނެވެއެވެ.

މީގެ އިތުރުންވެސް މުހިންމު ގިނަބައިތަކެއް އަންނާރުގައި ހިމެނޭއިރު ދަގަނޑުބައި އަންނާރުގައި ގިނަކަން ފާހަގަކޮށްލެވެއެވެ. ނަތީޖާއެއްގެ ގޮތުން ލޭމަދުވުމުން މެދުވެރިވާ، ވަރުބަލިވުން، ބޯއެނބުރުން، ވަރުދެރަވުން ފަދަ މައްސަލަތަކަށް އަންނާރު ބޭނުންކުރުމުން ލުއިކަން ގެނެސްދެއެވެ.

ހެދުނުގެ ނާސްތާއަށް މިއަށްވުރެ ރަގަނޅު އެއްޗެއްނެތް

ހެދުނުގެ ނާސްތާއަށް ގިނަ އަދަދަކަށް ސޯޑިއަމް، ފެޓްސް، ނައިޓްރޭޓްސް، ފަދަ މާއްދާތައް އެކުލެވޭ ކާނާ ބޭނުންނުކުރުމަށް ޑޮކްޓަރުން ލަފާދީފައިވާއިރު ހެދުނުގެ ނާސްތާއަށް ޔޯގަޓަކީ އެންމެ ރަނގަޅު އެކައްޗެވެ.

ގިނަ އަދަދަކަށް ކެލްސިއަމް ޔޯގަޓްގައި އެކުލެވެގެން ވާއިރު ވިޓަމިންސް، އަދި ޕްރޮޓީން ގިނަ އަދަދަކަށް ޔޯގަތްގައި ހިމެނެއެވެ. ޔޯގަޓްގެ ތެރެއިންވެސް އެންމެ ރަނގަޅީ ފުރުޓް ފްލޭވާޑް ޔޯގަޓަށްވުރެ ޕްލެއިން ޔޯގަޓެވެ.

ޔޯގަޓްގައި ހަޖަމު ކުރުމުގެ ނިޒާމަށް އެހީތެރިވެދޭ އެންޒައިމްސް އާއި ލައިވް ކަލްޗާޒް އެކުލެވެ އެވެ. އަދި ޔޯގަޓްގައި ހިމެނޭ ވިޓަމިން ބީ 12 އަކީ ވެސް ހަޖަމު ކުރުމަށް އެހީތެރިވެދޭ މުހިންމު އެއްޗެކެވެ.

މީގެ އިތުރުން ބަނޑުގައި އުފެދޭ ބެކްޓީރިއާތައް ސާފުކޮށް ދިނުމުގައި ޔޯގަޓްގެ އެހީތެރިކަން ވަރަށް ލިއްބައިދޭއިރު،  ޔޯގަޓް ކެއުމުން ބަނޑުގެ ބަލިތަކަށްވެސް ފަރުވާއަކަށް ފުދެ އެވެ. ބަނޑު ސަކަރާތްވުމުން ޔޯގަޓް ކެއުމުން ބައެއް ޑޮކްޓަރުން އިރުޝާދު ދެނީ އެހެންވެގެންނެވެ.

ފިލްމު “ލީނާ” މިމަހުގެ 10ވަނަދުވަހުގެރޭ ހިތަދޫގައި ދައްކަނީ

އޮލިމްޕަހުގައި ކާމިޔާބު ޝޯވް ތަކެއް ދައްކާފައިވާ ދިވެހި ފިލްމު “ލީނާ” މިމަހުގެ 10ވަނަ ދުވަހުގެރޭ އައްޑޫސިޓީ ހިތަދޫގައި އެޅުވުމަށް ނިންމައިފިއެވެ.

ފިލްމީ ތަރި އަބްދުﷲ މުއާޒް (މުއާ) ޑައިރެކްޓްކޮށްފައިވާ މި ފިލްމަކީ ރާއްޖޭގައި ހިނގާފައިވާ މަރުގެ ހާދިސާ އަކާއި ގުޅޭގޮތުން ތައްޔާރުކޮށްފައިވާ ފީޗާ ފިލްމެކެވެ.

މިހާރު އައްޑޫސިޓީ މަރަދޫގައި މިފިލްމް ދައްކަމުންދާއިރު ހިތަދޫގައި މިމަހުގެ 10 އަދި 11 ވަނަދުވަހުގެ ރޭ މިފިލްމު އަޅުވަނެ އެވެ. ހިތަދޫގައި ފިލްމު ދައްކާނީ ބިލަބޮންގ ހައި ސްކޫލްގައެވެ.

އަދި މި ފިލްމުގެ ޓިކެޓު ބައްލަވައިގަތުމަށް ޝައުގުވެރިވާ ފަރާތްތަކުން 9499676 އަށް ގުޅައިގެން ޓިކެޓް ގަތުމުގެ ކަންކަން ހަމަޖެހޭނެކަމަށް ފިލްމު އަޅުވާ ފަރާތުން ބުނެއެވެ.

މާސްޓާސް ހަދައިގެން ލިބުނު ވަޒީފާ ދޫކޮށް ޔަތީމުންނަށް ކައްކާ ކާންދިނުމުގައި

ހުދު ކުރުތާއަކާއި ހަރުވާޅެއް އަދި ބޮލުގައި ތާކިހަލެއް އަޅައިގެން ހުންނަ މީހެކެވެ. އަބަދުވެސް މޫނުމަތިން ފެންނާނީ ހިނިތުންވުމެވެ. ހާއްސަ ކަމަކީ ބޮޑެތި ތެލީގައި ކުޅުދިޔާ ކޮށްލާ ކަހަލަ އިންޑިއާގެ އިތުރުން ދުނިޔޭގެ އެކިކަހަލަ ކެއުންތައް ކެއްކުމެވެ. އެވެސް ހާމައަށް ހުންނަ ތަންތަނުގައެވެ.

މި ސިފަކޮށްދެވުނީ މިފަހުން ފޭސްބުކް ނުވަތަ ޔޫޓިއުބުން ފެނިފައިހުރި މީހެއްގެ ވާހަކަ ކަމަށް ވެދާނެއެވެ. މި ދައްކަނީ “ނަވާބްސް ކިޗަން ފުޑް ފޮ އޯލް އޯފަންސް”ގެ ނަމުގައި ޔޫޓިއުބް ޗެނަލްއެއް ހިންގާ، އެތައް ހާސް ބަޔަކަށް މިއަދާ ޖެހެންދެން ވެސް ކާންދެމުން އަންނަ އިންޑިއާގެ ޙާޖާ މުއިނުއްދީންގެ ވާހަކައެވެ.

އެކިކަހަލަ މޮޅެތި ބިރިޔާނީ ތަކާއި އަވަނެއް ނެތި ފިހެލާ ވައްތަރު ވައްތަރުގެ ކޭކުތަކުގެ އިތުރުން އެކިކަހަލަ މޭވާއިން އޮލަކޮށް ގިރާލާ ޝޭކްތަކާއެކު މިއަދު މުޅި ދުނިޔޭގެ 1.2 މިލިއަން ސަބްސްކައިބާސް އޭނާގެ ޔޫޓިއުބް ޗެނެލް ފޮލޯކުރެއެވެ.

އުމުރުން 39 އަހަރުގެ މުއިނުއްދީން ކައްކާ އެ ކެއްކުންތަކުގެ ރަހަ އޭނާގެ ކެއްކުމުގެ އުކުޅާއި ކައްކާއިރު އަޅާ އެއްޗެހިން ރަހަލާވަރު ކޮށްލާއިރު، އޭނާއަށް އެތައް ބައެއްގެ ސަމާލުކަން ލިބިފައިވަނީ މޮޅެތި ކެއްކުންތެރިއަކަށް ވެގެން އެކަންޏެއް ނޫނެވެ. އޭނާ އެކަން ކުރާ މައިގަނޑު ސަބަބެވެ.

އެއީ އޭނާ ކައްކާ ކޮންމެ އެއްޗެއް، ހުރި ގޮތަށް ޔަތީމުންނަށް ބެހުމެވެ. ކޮންމެ ހަފްތާއަކު އެވްރެޖްކޮށް ދޭއް ނުވަތަ ތިން ވީޑިއޯ އޭނާ ޔޫޓިއުބަށް އަޕްލޯޑްކުރާއިރު، ކެއުންތަކުން އެތައް ޔަތީމު ކުއްޖެއްގެ މޫނަށް ހިނިތުންވުން އޭނާ ގެނެސްދެއެވެ.

އެގޮތުން، މުއިނުއްދީނުގެ ޓީމުން މަހަކު ގާތްގަނޑަކަށް 1200 ޔަތީމު ކުދިންނަށް ކާންދޭއިރު، މިހާރު އޭނާ އެކަންކުރާތާ ގާތްގަނޑަކަށް ތިން އަހަރު ވެއްޖެއެވެ.

ކޮންމެއަކަސް މުއިނުއްދީންގެ ވާހަކައެވެ. އޭނާއަކީ އަންދްރަ ޕްރަދޭޝްގެ މެދުފަންތީގެ އާއިލާއަކަށް އުފަން، ތެލަންގަނާގައި ބޮޑުވި މީހެކެވެ. އަދި އޭނާގެ އަންހެނުން، ނަހީދާ ބެގަމްއާ ކައިވެނިކުރުމަށްފަހު މުއިނުއްދީން މިހާރު ދިރިއުޅެމުންދަނީ ހައިދަރްއާބާދުގައެވެ.

ބިޒްނަސް އެޑްމިނިސްޓްރޭޝަން އިން މާސްޓާސް ހަދައިގެން ހުރި މުއިނުއްދީނަކީ އިންޑިއާގެ ބައެއް މަޝްހޫރު ޓީވީ ޗެނަލްތަކުގައި ގާތްގަނޑަކަށް 13 އަހަރު މަސައްކަތް ކޮށްފައިވާ ޒުވާނެކެވެ.

މުއިނުއްދީން ބުނާގޮތުން، ވަޒީފާތަކުން އޭނާގެ ދިރިއުޅުމުގެ ހަރަދު ބަރަދު ހަމަޖެހުނު ނަމަވެސް، އެކަމުން އެއްވެސް ހިތްހަމަޖެހުމެއް އޭނާއަށް ނުލިބުނު ކަމަށެވެ. އެގޮތުން މީގެ ގާތްގަނޑަކަށް ފަސް އަހަރު ކުރިން، އިޖްތިމާއީ ދާއިރާގައި ތަފާތު ކަމެއް ކުރުމަށް ދެ ރައްޓެހިން ކަމަށްވާ ސްރިނާތް ރެޑީ އަދި ބަގަތް ރެޑީ އާއެކު މަޝްވަރާ ކުރެވުނު ކަމަށް އޭނާ ބުންޏެވެ.

އެވަގުތު އެފަދަ ކަމެއް ކުރާނެވަރުގެ ތަނަވަސް ކަމެއް ނެތުމުން އެކަން އޭރު ނުވި ނަމަވެސް، އޭގެ ދެ އަހަރު ފަހުން މުއިނުއްދީން ޔޫޓިއުބް ޗެނަލް ހަދައި މަސައްކަތް ފެށިއެވެ.

ޔޫޓިއުބް ޗެނަލް ހެދިއިރު ވެސް އޭނާއަކީ ކައްކަން އެނގޭ މީހެކެވެ. އެގޮތުން އިންޑިއާގެ އެކި ހިސާބުތަކުގައި ކައްކާ ކާއެއްޗެހި، އެ އެއްޗެހި ކައްކަން ދަސްކޮށްދޭ ފޮތްތަކުންނާއި ވީޑިއޯތައް ބަލައިގެން އޭނާ ދަސްކުރިއެވެ.

“އެކަނި ދިރިއުޅުނުއިރު، ފޫހިފިލުވާލަން އަހަރެން ކައްކާ އުޅުނިން. އަދި އަހަރެންނަކީ އާދައިގެ މެދުފަންތީގެ އާއިލާއަކުން އައިސްފައިހުރި މީހެއް ކަމުން، ކޮންމެ ފަހަރަކު މީރު ކާއެއްޗެހި ގަންނާކަށް ވެސް ފައިސާއެއް ނުހުރޭ. އެހެންވެގެން ރެސިޕީތައް ބަލައިގެން އަމިއްލަ ބަދިގޭގައި މޮޅެތި އެއްޗެހި ކައްކަން ފެށީ. އަހަރެންގެ ރައްޓެހިންނާއި ހާއްސަކޮށް އަހަރެންގެ ދަރިން، އަހަރެން ކައްކާ އެއްޗެހި މީރު ވެގެން އުޅޭ. އެމީހުން ބުނާނެ އަހަރެންގެ އިންނަނީ ޖާދޫ އަތެކޭ. ނަވާބްސް ކިޗަން ފެށިފަހުން، ފަހަތަށް ބެލުމެއް ނެތް،” މުއިނުއްދީން އޭނާ ކައްކަން ފެށިގޮތް ކިޔައިދިނެވެ.

އެގޮތުން ނުވަ ގަޑިއިރު އަރާމުކަމާއެކު އޭސީ ދަށުގައި މަސައްކަތްކުރަން އުޅުނު މުއިނުއްދީން މިއަދު ގަދަ އަވީގައި ގާތްގަނޑަކަށް 12 ނުވަތަ 13 ގަޑިއިރު ހޭދަކުރެއެވެ.

ކައްކާ ވީޑިއޯ ނެގުމަށް ރަނގަޅު ތަނެއް ހޯދުމާއި، ކައްކަން ބޭނުންވާނެ އެންމެ ފުރިހަމަ އެއްޗެހި ހޯދުމުން ފެށިގެން އެދުވަހެއްގަ ކައްކާ ކެއްކުން ދިރާސާކޮށް، ބޮޑެތި ތެލިތަކުގައި ކައްކާ، އެންމެ ފުރިހަމަ މީރު ކާއެއްޗެއް ހެދުމަކީ އޭނާގެ އެންމެ ބުރަ މަސައްކަތެވެ.

“މި މަސައްކަތް ފަށައިގެން ގާތްގަނޑަކަށް ހަތަރު މަހު، ހުރިހާ މަސައްކަތެއްގައި އުޅުނީ އަހަންނާ ދެ ރައްޓެހިން. މިއަދު އަހަރެމެންނަށް އެހީވާން ހަތް މެމްބަރުންގެ ޓީމެއް އެބައޮތް. އެންމެންނަކީ ވެސް ކެއްކުމަށް ލޯބިކުރާ ޔަތީމުންނަށް ކާންދިނުމުގައި ބައިވެރިވާން ބޭނުންވެގެން އައި މީހުން. ބައެއް ދުވަސް ދުވަހު، ގިނަ ވަގުތު ކޮޅަށް ހުންނަން ޖެހުމުން އަތާއި ބުރައްކައްޓާއި މެޔަށްވެސް ތަދުވޭ. ނަމަވެސް ކައްކާ ނިމި، ޔަތީމުންނަށް އަހަރެން ކެއްކި އެއްޗެހި މީރުވެގެން އުޅޭތީ އެ ތަދުމަތިން ހަނދާން ނެތޭ،” މުއިނުއްދީން ބުންޏެވެ.

އޭނާ ބުނީ، ޔޫޓިއުބް ޗެނަލް ހިންގަން ފެށީ ނިއުސް ޗެނަލްއެއްގައި އުޅެމުން ކަމަށެވެ. އަދި އޭނާ ކުރާ މަސައްކަތް ކުންފުނިން ބަލައިގެން ކަމަށާއި ނަމަވެސް ވީޑިއޯތައް ވައިރަލް ވުމުން، އޭނާގެ މަސައްކަތަށް ބުރޫ އަރާ ކަމަށް ބުނެ، ކޮންމެވެސް އެއްކަމެއް ހިޔާރުކުރުމަށް އެދުނު ކަމަށެވެ.

އަދި އޮފީހުން ނުކެނޑުމަށް ކުންފުނިން މުސާރަ ވެސް ބޮޑުކުރި ކަމަށާއި ނަމަވެސް އޭނާއާއި ދެ ރައްޓެހިން ނިންމީ ވަޒީފާއިން ކެނޑިގެން ޔަތީމުންނަށް ކާންދިނުމުގައި ކުރިއަށްދާން ކަމަށް މުއިނުއްދީން ބުންޏެވެ. އަދި އޭނާ އާއި ދެ ރައްޓެހިން ވެސް ވަޒީފާއިން ކެނޑުނީ އެއްދުވަހެއްގައި ކަމަށް އޭނާ ބުންޏެވެ.

“އަހަރެންގެ ބައެއް އެހެން ރައްޓެހިން ބުނާނެ، މިކަހަލަ ހަޑި މަސައްކަތެއް ތިކުރަނީ ކީއްކުރަންހޭ. މުޅި އުމުރަށް ކައްކާއަކަށް ވެގެންހޭ އުޅެން ބޭނުންވަނީ؟ ހަފްލާތަކަށް ވެސް ކައްކައިދޭން ފަށާނަންދޯއޭ. ކުރިން މިކަހަލަ އެއްޗެހިކީމަ އަސަރުކުރި. ނަމަވެސް ފޭނުންގެ ފަރާތުން ލިބޭ ހިތްވަރުން ކުރިއަށްމިދަނީ. އަހަރެންގެ އަންހެނުން ވެސް މިކަމަށް ވަރަށް ބޮޑު ހިތްވަރެއްދޭ. އޭނާ އާއި ދަރިން އަބަދުވެސް އަހާނެ ކޮން އާއެއްތޯ ކައްކަން އުޅެނީ. އެމީހުންނަކީ އަހަރެންގެ އެންމެ ވަރުގަދަ ސަޕޯޓް ސިސްޓަމް،” މުއިނުއްދީން ބުންޏެވެ.

އޭނާ ބުނީ، މިއަދު ދުނިޔޭގެ އެކިކަންކޮޅުތަކުގައި އުޅޭ މީހުން ވެސް އެމީހުންގެ މަސައްކަތަށް ތައުރީފުކުރާ ކަމަށެވެ. އަދި ބައެއް ބެލެނިވެރިން، އެމީހުންގެ ކުދިންގެ އުފަން ދުވަސް ފާހަގަކުރަން ބާއްވާ ޕާޓީގެ ފައިސާ ވެސް ޔަތީމު ކުދިންނަށް ކައްކާ ކާންދިނުމުގައި އެހީވުމަށް ފޮނުވަމުންދާ ކަމަށް މުއިނުއްދީން ބުންޏެވެ.

މުއިނުއްދީނާއި އޭނާގެ ޓީމުގެ މަސައްކަތް ހިންގުމަށް ހަމައެކަނި ފައިސާ ލިބެނީ ވީޑިއޯތައް މެދުވެރިކޮށް ލިބޭ ފައިސާ އާއި ބައެއް ހެޔޮ އެދޭ ފަރާތްތަކުންދޭ އެހީއެވެ. އެކަމުގެ ސަބަބުން ވީޑިއޯތައް ހެދުމުގައި ގޮންޖެހުންތަކެއް ހުރި ނަމަވެސް މުއިނުއްދީންގެ ޓީމުން ފެށި މަސައްކަތް ހުއްޓުމުގެ ވިސްނުމެއް ނެތެވެ. އުއްމީދަކީ ގިނަ ޔަތީމުހާނާތަކަށް ގޮސް ގިނަ ކުދިންނަށް ކެއުން ފޯރުކޮށްދިނުމެވެ.

“ކާއެއްޗެއް ނުލިބިފަ ހުރި މީހަކަށް ކާން ދެވުމުން އިހުސާސް ކުރެވެނީ ސުޕަހީރޯއެކޭ. އަހަރެން އަދިވެސް ހަނދާން އެބަހުރި، ގެއެއްނެތި މަގުމަތީގައި އުޅުނު މީހަކަށް ފުރަތަމަ ކާނާ ޕެކޭޖް ދިން ދުވަސް. އޭނާގެ މޫނުމަތިން ފެނުނު އުފާވެރިކަން ފެނިފައި، ސައިކަލުގައި ގެއަށްދިޔައިރު އަހަރެންގެ ހުރިހާ ކަންބޮޑުވުމެއް ފިލި. އެ އުފާވެރިކަން ބަޔާންކުރަން ވެސް ދަތި. އަހަރެން އޭރު ވިސްނާލިން. އެންމެ މީހަކަށް އަހަންނަށް ކާން ދެވިގެން މިހާ އުފާވާނަމަ ހާހެއްހާ މީހުންނަށް ކާން ދެވުމުން އަހަރެން ވާނެ އުފާ،” މުއިނުއްދީން ބުންޏެވެ.

ނޭވާ ހިއްލާ މީހުން އީ-ސިގެރޭޓް/ ވޭޕް ބޭނުން ކުރުން ވަރަށް ނުރައްކާ ބޮޑު

 އީ-ސިގެރޭޓް ނުވަތަ ވޭޕް ބޭނުން ކުރާނަމަ ނޭވާ ހިއްލާ ބަލި ހުންނަ މީހުންނަށް ނުރައްކާ ބޮޑުވާ ކަމަށް ދިރާސާއެއްގައި ބުނެފި އެވެ.

ސައިންޓިފިކް ރިޕޯޓްސްގައި ޝާއިއުކޮށްފައިވާ ދިރާސާއެއްގައި ބުނިގޮތުގައި އީ-ސިނގިރެޓަށް އަޅާ ދިޔާ އެއްޗެހީގައި ނިކޮޓީން އެކުލެވޭ މިންވަރަށް ދަށް ނަމަވެސް، އޭގެ ސިއްހީ ގެއްލުންތައް ކުޑައެއް ނޫނެވެ. އެހެންވެ، ނޭލާވާ ނިޒާމުގައި އެކި ކަހަލަ މައްސަލަތައް ހުންނަ މީހުންނަށް ފްލެވާޑް އީ-ސިނގިރެޓްގެ ސަބަބުން ކުރާ އަސަރު ބޮޑު ކަމަށް ބުންނެފައިވެއެވެ.

އޭނާ ފާހަގަކުރެއްވި ގޮތުގައި ފްލެވާތަކުގެ ތެރެއިން ވެސް ބައެއް ބާވަތްތަކުގެ ނުރައްކާތެރިކަން ވަރަށް ބޮޑެވެ. އަދި އެފަދަ ރަހަތައް ބޭނުންކުރުމުން ނޭވާލުމުގެ ނިޒާމު އިތުރަށް ހަލާކުވެ، ނޭވާ ހިއްލާބަލީގެ އުނދަގޫ ބޮޑުވާ ކަމަށް އެ ރިޕޯޓްގައިވެއވެެ.

ކާމަރަނގަ ކާހިތްވޭތަ؟

ކާމަރަނގަ އަކީ ހުތްފޮނި މީރު މޭވާ އެކެވެ. މިމޭވާ ހުރަހަށް ފޮތި ޖެހުމުން ހުންނާނީ މަލެއްގެ ސިފައިގައެވެ. މިއީ ބިލިމަގާއި އެއްއާއިލާއަކަށް ނިސްބަތްވާ މޭވާ އެކެވެ. ކާމަރަނގައިގައި ތަފާތު ވިޓަމިންގެ ބާވަތްތަކާއި، އެކިއެކި މަޢުދަންތަކާއި، އަދި ވެސް ހަށިގަނޑަށް ފައިދާހުރި އެތަކެއް މާއްދާތަކެއް އެކުލެވިގެން ވެއެވެ. ކާމަރަނގަ އަކީ އާންމުކޮށް މޭވާއެއްގެ ގޮތުގަޔާއި، ތަފާތު ކާތަކެތީގެ ތެރޭގައި ހިމަނައިގެން ބޭނުންކުރާ އެއްޗެކެވެ. ކާމަރަނގައިގެ ފޮނި، އަދި ހުތް ވައްތަރެއް ހުރެއެވެ.

ކާމަރަނގަ އިން ލިބޭ ޞިއްޙީ ފައިދާތައް

• ކާމަރަނގަ އަކީ ވިޓަމިން ސީ އިން މުއްސަދި މޭވާ އެކެވެ. މިހެންވުމުން:-
o ކަށިތަކާއި ދަތްތައް ވަރުގަދަކޮށް ދެއެވެ.
o ދިފާޢީ ބާރު ވަރުގަދަކޮށް ދެއެވެ.
o ހަމާއި، ތެތްދުލިފަށަލަ ތައް ވަރުގަދަކޮށް ދެއެވެ.
o ފްރީ ރެޑިކަލްތަކުން ސެލްތަކަށް ލިބޭ ގެއްލުން ކުޑަކުރެއެވެ. އަދި ކެންސަރުން ހިމާޔަތް ކުރެއެވެ.
o އަރިދަފުސް ރޯގާ ފަދަ ތަފާތު ބަލިތަކުން ދުރުކޮށް ދެއެވެ.
o ފާރުގަނޑު އަވަހަށް ފަސޭހަވެ އެވެ.

ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި ވޭޕް ކުރާ ފުރާވަރުގެ ކުދިން ދެ ގުނަ އިތުރުވެއްޖެ

2017އާ އަޅާބަލާއިރު ވޭޕް ކުރާ ފުރާވަރުގެ ކުދިން ދެ ގުނަ އިތުރުވެފައިވާ ކަމަށް ދިރާސާއަކުން ދައްކައިފިއެވެ.

ނިއު އިންގްލޭންޑް ޖާނަލް އޮފް މެޑިސިންގައި ޝާއިރުކޮށްފައިވާ މިދިރާސާގައި ބުނެފައިވަނީ މިކަން މިގޮތަށް ހިނގާފައިވަނީ އެއް އިރެއްގައި ވޭޕް ކުރުމަކީ ސިއްޙަތަށް ނުރައްކާތެރި ކަމެއް ނޫން ކަމަށް އިޝްތިހާރު ކުރެވިގެން ދިއުމުންް ކަމަށެވެ،

މިދިރާސާގައި އިތުރަށް ބުނެފައިވަނީ ދިރާސާ ކުރެވުނު ކުދިންގެ ތެރެއިން ގްރޭޑް 12 ގައި ކިޔަވާ ކޮންމެ 4 ކުއްޖަކުން އެއް ކުއްޖަކު ވޭޕް ކުރާ ކަމަށާއި އަދި ގްރޭޑް 10 ގައި ކިޔަވަމުން އަންނަ ކޮންމެ 5 ކުއްޖަކުން އެއް ކުއްޖަކު މިކަން ކުރާ ކަމަށެވެ.

މިދިރާސާގައި 42,531 މީހުނާ ވަނީ ސުވާލު ކުރެވިފައެވެ. އަދި މިދިރާސާގައި ޖުމްލަ ގުރޭޑް 8 ކުން 12 އަށް ކިޔަވާ ދަރިވަރުންވަނީ ބައިވެރިކޮށްފައެވެ.