ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވީ ސަރުކާރަށް ޕްރެޝަރެއް ކުރިމަތިވެގެން ނޫން : މިނިސްޓަރު ދުންޔާ

medium_71436

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފޮނުވީ ސަރުކާރަށް އެއްވެސް ޕްރެޝަރެއް ކުރިމަތިވެގެން ނޫން ކަމަށް ފޮރިން މިނިސްޓަރު ދުންޔާ މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.
ބޭސްފަރުވާ އަށް ނަޝީދު ބޭރަށް ފުރާވަޑައިގަތީ ގައުމުތަކުގެ އެހީއާ އެކު ކަމަށް މީޑިއާގައި ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުން މިނިސްޓަރު ދުންޔާ ވިދާޅުވީ އިންޑިއާ އާއި ސްރީ ލަންކާ އަދި އިނގިރޭސިވިލާތުން ރާއްޖެ އަށް ކުރި ދަތުރުތަކަކީ އެ ގައުމުތަކާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުން ރަމްޒުކޮށްދޭ ކަމެއް ކަމަށާއި، ދަތުރުތަކުގައި ފަހަތުގައި ވަނީ ސަރުކާރަށް ޕްރެޝަރުކުރުން ކަމަށް މީޑިއާތަކުން އާއްމުކޮށްފައިވީ ނަމަވެސް އެއީ ހަގީގަތެއް ނޫން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
ދުންޔާ ވިދާޅުވި ގޮތުގައި ތިން ގައުމުން ވެސް ރާއްޖެ އަށް ކުރި ރަސްމީ ދަތުރުތަކަކީ ދުރާލައި ހަމަޖައްސައިގެން ކުރި ދަތުރުތަކެކެވެ. އެ ތިން ގައުމުން ވެސް ރާއްޖެ ޒިޔާރަތްކުރާނެ ކަން މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި ސަރުކާރަށް އަންގާފައިވާއިރު، ދަތުރުތައް ޝެޑިއުލްކޮށްފައި ވަނީ ސަރުކާރާ މަޝްވަރާކޮށްގެން ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.
ތިން ގައުމުން ރާއްޖެ ވަޑައިގަތް ބޭފުޅުން ވެސް ރައީސް ޔާމީންގެ އަރިހަށް އިހްތިރާމްގެ ޒިޔާރަތެއް ކުރައްވާފައިވާ ކަން ފާހަގަކުރައްވައި ވިދާޅުވީ އެ ބައްދަލުވުންތަކުގައި ގައުމުތަކާ ރާއްޖެއާ އޮންނަ ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރި ކަމަށެވެ.
ކުރީގެ ރައީސަކަށް ވާތީ ހާއްސަ ހުއްދައެއްގެ ދަށުން ނަޝީދު ފުރާވަޑައިގެންނެވިއިރު، މިނިސްޓަރު ވިދާޅުވި ގޮތުގައި، އެއީ އެހެން ގައިދީންނަށް ވެސް އޮންނަ އުސޫލެއްކަމަށްވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ނަޝީދު އެނބުރިވަޑައިގަންނަވާނެތޯ ބޭރުގެ މީޑިއާތަކުން އުފައްދާ ސުވާލާ ގުޅިގެން މިނިސްޓަރު ވިދާޅުވީ “ކުރިއަށް ވާނެ ގޮތަކީ އެއްވެސް މީހަކަށް ލަފާކުރަން އެނގޭނެ ކަމެއް ނޫން” ކަމަށެވެ. އެމަނިކުފާނު އިނގިރޭސިވިލާތަށް ވަޑައިގެންނެވީ ބޭސްފަރުވާ އަށް ފަހު އަނބުރާ ރާއްޖެ ވަޑައިގަންނަވާނެ ކަމަށް އިގްރާރެއްގައި ސޮއިކުރެއްވުމަށް ފަހު ކަން ވެސް ދުންޔާ ފާހަގަކުރެއްވި އެވެ.

ސްމާޓް ފޯން ގިވް އަވޭ އެވްރިޑޭ ޕްރޮމޯޝަން”ގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަށް ފޯނު ހަވާލުކޮށްފި

dhiraagu

ދިރާގުން ކުރިއަށް ގެންދާ “ސްމާޓް ފޯން ގިވް އަވޭ އެވްރިޑޭ ޕްރޮމޯޝަން”ގެ ފުރަތަމަ ހަފުތާގެ ނަސީބުވެރިންނަށް އިއްޔެ ފޯނު ހަވާލުކޮށްފި އެވެ.

އަހަރު ފެށުމުގެ މުނާސަބަތުގައި ދިރާގު ކަސްޓަމަރުންނަށް ތަހުނިޔާ ފޮނުވުމުގެ ގޮތުން ދިރާގުން މިމަހު 11 އިން 29 ހަށް ކުރިޔަށް ގެންދާ މި ޕްރޮމޯޝަންގައި ދިރާގް ޕޯސްޓްޕެއިޑްގެ ހިދުމަތް ހޯދައި ފަރާތްތަކަށް ކޮންމެ ދުވަހު ފޯނެއް ލިބުމުގެ ފުރުސަތު ލިބެއެވެ. އެގޮތުން އެޕަލް އައިފޯން 6 އެސް އާއި އެޕަލް އައިފޯން 6 ޕްލަސް އަދި ސެމްސަންގް ގެލެކްސީ އެސް 6 އެޖް އާއި ސެމްސަންގް ގެލެކްސީ އެސް 6 އެޖް ޕްލަސްގެ ފޯނެއް ލިބެ އެވެ.

މިއަދު ދިރާގު ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި “ސްމާޓް ފޯން ގިވް އަވޭ، އެވްރިޑޭ” ޕްރޮމޯޝަންގެ ފުރަތަމަ ހަފްތާ ތެރޭގައި ގުރުވަތުން ހޮވިގެން ނަސީބުވެރި ފަރާތްތަކަށް ފޯނު ހަވާލު ކުރުން އޮތެވެ.

ފޯން ލިބުނު މީހުން:

• އިބްރާހިމް ރަޝީދު، ސީސަންގެ، ހއ. ކެލާ
• އަބްދުﷲ ޝަހީރު، ރޯސްމީޑުގެ، ބ. އޭދަފުށީ
• އަހުމަދު އާމިރު، ސަންލައިޓު، ބ. ކަމަދޫ
• ޒަރީން ނަސީރު، ގ. ކާމިނީ އިރުމަތީގެ، ކ. މާލެ
• މުހައްމަދު ސައީދު، ނިވާދޮށުގެ، ލ. މާބައިދޫ
• މުހައްމަދު އަފީފް ހަސަން، ގ. އިޝްރާގް، ކ. މާލެ
• ހާރޫން އިބްރާހިމް، ލައިނޫފަރުގެ، ދ. ކުޑަހުވަދޫ

ސްމާޓްފޯން ގިވްއަވޭ އެވްރިޑޭ ޕްރޮމޯޝަނަކީ އާ އަހަރާ ދިމާކޮށް ޕޯސްޓްޕެއިޑްގެ ކަސްޓަމަރުންނަށް ދިރާގުން ދޭ ހަދިޔާއެކެވެ.

މި ޕްރޮމޯޝަންގައި މިހާރު ދިރާގުގެ ޕޯސްޓްޕެއިޑް ކަސްޓަމަރުންގެ ގޮތުގައި ތިބި ހުރިހާ ކަސްޓަމަރުންނަށާއި، ޕްރޮމޯޝަން ކުރިއަށްދާ ވަގުތުގައި ދިރާގް ޕޯސްޓްޕެއިޑް ކަނެކްޝަންސް ނަންގަވާ ފަތާތްތަކަށްވެސް އެއްވެސް މަސައްކަތަކާއި ނުލައި ބައިވެރި ވެވޭނެ ކަމަށާއި، މިއީ ޕްރޮމޯޝަން އަކަށް ވުރެ ބޮޑަށް ދިރާގުގެ ކަސްޓަމަރުންނަށް އާއަހަރުގެ ހަދިޔާއެއްގެ ގޮތުގައި ދޫކޮށްލާާ ހަދިޔާތަކެއް ކަމަށް ދިރާގުން ބުނެއެވެ.

ވައިބާ ބޭނުން ކުރެވޭނެ ހާއްސަ ޕެކޭޖުތަކެއް އުރީދޫން ތައާރަފުކޮށްފި

ooredoo

ޑޭޓާ ޕެކޭޖްއާއި ނުލާ، ވައިބާ ބޭނުން ކުރެވޭނެ ހާއްސަ ޕެކޭޖުތަކެއް އުރީދޫން ތައާރަފުކޮށްފި އެވެ.

މަޝްހޫރު ސޯޝަލް ނެޓްވޯކް ވައިބާ އާއި އުރީދޫ ގުޅިގެން ތައާރަފުކުރި މި ހިދުމަތާބެހޭ ގޮތުން މައުލޫމާތު ދެއްވަމުން އުރީދޫ މޯލްޑިވްސްގެ ހެޑް އޮފް ސޭލްސް ހުސެއިން ނިޔާޒު ވިދާޅުވީ މި ހިދުމަތުގެ ދަށުން ޑޭޓާ ޕެކް ނުނެގި ނަމަވެސް، ވައިބާ ބޭނުންކުރުމަށް ހާއްސަކޮށްގެން ތައާރަފުކުރި ޕެޖޭޖުތައް ނަގައިގެން ވައިބާގެ ހިދުމަތް ހޯދޭނެ ކަމަށެވެ.

އެ ހިދުމަތް ބޭނުންކުރައްވައިގެން، ވައިބާ މޮބައިލް އެޕް މެދުވެރިކޮށް ވަރަށް ހެޔޮ އަގެއްގައި ޗެޓްކޮށް، ސްޓިކާ ފޮނުވައި، އަދި ގާތްތިމާގެ ބޭފުޅުންނާއި އެކު ފޮޓޯ އަދި ވީޑިއޯ ޝެއާ ކުރެވޭނެ ކަމަށްވެސް ނިޔާޒު ވިދާޅުވިއެވެ.

މިހިދުމަތާބެހޭ ގޮތުން އުރީދޫގެ ސީނިއާ އެގްޒެކެޓިވް ޕަބްލިކް ރިލޭޝަންސް ނޫރާ އިބްރާހިމް ޒާހިރު ވިދާޅުވީ ވައިބާ ޕެކްތަކުގެ ތެރޭ ހިމެނެނީ އެއް ދުވަހަށް ހާއްސަ “ވައިބާ ފަހެއް” ޕެކަކާއި، ފަސް ދުވަހަށް ބޭނުން ކުރެވޭ “ވައިބާ އެގާރަ” ޕެކެއް ކަމަށެވެ.

“ވައިބާ ފަހެއް އެއީ، އެއް ދުވަހަށް ހާއްސަ ޕެކެއް. އެ ދުވަސް ތެރޭ 30 އެމްބީގެ އެލަވަންސާއެކު ވައިބާ ބޭނުން ކުރެވޭނެ. ވައިބާ 11 ޕެކް މެދުވެރިކޮށް ވައިބާ ބޭނުން ކުރުމަށް 80 އެމްބީގެ އެލަވަންސެއް ލިބިގެންދާނެ.” ނޫރާ ވިދާޅުވި އެވެ.

އުރީދޫ އިން ބުނީ ފަސް ރުފިޔާ ހަރަދު ކުރަންޖެހޭ “ވައިބާ 5″ ޕެކޭޖުގައި ތިން އެމްބީގެ އެލަވަންސް ހިމެނޭނެ
ޑޭޓާ ޕެކޭޖާ ނުލައި އުރީދޫގެ ޕްރީޕެއިޑް އަދި ޕޯސްޓްޕެއިޑް ކަސްޓަމަރުންނަށް ތައާރަފް ކުރި މި ހިދުމަތް ބޭނުންނަމަ، “5” ނުވަތަ “11” ޖެހުމަށް ފަހު 555 އަށް މެސެޖް ކުރުމުން ހިދުމަތް ލިބޭނެ އެވެ.

ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް ފުރާވަޑައިގެންފި

medium_63650

ބޭސްފަރުވާ އަށް އިނގިރޭސިވިލާތަށް  ކުރީގެ ރައީސް މުހައްމަދު ނަޝީދު ފުރާވަޑައިގެންފި އެވެ.

ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމަށް ކުރީގެ ރައީސް މުހަންމަދު ނަޝީދު އެއާޕޯޓަށް ގެންގޮސްފައި ވަނީ ކަރެކްޝަންސްގެ ބެލުމުގެ ދަށުން ނެވެ.

ރައީސް ނަޝީދު އިނގިރޭސިވިލާތައް ވަޑައިގަންނަވާނީ މިރޭ 21:05 ގައި އިބްރާހިމް ނާސިރު އިންޓަނޭޗަނަލް އެއާޕޯޓުން ފުރާ ޔޫއެލް 104 ފްލައިޓުން ސްރީލަންކާގެ ކޮލަމްބޯ އަށް ވަޑައިގެންނެވުމަށް ފަހު ކޮލަމްބޯ އިން އިނގިރޭސިވިލާތުގެ ލަންޑަނަށް ދާ ފްލައިޓަކުންނެވެ.

ބޭސް ފަރުވާއަކަށް ރައީސް ނަޝީދު އިނގިރޭސި ވިލާތަށް ފުރުމަށް ސަރުކާރުން ހުއްދަ ދިނުމާ ގުޅިގެން ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ފުރާވަޑައިގަތުމުގެ ކުރިން ސޮއިކުރަންޖެހޭ ލިޔުންތަކުގައި އެމަނިކުފާނުގެ އާއިލާގެ ފަރާތުން ސޮއިކުރައްވާފައި ވަނީ ބޭބޭފުޅު ޑރ. އިބްރާހީމް ނާޝިދު އެވެ.

އިނގިރޭސިވިލާތުން ބޭސްފަރުވާ ކުރުމަށް ނަޝީދަށް ސަރުކާރުން ދީފައިވަނީ 30 ދުވަހުގެ މުއްދަތެކެވެ.

ރައީސް ނަޝީދު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަކަށް އެދިވަޑައިގަތީ އެމަނިކުފާނުގެ މައިބަދައާއި ގުޅިފައިވާ ނާރެއް ފިތޭތީ އެމަނިކުފާނަށް ކުރިމަތިވާ ސިއްހީ މައްސަލަތަކަށް ފަރުވާ ހޯދުމަށް ޑޮކްޓަރުން ލަފާ ދެއްވާފައިވާތީ އެވެ.

އެމްއޭސީއެލް އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި

20maldives2

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް)އިން ވިއްކާ ޖެޓް ފިއުލްގެ އަގު ވަރަށް ބޮޑަށް ހެޔޮކޮށްފި އެވެ.

އެމްއޭސީއެލްއިން މިއަދު ބުނީ، އިބްރާހީމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ)ގައި މަތިންދާ ބޯޓުފަހަރަށް އޭވިއޭޝަން ފިއުލް ވިއްކާ އަގުތަކަށް ޖެނުއަރީ 18 އިން ފެށިގެން ބަދަލުތަކެއް ގެނެސްފައިވާ ކަމަށެވެ.

އެގޮތުން މިއަދުން ފެށިގެން އިންޓަނޭޝަނަލް ފްލައިޓްތަކަށް ޖެޓްފިއުލް ލިޓަރެއް ވިއްކާނީ 0.51778 ޔޫއެސް ޑޮލަރު (7.98 ރުފިޔާ)އަށް ކަމަށާއި ޑޮމެސްޓިކް ފްލައިޓްތަކަށް ޖެޓްފިއުލް ލިޓަރެއް ވިއްކާނީ 0.52984 އެމެރިކާ ޑޮލަރު 8.17) ރުފިޔާ) އަށް ކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.

ދުނިޔޭގެ ބާޒާރުގައި މިފަހަކަށް އައިސް ތެލުގެ އަގު ހެޔޮވަމުން ދިއުމާ ގުޅިގެން އެމްއޭސީއެލްއިން މިދިޔަ އަހަރުގެ ތެރޭގައި ވެސް ދެތިން ފަހަރެއްގެ މަތިން އެމްއޭސީއެލް އިން ތެލުގެ އަގު ކުޑަކުރި އެވެ.

މިއަދު އަގަށް ގެނައި ބަދަލާއި މިދިޔަ އަހަރުގެ ޖެނުއަރީ މަހު ޖެޓް ފިއުލް ވިއްކި އަގާ ބަލާއިރު، އެއީ 5.27 ރުފިޔާ ކުޑަ، 39.80 ޕަސެންޓްގެ ދަށްވުމެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ވަނީ ސާފު ނުކުރާ ތެޔޮ ފީފާއެއްގެ އަގު 27 ޑޮލަރަށް ދަށްވެފަ އެވެ

ދަތިކުރުމުގެ ފިޔަވަޅު އުވާލުމާއި އެކު ބޮއިންގ މަރުކާގެ ބޯޓްތަކެއް ގަތުމަށް އީރާނުން ނިންމައިފި

flight

އީރާނުގެ ގައުމީ އެއަލައިންއަށް 114 މަތިންދާބޯޓު ގަތުމަށް އެއަރބަސް ކުންފުންޏާއެކު ކުރަމުން ގެންދާ މަޝްވަރާތައް ނިމުމުގެ މަގުމަތީގައިވާކަން އީރާނުން ހާމަކޮށްފިއެވެ. އީރާނާ ދެކޮޅަށް އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް އުވާލިކަން އެމެރިކާއާއި ޔޫރަޕުން އިއުލާންކޮށްފައިވާތީ ޔޫރަޕްގެ އެއަބަސް މަރުކާގެ ބޯޓުތަކާއި އެމެރިކާގެ ބޮއިންގް މަރުކާގެ ބޯޓުތައް ގަތުމުގެ ފުރުސަތު އީރާނަށް މިހާރު ވަނީ ތަނަވަސްވެފައެވެ. މި މުއްދަތުގައި އީރާން ބޭނުންކުރަމުން ގެންދިޔައީ ކުރިން ގަނެފައިވާ މަތިންދާބޯޓުތަކާ އަދި ފަހުން ރަޝިޔާ އިން ގަނެފައިވމަތިންދާބޯޓުތަކެވެ. މީގެއިތުރުން އީރާނުގައި އުފައްދާ 115 ފަސިންޖަރުންގެ ޖާގައިގެ މަތިންދާބޯޓުތައް ވެސް އެ ގައުމުގެ ގައުމީ އެއަލައިންގައި ބޭނުންކުރެއެވެ. އަލަށް ގަންނަ 114 މަތިންދާބޯޓު ގަތުމަށް 20 ބިލިޔަން އެމެރިކާޑޮލަރ ޚަރަދުވާނޭ ކަމަށް އަންދާޒާކުރެވެއެވެ. އީރާނުގެ އިގްތިސާދަށް އަހަރަކު އަށެއް އިންސައްތައިގެ ކުރިއެރުމެއް ހޯދުމަށް 30 ބިލިއަނާ 50 ބިލިއަން ޑޮލަރާ ދެމެދުގެ ފޮރިން ޑައިރެކްޓް އިންވެސްޓްމަންޓް ބޭނުންވާ ކަމަށް ރައީސް ހަސަން ރޫހާނީ އިއްޔެވަނީ ވިދާޅުވެފައެވެ.އީރާނުގެ އިސްލާމިކް ރިވޮލިއުޝަން ހިނގި ދުވަސްވަރު އެމެރިކާއިން ދޭން ޖެހިފައިވާ 400 މިލިއަން ޑޮލަރުގެ ދަރަންޏަކާއި، 1.3 ބިލިއަން ޑޮލަރުގެ އިންޓްރެސްޓް ދައްކަން އެމެރިކާ އިން ނިންމާފައިވާ ކަމަށް ސެކެޓްރީ އޮފް ސްޓޭޓް ޖޯން ކެރީ ވަނީ މިއަދު ވިދާޅުވެފައެވެ. މި ފައިސާ ހޯދުމަށް އީރާނުން ބައިނަލްއަގްވާމީ ކޯޓަށް މައްސަލަ ހުށަހަޅާފައިވާއިރު، މި ފައިސާގެ އިތުރުން ދަތިކުމުރުގެ ފިޔަވަޅު އުވާލުމުން ބޭރުގެ ބޭންކު އެކައުންޓްތަކުގައި ހުރި އެގައުމުގެ މަހުޖަނުންގެ އެތައް ބިލިއަން ޑޮލަރަކަށްވާ ފައިސާ އަނެއްކާ ގައުމަށް ގެނައުމުގެ ފުރުސަތު އޮތުމުން އީރާންގެ އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެކަމަށްބެލެވެއެވެ.

ހޫގޯ ސްވަޔަރ، ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު ފުރާވަޑައިގެންފި

hoogo

އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ އޭޝީއާ އާ ބެހޭ ސްޓޭޓް މިނިސްޓަރ ހޫގޯ ސްވަޔަރ، ރާއްޖެ އަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށް ފަހު މިއަދު ފުރާވަޑައިގެންފިއެވެ.
ހޫގޯ ސްވެޔާ ރާއްޖެ އަށް ކުރެއްވި ދެ ދުވަހުގެ ރަސްމީ މި ދަތުފުޅުގައިވަނީ ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި ބައްދަލުކުރައްވާ ރާއްޖެއާއި އިނގިރޭސިވިލާތާ، ދެޤައުމުގެ ދެމެދު، ޤާއިމްވެފައިވާ ގުޅުން އިތުރަށް ހަރުދަނާކުރުމާއި ބެހޭގޮތުން މަޝްވަރާކުރެއްވާފައެވެ.އަދި މިމަޝްވަރާތަކުގައި ދެޤައުމުން އެއްބާރުލުން ދޭން ބޭނުންވާ ކަންކަމާ ބެހޭގޮތުން ވެސް ރައީސުލްޖުމްހޫރިއްޔާއާއި އިނގިރޭސިވިލާތުގެ ފޮރިން އޮފީހުގެ އޭޝީއާ އާ ބެހޭ ސްޓޭޓް މިނިސްޓަރ މަޝްވަރާކުރެއްވާފައިވެއެވެ.

hoogooo
މީގެއިތުރުން ހޫގޯ ސްވަޔާރ ވަނީ ޚާރިޖީ ވާޒީރު ދުންޔާ މައުމޫނާ، ކުރީގެ ރައީސް މައުމޫން އަބްދުލްޤައްޔޫމްގެ އިތުރުން އިދިކޮޅު ބައެއް ޕާޓީތަކުގެ އިސްވެރިންނާއިވެސް ބައްދަލުކުރައްވާފައެވެ.
ހޫގޯ ސްވަޔަރ ރާއްޖެ ވަޑައިގެންނެވިއިރު، ތޭރަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުން ގެންދަވާ ކުރީގެ ރައީސް މުހައްމަދު ނަޝީދު ބޭސްފަރުވާއަކަށް އިނގިރޭސިވިލާތަށް ދިޔުމުގެ ހުއްދަ ސަރުކާރުން ވަނީ ދީފައެވެ. ނަމަވެސް ނަޝީދު މިހާރުވަނީ އިނގިރޭސީވިލާތަށް ވަޑައިގަތުމާއި ދެކޮޅު ހައްދަވާފައެވެ.

ޓެރަރިޒަމް ހުއްޓުވުމަށް ސަރަޙައްދުގެ ޤައުމުތަކަށް އެކީގައި މަސައްކަތް ކުރެވިދާނެ: ރައީސް ޔާމީން

ލަނކަ

ޓެރަރިޒަމް ހުއްޓުވުމަށްޓަކައި މިސަރަޙައްދުގެ ޤައުމުތަކަށް އެކީގައި މަސައްކަތް ކުރެވިދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވެފައިވަނީ ރައީސުލްޖުމްހޫރިއްޔާގެ އަރިހަށް ސްރީލަންކާގެ ޚާރިޖީ ވަޒީރު،  މިސްޓަރ މަންގަލަ ސަމަރަވީރައާއި މާލީ ވަޒީރު،  މިސްޓަރ ރަވީ ކަރުނަނަޔަކެ ކުރެއްވި އިޙްތިރާމުގެ ޒިޔާރަތުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިބައްދަލުކުރެއްވުން އޮތީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ‏ދިވެހިރާއްޖެއާއި ސްރީލަންކާއާ ދެޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ގުޅުން އެކި ދާއިރާތަކުން އިތުރަށް ‏‏ބަދަހިކުރެއްވުމާ‏‎ ‎‏ބެހޭގޮތުން ސްރީލަންކާގެ ޚާރިޖީ ވަޒީރާ އަދި މާލީ ވަޒީރާ މަޝްވަރާ ކުރައްވާފައެވެ.

ސްރީލަންކާގެ ޚާރިޖީ ވަޒީރު މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި ދިވެހިރާއްޖެއަށް އައުމަށް ދަޢުވަތު ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު ދެންނެވިއެވެ. އަދި، ސްރީލަންކާގެ ފަރާތުންވެސް ދިވެހިރާއްޖެއާއި ދެމެދުގައިއޮތް ގުޅުން ވަރުގަދަކުރުމަށްޓަކައި ކުރަންޖެހޭ ކަންކަމުގައި އެއްބާރުލެއްވުން ދެއްވާނެކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި، މިނިސްޓަރ އޮފް ފޮރިން އެފެއާޒް  ދުންޔާ މައުމޫނާއި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްގެ ފޮރިން ސެކްރެޓަރީ ޑރ. ޢަލީ ނަޞީރު މުޙަންމަދާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ އަންޑަރ ސެކްރެޓަރީ އަލްފާޟިލް މުޙަންމަދު ނަޞީރު ބައިވެރިވެވަޑައިގެންނެވިއެވެ.