ޓްރާންސެކްޝަންތައް ހިންގާފައި ވަނީ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު އެގްރީމެންޓެއްގައި ސޮއިކޮށްގެން

l_156178

77މިލިއަން ރުފިޔާއާ ގުޅޭ ޓްރާންސެކްޝަންތައް ހިންގާފައި ވަނީ އެމްޕީއެލް އާއި އެމްއެމްޕީއާރުސީއާ ދެމެދު އެގްރީމެންޓެއްގައި ސޮއިކޮށްގެން ކަމަށާއި އަދި މިހާތަނަށް ތިން މިލިއަން ޑޮލަރު އެމްޕީއެލް އަށް އަނބުރާ ދައްކައި ނިމިފައިވާއިރު ބާކީ ޓްރާންސެކްޝަންތައް ވެސް އަންނަ ޑިސެމްބަރު މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވިދާޅުވެއްޖެ އެވެ.
ޑޮލަރު ގަތުމުގެ ނަމުގައި އެމްޕީއެލް އިން 77.1 މިލިއަން ރުފިޔާ އަދި އެމްޓީޑީސީން އެއް މިލިއަން ޑޮލަރުގެ ލޯނެއް ނެގުމަށް ފަހު އެމްއެމްޕީއާރުސީން އަމިއްލަ ދެ ކުންފުންޏަކަށް ދޫކުރުމުގައި ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބުގެ މައްޗަށް އޮޑިޓާ ޖެނެރަލް ކޮރަޕްޝަންގެ ބޮޑެތި ތުހުމަތުތަކެއް ކުރެއްވި ނަމަވެސް އެއީ ދައުލަތަށް ގެއްލޭ އެއްޗެއް ނޫން ކަމަށްވެސް ދިޓީވީ ސްޓޫޑިއޯގައި މިރޭ ބޭއްވި ނިއުސް ކޮންފަރެންސްގައި ޓޫރިޒަމް މިނިސްޓަރ އަދީބު ވަނީ ވިދާޅުވެފައި.
އަދީބު ވިދާޅުވީ ދައުލަތުގެ ކުންފުނިތަކަށް ބޭނުންވާ ޑޮލަރު ހޯދުމަށް އަމިއްލަ ކުންފުނިތަކުގައި އަބަދުވެސް އެދިވަޑައިގަންނަވާ ކަމަށެވެ. އަދި ބައެއް ކުންފުނިތަކަށް އޭނާގެ ޕާސަނަލް ގެރެންޓީއާ އެކު ފައިސާ ދޫކޮށްފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ދައުލަތުގެ އެއްވެސް ފައިސާއެއްގައި އޭނާ ޖެހިފައެއްް ނޯންނާނެ އެވެ. އަދި އޮޑިޓް ރިޕޯޓްގައި ބުނާ ވާހަކަތައް ބެލުމަށް ދައުލަތުގެ މުއައްސަސާތަކައް ގޮވާލައްްވާ ކަމަށް އަދީބު ވިދާޅުވި އެވެ.

“ކުށްވެރިން ބަދަލުކުރުމުގެ ބިލު” މަޖިލީހަށް ފޮނުވައިފި‏

kuhverin badhalukurun

‏”ކުށްވެރިން ބަދަލުކުރުމުގެ ބިލު” ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށްޓަކައި ‏‏‏ސަރުކާރުން މިއަދު ‏‏ފޮނުވައިފިއެވެ.‏ސަރުކާރުން ބުނީ މި ބިލު ‏ހުށަހަޅާފައިވަނީ، ބޭރު ޤައުމުތަކުގައި ކުށްކޮށް، ޙުކުމް ‏‏ތަންފީޛުކުރަމުންދާ ދިވެހި ކުށްވެރިން، ‏‏ދިވެހި މުޖުތަމަޢަށް އެނބުރިއައުމަށް މަގުފަހިކޮށްދިނުމުގެ ‏‏ގޮތުން ކަމަށާއި އަދި އެމީހުންގެ ޙުކުމް ‏‏ދިވެހިރާއްޖޭގައި ތަންފީޛުކޮށް ނިންމުމަށްޓަކައި ދިވެހިރާއްޖެއަށް އެމީހުން ‏‏އަނބުރާ ގެނެވޭނެ ‏‏މަގު ތަނަވަސްކޮށްދިނުމަށް ކަމަށް.

 ދިވެހިރާއްޖޭގައި ކުށްކޮށް، ޙުކުމް ‏‏ތަންފީޛުކުރަމުންދާ ބޭރު ‏‏ޤައުމުތަކުގެ ކުށްވެރިންވެސް އެމީހުންގެ މުޖުތަމަޢަށް އަލުން އެނބުރިދިޔުމަށް ‏‏މަގުފަހިކޮށްދީ ‏‏އެމީހުންގެ އަމިއްލަ ޤައުމުގައި ޙުކުމް ތަންފީޛުކޮށް ނިންމުމަށްޓަކައި ‏‏އެމީހުންގެ ޤައުމަށް ‏‏އެމީހުން އަނބުރާ ފޮނުވޭނެ މަގު ވެސް މިބިލުން ތަނަވަސްކޮށްދެވިގެންދާނެކަމަށްވެސް ސަރުކާރުން ބުނެފައިވޭ.

ކުޑަކުދިންގެ ބިލު‏”‏ ‏‏ރައީސްތަޞްދީޤު ނުކުރައްވައި، މަޖިލީހަށް ‏

kudakudhing bill raees

ކުޑަކުދިންގެ ޙައްޤުތައް ‏‏ރައްކާތެރިކުރުމާ ބެހޭ ބިލު ‏‏ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤު ނުކުރައްވައި، އަނބުރާ ރައްޔިތުންގެ މަޖިލީހަށް ‏‏ފޮނުއްވައިފި

‏މި އޮކްޓޫބަރު މަހުގެ 14 ވި އަންގާރަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ‏‏ތިންވަނަ ދައުރުގެ 2 ވަނަ ޖަލްސާއިން ފާސްކުރައްވައި، ތަޞްދީޤު ކުރެއްވުމަށް ‏‏ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ފޮނުއްވި “ޤާނޫނު ނަންބަރު 91/9 (ކުޑަކުދިންގެ ޙައްޤުތައް ‏‏ރައްކާތެރިކުރުމާ ބެހޭ ޤާނޫނު) އަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު” ރައީސުލްޖުމްހޫރިއްޔާ ‏‏ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ތަޞްދީޤު ނުކުރައްވައި، އަލުން މަޖިލީހުން ވިސްނާވަޑައިގަތުމަށް ‏‏އެދިވަޑައިގެން، މިބިލު އަނބުރާ ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުއްވައިފިއެވެ. ‏

‏މި ބިލާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ، ރައްޔިތުންގެ މަޖިލީހުގެ ރައީސް ‏‏ޢަބްދުﷲ މަސީޙް މުޙައްމަދަށް ފޮނުއްވި ސިޓީފުޅުގައި، މި ބިލަށް އެޓަރނީ ޖެނެރަލްގެ ޤާނޫނީ ލަފާ ‏‏ހޯއްދެވުމަށް ފޮނުއްވުމުން، ބިލާ ގުޅޭގޮތުން އެޓަރނީޖެނެރަލް ފާހަގަކުރެއްވި މައްސަލަތަކަށް ‏‏ތަފްޞީލުކޮށް ބައްލަވާލައްވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އޮފީހުން ރައްޔިތުންގެ މަޖިލީހުގެ ރައީސަށް ފޮނުއްވާފައިވާ ސިޓީގައި ފާހަގަކުރައްވާފައިވެއެވެ.  އަދި އެޓަރނީޖެނެރަލް ފާހަގަކުރައްވާފައިވާ މައްސަލަތަކަށް ‏‏ރިޢާޔަތް ކުރައްވައި، މިބިލަށް އިޞްލާޙު ގެންނަވަން ފެނިވަޑައިގަންނަވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި އެސިޓީ ގައި‏‏ވިދާޅުވެފައިވެއެވެ.

ޤާނޫނާއި ޚިލާފް އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެ :ޕޮލިސް

police

ފުލުހުންގެ މައްޗަށް ކުރާ ޤާނޫނާއި ޚިލާފް އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެ :ޕޮލިސް

ފުލުހުންގެ މައްޗަށް ކުރާ ޤާނޫނާއި ޚިލާފް އެއްވެސް އަމުރަކަށް ތަބާވާން ނުޖެހޭނެ ކަމުގައި މޯލްޑިވްސް ޕޮލިސް ސާރވިސްގެ ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑު (ޕީ.އެސް.ސީ) ގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު ވިދާޅުވެއްޖެއެވެ.

އަތޮޅުތަކުގައި ފުލުހުންގެ ޚިދުމަތް ފޯރުކޮށްދެމުން ދާގޮތް ބަލައި އިތުރަށް ރަނގަޅު ކުރަންޖެހޭ ކަންކަން ދެނެގަތުމަށް ޕީ.އެސް.ސީން ށ.އަތޮޅަށް މިހާރު ކުރަމުންދާ ދަތުރުގައި ށ.ފުނަދޫގައި މަސައްކަތްކުރާ ފުލުހުންނާއި ބައްދަލު ކުރައްވާ ފީ.އެސް.ސީގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް (އޭ.ސީ.ޕީ) ޢަލީ ރަޝީދު ވިދާޅުވީ ފުލުހުންނަކީ އިޙުލާސްތެރިކަމާއި ހަމަ ހަމަ ކަމާއެކު ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދޭންޖެހޭ ބައެއް ކަމަށާއި ފުލުހުންގެ މައްޗަށް ކުރާ ޤާނޫނާއި ޚިލާފު އެއްވެސް އަމުރަކަށް އެއްވެސް ފުލުހަކު ތަބާވެގެން ނުވާނެ ކަމަށެވެ.

ފުލުހުންގެ ތަޞައްވުރު ރަނގަޅުކޮށް، ފެންވަރު ރަނގަޅު އަވަސް ޚިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށް ދިނުމަށްޓަކައި ފުލުހުންނަށް ހުށަހަޅާ މައްސަލަތަކުގެ ތަޙުޤީޤުގެ ސްޕީޑް އަވަސް ކޮށް ތަޙުޤީޤުތައް ނިންމައި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވުމަށް މަސައްކަތް އަވަސް ކުރުމަށް އޭ.ސީ.ޕީ ޢަލީ ރަޝީދު އެދި ވަޑައިގެންނެވިއެވެ.

ފީ.އެސް.ސީ އިން ށ.އަތޮޅަށް ކުރާ މި ދަތުރުގައި އެ އަތޮޅުގައި ޤާއިމް ކޮށްފައިވާ ހުރިހާ ޕޮލިސް ސްޓޭޝަންތަކަށް ޒިޔާރަތް ކޮށް ފުލުހުންގެ ޚިދުމަތުގެ ފެންވަރު ދެނެގަތުމުގެ އިތުރުން އެ އަތޮޅުގައި ޕޮލިސް ސްޓޭޝަން ޤާއިމް ކޮށްފައިވާ ރަށްރަށުގެ ކައުންސިލްތަކާއި ބައްދަލުކޮށް ފުލުހުންގެ ޚިދުމަތް ރަނގަޅުކޮށް އިތުރަށް ފުޅާކުރުމަށް ކުރެވިދާނެ ކަންކަމާއި ގުޅޭގޮތުން މަޝްވަރާ ކުރުމަށް ވަނީ ހަމަޖެހިފައެވެ.

ޕްރޮފެޝަނަލް ސްޓެންޑަރޑްސް ކޮމާންޑުން ށ.އަތޮޅަށް ކުރަމުންދާ މި ދަތުރުގައި އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޢަލީ ރަޝީދު އާއި ހެޑް އޮފް ޑިވިޝަނަލް އޮޕަރޭޝަންސް ކޮމާންޑް ޗީފް ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަބްދުލް މަންނާން ޔޫސުފް އާއި އަޕަރ ނޯތު ޕޮލިސް ޑިވިޝަންގެ ކޮމާންޑާރ އިންސްޕެކްޓަރ އޮފް ޕޮލިސް ނަސްރުﷲ ޖަލީލުގެ އިތުރުން ފުލުހުންގެ އިސް ބައެއް އޮފިސަރުންނާއި ށ.އަތޮޅުގެ އެޓޯލް ކޮމާންޑަރ ބައިވެރިވެލައްވައެވެ.