ދިވެހިންގެ އެހީއަށް ސީރިއާގެ ރައްޔިތުން: އުފާ ލިބި އުއްމީދު އާވެއްޖެ، އުމުރަށް ޝުކުރުވެރިވާނަން

“އަހަރެމެން 8 އަހަރު ވަންދެން މިދިޔައީ ބުނެދޭން ވެސް އުދަނގޫ ފަދަ ވޭނާއި ހަމަނުޖެހުންތައް ތަހައްމަލުކޮށް އޭގެ ސަބަބުން އަހަރެމެންގެ ބައްޕައިންނާއި މަންމައިން އަދި ދަރިން އަހަރުމެންގެ އަތްތަކުން ވަޅުލަމުންނެވެ. މިހާ ދުވަސްވީއިރު އަހަރެމެން ހީކޮށްގެން މިތިބީ ދުނިޔެ އަހަރެމެން މަތިން ހަނދާންނެތިފައިވާ ކަމަށެވެ. އަހަރެމެން ހީކުރީ އަހަރެމެން އެހީއަށް އެދިއެދި އެކަމާމެދު ދުނިޔެ ވަރުބަލިވެފައިވާ ކަަމަށެވެ. އަހަރެމެން ހީކުރީ މިތަނުގައި ހިނގާ މާރާމާރީތަކާއި ސުންނާފަތި ކުރުމުގެ މަންޒަރުތައް ފެނިފައި ދުނިޔެ ފޫހިވެފައިވާ ކަމަށެވެ،”

މިއީ ހަނގުރާމައިގެ ސަބަބުން ގޮތްހުސްވެ، ވޭނާއި ހިތްދަތިކަން ތަހައްމަލު ކުރަމުންދާ ސީރިއާގެ ރައްޔިތުންގެ ވާހަކައެވެ. އެމީހުން ދުނިޔެ ސިފަކުރާ ގޮތެވެ. ކުށެއްނެތި ލޯބިވާ އެތައް ބަޔަކު ގެއްލި، ދަތިހާލުގައި އުޅެން މަޖުބޫރުވެފައިވާ އެ ރައްޔިތުންގެ އިހުސާސްތަކެވެ.

މިއީ މިދިޔަ ރަމަޟާން މަހު ސީރިއާގެ ރައްޔިތުންނަށް ދިވެހިން “ލޯތްބާއެކު” ފޮނުވި އެހީއަށްޓަކާ ޝުކުރު އަދާކޮށް އެ ރައްޔިތުންގެ ފަރާތުން ދިވެހިންނަށް ފޮނުވި މެސެޖު ކިޔައިދޭން ފެށި ގޮތެވެ. އެ މެސެޖު އާންމުކުރީ ދިވެހިން ހަދިޔާކުރި އެހީ އެ ރައްޔިތުންނަށް ވާސިލްކޮށްދިން، ހާލުގައި ޖެހިފައިތިބި މުސްލިމުންނަށް އެހީވަމުންދާ ދިވެހި ޖަމިއްޔާއެއް ކަމަށްވާ، އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) އިންނެވެ.

އެ މެސެޖުގައި ދެން ބުނެފައިވަނީ، ދުނިޔެ އެމީހުންގެ މަތިން ފޫހިވެފައިވާ ކަމަށް ހީކުރި ނަމަވެސް މި ރަމަޟާން މަހު އައިއޭސީ އަދި ދިވެހި ރައްޔިތުންގެ ސަބަބުން އެމީހުންގެ ހިތްތަކަށް އާ އުންމީދުތަކެއް ގެނުވައިފިކަމަށެވެ.

“އަހަރެމެންނަކީ ތިބާމެންނަށް އިނގޭވެސް ބައެއް ނޫނެވެ. އަހަރުމެންނާއި ދިމައެއްވެސް ނުވެއެވެ. ލޮލުންވެސް ނުދެކެއެވެ. އަދި އަޑުއެހި ބައެއް ވެސް ނޫނެވެ. އެކަމަކުވެސް ތިބާމެންގެ ކިބާގައި އަހަރުމެންނަށް އެހީތެރިވުމަށްޓަކާ އެވަރުގެ ހިތްހެޔޮކަމެއް ހުރެ އަހަރުމެންނަށް އެހީތެރިވެއްޖެއެވެ. އެއީ ކިތަންމެ ކުޑަ ނުވަތަ ބޮޑު އަދަދަކުން ކަމުގައިވިޔަސް، އަހަރެމެން ތިބާމެންނަށް މުޅި އުމުރަށް ޝުކުރުވެރިވާނަމެވެ. ދެރަކަމަކީ އަހަރުމެންނަށް ތިބާމެން ފޯރުކޮށްދޭ އެހީއަށް ޝުކުރުވެރިވާނޭ ގޮތެއް ނުވެސް އިނގެއެވެ،” ސީރިއާ ރައްޔިތުންގެ މެސެޖުގައި ބުނެފައިވެއެވެ.

އެ މެސެޖުގައި އިތުރަށް ބުނެފައިވަނީ، އެމީހުންގެ މަރުވެފައިވާ ލޯބިވާ ފަރާޓްތައް އަނބުރާނުގެނެވުނު ކަމުގައި ވިޔަސް، އަދި އަހަރުމެންގެ ހަލާކުވެ ސުންނާފަތިވެފައިވާ ގެދޮރަށް އަނބުރާ ނުދެވުނު ކަމުގައި ވީނަމަވެސް ދިވެހިން ފޮނުވި އެހީތަކުން އުފާކޮށްދީފި ކަމަށެވެ. އަދި ސީރިއާއިން ބޭރުން ވެސް އެހީތެރިކަމުގެ އަތެއް ފޯރުކޮށްދޭނެ ބައެއްވާކަން ހިތަށް އެރުމުން އުފާވެރިކަން ލިބި އުއްމީދު އާވެއްޖެކަމަށް ބުނެފައިވެއެވެ.

“…ހިނިތުންވެފައިވާ މޫނުތަކާއި ތިޔަބައި މީހުންނަށްޓަކާ ދުއާ ކުރުމަށްޓަކާ އުފުލާފައިވާ އަތްތައް ކެމެރާއަކުން ދައްކާވަރަށް ވުރެ މާގިނައެވެ. އަހަރެމެންނަށް ކުރެވޭނެހާ ވެސް ކަމަކީ އަހަރުމެންނަށްޓަކާ މާތްﷲ ތިޔަބައި މީހުންނަށް މި ދުނިޔޭގައި ވެސް އަދި ދެން އޮތް ދުނިޔޭގައި ވެސް ތިޔަބައި މީހުންނަށް ހެޔޮ ޖަޒާ ދެއްވުމަށް އެދި ދުވާ ދެންނެވުމެވެ.” އައިއޭސީން އާންމުކުރި ސީރިއާ ރައްޔިތުންގެ މެސެޖުގައި ބުނެފައިވެއެވެ.

އެ މެސެޖުގައި، އައިއޭސީގެ އެންމެހާ އެފިލިއޭޓުންނާއި އަދި އެންމެހާ މެންބަރުންނަށް ޝުކުރުއަދާކޮށް އައިއޭސީގެ މަސައްކަތުގައާއި އަދި ޖަމިއްޔާއަށް އަދިވެސް އިތުރަށް މާތްﷲ ބަރަކާތް ލެއްވުން އެދި ދުވާކޮށްފައިވެއެވެ. އަދި ސީރިއާ ރައްޔިތުންގެ ހިތުގެ އެންމެ އަޑިން މާތް ﷲ އަށްޓަކާ ދިވެހިންދެކެ ލޯބިވާ ވާހަކައާއެކު އީދު މުބާރަކް ބުނެފައިވެއެވެ.

އެންމެ ކޮރަޕްޓް ފަނޑިޔާރު

ނިޔާ ކަނޑައަޅާ މީހުން އިންސާފުން އެއްކިބާވެއްޖެއެވެ. އިންސާފަކީ ގަނެވިއްކާ އެއްޗަކަށް ހަދައި، އެ ބާޒާރުގައި ނިކަމެތި މީހާ ބާކީކޮށްފިއެވެ. ފަނޑިޔާރުގޭގެ އިޖުރާއަތު އަވަސްވުމާއި ލަސްވުމަކީ އަގުމަގު ކުރެވޭ ވިޔަފާރިއަކަށް ހަދައި، އިންސާފާމެދު ކުރާ އުއްމީދުގެ ހުޅުކޮޅުވެސް ނިއްވާލައިފިއެވެ. ޢާންމު ރައްޔިތުން ކޯޓޭ ކިޔާއުޅޭ އެ ވިޔަފާރި މަރުކަޒުން ވިއްކަނީ މައިގަނޑު ދެ ޕްރޮޑަކްޓެކެވެ. އެއީ އަދުލާއި އިންސާފެވެ. ޟަމީރާއި، ސަލާމަތް ބުއްދިއާއި ހޮޔޮ ވިސްނުމަކީ އެ ޕްރޮޑަކްޓްތަކާއެކު ހިލޭދޫކޮށްލެވޭ އެއްޗެކެވެ.

މިކަހަލަ ވާހަކަތަކަކީ އަޅުގަނޑުމެންގެ ކަންފަތަށް ބީރައްޓެހި ވާހަކަތަކަކަށްވީނަމަވެސް މިއީ ދުނިޔޭގެ އެހެން ބައެއް ޤައުމުތަކުގައި ހިނގަމުންދާ ކަންކަމެވެ. މާތްﷲ ގެ ހެޔޮ ރަހުމަތުން، ނިހާޔަތަށް އިންސާފުވެރި ފަނޑިޔާރުން ތިބި މުޖުތަމައުއެއްގައި އުޅުމުގެ ހެޔޮ ނަސީބު އަޅުގަނޑުމެންނަށް ލިބިފައި އޮތަސް، ދުނިޔޭގެ ބައެއް ހިސާބުތަކުގައި ކޮރަޕްޝަނާ ފަސާދައަށް ގޮސް ހައްދު ފަހަނައަޅާފައިތިބި ފަނޑިޔާރުންނާއި ފަނޑިޔާރުގެތައް މަދެއް ނޫނެވެ. ބޭއިންސާފަށް ބީރައްޓެހި މި ޤައުމުގައި ދިރިއުޅޭ ރައްޔިތަކަށް މިކަހަލަ ވާހަކަތައް ޤަބޫލުކުރަން ދަތިވެދާނެއެވެ. އެހެންނަމަވެސް ބައެއް މިސާލުތައް ދަންނަވާލާނަމެވެ.

‘ކިޑްސް ފޮރ ކޭޝް ސްކޭންޑްލް’ މައްސަލަގަނޑު ފުރަތަމަ ޢާންމުވީ 2008 ވަނަ އަހަރު އެމެރިކާގައެވެ. އެއީ ޕެންސިލްވީނިއާގެ ކޯޓެއްގެ ފަނޑިޔާރަކު ހިންގި ބޮޑުވެގެންވާ ޖަރީމާއެކެވެ. ކުޑަކުދިންކުރާ ކުށްތަކުގެ މައްސަލަ ބަލާ މިފަނޑިޔާރު ވަނީ އޭނާގެ ކުރިމައްޗަށް ހުށަހެޅުނު މައްސަލަތަކުގައި 4000 އަށްވުރެ ގިނަކުދިން ޑިޓެންޝަން ސެންޓަރުތަކުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ. އެއީ އެއްވެސް ޙާލެއްގައި އެކުދިން އިސްލާޙްކުރުމުގެ ގޮތުން ކުޅަ ކަމެއް ނޫނެވެ. ޕްރައިވެޓް ޑިޓެންޝަން ސެންޓަރުތަކަކީ އެތަނުން ބަލަހައްޓާ ކުދިންގެ ނިސްބަތުން ސަރުކާރުންނާއި އެކި އިދާރާތަކުން ބޮޑެތި ޢަދަދުން ހޭދަކުރެވޭ ތަންތަން ކަމަށްވެފައި، އެތަނުގައި ތިބޭ ކުދިންގެ ޢަދަދު ގިނަވުމަކީ އެތަނަށް ލިބޭ އާމްދަނީ އިތުރުވާނޭ ކަމަކަށްވާތީއެވެ. އެ ސެންޓަރުތަކުން ގެންދިޔައީ މި ބުނި ފަނޑިޔާރަށް އޭނާގެ ކަޓު ބަރާބަރަށް ދެމުންނެވެ. 2004 ވަނަ އަހަރުން ފެށިގެން 2008 ވަނަ އަހަރާ ދެމެދު އެ ފަނޑިޔާރާ ގުޅޭ 4 މައްސަލައެއް ޖުޑީޝަލް ކޮންޑަކްޓް ބޯޑަށް ހުށަހެޅުނެވެ. އެހެންނަމަވެސް އެ މައްސަލަތައް ބެލުމަށް އެ ބޯޑުން އެއްވެސް ކަމެއް ކޮށްފައެއް ނުވެއެވެ. އޭގެ ފަހުން އެ ތުހުމަތު ކުރެވުނު ފަނޑިޔާރުގެ މައްސަލަ ބެލި، ތަފާތު 48 ކުށެއްގައި އޭނާގެ މައްޗަށް ދަޢުވާ އުފުލުނީ 26 ޖެނުއަރީ 2009 ގައެވެ. ގާތްގަނޑަކަށް 2 އަހަރު ދުވަހުގެ މުއްދަތަށް ދިގުދެމިގެންދިޔަ އެ ޝަރީޢަތް ނިމުނީ 18 ފެބުރުއަރީ 2011 ގައެވެ. އޭނާގެ މައްޗަށް ކުށް ސާބިތުވެ 28 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލާން ޙުކުމް ކުރެވުނެވެ. އެ މައްސަލަތައް ބެލުނުއިރު، އޭނާ ފަނޑިޔާރުކަމުގައި ހޭދަކުރި މުއްދަތުގައި ހޯދާފައިވާ ނުޙައްޤު މުއްސަނދިކަން އެއްބިލިއަން ޑޮލަރަށް އަރާކަންވެސް ހާމަވިއެވެ. އެއީ މުޅި އެމެރިކާވެސް ސިއްސުވާލި ކަމެކެވެ.

ވަރޖިނިއާގެ ކުރީގެ އުއްތަމަ ފަނޑިޔާރުގެ މައްޗަށް ޚިޔާނާތުގެ ކުށް ސާބިތުވީ ނިމިދިޔަ ފެބުރުއަރީ މަހުގެ 14 ވަނަ ދުވަހުއެވެ. ކޯޓުގެ މަރާމާތުގެ ނަމުގައި އަމިއްލަ ގެކޮޅުގެ ބައެއް މަސައްކަތްތައް ކުރެއްވިކަމާއި، ކޯޓުގެ ބޭނުމަށް ގަނެފައިވާ މޭޒާއި ސޯފާ ފަދަ ފަރުނީޗަރުތައް ފެނުނީ އުއްތަމަފަނޑިޔާރުގެ ގެކޮޅުންނެވެ. 24 މަސްދުވަހުގެ މުއްދަތަށް ޖަލަށްލުމާއިއެކު ދިހަހާސް ޑޮލަރުގެ ޖޫރިމަނާއެއް ދައްކަން އުއްތަމަފަނޑިޔާރުގެ މައްޗަށް ވަނީ ޙުކުމް ކުރެވިފައެވެ. ކޯޓުގައި މަސައްކަތްކުރެއްވި މުއްދަތުގައި އުއްތަމަފަނޑިޔާރު ވަނީ ވަރޖިނިއާގެ ޕޮލިޓިކަލް ކޮރަޕްޝަންގެ ތާރީޚާ ގުޅޭ ބޮޑު ފޮތެއްވެސް ލިޔުއްވާފައެވެ. ކޮރަޕްޝަންގެ ކުށް އެންމެ ފަހުން ސާބިތުވީ އެ އުއްތަމަ ފަނޑިޔާރުގެ މައްޗަށެވެ.

އެމެރިކާގައި ފަނޑިޔާރުންގެ މައްޗަށް ތުހުމަތުތައް ކުރެވުނީމާ އެ މައްސަލަތައް ބަލައެވެ. ނުބަލައިފިނަމަ އެ މުއައްސަސާވެސް ޒިންމާކުރުވައިގެން އެ މައްސަލަތައް ބަލަން މެދުވެރިކުރެވެއެވެ. ދެންވެސް ނުބަލައިފިނަމަ ޢާންމު ރައްޔިތުންނާހަމައަށް އެކަމެއް ތިލަވެ، އެކަމެއް ޤާނޫނުގައި އޮތް މަގަށް ގެންދިއުމަށް ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު ބާރުއަޅައެވެ. އެ ގައުމުގެ މީހުން އެގޮތަށް އެކަން ކުރަނީ އެ ގައުމުގައި މަސައްކަތްކުރާ ފަނޑިޔާރުންނަކީ އިންސާނުންނަށްވާތީ ކުށެއް ކޮށްފާނޭކަމަށް އެމީހުން ޤަބޫލުކުރާތީއެވެ. އެ ގައުމުގައި މަސައްކަތްކުރާ ބައެއް ފަނޑިޔާރުންގެ މައްޗަށް ބައެއް ފަހަރަށް އެފަދަ ތުހުމަތުތައްވެސް ކުރެވޭތީއެވެ. އަދި ފަނޑިޔާރުގޭގެ އިންސާފުވެރިކަމަކީ ޤައުމިއްޔަތުގެ އެންމެ މުހިންމު އުންސުރުކަމަށް އެމީހުން ޤަބޫލުކުރާތީއެވެ.

| މަސްދަރު: މަޙްފޫޒް ބުލޮގް

ރައްޔިތެއްގެ ހިޔާލެއް: “ކުރީގެ ޕްރިފެކްޓުންނާއި ކެޕްޓަނުންނަށް ވެސް އިނާޔަތް ލިބޭނެ ގޮތް ހަދަންވީ”

އަޅުގަނޑުމެންގެ “އިއްޒަތްތެރި މެންބަރުން” ނަށް ބަލާލަމާތޯއެވެ. މެންބަރުކަމަށް ކުރިމަތިލުމަށް ވަކި ހާއްސަ ތައުލީމީ ޝަރުތުތަކެއް ހުންނާކަށް ނުޖެހެއެވެ. ފަސް އަހަރުގެ ދައުރަކަށް އިންތިހާބު ކުރާއިރު ރައްޔިތުންގެ ފައިސާއިން ބޮޑު މުސާރައާއި އިނާޔަތް ނަންގަވައިގެން ގިނަ ފަހަރު އުޅުއްވަނީ ޗުއްޓީގައި ބޭރު ކަރަކަރާގައެވެ. ނޫނިއްޔާ ގިނަ ޖަލްސާތަކަށް ހާޒިރެއް ނުވެއެވެ.

މިވަރުން ނިންމާލެވޭ ކަށް ނެތެވެ. ރައްޔިތުން މަޖިލީހުގެ މެންބަރުންގެ މުސާރަ އާއި އިނާޔަތް ކަނޑައެޅުމުގެ ބާރުވެސް އޮތީ އެބޭފުޅުންނަށެވެ. އެބޭފުޅުންނާ ގުޅުންހުރި ހުރިހާ ބިލެއް ބޮޑު އަގުލަބިއްޔަތުން ފަޓާސް ބަރިއެއްހެން ނިންމާލެވޭއިރު ރައްޔިތުންނަށް ފައިދާއެއްވާ ކަމަކަށް އެތައް ވަގުތެއް އިސްރާފުކުރެއެވެ.

އަދި ކިއެއްތޯއެވެ. މިހާރު އޮންނަ ގޮތުން މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބަވާ ބޭފުޅުންނަށް ވެސް ދައުލަތުން ހަރަދު ކުރަންޖެހެއެވެ. އެގޮތުން އެއް ދައުރު ކުރުމުން އެލަވެންސްގެ ގޮތުގައި 25000 އަށްވުރެ ގިނަ ރުފިޔާ ލިބޭއިރު، ދެ ދައުރު ފުރިހަމަކޮށްފައިވާ މެންބަރަކަށް 38000 ރުފިޔާ ލިބޭނެއެވެ.

އަތުންފައިން މަސައްކަތެއް ނުކޮށް ލިބޭ މި އިނާޔަތްތަކާއެކު އެ މެންބަރަކަށް ހިމާޔަތާއި ރައްކާތެރިކަމުގެ ގޮތުން ލިބޭ އިނާޔަތްތަކާއި ބޭސްފަރުވާގެ އިންޝުއަރެންސް ސްކީމްތައް ވެސް ހުރެއެވެ.

ބައިތުލް މާލުން ބޮޑު ހޭދައެއް މި އިއްޒަތްތެރިންނަށް ކުރާއިރު ވެސް މެންބަރުކަން ކޮށްފައި ތިއްބެވި ބޭފުޅުންގެ ހިތެއް ނުފުރެއެވެ. އަދިވެސް މަސައްކަތް ކުރައްވަމުން ގެންދަވަނީ އިތުރު އިނާޔަތްތަކެއް ހޯއްދެވުމަށެވެ. ނިކަމެތި ފަގީރެކޭ އެބޭފުޅުންނެކޭ ތަފާތެއް ނެތެވެ.

އެގޮތުން ކުރީގެ މަޖިލިސް މެމްބަރުންނަށް އިތުރު އިނާޔަތްތަކެއް ދިނުމަށް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒުތަކާއި ބާރުތަކުގެ ގާނޫނަށް ނިމިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެވަޑައިގެން ތިން މެންބަރަކު ވަނީ އިސްލާހު ހުށަހަޅުއްވައިފައެވެ.

އެގޮތުން ތިމަރަފުށީ ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ ވަނީ މަޖިލިސް މެމްބަރުކަން ކޮށްފައިވާ މީހަކަށް އެއާޕޯޓް ވީއައިޕީ ސާވިސް ލިބޭ ގޮތަށް ގާނޫނަށް ބަދަލު ގެނައުމަށް ހިމަނައިފައެވެ. ނަމަވެސް އެ ބިލު މުސްތަފާ ވަނީ ފަހުން އަނބުރޭ ގެންދަވައިފައެވެ.

ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފު ވަނީ، ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭގޮތަށް އޮތް އޮތުމަށް ބަދަލު ގެނެސް މެމްބަރުކަން ކުރި މީހާއަށާއި އެމީހާގެ ފިރިމީހާ ނުވަތަ އަނބިމީހާއަށް ޑިޕްލޮމެޓިކް ޕާސްޕޯޓް ލިބޭ ގޮތަށް ބަދަލު ގެންނަން ހުށަހަޅައިފައެވެ.

އަދި މެންބަރުކަން ކުރި މީހަކަށް އިންޝުއަރެންސް ސްކީމުގެ ދަށުން ބޭސްފަރުވާ ލިބޭނެ ކަމަށް ގާނޫނުގައި އޮތް އޮތުން ބަދަލުކޮށް، މެންބަރުކަން ކޮށްފައިވާ މީހުންނާއި އެމީހުންގެ އަނބިން ނުވަތަ ފިރިން އަދި 18 އަހަރު ނުވާ ކުދިންނަށް ވެސް އިންޝުއަރެންސް ސްކީމްގެ ދަށުން ބޭސްފަރުވާ ލިބިދޭންޖެހޭ ގޮތަށް ވެސް އަބްދުއްލަތީފު ހުށަހެޅިއެވެ.

މި ބިލުތަކަށް އާންމުންގެ ގިނަ ފާޑުކިޔުންތަކެއް އަމާޒުވެފައިވާއިރު، އެތައް ބައެއް ނަފްރަތާއި ރުޅިވެރިކަން ދަނީ ސޯޝަލް މީޑިއާއަށް ބަންޑުން ކުރަމުންނެވެ. ސަބަބެއް ވެސް ނެތިއެއް ނޫނެވެ. ވެރިންނަށް ބޮޑެތި އިނާޔަތްތަކެއް ދޭއިރު އާންމު ރައްޔިތު މީހާ އަތާ އަގަޔާ ދިމާކުރަން ގަނަތެޅެން ޖެހޭތީއެވެ.

އެގޮތުން މެންބަރުންގެ އިނާޔަތްތައް އިތުރު ކުރުމާ ގުޅޭގޮތުން ގިނަ ބަޔަކު ކުރި ބަހުސްތަކާއި ހިއްސާކުރި ހިޔާލުތަކުގެ ތެރެއިން ޓުވިޓަރުގައި ރައްޔިތަކު ހިއްސާކުރި ހިޔާލަކަށް ބަލާލާނަމެވެ.

ހުޒާމް ނަމަކަށް ކިޔާ އައިޑީއަކުން އިއްޔެ ކުރި އެ ޓުވީޓުގައި އޭނާ ބުނެފައިވަނީ “ކުރިން ޕްރިފެކްޓް ކަން ކުރި ކުދިންނާއި، ހައުސް ކެޕްޓަންކަން ކުރި ކުދިންނާ، އިސްކޫލް ކެޕްޓަންކަން ކުރި ކުދިންނަށް ވެސް އިނާޔަތްތަކެއް ލިބޭނެ ގޮތް ހަދަންވީ” ކަމަށެވެ.

އެގޮތުން އޭނާ ހުށަހެޅި އިސްލާހަށް ބައެއް މީހުން ތާއީދުކޮށް ރީޓުވީޓް ކޮށްފައިވާއިރު، އެކަކު ވަނީ ސްކޫލުގައި އަދާކުރި ޕޯސްޓަކީ ހިލޭ ސާބަހަށް ކުރި މަސައްކަތެއް ކަމުން އެއީ ގައުމީ ހިދުމަތެއް ކަމަށް ބުނެ އެކަމަށް ތާއީދު ކޮށްފައެވެ.

ތެދެއްތާއެވެ. ޕްރިފެކްޓުންނާއި ކެޕްޓަނުންގެ މަގާމަކީ ވަކި ތައުލީމީ ފެންވަރެއް، އަހުލާގެއް ހުރެގެން ސްކޫލް ކުދިން ހޮވާ މަގާމުތަކެކެވެ. ސްކޫލަށް ބަރާބަރަށް ހާޒިރުވެ ކިޔަވަމުން އަދާކުރަންޖެހޭ އެ ޒިންމާއަށް އިތުރު އެލަވެންސެއް ނުލިބެއެވެ.

އެފަދަ މަގާމެއްގައި ހުރުމުން ވާންޖެހެނީ އެހެން ކުދިންނަށް ނަމޫނާއަކަށެވެ. އެހެން ކުދިންނަށް މިސާލު ދެއްކެވުމަށެވެ. ކަންކަން ނިންމުމުގައި ހައުސްއެއް ނުވަތަ ހަރަކާތެއް ކުދިންގެ ހިޔާލާ މަޝްވަރާ ހޯދަންވެސް ޖެހެއެވެ.

އެހެންކަމުން މެންބަރުންނަށް އިނާޔަތް ދިނުމަށްވުރެ މި މަގާމުތައް ފުރި ކުދިންނަށް އިނާޔަތްދޭން އަޅުގަނޑުވެސް ތާއީދެވެ.

އަތޮޅުވެރިންނަށްވެސް ހިއްޕޭނީ ވަލުގައެވެ.

ދައުލަތުގެ މުއައްސަސާތަކުން އެކަށީގެންވާ ގޮތުގައި މަސައްކަތްނުކުރާ ކަމުގެ އަޑަށް އަޅުގަނޑުމެންގެ ކަންފަތްތައް ފަރިތައެވެ. ކުޑައެއް ބޮޑެއް ނެތި އެވާހަކަ އެމަގުން ނުދައްކާ އެކަކު ނެތެވެ. ދައުލަތުގެ މުއައްސަސާތައް ހިންގަންތިބި މީހުންވެސް ދައްކަނީ ހަމަ އެވާހަކައެވެ. ރާގުގައި ކުޑަ ތަފާތުތަކެއް ހުއްޓަސް ކިޔަނީ އެއް ލަވައެކެވެ.

ދައުލަތުގެ ކަންކަން އިންތިޒާމު ކުރެވިފައި އޮތީ ޤާނޫނުއަސާސީއޭ ކިޔުނު ލިޔުމުގެ މައްޗަށެވެ. އެ ފޮތުގައި ދައުލަތުގެ ކަންކަން އިންތިޒާމު ކުރުމަށްޓަކައި އެކަށައެޅީ މައިގަނޑު ތިން ކަމެކެވެ. އެއީ ދައުލަތުގައި ހިމެނޭ އަފްރާދުންގެ ތެރެއިން އަމުރުވެރިކަން ހިންގާނޭ ބަޔަކު އެކަށައެޅުމާއި، އިސްތިސްނާއެއްނެތި ހުރިހާ އެންމެން އަމަލުކުރަންޖެހޭނޭ ގޮތް ބުނެދޭނޭ ބަޔަކު އެކަށައެޅުމާއި، މި ބުނެވުނު ދެ ބާރުގެ ޢަމަލުތަކާއި، ދޭދޭ ފަރުދުންގެ މެދުގައި އުފެދޭ އަރައިރުންތަކަށް ނިޔާ ކަނޑައަޅާނޭ ބަޔަކު އެކަށައެޅުމެވެ. އާދެ ވެރިކަން ކުރާނޭ ބާރަކާއި، ޤާނޫނު ހަދާނޭ ބާރަކާއި، ނިޔާ ކަނޑައަޅާނޭ ބާރެއް އެކަށައެޅުމެވެ. ޤާނޫނުއަސާސީ އެއޮތީ އެކަންކަން ތަރުތީބުކޮށްދީފައެވެ. އެ ހިސާބުން ކަންކަމެއް ނުނިމެއެވެ. އެ ބާރުތަކުގެ މަސައްކަތްތަކަށް ފާރަވެރިވާ މިނިވަން މުއައްސަސާތަކެއް އެބަ ހުންނަންޖެހެއެވެ. ފަސާދަ ބަލާނޭ ބަޔަކާއި، އިންސާނީ ޙައްޤުތައް ނެގެހެއްޓުމުގެ އިސް ބަޔަކާއި، ނިޔާ ކަނޑައަޅާ މީހުންގެ ޢަމަލުތަކަށް ފާރަވެރިވާނޭ ބަޔެކެވެ. އަޅުގަނޑުމެން މިކިޔާ މިނިވަން މުސްތަޤިއްލު މުއައްސަސާތަކެވެ. މިއީ ސަރުކާރަށް ކޮންޓްރޯލެއް ނެތް، ހަމައެކަނި ރައްޔިތުންގެ މަޖިލީހަށް އާދެ ރައްޔިތުންނަށް ޖަވާބުދާރީވާންޖެހޭ ދައުލަތުގެ އިދާރާތެކެކެވެ.

މި ދެންނެވި މިނިވަން މުއްސަސާތަކުގެ ޒިންމާތަކާއި، ވާޖިބުތައް ޤާނޫނުއަސާސީގައިއާއި، ޤާނޫނުތަކުގައި އޮންނަނީ ބުނެދީފައެވެ. އެ ޒިންމާތައް އަދާކުރުމުގެ ބާރުވެސް އޮންނަނީ ދީފައެވެ. އޭގެ އިތުރުން އެ ޒިންމާތަކާއި ޙަވާލުވާ މީހުން، ވަކި އަތަކަށް ނުޖެހި އެބައިމީހުންގެ މުސްތަޤިއްލު ރައުޔުގެ މައްޗަށް ކަންކަން ނިންމާނޭކަމުގެ ހުވައެއް ކުރުންވެސް ޤާނޫނުއަސާސީ ލާޒިމުކުރެއެވެ. އެ ގޮތަށް ޢަމަލު ނުކޮށްފިނަމަ ހެދޭނޭ ގޮތްވެސް ޤާނޫނުއަސާސީގައި އޮންނަނީ ބުނެދީފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންއާ ބެހޭ ކަމެއްގައި އެ އިދާރާއިން އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރާކަމަށް ފެނިއްޖެނަމަ، އެކަމުގެ ޝަކުވާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިދާނެއެވެ. އެމަޖިލީހުގައި އޮންނަ މިނިވަން މުއްސަސާތަކުގެ ކޮމިޓީއަށް އެ ކޮމިޝަންގެ މެންބަރުން ހާޒިރުކުރެވިދާނެއެވެ. ވެގެން އުޅޭ ގޮތެއް ސާފުކުރެވޭނެއެވެ. އެ އިދާރާ އެކަށީގެންވާ ގޮތެއްގައި މަސައްކަތް ނުކުރަނީ އެ އިދާރާ ހިންގުމަށް މަތިކުރެވުނު އިންސާނުންގެ ނާޤާބިލުކަމުން ކަމަށް ފެންނަނަމަ މަޤާމުންވެސްވަކިކުރެވޭނެއެވެ. އެއަށްވުރެ ރަނގަޅު ބަޔަކު ހޯދަން އިޢުލާނުކޮށް އެކަން ކުރެވޭނޭ ބަޔަކު މަސައްކަތަށް އިސްކުރަންވީއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނަށް ޤާނޫނީ ބާރު ލިބިދީފައި އޮންނަނީ ފުޅާ ދާއިރާއެއްގައެވެ. ތަޙުޤީޤުކުރުމަށް ބަލާފާސްކުރުމާއި، މުދާ ހިފެހެއްޓުމާއި، ވަގުތީ ގޮތުން ކަންކަން މަޑުޖައްސާލަން އަމުރުކުރުންފަދަ މުހިންމު ބާރުތައް އެކޮމިޝަނަށް ލިބިދީފައި އެބަހުއްޓެވެ. މި ހުރިހާ ބާރުތަކެއް ޤާނޫނުއަސާސީއިންނާ ޤާނޫނުން ލިބިއޮވެމެ އެ ކޮމިޝަނުގެ ޒިންމާ އެކަށީގެންވާ ގޮތެއްގައި އަދާކުރާ ތަނެއް ނުފެނެއެވެ. މި ލިޔުމުގެ ސުރުޚީއާ ލިޔުމާ ގުޅެނީ މިހާހިސާބުންނެވެ.

ލިޔުމުގެ ސުރުޚީގައި އެއޮތީ މިސާލު ބަހެކެވެ. ލ އަތޮޅު ގަމުގައި ހިނގިކަމަށްބުނާ އެ ހާދިސާ ޢަބްދުﷲ ޞާދިޤުގެ “ދިވެހި އަދަބީ ބަސްތަކުގެ ތެރެއިން މަޖާޒާއި މިސާލުބަސް – 2008” މިފޮތުގައި ލިޔުއްވާފައި އޮވެއެވެ. ގަމަށް ފުރެއްދެ އޮޑިއެއް އެހެލަން އޮތް ދުވަހު އެރަށު ނެވީންގެ ތެރެއިން އަލީފުޅުގެ ހިލަމެއް ނުވިއެވެ. ރައްޔިތު މަސައްކަތަށް ނުނިކުތުމަކީ ކުށްވެރިވާ ކަމެކެވެ. އަލީފުޅު މަސައްކަތަށް ނުނުކުންނަކަން އެނގިގެން އަތޮޅުވެރިން އޭނާ ބަލައި ފޮނުވައިގެން ހާޒިރުކޮށް، ބަލަ ކަލޭ މަސައްކަތަށް ނުނުކުތީ ކީއްވެގެންތޯ ސުވާލުކޮށްފިއެވެ. ތިމަން މިއުޅެނީ ބަލިވެއޭ މިއަދަކު މަސައްކަތްކުރާނޭ ހިތްވަރެއް ނެތޭ އަލީފުޅު ބުނެފިއެވެ. އަތޮޅުވެރިން ކޯފާވެފައި އަމުރުކުރެއްވީ ވަލުގައި ހިފައި މަސައްކަތުގައި ބައިވެރިވުމަށެވެ. އަދި އަލީފުޅު އެ މަސައްކަތުގައި ބައިވެރިކުރުވުމަށް އެހެން މީހުންނަށްވެސް ގަދަ އަމުރުކުރައްވައިފިއެވެ. އަލީފުޅު ކަންނެތްކަމާއެކު ވަލުގައި ހިފައިގެން ހުރެ އަތޮޅުވެރިންނަށް ބުނެއެވެ. ތަކުރުފާނުންގެ ބާރުގަދަކަމުން ވަލުގައި ހިއްޕައިފީމުތާއޭ، މަގައިގައި ހުރި ބާރު މަގޭ އަތަށް ގަދަކަމުން ތަކުރުފާނު ލައްވާނީ ކިހިނެއްބާވައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ މެންބަރުންނެކޭ ނެވި އަލީފުޅެކޭ ތަފާތެއް ނެތެވެ. ޤާނޫނުއަސާސީއާ ޤާނޫނުން ކިތަންމެ ބާރެއް ލިބިދީފައި އޮތަސް އެ ކޮމިޝަންގެ މެންބަރުން އިޚްލާސްތެރިކަމާއެކު މަސައްކަތް ނުކުރާހާ ހިނދަކު ނުކުންނާނޭ ނަތީޖާއެއްނެތެވެ. އަލީފުޅަށް ގަދަ އަމުރުކޮށްގެން ބިރު ދެއްކުމުން މަޖުބޫރުން ވަލުގައި ހިފައިފިއެވެ. އޭނާ ގައިގައި ހުރި ބާރެއް މުލައްދަނޑިއަށްލައި މަސައްކަތް ފުރިހަމަކުރެވޭނީ އޭނާ އެކަން ކުރީމައެވެ. އަތޮޅުވެރިންނަށް ހިއްޕޭނީ ވަލުގައެވެ. ވަލަށް ވާންވާނީ ހިފާ މީހަކު އަމިއްލަ ބާރުން ދެމީމައެވެ. ކަންނެތްކަން ދައްކާ މީހަކު ވަލުގައި ހިފައިގެން ހުއްޓަކަސް މި ބޭނުންވާ ނަތީޖާއެއް ނުނެރެވޭނެއެވެ. އެމީހަކު ދުރުކޮށް، ވަލުގައި ހިފަންވީ މަސައްކަތްކުރާނޭ މީހެކެވެ.

| މަސްދަރު : މަޙްފޫޒް ބުލޮގް

ބީއެމްއެލް އިން ސެލްފް ސާވިސް ބޭންކިން ސެންޓަރެއް އުނގޫފާރުގައި ގާއިމްކޮށްފި  

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރ. އަތޮޅުގައި ކުރަމުންދާ އިންވެސްޓްމަންޓް ފުޅާކޮށް މިހާރު ބޭންކުގެ ޚިދުމަތް ދެމުންދާ ބްރާންޗް އެންމެ ޒަމާނީ ބްރާންޗަކަށް ބަދަލުކޮށް ސެލްފް ސާވިސް ބޭންކިން ސެންޓަރެއް އުނގޫފާރުގައި ގާއިމްކޮށްފި އެވެ.

ބީއެމްއެލް އިން ހިންގަމުންދާ އިންވެސްޓްމަންޓް ޕްރޮގްރާމްގެ ދަށުން އުނގޫފާރުގައި ގާއިމްކުރެވުނު އާ ބްރާންޗް ހުޅުވީ މިއަދު އެރަށުގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ބީއެމްއެލް އިން ބުނީ މި ޚިދުމަތް މެދުވެރިކޮށް އަމިއްލަ ފަރުދުންނާއި ވިޔަފާރިތަކަށް 24 ގަޑިއިރު ފައިސާ ޖަމާކުރުމާއި، ފައިސާ ދެއްކުމާއި ޓްރާންސްފާ ކުރުމުގެ ޚިދުމަތް ލިބިގެންދާނެ ކަމަށެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑެޕިއުޓީ ސީއީއޯ އަދި ބޭންކް ހިންގެވުމާ ހަވާލުވެ ހުންނެވި އައިޝަތު ނޫރައްދީން ވިދާޅުވީ އުނގޫފާރުގެ ރައްޔިތުންނަށް އެންމެ ޒަމާނީ އާ ބްރާންޗަކާއި ސެލްފް ސާވިސް ބޭންކިން ސެންޓަރެއް މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދެވޭ ކަމީ ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އުނގޫފާރަކީ ވިޔަފާރި އާއި އިގްތިސާދީ ގޮތުން ބަލާއިރު އަތޮޅުގެ މައި ރަށަށްވުމާއެކު އިންވެސްޓްމަންޓްތަކުގެ ފައިދާ އެ ރަށާ ކައިރި ރަށްތަކުގައި ދިރިއުޅޭ ރައްޔިތުންނަށްވެސް ލިބިގެންދާނެކަން އައިޝަތު ނޫރައްދީން ފާހަގަކުރެއްވި އެވެ.

އުނގޫފާރު ބްރާންޗް ހުޅުވުން ފާހަގަކުރުމުގެ ގޮތުން، ބޭންކުގެ ޑިރެކްޓަރުންގެ ބޯޑުގެ އޭޕްރީލް މަހުގެ ބައްދަލުވުން ބާއްވާފައިވަނީވެސް އާ ބްރާންޗްގަ އެވެ.

އަލިފާނުގެ ހާދިސާތައް ގިނަ! ރައްކާތެރިކަމުގެ ފިޔަވަޅު އަޅާކަށް ނުވޭތަ؟

“މަތިވެރީގައި ހުރި އެންމެ ބޮޑު ގެސްޓްހައުސްގައި ރޯވެއްޖެ”، “މާލޭ ގެއެއްގައި ރޯވެ ލިބުނު ގެއްލުންތަކުގައި 10 މީހުންނަށް ވަގުތީ ހިޔާވަހިކަން ދީފި”، “އދ. އަތޮޅު ފަޅުރަށެއްގައި ރޯވެ އަނދަނީ”، “ގއ. ވިލިނގިލީ ޕޮލިސް ސްޓޭޝަންގައި ރޯވެ ތިން ފުލުހަކަށް ފަރުވާ ދީފި” އެވެ.

މި ދަންނަވާލެވުނީ ނިމިދިޔަ ހަފްތާގައި ރާއްޖޭގެ މީޑިއާތަކުގެ ފަލަ ސުރުހީ އަޅާލަދިން އަލިފާނުގެ ހާދިސާތަކެވެ. ސަމާލުކަމަށް ގެންނަން މިއުޅެނީ އަލިފާނުގެ ހާދިސާތައް ހިނގުން އިތުރުވެއްޖެ ކަމެވެ. ގިނަ ބަޔަކާ ތަންތަނަށް ފޫނުބެއްދޭ ވަރުގެ ބޮޑެތި ގެއްލުންތައް ވަމުންދާ ކަމެވެ.

ކަރަންޓުގެ މައްސަލަތަކުންނާއި ފަރުވާ ކުޑަ ކުރުމުގެ ސަބަބުން ތިމާ ދިރިއުޅުން ރޯވެ އަދާ އަޅިއަށްވުމުގެ ކުރިން، ރައްކާތެރިކަމުގެ ފިޔަވަޅު އަޅަން ނުވަނީތޯއެވެ؟

އެމްއެންޑީއެފުން މައުލޫމާތު ދޭ ގޮތުގައި މިދިޔަ ހަތަރު މަސް ދުވަސް ތެރޭގައި އަލިފާނުގެ 86 ހާދިސާއެއް ވަނީ ހިނގައިފައެވެ.

އޭގެ ތެރެއިން 18 ހާދިސާއެއް ދިމާވެފައި ވަނީ ކަރަންޓުގެ މައްސަލަތަކާ ހެދި ކަމަށެވެ. މިއީ މިދިޔަ ހަތަރު މަހު ރިޕޯޓްކުރި އަލިފާނުގެ ހާދިސާތަކުގެ ތެރެއިން 21 ޕަސެންޓެވެ.

އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިއު ސާރިވިސްގެ ކޮމާންޑަރ، ކާނަލް އަބްދުﷲ އިބްރާހިމް ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާތަކުން ރައްކާތެރިވުމަށް ކުރެވިދާނެ ވަރަށް ގިނަ ކަންކަން އެބަ ހުއްޓެވެ.

ހާއްސަކޮށް އަލިފާނުގެ ހާދިސާތައް ހިނގަން މެދުވެރިވަނީ ކަރަންޓު ބޭނުންކުރެވޭ ގޮތުގެ ސަބަބުން ކަމުން، އެފަދަ ހާދިސާތައް މަދުކުރަން ރައްކާތެރިކަމާއެކު ކަރަންޓު ބޭނުންކުރަން އިސްކަންދޭން ޖެހޭ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެގޮތުން އެމްއެންޑީއެފްގެ އިލްތިމާސަކީ ކަރަންޓު ބޭނުންކުރާއިރު ސޮކެޓު އޯވަލޯޑު ނުވާގޮތަށް ކަރަންޓު ބޭނުންކުރެއްވުމެވެ. ތްރީޕިން ގެ ބަދަލުގައި އެޑެޕްޓަރ ބޭނުންކުރުމެވެ. އިމާރާތުގެ ކަރަންޓް ވައިރިންގ މަދުވެގެން އަހަރަކު އެއްފަހަރު ޗެކް ކުރުމެވެ.

އޭގެ އިތުރުން އިމާރާތްތަކުގެ ވަޔަރިން އަށް އަމިއްލައަށް ބަދަލު ނުގެންނަން އެމްއެންޑީއެފުން އިލްތިމާސްކުރާއިރު، ޑީސީ ކަރަންޓުން ބޭނުންކުރުމުގައި ސަމާލުވުމަށް ވެސް އެމްއެންޑީއެފުން އެދެއެވެ.

މިދިޔަ ހަތަރު މަހަށް ބަލާއިރު ދެން އެންމެ ގިނައިން ރިޕޯޓްކޮށްފައިވަނީ ކައްކަން އުދުމަށް ފަހު އެޔަށް ސަމާލުކަން ނުދީ އެ ބަހައްޓާފައި ދިއުމުން ދިމާވާ އަލިފާނުގެ ހާދިސާތަކެވެ. އެގޮތުން އެފަދަ 16 ހާދިސާއެއް އެ މުއްދަތުގެ ތެރޭގައި ދިމާވެފައިވެއެވެ.

އެހެންކަމުން މިފަދަ ކަންކަމަކީ ތިމާގެ އަމިއްލަ ޒިންމާއެއް ކަމަށް ބަލަންޖެހެއެވެ. ތިމާ އުޅޭ މާހައުލަކީ ތިމާއަށާއި އަނެކާއަށް ރައްކާތެރި ތަނަކަށް ހަދަންޖެހެއެވެ. އަލިފާނުގެ ކޮންމެ ހާދިސާއެއް ދިމާވާނީ ބުނެފައެއް ނޫނެވެ. ދިމާވެދާނެ ނުރައްކަލަކަށް އޭގެ ކުރިން ރައްކާތެރިކަމުގެ ފިޔަވަޅު އެޅުން މުހިންމެވެ. މިކަމާ ވިސްނާލާށެވެ.!

އިންތިޚާބީ މަޤާމުތަކާއި ރައީސް މުހައްމަދު ނަޝީދު

ދިވެހިރާއްޖޭގެ ފަހުގެ ސިޔާސީ ތާރީޚުގެ ގިނަ ސަފްހާތައް ފުރާލެވިފައި ހުރީ ރައީސް ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ މައްޗަށެވެ. ކޮޅުނބުގައި ޕާޓީ ރަޖިސްޓްރީކުރުމާއި އަމިއްލަފުޅަށް އަރުވާލެވިގެން ހޭދަކުރެއްވި މުއްދަތު އެއީ އަދި މާފަހުގެ ތާރީޚެވެ. ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގެ ތާރީޚު އެއަށްވުރެ މާ ދުރަށްވެސް ކިޔެއެވެ.

ރައީސް މުޙައްމަދު ނަޝީދުގެ ސިޔާސީ މަސައްކަތްޕުޅުގައި އެތައް މަޤާމުތަކަކަށް އިންތިޚާބުވެފައި އެބަހުއްޓެވެ. އެ މަޤާމުތަކަށް ރައީސް ނަޝީދު އިންތިޚާބުކުރި މީހުންނަށް ރައީސް ނަޝީދަކީ ކޮން ވިސްނުމެއްގެ ކީއްކުރަންއުޅޭ ކާކުކަން އަބަދުވެސް ވަރަށް ރަނގަޅަށް އެނގެއެވެ. މިހާރުގެ ޒުވާން ޖީލު އުފަންވީއިރު އޮތް ސަރުކާރުގެ ސިޔާސަތުތަކާ ރައީސް ނަޝީދު ދިމާ އިދިކޮޅެވެ. އެކިއެކި އިންތިޚާބީ މަޤާމުތަކަށް ރައީސް ނަޝީދަށް ވޯޓުދޭ މީހުން އެ ވޯޓު ދެމުން ގެންދިޔައީ އެކަން އެނގޭތީއެވެ. އެ ރައްޔިތުންގެ ވިސްނުން ހުރީ ރައީސް ނަޝީދުގެ ވިސްނުމާ އެއްގޮތަށްކަމުގެ މެސެޖްދެނީ އިންތިޚާބީ މަޤާމުތަކަށް ކުރިމަތިލުމުން ދޭ ވޯޓުގެ ގޮތުގައެވެ.

ސިޔާސީ މަޤާމުތަކަށް އިންތިޚާބުވުމާއެކުވެސް، އެ އިންތިޚާބު ކުރެވޭ މަޤާމުގެ ދައުރު ފުރިހަމަނުކުރެވޭ ގޮތް މެދުވެރިވުމަކީވެސް ރައީސް ނަޝީދަށް އަބަދުވެސް މެދުވެރިވާ ޙާލަތެކެވެ. މިހާތަނަށް މަޤާމަކަށް އިންތިޚާބުކުރެވުނު ހަމަ ކޮންމެ ފަހަރަކުވެސް ވީ އެއް ގޮތެކެވެ.

ގަލޮޅު އަވަށު ކޮމިޓީގެ ހިންގާ ސެކެރަޓަރީއެއްގެ ގޮތުގައި ރައީސް މުޙައްމަދު ނަޝީދު އިންތިޚާބު ކުރެވުނީ 1989 ވަނަ އަހަރުއެވެ. އެއީ އެމަނިކުފާނުގެ ފުރަތަމަ އިންތިޚާބީ މަޤާމެވެ. އޭރުވެސް އެއީ ވެރިކަމުގެ ފަރާތުން ރުހިވަޑައިގަންނަވާ ބޭފުޅެއް ނޫނެވެ. އެ އިންތިޚާބުގައި ވާދަކުރެއްވިއިރުވެސް ރައީސް ނަޝީދުގެ މައްޗަށް ދިޔައީ ތަހުޤީޤެއް ކުރެވެމުންނެވެ. ކުރިމަތިލެވޭނޭކަން ޔަޤީންވީވެސް އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވާން ކައިރިވެފައި އޮއްވައެވެ. ގަލޮޅުގައި އުޅޭ އެމަނިކުފާނުގެ ގޭދޮށު ކުދިންކޮޅު ނިކުމެ، ނިކަން ރަނގަޅަށް ކެމްޕެއިންކޮށް ބޮޑު ތަފާތަކުން އެ މަޤާމަށް އިންތިޚާބުކޮށްދީފިއެވެ. އިންތިޚާބުވި މަޤާމުގެ ހުވާކޮށް، މަސައްކަތާއިގެން ނުފެށި އުޅެނިކޮށް ވަޑައިގަންނަވަން ޖެހުނީ ޖަލަށެވެ. ކަރުދާހެއްގައި ގަލަން ހިންގާލެވުނު ގޮތަކުން ކުށްވެރިވީއެވެ. އިންތިޚާބުކުރެވުނު ފުރަތަމަ މަޤާމުގަނޑުވެސް ގެއްލުނީއެވެ.

އޭގެ ފަހުން ހިނގި ވަރަށް ގިނަ ކަންކަމަށް ފަހު، ފުރަތަމަ ފަހަރަށް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ރައީސް ނަޝީދު އިންތިޚާބުވީ 1999 ވަނަ އަހަރުއެވެ. އެއީ މާލެއިން އިންތިޚާބުކުރެވުނު ދެ މެންބަރުންގެ ތެރެއިން އެއް މެންބަރުގެ ގޮތުގައެވެ. އެ މަޖިލީހަށް ހުށަހެޅޭ ބިލުތަކުގެ ބަހުސްތައް ސައިހޮޓަލުގެ މޭޒާހަމައަށް ތިރިކުރެއްވި މެންބަރަކީ އޭރުގެ މާލޭގެ މެންބަރު މުޙައްމަދު ނަޝީދެވެ. އެމަނިކުފާނާއެކު އެކަހަލަ މަޝްވަރާތަކުގައި އޭރު ބައިވެރިވެ އުޅުނު ވަރަށް ގިނަ މީހުންނަކީ މިހާރު މާލޭގައި ނަންހިނގާ ބޮޑެތި ބޭފުޅުންނެވެ. ވިޔަފާރިވެރިންނެވެ. އެކި ދާއިރާތަކުގެ ހިންގުންތެރިންނެވެ. އޭރު ރައްޔިތުންގެ މަޖިލީހުގެ އެތެރޭގައި ކުރެވޭ ބަހުސްތަކުގެ އެކަހަލަ ވާހަކަތައް ޢާންމު ތަންތަނުގައި ދެއްކުމަކީ މަދުން ހިނގާ، ނުވަތަ އެއްގޮތަކަށްވެސް ނުހިނގާ ކަމެކެވެ. އެ ތަހުޒީބު ބަދަލުކޮށްލެވޭތޯ ރައީސް ނަޝީދު އޭރު ވަރަށް މަސައްކަތްކުރެވިކަމަށްވެއެވެ.

ރައީސް ނަޝީދަށް އެ މަސައްކަތުގައި ގިނަ ދުވަހަކު ދެމި ހުރެވޭ ގޮތެއް ނުވިއެވެ. މާލޭގެ މެންބަރުގެ ގޮތުގައި ހުއްޓައި، ވައްކަމުގެ މައްސަލައެއްގައި އެމަނިކުފާނުގެ މައްޗަށް ދައުވާކުރެވި އެ މަޤާމުވެސް ގެއްލުނީއެވެ. އޭރު ހިނގި އެ ޝަރީޢަތް އަޑުއަހަން ކޯޓަށްދިޔަ ހަމައެކަނި ނޫސްވެރިޔާ މުންޑޫ އާދަމް ޙަލީމް ލިޔުއްވާފައި އޮވެއެވެ. “ނަޝީދު ކޯޓަށް ހާޒިރުވެ ވަޑައިގަތުމުން ކޮންމެ ދުވަހަކުވެސް ކޯޓު އޮފިސަރުން ދަންނަވާނެ އެވެ. “ޑިފެންޑެންޓްސް ކަސްޓަޑީ” ގެ ގޮޅިއަށް މަނިކުފާނު ވަދެވަޑައިގަންނަވާށެވެ. ރައީސް ނަޝީދު ވިދާޅުވާނީ އެމަނިކުފާނަކީ ކުށްވެރިއެއް ނޫން ކަމަށެވެ. އެތަނަށް ވަދެވަޑައިގަންނަވާން ޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. ހިނިފުޅުވަޑުވައިފައި ވިދާޅުވާނެ އެވެ. “ނިޒާރު އެވެ! އަދި އަޅުގަނޑު ކުށްވެރިއަކަށް ވެސް ނުވޭ ނޫން ހެއްޔެވެ؟”  އެހުރިހާ މަންޒަރެއް ދެކޭން އަޅުގަނޑު އިންނަމެވެ. ކޮންމެ ދުވަހަކު އެ ހުރިހާ ވާހަކައެއް ދައްކަވައިފައި އެމަނިކުފާނު އެވިދާޅުވާ ގޮޅިއަކަށް ވެސް ވަދެވަޑައިގަންނަވާނެ އެވެ. އެކަމަކު އޭގެ ކުރިން އަޅުގަނޑާ މުހާތަބުކޮށް “އާދަހަލީމް މިވާހަކަ ވެސް ވާނީ ލިޔާށޭ” ވިދާޅުވާނެ އެވެ.”

މުންޑޫ އާދަމް ހަލީމް އިތުރަށް ލިޔުއްވާފައި އޮވެއެވެ. “އެވިދާޅުވާ ވެލާނާގެއަކަށް އަޅުގަނޑު ވެސް ވަނީމެވެ. އަޅުގަނޑާއެކު އޭރު ޖިނާއީ ކޯޓުގެ އިސް ގާޒީއަކަށް ހުންނެވި ޑރ. މުހައްމަދު ޖަމީލު އަހުމަދުގެ ކޮއްކޯފުޅު އަދި ނޫސްވެރިޔާ، އަބްދުﷲ ޖަމީލު ވެސް ވަނެވެ. ލިބުނު އެއްޗެއް އަޅުގަނޑު ވެސް ގެންދިޔައިމެވެ. ޖަމީލު ވެސް ގެންދިޔަ އެވެ. މަންޒަރު ބަލާން މީހުން ވެސް ތިއްބެވެ. ފާރުގައި ބަލާން ހުރެގެން ރައީސް ނަޝީދުގެ މައްސަލަ ބޮޑު ކޮށްލި “ލޮލަށް” އަޅުގަނޑާއި ޖަމީލު ވެސް ފެންނާނެ އެވެ. އެކަމަކު އަޅުގަނޑުމެންނަކާ ސުވާލެއް ނުކުރެ އެވެ.”

ކޮންމެއަކަސް އެފަހަރުވެސް ދައުރު ފުރިހަމަވުމުގެ ކުރިން ރައީސް ނަޝީދުގެ ގޮނޑި ގެއްލިއްޖެއެވެ. އިނގިރޭސިވިލާތުން ހިމާޔަތް ހޯއްދަވައިގެން ވަޑައިގަންނަވަން ޖެހިވަޑައިގެންނެވިއިރު އެއީ މާލޭގެ މެންބަރެއް ނޫނެވެ. ނިކަމެތިކަމާއެކު އެރަށުން ފައްސާ ނަގާލެވުނު، ގ.ކެނެރީގޭ މުޙައްމަދު ނަޝީދު އޭގެ އަހަރުތަކެއްފަހުން، ދެން އިންތިޚާބުވެވަޑައިގަތީ ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާކަމުގެ މަޤާމަށެވެ. އެއީ ރައްޔިތުންގެ ވަރަށް ބޮޑު ތާއީދަކާއެކު ދިވެހިވެރިކަމަށް ގެނެވުނު ބޮޑު އަދި އިންޤިލާބީ ބަދަލެކެވެ. އެހެންނަމަވެސް ރައީސް ނަޝީދުގެ، ކުރީއްސުރެ އޮތް، އިންތިޚާބީ މަޤާމުގެ ދައުރު ފުރިހަމަ ނުކުރެވުމުގެ ތާރީޚު އަލުން އަނބުރާ އިއާދަވިއެވެ. އެ ވެރިކަމުގައި ނިމުމުގެ ސިއްކަޖެހުނު ގޮތާއި އޭގެ ސަބަބުތައް އަޅުގަނޑު ދަންނަވަންޖެހޭވަރަށްވުރެ މާ ސާފެވެ. އެ މަޤާމުން އިސްތިއުފާދެއްވަން ޖެހިވަޑައިގެންނެވި ފަހުން ވެއަތުވެގެން މި ދިޔަ 7 އަހަރު މުޅި ރާއްޖޭގެ ޙާލަތާއި، އެ ޙާލަތުން އަރައިގަތުމަށް ކުރަންޖެހުނު މަސައްކަތާއި އޭގެ ތާރީޚު އެއްވެސް މީހަކަށް އޮޅިފައެއް ނެތެވެ.

އޭގެ 7 އަހަރު ފަހުން މިއަދު، ރައީސް މުޙައްމަދު ނަޝީދަކީ ރައްޔިތުންގެ މަޖިލީހުގެ މައްޗަންގޮޅި މެދުދާއިރާގެ ޢިއްޒަތްތެރި މެންބަރެވެ. މަޖިލީހަށް ވަޑައިގެންނެވީ ބިޔަ ލަޝްކަރަކާއި، ކުރައްވާނޭ މަސައްކަތުގެ 5 އަހަރު ދުވަހުގެ ތާވަލަކާއެކުއެވެ. އެއީ ކެނޑިނޭޅި އިސްލާހަށް މަސައްކަތްކުރި އެތައް ރައްޔިތުންނަށް ލިބުނު ހިތްހަމަޖެހުމެކެވެ.

ފެންނަނީ މި ދަތުރު އަމާންވާނޭކަމަށެވެ. ދުރުން، މާދުރުންވެސް ވިއްސާރައެއްގެ ލިސާނެއްވެސް ފެންނާކަށް ނެތެވެ. އަދި ފެންނާކަށް ނެތެވެ. ރައީސް ނަޝީދުގެ އެ އޮންނަ، އިންތިޚާބީ މަޤާމުތަކުގެ ދައުރު ފުރިހަމަނުކުރެވުމުގެ ތާރީޚް އިއާދަވުމަކީ މިފަހަރު ދިމާވެދާނޭ ޙާލަތެއްކަމަކަށް ނުފެނެއެވެ. އެއީ އިސްލާހީ މަސައްކަތުގައި އުޅުނު އެއްވެސް މީހަކު އަލަކުން ކުރަން ބޭނުންވާނޭ ތަޖުރިބާއެއްވެސް ނޫނެވެ.

| މަސްދަރު: މަޙްފޫޒް ބުލޮގް

ވޯޓު ދޭނީ، މިވާންއުޅޭގޮތާއި، ކުރަން މިއުޅެނީ ކީއްކަން އެނގޭ ކެންޑިޑޭޓަކަށް

ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު ހަމަވިއިރު ހަތަރުސަތޭކައެއްހައި ކެންޑިޑޭޓުން އެތިބީ ރައްޔިތުންގެ ވަކީލުންނަށްވުމަށް ތައްޔާރުވެގެންނެވެ. އެކަމަށް ހުރި ޝައުޤާއި ކުރާ މިންނެތް މަސައްކަތް ދެކިވަޑައިގަންނަވާށެވެ. ލޮލުފިޔައެއް ޖެހުމެއްނެތި، އަތުގައި ހުރިނަމަ ހުރި ފައިސާއެއް ހޭދަކޮށް، އިތުރަށް ދަރަނިވެރިވެގެންވެސް ކުރަން އެއުޅެނީ އެންމެ މަސައްކަތެކެވެ. ރައްޔިތުންނަށް ޚިދުމަތްކުރުމެވެ.

ހޮވެންޖެހޭނީ މަހުޖަނުންކަމަށް ބޭފުޅަކު ވިދާޅުވާއިރު، އެހެން ބޭފުޅަކު ވިދާޅުވަނީ މަހުޖަނުން ހޮވިއްޖެނަމަ، އެންމެ މަދުވެގެން ލިބެންޖެހޭ މުސާރަ ކަނޑައެޅުންފަދަ ކަންކަމަށް ހުރަސްއެޅޭނޭކަމަށެވެ. ހޮވެންޖެހޭނީ ދާއިރާއަށް އުފަން ދާއިރާގެ މީހާ ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވެއެވެ. އެހެން ބޭފުޅުން ވިދާޅުވަނީ މިއުޅެނީ މިތާއޮތް ރަށުއޮޑިއެއް އެހެލަން ކަމަށް ނުވާތީ ރަށު މީހާ މުހިންމު ނުވާކަމަށެވެ. މިނޫނަސް ގޮތްގޮތަށް އެބަ ގިންތިކުރެވެއެވެ.

މި ވާހަކަ ވިދާޅުވާ އަދި އަޑުއައްސަވާ ބޭފުޅަކަށް ފަހުމު ނުވާނޭ ވަރުގެ އެއްޗެއް އަޅުގަނޑެއް ނުބުނާނަމެވެ. ބުނާކަށް ނުވެސް އެނގޭނެއެވެ. ބުނަން އޮތީ ސާފު ސާދާ ވާހަކައެކެވެ. ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުކުރުމުގައި، ރަށުމީހެއް ރަށުން ބޭރުމީހެއް، ތަޖުރިބާހުރި ހަރުމީހެއް ނުވަތަ ޖޯޝުހުރި ޒުވާނެއް، އަތްމަތި ތަނަވަސް މަހުޖަނެއް ނުވަތަ މެދުފަންތީގެ މަސައްކަތްތެރިއެއް، ޤާނޫނީ ވަކީލެއް ނުވަތަ އެނޫން ފަންނެއްގެ ހަރުދަނާ މީހަކަށްވުން އަޅުގަނޑަކަށް މައްސަލައަކަށްނުވެއެވެ. އަންނަ ހޮނިހިރު ދުވަހު ބޭއްވޭ އިންތިޚާބުގައި އަޅުގަނޑު ވޯޓު ދޭނީ، މި ވާންއުޅޭގޮތާއި، ކުރަން މިއުޅެނީ ކީއްކަން އެނގޭ ކެންޑިޑޭޓަކަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށްޓަކައި ތައުލީމީ ޝަރުތެއް ކަނޑައެޅިފައި ނޯންނައިރު، އަޅުގަނޑު ކުރިމަތިކުރުވާ ޝަރުތަކީ އެއީއެވެ. ކުރަން މިއުޅެނީ ކީއްކަން ކުރިމަތިލާ ކެންޑިޑޭޓަށް އެނގެންވާނެއެވެ.

ވީގޮތާއި ވާންއުޅޭ ގޮތް އެނގޭތޯ ނިންމޭނީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓް ވާ ވައުދުތަކުންނެވެ. ކުރިމަތިލީ ގިނަ ކެންޑިޑޭޓުން ވައުދުވަނީ ކޮންމެ އަހަރަކު އެއްފަހަރު ދާއިރާގައި ފުޓުބޯޅަ މުބާރާތެއް ބާއްވައި ދިނުމަށެވެ. މުސާރައިގެ ދެބައިކުޅައެއްބައި ޕްރީސުކޫލަށް ޚަރަދުކުރުމާއި، ކޮންމެ އަހަރަކު އެއްފަހަރު ނެގޭ ގުރުއަތަކުން ހޮވޭ ނަސީބުވެރި 2 މީހަކު ހައްޖުގެ އަޅުކަމަށް ފޮނުވުމާއި، ރަށުގެ މަގުތަކުގައި ތާރު އެޅުމާއި، ރަށްވެހިގޭ ފުރާޅުން ބައުވެފައިހުރި ޓިނުތައް ބަދަލުކުރުންފަދަ ވައުދުތަކެވެ. މިއީ ވީގޮތާއި ވާންއުޅޭ ގޮތް ނޭނގޭ ކެންޑިޑޭޓުންނެވެ.

ވީގޮތާއި، ވާންއުޅޭ ގޮތް ނޭނގޭ ކެންޑިޑޭޓުގެ ނަޒަރުގައި މަސްވެރިންނާއި ރިސޯޓު މުވައްޒަފުންނަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަމަށް ކުފޫ ހަމަވާ ބައެއް ނޫނެވެ. އޭނާގެ ނަޒަރުގައި އެއީ ނުކިޔަވާތިބި ބައެކެވެ. ތިމާ ކިޔެވި މަކުތަބެއް ލޮލަށް ފެންނާން ނެތަސް ހެވެވެ. ތިމާގެ މައްޗަށް ކުރެވިފައިހުރި ތުހުމަތުތައް ހާހުން ގުނުނަސް ހެވެވެ. ފައިސާވެރިކަމާ ތަނަވަސްކަން ދެމެހެއްޓުމަށްޓަކައި ދެއިރު އިރަކު އެއްފަހަރު ތިމާގެ ޟަމީރު ވިއްކުންވެސް ހެވެވެ.

5 ތަރީގެ ރިސޯޓެއްގެ ގޮތުގައި މުޅި ދާއިރާއެއް ތަރައްޤީކުރާ ވާހަކަ ދައްކާ ކެންޑިޑޭޓަށް މި ވީގޮތަކާއި ވާން އުޅޭގޮތެއް ނޭނގެއެވެ. ކުރިމަތިލައިގެން މިއުޅޭ އިންތިޚާބަކީ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބެވެ. އެއީ ސަރުކާރު ހިންގާ ފަރާތެއް ނޫނެވެ. ދާއިރާއެއްގެ އުމްރާނީ ތަރައްޤީގެ ހުވަފެނެއް ދައްކައި، މަޑު ކުލަތަކުން ފަވަމުން ނަލަކުރަމުން ދާއިރު މި އުޅެނީ ސަރުކާރު ހިންގަން ނޫންކަން ނޭނގުމަކީ ކުރަން މިއުޅެނީ ކީއްކަން ނޭނގުމެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އުމުރު ހުސްކޮށްލިއިރު، ތިމާ އިން މަޖިލީހުން ހެދި ޤާނޫނުތަކުގައި އޮތީ ކީކޭކަން ނޭނގޭ ކެންޑިޑޭޓުން އެބަތިއްބެވެ. ވަޒީރަކު މަސައްކަތުން ދުރުކުރުމަކީ ރައީސުލްޖުމްހޫރިއްޔާއަށް ކުރެވޭނޭ ކަމެއް ނޫންކަމަށް ވިދާޅުވީމާ އެއީ ކުރަން މިއުޅެނީ ކީއްކަން ނޭނގޭ ކެންޑިޑޭޓެއްކަން ސާފުވެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށްވުމަށް އެދި ނަން ހުށަހެޅި ހުށަހެޅުމަކީ ޙަޤީޤަތުގައި ރައްޔިތުންގެ ކުރިމަތީގައި ވެވުނު އިޤުރާރެކެވެ. އެ ވިދާޅުވެވުނީ، ކުރަން މިއުޅެނީ ކީއްކަން ތިމަންނާއަށް އެނގޭކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ މެންބަރަކު ކުރަންޖެހޭ މަސައްކަތަކީ ކޮބައިކަން ކެންޑިޑޭޓަށް އެނގޭނެއެވެ. އޭނާ ރައްޔިތުންނަށްވާ ވައުދުތައް ބިނާކުރާނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރެއްގެ ގޮތުގައި އޭނާ ކުރަންޖެހޭ މަސައްކަތްތަކުގެ މައްޗަށެވެ. އޭނާ ދައްކާނީ، އިންތިޚާބުވީ ދާއިރާއަށް ބެލުމެއްނެތި، މުޅި ޤައުމުގެ މަސްލަޙަތު އިސްކޮށްގެންހުރެ އަދާކުރާނޭ ޒިންމާގެ ވާހަކައެވެ. އެކިއެކި ކަންކަމުގައި ކަނޑައަޅާނޭ ސިޔާސަތުތަކާއި، ސަރުކާރު ޒިންމާދާރުކުރުވާނޭ ގޮތުގެ ތަސައްވުރާއި، މިނިވަން މުސްތަޤިއްލު މުއައްސަސާތައް ހަރުދަނާކުރާނޭ ގޮތުގެ ތަސައްވުރެވެ. ޤައުމުގައި ހުރި ބޮޑެތި މައްސަލަތަކަށް ހައްލު ހޯދާނޭ ގޮތުގެ ވާހަކައެވެ. ރައްޔިތުން ވޯޓު ދޭންވާނީ ފާއިތުވެދިޔަތަނުގެ ތަޖުރިބާއަށާއި، ކެންޑިޑޭޓުގެ ތަސައްވުރަށް ބަލައިގެންނެވެ.

| މަސްދަރު މަޙްފޫޒު ބްލޮގް

ޕްރައިމަރީގައި ވާދަކޮށް ބަލިވާ ކެންޑިޑޭޓުން އިންތިޚާބުގައިވާދަކުރުން މަނާކުރުން

ޤާނޫނު ނަންބަރު  28/2016(ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) އިން ވަނީ ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް މާއްދާއެއް އިތުރުކޮށް، ޕާޓީގެ ޕްރައިމަރީގައި ވާދަކުރާ ފަރާތްތަކަށް އެހެން އެއްވެސް ޙައިސިއްޔަތަކުން އެ އިންތިޚާބެއްގައި ބައިވެރިނުވެވޭނޭކަމަށް ހަމަޖައްސާފައެވެ. އެ މާއްދާގައި ބުނެފައި އޮންނަނީ އެހެން ޤާނޫނެއްގައި އެހެން ގޮތަކަށް އޮތްކަމުގައިވީ ނަމަވެސް، ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީ ކޮށްފައިވާ މެންބަރަކު، ޤާނޫނުއަސާސީއިން ނުވަތަ ޤާނޫނަކުން ބާރުލިބިގެން ބާއްވާ އެއްވެސް އިންތިޚާބެއްގައި ސިޔާސީ ޕާޓީ ގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީ ގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިޚާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެކަމަށެވެ. އަދި ޕްރައިމަރީގައި ބައިވެރިވެ ބަލިވުމަށްފަހު އެ އިންތިޚާބުގައި އެހެން ހައިސިއްޔަތަކުން ވާދަކުރުމަށް ހުށަހަޅާ މީހުންގެ ކެންޑިޑެސީ އިލެކްޝަންސް ކޮމިޝަންއިން ބާތިލުކުރަންވާނޭކަމަށްވެސް އެ މާއްދާގައި ބުނެފައި އޮވެއެވެ.

ޕްރައިމަރީގައި ވާދަކޮށް އިންތިޚާބު ކާމިޔާބުކުރާ ކެންޑިޑޭޓަށް މި މާއްދާ ވަރެއް ނޯވެއެވެ. ހަމަ އެގޮތަށް ޕްރައިމަރީގެ ނަތީޖާ އިޢުލާނުކުރާ ވަގުތުން ފެށިގެން، ބަލިވާ ކެންޑިޑޭޓުގެ ނަޒަރުގައި އެ މާއްދާ ޤާނޫނުއަސާސީއާ ޚިލާފުވެއެވެ. އަޅުގަނޑު ދެކޭ ގޮތަކީތޯއެވެ؟ އެގޮތް ދަންނަވާލުމުގެ ކުރިން އެނގެންޖެހޭ ޤާނޫނުގެ ބައެއް ޙަޤީޤަތްތައް އެބަހުއްޓެވެ. މި ނިންމީ ޚިޔާލު ފަސްކޮށްފައި ޙަޤީޤަތް އިސްކުރާށެވެ.

އިންތިޚާބުތަކުގައި ވާދަކުރުމަކީ ކޮންމެ ރައްޔިތަކަށްމެ ލިބިގެންވާ އަސާސީ ޙައްޤެކެވެ. ޤާނޫނުއަސާސީގެ 2 ވަނަ ބާބު، ނުވަތަ 16 ވަނަ މާއްދާއިން ފެށިގެން 69 ވަނަ މާއްދާއާ ދެމެދު ބަޔާންކޮށްފައި އެހުރީ ޤާނޫނުއަސާސީގެ ތާސީރެވެ. ޤާނޫނުއަސާސީއޭ ކިޔުނު އެއްބަސްވުން ބިނާވަނީ އެ ބާބު ނެގެހެއްޓުމުގެ މައްޗަށެވެ. އެހެން މާއްދާތަކުގައި ހުރި އެންމެހައި އިންތިޒާމުތަކަކީ އެ ބާބުގެ ދަށުން ލިބިދެވޭ ޙައްޤުތައް ރައްކާތެރިކުރުމަށްޓަކައި އެކުލަވާލެވިފައިވާ އިންތިޒާމެވެ.

ޤާނޫނުއަސާސީގެ 2 ވަނަ ބާބުގައި ބަޔާންކޮށްފައިވާ އަސާސީ ޙައްޤެއް ހަނިކުރެވޭނޭ ގޮތް ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި އެއޮތީ ބުނެދީފައެވެ. އެއީ ޤާނޫނުއަސާސީއާ ތަޢާރުޟުނުވާ ގޮތުގެ މަތީން ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނަކުންނެވެ. އަދި އަސާސީ ޙައްޤެއް ހަނިކުރުމުގައި އެކަން ކުރަންވާނީ މިނިވަން، ދިމިޤްރާޠީ މުޖުތަމަޢުއެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނޭ މިންވަރަށެވެ.

އެގޮތަށް ހަނިކޮށްފައިހުރި ބައެއް ޙައްޤުތަކަށް ބަލާއިރު، އެއްވެ އުޅުމުގެ މިނިވަންކަމާއި، އިސްތިއުނާފްކުރުމުގެ ޙައްޤާއި، ދަތުރުފަތުރު ކުރުމުގެ މިނިވަންކަމާއި، އެފަދަ ކިތަންމެ ޙައްޤެއް ހިމެނެއެވެ. ޤާނޫނުއަސާސީގައި ބަޔާންކުރަނީ ދައުލަތުގެ ހުއްދައެއް ކުރިން ހޯދުމެއްނެތި ސުލްޙަވެރިކަމާއެކު އެއްވެ އުޅުމުގެ ޙައްޤު ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށެވެ. އެއްވެ އުޅުމުގެ ޙައްޤު ލިބިދިނުމަށް ހަދާފައިވާ ޤާނޫނުގައި ވަނީ އެ ޙައްޤު ބޭނުންކުރެވޭނޭ ޙާލަތްތަކާއި، ކޮށްގެންނުވާނޭ ކަންކަމާއި، ޙައްޤު ބޭނުންކުރުމުގެ ކުރިން ފުރިހަމަކުރަންޖެހޭނޭ ކަންތައްތަކެއް ބަޔާންކޮށްފައެވެ. ހަމަ އެގޮތަށް، ކޯޓުތަކުން ނިންމާ ނިންމުންތައް އިސްތިއުނާފްކުރުމަށް ހުށަހެޅުމުގެ ޙައްޤު އެ މައްސަލައިގެ މަސްލަޙަތު ހިމެނޭ ހަމަ ކޮންމެ މީހަކަށްމެ ލިބިގެންވާކަމަށް ކަނޑައަޅާފައިވާއިރު ޤާނޫނުގައި ވަނީ އެޙައްޤު ބޭނުންކުރުމަށް މުއްދަތުތަކެއް ކަނޑައަޅާފައެވެ. އަދި އެ މުއްދަތު ފަހަނައަޅައި ދިއުމުން ދެން އެ ޙައްޤުގެ ބޭނުންކުރެވޭކަށް ނޯވެއެވެ. ދަތުރުފަތުރުކުރުމުގެ ޙައްޤުވެސް އެފަދައެވެ. ދަތުރުފަތުރު ކުރުން މަނާކުރެވިދާނޭ ބައެއް ޙާލަތުތަކާއި، ދަތުރުކުރުމަށް ދައުލަތުން ބައެއް އިތުރު ހުއްދަތައް ހޯދުން ޤާނޫނުތަކުން ލާޒިމުކުރެއެވެ.

މިހުރީ ހައްތަހާވެސް އަސާސީ ޙައްޤުތައް ޤާނޫނުއަސާސީއާ އެއްގޮތަށް ހަނިކުރުމާއި، ޤައިދުކުރުމުގެ މިސާލުތަކެވެ. އަނެއްކާވެސް އިންތިޚާބުތަކުގައި ވާދަކުރުމުގެ ޙައްޤުގެ ވާހަކައެވެ. އެ ޙައްޤުވެސް ޤާނޫނަކުން ނިގުޅައިގަތީކީ ނޫނެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރި ޤާނޫނަކުން ކުރިމަތިކުރުވީ ހަނިކުރުމެކެވެ. އެ ހަނިކުރުމަކީ ޤާނޫނުއަސާސީގެ 16 ވަނަ މާއްދާގައި ބަޔާންކުރާފަދަ، މިނިވަން، ދިމިޤްރާޠީ މުޖުތަމަޢުއެއްގައި އެފަދަ ޙައްޤެއް ނުވަތަ މިނިވަންކަމެއް ހިފެހެއްޓިދާނޭ މިންވަރަށް ކޮށްފައިވާ ހަނިކުރުމެއްތޯ ބަލާއިރު، ތަހުޒީބުކަމަށް މިކިޔާ ޤައުމުތަކުގައިވެސް އެފަދަ ޤާނޫނުތައް އެބަހުއްޓެވެ.

ދިމިޤްރާޠީ ހަމަތަކުގައި އަޅުގަނޑުމެންގެ އެދުރެއްކަމަށް ދެކޭ އެމެރިކާގައި، 50 ސްޓޭޓްގެ ތެރެއިން 3 ސްޓޭޓެއް ނޫން އެހެން ހުރިހާ ސްޓޭޓެއްގައި އޮންނަނީ ޕާޓީ ޕްރައިމަރީއިން ބަލިވާ މީހާއަށް އިންތިޚާބުގައި އެހެން ޙައިސިއްޔަތަކުން ވާދަނުކުރެވޭނޭ ކަމަށް ޤާނޫނުގައި ލިޔެފައިކަމަށް އަޅުގަނޑު ބެލިބެލުމުން އެނގުނެވެ. އެކި ސްޓޭޓްތަކުގައި އެކަމަށް ހުރި ޤައިދުތައް ތަފާތެވެ. ބައެއް ސްޓޭޓްތަކުގައި އެފަދަ ކެންޑިޑޭޓުންނަށް އެއްވެސް ޙައިސިއްޔަތަކުން އެ އިންތިޚާބުގައި ވާދަކުރުން މަނާވާއިރު، ބައެއް ސްޓޭޓްތަކުގައި އެހެން ޕާޓީއެއްގެ ޓިކެޓްގައި ވާދަކުރުން މަނާކުރެއެވެ. އެ ޤައުމުގައި، ޤާނޫނުގައި އެކަމާމެދު ވަކިގޮތަކަށް ލިޔެފައި ނޯންނަ ސްޓޭޓްތަކުގައިވެސް އެކަމަކީ ޢާންމުކޮށް ކޮށްއުޅޭ ކަމެއްވެސް ނޫނެވެ. އެ މީހުން ދެކި އުޅެނީ، އަމިއްލަ ޕާޓީގެ މެންބަރުން ނޫނެކޭ ބުނުމުން އެ ނިންމުމަށް ގޮންޖަހައި އެ އިންތިޚާބުގައި އިތުރަށް ވާދަކުރުމަކީ ހުތުރުކަމެއްގެ ގޮތުގައެވެ.

އެމެރިކާގައި އެފަދަ ޤާނޫނުތައް ހިންގަނީ ހަމައެކަނި ޕާލަމެންޓްގެ އިންތިޚާބުގެ މައްޗަށެވެ. އެހެންނަމަވެސް MICHIGAN ފަދަ މަދު ސްޓޭޓެއްގައި ރިޔާސީ އިންތިޚާބުގެ މައްޗަށްވެސް އެ ޤާނޫނު ހިންގައެވެ. އޭގެ އެއް މިސާލަކީ 2012 ވަނަ އަހަރު ރިޕަބްލިކަން ޕްރައިމަރީގައި ވާދަކުރި ކެންޑިޑޭޓެއްކަމަށްވާ  Gary Johnson  އަށް އެހެން ޙައިސިއްޔަތަކުން އިންތިޚާބުގައި ވާދަނުކުރެވޭނޭކަމަށް ކަނޑައެޅުމެވެ.

ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް ގެނެވުނު އިސްލާޙްގެ ކުރިންވެސް، ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުން އެ އިންތިޚާބުގައި އެހެން ޙައިސިއްޔަތަކުން ވާދަނުކުރާނޭކަމަށް އިޤްރާރުވަމުން ދިޔައެވެ. އެއީ ޕާޓީތަކުން އަމިއްލައަށް ހަމަޖައްސައިގެން އުޅުނު އިންތިޒާމެކެވެ. އެ އަޙުދާ ޚިލާފްވި ބައެއްފަރާތްތަކަށް ފިޔަވަޅު އެޅުނުކަންވެސް ސިޔާސީ ތާރީޚުގައި ލިޔެވެން އެބައޮތެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާއެއް އުފަންވެ، އެ އިންތިޒާމަށް ރަސްމީ ޙައިސިއްޔަތު ދިނީ ސަބަބުތަކެއް ހުރެގެންނެވެ. އެ ޤާނޫނު ފާސްކުރީ، ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ މީހުން އެހެން ޙައިސިއޔަތަކުން އެ އިންތިޚާބުގައި ވާދަކުރުމަކީ ޕްރައިމަރީ ބޭއްވުމުގެ މަޤްސަދު ގެއްލިގެންދާނޭ ކަމަކަށްވާތީއާއި، އެއީ ސިޔާސީ ހަމަޖެހުމަށްވެސް އޮތް ހުރަހެއްކަމަށް ބުނަމުންނެވެ. މާނަކުރުމުގެ ހަމަތައް ބަޔާންކުރުމުގެ ޤާނޫނުގައި ބަޔާންކުރަނީ ޤާނޫނެއް ވުޖޫދަށް އަންނަނީ އޭގެ ކުރިން ހިނގަމުންދިޔަ ކަމެއް ހުއްޓުވުމަށް ނުވަތަ ރަނގަޅުކުރުމަށް ކަމަށް ބަލަންވާނޭ ކަމަށެވެ. 2016 ވަނަ އަހަރު ވުޖޫދަށްއައި ޤާނޫނު ބާތިލުކުރަން އެއްވެސް ފަރާތަކުން ހުށަހަޅާފައި ނުވަނީވެސް އެ ޙަޤީޤަތްތައް ޤަބޫލުކުރާތީކަމަށް ބަލަންޖެހެއެވެ.

ދެން އޮތީ ސިޔާސީ ޕާޓީތަކުގެ ޤާނޫނުގެ 10 ވަނަ މާއްދާ ބާތިލުކުރަން ހުށަހަޅާފައިވާ މައްސަލައެވެ. ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށްކަމަށް ޤާނޫނުއަސާސީގެ 143 ވަނަ މާއްދާގެ (ހ) ގައި އޮންނަނީ ބަޔާންކޮށްފައެވެ. އެމާއްދާގެ ޢިބާރާތުގައި ބުނަނީ ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ވިޔަސް ޤާނޫނުއަސާސީއާ ޚިލާފްވޭތޯ ބެލުމާއި، އެފަދަ މައްސަލަތަކުގައި ގޮތެއް ނިންމުމުގެ ބާރު ލިބިގެންވަނީ ހައިކޯޓަށާއި، ސުޕްރީމް ކޯޓަށެވެ.” މިހެންނެވެ. މިމާއްދާގެ ޢިބާރާތަށް ބަލާއިރު، ޤާނޫނެއް ނުވަތަ ޤާނޫނަކުން ބައެއް ނަމަވެސް ބާޠިލުކުރުމުގެ އިޚްތިޔާރު ސުޕްރީމްކޯޓަށް ނުވަތަ ހައިކޯޓަށް ލިބެނީ، ޤާނޫނެއް ނުވަތަ ޤާނޫނެއްގެ ބައެއް ޤާނޫނުއަސާސީއާ ޚިލާފްވާ ޙާލަތުގައި އެކަނިކަން އެނގެއެވެ.

ޤާނޫނު ނަންބަރު  28/2016(ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނު) އިން އިންތިޚާބުތަކަށް ކުރިމަތިލުމުގެ ޙައްޤަށް ގެނެވުނު ހަނިކުރުމަކީ ޤާނޫނުއަސާސީއާ ޚިލާފްކަމެއް ކަމަށް ބުނެވޭކަށް ނެތެވެ. އެއީ ތަހުޒީބު މުޖުތަމަޢުތަކުގައިވެސް އެކަން އޮތްގޮތެވެ. އެގޮތަށް އެކަން ހަމަޖައްސާފައިވާ އޮތުމުން ވާނީ ފައިދާ ވަނީ ކޮން ބަޔަކަށްތޯއާއި ގެއްލުންވާނީ ކޮން ބަޔަކަށްތޯ އެއީ ގޮތް ނިންމުމުގައި ކޯޓުން އުފައްދާނޭ ސުވާލެއް ނޫނެވެ. ޤާނޫނުގައި އެވާހަކަ ލިޔުމުގެ ސަބަބުން، ޤާނޫނުއަސާސީގެ އިމުން ބޭރުވެ އަސާސީ ޙައްޤެއް ނިގުޅައިގަނެވިގެން ނުދާ ނަމަ އެ މާއްދާގެ މައްޗަށް ޢަމަލުކުރުން ހުއްޓުވޭނޭ ބާރެއް ނެތެވެ. ޤާނޫނުތައް ބާތިލުކުރުމަށް ކޯޓުތަކަށް ލިބިދޭ ބާރަކީ ގައިދުތަކާއެކު ދެވޭ ބާރެކެވެ. ރައްޔިތުންގެ މަޖިލީހުން ފާސްކުރާ ޤާނޫނެއް ކޯޓަކަށްވެސް ބާތިލުކުރެވޭނީ އެ ޤާނޫނު ޤާނޫނުއަސާސީއާ ޚިލާފްވާ ޙާލަތުގައި އެކަންޏެވެ. ސިޔާސީ ޕާޓީތަކުގެ ޤާނޫނަށް 3 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނަކީ ޤާނޫނުއަސާސީއާ ޚިލާފް ޤާނޫނެއްކަމަށް ނުފެނެއެވެ.

މަސްދަރު : މަޙްފޫޒް ބްލޮގް

ރިޕޯޓް: ހެޔޮއެދޭ ފަރާތްތަކުން ދެއްވާ ހަދިޔާ

ރައީސް ޔާމީން ވަރަށް ގިނައިން ވިދާޅުވާ ވާހަކަފުޅެއް އޮވެއެވެ. އެމަނިކުފާނުގެ ސިޔާސީ މަސައްކަތްޕުޅަށް އެހީތެރިވެދޭ ހެޔޮ ރަނގަޅު ރަޙުމަތްތެރިން ތިބި ވާހަކައެވެ. އަލްޙަމްދުލިއްލާހިއެވެ. ރަނގަޅު ރަޙުމަތްތެރިންނަކީ އެންމެނަށް ލިބޭ ނިއުމަތެއް ނޫނެވެ. އެމަނިކުފާނުގެ އެކުވެރިން އެމަނިކުފާނުގެ ރިޔާސީ އިންތިޚާބުގެ ކެމްޕެއިންނަށް އެކަނި ‘ހަދިޔާ’ ކުރެއްވި ޢަދަދުވެސް 100 މިލިއަނުން މައްޗެވެ. އެއީ ހެޔޮހިތުން ދޭ ހަދިޔާއެވެ. އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެ ނަސީބާމެދު ބަޔަކު ހަސަދަވެރިވިޔަސް އަޅުގަނޑުގެ ހިތުގައި އެފަދަ ހަސަދައެއް ނެތެވެ. އެހެންނަމަވެސް އެފަދަ ހަދިޔާތަކާމެދު ޤާނޫނުތަކުގައި ކަނޑައަޅާފައިވާ ނިޔާއަކީ ކޮބައިތޯ ބަލާލައި، އެކަމުގެ މައްޗަށް ވާހަކަ ދެއްކުމަކީ ނެތްކަމެއް ނޫނެވެ.

ފުރަތަމަ ކަމަކީ ކުރީގެ ރައީސް ޔާމީންއަކީ ސިޔާސީ ޕާޓީއެއްގެ މެންބަރެއް ކަމެވެ. އެހެންކަމުން އެމަނިކުފާނު މެދުވެރިވެގެން، އެމަނިކުފާނު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ފަންޑު ހޯދުމަކީ އޭގެ ޒާތުގައި ޤާނޫނު މަނާކުރާ ކަމެއް ނޫނެވެ. އެމަނިކުފާނު ފައިސާ ގެންގުޅޭ ވާހަކަ ދައްކާ ކޮންމެ ފަހަރަކު ކޯފާވެފައި ‘އެއީ ހަދިޔާ’ ކަމަށް އެ ވިދާޅުވާ ސަބަބަކީވެސް އެއީއެވެ. އެހެން ނަމަވެސް އެވާހަކަ ދައްކަންޖެހެނީ އެކަމުގައި ޤާނޫނީ ބައެއް މައްސަލަތައް ހުރުމުންނެވެ. ރައީސް ޔާމީންއަށް އެކަމުގައި ލިބިވަޑައިގެން އުޅުއްވާ ޤާނޫނީ ލަފާ ރަނގަޅުކަމަކަށް ނުފެނެއެވެ.

ސީޔާސީ ޕާޓީއެއް ރަޖިސްޓްރީކުރާ ހިސާބުން، އެ ސިޔާސީ ޕާޓީއެއް ހިންގުމަށް ބޭނުންވާ ފައިސާއާއި ތަކެތި ހެޔޮ އެދޭ ފަރާތްތަކުން ހޯދުމުގެ ޙައްޤު ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 33 މާއްދާގެ (ހ) ގެ (1) އިން ސިޔާސީ ޕާޓީތަކަށް ލިބިދީފައިވެއެވެ. އެހެންކަމުން، ސިޔާސީ ޕާޓީއެއްގެ މެންބަރަކު އެއީ ދަޢުލަތުގެ މުވައްޒަފަކު ކަމުގައިވެފައި، ހަދިޔާއެއްގައި ހިފާނަމަ އެކަމުގައި އޮންނާނީ ދެ ގޮތެކެވެ. އެއީ އޭނާ ނިސްބަތްވާ ސިޔާސީ ޕާޓީއަށް ލިބުނު ހަދިޔާއަކަށްވުން ނުވަތަ ސީދާ އޭނާއަށް ލިބުނު ހަދިޔާއަކަށްވުމެވެ. ދެ ޙާލަތުގައިވެސް ޤާނޫނުގެ މަޤާމު ސާފެވެ.

ސިޔާސީ ޕާޓީއެއްގެ މެންބަރު މެދުވެރިވެގެން ހޯދާ ފައިސާއަކީ ސިޔާސީ ޕާޓީއަށް ލިބޭ ފައިސާއެއްކަމަށްވާނަމަ އެ ފައިސާ ބަލަހައްޓަންވާނީ ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 40 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން، ދަޢުލަތުގެ މުދަލާއި ފައިސާގެ ހިސާބުތައް ބަލަހައްޓާ އުޞޫލުންނެވެ. އަދި ޕާޓީގެ ފައިސާ ބަލަހައްޓަންވާނީ ޕާޓީގެ ނަމުގައި ހުޅުވާފައިވާ ބޭންކު އެކައުންޓެއްގައެވެ. ޕާޓީއިން ކުރާ ޚަރަދުތަކުގެ ތަފްޞީލު ހުންނަންވާނީ ލިޔެފައެވެ. ޕާޓީއަށް އެހީދޭ ފަރާތްތަކުގެ ނަމާއި އެޑްރެސް އަދި ލިބުނު އެހީގެ ތަފްޞީލު ލިޔެ ބަލަހައްޓަންވާނެއެވެ. އަދި ނަން ހާމަކުރަން ބޭނުންނުވާ ފަރާތްތަކާއި، ބައިނަލްއަޤްވާމީ ޖަމާޢަތްތައް އަދި ބޭރުގެ ފަރާތްތަކުން ލިބޭ އެހީ ބަލައިގަންނަންވާނީ އިލެކްޝަން ކޮމިޝަންގެ ހުއްދަ ލިޔުމަކުން ހޯދުމަށްފަހުގައެވެ. އެ ވާހަކަ (ޤާނޫނު ނަންބަރު 2013/04 (ސިޔާސީ ޕާޓީގެ ޤާނޫނު) ގެ 33 ވަނަ މާއްދާގެ (ށ) އަދި 37 ވަނަ މާއްދާގައި ބަޔާންކޮށްފައި އެއޮތީއެވެ.

މިއީ ފުރަތަމަ މައްސަލައެވެ. ރައީސް ޔާމީނަށް އެކިފަރާތްތަކުން ދޭ ފައިސާއަކީ ސިޔާސީ މަސައްކަތްތަކަށް ދޭ ފައިސާއެއްނަމަ އެ ފައިސާއެއް ޖަމާވާންޖެހޭނީ ޕާޓީގެ އެކައުންޓަށެވެ. އެހެނަސް ރައީސް ޔާމީން ފައިސާ ޖަމާކުރައްވަނީ އަމިއްލަފުޅު އެކައުންޓަށެވެ. ބޮޑެތި ޢަދަދުތަކުންނެވެ. އެ ފައިސާ އަމިއްލަފުޅު އެކައުންޓަށް ޖަމާކުރެއްވުމުގެ ސަބަބުން ބޭންކުން ކަސްޓަމަރަށްދޭ ހުރިހާ ޢިނާޔަތެއްގެ މަންފާ ލިބެނީ ސީދާ ރައީސް ޔާމީނަށެވެ. އެކައުންޓުގައި ހުންނަ ދައުރު ނުކުރާ ފައިސާގެ ޢަދަދުގެ ސަބަބުން ލިބޭ އިންޓްރެސްޓް ފައިސާއާއި، ބޭންކުގެ ދަރަޖަމަތި ކަސްޓަމަރެއްގެ ޝަރަފުވެސް ލިބިވަޑައިގަންނަވަނީ ހަމަ އެމަނިކުފާނަށެވެ. އެމަނިކުފާނު ނިސްބަތްވެވަޑައިގަންނަވާ ސިޔާސީ ޕާޓީގަނޑަށް ލިބޭ ހަމަ އެކައްޗެއްވެސް އެޔަކު ނެތެވެ.

އިތުރަށް ވިސްނަވާށެވެ. ސިޔާސީ މަސައްކަތްތަކަށް ލިބުނު ފައިސާ އަމިއްލަފުޅު އެކައުންޓުގައި ބަހައްޓަވައި، ސިޔާސީ މަސައްކަތާ ދުރަށް ވަޑައިގަތުމަށް އެމަނިކުފާނު ނިންމެވިނަމަ ނަތީޖާއަކަށްވާނީ އެ ހުރިހާ ފައިސާއެއް މިލްކުވުން ނޫންތޯއެވެ. ނުޙައްޤު މުއްސަނދިކަމޭ ކިޔައި އުޅެނީ އެކަހަލަ ކަންކަމަށެވެ. އަދި ސިޔާސީ ޕާޓީއަށް ލިބޭ ފައިސާ ޕާޓީގެ އެކައުންޓުގައި ބެހެއްޓުން ލާޒިމުވަނީވެސް އެ ސަބަބަށްޓަކައެވެ.

ދެން އޮތީ އަނެއް މައްސަލައެވެ. ރައީސް ޔާމީންއަށް ހަދިޔާ ދެއްވީ ކޮން ފަރާތަކުންތޯއެވެ. އެމީހަކީ ދައުލަތުން ކަމަކަށް އެދިގެން އުޅޭ މީހެއްތޯއެވެ. ލޯނެއް ނެގުމަށް ދައުލަތުގެ ނަމުގައި ގެރެންޓީއެއް ހޯދުމަށް އެދިގެން އުޅޭ މީހުންނާއި، ފަތުރުވެރިކަމަށާއި އެނޫން ބޭނުންތަކަށް ރަށްތަކާއި ފަޅުތައް ހޯދުމަށް އެދިގެން އުޅޭ މީހުންނާއި، މިނޫނަސް ދައުލަތުން އެއްވެސް ކަމަކަށް އެދިގެން އުޅޭ މީހަކު ދޭ ހަދިޔާގައި ހިފުން ރައީސް ޔާމީނަކަށްވެސް އަދި ދައުލަތުގެ އެއްވެސް މުއައްޒަފަކަށްވެސް ހުއްދައެއް ނޫނެވެ. އެއީ އަޅުގަނޑު ދަންނަވާ ވާހަކައެއް ނޫނެވެ. އެ ނިޔާ ކަނޑައެޅީ ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނެވެ. އެ ޤާނޫނުގެ 16 ވަނަ މާއްދާގައި އެވާހަކަ ބުނެފައި އޮވެއެވެ. ދައުލަތުގެ މުއައްޒަފަކު ނުވަތަ އެނާގެ އަނބިމީހާ ނުވަތަ ފިރިމީހާވެސް ހިމެނޭ ގޮތަށް، އެފަދަ ހަދިޔާގައި ހިފުން ޤާނޫނު އޮތީ މަނާކޮށްފައެވެ. އަދި އެފަދަ ހަދިޔާއެއް ލިބިއްޖެ ޙާލަތެއްގައި އެ ހަދިޔާއެއް އެންޓި ކޮރަޕްޝަން ކޮމިޝަންއާ ޙަވާލުކުރުމަށް ޤާނޫނު ލާޒިމުކުރެއެވެ.

ދަޢުލަތުން ކަމަކަށް އެދިގެން އުޅޭ މީހަކު ނުވަތަ ދަޢުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހަކު، އެކަމާގުޅޭ ދަޢުލަތުގެ މުވައްޒަފަކަށް ހަދިޔާއެއް ދިނީ ނުވަތަ ދޭން ހުށަހަހެޅީ، އެ ފަރާތަކީ ވަކި ސިޔާސީ ޕާޓީއެއްގެ މެންބަރެއްކަމުގައިވާތީކަމުގައި ވީނަމަވެސް، އެއީ ދަޢުލަތުގެ މުވައްޒަފަށް ދޭ ނުވަތަ ދޭން ހުށަހަޅާ ހަދިޔާއެއްކަމުގައި ބެލެވޭނެއެވެ. އެ ޙާލަތުގައިވެސް ކޮރަޕްޝަން ހުއްޓުވުމާއި މަނާ ކުރުމުގެ ޤާނޫނު ގެ 16 ވަނަ މާއްދާގެ (ށ) އަދި (ނ) ގައިވާ ފަދައިން ޢަމަލުކުރަންވާނެއެވެ. އެއީ އެ ހަދިޔާއެއް ހުށަހެޅުނު ކަމުގެ މަޢުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ދިނުމާއި، ހަދިޔާ ލިބިއްޖެނަމަ އެ އެއްޗެއް އެ ކޮމިޝަނާ ޙަވާލުކުރުމެވެ.

ރައީސް ޔާމީންއަށް މިލިއަނުން ހަދިޔާ ލިބިވަޑައިގެންނެވި ދެވަނަ ގޮތެއްކަމަށް އެމަނިކުފާނު ވިދާޅުވަނީ އެމަނިކުފާނަކީ ރިޔާސީ ކެންޑިޑޭޓަކަށްވުމެވެ. އިންތިހާބަކާ ގުޅިގެން ކެޑިޑޭޓުންނަށް ލިބޭ ފައިސާއާއި ތަކެއްޗާމެދު ޢަމަލުކުރާނޭ ގޮތް ޤާނޫނުގައި އޮތީ ބަޔާންކޮށްފައެވެ. އިންތިޚާބީ ކެޑިޑޭޓަކަށް ހަދިޔާގެގޮތުގައި ލިބޭ ފައިސާއަކީ އެ އިންތިޚާބަކާގުޅޭ ޚަރަދުތައް ކުރުމަށްޓަކައި ޙާއްޞަކޮށް، އެ ކެޑިޑޭޓެއްގެ ނަމުގައި ހުޅުވާ އެކައުންޓަކަށް ޖަމާކުރެވިގެން ހަމައެކަނި އެ އިންތިޚާބަށް ބޭނުންކުރެވޭ ފައިސާއެވެ. އަދި އިންތިޚާބީ ކެޑިޑޭޓަކަށް އެހީގެގޮތުގައި ލިބޭ ތަކެއްޗަކީވެސް އެފަދައިން ބޭނުންކުރެވޭ ތަކެއްޗެކެވެ. އެހެންކަމުން، އެއީ އެ ކެޑިޑޭޓަކު ނިސްބަތްވާ ސިޔާސީ ޕާޓީއަށް ލިބޭ އެހީއެއްގެ ބަދަލުގައި، އިންތިޚާބީ ކެޑިޑޭޓަށް ލިބޭ އެހީއެއްކަމުގައި ބެލެވެއެވެ. އެ ވާހަކަ ބުނެފައި އޮންނަނީ ޤާނޫނު ނަންބަރު 2008/11 (އިންތިޚާބުތަކާބެހޭ ޢާންމު ޤާނޫނު) ގެ 67 ވަނަ މާއްދާގައެވެ.

އިންތިޚާބަކާ ގުޅިގެން ކުރިމަތިލާ ކެޑިޑޭޓަކީ ދަޢުލަތުގެ މުވައްޒަފެއްކަމުގައިވާނަމަ، ޢާންމު ޤާނޫނުތަކާއި އުޞޫލުތަކުން އޭނާ އިސްތިސްނާއެއް ނުވެއެވެ. އިންތިޚާބީ ކެޑިޑޭޓަކީ ދަޢުލަތުގެ މުވައްޒަފެއް ކަމުގައިވެފައި؛ ދަޢުލަތުން ކަމަކަށް އެދިގެން އުޅޭ މީހަކު ނުވަތަ ދަޢުލަތާ ގުޅިގެން ނުވަތަ ބައިވެރިވެގެން ކަމެއްކުރާ ނުވަތަ ކުރަންއުޅޭ މީހަކު، އެ ކެންޑިޑޭޓަށް ހަދިޔާއެއް ދީފިނަމަ ނުވަތަ ދިނުމަށް ހުށަހަޅައިފިނަމަ އަދި އެ ކެންޑިޑޭޓަކީ ހަދިޔާދޭ މީހާ އެދިގެން އުޅޭ ކަމަކަށް ނުވަތަ ދައުލަތާ ބައިވެރިވެގެން ކުރަން އުޅޭކަމަކަށް ސީދާ ގޮތުން ނުފޫޒު ފޯރުވޭނެ މަޤާމެއްގައި ހުރި ފަރާތެއްކަމުގައިވާތީ، އެ ޙާލަތުގައި ކޮރަޕްޝަން ހުއްޓުވުމާ މަނާކުރުމުގެ ޤާނޫނުގައި ވާ ގޮތުގެ މަތިން އެ ކެންޑިޑޭޓަކު ޢަމަލުކުރަންވާނެއެވެ. އެއީ އެފަދަ ހަދިޔާގައި ހިފުމުން މަނާވެގަތުމާއި، އެހަދިޔާ ހުށަހެޅުނު ކަމުގެ މައުލޫމާތު އެންޓި ކޮރަޕްޝަން ކޮމިޝަންއަށް ދިނުމެވެ.

ޤާނޫނުގައި މި އުސޫލުތައް ތަފްސީލުކޮށް ބަޔާންކޮށްފައި ހުރިނަމަވެސް، ރައީސް ޔާމީން ޢަމަލުކުރައްވާފައިވަނީ އެ އުސޫލުތަކާ މުޅިން ޚިލާފަށެވެ. ދޭމީހާ ދޭތީ ކާ މީހާ ހަމަ ބެލުމެއްނެތި ކަނީއެވެ. ދެނީ ކާކުތޯއާއި ދޭ މީހާގެ މަޤުސަދަކީ ކޮބައިތޯ ނުބައްލަވައެވެ. އެކަމުގައި ރައީސް ޔާމީންގެ ފަލްސަފާ އޮތީ މާ ކުރިން ހާމަކުރައްވާފައެވެ. ރަނގަޅު ޢަދަދެއްގެ ފައިސާ ލިބޭނަމަ އެއީ ކޮން ގޮތަކުން ހޯދާ ފައިސާއެއްތޯ ޚުދު އަނބިމީހާވެސް ސުވާލު ނުކުރާނޭކަމަށް ކުރީގެ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީނާވެސް، އަދި އެމަނިކުފާނަށް ހެޔޮއެދިވަޑައިގަންނަވާ ފުރޭންޑުންނާވެސް އަޅުގަނޑު ރުޅީއެއް ނޫނެވެ. ރައީސް ޔާމީންއަށް ދީފައި އަޅުގަނޑަށް ނުދޭތީ ޖޭ ވަނީއެއްވެސް ނޫނެވެ. އެހެންނަމަވެސް ރައީސް ޔާމީންގެ އެކައުންޓަށް ވަދެފައިވާ އެތައް މިލިއަން ފައިސާއެއްގެ މުޤާބިލަކީ ކޮބައިތޯ ސުވާލުކުރުމުގެ ޙައްޤު އަޅުގަނޑަށް އެބައޮތެވެ. ރައީސުލްޖުމްހޫރިއްޔާއާ ދައުލަތުގެ ޚަޒާނާއާއި، އެ ޝަރަފުވެރި މަޤާމު ޙަވާލުކުރެވެނީ ޤާނޫނުތަކުން ރަނގަޅަށް ބަނުމަށްފަހުގައެވެ. ދައުލަތުގެ މުވައްޒަފުން ހަދިޔާގެ ނަމުގައި ހޯދާ މުއްސަނދިކަން މަނާކުރީ ރައްޔިތުންނެވެ. ރައްޔިތުންގެ މަޖިލީހުން އެގޮތަށް ޤާނޫނު ފާސްކުރުމުން އެއަށް ބޯލަނބައި ކިޔަމަންވުން ނޫން ގޮތެއް ދައުލަތުގެ މުވައްޒަފަކަށް ނޯންނާނެއެވެ. އެކަމުން ރައީސް ޔާމީންވެސް އިސްތިސްނާއެއް ނުވެއެވެ.

|މަސްދަރު: މަޙްފޫޒު ބްލޮގް