ސީމެގް ރާއްޖެއަންނާނެ އަދި ޚާއްޞަ ސަމާލުކަމެއްދީގެން ރާއްޖެއަށް ބަލާނެ: އިގިރޭސި ބޮޑުވަޒީރު

C185C273-1077-4804-9A3B-53E764DB15A8_w640_r1_s_cx0_cy0_cw99

އަންނަ އަހަރު އަނެއްކާވެސް ކޮމަންވެލްތް މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެއަށް އައުމަށް ހަމަޖެހިފައިވާ ކަމަށާއި، ރާއްޖެއަށް ވަކިން ހާއްސަ ސަމާލުކަމެއް ދީގެން ބަލަހައްޓާނެ ކަމަށް އިނގިރޭސި ބޮޑު ވަޒީރު ޑޭވިޑް ކެމަރަން ވިދާޅުވެއްޖެއެވެ. އިނގިރޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުގެ މެމްބަރުންނާ މުހާތަބުކޮށް ބޮޑުވަޒީރު ކެމަރަން ވިދާޅުވީ މެމްބަރު ގައުމުތަކުން ކޮމަންވެލްތުގެ މައިގަނޑު އަސާސްތަކާ އެއްގޮތަށް އަމަލު ކުރުމަކީ ކޮމަންވެލްތު ދެމިއޮތުމަށް މުހިއްމު ކަމެއް ކަމަށެވެ. ކޮމަންވެލްތުން އެކަންކަން ރަނގަޅަށް ބަލަން ޖެހޭނެކަން ފާހަގަކުރަމުން ކެމަރަން ވަނީ ސީމެގް އިން ރާއްޖެއަށް ދެމުން އަންނަ ސަމާލުކަމަށް ތާއީދުކޮށް އެކަން ދެމެހެއްޓާނެކަމަށް ވިދާޅުވެފައެވެ. ކެމަރަންވިދާޅުވީ ސީމެގްގެ ރިޕޯޓަށް މަރުހަބާކިޔާކަމަށާއި ސީމެގުން ރާއްޖެއަށް ރަސްމީގޮތުން ސަމާލުކަން ދިނުމަށާއި 2016 ވަނަ އަހަރު ކުރީކޮޅު ސީމެގުން ރާއްޖެއަށް ޒިޔާރަތްކުރުމަށް ނިންމާފައިވާތީ އެކަމަށް އޭނާގެ ފުރިހަމަ ތާއީދު އޮންނާނެކަމަށެވެ.
މިދިޔަމަހު މޯލްޓާގައި ބޭއްވި ކޮމަންވެލްތް ގައުމުތަކުގެ އިސްވެރިންގެ ބައްދަލުވުމުގައިވެސް ދިވެހި ސަރުކާރަށް ވަރުގަދަ މެސެޖެއްދޭން ކެމަރަން ވަނީ ކޮމަންވެލްތުގެ މެންބަރު ގައުމުތަކަށް ގޮވާލައިފައެވެ. ކޮމަންވެލްތު ތަގްރީރުގައި ކެމަރަންވަނީ ރާއްޖޭގެ ސިޔާސީ ހައްޔަރީ ދޫކޮށްލުމަށާއި ރާއްޖޭގެ މަޝްރަޙްގައި ހިގަމުންދާ ކަންކަމަކީ ބަލައިގަނެވޭނެ ކަންތައް ތަކެއް ނޫންކަމަށް ވިދާޅުވެފައިވެއެވެ.
ދިވެހިރާއްޖޭގެ ހާރިޖީއްޔާއިން މައުލޫމާތުދޭ ގޮތުގައި ސީމެގުން ނިންމާފައިވަނީ ސީމެގްގެ ރަސްމީ އެޖެންޑާގައި ރާއްޖެ ނުހިމެނުމަށެވެ. ނަމަވެސް މީޑިއާ ރިޕޯޓްތަކަށް ބަލާއިރު އިގިރޭސި ސަރުކާރާއި ދިވެހި ސަރުކާރުން ސީމެގުގެ ރިޕޯޓް މާނަކުރާގޮތް ވަރަށް ތަފާތުކަން ފާހަގަކުރެވެއެވެ.

ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް މެލޭރިއާ ބަލި ނައްތާލި، ދެކުނު އޭޝިއާގެ ފުރަަތަމަ ގައުމަކީ ރާއްޖެ

69790_9150786c-2_

ދުނިޔޭގެ ސިއްހަތު ޖަމިއްޔާ، ޑަބްލިއުއެޗްއޯގެ މިންގަނޑުތަކާ އެއްގޮތަށް މެލޭރިއާ ބަލި ނައްތާލި، ދެކުނު އޭޝިއާ ސަރަހައްދުގެ ފުރަަތަމަ ގައުމަކީ ރާއްޖެ ކަމަށް، އެ ޖަމިއްޔާ އިން މިއަދު ރަސްމީކޮށް އިއުލާންކޮށްފި އެވެ.
ރާއްޖެ އިން މެލޭރިއާ ބަލި ނައްތާލާފައިވާ ކަން އިއުލާން ކޮށްދެއްވީ ސިއްހަތު ޖަމިއްޔާގެ މެމްބަރު ގައުމެއްގެ ގޮތުގައި ރާއްޖެ 50 އަހަރު ފުރުން ފާހަގަކުރަން މިއަދު ހެދުނު ދަރުބާރުގޭގައި  ބޭއްވި ރަސްމިއްޔާތުގައި، އެ ޖަމިއްޔާގެ ދެކުނު އޭޝިއާ ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރު ޕޫނަމް ކެތުރަވާލް ސިންހެވެ.
ރާއްޖެ އިން މެލޭރިއާ ނައްތާލިކަން ކަނޑައަޅައި އެކަމުގެ ހަނދާނީ ލިޔުން ވެސް ޑަބްލިއުއެޗްއޯ އިން ވަނީ މިއަދުގެ ޖަލްސާގައި ދީފަ އެވެ. އެ ހަނދާނީ ލިޔުމާ ހަވާލުވެވަޑައިގަތީ ހެލްތު މިނިސްޓަރު އިރުތިޝާމް އާދަމެވެ.

69812_23100104-2_

 މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ބައިވެރިވެވަޑައިގެންނެވިއެވެ.

ދެކުނު އިރުމަތީ އޭޝިޔާގެ ޑަބްލިޔު.އެޗް.އޯ މެންބަރު ޤައުމުތަކުގެ ތެރެއިން މެލޭރިއާ މުޅިން ނައްތާލެވުނު ފުރަތަމަ ޤައުމަކީވެސް ދިވެހިރާއްޖެއެވެ. މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްކަން ކަނޑައަޅާ ލިޔުމުގައި، ރާއްޖެއިން މެލޭރިއާ ނައްތާލުމަށާއި، މެލޭރިއާ ނައްތާލެވިފައިވާ ޤައުމެއްގެ ގޮތުގައި ދެމިއޮތުމަށް ރާއްޖެއިން ކުރަމުން ގެންދާ މަސައްކަތްތައް ޑަބްލިޔު.އެޗް.އޯ އިން ފާހަގަ ކޮށްފައިވެއެވެ.

 

ޗެންނާއީގަ ތިބި ދިވެހިންގެ ހާލުބަލައި ދަނީ އެހީތެރިކަން ފޯރުކޮށްދެމުން: ހައިކޮމިޝަން

Chennai: An older woman lifted by rescue worker following heavy rains, in Chennai on Monday. PTI Photo(PTI11_16_2015_000203B)

އިންޑިއާގެ ޗެންނާއީ އަށް ކުރަމުންދާ ވިއްސާރައިގައި އެ ސިޓީ ފެންބޮޑުވުމުން ދިވެހި ދެމަފިރިއަކު ހޮޓަލެއްގައި ތާށިވެއްޖެއެވެ. ދިއްލީގައި ހުންނަ ދިވެހި ހައިކޮމިޝަނުން މައުލޫމާތުދޭ ގޮތުގައި އެ ދެމަފިރިން ތިބީ އެޕޯލޯ ހޮސްޕިޓަލް ކައިރީގައި ހުންނަ ހޮޓަލެއްގައެވެ. އެމީހުންގެ ހާލުބަލައި އެހީތެރިކަން ފޯރުކޮށްދެވެން ހުރި ހުރިހާ ގޮތަކުން އެމީހުންނަށް އެހީތެރިކަން ފޯރުކޮށްދެމުންދާކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. ބޯކޮށްވާރޭ ވެހި ފެންބޮޑުވުމާ ގުޅިގެން ޗެންނާއީގެ ދަތުރުފަތުރުގެ ނިޒާމާ އަސާސީ ގިނަ ހިދްމަތްތައް މިވަގުތުވަނީ ހުއްޓުމަކަށް އައިސްފައެވެ.

ބޮޑު ސަރަހައްދަކަށް ކަރަންޓްގެ ހިދްމަތްނުލިބޭއިރު އިންޑިއާގެ އަސްކަރިއްޔާ އިން ދަނީ މީހުންނަށް މިހާރު އެހީތެރިކަން ފޯރުކޮށްދެމުންނެވެ. ފެންބޮޑުވުމާއި ގުޅިގެން ދިވެހި ދަރިވަރަކު ކިޔަވަމުންއައި ޔުނިވަރުސިޓީގެ ދަރިވަރުންތަކަކާއެކު އެދަރިވަރު މިހާރު ރައްކާތެރި ސަރަހައްދަކަށް ގެންގޮސްފައިވާކަމަށްވެސް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.
ޗެންނާއީގައި މިވަގުތު ތިބި ދިވެހިންގެ މައުލޫމާތު އެއްކޮށް އެމީހުންނަށް ބޭނުންވާ އެހީތެރިކަން ހަމަޖެއްސުމަށް މަސައްކަތްކުރަމުންދާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ. ހައިކޮމިޝަނުގައި ރަޖިސްޓްރީ ނުކޮށްވެސް ދިވެހިން އިންޑިއާގެ އެކި ސަރަހައްދުތަކުގައި ދިރިއުޅެމުންދާތީ އެކަމުގައި މިފަދަ ހާދިސާތަކުގައި އެހީތެރިކަންދިނުމަށް ގޮންޖެހުންތަކެއް ދިމާވާ ކަމަށް ހައިކޮމިޝަނުން މައުލޫމާތުދެއެވެ.
އިންޑިއާ އަށް ބޯކޮށް ވާރޭ ވެހެމުން ދަނީ ބޭ އޮފް ބެންގޯލް ސަރަހައްދުގައި އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުންނެވެ. އެގޮތުން އައްސޭރި ފަށުގެ ސަރަހައްދުތަކަށް ދަނީ ބޯކޮށް ވާރޭ ވެހެމުންނެވެ. މިދިޔަ މަހު ވެސް ޗެންނާއީ އަށް މެދުކެނޑުމެއް ނެތި ހަފްތާއެއް ވަންދެން ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން މުޅި ސިޓީގައި ވަނީ ފެންބޮޑުވެ، ދަތުރުފަތުރާއި އާއްމު ދިރިއުޅުން ހުއްޓުމަކަށް އައިސްފައެވެ. މޫސުމާބެހޭ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި ކުރިއަށްއޮތް ތިންދުވަހު ޗެންނާއީއަށް ބޯކޮށް ވާރޭވެހޭނެއެވެ. އިންޑިއާގެ އަސްކަރިއްޔާގެ ބޮޑު ފައުޖެއްވަނީ ޗެންނާއިން ޖަމާވެ އެހީތެރިކަންފޯރުކޮށް ދިނުމުގައި ޙަރަކާތްތެރިވަމުންނެވެ.

ދަގަނޑޭގެ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެއްޖެ

ali-ashfaq

ގައުމީ ފުޓްބޯޅަ ޓީމުގެ ކެޕްޓަން އަލީ އަޝްފާގު (ދަގަނޑޭ)ގެ މައްޗަށް 1.4 މިލިއަން ރުފިޔާގެ ދަރަނީގެ މައްސަލައެއް ސާބިތުވެ ސިވިލްކޯޓުން ހުކުމްކޮށްފިއެވެ. ދަގަނޑޭގެ މައްޗަށް ސާބިތުވެފައި ވަނީ އިމާރާތެއް ހަދަން ހަރަދުވި 1.4 މިލިއަން ރުފިޔާ ޔޫމެޓް ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑަށް ދެއްކުމަށެވެ. މީގެ ހަ އަހަރު ކުރިން ޔޫމެޓް ކޮންސްޓްރަކްޝަނާއެކު އަޝްފާގު ހަދާފައިވާ އެއްބަސްވުމުގެ ދަށުން، ގ. ފައިނުގޭގެ ހަ ވަނަ ބުރި އާއި ހަތް ވަނަ ބުރި އަދި ޓެރަސް އެ ކުންފުނިން ވަނީ ހަދާފަ އެވެ.

ޔޫމެޓުން ކުރި ދައުވާއަށް ޝަރީއަތް ހިންގުމަށްފަހު ހުކުމްކޮށްފައިވަނީ ދަރަނި ސާބިތުވާކަމަށެވެ. އަދި އަޝްފާގާއި ޔޫމެޓާ ދެމެދު 2009 ވަނަ އަހަރުގެ މާޗު 24ގައި ހަދާފައިވާ އެއްބަސްވުމަކަށް ވީބީ ސްޕޯޓްސް ކުލަބުން ގެރެންޓީ ދީފައިވުމުން އެ ކުލަބުން ވެސް އެ ފައިސާ ދައްކަން ޖެހޭނެ ކަމަށް ހުކުމްގައިވެ އެވެ. ދަގަނޑޭ އާއި ބީބީ ސްޕޯޓްސް ކުލްބުން ހަ މަސް ދުވަހުގެ ތެރޭގައި އެ ފައިސާ ދައްކައި ހަލާސް ކުރުމަށް ސިވިލް ކޯޓުން ހުކުމުގައިވެ އެވެ. ވީބީ ސްޕޯޓްސް ކްލަބުން އެ އެއްބަސްވުމަށް ގެރެންޓީ ދިންއިރު، ދަގަނޑޭއަކީ އެ ކްލަބުގެ ކެޕްޓަނެވެ.

 

ޓޫރިޒަމްގެ މުސްތަގްބަލްއޮތީ ތިމާވެއްޓާއި އޮތް ރައްޓެހިކަމުގެ މައްޗަށް: ޒަމީރު

zzzam

ޓޫރިޒަމްގެ މުސްތަގްބަލް ބިނާވާނީ ތިމާވެއްޓާ އޮތް ރައްޓެހިކަމުގެ މައްޗަށް ކަމަށް ޓޫރިޒަމް މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ. ބ. އަތޮޅު ޔުނެސްކޯ ބަޔޮސްފެއާ ރިޒާވުން ތައްޔާރު ކުރި ސްޓޭމްޕް ސެޓަކާއި ޕޯސްޓް ކާޑް ސެޓް ނެރުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ވިދާޅުވި ތިމާވެށީގެ ރައްކާތެރިކަމަށް 2.5 ބިލިއަން ޑޮލަރުގެ މަޝްރޫއުތައް ރާވާފައިވާ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ އެ މަޝްރޫއުތައް ތަރައްގީ ކުރުމަށް މަސައްކަތް ކުރާނީ ތިމާވެށި ސަލާމަތް ކުރުމަށް ކުރަންޖެހޭ ކަންތައްތައް ކުރުމަށް ފަހުގައި ކަމަށެވެ. އަދި ޓޫރިސްޓުން އައުމުގައިވެސް ތިމާވެށި ރައްކާތެރި ކުރުމަށް ކުރާ ކަންތައްތައް ބަލަމުންދާ ކަމަށެވެ. ޓޫރިޒަމް މިނިސްޓަރު ވިދާޅުވީ ރާއްޖެއަށް މިއަންނަ ޓޫރިސްޓުންނަކީ ހަމައެކަނި ބީޗް އެކަނި ދައްކައިގެން ނޫނީ ސަން އެކަނި ދައްކައިގެން އަންނާނެ ބައެއް ނޫންކަމަށާއި އެމީހުން ރާއްޖެއަށް ސައުގުވެރިވަނީ މިހާރު ހުރި ރިސޯސް ރަނގަޅުގޮތެއްގައި ދަމަހައްޓާނެ ކަމުގެ ޔަގީންކަންވެސް ލިބުނީމަ ކަމަށެވެ. މިނިސްޓަރު ވިދާޅުވީ ހުރިހާ މަޝްރޫއުތަކެއް ކުރިއަށް ގެންދާއިރުވެސް ރާއްޖޭގެ ނާޒުކު ތިމާވެއްޓަށް އިސްކަން ދޭނެ ކަމަށާއި ރާއްޖޭގެ ޓޫރިޒަމްގެ މުސްތަގްބަލް ބިނާވެފައިވަނީ ތިމާވެއްޓާއި ރައްޓެހިވެގެން ކަމަށެވެ. ރާއްޖޭގެ ޓޫރިޒަމް މުސްތަގްބަލް ބައްޓަންވެގެންދާނީ ރާއްޖެއަކީ އީކޯ ފްރެންޑްލީ އަދި ރާއްޖޭގެ ދެމެހެއްޓެނިވި އިކޯ ސިސްޓަމެއް އޮތްތަނެއްގެ ގޮތުގައި ރާވައިގެން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅަންޖެހޭ މާއްދާ އިސްލާހުކުރަން ހުށަހަޅަނީ

live_21316

ޓެރަރިޒަމް މަނާކުރުމާ ބެހޭ ގާނޫނުގައި ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅަންޖެހޭގޮތަށް އޮންނަ މާއްދާ އިސްލާހު ކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ރައީސް ޔާމީން ނިންމަވައިފި އެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ 18 ވަނަ މާއްދާގައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުގެ ލަފާގެމަތިން ޓެރަރިސްޓު ޖަމާއަތްތަކުގެ ލިސްޓު އެކުލަވާލައި އެ ގާނޫނަށް އަމަލުކުރަން ފަށާތާ 15 ދުވަހުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރަންވާނެ ކަމަށެވެ. ނަމަވެސް އެ މުއްދަތު މިހާރު ވަނީ ފަހަނައަޅައިގޮސްފަ އެވެ. ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް މުއާޒު އަލީ މައުލޫމާތުދޭ ގޮތުގައި ޓެރަރިސްޓު ޖަމާއަތްތައް ކަނޑައަޅައި އެ ލިސްޓު ގެޒެޓުގައި ޝާއިއުކުރުމަށް ގާނޫނުގައި އޮންނަ މާއްދާ އިސްލާހުކުރަން ރައީސުލްޖުމްހޫރިއްޔާއަށް ލަފާދީފައި ވަނީ ގައުމީ ސަލާމަތާ ބެހޭ މަޖިލީހުން ކަމަށެވެ. ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި އިސްލާހުކުރަންޖެހޭ އެތައް ކަމެއް ހުރި ކަމަށް އިދިކޮޅު އެމްޑީޕީންނާއި ސިޔާސީ ބޭފުޅުން ވެސް ވަނީ ފާހަގަކޮށްފައެވެ. ހިއުމަންރައިޓްސް ކޮމިޝަނުން ވެސް ވަނީ އެ ގާނޫނުގައި ހުރި އިސްލާހު ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށްފައެވެ.

އޭޑްސް ޖެހިފައި ތިބި 37 މިލިއަން މީހުން ދުނިޔޭގައި އެބައުޅޭ

aids

ދުނިިޔޭގައި އޭޑްސް ދުވަސް މިއަދު ފާހަގަ ކުރަމުންދާ އިރު އޭޑްސް ޖެހިފައި ތިބި 36.9 މިލިއަން މީހުން އެބަތިބި ކަމަށް އދ. އިން ހާމަކޮށްފި އެވެ. ޔޫއެންއޭޑްސް އިން ހާމަކުރި ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި 2000 ވަނަ އަހަރުން 2014 ވަނަ އަހަރާ ހަމައަށް ބަލާއިރު އޭޑްސް ޖެހޭ މީހުންގެ އަދަދު ވެސް އަހަރުން އަހަރަށް ދަށްކުރެވިފައިވާ ކަމަށެވެ. އަދި 2004 ވަނަ އަހަރުން މިދިޔަ އަހަރާ ހަމައަށް ބަލާއިރު އޭޑްސްއާ ގުޅުން ހުރި ބަލިތަކުގައި މަރުވާ މީހުންގެ އަދަދު ވަނީ 42 ޕަަސެންޓް ދަށް ކުރެވިފައި ކަމަށް ވެސް ބުނެފައިވެ އެވެ.
ކުރިއަށް އޮތް ފަސް އަހަރު ތެރޭ އެޗްއައިވީގެ ބަލި މީހުންނަށް ދޭ ފަރުވާ ދެ ގުނަ ކުރަން ޖެހޭނެ އެވެ. އަދި ވޭތުވެދިޔަ 15 އަހަރު ތެރޭ އޭޑްސްއާ ދެކޮޅަށް ކާމިޔާބު މަސައްކަތްތަކެއްް ކުރެވިފައިވާކަން ވަނީ ފާހަގަކޮށްފަ އެވެ. އެހެންކަމުން އދ. އިން ކަނޑައަޅާފައިވާ ގޮތަށް އޭޑްސް އަކީ “ދުނިޔެ އަށް އޮތް ސިއްހީ ބިރެއް”ގެ ގޮތުގައި އޮތް އޮތުން 2030 ވަނަ އަހަރާ ހަމައަށްދާއިރު ނިމުމަކަށް ގެނައުމުގެ އަމާޒަށް ވާސިލްވެވޭނެ ކަމަށް ބުނެފައިވެ އެވެ. މިކަން ކުރަން އޮތް އެންމެ މުހިންމު ވަސީލަތަކީ އެޗްއައިވީގެ ބަލި މީހުންނަށް ދޭ ފަރުވާ ދެ ގުނައަށް އިތުރު ކުރުމެވެ. ތިރިީގައި މިވަނީ ވޯލްޑް ހެލްތް އޯގަނައިޒޭޝަން، ޔުނިސެފް އަދި ޔޫއެންއެއިޑްސް އިން މިއަހަރު ހޯދާފައިވާ ބައެއް ތަފާސްހުސާބުތަކެވެ.
– ދުނިޔޭގައި 36.9 މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައިވާއިރު، އޭގެ ތެރޭގައި 2.6 މިލިއަން ކުޑަކުދިން ހިމެނޭ
– ގާތްގަނޑަކަށް 2 މިލިއަން މީހުންނަށް އެޗްއައިވީ ޖެހިފައިވަނީ 2014 ގައި
– ގާތްގަނޑަކަށް 34 މިލިއަން މީހުންނަށް އެޗްއައިވީ ނުވަތަ އެއިޑްސް ޖެހިގެން ވަނީ މަރުވެފައި، އޭގެ ތެރެއައިން 1.2 މިލިއަން މީހުން މަރުވީ 2014 ގައި
– ފާއިތުވި 15 އަހަރުގައި އެއިޑްސް ޖެހިގެން މަރުވި 10-19 އަހަރުގެ ކުދިންގެ އަދަދު ވަނީ ތިން ގުނަ އިތުރުވެފައި
– އެފްރިކާގައި އެންމެ ގިނައިން 10-19 އަހަރުގެ ކުދިން މަރުވަނީ އެއިޑްސް ޖެހިގެން، ދުނިޔޭގައި 10-19 އަހަރުގެ ކުދިން ދެވަނައަށް އެންމެ ގިނައިން މަރުވަނީ އެއިޑްސް ޖެހިގެން
– އެފްރިކާގައި އެއިޑްސް ޖެހޭ ކޮންމެ 10 މީހަކުން 7 މީހަކީ އުމުރުން 15-19 އަހަރުގެ އަންހެން ކުދިން
– 2015 ވަނަ އަހަރު ފެށުނު އިރު 15 މިލިއަން މީހުން ދިޔެއީ އެންޓި-ރެޓްރޮވައިރަލް ތެރަޕީ ހޯދަމުން، 2001 ވަނަ އަހަރު މި ފަރުވާ ހޯދަމުން ދިޔެއީ 1 މިލިއަން މީހުން
– އެޗްއައިވީ އަށް ޓެސްޓު ކުރާ މިންވަރު އިތުރުވި ނަމަވެސް، އެޗްއައިވީ ޖެހިފައިވާ މީހުންގެ ތެރެއިން އެކަން ކަށަވަރު ކޮށްފައިވަނީ ގާތްގަނޑަކަށް 51 އިންސައްތަ މީހުން
– އެޗްއައިވީ އާ ދެކޮޅަށް ކުރާ މަސައްކަތުގެ ސަބަބުން 2000 އިން ފެށިގެން 30 މިލިއަން މީހުންނަށް އެ ވައިރަސް ޖެހުމުން ސަލާމަތްވެ، 8 މިލިއަން މީހުން އެ ބަލީގައި މަރުވުމުން ސަލާމަތް ކުރި
– 2015 ވަނަ އަހަރު އެޗްއައިވީ ޖެހިފައިވަނީ މާބަނޑު އަންހެނުންގެ ކިބައިން ދަރިފުޅަށް ވައިރަސް ޖެހުން ހުއްޓާލެވުނު ފުރަތަމަ ގައުމަކީ ކިއުބާ

ސީރިއާގެ ހަނގުރާމައަށް އދ އިން ހައްލެއްނުހޯދުމުން ހުރިހާ ބުރަޔެއް ތުރުކީއަށް: ތުރުކީ ބޮޑުވަޒީރު

2f5a926c5dfa48b2b543a2e29f4eaccb_18

ސީރިއާ ހަނގުރާމަ އަށް އދ އިން ހައްލެއް ހޯދާނުދެވުން ގެއްލުންތަކާ ކުރިމަތިލާން ޖެހެނީ ތުރުކީ އާ ޔޫރަޕަށްކަމަށް ތުރުކީ ބޮޑު ވަޒީރު އަހުމަދު ޑަވުޓޯލޯ ވިދާޅުވެއްޖެއެވެ. ސީރިޔާގެ ރެފިއުޖީން ޔޫރަޕަށް ދާ މިންވަރު މަދު ކުރުމަށް އީޔޫގެ ގައުމުތަކުގެ ލީޑަރުންނާއެކު ބޭއްވެވި ބައްދަލުވުމަށްފަހު ޑަވުޓޯލޯ ވިދާޅުވީ ސީރިޔާގެ މައްސަލަ ހައްލުނުވުމުން ތުރުކީ އާއި ޔޫރަޕުން ޖެހެނީ އެކަމުގެ ބުރަ އުފުލަންކަމަށާއި ތުރުކީ އިން އެކަނި ވެސް ދެ މިލިއަނަށް ވުރެ ގިނަ ރެފިއުޖީން މިހާރު ސަލާމަތް ކޮށްފައިވާނެއެވެ. އިއްޔެގެ ބައްދަލުވުމަކީ ތުރުކީ މެދުވެރިކޮށް ސީރިޔާ އިން ޔޫރަޕަށް ދާ ރެފިއުޖީން މަދުކުރުމަށް ތުރުކީ އަށް ކުރެވިދާނެ ކަންތައްތަކާ ބެހޭގޮތުން ބޭއްވިބައްދަލުވުމެކެވެ. މި ބައްދަލުވުމުގައި ތުރުކީގެ ބޯޑަރު ހުރަސް ކުރުމުގެ ގަވާއިދުތަށް ވަރުގަދަ ކުރުމަށާއި، ގިނަ އަދަދެއްގެ ސީރިއާގެ ރެފިއުޖީން ތުރުކީގައި ވަޒަންވެރި ކުރުމުށް ތުރުކީ އިން ވަނީ އެއްބަސްވެފައިވެއެވެ. އޭގެ ބަދަލުގައި އީޔޫ އިން ތުރުކީ އަށް ތިން ބިލިއަން ޔޫރޯގެ ފައިސާގެ އެހީ ދިނުމަށާއި އީޔޫ އާއި ތުރުކީ އާ ދެމެދު އޮތް ގުޅުން ބަދަހި ކުރުމަށް އެއްބަސްވިއެވެ. ތުރުކީގެ ބޯޑާ ކޮންޓުރޯލް ވަރުގަދަ ކުރުމަށް ތުރުކީ އަށް ކާމިޔާބު ވެއްޖެނަމަ ޔޫރަޕުގެ ބައެއް ސަރަހައްދުތަކަށް ވިސާއަކާ ނުލައި ވަނުމުގެ ފުރުސަތު ތުރުކީގެ ރައްޔިތުންނަށް ލިބިގެންދާނެ ކަމަށްވެސް އީޔޫ އިންބުނެއެވެ.

އައިއެސްއާއެކު ތެލުގެ ވިޔަފާރިކުރާ ކަމަށް ޕުޓިން ތުހުމަތު ކުރުމުން އެކަންސާބިތުކޮށްދިނުމަށް ތުރުކީން ގޮވާލައިފި

The Prime Minister of Turkey, Ahmet Davutoglu and NATO Secretary General Jens Stoltenberg

ތުރުކީ އިން ރަޝިއާގެ ޖެޓަކަށް ހަމަލާދީ ވައްޓާލީ އައިއެސްއާ އާއެކު އޮންނަ ތެލުގެ ވިޔަފާރި ދެމެހެއްޓުމަށް ކަމަށް ރަޝިއާ އިން ކުރި ތުހުމަތު ސާބިތުކޮށްދިނުމަށް ތުރުކީ އިން ގޮވާލައިފިއެވެ. ތުރުކީގެ ރައީސް ތައްޔިބު އުރުދުގާން ވިދާޅުވީ ތުހުމަތު ކުރާ ނަމަ އެކަން ސާބިތުވެސް ކޮށްދޭން ޖެހޭނެއެވެ. ރަޝިއާގެ ރައީސް ލެޑިމިއަ ޕޫޓިން ކުރިން ވިދާޅުވެފައި ވަނީ ތުރުކީ އިން އައިއެސް އާއެކު ތެލުގެ ވިޔަފާރި ކުރަމުންދާ ކަމަށާއި ޖެޓު ވައްޓާލުމަކީ ތުރުކީ އިން ކުރި ވަރަށް ދެރަ ކަމެެކެވެ. ތުރުކީގެ ސަރުކާރުން ދަނީ އެ މައްސަލާގައި މައާފަށް އެދުމަށް ދެކޮޅު ހަދަމުންނެވެ. ޖެޓުގައި އިން ޕައިލެޓަކާއި، ރަޝިއާ ސިފައިންގެ އެހެން މީހަކު ވަނީ އެ ހާދިސާގައި މަރުވެފައެވެ. ތުރުކީ އިން ބުނީ ޖެޓަށް ހަމަލާ ދިނީ އެގައުމުގެ ވައިގެ ސަރަހައްދަށް ގާނޫނާ ހިލާފަށް ވަނުމުންނެވެ. އެމެރިކާ އިން ބުނީ އެކަން ސާބިތު ކުރެވޭ ވަރުގެ ހެކި އެމެރިކާ އާއި ތުރުކީގެ އަތުގައި އެބަހުއްޓެވެ.

އައިހެވަން ކާމިޔާބު ކުރުމަށް އެއްފަސްވެފައި އޮންނަ 14000 ގެ އާބާދީއެއް ބޭނުންވޭ: މިނިސްޓަރ އުމަރު

medium_31836

ތަރައްގީގެ އެންމެ ބޮޑު މަޝްރޫއު ކަމަށްވާ އައިހެވަން ކާމިޔާބު ކުރުމަށް އެއްފަސްވެފައި އޮންނަ 14000 ގެ އާބާދީއެއް ބޭނުންވާ ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު މިރޭ ވިދާޅުވެއްޖެ އެވެ. އުމަރު ވިދާޅުވީ އައިހެވަން މަޝްރޫއު ހއ.އަތޮޅަށް އަތުވެއްޖެ ނަމަ އެ ހާސިލްވީ ތަރައްގީގެ އާދަޔާ ހިލާފް ބޮޑު މަޝްރޫއެއް ކަމަށާއި އެކަމަކު ތަރައްގީއަށްޓަކައި އެއްފަސްވާންޖެހޭ ކަމަށެވެ. “އައިހެވަންގެ ފީސިބިލިޓީ ހެއްދެވި ބޮސްޓަން ކޮންސަލްޓީން ބުނެފަވޭ މި މަޝްރޫއު ކާމިޔާބުކުރުމަށްޓަކައި އެންމެ ކުޑަވެގެން ވެސް އެއްފަސްވެފަ 14000 މީހުންގެ އާބާދީއެއް އޮންނަންޖެހޭނޭ،” އުމަރު ވިދާޅުވި އެވެ.
ހއ. ދިއްދޫގައި އަތޮޅު ކައުންސިލުން ބޭއްވި، އެ އަތޮޅުގެ ތައުލީމީ ދާއިރާގައި ފާހަގަކުރެވޭ ފަރާތްތަކުގެ އަގު ވަޒަންކުރުމުގެ “ތިލައުތުރު އުއްތަމަ އަރުތަވެރިންގެ ޖަލްސާ” ޝަރަފުވެރިކޮށްދެއްވަމުން އުމަރުވިދާޅުވީ ސައޫދީ އަރަބިއްޔާގެ ފަރާތުން އައިހެވަން މަޝްރޫއު ކާމިޔާބު ކުރެވޭނެ ކަމުގެ ވަރަށް ބޮޑު ޔަގީންކަމެއް އެބަ އޮތް ކަމަށެވެ. “މިއީ ހަމައެކަނި ޓްރާންސްޝިޕްމަންޓް ބަނދަރަކަށް ވެސް ނުވާނެ. ތެޔޮ ރައްކާކުރާ، ތެޔޮ ސާފުކުރާ ކާރުހާނާތައް ވެސް މީގެ ތެރޭގައި ހިމެނޭނެ. އެހެންވެގެން ސައޫދީ އަރަބިއްޔާގެ އިންޓަރެސްޓް މިކަމުގައި ހުރީ، އުމަރުު ވިދާޅުވީ އެއްފަސްވެފައި އޮންނަ ބޮޑު އާބާދީއެއް އައިހެވަން މަޝްރޫއަށް ބޭނުންވަނީ ވަޒީފާގެ ފުރުސަތުތަކާއި އެހެނިހެން ކަންކަން ކުރުމަށް ކަމަށެވެ. އައިހެވަން އަކީ އެއް ބިލިއަން ޑޮލަރުގެ ބިޔަ މަޝްރޫއެއްކަން ފާހަގަކުރައްވަމުން އުމަރު ވިދާޅުވީ މިކަހަލަ ބޮޑެތި މަޝްރޫއުތައް ރާއްޖެއާ ދިމާލަށް ގެންނަން މަސައްކަތްކުރާއިރު ކުދި އާބާދީތައް، ބޮޑެތި އާބާދީ ހުރި ތަންތަނަށް ހިޖުރަކުރަންޖެހޭ ކަމަށެވެ.
އައިހެވަން މަޝްރޫއު ހިންގަން ހަމަޖައްސާފައިިވާ ހއ. އަތޮޅުގައި 14 ރަށުގައި މީހުން އުޅޭއިރު މި އަހަރު އާންމުކުރި އެންމެ ފަހުގެ ބޯހިމެނުުމުން ދައްކަނީ މުޅި އަތޮޅުުގެ އާބާދީ އަކީ 14464 ކަމަށެވެ. އެ އަތޮޅުގައި އާބާދީ އެންމެ ބޮޑު ދިއްދޫގައި އުޅެނީ 2745 މީހުންނެވެ. އޭނާ ވިދާޅުވީ ކުދި އާބާދީތައް ކުދި ރަށްރަށުގައި ބައިތިއްބައިގެން ތަރައްގީގެ ބޮޑެތި މަޝްރޫއުތައް ގެނައުމަކީ ފަސޭހަ ކަމަކަށް ނުވާނެ ކަމަށެވެ.
ތަރައްގީވެފަ ހުރި ގައުމުތަކުގެ ލިސްޓަށް މީގެ 20 އަހަރު ފަހުން އެރުމަށް ގަސްދުކޮށްގެން އުދުއްސައިގަންނަ ކަމަށް ވަންޏާ އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ބޮޑެތި އާބާދީތައް ހުރި ތަންތަނަށް ކުދި އާބާދީތައް ހިޖުރަކުރުން ކަމަށާއި އެ ހިސާބަށް ދާން ކުރަންޖެހޭ މަސައްކަތް ގިނަ ކަމަށް ހޯމް މިނިސްޓަރު ވިދާޅުވި އެވެ. އޭނާ ވިދާޅުވީ ރާއްޖޭގައި މިހާރު ބޮލަކަށްޖެހޭ އާމްދަނީ އަކީ 6665 ޑޮލަރު ކަމަށާއި ސިންގަޕޫރުގައި ބޮލަށް 55000 ޑޮލަރު ޖެހޭއިރު އަދި ދާން “ލައްކަ ހިސާބު އަދި އެބަ އޮތް” ކަމަށެވެ.