އިސްލާމް ދީނުގެ ހުކުމެއް އޮތް ގޮތް ބުނެދީގެން އެއްވެސް ދީނީ އިލްމުވެރިއަކާ މެދު ފިޔަވަޅެއް އަޅާފައި ނުވާނެ: ރައީސް ޔާމީން

ޔަަމިނެެ

އިސްލާމް ދީނުގެ ހުކުމެއް އޮތް ގޮތް ބުނެދީގެން މިހާތަނަށް ރާއްޖޭގެ އެއްވެސް ދީނީ އިލްމުވެރިއަކާ މެދު ސަރުކާރުން ފިޔަވަޅެއް އަޅާފައި ނުވާނެ ކަމަށް ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެއެވެ.
ރައީސް ޔާމީން މިގޮތަށް ވިދާޅުވީ ހައްޖުގެ އަޅުކަން އަދާކުރެއްވުމަށް މިހާރު ސައޫދީ އަރަބިއްޔާ އަށް ވަޑައިގެން އުޅުއްވަމުން، މަދީނާގައި ތިބި ދިވެހި ދަރިވަރުންނާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައެވެ.
ރައީސްގެ ވާހަކަފުޅު މައިގަނޑު ގޮތެއްގައި ބިނާކުރެއްވީ ވެރިކަންކުރެއްވުމުގައި އެމަނިކުފާނުގެ ސަރުކާރުން ގެންގުޅުއްވާ ސިޔާސަތުގެ މައްޗަށް ކަމަށެވެ. އޭގެ އިތުރުން ދިވެހި ދަރިވަރުން ކަންބޮޑުވާ ބައެއް ކަންތައް އެ ދަރިވަރުންގެ ފަރާތުން ރައީސް ޔާމީނަށް ހުށަހެޅުއްވުމުން އެމަނިކުފާނުވަނީ އެކަންކަމާއި ބެހޭ ގޮތުން ޖަވާބު ދެއްވާފައެވެ.
އޭގެ ތެރޭގައި ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ގާނޫނުން ގިނަ ފަހަރަށް އިލްމުވެރިންނާއި ދީނީ މީހުންނަށް އަމާޒުވެފައި އޮންނަ ކަމަށް ފެންނާތީ އެކަމާ ކަންބޮޑުވާ ކަމާއި، އިލްމުވެރިން މެދުވެރިކޮށް އެ ގާނޫނު އަލުން މުރާޖައާ ކޮށްދެއްވަން ރައީސަށް ދެންނަވާފައިވެއެވެ.
އޭގެ އިތުރުން، ދީނީ އިލްމުވެރިއެއްގެ ހައިސިއްޔަތުން ހުރެ ދީނުގެ ހުކުމެއް ބަޔާންކޮށްދޭ ހާލަތުގައި އިލްމުވެރިންނަށް އަދަބު ނުލިބޭނެ ކަމުގެ ޔަގީންކަން ދެއްވުމަށް ވެސް ދިވެހި ދަރިވަރުންގެ ފަރާތުން ރައީސް ޔާމީނަށް ހުށަހެޅި އެވެ.
މަދީނާގެ ހިލްޓަން ހޮޓަލުގައި ބޭއްވެވި މި ބައްދަލުވުމުގައި ރައީސް ޔާމީންގެ އަރިހުގައި އެމަނިކުފާނުގެ އަނބިކަނބަލުން ފާތިމަތު އިބްރާހީމާއި އެމްޑީއޭގެ ލީޑަރު އަހްމަދު ސިޔާމް މުހައްމަދާއި އެ ޕާޓީގެ ނައިބު ލީޑަރު މައުރޫފް އާއި ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒާއި ސައޫދީގައި ހުންނަ ދިވެހި އެމްބަސީގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އެވެ.

މަޝްރޫއުތަކުގެ ފޮނިމީރުކަން ލިބޭނީ ރައީސް ޔާމީން ދެ ދައުރު ވެރިކަން ކުރައްވައިގެން :ނައިބު ރައީސް

medium_75643

ސަރުކާރުން މިހާރު ހިންގަމުން ގެންދާ ބޮޑެތި މަޝްރޫއުތަކުގެ އެންމެ ފޮނިމީރުކަން ލިބޭނީ ރައީސް އަބްދުﷲ ޔާމީން ދެ ދައުރު ވެރިކަން ކުރައްވައިގެން ކަމަށް ނައިބު ރައީސް އަހުމަދު އަދީބު މިރޭ ވިދާޅުވެއްޖެ އެވެ.
ނައިބުރައީސް އަހްމަދު އަދީބު މިގޮތަށް ވިދާޅުވީ ރައީސް ޔާމީން 2018 ގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރުމުގެ މަހާސިންތާ ހުޅުއްވައިދެއްވަމުންނެވެ.
ނައިބުރައީސް އަދީބު ވިދާޅުވީ ރައީސް ޔާމީން ކުރިއަށް އޮތް ދައުރަށް ހޮވަން ޖެހޭ ވަރަށް ގިނަ ސަބަބުތަކެއް އެބަހުރިކަމަށާއި،އެގޮތުން އަމިއްލަފުޅު ތަޖުރިބާތައް ހިއްސާކުރެއްވިއެވެ.
“ރައީސް ޔާމީނަށް ވެރިކަން ލިބިވަޑައިގަތީ ފިނިފެންމަލުގެ ދާނަކުން ނޫން. [ޔާމީނަށް ވެރިކަން ލިބިވަޑައިގަތް އިރު] އޭރު ޓޫރިޒަމް މިނިސްޓަރުގެ ހައިސިއްޔަތުން، އަޅުގަނޑަށް އެނގޭ އަޅުގަނޑުމެންގެ ދަރަނި އޮތް ވަރު. އެއާޕޯޓްގެ އާބިޓްރޭޝަން ދިޔަ ގޮތް. ގައުމު ހުއްޓިދާނެ ކަންތައްތަކެއް ފެނުނު. ވަރަށް ހަލަބޮލި ކަމެއްގެ ތެރޭގައި އޭރު ގައުމު އޮތީ. އެ ހުރިހާ ކަމެއް ކަނޑައްތުކޮށް މި ހިސާބަށް އާދެވުމުން މިހާރު އެންމެން ވެސް، މަޖިލީހުގެ މެމްބަރުން ވެސް މި ވަނީ ވަރަށް ބޮޑަށް ހިތްހަމަޖެހިފައި. އެކަމަކު އެ ހިތްހަމަޖެހުން ލިބުނީ ކޮންފަދަ ގުރުބާނީއަކުންތޯ، އަދި މި ސަލާމަތްތެރިކަން ލިބުނީ ކީއްވެގެންތޯ ވިސްނާލަން އެބަޖެހޭ،” ރައީސް ވެސް ބައިވެރިވެ ވަޑައިގެންނެވި މަހާސިންތާގައި ނައިބު ރައީސް އަދީބު ވިދާޅުވި އެވެ.
އަދީބް އަދި ވިދާޅުވީ ސިޔާސީ މަސްރަހުގައި ގަދަފަދަ ދުވަސްވަރާ ކުރިމަތިލާން ޖެހޭ އިރު އެކަމުގެ ތެރެއިން މާ ގިނަ ބަޔަކު ނުފެންނަ ކަމަށެވެ. އެކަމަކު އެފަދަ ހާލަތްތަކުގައި ހޫނު ގޮނޑީގައި ނުވަތަ ހޫނު މަސްރަހުގައި ކެތްކޮށްލައްވަން ކެރިވަޑައިގަންނަވަނީ ރައީސް ޔާމީން އަށްކަމަށްވެސް ވިދާޅުވި އެވެ.
“އެހެންވެ މިއަދު އެތައް ބަޔަކު އަމިއްލަ އަށް އިސް ނަގައިގެން ރައީސް ޔާމީން 2018 އަށް ކުރިމަތިލައްވާ އެ ކެމްޕޭންގެ ލީޑަރުން އުފެއްދުމުގެ މަހާސިންތާ އާ ހަމައަށް އާދެވިފައި މި ވަނީ،” އަދީބް ވިދާޅުވި އެވެ.
އެ މަނިކުފާނު އަދި ވިދާޅުވީ ރައީސް ޔާމީން 2018 އަށް ނިކުންނަވާނީ ވަރަށް ސާބިތުކަމާ އެކުގައި ކަމަށެވެ. އެހެން ނަމަވެސް އިދިކޮޅު ފަރާތްތަކުން ރައީސް ޔާމީނޭ ކިޔައިގެން ތަފާތު ދޮގުތައް ހަދައިގެން ސިޔާސީ މަސްރަހު ބަދަލުކޮށްލަން މަސައްކަތް ކުރަމުން ގެންދާ ކަމުގެ ތުހުމަތު ކުރެއްވި އެވެ. އެކަމަކު އެއިން އެއްވެސް ކަމެއް މިހާތަނަށް ކާމިޔާބުވެފައި ނެތް ކަމަށާއި އެފަދަ ކަންކަން ދަނީ ފަނުފުލުން ކަމަށްވެސް އަދީބް ވިދާޅުވި އެވެ.
އަދީބު އަދި ވިދާޅުވީ ރައީސް މައުމޫނާއި މުޅި ޕީޕީއެމް ޔަގީން ކުރާ ކަމަކީ ރައީސް ޔާމީނަކީ ސަލާމަތާއި ރައްކާތެރިކަމާ އެކު 2018 ގައި ރައްޔިތުން އާ މަންޒިލަކަށް ގެންގޮސް ދެއްވާނެ ލީޑަރު ކަމަށެވެ.
“އެހެންވެ ތި ހުރިހާ ބޭފުޅުން ވެސް އެއްބާރުލުން ދޭންވީ މި ސަރުކާރު ކުރިއަށް ގެންދިއުމަށްޓަކައި،” އަދީބް ވިދާޅުވި އެވެ.
ރައީސް ޔާމީންގެ 2018 ގެ ކެމްޕޭން ލީޑަރުން ތަމްރީނު ކުރަން، އެ މަނިކުފާނުގެ އަނބިކަނބަލުން އިސްނަންގަވައިގެން މިރޭ ފެށި މަހާސިންތާގައި އުތުރުގެ 12 އަތޮޅަކުން މަންދޫބުން ބައިވެރިވެ އެވެ.
ޕީޕީއެމުން ބުނީ މިއީ ރައީސް ޔާމީންގެ 2018 ގެ ކެމްޕޭންގެ ފެށުން ކަމަށެވެ. އަދި ކުރިއަށް ގެންދާ މި މަހާސިންތާ ތިން ބުރަކަށް ބަހާލައިގެން ކުރިއަށް ގެންދަން ނިންމައިފައިވާ ކަމަށް އެ ޕާޓީން ބުންޏެވެ.