ސްރީލަންކާގެ ރައީސަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފި

abdulla_yamin_mahinda_004

ސްރީލަންކާގެ ބަޑުއްލާ ޑިސްޓްރިކްޓުގައި ހިނގި ކިސަޑު ފޭބުމުގެ ހިތާމަވެރި ‏‏ހާދިސާގައި، އެތައް ބަޔަކު މަރުވެ، އެތައް ބަޔަކަށް އަނިޔާވުމާ ގުޅިގެން، އެކަމުގެ ހިތާމައިގައި، ‏‏ސްރީލަންކާގެ ރައީސް، މަހިންދަ ރާޖަޕަކްސައަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ‏‏ޢަބްދުލްޤައްޔޫމް، ހަމްދަރުދީގެ މެސެޖެއް ފޮނުއްވައިފިއެވެ.‏
‏ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖްގައި، މި ޚަބަރު އެއްސެވީ ވަރަށް ފުން ‏‏ހިތާމައާއެކު ކަމުގައި ވިދާޅުވެފައިވެއެވެ. އަދި މިހާތަނަށް ނުފެނިވާ މީހުން ހޯދުމުގެ މަސައްކަތް ‏‏ހިނގަމުންދާއިރު، އެމީހުން ސަލާމަތްކުރެވޭނެ ކަމަށް އުއްމީދު ކުރައްވާ ކަމުގައިވެސް ‏‏ވިދާޅުވެފައިވެއެވެ.‏
‏ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، މި ހިތާމައިގައި ބައިވެރިވެވަޑައިގެން، ‏‏ސްރީލަންކާގެ ރައީސް ‏މަހިންދަ ރާޖަޕަކްސަ‏އަށާއި، ސްރީލަންކާގެ ސަރުކާރަށާއި، ރައްޔިތުންނަށް ‏‏ވަރަށް އިޚްލާޞްތެރިކަމާއެކު ތަޢުޒިޔާ ވިދާޅުވެފައިވެއެވެ. އަދި މިޙާދިޘާގައި މަރުވި އެންމެންގެ ‏‏ޢާއިލާތަކަށް ތަޢުޒިޔާ ރައްދުކޮށްދެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންފައިވެއެވެ.