ޕެރިސް އެއްބަސްވުމަކީ، ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ އެންމެ ބޮޑު އުއްމީދު: ރައީސް

68865_fcbb3668-c_

ޕެރިސް އެއްބަސްވުމަކީ، އިންސާނުންނަށް ދުނިޔޭގެ ތިމާވެށި ރައްކާތެރިކުރުމަށް ކުރެވޭ އެންމެ ބޮޑު އުއްމީދު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު ނެރުއްވި ބަޔާނެއްގައި މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން ޢަމަލުކުރަން ފަށާފައިވާމި ޕެރިސް އެއްބަސްވުމަށް އަލިއަޅުވާލައްވަމުން، ދިވެހިރާއްޖެއަކީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވާ ކިތަންމެ ކުޑަ ކަމަކުންވެސް އެންމެ ބޮޑު އަސަރެއް ކުރާނެ އެއް ޤައުމުކަން ފާހަގަ ކުރެއްވިއެވެ. މީގެ އިތުރުން، އެމަނިކުފާނު ވިދާޅުވީ 1 ސެންޓިމީޓަރަށް ކަނޑުގެ ލޮނުގަނޑު އުފުލުނަސް ރާއްޖެ ފަދަ ތިރި ޖަޒީރާ ޤައުމުތަކަށް ވަރަށް ބޮޑު ނުރައްކަލެއް ކުރިމަތި ވެދާނެ ކަމުގެ ބިރު ހީވެފާވާކަމަށެވެ.
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިނިސްޓަރ އޮފް އެންވަޔަރަންމަންޓް އެންޑް އެނަރޖީ އަލްފާޟިލް ޠާރިޤު އިބްރާހީމް އިސްވެ ހުންނަވައިގެން ކޮންފަރެންސް އޮފް ދަ ޕާޓީސްގެ ބައްދަލުވުމުގައި ދިވެހި ވަފްދުގެ ފަރާތުން ތިރި ޖަޒީރާ ޤައުމުތަކުގެ ދިފާޢުގައި ކުރެއްވި ބުރަ މަސައްކަތައް ތަޢުރީފްކުރައްވާފައެވެ.

69639_9964dce0-5_

ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ފާހަގަ ކުރެއްވިގޮތުގައި ތިމާވެއްޓަށް އަންނަ ބަދަލުތަކާ ގުޅިގެން ދުނިޔެއަށް ލިބެމުންދާ ގެއްލުންތަކާ ބެހޭގޮތުން ކުރީގެ ރައީސުލްޖުމްހޫރިއްޔާ މައުމޫން ޢަބްދުލްޤައްޔޫމްވަނީ އެކުވެރި ދަޢުލަތްތަކުގެ މަޖިލީހުގައި، 1987 ވަނަ އަހަރު ވާހަކަފުޅު ދައްކަވާފައެވެ. ނަމަވެސް އެދުވަސްވަރު އަޑުއުފުލާފައިވަނީ މަދު ޤައުމަކުންކަމާއި، މިއަދު ދުއިސައްތައެއްހާ ޤައުމުން ތިމާވެށި ރައްކާތެރިކުރުމަށް ވެވޭ އެއްބަސްވުމުގައި ބައިވެރިވުމަކީ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ލިބިގެންދާނެ ކަމެއް ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ބަޔާންކުރައްވާފާވެއެވެ.
މި ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ގިނަ ބައިވެރިން އެކުލެވޭ މަޝްވަރާތަކުގައި ދަތި އުނދަގޫ ކަންކަމުގައި އެއްބަސްވުމަކާ ހަމަޔަށް ވާޞިލުވުމަށް އެހީތެރިވުމަކީ ރާއްޖޭގެ ސިޔާސަތުކަމުގައާއި، ޕެރިހުގައި ބޭއްވުނު މަޝްވަރާތަކުން ދޭހަވަނީ ކުދި ޤައުމުތަކުން މައްސަލަތައް ކުރިޔަށް ނެރެ މަސައްކަތްކުރުމަކީ ޢާންމު ގޮންޖެހުންތަކަށް ޙައްލެއް ލިބިގެންދާނެ ކަމެއްކަމުގައެވެ.

އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުން:އިންޑިޔާ ސަފީރު

69988_d584fcf8-8_

އިންޑިޔާއިން ރާއްޖޭގެ ތަރައްޤީގައި މިހާރަށް ވުރެއް ބޮޑަށް ހިއްސާވާން ބޭނުންފުޅުކަމުގައި، އިންޑިޔާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ރަޖީވް ޝަހާރޭ މިއަދު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ، މިއަދު ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމްގެ އަރިހަށް ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ. މިއަދުގެ ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މިއަހަރަކީ ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދެމެދުގައި ސިޔާސީ ގުޅުން ޤާއިމް ކުރެވުނުފަހުން 50 އަހަރުފުރޭ އަހަރުކަން ފާހަގަ ކުރެއްވިއެވެ. އަދި، ބައިނަލްއަޤްވާމީ މައިދާނުގައި އިންޑިޔާއިން ރާއްޖެއަށް ދެއްވަމުން ގެންދަވާ އެއްބާރުލެއްވުމަށްޓަކައި އިންޑިޔާ ސަރުކާރަށާއި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ޝުކުރު އަދާ ކުރެއްވިއެވެ.

މީގެ އިތުރުން، ރާއްޖެއާއި އިންޑިޔާއާ ދެޤައުމުގެ ދޭތެރޭ ޤާއިމްވެފައިވާ ގާތް ގުޅުން އިތުރަށް ހަރުދަނާ ކުރުމަށް މި ސަރުކާރުން އަބަދުވެސް މަސައްކަތް ކުރައްވާނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރާއި، ޑެޕިއުޓީ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އަލްފާޟިލާ ފާޠިމަތު އިނާޔާ ބައިވެރިވެވަޑައިގެންނެވިއެވެ.

 

ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ހުރިހާ ޤައުމުތަކެއް ގުޅިގެން މަސައްކަތްކުރުން:ރައީސް ޔާމީން

ޔަަމިނެެ

ސަރަޙައްދީ ތަރައްޤީގެ އުއްމީދުތައް ޙާޞިލްކުރުމަށްޓަކައި ބޭނުންވަނީ ހުރިހާ ޤައުމުތަކެއް ގުޅިގެން އެކުގައި މަސައްކަތްކުރުމުގެ ރޫޙު ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ‏މިއަދު ފާހަގަކުރަމުންދާ “ސާކް ޗާޓަރ ޑޭ”ގެ މުނާސަބަތުގައި ފޮނުއްވި މެސެޖެއްގައެވެ.

‏‏ ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކް ޤައުމުތަކުގެ ޚާރިޖީ ސިޔާސަތުގައި އެންމެ ބޮޑު އިސްކަމެއް ދޭންޖެހިފައިވަނީ އަވަށްޓެރި ޤައުމުތަކާއެކު އޮންނަ ގުޅުން ރަނގަޅު ކުރުމަށް ކަމުގައި ވިދާޅުވެފައިވެއެވެ. އަދި، ވަކިވަކި ޤައުމުތަކުގައި އަމަން ޤާއިމް ކުރެވޭނީ ސަރަޙައްދީ އަމާންކަން ޔަޤީންކުރެވިގެން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

ސާކް ޗާޓަރ ޑޭގެ މުނާސަބަތުގައި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މެސެޖުގައި، ތިމާވެށީގެ ނުރައްކަލާއި ޤުދުރަތީ ބޮޑެތި ކާރިޘާތަކަކީ މިއަދު ދެކުނު އޭޝިޔާއަށް ކުރިމަތިވެފައިވާ އެންމެ ބޮޑެތި މައްސަލަތައްކަން ފާހަގަ ކުރައްވާފައިވެއެވެ. މީގެ އިތުރުން، ޓެރަރިޒަމްގެ ބިރާއި، ހައްދުފަހަނަޅާދިއުމުގެ މައްސަލަތައްވެސް މިއަދު ބޮޑުވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަ ކުރައްވާފައިވެއެވެ. އަދި، ސަރަޙައްދީ ތަރައްޤީ ހޯދަން ބޭނުންނަމަ، މިފަދަ ބޮޑެތި މައްސަލަތައް ޙައްލުކުރުމަށްޓަކައި ހުރިހާ ޤައުމަކުން އަތުގުޅާލައި، އެކުގައި މަސައްކަތްކުރުމުގެ މުހިންމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ބައްލަވާލައްވަމުން، އިންޑިއާގެ ބޮޑުވަޒީރު ނަރެންދަރަ މޮދީގެ ޚާރިޖީ ސިޔާސަތުގައި، އަވަށްޓެރި ޤައުމުތަކާ ގުޅުން ބެދެހިކުރެއްވުމަށް ދެއްވާ އަހައްމިއްޔަތުކަމަށް މަރުޙަބާ ވިދާޅުވެފައިވެއެވެ. އަދި ސާކްގެ އެހެން ޤައުމުތައް ވެސް މިފަދަ ސިޔާސަތެއް ގެންގުޅުއްވުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި، ސާކުގެ އުޞޫލުތައް ނަގަހައްޓައި، ސަރަޙައްދީ ގުޅުންތައް ރަނގަޅުކޮށް ދެކުނު އޭޝިޔާގެ ތަރައްޤީއަށްޓަކައި ރާއްޖެއިން އަބަދުވެސް މަސައްކަތްކުރާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ. އަދި ޚިޔާލު ތަފާތުވުންތައް އެއްކިބާކޮށް، މެމްބަރު ޤައުމުތަކުގެ މެދުގައި އޮންނަ ގުޅުންތައް އިތުރަށް ބަދަހިކުރުމަށް ހުރިހާ ޤައުމަކުންވެސް އިސްކަން ދޭނެކަމަށް އުއްމީދު ކުރައްވާ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.

 

އިނާޒުއާ ކުޑަ ބަންދޭގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފި

hqdefault0_137198410687_news

ޖީއެމްއާރުން ދައްކަން ޖެހޭ ކޮންސެޝަން ފީއިން ބައެއް އުނި ކުރި މައްސަލާގައި ކުރީގެ ފިނޭންސް މިނިސްޓަރު އަހުމަދު އިނާޒާއި، އެއާޕޯޓްސް ކުންފުނީގެ ޗެއާމަނައި، ބޯޑު މެންބަރުންގެ މައްޗަށް ދައުވާ ނުކުރަން ނިންމައިފިއެވެ.
އެންޓިކޮރަޕްޝަން ކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި 2014 ވަނަ އަހަރުގެ ޖެނުއަރީ މަހު އެކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި މައްސަލަ ދައުވާ ނުކުރަން ނިންމުމަށްފަހު މިދިޔަ ހަފްތާގައި ޕީޖީން ވަނީ ފޮނުވާލައިފައެވެ. އެ މައްސަލާގައި ދައުވާ ނުކުރަން ޕީޖީން ނިންމާފައިވަނީ މައްސަލައިގެ ޖިނާއީ ކުށެއް ދައުވާ ކުރުމުގެ މަސްލަހަތު އޮތްކަމެއް ކަމަށް ނުފެންނާތީ، ކަމަށް ބުނެ އެވެ.
އެމައްސަލާގައި އިނާޒާއި އެމްއޭސީއެލްގެ ޗެއާމަން ބަންދު އިބްރާހީމް ސަލީމް ކުޑަބަންދޭ ގެ އިތުރުން އެމްއޭސީއެލްގެ އޭރުގެ ބޯޑު މެންބަރުންގެ މައްޗަށް ދައުވާ ކުރުމަށް އޭސީސީން އޭރު ނިންމިއެވެ. ދައުވާކުރަން ނިންމީ ޖީއެމްއާރަށް އެއާޕޯޓް ދިނުމަށް އެކުލަވާލި ކޮންސެޝަން އެގްރީމެންޓަށް ބަދަލު ގެނެސް، ފިއުލް ސާވިސްއިން ލިބޭ ރެވެނިއު އިން 15 އިންސައްތަ ދެއްކުމުގެ ބަދަލުގައި 1 އިންސައްތަ ދައްކާ ގޮތަށް އެއްބަސްވުން ބަދަލުކުރުމާއި ގުޅިގެންނެވެ. އޭސީސީން ބުނެފައިވަނީ ފިނޭންސް މިނިސްޓަރުގެ ހުށަހެޅުމާއި އެއްގޮތަށް އެގްރިމެންޓަށް ބަދަލު ގެނައުމާއި ގުޅިގެން ދައުލަތަށް ލިބެންޖެހޭ އާމްދަނީގެ ތެރެއިން 53.7 މިލިޔަން ރުފިޔާ އުނިވެފައިވާކަމަށެވެ. އޭސީސީން އެންގީ ދައުލަތަށް ގެއްލުންވި 53.7 މިލިޔަން ރުފިޔާ އެ އަށް ބޭފުޅުންގެ ކިބައިން ހޯދުމަށް ދައުވާ ކުރުމަށެވެ.

މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައި: މިނިސްޓަރު ޒަމީރު

zamaa

ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ވަނީ ވަރަށް ބޮޑަށް ކުރިއަރާފައިކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ބައިނަލްއަގުވާމީ މަދަނީ ވައިގެ ދަތުރުފަތުރުގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތާބުގައި މިނިސްޓަރު ވިދާޅުވެފައިވަނީ އައިކާއޯގެ މިންގަނޑުތަކާ އަޅާބަލާއިރު ސަލާމަތާއި ރައްކާތެރިކަމުގެ ގޮތުން އަދި އިގުތިސާދީގޮތުން ރާއްޖޭގެ މަދަނީ ވައިގެ ދަތުރުފަތުރުގެ ސިނާއަތް ވަނީ ވަރަށް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވެއެވެ. އޭވިއޭޝަން ސިނާއަތުގެ ޖީޑީޕީ ހިއްސާ އުޅެނީ އަށް އިންސައްތައިގައި ކަމަށާ ރާއްޖޭގެ މައިގަނޑު އިގުތިސާދީ ހަރަކާތް، ފަތުރުވެރި ކަމުގެ ޖީޑީޕީ 35 އިންސައްތާގައި އުޅޭއިރު، ރާއްޖެއަށް ޒިޔާރަތްކުރާ ހުރިހާ ފަތުރުވެރިން ކަހަލަ ގޮތަކަށް ރާއްޖެއަށް އަންނަނީ ވައިގެ މަގުން ކަމުން އެކަމުން އިގްތިސާދަށް ފައިދާ ކުރަމުންދާ ކަމަށް މިނިސްޓަރ ޒަމީރު ވިދާޅުވިއެވެ.
ޒަމީރު ވިދާޅުވީ ފަތުރުވެރިކަމާއި އޭވިއޭޝަން ސިނާއަތުން އެހެން ދާއިރާތަކަށް ނުސީދާކޮށް ފޯރުކޮށްދޭ އިގުތިސާދީ ފައިދާއާއެކު ރާއްޖޭގެ ޖީޑީޕީގެ ހިއްސާ އުޅެނީ 50 އިންސައްތަ އަށްވުރެ މަތީގައެވެ. އޭވިއޭޝަން ސިނާއަތް ހަލުވި ދުވެއްޔެއްގައި ކުރިއަރަމުންދާކަން ފާހަގަކޮށް ޒަމީރު ވިދާޅުވީ ބައިނަލް އަގުވާމީ އުދުހުންތަކުގައި ދަތުރުކުރާ ފަސިންޖަރުގެ އަދަދު އެވަރެޖުކޮށް އަހަރަކު ދަނީ 11 އިން ސައްތަ އިތުރުވަމުންނެވެ. އިންޓަނޭޝަނަލް ސިވިލް އޭވިއޭޝަން އޯގަނައިޒޭޝަން (އައިކާއޯ) އިން މިއަހަރުން ފެށިގެން 2018 ވަނަ އަހަރަށް މަދަނީ ވައިގެ ދަތުރު ފަތުރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ އެއްވެސް ގައުމެއް ބާކީ ވިޔަ ނުދިނުމަށްޓަކައި ގުޅިގެން މަސައްކަތް ކުރުމެވެ.

ޤައުމީ ފެތުމުގެ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސް ބައިވެރިވެވަޑައިގެންފި

 69930_b5f8c7ae-8_

ދިވެހިރާއްޖޭގެ ފެތުމުގެ ކުޅިވަރުގެ ޤައުމީ ޖަމްޢިއްޔާގެ ފަރާތުން އިންތިޒާމްކޮށްގެން ބާއްވާ މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް ނިންމުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް ބައިވެރިވެވަޑައިގެންފިއެވެ.

މިމުބާރާތުގައި 12 ޓީމް އަދި 148 ފެތުންތެރިން ހިނެއެވެ. މަކީޓާ، ޤައުމީ ފެތުމުގެ 40 ވަނަ މުބާރާތް ބޭއްވުނީ 29 ނޮވެމްބަރުން 5 ޑިސެމްބަރުގެ ނިޔަލަށެވެ. މިމުބާރާތުގެ މެއިން ސްޕޮންސަރއަކީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަނުން ރާއްޖޭގައި ޑިސްޓްރިބިއުޓްކޮށް މާކެޓްކުރަމުންދާ މަކީޓާ އެވެ.

އާދިއްތަ ދުވަހު ހަވީރު ފަތާ ޓްރެކް ސަރަޙައްދުގައި އޮތް މި ރަސްމިއްޔާތުގައި، މުބާރާތުގެ ޙާއްޞަ ވަނަތަކަށްދިޔަ ފަރާތްތަކަށް އިނާމް ދެއްވުން އޮތެވެ. މިގޮތުން މުބާރާތުގެ ފިރިހެން ބައިން 1 ވަނަ ފެތުންތެރިޔާއާއި ޗެންޕިއަން ޓީމަށް ތައްޓާއި، އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމެވެ. އަދި މުބާރާތުގެ އަންހެން ބައިން 1 ވަނަ ފެތުންތެރިޔާއާއި ޗެންޕިއަން ޓީމަށް ތައްޓާއި، އިނާމު ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާޠިމަތު އިބްރާހިމްއެވެ.

މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ފެތުމުގެ 4 އިވެންޓެއް ބައްލަވާލެއްވިއެވެ.

 

އާސަންދަ ސްކީމްގެ ދަށުން މި އަހަރުގެ މިހާތަނަށް 900 މިލިއަން ރުފިޔާ ވަނީ ހޭދަކޮށްފައި: ހެލްތު މިނިސްޓްރީ

medium_61921

ހުސްނުވާ އާސަންދަ ސްކީމްގެ ދަށުން ބޭސް ފަރުވާ ހޯދަން މި އަހަރުގެ މިހާތަނަށް 900 މިލިއަން ރުފިޔާ ހޭދަކޮށްފައިވާ ކަމަށް ހެލްތު މިނިސްޓްރީން މިއަދު ބުނެފި އެވެ.
ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މެމްބަރެއްގެ ގޮތުގައި ރާއްޖެ އޮންނަތާ 50 އަހަރު ފުރުން ފާހަގަކުރުމަށް މިއަދު ހެދުނު ދަރުބާރުގޭގައި ބޭއްވި ރަސްމިއްޔާތުގައި އާންމުކުރި ހެލްތު މިނިސްޓްރީގެ ރިޕޯޓްގައި ބުނެފައިވަނީ ހުސްނުވާ އާސަންދައިގެ ދަށުން މި އަހަރުގެ މިހާތަނަށް 900 މިލިއަންރުފިޔާ ޚަރަދު ކުރެވިފައިވާކަމަށެވެ.
އާސަންދަ އިން ބޭސްފަރުވާ އަށް ކުރާ ޚަރަދު އިތުރުވަމުންދާ ކަމަށާއި، އަދި ކޮންމެ އަހަރަކު ވެސް ރާއްޖޭގެ 82 ޕަސެންޓް މީހުން މަދުވެގެން އަހަރަކު 8 ފަހަރު އާސަންދަ އިން ހިދުމަތް ހޯދާ ކަމަށް ވެސް މިއަދު އާންމު ކުރި ރިޕޯޓްގައިވެއެވެ.
އާސަންދައިގެ ދަށުން އެންމެ ބޮޑު ހަރަދެއް 2012 އަދި 2013 ވަނަ އަހަރު ހިނގާފައި ވަނީ އެޑްމިޓްނުކޮށް، ޑޮކްޓަރަށް ދެއްކުމާއި ތަހުލީލްތައް ހެދުމަށް ކަމަށެވެ. އޭގެ ތެރެއިން 82 ޕަސެންޓް މީހުން އަހަރަކު އަށް ފަހަރު ޑޮކްޓަރަށް ދައްކައި ތަހްލީލްތައް ހެދުމާއި ބޭހަށް 2012 ވަނަ އަހަރު ޖުމްލަ 524.4 މިލިއަން ރުފިޔާ ހަރަދުވެފައިވާ ކަމަށް ރިޕޯޓުގައިވެ އެވެ. އަދި 2013 ގައި 509.3 މިލިއަން ރުފިޔާ ހޭދަވެފައިވެ އެވެ.

އަދީބް އާ ޒިޔަތުގެ މައްޗަށް ޖިނާއީ ދައުވާކުރަން ކޯޓަށް ހުށަހަޅައިފި

l_14482747396114z7

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީ) ގެ ޚިޔާނާތުގެ މައްސަލާގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި އެމްއެމްޕީއާރުސީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް ޖިނާއީ ދައުވާކޮށް ކްރިމިނަލް ކޯޓަށް މިއަދު ފޮނުވައިފިއެވެ. އެމްއެމްޕީއާރުސީން ގަވާއިދާއި ޚިލާފަށް ރަށްތަކެއް ދޫކުރުމުގައި ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ދައުވާ” އަދީބުގެ މައްޗަށް ކުރާއިރު ޒިޔަތުގެ މައްޗަށް ކުރަނީ ޚިޔާނާތުގެ ދައުވާ ކަމަށް ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފީހުން މައުލޫމާތުދެއެވެ.
މީގެ އިތުރުން ފިސްތޯލައެއް ގެންގުޅުނު ކަމަށް ބުނެ އަދީބުގެ މައްޗަށް މައްޗަށް ވަނީ ޓެރަރިޒަމްގެ ދައުވާކޮށް، ކޯޓަށް ފޮނުވައިފަ އެވެ. އެ މައްސަލަ ބަލަން ފަނޑިޔާރުންގެ ބެންޗެއް ވެސް މިހާރު ވަނީ ކޯޓުން އެކުލަވާލައިފަ އެވެ. ރައީސް އަބްދުﷲ ޔާމީން އަވަހާރަކޮށްލަން އުޅުނު ކަމަށް ބުނެ ހައްޔަރުކޮށްފައިވާ އަދީބުގެ މައްޗަށް ދައުވާ ކުރާއިރު އޭނާއާ ގުޅުން އޮންނަ އެތައް ބަޔަކު ހައްޔަރުކޮށް، އިތުރު ބަޔަކު ހޯދަން ވެސް ވަނީ އިއުލާންކޮށްފަ އެވެ.

އިގްތިޞާދީ މަސައްކަތްތަކަށް ފަސްރަށަކުން ބިންމިލްކުކުރުމުގެ މުއްދަތު އިތުރުކޮށްފި

cnm7418img

އިގްތިސާދީ ބޭނުމަށް މީހުން ދިރިއުޅޭ ފަސް ރަށަކުން ބިން މިލްކުކުރެވޭގޮތަށް، ބިން ގަތުމަށް ހުޅުވާލި ފުރުސަތުގައި އެކަށީގެންވާ ވަރަށް މައުލޫމާތު އެކަމުގެ ނުދެވޭތީ ބިން ވިއްކުމަށް ކުރި އިއުލާނުގެ މުއްދަތު އިތުރުކޮށްފިއެވެ. ދައުލަތަށް އާމްދަނީ ލިބޭ ގޮތަށް ރަށްރަށުގެ ބިންތައް 35 އަހަރަށް ކުއްޔަށް ދޫކުރަން ނިންމާ އެ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގައި ހިމެނޭ 10 ރަށުގެ ތެރެއިން ހދ. ހަނިމާދޫ، ނ. ވެލިދޫ، ކ. ތުލުސްދޫ، ބ. ތުޅާދޫގެ އިތުރުން ބ. އޭދަފުށިން ބިން ގަތުމަށް ޕްރޮޕޯޒަލް ހުށަހެޅުމަށް މިދިޔަ ނޮވެމްބަރު މަހު ހައުސިން މިނިސްޓްރީން ވަނީ އިއުލާންކޮށްފައެވެ.

އެ އިއުލާންގެ މުއްދަތު ހަމަވި ފަހުން ހައުސިން މިނިސްޓްރީން ކުރި އިއުލާނުގައި ބުނެފައިވަނީ މިދިޔަ ނޮވެމްބަރު މަހު އިއުލާނުގައިވާ މުއްދަތުގައި އެކަށީގެންވާ ވަރަށް މައުލޫމާތު ދެވިފައިނުވާތީ ޕްރޮޕޯޒަލް ހުށަހެޅުމުގެ މުއްދަތު މި މަހު 15 އާއި ހަމަައަށް އިތުރު ކުރެވިފައެވެ. އިގްތިސާދީ ބޭނުމަށް ވިޔަފާރި އުސޫލުން ރަށްރަށުން ބިންދޫކުރުމުގެ ފުރަތަމަ ފިޔަވަހީގައި ހިމެނިފައިވާ ރަށްރަށާއި ދޫކުރެވޭ ބިންތަކާބެހޭ މައުލޫމާތާއި ޕްރޮޕޯޒަލް ހުށަހަޅަންވީގޮތާއި އެކަމަށް ތައްޔާރުކުރެވިފައިވާ ފޯމާއި އަދި އެނޫންވެސް އިތުރު މައުލޫމާތު، އެ މިނިސްޓްރީގެ ވެބްސައިޓުގައި ހިމެނެއެވެ. ހައުސިން މިނިސްޓްރީ އިން މައުލޫމާތުދޭ ގޮތުގައި އެއް ކުންފުންޏަކަށް އެންމެ ބޮޑު ކޮށް ދޫކުރެވޭނީ 600 އަކަފޫޓްގެ ބިމެއް ކަމަށާއި އެފަދަ ބިންތައް ގަންނަ ފަރާތްތަކަށް އެ ބިންތައް އެކި ފަރާތްތަކަށް ދީގެން މަންފާ ހޯދުމުގެ ފުރުސަތު ލިބޭނެއެވެ.

ސަރުކާރަށް ފައިދާ ލިބޭ ގޮތަށް ބިން ވިއްކުމުގެ ބޭނުމަކީ އާބާދީ ބޮޑެތި ރަށްރަށުގައި އިގްތިސާދީ މަސައްކަތްތައް އިތުރުކޮށް ވަޒީފާގެ ފުރުސަތުތައް ރަށުން ތަނަވަސްކޮށްދީ އަދި އެފަދަ ސަރަހައްދުތަކަށް ކުދި އާބާދީތަކުގެ މީހުން ހިޖުރަ ކުރުމަށް ފުރުސަތު ދިނުން ކަމަށް ހައުސިންގ މިނިސްޓްރީން މައުލޫމާތުދެއެވެ. އިގްތިސާދީ ބޭނުމަށް، ވިޔަފާރި އުސޫލުން ރަށްރަށުން ބިންދޫކުރުމުގެ ދެވަަނަ ފިޔަވަހީގައި ހއ. ދިއްދޫ، ހދ. ކުޅުދުއްފުށި، ދ. މީދޫ، ޏ. ފުވައްމުލަށް، އަދި އައްޑޫ ސިޓީން ބިން ގަތުމަށް ހުޅުވާލުމަށް ހަމަޖެހިފައިވެއެވެ.

އާ ފޮޓޯތަކުން ޕްލޫޓޯގެ ބިމުގެ ވަޅުގަނޑުތަކާއި ފަރުބަދަތައް ގަނޑުފެން ސާފުކޮށްފެނޭ

151205142948-01-pluto-051215-exlarge-169

ދުނިޔެއާއި 5.7 ބިލިއަން ކިލޯ މީޓަރު ދުރުގައިވާ ތަރި ޕްލޫޓޯގެ މިހާތަނަށް ނަގާފައިވާ އެންމެ ސާފު ފޮޓޯތައް ނާސާ އިން ދައްކާލައިފިއެވެ. މިފޮޓޯތަކުން ޕްލޫޓޯގެ ބިމުގައި އުފެދިފައިވާ ވަޅުގަނޑުތަކާއި ފަރުބަދަތައް ގަނޑުފެން ވަރަށް ސާފުކޮށް ދައްކުވައިދެއެވެ. މި ފޮޓޯތައްް ނަގާފައިވަނީ ނާސާގެ ސްޕޭސް ކްރާފްޓް މިދިޔަ ޖުލައި މަހު ޕްލޫޓޯ ކައިރިން ކުރި ދަތުރުގައެވެ. ނިއު ހޮރިޒަންސްގެ ޕްރިންސިޕަލް އިންވެސްޓިގޭޓާ އަލަން ސްޓާން ބުނީ ޕްލޫޓޯގެ ފޮޓޯ ހާ ކޮލިޓީ ފޮޓޯތަކެއް އަދި މިހާތަނަށް ނެގިފައި ނުވާ ކަމަށެވެ. ޕްލޫޓޯގެ އިތުރު ފޮޓޯތައް އަންނަ ހަފްތާ ތެރޭގައި ދުނިޔެއަށް ފޯރާނެ ކަމަށް ބެލެވޭ އިރު ނާސާގެ ސްޕޭސް ކްރާފްޓަކުން ނަގާފައިވާ ޕްލޫޓޯގެ ހުރިހާ ފޮޓޯތަކާއި މައުލޫމާތުތައް ދުނިޔެއާއި ހަމައަށް ވާސިލް ވުމަށް އަދި އަހަރެއްހާ ދުވަސް ނަގާނެ ކަމަށް ނާސާއިން މައުލޫމާތުދެއެވެ.