މެންބަރ އިންތި ގަޔަށް ކަޅުތެޔޮޖެހިކަމަށް ތުހުމަތުކުރެވޭ ދެމީހަކު ހޯދުމަށް ވީޑިއޯ އާންމުކޮށްފި

HoadhaMeehun

މާފަންނު އުތުރުދާއިރާގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރ އިމްތިޔާޒް ފަހުމީގަޔަށް ކަޅުތެޔޮޖެހިކަމަށް ތުހުމަތުކުރެވިގެން ހޯދަމުންދިޔަ ދެމީހަކު ހޯދުމަށް ފުލުހުން ރޭ ވީޑިއޯ އާންމުކޮށްފިއެވެ.
ފުލުހުން ވިދާޅުވީ އާންމުކޮށްފައިވާ ވީޑިއޯ އަދި ފޮޓޯއިން ފެންނަ ދެމީހުންނަކީ 2014 ޑިސެމްބަރު 14 ވަނަ ދުވަހު ފުލުހުންނަށް ހުށަހެޅި، ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ބަލަމުންދާ “އިންޒާރުދިނުމާއި ބިރުދެއްކުމުގެ” މައްސަލައަކާ ގުޅިގެން ހޯދަންބޭނުންވެ، އެމީހުންނަކީ ކޮންބައެއްކަން ދެނެގަނެވިފައި ނުވާތީ ހޯދިފައި ނުވާމީހުންކަމަށެވެ.
މަތީގައިވާ ފޮޓޯއިން ފެންނަ 2 މީހުންނާ ބެހޭ އެއްވެސް މަޢުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ އެމަޢުލޫމާތެއް މޯލްޑިވްސް ޕޮލިސް ސަރވިސްގެ ހޮޓްލައިން ނަމްބަރު 3322111 އަށް ނުވަތަ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓްގެ ނަމްބަރު 9911099 އަށް ގުޅުއްވައި ހިއްސާކުރެއްވުމަށްވެސް ފުލުހުން ބުނެފައިވެއެވެ.

ރޭގެ މުޒާހަރާގައި ހައްޔަރު ކުރި މީހުންގެ ތެރެއިން ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 27 މީހުން

13

ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ދޫކޮށްލުމަށް ގޮވާލައި ރޭ މާލޭގައި ކުރިއަށް ދިޔަ މުޒާހަރާ އާއި ގުޅިގެން 34 މީހަކު ހައްޔަރުކޮށް، 7 މީހަކު ދޫކޮށްލާފައިވާ ކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 34 މީހުންގެ ތެރެއިން މިހާރު ފުލުހުންގެ ބެލުމުގެ ދަށުގައި ތިބީ 27 މީހަކު ކަމަށާއި ރޭގެ މުޒާހަރާ އާއި ގުޅިގެން އެއްވެސް އަންހެނަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިނުވާނެ ކަމަށެވެ.
ފުލުހުންގެ ބެލުމުގެ ދަށުގައި ތިބި މީހުންގެ ތެރޭގައި އެމްޑީޕީގެ ކުރީގެ ރައީސް އިބްރާހިމް ޑީޑީ ހިމެނެއެވެ.
ދޫކޮށްލި މީހުންގެ ތެރޭ 18 އަހަރުން ދަށުގެ ކުއްޖަކު ހިމެނޭ ކަމަށް ވެސް ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވި އެވެ.
ރޭ މާލޭގައި މުޒާހަރާކޮށްފައި ވަނީ ގާނޫނުއަސާސީގެ ދިފާއުގައި އެމްޑީޕީ-ޖޭޕީ ގުޅިގެން އިއްޔެ މާލޭގައި ބޭއްވި ބޮޑު ހިނގާލުމުގައި، ސަރުކާރަށް 13 ކަމަކަށް ޑިމާންޑް ކުރުމަށްފަހު 06:00 ޖެހިފަހުން ރަސްމީކޮށް ނިންމާލައި، އޭގެފަހުން ހިންގާ އެއްވެސް ކަމަށް އެ ދެޕާޓީން ޒިންމާނުވާނެ ކަމަށް ބުނެފައި ވަނިކޮށެވެ.

ގާސިމް ލަންކާ ރައީސް އާ ބައްދަލުކުރައްވައިފި

0_1425108439gasim_news

ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ސްރީލަންކާގެ ރައީސް މައިތިރްޕާލާ ސިރިސެނާ އާއި މިއަދު ބައްދަލުކުރައްވައިފިއެވެ.
ޖުމްހޫރީ ޕާޓީއިން ބުނީ ކޮލަމްބޯގައި ބޭއްވި މި ބައްދަލުކުރެއްވުމުގައި ގާސިމް އިބްރާހިމްގެ އިތުރުން ކުރީގެ ޕޮލިސް ކޮމިޝަނަރު އަދި މިހާރުގެ ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒް ވެސް ބައިވެރިވެވަޑައިގެންނެވި ކަމަށެވެ.
މި ބައްދަލްކުރެއްވުމުގައި ގާސިމް ވަނީ ރާއްޖޭގެ ސިޔާސީ މަސްރަހާބެހޭގޮތުން މައުލޫމާތު ހިއްސާކުރެއްވުމުގެ އިތުރުން ދެގައުމުގެ ދެމެދުގައި އޮތް ގާތް ގުޅުމާއި ބެހޭ ގޮތުން ވެސް މަޝްވަރާ ކުރައްވާފައިވާ ކަމަށް ޖޭޕީއިން ބުނެއެވެ.
މީގެއިތުރުން ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ސިޔާސީ ބައެއް ފަރާތްތައް ހައްޔަރުކޮށްފައިވާތީ އެކަމުގައި ހުރި ކަންބޮޑުވުންތައްވެސް ގާސިމް ވަނީ ލަންކާގެ ރައީސް އާއި ހިއްސާ ކުރައްވާފައިވާ ކަމަށްވެސް އެޕާޓިއިން ބުނެއެވެ.
އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީން އިއްޔެ މާލޭގައި ކުރިއަށް ގެންދިޔަ އެއްވުމުގައި ވެސް ކުރިން ހަމަޖެހިފައި އޮތީ ގާސިމް ބައިވެރިވެވަޑައިގަންނަވާ ގޮތަށެވެ. އެކަމަކު ލަންކާގެ ރައީސާއެކު އެޕޮއިންޓްމެންޓް ހަމަޖެހުނީ އިއްޔެ ހަވީރަށް ކަމަށް ބުނެ ގާސިމް އެއްވުމުގައި ބައިވެރިވެވަޑައިނުގަންނަވާނެ ކަން ޖުމްހޫރީ ޕާޓީން އިއުލާންކުރީ އެއްވުން ފަށަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ.

ފުލުހުންނާ ދިމާއަށް ބާޣީ އެކޭ ގޮވިކަން ސާބިތުކޮށްފިނަމަ އިސްތިއުފާ ދޭނަށް- ތޮލާލު

medium_42218

ފުލުހުންނާ ދިމާއަށް ބާޣީއޭ ބުނެފައި ނުވާނެ ކަމަށާއި އެކަން ސާބިތު ކޮށްފިނަމަ އިސްތުއުފާ ދޭނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް)ގެ ނާއިބު ރައީސް އަހްމަދު ތޮލާލު ވިދާޅުވެއްޖެއެވެ.
ފުލުހުންނާ ދިމާލަށް ބާޣީއޭ ގޮވިކަމަށް ފުލުހުން ބުނެފައިވާތީ އެކަމަށް ރައްދު ދެއްވާ ތޮލާލު ވިދާޅުވީ އެއީ ކަނޑައެޅިގެން ދޮގެއް ކަމަށާއި އެކަން ސާބިތުކޮށްދެވޭނެ ހެއްކެއް ނޯންނެކަމަށެވެ. އަދި އެކަން ފުލުހުން ސާބިތު ކޮށްފިނަމަ އެޗްއާރުސިއެމްގެ މެމްބަރުކަމުން އިސްތިއުފާދޭނެ ކަމަށްވެސް ތޮލާލު ވިދާޅުވިއެވެ.
ފުލުހުންނާ ދިމާއަށް “ތީ ބާޣީންނޭ” ވިދާޅުވި ކަމަށް ބުނެ، އޭނާގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއަށް ފުލުހުން ހޮނުވާފައިވާކަން ހާމަކުރި ހިސާބު އިންޒާރުތައް ލިބެމުން އަންނަ ކަމަށެވެ.
އޭނާއާ ދެކޮޅަށް މަޖިލީހަށް މައްސަލަ ހުށަހެޅީ، ހަގީގީ މައްސަލައެއް އޮވެގެން ކަމަށް ގަބޫލު ނުކުރައްވާ ކަމަށް ތޮލާލް ވިދާޅުވިއެވެ.
ފުލުހުންގެ ބަޔަކާއިދިމައަށް ތޮލާލް ބާޣީއަށް ގޮވިކަމަށް ފުލުހުން ބުނީ، ދޫނިދޫގައި ހުންނެވި ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ އަރިހަށް އެކޮމިޝަނުން އިއްޔެ ހަވީރު ކުރި ޒިޔާރަތަކަށް ފަހު، މާލެއައި މަގުމަތީގައި ކަމަށެވެ.
ފުލުހުން ބުނީ ދޫނިދުއަށް ދިޔުމަށްފަހު އެޗްއާރުސީއެމްގެ ބޭފުޅުން ދަތުރުކުރި ލޯންޗް މާލެއައިއިރު، ފުލުހުން ނެރު ބަންދުކޮށްފައިވާކަމަށާއި އެހެން ދިމާލަކަށް ދިޔުމަށް އެދުމުން “ތިއީ ބާޣީންނޭ” ބުނެ ފުލުހުންނާއި ދިމާކުރައްވާފައިވާ ކަމަށެވެ.

އެޗްއާރސީ އެމްގެ ނައިބުރައީސް ތޮލާލް ފުލުހުންނާއި ދިމާލަށް “ތިއީ ބާޢީންނޭ” ގޮވިމައްސަލަ މަޖިލީހަށް

medium_42218
ހިއުމަންރައިޓްސް ކޮމިޝަންގެ ނައިބު ރައީސް އަހްމަދު ތޮލާލް ފުލުހުންނާއި ދިމާލަށް”ތިއީ ބާޢީންނޭ” ބުނެ ދިމާކުރި މައްސަލައެއް މޯލްޑިވްސް ޕޮލިސްސަރވިސްވިސްގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ރޭ ހުށަހަޅައިފި އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ބުނީ ޝަރީޢަތުގައި ހިނގަމުންދާ މައްސަލައަކާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ފުލުހުން ބަންދުގައި ދޫނިދޫގައި ބަހައްޓާފައިވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު(އަންނި)ގެ އަރިހަށް ޒިޔާރަތްކުރެއްވުމަށް ފަހު، އިއްޔެގެ  ހަވީރުގެ ވަގުތެއްގައި މާލެ ވަޑައިގަތް ލޯންޗްމަތީގައި ހިއުމަން ރައިޓްސް ކޮމިޝަންގެ ނައިބު ރައީސް ތޮލާލް ފުލުހުންނާ ދިމާލަށް “ތިއީ ބާޣީންނޭ” ބުނެ ދިމާކުރައްވާފައި ވާކަމަށެވެ.
ފުހުންބުނީ އެފަދަ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލެއްކަމަށް މޯލްޑިވްސް ޕޮލިސް ސާވިސް އިން ނުދެކޭ ކަމަށާއި،އެހެންކަމުން އެކަން މިހާރު ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ ހުށަހަޅާފައިވާކަމަށެވެ.
“މި ޢަމަލަކީ އެފަދަ ޒިންމާދާރު މަޤާމެއްގައި ހުންނެވި ބޭފުޅެއްގެ ފަރާތުން ފެނިގެންވާނެ ފަދަ އަމަލެއްކަމަށް ޕޮލިސް ސާވިސް އިން ނުދެކެން. އެހެންކަމުން މިކަން ރައްޔިތުންގެ މަޖިލިހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީ އަށް މިހާރުވަނީ ހުށަހަޅާފަ” ފުލުހުން ބުނެފައިވެއެވެ.

މާލޭގެ އަމާންކަން ނަގާލައި ޤާނޫނީ އިމުން ބޭރުން އެއްވުންތައް ބާއްވަން ފުރުސަތު ނުދޭނަން:ސަލާމަތީ ބާރުތަށް

police mndf

މާލޭގެ އަމާންކަން ނަގާލައި ޤާނޫނީ އިމުން ބޭރުން އެއްވުންތައް ބާއްވައި، އެއްވުންތަކުގައި ޤާނޫނާ ޚިލާފު ޢަމަލުތައް ހިންގައި ޖިނާޢީ ކުށްކުރާނަމަ އަދި ޣައިރު ޤާނޫނީ އެއްވެސް ކަމެއް ފެނިއްޖެނަމަ އެފަދަ އެއްވުމެއް ހަމަޖެހިފައިވާ އުޞޫލުތަކުގެމަތިން ރޫޅާލެވޭނެ ކަމަށް ސަލާމަތީ ބާރުތަކުން ބުނެފިއެެވެ.
ފުލުހުންނާއި ސިފައިން ރޭ ދިން ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ ސިޔާސީ ބައެއް ފަރާތްތަކުން މިއަދު ވެރިރަށް މާލޭގައި ކުރަން ރާވާފައިވާ މުޒާހިރާ އާއި ގުޅިގެން ރަށުތެރޭގައި ހަމަނުޖެހުން އުފައްދައި، ރައްޔިތުންގެ ގޯތި ގެދޮރަށާއި މުދަލަށް އަދި ދައުލަތުގެ މުދަލަށް ގެއްލުންދިނުމުގެ އެއްވެސް ޙަރަކާތެއް ހިންގަން އެއްވެސް ފަރާތަކަށް ފުރުޞަތު ނުދޭނެކަމަށާއި، އެހެންނަމަވެސް ޞުލްޙަވެރިކަމާއެކު، ޤާނޫނީ އިމުގެތެރޭގައި ޚިޔާލު ފާޅުކުރުމަށް ކުރާ މަސައްކަތަށް ސަލާމަތީ ބާރުތަކުން ހުރަސް ނާޅާނެކަމުގައެވެ.
“ސިޔާސީ ފަރާތްތަކުން މިއަދު ކުރަން ރާވާފައިވާ މުޒާހިރާއާއި އެއްވުންތަކުގައި ރާއްޖޭގައި އުޅޭ އެއްވެސް ބިދޭސީއަކު ބައިވެރިކުރާނަމަ އެކަން އަޅުގަނޑުމެން ހުއްޓުވާނަން. އަދި ރާއްޖޭގައި ދިރިއުޅޭ ބިދޭސީންނަށް ލިބިދޭންޖެހޭ ރައްކާތެރިކަމަށް ހުރަސްއެޅޭފަދަ ޢަމަލަކަށް ފުރުޞަތު ނުދޭނަން” ސަލާމަތީ ބާރުތަކުންނެރެފައިވާ ގުޅިފައިވާބަޔާނުގައި ވެއެވެ.
މުޒާހިރާގައި ބައިވެރިވުމަށް އަތޮޅުތަކުން މާލެއަށް މީހުން އައިނަމަވެސް މާލެ މާލެތެރެ ހަލަބޮލިކޮށް، މާލޭގެ އަމާންކަން ނަގާލުމުގައި ބައިވެރިވުމަކީ މާލޭގައި ދިރިއުޅޭ ފަރާތްތަކުގެ ޙައްޤުތަކެއް ގެއްލިގެންދާނެ ކަމެށްކަމަށާއި، މާލޭގެ އަމަން ނަގާލައި މިމުޒާހިރާގައި ބައިވެރިވާން އަންނަ ފަރާތްތައް ހޯދައި އެފަރާތްތަކާ ދޭތެރޭ ޤާނޫނީ ފިޔަވަޅު އަޅާނެކަމުގައި ވެސް ގުޅިފައިވާ ބަޔާނުގައި ބުނެފައިވެއެވެ.
“އެހެންކަމުން އަތޮޅުތަކުން މާލެ އަންނަ ފަރާތްތަކުންވެސް ޞުލްޙަވެރިކަމާއެކު، އެއްވެ އުޅުމުގެ މިނިވަންކަމުގެ ޤާނޫނާ، ޢާއްމު އިޖުތިމާޢީ މިންގަނޑުތަކުގެ ޤާނޫނާ ޚިލާފު ނުވާނެހެން އަދި މާލޭގައި ދިރިއުޅޭ މީހުންގެ ޙައްޤުތަކަށް އުނިކަމެއް ނާންނާނެފަދައިން ޢަމަލުތައް ބެހެއްޓެވުމަށްވެސް ސަލާމަތީ ބާރުތަކުން އެދޭކަމެއް”
އެބަޔާނުގައި ބުނެފައިވަނީ މިއަދު މާލޭގައި ސިޔާސީ ބައެއް ފަރާތްތަކުން ބޭއްވުމަށް އިންތިޒާމުކުރަމުންދާ މުޒާހިރާ އާއި ގުޅިގެން ޤައުމުގައި އުފެދިދާނެ ހަމަނުޖެހުމަކުން ސަލާމަތްވެ ރައްޔިތުންނަށް ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ ޤައުމުގައި ހަމަޖެހުން ޤާއިމް ކުރުމަށް ސިފައިންނާ ފުލުހުން ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށާއި، މުޒާހިރާގައި ޞުލްޙަވެރި ސިފަގެއްލިގެން ހިނގައްޖެކަމަށް ފުލުހުންނަށް ޤަބޫލު ކުރެވިއްޖެނަމަ އެ އެއްވުމެއް ޤާނޫނީ ހަމަތަކުގެމަތިން ރޫޅާލާނެކަމަށެވެ.އަދި އެމުޒާހިރާގައި ބައިވެރިވާ ފަރާތްތަކުން އެފަދަ ވަގުތުގައި ފަރުދީ ޒިންމާ ނަގަންޖެހޭނެ ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ
“މިހާރު ހިނގަމުންދާ ސިޔާސީ ޙަރަކާތްތަކުގައި ސިފައިންނާ ފުލުހުން ބައިވެރިވުމަށް ދަޢުވަތުދީ، ސަލާމަތީ ބާރުތަކުން ސިޔާސީ ކަންކަމުގެ ތެރެއަށް ވަނުމަށް ސިޔާސީ ބައެއް ފަރާތްތަކުން ދަނީ ގޮވާލަމުން. އަދި ސަލާމަތީ ބާރުތަކުގެ ވަކިވަކި މީހުންނަށް ފައިސާ ދީގެންނާއި އެހެނިހެން ގޮތްގޮތުން މަންފާހުރި ކަންކަން ކޮށްދޭނެކަމަށްބުނެ ކޮރަޕްޝަންގެ ޢަމަލުތައް ހިންގުމަށް ބައެއް ފަރާތްތަކުން ދަނީ މަސައްކަތް ކުރަމުން. މިފަދަ މަސައްކަތްތަކަކީ ސިފައިންނާ ފުލުހުންގެ ސަފުތައް ބައިބައިކުރުމަށް ކުރެވޭ މަސައްކަތްތައްކަމުގައި އަޅުގަނޑުމެން ދެކެން”.ސަލާމަތީބާރުތަކުން ނެރެފައިވާ ގުޅިފައިވާ ބަޔާނުގައި ވެއެވެ.

އެހެންކަމުން އެފަދަ ޢަމަލުތައް އެއްވެސް ފަރާތަކުން ނުކުރުމަށާއި، ސިފައިންނާ ފުލުހުންނަކީ ޤައުމުގެ ދިފާޢުގައައާއި ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދީ، ޤާނޫނުގެ ބާރުވެރިކަން ދެމެހެއްޓުމުގެ ޤާނޫނީ ބާރުދެވިފައިވާ ފަރާތްތައް ކަމުގައިވެސް ބަޔާނުގައި ވެއެވެ.

ނަޝީދު ކުްރިމިނަލް ކޯޓަށް ހާޒިރުކޮށްފި

mohamed-nasheedh

ދައުލަތުން ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކުރާ ޓެރަރިޒަމްގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމަށް ކްރިމިނަލް ކޯޓަށް ހާޒިރުކޮށްފި އެވެ.
މި ދައުވާގެ ފުރަތަމަ އަޑު އެހުން މިދިޔަ ހޯމަ ދުވަހު ބާއްވާފައިވާއިރު މިރޭ 08:00 ގައި ބޭއްވުމަށް ހަމަޖެހިފައިވަނީ މި ދައުވާގެ ދެ ވަނަ އަޑު އެހުމެވެ.
މި މައްސަަލައިގެ ޝަރީއަތުގެ ފުރަތަ،ަ އަޑުއެހުމުގައި، ޝަރީއަތް ނިމެންދެން ނަޝީދު ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރުކޮށްފައިވެ އެވެ. އަދި މައްސަލަ އަށް ތައްޔާރުވުމަށާއި ވަކީލަކު އައްޔަންކުރުމަށް އެ މަނިކުފާނަށް ތިން ދުވަހުގެ ފުރުސަތެއް ވެސް ދިނެވެ.
ނަޝީދު ކޯޓަށް ހާޒިރު ކުރި މަންޒަރު ވީޑިއޯ ކޮށް ފޮޓޯ ނެގުމުގެ ފުރުސަތު އެއްވެސް މީޑިއާ އަކަށް ދީފައެއް ނުވެއެވެ.
ނަޝީދުގެ އިތުރުން، އޭރު އެ މަނިކުފާނުގެ ޑިފެންސް މިނިސްޓަރަކަށް ހުންނެވި ތޮލްހަތު އިބްރާހީމް ކަލޭފާނުގެ މައްޗަށް ދައުލަތުން ކުރާ ޓެރަރިޒަމްގެ ދައުވާގެ އަޑުއެހުން ވެސް ވަނީ މިރެ އަށް ޝެޑިއުލްކޮށްފަ އެވެ. އެ އަޑުއެހުން ބޭއްވުމަށް ކަނޑައަޅާފައި ވަނީ 10:00 ގަ އެވެ.
މި ދެ ބޭފުޅުންގެ އިތުރުން، އޭރުގެ ޗީފް އޮފް ޑިފެންސް ފޯސް އަދި މިހާރުގެ ޑިފެންސް މިނިސްޓަރު މޫސާ އަލީ ޖަލީލާއި އެމްއެންޑީއެފްގެ މާލޭ އޭރިޔާ ކޮމާންޑަރަކަށް އޭރު ހުންނެވި އަދި މިހާރު ހިތަދޫ މެދު ދާއިރާގެ މެމްބަރު އިބްރާހީމް މުހައްމަދު ދީދީ އާއި އޭރުގެ ކާނަލް މުހައްމަދު ޒިޔާދުގެ މައްޗަށް ވެސް ދައުލަތުން ވަނީ ޓެރަރިޒަމްގެ ދައުވާ އުފުލާފަ އެވެ. މިދިޔަ އަންގާރަ ދުވަހު ހަވީރު ވަކިވަކިން އޮތް އަޑުއެހުންތަކުގައި، ކްރިމިނަލް ކޯޓުން ވަނީ އެ ބޭފުޅުންނަށް ވެސް ވަކީލުން އައްޔަންކުރުމަށް ތިން ދުވަހުގެ ފުރުސަތެއް ދީފަ އެވެ.

.

އެޗްއާރުސީއެމް އިން ބަޔާން ނެރުނީ ހަގީގަތް ނުބަލާ- ފުލުހުން

police

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބަންދުގައި ބަހައްޓައިގެން ކްރިމިނަލް ކޯޓަށް ހާޒިރުކުރެއްވި ދުވަހު ފުލުހުން އެމަނިކުފާނާމެދު އަމަލު ކުރެއްވި ގޮތާ ގުޅޭ ގޮތުން ހިއުމަންރައިޓްސް ކޮމިޝަނުން ބަޔާން ނެރުނީ އެހާދިސާ ތަހުގީގު ކުރުމެއް ނެތިކަމަށް ފުލުހުން ބުނެފިއެވެ. އިސްކަންދަރު ބިލްޑިންގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސްޕްރިންޓެންޑެންޓު އޮފް ޕޮލިސް ހަމްދޫން ރަޝީދު ވިދާޅުވީ، މިދިޔަ ހޯމަ ދުވަހު ރައީސް ނަޝީދު ކްރިމިނަލް ކޯޓަށް ވަޑައިގަންނަވަން އުޅުއްވި ވަގުތު ހިނގި ކަންތައްތައް ތަހުގީގު ކުރުމަކާ ނުލައި ރިޕޯޓެއް ނެރުމަކީ ގަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ. “ފުލުހުން ހިންގާ އޮޕަރޭޝަންތަކާ ގުޅިގެން، ހުށަހަޅާ ބިނާ ކުރަނިވި ހުށަހެޅުންތަކަކީ އަޅުގަނޑުމެން ބަލައިގަންނާނެ ކަންތައްތައް. ނަމަވެސް އަޅުގަނޑުމެންގެ ކަންތައްތައް ތަހުގީގު ކުރުމެއް ނެތި ކުށްވެރިކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،” ހަމްދޫން ވިދާޅުވި އެވެ. އެރިޕޯޓް އެޗްއާރުސީއެމް ނެރެފައިވަނީ ކަމުގެ ހަގީގަތް އޮޅުވާލުމަށް ކަމަށްވެސް ހަމްދޫން ވިދާޅުވިއެވެ. އަދި ފުލުހުންގެ އިލްތިމާސަކީ އެކަން ހިނގި ގޮތް ރަނގަޅަށް ބެއްލުމަށްފަހު ކަން ހިނގައިދިޔަ ގޮތް ހާމަ ކުރެއްވުމަށް ކަމަށް ހަމްދޫން ވިދާޅުވި އެވެ. ހަމްދޫން ވިދާޅުވީ ނަޝީދު ކޯޓަށް ވެއްދުމުގައި ލިބުނު އަނިޔާތައް ބެލުމަށް ޑޮކްޓަރަށް ދެއްކުމުން އެމަނިކުފާނަށް އެއްވެސް އަނިޔާއެއް ލިބިފައިނުވާ ކަމަށް ޑޮކްޓަރުން ބުނެފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ފުލުހުންގެ ބެލުމުގެ ދަށުގައި ހުންނަވަނީ ފުރިހަމަ ސަލާމަތާއި ރައްކާތެރިކަމާ އެކު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. “ނަޝީދު ފުލުހުންގެ ބަންދުގައި ހުންނަވަނީ އެމަނިކުފާނަށް ލިބެންޖެހޭ ހައްގުތައް ފުރިހަމައަށް ލިބިދީ. އިންސާނީ ކަރަމާތަށް އުނިކަމެއް ނުލިބި ރައްކާތެރިކަމާ އެކުގައި ކަމުގެ ޔަގީންކަން ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުމެން އަރުވަން،” ހަމްދޫން ވިދާޅުވި އެވެ. ނަޝީދު ކޯޓަށް ގެންދިއުމުގައި ހިނގި ކަންތައްތަކުގައި ފުލުހުން ބާރުގެ ބޭނުން ކުރި ގޮތް ފުލުހުންގެ ޔޫސް އޮފް ފޯސް ރިވިއު ކޮމިޓީން ބަލަމުންދާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެމްޑީޕީ-ޖޭޕީން މާލޭގައި ކުރަމުންދާ ސިލްސިލާ މުޒާހަރާތަކާ ގުޅިގެން ހަމްދޫން ވިދާޅުވީ އާންމު އިޖުތިމާއީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން މުޒާހަރާތައް ކުރިއަށް ގެންދިއުމަށާއި ގާނޫނީ އިމުން ބޭރުން މުޒާހަރާތައް ބާއްވާނަމަ އެ މުޒާހަރާތައް ރޫޅާލާނެ ކަމަށެވެ.

ވިލާ ކުންފުންޏާއި ބެހޭ ގޮތުންދައުލަތު ދައްކާފައިވާ ވާހަކަތަކަކީ އުފައްދާފައިވާ ސްކްރިޕްޓެއް- ގާސިމް

gasim-ibrahim-haftha

ކުރީގެ ޑިފެންސް މިނިސްޓަރ ކާނަލް މުހައްމަދު ނާޒިމް ދިރިއުޅުއްވާ އެޕާޓްމެންޓުން ފެނުނު ހަތިޔާރު ބޭނުން ކޮށްގެން ދައުލަތުގެ އިސްވެރިންތަކަކަށް ދޭން އުޅުނު ހަމަލާއަށް ހަރަދު ކުރުމަށް ހަމަޖެހިފައި އޮތީ ވިލާއިން ކަމަށް ބުނުމަކީ ކަނޑައެޅިގެން ދޮގެއް ކަމަށް ވިލާ ގްރޫޕްގެ ޗެއާމަން އަދި ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެ އެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން، ބޭރުގެ މިޝަންތަކަށާއި ހައިކޮމިޝަންތަކަށް މައުލޫމާތު ދިނުމަށް ލަންކާއަށް ފުރާވަޑައިގަތުމުގެ ކުރިން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ގާސިމް ވިދާޅުވީ އެމަނިކުފާނަކީ ދުވަހަކުވެސް ޣައިރު ގާނޫނީ ކަންކަމަށް އެހީވާނެ ބޭފުޅެއް ނޫން ކަމަށެވެ. އަދި ވިލާ ކުންފުންޏާ ބެހޭ ގޮތުން ދައުލަތުން ދެއްކީ، އެ ކުންފުނި ބަދުނާމް ކުރުމުގެ ވާހަކަތަކެއް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.
އަދި ގާސިމް ވިދާޅުވީ ދައުލަތުން ނާޒިމްގެ މައްޗަށް ކުރި ދައުވާގައި ބުނާ ވާހަކަތަކަކީ ބަޔަކު އަމިއްލައަށް އުފައްދާފައިވާ ސްކްރިޕްޓެއް ކަމަށެވެ.
” އަޅުގަނޑުމެންނަކީ ޣައިރު ގާނޫނީ ކަމަކަށް އެއްވެސް ކަހަލަ އެހީތެރިކަމެއް ވެދޭނެ ބައެއް ނޫން. އަދި ވެ ދީފައިވާ ބައެއް ވެސް ނޫން. ނުވެސް ވެދޭނަން. އެއީ ބަޔަކު ފްރޭމް ކުރުމަށްޓަކައި ދެކި ވާހަކަތަކެއް” ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ދައުލަތުން ކުރާ ދައުވާގެ ބަޔާނުގައި ހުރި އެއްޗެއް މުޅިން އެނގިވަޑައި ނުގަންނަވާ ކަމަށާއި އެބަޔާންތައް ދައުވާ ލިބޭ ފަރާތަށް ވެސް ނުލިބޭ ކަމަށެވެ.
“އޭގައި އޮތް އެއްވެސް ނޭނގި އެއްޗެއް ދަންނަވަން ވަރަށް އުނދަގޫ އަޅުގަނޑުމެނާ، އަޅުގަނޑުގެ ކުންފނީގެ ބޮލުގައި ބަދުނާމު އަޅުވަންކޮށްފައިވާ ކަމެއް އެއީ އެކަމަކީ ވަރަށް ދެރަ ކަމެއް އަޅުގަނޑެއް އެބާވަތުގެ ކަމަކަށް އަރައެއް ނުގަންނާނަން. މީގެން މި އެނގެނީ ވެރިކަމަށް ކުރިމަތިލާފާނެ ކޮންމެ މީހަކުވެސް ފްރޭމް ކުރާނެކަން،” ގާސިމް ވިދާޅުވި އެވެ.
ނާޒިމްގެ ކޮޓަރިން ހަތިޔާރު ފެނުނު މައްސަލާގައި، މިއަދު ހަވީރު 4:00 ގައި ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުން ބުނީ، ޕެން ޑްރައިވުން ލިބުނު މައުލޫމާތުތަކަށް ބަލާއިރު، ވިލާއިން ފަންޑްކޮށްގެން، “އިންޑިވިޖުއަލް ޓާސްކްތަކަކާ”އި “ޖޮއިންޓް ޓާސްކްތަކެއް” ނާޒިމާ ހަވާލުކޮށްފައިވާ ކަމަށެވެ. އަދި އެއީ ދައުލަތުގެ އިއްޒަތްތެރިންތަކަކަށް ހަމަލާދިނުންކަން އެނގޭ ކަމަށް ވެސް ދައުލަތުން ބުންޏެވެ.

މިމަހުގެ 27 ވަނަ ދުވަހަކީ އެމްޑީޕީ އާއި ޖޭޕީގެ ޖަނާޒާ ބާއްވާ ދުވަސް- ރިޔާޒް

riyaaz-rasheedh-haftha

މިމަހުގެ 27 ވަނަ ދުވަހަކީ އެމްޑީޕީ އާއި ޖޭޕީގެ ޖަނާޒާ ދުވަހެއް ކަމަށާއި އެދުވަހުގެ މުޒާހަރާއަށްދާނެ ބަޔަކު ނުވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރ ރިޔާޒް ރަޝީދު ވިދާޅުވެއްޖެ.
މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭ ގޮތުން ދިޓީވީ ހަބަރުތެރެއިން ޕްރޮގުރާމްގައި ވާހަކަ ދައްކަވަމުން ރިޔާޒް ރަޝީދު ވިދާޅުވީ މިސަރުކާރުން ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަމެއް އެމްޑީޕީއަކަށްވެސް އަދި ޖޭޕީއަކަށްވެސް ބުނެދެވިފައިނުވާ ކަމަށެވެ.
އެހެން ނަމަވެސް ކުރީގެ ރައީސް ނަޝިދު ގާނޫނު އަސާސީއާ ހިލާފަށް ކުރެއްވި ކަންތައްތަކުގެ ލިސްޓް ދިގު ކަމަށް ރިޔާޒް ވިދާޅުވިއެވެ.
މިމަހުގެ 27 ވަނަ ދުވަހު އެމްޑީޕީ އާއި ޖޭޕީއިން ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާއަށް ދާނެ މީހަކު ނުވާނެ ކަމަށާއި އެދުވަހަކީ އެމްޑީޕީ އަދި ޖޭޕީގެ ޖަނާޒާ ދުވަސް ކަމަށް ރިޔާޒް ވިދާޅުވިއެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދަކީ ގާނޫނު އަސާސީއާ އެކި ގޮތް ގޮތުން ހިލާފު ވެފައިވާ ބޭފުޅެއް ކަމަށާއި، “ގައުމަށް ރަނގަޅަކަށް” ވެރިކަމުން އިސްތިއުފާ ދެއްވުމަށް ފަހު، އަނެއްކާވެސް ގައުމު ހަލަބޮލިކުރަން ނަޝީދު މަސައްކަޔް ކުރައްވާ ކަމަށް ރިޔާޒް ވަނީ ތުހުމަތު ކުރައްވާފައެވެ.
ރިޔާޒް ވިދާޅުވީ މަޖިލީހުގެ މެޖޯރިޓީ ނަޝީދަށް ލިބިވަޑައިގެންނެވި ނަމަ “ރާއްޖެ ސަލާމަތް ނުވާނެ ކަމަށެވެ.
ރިޔާޒް ވިދާޅުވީ ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ދައުވާ ކުރަނީ ސަރުކާރަކުން ނޫން ކަމަށާއި އަދި އެއީ ޕްރޮސިކިއުޓާ ޖެނެރަލްގެ ކަމެއް ކަމަށެވެ. ގާނޫނުތަކަށް ބަދަލުގެންނަވަނީ ސަރުކާރުން ނޫން ކަމަށާއި އެކަން ކުރަނީ ރައްޔިތުންގެ މަޖިލީހުން ކަމަށްވެސް ރިޔާޒް ވިދާޅުވިއެވެ.