މާދަމާގެ މުޒާހަރާއަށް ފަންޑު ކުރަނީ ގާސިމް- އަދީބް

adheeb
އަނިޔާވެރި ކަމާއި ދެކޮޅަށް ކަމަށް ބުނެ އިދިކޮޅު ފަރާތްތަކުން މާދަމާ ބާއްވާ މުޒާހަރާ އަށް ފަންޑު ކުރަނީ ޖުމުހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ކަމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު މިއަދު ތުހުމަތު ކުރައްވައިފިއެވެ.
ޕީޕީއެމްގެ ޕީޖީގެ ފަރާތުން މުލިއާގޭގައި ބޭއްވި ޕްރެސްކޮންފަރެންސްގައި އަދީބު ވިދާޅުވީ، މިއީ ސަރުކާރުން ތަރައްގީ ގެންނާތީ އެކަން ހުއްޓުވަން ވެގެން އިދިކޮޅު ފަރާތްތަކުން ގެންދާ ސިޔާސީ ކަންތައްގަޑެއްގެ ސިލްސިލާއެއް ކަމަށެވެ. އަދި އެކަން ކިތަންމެ ފޮރުވިގެން ކުރި ނަމަވެސް އެކަމަކީ ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ފަންޑުކޮށްގެން ކުރާ ކަމެއް ކަން އެނގޭ ކަމަށާއި، ގާސިމް މިވަގުތު ވެސް ހުންނެވީ ބެންކޮގްގައި ފިލާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ. އަދި ގާސިމް މިވަގުތު ވެސް ހުންނެވީ ބެންކޮގްގައި ފިލާ ކަމަށް ވެސް އަދީބު ވިދާޅުވި އެވެ.
“ކިތަންމެ ފޮރުވައިގެން ކުރިއަށް މިއީ ގާސިމް ފަންޑުކޮށްގެން ކުރާ ކަމެއް، އަދާލަތު ޕާޓީއިން ކޮންޓްރެކްޓް އުސޫލުން ހިންގާ ކަމެއް، ޝެއިހް އިމްރާން އާއި އަލީ ވަހީދު އާއި ޖޭޕީ އަމީން މެން ތިއްބަސް ގާސިމް ބެންގްކޮކްގައި ފިލާ ހުރެގެން ފަންޑުކޮށްގެން ކުރާ ކަމެއް ކަންކަން މިއީ ވަރަށް ސާފު،” އަދީބު ވިދާޅުވި އެވެ.
އަދީބު ވިދާޅުވީ އިމްރާންމެން ފަދަ ދީނީ އިލްމްވެރިން ދީނީ ކާޑު ބޭނުންކޮށްގެން ނިކުމެ ޖިހާދު ހުއްދަ ކަމަށް ބުނެ، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުން ކަމަށެވެ. އަދި އިމްރާން މެން އެފަދަ ވާހަކަތައް ދައްކަނީ ގާސިމް ފައިސާ ދެއްވައިގެން ކަމަށް ވެސް އަދީބް ވިދާޅުވި އެވެ. އަދި މިއީ ދީނީ އިލްމްވެރިންގެ ކިބައިން ފެންނަން ބޭނުންވާނެ ކަންތައްތަކެއް ނޫން ކަމަށް މިނިސްޓަރު އަދީބު ފާހަގަކުރެއްވިއެވެ.
މާދަމާގެ ހަރަކާތަކީ ސުލްހަވެރި ހަރަކާތެއް ނޫންކަން ފާހަގަ ކުރައްވައި އަދީބު ވިދާޅުވީ، ހިތާމަ ހުރި ކަމަކީ އިމްރާންމެން ފަދަ ދީނީ އިލްމްވެރިން ދީނީ ކާޑު ބޭނުންކޮށްގެން ނިކުމެ ޖިހާދު ހުއްދަ ކަމަށް ބުނެ، ގައުމުގެ ހަމަޖެހުން ނަގާލަން މަސައްކަތް ކުރުން ކަމަށެވެ. އަދި އިމްރާން މެން އެފަދަ ވާހަކަތައް ދައްކަނީ ގާސިމް ފައިސާ ދެއްވައިގެން ކަމަށް ވެސް އޭނާ ތުހުމަތު ކުރެއްވި އެވެ. އަދި މިއީ ދީނީ އިލްމްވެރިންގެ ކިބައިން ފެންނަން ބޭނުންވާނެ ކަންތައްތަކެއް ނޫން ކަމަށް ވެސް ވިދާޅުވި އެވެ.
އެ ހަރަކާތަށް ޒިންމާވާން އެމްޑީޕީ އަށް ‘ނުކެރުމުން’ އެންމެ ފަހުން އެ ހަރަކާތަށް ޒިންމާވާން އަދާލަތު ޕާޓީ އިން ނިންމީ ކޮންޓްރެކްޓް އުސޫލުން ފައިސާ ދީގެން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މޭޑޭގެ ހަރަކާތުގައި ހަމަނުޖެހުން ހިންގަން އިމްރާން މެން ކިތަންމެ ވަރަށް މަސައްކަތް ކުރެއްވިއަސް އެކަމަށް ޖާގައެއް ނުދެއްވާނެ ކަމަށް ވެސް ވިދާޅުވި އެވެ. އަދި އެފަދަ ކަންކަމާ ދެކޮޅަށް މަސައްކަތްކޮށް ގައުމުގައި އަމާންކަން ގާއިމް ކުރަން ސަލާމަތީ ހިދުމަތްތަކުން ތިބީ ފުރިހަމައަށް ތައްޔާރަށް ކަމަށް ވެސް ވިދާޅުވި އެވެ. ހަމަނުޖެހުމެއް ހިންގައި ލޭ އޮހޮރުވަން މަސައްކަތް ނުކުރެއްވުމަށް އަދީބު ނަސޭހަތްތެރިވެ ވަޑައިގަތެވެ.

މާދަމާ ފުލުހުން ހިންގާ އޮޕަރޭޝަންގައި މީޑިއާތަކުން ޢަމަލުކުރާނެ ގޮތުގެ މަޢުލޫމާތު މީޑިއާތަކަށް ދީފި

mEDIA

މާދަމާ ފުލުހުން ހިންގާ އޮޕަރޭޝަންގައި މީޑިއާތަކުން ޢަމަލުކުރުމަށް ފުލުހުން އެދޭގޮތުގެ މަޢުލޫމާތުދީ މީޑިއާތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދިނުމުގެ ކަންކަމާ ބެހޭގޮތުން މީޑިއާތަކުގެ އިސްވެރިންނަށް ފުލުހުން މަޢުލޫމާތު ދީފިއެވެ.

ފުލުހުން ހިންގާ އޮޕަރޭޝަން ގައި މީޑިއާތަކަށް ޙަރަކާތްތެރިވެވޭނެ ރައްކާތެރި ގޮތްތަކާ މީޑިއާތަކުން އިވެންޓް ކަވަރ ކުރުމުގައި ޤާނޫނީ އިމުގެތެރެއިން ޢަމަލުތައް ގެންދިއުމާ ބެހޭގޮތުން ފުލުހުންގެ ފަރާތުން މީޑިއާތަކަށް މަޢުލޫމާތު ދީފައިވަނީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި މިއަދު ބޭއްވި ބައްދަލުވުމެއްގައެވެ.

މިއަދުގެ ބައްދަލުވުމުގައި މަޢުލޫމާތު ދެއްވަމުން އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ފަރުހާދު ފިކުރީ ވިދާޅުވީ މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ ބޭނުމަކީ ފުލުހުންނާ މީޑިއާތަކުގެ އިސްފަރާތްތައް މަޝްވަރާކޮށް ގޮތްތަކެއް ނިންމުމެވެ. މީގެ އިތުރުން މީޑިއާގެ ހުރިހާ ފަރާތްތަކުންވެސް ރައްޔިތުންނަށް ކަމުގެ ހަޤީޤަތް އޮޅުންފިލާގޮތަށް ތެދު މަޢުލޫމާތު ދެއްވުމަށާއި ޤައުމީ މަޞްލަހަތަށް އިސްކަންދީގެން ޚަބަރާ މަޢުލޫމާތު ގެނެސްދިނުމަށް މީޑިއާތަކުގެ ކިބައިން އެދިވަޑައިގެންނެވިއެވެ.

މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ހެޑް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް އިސްމާޢީލް ނަވީން ވިދާޅުވީ މީޑިއާތަކަށް ރައްކާތެރިކަން ކަށަވަރުވާގޮތަށް އަދި މީޑިއާތަކަށް ފުލުހުންގެ އޮޕަރޭޝަން ކަވަރު ކުރެވޭގޮތަށް ފުރުޞަތު ދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އެހެންނަމަވެސް މީޑިއާގެ މަސައްކަތުގައި ޙަރަކާތްތެރިވާ އެއްވެސް މީހަކު މުޒާހިރާގެ ބައިވެރިއެއްގެ ގޮތުގައި ބެލިއްޖެނަމަ ފާސްހިފައިގެން ހުރިކަމުގައިވިޔަސް އެފަދަ މީހަކަށް ރައްކާތެރިކަން ދިނުމާ ފުލުހުން ބަންދުކޮށްފައިވާ ސަރަޙައްދަށް ވަނުމުގެ ފުރުޞަތު ދިނުމަކީ ފަސޭހަ ކަމެއްނޫން ކަމަށްވެސް އިސްމާޢީލް ނަވީން ވިދާޅުވިއެވެ.

މިއަދު އޮތް ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ސްޕެޝަލިސްޓް އޮޕަރޭޝަންސްގެ ޑެޕިއުޓީ ހެޑް ސަބްއިންސްޕެކްޓަރ އޮފް ޕޮލިސް އިބްރާހީމް މުޙައްމަދު ވިދާޅުވީ ފުލުހުން ކަނޑައަޅާ ސަލާމަތީ ސަރަޙައްދުގައި މީޑިއާތަކުން ޙަރަކާތްތެރި ވުމުގައި ފުލުހުންގެ އިރުޝާދު ހޯދުމަކީ މުހިއްމު ކަމެއްކަމުގައެވެ. އަދި މީޑިއާގެ ބައެއް ފަރާތްތަކާމެދު ބަސްމަގު ބޭނުން ކުރުމުގައި ފުލުހުންނަށް މީޑިއާގެ ފަރާތްތަކުން ޢަމަލު ކުރެވިފައިވާނަމަ އެކަމަށް މާފަށް އެދޭކަމުގައި ވިދާޅުވިއެވެ.

މިބައްދަލުވުމުގައި މީޑިއާތަކުން ވަނީ އެފަރާތްތަކުން ކަންބޮޑުވާ ކަންތައްތަކާ އަދި ފުލުހުންގެ ކިބައިން އެދޭ ކަންތައްތަކެއް ހުށަހަޅުއްވާފައެވެ. މިގޮތުން ބައެއް ފަހަރު ފާސް އޮތަސް މީޑިއާތަކަށް ފުރުޞަތު ލިބުމުގައި ހުރި ދަތިތަކާ މުޒާހިރާއެއް ރޫޅާލުމުގައި ބައެއްފަހަރު ރައްކާތެރިކަން ލިބިގެން ނުދިއުން ފަދަ ކަންކަން ހިމެނެއެވެ. މީގެ އިތުރުން ގިނަ މީޑިއާތަކެއް ރަޖިސްޓްރީ ކޮށްފައިވީނަމަވެސް އެކްޓިވްކޮށް އެފަދަ މީޑިއާތަކުން ޙަރަކާތްތެރި ނުވާތީ އެމީޑިއާތަކުގެ ފާހުގައިވެސް މީޑިއާގެ ނަމުގައި ބައެއް ފަރާތްތަކުން ޙަރަކާތްތެރިވާކަން ފާހަގަ ކުރެއްވިއެވެ.

ރާއްޖޭގެ ޒުވާނުންގެ މެދުގައި މަސައްކަތުގެ އަޚްލާޤާއި، ސުލޫކު އަށަނުގަންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް-ނައިބް ރައީސް

62439_69ea44ae-f_

ރާއްޖޭގައި މަތީ ތަޢުލީމުގެ މަރުކަޒުތަކާއި، މަތީ ތަޢުލީމު ޙާޞިލްކުރާ ދަރިވަރުންގެ ޢަދަދު އިތުރުވަމުން ދިޔަނަމަވެސް ރާއްޖޭގެ ޒުވާނުންގެ މެދުގައި މަސައްކަތުގެ އަޚްލާޤާއި، ސުލޫކު އަށަނުގަންނަކަމީ ކަންބޮޑުވާންޖެހޭ ކަމެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޑޮކްޓަރ މުޙައްމަދު ޖަމީލް އަޙްމަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، ކްލީކް ކޮލެޖްގެ މިއަހަރުގެ ދަސްވެނިވުމުގެ ރަސްމިއްޔާތުގައި ރޭ ވާހަކަފުޅު ދައްކަވަމުންނެވެ. ‏ ރައީސުލްޖުމްހޫރިއްޔާގެ ނާއިބުގެ ވާހަކަފުޅުގައި، މިއަދު ދިވެހި ޤައުމު އިޤްތިޞާދީ ގޮތުން ކުރި އެރުވުމަށްޓަކައި ކުރަމުންދާ ބުރަ މަސައްކަތްތައް ފާހަގަ ކުރައްވައި، މިކަމުގެ އަސްލު މަޤްޞަދަށް ޙާސިލްވުމަށްޓަކައި އޮތް އެންމެ ބޮޑު އެއްގޮންޖެހުމަކީ ރާއްޖޭގައި އެއްދުވަހުން އަނެއް ދުވަހަށް މަދުވަމުންދާ މަސައްކަތުގެ އަޚްލާޤުކަން ހިތާމައާއެކު ފާހަގަ ކުރެއްވިއެވެ. މިރޭގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން، ޤައުމެއްގެ އަސްލަކީ އެޤައުމެއްގެ ރައްޔިތުންގެ އަޚުލާޤުކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، އެހެން ޤައުމުތަކެކޭ އެއްފަދައިން މި ޤައުމުގައިވެސް އެންމެ ބާރަށް ދެކެވޭ ވާހަކައަކީ ޒުވާނުންގެ ވާހަކަކަން ފާހަގަ ކުރައްވަމުން، އެންމެ ބުއްދިވެރިއަކީ ޒުވާންކަމުގެ ފައިދާ ހެޔޮ ގޮތުގައި ހިފާ މީހާ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ. އަދި، އެންމެ މޮޅު ޒުވާނާއަކީ، ތިމާ ވާސިލްވާން ބޭނުންވާ މަންޒިލަށް، ނުވަތަ ލަނޑުދަނޑިއަށް ވާސިލްވުމަށް އެންމެ ބޮޑު ހަކަތައެއްގެ ގޮތުގައި ޒުވާން ކަމުގެ ބޭނުން ހިފާ ޒުވާނާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން، ޤައުމެއްގައި ކިތަންމެ ބޮޑު މަޝްރޫޢުތަކާއި، މެނިފެސްޓޯއާއި، ވަޢުދުތަކެއް ހުރިނަމަވެސް އެ ޤައުމައިގެން ކުރިއަށް ދާނެ ޒުވާނުން ނެތް ޤައުމަކަށް އުފާވެރިކަމެއް ނާންނާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު ފާސްކުރައްވައިފި

majilis

މިއަދު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 22 ވަނަ ޖަލްސާގައި، ސަރުކާރުގެ ފަރާތުން ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީގެ ބިލު، ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާކުރައްވާ ނިންމެވިގޮތަށް 55 މެންބަރުންގެ ޢިއްތިފާގުން ފާސްކުރައްވައިފިއެވެ.
މިއަދުގެ ޖަލްސާގައި މި ބިލަށް ޖުމްލަ 15 މެންބަރުން ވާހަކަދައްކަވާފައިވެއެވެ.
މި ބިލު ޤައުމީ ތަރައްޤީގެ ކޮމިޓީން ދިރާސާ ކުރައްވާ ނިންމެވި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާދެއްވީ އެ ކޮމިޓީގެ ފަރާތުން ދިއްދޫ ދާއިރާގެ މެންބަރު ޢަބްދުލްލަޠީފް އަޙްމަދުއެވެ. ޤައުމީ ތަރައްޤީ ކޮމިޓީއަށް ދިރާސާކުރެއްވުމަށް މި ބިލު ފޮނުއްވާފައިވަނީ 9 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ 4 ވަނަ ޖަލްސާގައެވެ. މި ބިލުގެ ފުރަތަމަ ކިޔުން އިއްވާފައިވަނީ 3 މާރިޗު 2015 ގައި ބޭއްވުނު ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 2 ވަނަ ޖަލްސާގައެވެ.
ދެން ރައްޔިތުންގެ މަޖިލީހުގެ ޖަލްސާއެއް އޮންނާނީ 30 އޭޕްރިލް 2015 ވާ ބުރާސްފަތި ދުވަހު ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލީސްކުރާގޭގައެވެ.

ރައީސުލްޖުމްހޫރިއްޔާ، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް ބޭފުޅަކު ޢައްޔަނު ކުރައްވައިފި

62366_33d44dba-d_

ރައީސުލްޖުމްހޫރިއްޔާ، އިސްލާމިކް ރިޕަބްލިކް އޮފް ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް، މާފަންނު މާހުރާ އަޙްމަދު ސަލީމް ޢައްޔަނު ކުރައްވައިފިއެވެ. އަޙްމަދު ސަލީމަށް މަޤާމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ ދެއްވީ މިކަމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތުގައެވެ.

އަޙްމަދު ސަލީމް، ޕާކިސްތާނުގައި ހުންނަވާ ދިވެހިރާއްޖޭގެ ސަފީރުކަމަށް މި ޢައްޔަނު ކުރެއްވީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ދ) އިން ރައީސުލްޖުމްހޫރިއްޔާއަށް ޢިނާޔަތްކޮށްދޭ ބާރުގެ ދަށުންނެވެ.

މާބްލް ގެސްޓް ހައުސްގެ ގުދަނަކަށް ވައްދަނިކޮށް ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފި

DS

މާފަންނުގައި ހުންނަ މާބުލް ގެސްޓު ހައުސްގެ ގުދަނެއްގެ ތެރެއަށް ވައްދަމުން ދިޔަ ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް ފުލުހުން އަތުލައިގަނެފި އެވެ.

ފުލުހުން ބުނީ އެ މައްސަލައިގައި ތިން މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ކަމަށެވެ.

DS AS

މަންޒަރުދުށް ފަރާތަކުން ދިވެހިއޮންލައިންއަށް މަޢުލޫމާތުދެއްވަމުން ބުނީ ބަނގުރާފުޅިތައް ވައްދަން އުޅުނީ މާބްލް ހޮޓެލްގެ މެއިންޓަނަންސް މަސައްކަތްކުރާ ގުދަނަކަށްކަމަށެވެ.

އަދި އެ ބަނގުރާ ފުޅިތައް  ގުދަނަށް ގެނެސްފައި ވަނީ ލޯޔަލް ޓެކްސީ ސެންޓަރުގެ ކާރެއްގައިކަމަށްވެސް އޭނާ ބުންޏެވެ.

މިރޭ ޓެކްސީއެއްގައި އެގުދަނަށް ގެނައި 8 ލަގެޖުގެ ތެރެއިން ހަތް ލަގެޖުގައި ޖުމްލަ 106 ބަނގުރާ ފުޅި ހުރިކަމަށް ފުލުހުން ބުންޏެވެ.

ޕީޕީއެމާއި އެމްޑީޕީ އަދި ޖޭޕީއާ އީޔޫއިން ބައްދަލުކޮށްފި

mau146

ޔޫރަޕިއަން ޔޫނިއަން (އީޔޫ)ގެ ވަފްދަކުން ސަރުކާރު ހިންގާ މައި ޕާޓީ ޕީޕީއެމާއި ސަރުކާރާ އިދިކޮޅު އެމްޑީޕީ އާއި ބައްދަލު ކުރައްވައިފި އެވެ.
ޕީޕީއެމްގެ އޮފީހުގައި މިއަދު ބޭއްވި ބައްދަލުވުމުގައި މަޝްވަރާ ކުރައްވާފައިވަނީ މިހާރު ރާއްޖޭގެ ސިޔާސީ މަސްރަހާ ބެހޭގޮތުން ކަމަށް ޕީޕީއެމްއިން މައުލޫމާތުދެއްވައެވެ.
މި ބައްދަލުވުމުގައި ޕީޕީއެމްގެ ފަރާތުން ބައިވެރިވެވަޑައިގެންނެވީ ޕާޓީގެ ނާއިބު ރައީސް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބާއި ނައިބް ރައީސް އަދި ފޮނަދޫ ދާއިރާގެ މެމްބަރު އަބްދުއް ރަހީމް އަބްދުﷲ އާއި މޫސާ ޒަމީރާއި ސްޕޯކްސްޕާސަން އަދި ކެލާ ދާއިރާގެ މެމްބަރު އަލީ އާރިފާއި ކުރީގެ ޖެންޑާ މިނިސްޓަރު އަނީސާ އަހުމަދެވެ.
އީޔޫން ޕީޕީއެމްގެ އިސް ބޭފުޅުންނާ ބައްދަލުކުރެއްވި އިރު، ސަރުކާރުގެ ވެރިންނާއި ސަރުކާރާ ގުޅުން ހުރި ވިޔަފާރިވެރިންގެ މުދާ ހިފެހެއްޓުމުގެ އިތުރުން އެ ބޭފުޅުން ދަތުރުކުރުން މަނާކުރަން މެންބަރު ގައުމުތަކަށް ގޮވާލާ ގަރާރެއް މިއަދު ވަނީ އީޔޫއަށް ހުށައަޅާފައެވެ.
މި ގަރާރުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދާއި ކުރީގެ ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް އެއްވެސް ޝަރުތަކާ ނުލައި މިނިވަން ކުރުމަށް ވެސް ގޮވާލާފައިވެއެވެ.
ޕީޕީއެމްގެ އިސް ބޭފުޅުންނާއެކު އީޔޫއިން ބައްދަލު ކުރެއްވިއިރު އިދިކޮޅު އެމްޑީޕީގެ އިސް ބޭފުޅުންނާ ވެސް ވަނީ ބައްދަލު ކުރައްވާފަ އެވެ. ނަމަވެސް އެ ބައްދަލުވުގައި މަޝްވަރާ ކުރެވުނީ ކޮން ކަމަކާ ގުޅިގެން ކަމެއް އެނގިފައެއް ނުވެ އެވެ.
އަދި ހަމަ އެހެންމެ ޖުމްހޫރީ ޕާޓީއާއެކުވެސް އީޔުގެ ވަފުދުވަނީ ބައްދަލުކުރައްވާފައެވެ. އަދި އީޔޫއިން އެޕާޓީއާއި އެކު މަޝްވަރާކުރައްވާފައިވަނީ ރާއްޖޭގެ މިހާރުގެ ސިޔާސީ މަޝްރަހާ ގުޅޭ ގޮތުން ކަމަށްއެޕާޓީން ބުންޏެވެ. އެ ބައްދަލުވުގައި އެޕާޓީގެ ކައުންސިލް މެމްބަރުންނާރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ވެސް ބައިވެރިވެވަޑައިގެންނެވިކަމަށް އެޕާޓީން މަޢުލޫމާތުދެއެވެ.

މޭ ޑޭ ގެ އޮޕަރޭޝަން ހިންގުމުގެ ހުއްދަ ކޮމާންޑަރަށް ދީފި

mau144

މޭ 1، 2015 ވާ ހުކުރު ދުވަހު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ހިންގަން ހަމަޖެހިފައިވާ އޮޕަރޭޝަން ކުރިޔަށް ގެންދަން ރާވާފައިވާގޮތް ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅައި އެ ހުށަހެޅުމާ އެއްގޮތަށް 2015 މޭ 1 ވަނަ ދުވަހު ރައްޔިތުންގެ ސަލާމަތާ ރައްކާތެރިކަމަށް ފުލުހުން ހިންގަން ހަމަޖައްސާފައިވާ އޮޕަރޭޝަން ހިންގުމުގެ ހުއްދަ އޮޕަރޭޝަން ކޮމާންޑަރަށް ފުލުހުންގެ އެގްޒެކެޓިވް ބޯޑުން މިއަދު ދީފިއެވެ.

2015 މޭ 1 ވަނަ ދުވަހު ފުލުހުން ފަށާ މިއޮޕަރޭޝަންގެ ޕްލޭން ފުލުހުންގެ އެގްޒެކެޓިވް ބޯޑަށް ހުށަހަޅާފައިވަނީ މިއޮޕަރޭޝަންގެ ކޮމާންޑަރު އަދި އިންޓަރނަލް ސެކިއުރިޓީގެ ކޮމާންޑުގެ ހެޑް އެސިސްޓެންޓް ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން އާދަމް އެވެ.

މިއަދުގެ ބައްދަލުވުމުގައި ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ފުލުހުން ހިންގާ މިއޮޕަރޭޝަން ހިންގަންވާނީ ޤާނޫނީ ގޮތުން ފުލުހުންނާ މަތިކޮށްފައިވާ ވާޖިބާ ޒިންމާ އަދާކޮށް ރައްޔިތުންނަށް ރައްކާތެރިކަން ކަށަވަރު ކުރެވިގެންދާނެ ގޮތަށް ކަމަށެވެ.

އަދި 2015 މޭ 1 ވަނަ ދުވަހު ސިޔާސީ ބައެއް ފަރާތްތަކުން މާލޭގައި މުޒާހިރާއެއް ބޭއްވުމަށް މަސައްކަތްކުރާއިރު ޤާނޫނީ އިމުގެތެރެއިން ޚިޔާލު ފާޅުކޮށް ޝުޢޫރު ފާޅުކުރަން ފުރުޞަތު ދިންނަމަވެސް ރައްޔިތުންގެ ޢާއްމު ދިރިއުޅުމަށް ބުރޫއަރައި، ރައްޔިތުންގެ ޙައްޤުތައް ގެއްލުވާލުމަށް އެއްވެސް ފަރާތަކަށް ފުރުޞަތު ދެވިގެން ނުވާނެކަމަށްވެސް ކޮމިޝަނަރ އޮފް ޕޮލިސް ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް ޙުސައިން ވަޙީދު ވިދާޅުވީ ޤައުމުގެ ހަމަޖެހުމާ ސަލާމަތާ ރައްކާތެރިކަމަށް އިސްކަންދީ ރައްޔިތުންގެ މުދަލާ ދައުލަތުގެ މުދަލުގެ ރައްކާތެރިކަމަށާ ފުރާނައާއި ނަފްސުގެ ރައްކާތެރިކަމަށް މަސައްކަތް ކުރުމީ ފުލުހުންގެ އެންމެ އިސް ވާޖިބަށް ހަދަން ޖެހޭނެ ކަމަށެވެ.

މޭމަހުގެ 1 ވަނަ ދުވަހު ފުލުހުން ކުރިޔަށް ގެންދާ އޮޕަރޭޝަނަށް ފުލުހުން ވަނީ ތައްޔާރު ވެފައެވެ. މިއަދު ފުލުހުން ދަނީ މިކަމަށް ބޭނުންވާ އެންމެ ފަހުގެ ތަމްރީނުތައް ހޯދައި ޚާއްޞަ ޙަރަކާތްތަކެއް ހިންގަމުންނެވެ.

ދައުލަތުގެ ހަރަދުގައި މޭޑޭއަށް މާލެ އަންނަ ކައުންސިލަރުންނާ މެދު ފިޔަވަޅު އަޅަނީ

umaru haftha

އަންނަ ހުކުރު ދުވަހު ސަރުކާރާ އިދިކޮޅު ފަރާތަކުން މާލޭގައިމ ބޭއްވުމަށް ހަމަޖެހިފައިވާ މުޒާހަރާގައި ބައިވެރިވުމަށް މާލެ އަންނަ އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި ރަށު ކައުންސިލަރުންނާއި މެދު ފިޔަވަޅު އަޅައިދެއްވުން އެދި އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ) ގައި ހޯމް މިނިސްޓަރު އުމަރު ނަސީރު މިއަދު އެދިވަޑައިގެންފިއެވެ.
ހޯމް މިނިސްޓަރު މިކަމަށް އެދިވަޑައިގެންފައި ވަނީ އޭސީސީގެ ރައީސަށް ފޮނުއްވެވި ސިޓީއެއްގައެވެ.
އެ ސިޓީގައި ބުނެފައިވަނީ ބައެއް އަތޮޅު ކައުންސިލްތަކުގެ މެމްބަރުންނާއި ރަށު ކައުންސިލަރުން ރަސްމީ ބޭނުންތަކުގައި ކަމަށް ބުނެ މިދުވަސްކޮޅާއި ދިމާކޮށް މާލެ އައުމަށް ދަތުރު ތައް ރާވަމުންދާ ކަމުގެ މައުލޫމާތު ލިބިފައިވާ ކަމަށެވެ.
“މި ދަތުރުތަކުގެ ހަގީގީ ބޭނުމަކީ ސަރުކާރާއި އިދިކޮޅުވެ ސަރުކާރު ގަބޫލުނުކޮށް ގާނޫނާއި ހިލާފަށް އަމަލުތަކެއް ހިންގުމަށް ސިޔާސީ ބަޔަކު ރާވާ އައިރު ގާނޫނީ ހަރަކާތެއްގައި ބައިވެރިވުން ކަމަށްވެސް މިނިސްޓްރީ އަށް މައުލޫމާތު އަންނަނީ ލިބެމުން،” އެ ސިޓީގައި ބުނެފައިވެއެވެ.
ސިޓީގައި ބުނެފައި ވަނީ ކައުންސިލް އިދާރާތައް މެދުވެރިކުރައްވާ އެފަދަ ބޭފުޅުން މިދުވަސްވަރު ކުރައްވާ ދަތުރުތަކުގެ މައުލޫމާތު ހޯއްދަވާ ސަރުކާރުގެ ފައިސާ ބޭނުން ކުރައްވާނަމަ ނުވަތަ ޗުއްޓީ ނެގުމެއް ނެތި ދަތުރު ކުރެއްވުން ފަދަ އަމަލުތައް ހުއްޓުވުމަށްޓަކައި ފިޔަވަޅު އަޅުއްވާ ދެއްވުން އެދިވަޑައިގަންނަވާ ކަމަށެވެ.
އަދި މިފަދައިން ކައުންސިލަރުން ދަތުރު ކުރުމަށް ދައުލަތުގެ ފައިސާ ބޭނުން ކުރާނަމަ އެކަން ވާނީ އަމިއްލަ މަސއްލަހަތު ކުރި އެރުވުމަށް ކުރެވޭ ކަމެއްގެ ގޮތުގައި ކަމަށް މިނިސްޓްރީ އިން ދެެކޭ ކަމުގައި ވެސް އެ ސިޓީގައި ބުނެފައިވެއެވެ.
އިދިކޮޅުފަރާތްތަކުންދަނީ ސަރުކާރާ ދެކޮޅަށް، މެއި 1 ގައި މާލޭގައި ބޮޑު މުޒާހަރާއެއް ބާއްވަން ތައްޔާރުވަމުންނެވެ.
އެ މުޒާހަރާގައި ބައިވެރިވުމަށް އަތޮޅު ތެރެއިން ވެސް ގިނަ އަދަދަކަށް މީހުން މާލެ އަންނަމުންދާއިރު ފުލުހުން ވަނީ އެއީ ސުލްހަވެރި ހަރަކާތެއް ކަމަށް ނުބެލެވޭ ކަމަށްވެސް ބުނެފައެވެ.
ހަމައެއާއެކު މިނިވަން 50 ފާހަގަކުރުމާ ބެހޭ އެއްވެސް ހަރަކާތެއްގައި ބައިވެރިނުވުމަށް އދ. އަތޮޅު ކައުންސިލުން ގަރާރެއް ފާސްކޮށްފައި ވާތީ އެކަމާ ގުޅިގެން ހޯމް މިނިސްޓަރު އުމަރު މިއަދު ވިދާޅުވީ ކުރިއަށް އޮތް ހަތް ދުވަހުގެ ތެރޭގައި ގާނޫނީ އިމުގެ ތެރެއަށް ރުޖޫއަ ނުވެއްޖެ ނަމަ އދ. އަތޮޅު ކައުންސިލް ރޫޅާލުމަށް ހައިކޯޓަށް މައްސަލަ ހުށަހަޅުއްވާނެ ކަމަށެވެ.

ސަރުކާރުގެ ފަރާތުން މަޝްވަރާ ކުރުމަށް އަދީބު އިމްރާނަށް ދައުވަތު ދީފި

adheerb-haftha

ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲ ފަސޭހަ ތާރިޚަކާއި ގަނޑިއެއް އަންގައި ދިނުމަށް ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިއަދު އެދިވަޑައިގެންފިއެވެ.
އަދާލަތު ޕާޓީގެ ރައީސް އިމްރާނަށް މިނިސްޓަރ އަދީބް ފޮނުވި ސިޓީގައި އިދިކޮޅު ފަރާތްތަކާ ދެމެދު މިހާރު އުފެދިފައިވާ ހިޔާލު ތަފާތުވުންތަށް ހައްލު ކުރުމަށް މަޝްވަރާ ކުރުމަށް ސަރުކާރުން އޮތީ ތައްޔާރަށް ކަމަށެވެ.
ރައީސް އަބްދުﷲ ޔާމީންގެ ފަރާތްޕުޅުން އިމްރާނާ ވާހަކަދެއްކުމަށް މަންދޫބެއްގެ ގޮތުގައި އޭނާ ކަނޑައަޅުއްވާފައިވާ ކަމަށްވެސް އަދީބްފެ ސިޓީގައި ވިދާޅުވެފައިވެއެވެ.
އަދި މީގެ ކުރިން ވެސް އަދާލަތު ޕާޓީގެ ފަރާތުންނާއި، އަމިއްލަ ހައިސިއްޔަތުންނާއި އެޕާޓީގެ ގުޅިފައިވާ ސިޔާސީ ފަރާތްތަކާއި އެކު ވެސް ރައީސް ޔާމިން ވާހަކަ ދައްކައި މަޝްވަރާ ކުރުމަށް ފުރުސަތަކަށް އެދުމުން އެމަނިކުފާނު އެފުރުސަތު ފަހިކޮށްދީފައިވާ ކަން މިނިސްޓަރު އަދީބްގެ ސިޓީފުޅުގައި ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ބިނާކުރަނިވި ގޮތެއްގައި މަޝްވަރާ ކުރުމުގެ ދޮރު ރާއްޖެ އާއި ރާއްޖޭން ބޭރުގެ ފަރާތްތަކަށް ވެސް ސަރުކާރުން އޮތީ ހުޅުވައިދޭ ގޮތަށް ކަމަށް އަދީބް ވިދާޅުވިއެވެ.
އެހެންކަމުން އިދިކޮޅު ފަރާތްތަކުން ދައްކަވާ ވާހަކަ ތަކުގެ އަޑު ރައީސް ޔާމިން ނާއްސަވައި ކަމަށް ވިދާޅުވެ އިމްރާން އެކި ޕޯޑިއަމް ތަކުގައި ދައްކަވާ ވާޙަކަ ތަށް ދެއްކުން ހުއްޓާލައި ގައުމުގެ މަސްލަހަތު އިސްކޮށް ސަރުކާރުގެ ފަރާތުން މަޝްވަރާ ކުރުމަށް ހުޅުވާލާފައިވާ ފުރުސަތުގެ ބޭނުން ހިއްޕެވުމަށް ސަރުކާރުގެ އެންމެ ބާރުގަދަ ވަޒީރުގެ ގޮތުގައި ހިމެނޭ އަދި އިކޮންމިކް ކައުންސިލްގެ ކޯޗެއާ ކަންވެސް ކުރައްވާ އަހުމަދު އަދީބްގެ ސިޓީގައި އެމަނިކުފާނު އެދިވަޑައިގެންފައިވެއެވެ.
ސަރުކާރާއި އިދިކޮޅު ފަރާތްތަކާ ދެމެދު އުފެދިފައިވާ ހިޔާލު ތަފާތުވުންތައް ހައްލު ކުރުމަށް އިމްރާންއާ އެ މަނިކުފާނުގެ ފަރާތްޕުޅުން ދެން ވާހަކަ ދައްކަވާނީ އަދީބު ކަމަށް ރައީސް ޔާމީން ވެސް ރޭ ވަނީ ވިދާޅުވެފަ އެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނުގެ ފަރާތްޕުޅުން ހޯމް މިނިސްޓަރު އުމަރު ނަސީރު އިދިކޮޅު ފަރާތްތަކާ އެކި ފަހަރު މަތިން ބައްދަލުކުރެއްވި އިރު ވެސް އެ މީހުންގެ މަގްސަދު ސާފެއް ނުވި ކަމަށެވެ.

“އަޅުގަނޑަށް ހީވަނީ މީގައި ވެސް ހަމަ ފެއިލްވީ އުމަރު ނަސީރުހެން. އެއީ އެ ބޭފުޅުން ދައްކަވާ ވާހަކައެއް އުމަރު ނަސީރަށް އެނގިވަޑައިނުގަތީމަ،” ހޮޓެލް ޖެންގައި ބޭއްވި ޖަލްސާއެއްގައި ރައީސް ޔާމީން ވިދާޅުވި އެވެ.

“އެހެންވީމާ އަޅުގަނޑު މިރޭ ނިންމައިފިން، އިމްރާނަށް އަޅުގަނޑު ދައުވަތު އަރުވައިފިން ތިންވަނަ ބޭފުޅަކާ ވާހަކަފުޅު ދައްކަވަން ވަޑައިގަންނަވަން. އަޅުގަނޑުގެ ފަރާތުން އިމްރާނާ ދެން ވާހަކަފުޅު ދައްކަވާނީ ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބު.”

ޓޫރިޒަމް މިނިސްޓަރު އަހުމަދު އަދީބް މިފަދަ ސިޓީފުޅެއް އަދާލަތު ޕާޓީގެ ރައީސް އައްޝައިހް އިމްރާން އަބުދުﷲ ފޮނުއްވާފައިވާއިރު އަދީބާ މަޝްވަރާ ކުރައްވަން ބޭނުންނުވާ ކަމަށާއި، އަދީބަކީ މަޝްވަރާ ކުުރުމަށް ހައިސިއްޔަތު ނެތް ބޭފުޅެއް ކަމަށް އިމްރާން ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން އިމްރާން މިއަދު ވަނީ އަދީބަށް އަމާޒުކޮށް ބަހުގެ ހަމަލާ ތަކެއް ވެސް ދެއްވާފައެވެ. އިމްރާން މީގެ ކުރިން ވަނީ މޭޑޭގެ މުޒާހަރާގެ ކުރިން އަދީބް މަގާމުން ދުރުކުރުމަށް ވެސް ރައީސް އަށް ގޮވާލާފައެވެ.