ބެޔާން ބަލިކޮށް ޗެމްޕިއަންސްލީގް ފައިނަލުގެ ފުރުސަތު އެތްލެޓިކޯ ބޮޑުކޮށްފި

bayan11

ބެޔާން މިއުނިކް ބަލިކޮށް، ޔުއެފާ ޗެމްޕިއަންސްލީގް ފައިނަލުގެ ފުރުސަތު އެތްލެޓިކޯ މެޑްރިޑް ބޮޑުކޮށްފިއެވެ.
ޗެމްޕިއަންސްލީގް ފައިނަލުގެ ފުރުސަތު އެތްލެޓިކޯއިން ބޮޑުކޮށްފައިވަނީ ރޭ ޖަރުމަނުވިލާތުގެ ޗެމްޕިއަން ބެޔާން މިއުނިކާއި ދެކޮޅަށް ކުޅުނުމެޗް 1-0 ގެ ނަތީޖާއިން ކާމިޔާބުކޮށްގެންނެވެ. އެތްލެޓިކޯ މެޑްރިޑްގެ ދަނޑުގައި ކުޅުނު މިމެޗްގައި ފެނިގެންދިއަ ހަމައެކަނި ލަނޑު އެތްލެޓިކޯއަށް ކާމިޔާބުކޮށްދިނީ، އެގާރަވަނަ މިނެޓް ތެރޭގަ ސައުލް ނިގޭޒްއެވެ. މިމެޗްގައި މޮޅަށް ކުޅެ ގިނަ ހަމަލާތައް އުފައްދާފަ ވަނީ ބެޔާނުންނެވެ. މެޗްގައި ބެޔާނަށް ލަނޑެއް ކާމިޔާބު ނުކުރެވުނު ނަމަވެސް އެޓީމުންވެސް ވަނީ އެތްލެޓިކޯގެ ގޯލަށް ނުރައްކާކޮށްފައެވެ.މީގެ ތެރޭގައި އަލަބާ، މާޓިނެޒް އަދި ވިޑާލް ފޮނުވާލި ހަމަލާތައް ފާހަގަކޮށްލެވެއެވެ.

ރޭގެ މެޗުން ބަލިވުމުން ބަޔާންގެ ކެޕްޓަން ފިލިޕް ލާމް ބުނީ، އެތުލެޓިކޯ ކޮޅަށް ލަނޑެއްޖަހައި އަވޭ ގޯލެއް ނުލިބުމުން އެކަމާ މެދު ހިތްހަމަނު ޖެހޭ ކަމަށާއި މެޗުގައި އެ ޓީމަށް ލަނޑުޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ކަމަށެވެ.
ޗެމްޕިއަންސްލީގް ސެމީފައިނަލްގެ ދެވަނަ ލެގްގައި މިދެޓީމް ބައްދަލުކުރާ މެޗް އޮންނާނީ ބެޔާންގެ އެލިއެންޒް އެރީނާގައެވެ. މިމެޗް ކުޅުމަށް ކުޅުމަށް ހަމަޖެހިފައި ވަނީ އަންނަ މެއިމަހުގެ ތިންވަނަ ދުވަހުއެވެ.

ސިޓިޒެންޝިޕް ގާނޫނަށް ގެނައި އިސްލާހު ރައީސް ތަސްދީގު ކުރައްވައިފި

rayyith

ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް ބޭނުންވާ ކޮންމެ މީހަކަށް ވެސް އެކަން ކުރެވޭ ގޮތަށް ސިޓިޒެންޝިޕް ގާނޫނަށް ރައްޔިތުންގެ މަޖިލީހުން ގެނައި އިސްލާހު ރައީސް އަބްދުﷲ ޔާމީން މިއަދު ތަސްދީގު ކުރައްވައިފި އެވެ.

މި އެޕްރީލް މަހުގެ 20 ވި ބުދަ ދުވަހު އޮތް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ 28ވަނަ ޖަލްސާއިން ފާސްކުރެއްވި “ޤާނޫނު ނަންބަރު 69/4ޖ. (ދިވެހިރާއްޖޭގެ ސިޓިޒެންޝިޕް ޤާނޫނަށް 1 ވަނަ އިޞްލާޙު ގެނައުމުގެ ބިލު”، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް މިއަދު ތަޞްދީޤް ކުރެއްވުމާއި  ގުޅިގެން ވަނީ ގެޒެޓުގައި ޝާއިއުކުރެވިފަ އެވެ. ނަމަވެސް ގާނޫނުގައި ބުނެފައިވާގޮތުން އެގާނޫނަށް އަމަލުކުރަން ފަށާނީ ގެޒެޓުގައި ޝާއިއުކުރާތާ ތިން މަސްފަހުންނެވެ. އެއީ މިއަހަރުގެ ޖުލައި މަހުގެ 28 ވަނަ ދުވަހު އެވެ.

ސިޓިޒެންޝިޕް ގާނޫނަށް ގެނައި އިސްލާހުގައި ބުނެފައިވަނީ 18 އަހަރު ފުރިފައިވާ ކޮންމެ މީހަކަށް ވެސް ދިވެހި ރައްޔިތުކަން ދޫކުރުމަށް އިގުރާރު ހުށަހެޅިދާނެ ކަމަށެވެ. އަދި އެފަދަ އިގްރާރެއް ހުށަހަޅާ ފަރާތަކީ އެހެން ގައުމެއްގެ ރައްޔިތުކަން ލިބިފައިވާ ނުވަތަ ލިބޭނެ ކަމުގެ ޔަގީންކަން އޮތް ފަރާތަކަށް ވާންޖެހެ އެވެ.

ދިވެހި ރައްޔިތުކަން ދޫކޮށްލަން ބޭނުންވާ މީހާ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ފޯމާއި އެ މީހަކަށް ދޫކޮށްފައިވާ ދިވެހި ރައްޔިތުކަން އަންގައިދޭ ކާޑުގެ ކޮޕީއާ ދިވެހި ޕާސްޕޯޓުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ. ހަމަ އެއާއެކު އޭނާގެ ބިމެއް ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި އޮތް ނަމަ އެ ބިން ދޫކޮށްލަން އެދޭ ގޮތާއި ބިން ބަދަލުކުރަން ގަސްދުކުރާ ފަރާތުގެ މައުލޫމާތުވެސް ހޯމް މިނިސްޓަރަށް ހުށަހަޅަން ޖެހެ އެވެ.

އިސްލާހުގައި ބުނެފައި ވަނީ ގާނޫނުގައި އެހެން ބަޔާންކޮށްފައިވީ ނަމަވެސް ދިވެހި ރައްޔިތުކަން ދޫކޮށްލާ ފަރާތަކަށް ހަމަސް ދުވަހުގެ ތެރޭގައި އެހެން ގައުމެއްގެ ރައްޔިތުކަން ނުލިބިއްޖެ ނަމަ އޭނާ އަކީ ދިވެހި ރައްޔިތުކަން ދޫކޮށްލާފައިވާ މީހެއް ކަމުގައި ނުބެލެވޭނެ ކަމަށެވެ.

ދިވެހި ރައްޔިތުކަން ދޫކުރުމަށް ބޭނުންވާ ފަރާތް ރާއްޖޭގައި ދިރިއުޅެމުން ދިއުމާއި ރާއްޖޭގައި ހަނގުރާމައިގެ ހާލަތެއް އޮތުމުގެ އިތުރުން ކުއްލި ނުރައްކަލުގެ ހާލަތެއް އިއުލާނުކޮށްފައިވާ ނަމަ ދިވެހި ރައްޔިތުކަން ދޫކުރުމަށް ހޯމް މިނިސްޓަރަށް ހުށަހަޅާ ހުށަހެޅުން ބަލައި ނުގަތުމުގެ އިހްތިޔާރު މިނިސްޓަރަށް ލިބިގެންވެ އެވެ.

ގާނޫނު އަސާސީގެ 9 ވަނަ މާއްދާގައި ބުނެފައި ވަނީ ދިވެހި ރައްޔިތުކަން ދޫކޮށްލުމަށް އެދޭ ކޮންމެ މީހަކަށް ގާނޫނުގައިވާ ގޮތުގެ މަތީން ދިވެހި ރައްޔިތުކަން ދޫކޮށްލެވޭނެ ކަމަށެވެ

މެޑްރިޑަކީ މުބާރާތުގެ ފޭވަރިޓުން ނޫން، އެޓީމްދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތް: ޕެލެގްރިނީ

real

ރެއާލް މެޑްރިޑަކީ މުބާރާތުގެ ފޭވަރިޓެއް ނޫންކަމަށާއި، އެހެންކަމުން އެޓީމްދެކެ ބިރުގަންނަން ޖެހޭ އެއްވެސް ސަބަބެއް ނެތްކަމަށް މެންޗެސްޓަރ ސިޓީގެ ކޯޗް ޕެލެގްރިނީ ބުނެފިއެވެ. ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގައި ދެވަނަ މެޗް އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭ ރެއާލް މެޑްރިޑްގެ ދަނޑުގައި ކުޅޭގޮތަށް ހަމަޖެހިފައިވާއިރު ނޫސްވެރިންނާއި ވާހަކަދައްކަމުން ޕެލެގްރިނީ ބުނީ ރެއާލް މެޑްރިޑަކީ މުބާރާތުގެ ފޭވަރިޓުން ނޫންކަމަށާއި، އެހެންކަމުން އެޓީމްދެކެ ބިރުގަންނަން ޖެހޭ ސަބަބެއް ނެތްކަމަށެވެ.

ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގެ ފުރަތަމަ ލެގްގައި ރޭ މެންޗެސްޓަރ ސިޓީ އާ ރެއާލް މެޑްރިޑް ބައްދަލުކުރިމެޗް  ނިމިފައިވަނީ އެއްވަރުވެގެންނެވެ.
އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މިމެޗް ގައިދެޓީމްގެ ފަރާތުންވެސް ދާދި ހަމަހަމަ ކުޅުމެއް ފެނިގެންދިއަ މިމެޗްގައި ނަތީޖާ ބަދަލުކޮށްލާނެ ފުރުސަތުތައް ދެޓީމަށްވެސް ލިބިގެންދިޔައެވެ.

manchester

މެޗަށްފަހު ނޫސްވެރިންނާއި ވާހަކަދައްކަމުން ރެއާލްގެ ކޯޗް ޒައިނުއްދީން ޒިދާން ބުނީ މެޗްގެ ނަތީޖާ އާއިމެދު ހިތްހަމަ ޖެހޭކަމަށާއި، އެގޮތުން ސިޓީ އާ ދެކޮޅަށް ކުޅުނުމެޗް ފަސޭހަ ނޫންކަމަށް ކަމަށެވެ. ޒިދާން ބުނީ ސިޓީ އާ ދެކޮޅަށް ރެއާލްގެ ކުޅުންތެރިން ދެއްކި ކުޅުމާއިމެދު ހިތްހަމަ ޖެހޭކަމަށެވެ.އެހެންކަމުން އުއްމީދަކީ ރެއާލްގެ ދަނޑުގައި ކުޅޭމެޗުން މޮޅުވުންކަމަށާއި، އެކަން ނުކުރެވެންވީ އެއްވެސް ސަބަބެއް ނެތްކަމަށް ޒިދާން ފާހަގަކުރިއެވެ.

ރޭ މެންޗެސްޓަރ ސިޓީ އާ ދެކޮޅަށް ރެއާލް މެޑްރިޑް ނިކުތީ އެޓީމްގެ އެންމެ މުހިއްމު އެއް ކުޅުންތެރިއާ، ކްރިސްޓިއާނޯ ރޮނާލްޑޯ ނުލައެވެ. މީގެ އިތުރުން މެޗްގެ ލިބުނު އަނިޔާ އަކާއި ގުޅިގެން މެޗްގެ 46ވަނަ މިނެޓް ތެރޭގައި އިތުބާރު ފޯވަޑް ކަރީމް ބެންޒެމާ ވެސް ވަނީ ބަދަލުކޮށްފައެވެ. ޒިދާން ބުނީ ރޮނާލްޑޯ އަދި ބެންޒެމާ އަށް އަނިޔާވުމަކީ ކަންބޮޑުވާކަމެއްކަމަށާއި، ސެމީފައިނަލްގެ ދެވަނަ މެޗްގައި ދެ ކުޅުންތެރިންނަށް ކުޅެވޭނޭކަމަށް އުއްމީދުކުރާކަމަށެވެ.
ޔުއެފާ ޗެމްޕިއަންސްލީގް ސެމީފައިނަލުގައި މި ދެޓީމް ނިކުންނަ ދެވަނަ މެޗް އޮންނާނީ އަންނަ މެއި މަހުގެ ހަތަރުވަނަ ދުވަހުގެ ރޭގަޑުއެވެ.

ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އެވޯޑް ރައީސް އަބްދުﷲ ޔާމީން އަށް

kalaam award

އިންޑިޔާގެ ކުރީގެ ރައީސް ޑރ.އޭޕީޖޭ އަބްދުލް ކަލާމްގެ ހަނދާނުގައި އިންޑިޔާގެ ޑޭލްވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަންސް އިން ދޭ “ޑރ. ކަލާމް ޕުރަސްކާރް ފޯ އެކްސެލެންސް އިން ގަވަނަންސް 2016” އެވޯޑް ރާއްޖޭގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް މިއަދު އަރުވައިފިއެވެ.
ރައީސް ޔާމީނަށް އެ އެވޯޑް އަރުވާފައި ވަނީ އިންޑިއާގެ ޓުރެވިންޑުރަމްގެ ޑޭލްވިއު އިނިސްޓިޓިއުޓްގައި މިއަދު ހެނދުނު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.ރައީސް ޔާމީނަށް މިއެވޯޑު ލިބިވަޑައިގެންފައި ވަނީ އިންޓަރނޭޝަނަލް އެކްސެލެންސްގެ ދާއިރާއިންނެވެ.
ރައީސް ޔާމީނަށް މި އެވޯޑް އެރުވި އިރު ބަލާފައިވަނީ އެ މަނިކުފާނު ރާއްޖެ ކޮށްދެއްވާފައިވާ ޚިދުމަތްތަކަށާއި ރާއްޖެ ހިންގެވުމަށް ކުރައްވާފައިވާ މަސައްކަތްޕުޅުތަކަށެވެ.

މިކަމަށްޓަކައި މިއަދު ހެނދުނު ޑޭލް ވިއު އިންސްޓިޓިއުޓްގައި ބޭއްވުނު ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައިސުލްޖުމްހޫރިއްޔާ ވަނީ އެމަނިކުފާނަށް މިއަދު ލިބިވަޑައިގެންނެވި އެވޯޑަށް އިންޑިޔާ ސަރުކާރަށާ ޑޭލް ވިއު ގްރޫޕް އޮފް އިންސްޓިޓިއުޝަނަށް ޝުކުރު އަދާ ކުރައްވާފައެވެ. އަދި ތަފާތު ކަންކަމުގައި އިންޑިޔާގެ ފަރާތުން ރާއްޖެއަށާ ދިވެހިންނަށް ވެދެއްވާ އެހީއަށް އެމަނިކުފާނު ޝުކުރު އަދާ ކުރެއްވިއެވެ. މީގެ އިތުރުން، އިންޑިޔާއަކީ ދިވެހިރާއްޖޭގެ އެންމެ މުހިންމު ރަޙުމަތްތެރިޔާ ކަމަށާ ވިޔަފާރީގެ އެންމެ ބޮޑު ހިއްސާދާރު ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ސަރުކާރުގެ މުހިންމު ވަޢުދުތަކަށް އަލި އަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން އިސްކަމެއް ދެއްވަނީ ޒުވާނުންނަށް ވަޒީފާގެ ފުރުޞަތު ހޯދައިދިނުމަށާ އަންހެނުން ބާރުވެރިކުރުވުން ކަމަށެވެ. މީގެ އިތުރުން، ރައްޔިތުންނަށް ދިމާފެވައިވާ ދަތިތައް ޙައްލުކޮށްދިނުމާ ކުރީގެ ސަރުކާރުތަކުގެ ސަބަބުން ޤައުމުގެ ތަރައްޤީއަށް އެޅިގެން ދިޔަ ހުރަސްތައް ގިރާކޮށް ޤައުމަށް އިތުރު ތަރައްޤީ ގެނައުމަށް މަސައްކަތް ކުރުމަކީ މި ސަރުކާރުން އެންމެ އިސްކަން ދެއްވާ ކަންތައް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ސަރުކާރުން ފަށްޓަވާފައިވާ ތަރައްޤީގެ މަޝްރޫޢުތައް ބަޔާންކުރައްވަމުން، މާލެއާ ހުޅުމާލެއާ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ ޢަމަލީ މަސައްކަތްތައް މި އަހަރު ތެރޭގައި ފެށިފައިވާކަން ހާމަކުރެއްވިއެވެ. އަދި، މި ބްރިޖުގެ މަސައްކަތް ނިމުމުން މާލެއާ ހުޅުމާލޭ ސަރަޙައްދުގައި ރާއްޖޭގެ އާބާދީގެ ނިސްބަތުން ބޮޑު ބައެއް ވަޒަންވެރިކުރުވޭނެކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، މި ސަރުކާރުން ކުރިއަށް ގެންދާ ތަރައްޤީގެ މަޝްރޫޢުތަކުގެ ތެރޭގައި ރާއްޖޭގެ ރަށެއްގައި ބިނާކުރެވިގެންދާ އެންމެ ދިގު މަގު ބިނާ ކުރުމާއި ގެދޮރުވެރިކުރުމުގެ މަޝްރޫޢުތައް ހިންގުން ހިމެނެއެވެ. އަދި، އޭޝިއާ ސަރަޙައްދަށް ދިމާވި ސުނާމީ ކާރިޘާގައި ބޯހިޔާވަހިކަން ގެއްލިގެންދިޔަ ހުރިހާ ރައްޔިތުންނަށް މިހާރުވަނީ މި ޒަޢާމަތުގައި ބޯހިޔާވަހިކަން ފޯރުކޮށްދެވިފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. މިގޮތުން، އެ ކާރިޘާގައި ގެއްލުން ލިބުނު ހުރިހާ މީހުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދެވުނު ފުރަތަމަ ޤައުމަކީ ރާއްޖެކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ޑރ.ކަލާމް ޕުރަސްކާރް އެވޯޑަކީ ޤައުމުތަކުގެ އިސްވެރިންގެ ތެރެއިން އެޤައުމެއްގެދެމެހެއްޓެނިވި ތަރައްޤީއަށް މަސައްކަތްކުރައްވާ ބޭފުޅުންގެ އަގުވަޒަންކޮށް މިއަހަރުން ފެށިގެން ކޮންމެއަހަރަކު އެއްފަހަރު ދިނުމަށް ހަމަޖެހިފައިވާ އެވޯޑެކެވެ.
މި އެވޯރޑް ލިބިވަޑައިގަންނަވާ ފަރާތްތައް ކަނޑައަޅުއްވަނީ، އެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ބޭފުޅުންގެމައްޗަށް އެކުލަވައިލެވިފައިވާ ޚާއްސަ ކޮމިޓީއަކުންނެވެ.
މި ކޮމެޓީގައި، އިޖްތިމާޢީ ދާއިރާއިން ޚިދުމަތްކުރައްވާ ބޭފުޅުންނާއި، އިންޑިއަން ސްޕޭސް ރިސަރޗް އޯގަނައިޒޭޝަނުގެ ކުރީގެ ޗެއަރމަނާއި، އިންޑިޔާ ސަރުކާރުގެ ބައެއް އިސް ސަފީރުންނާއި، ކައުންސެލް ޖެނެރަލުން ހިމެނިވަޑައިގަންނަވާކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލަތަކާ ގުޅިގެން ރައީސް ޔާމީނާއި އޭސީސީ އިން ސުވާލު ކޮށްފި

suwaal

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރްސީ)ގެ ޚިޔާނަތުގެ މައްސަލަތަކާ ގުޅިގެން ރައީސުލްޖުމުހޫރިއްޔާ އަބުދުﷲ ޔާމީން ޢަބްދުލްޤައްޔޫމާ އެންޓި ކޮރަޕްޝަން ކޮމިޝަން (އެސީސީ) އިން ސުވާލު ކޮށްފިއެވެ.
އޭސީސީގެ ރައީސް ހަސަން ލުތުފީ މީޑިޔާ ތަކަށް އެކަން ކަށަވަރު ކޮށްދެއްވަމުން ވިދާޅުވެފައިވަނީ އެމްއެމްޕީއާރްސީގެ ޚިޔާނާތާ ގުޅިގެން ރައީސް ޔާމީނާ ސުވާލުކުރައްވާފައިވާނެ ކަމަށާއި އިތުރަށް ސުވާލުކުރަން ޖެހިއްޖެ ނަމަ އެކަން ވެސް ކުރައްވާނެ ކަމަށެވެ. އަދި މިމައްސަލައާ ގުޅިގެން ސުވާލު ކުރަން ޖެހޭ ކޮންމެ ފަރާތަކާއި ސުވާލު ކުރައްވާނެކަމަށްވެސް ލުތުފީ ވިދާޅުވިއެވެ. އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލައިގައި ހިމެނޭ ފަޅުރަށްތަކާއި ފަޅުތަކުގެ މައްސަލަ ބަލާ ނިމިފައިވާ ކަމަށާއި މިހާރު ކުރިއަށް ދަނީ ޚިޔާނާތުގައި ހިމެނޭ ފައިސާ ދައުރުވެގެން ގޮސްފައިވާ ގޮތް ބެލުމުގެ މަސައްކަތް ކަމަށްވެސް އޭސީސީގެ ރައީސް ހަސަން ލުތުފީ ވިދާޅުވެފައިވާ އިރު އެމްއެމްޕީއާރސީގެ ޚިޔާނާތުގެ ފައިސާ ދައުރުވެގެން ގޮސްފައިވާ ގޮތް ބެލުމަށް ފަހު ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމުގެ މަސައްކަތް ފަށާނެ ކަމަށް ވެސް ލުތުފީ ވިދާޅުވިއެވެ.
ރައީސް ޔާމީން މީގެކުރިންވަނީ އެމްއެމްޕީއާރުސީގެ ޚިޔާނަތާގުޅިގެން އެމަނިކުފާނާއި މެދު އިދިކޮޅު ސިޔާސީ ފަރާތްތަކުންކުރާ ތުހުމަތުތަށް ދޮގުކުރައްވާފައެވެ.
އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ޖުމްލަ އަގު 1.22 ބިލިއަން ރުފިޔާއަށް އަރައެވެ.

އަދީބާއި،ޒިޔަތު އަދި ހާމިދު ސޭޓް ޚިޔާނާތް ވިކަން ސާބިތުކުރަން ސިއްރު ހެކިހުށަހަޅަިއފި

haamid

ޓޫރިސްޓު ރިސޯޓެއް ތަރައްގީ ކުރުމަށް ކުރެއްދޫ ހޯލްޑިންގްސް އަށް ޅ. މާބިންހުރާ ކުއްޔަށްދޫކުރުމަށްފަހު އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނާތްތެރިވިކަން ސާބިތުކުރަން ދައުލަތުން ނުވަ މީހަކު ސިއްރު ހެކީގެ ގޮތުގައި ހުށަހަޅައިފި އެވެ.

ޅ.މާބިންހުރާ ކުއްޔަށް ދޫކުރުމުން އިކުއިޒިޝަން ކޮސްޓުގެ ގޮތުގައި ދައުލަތަށް ލިބުނު ފަސް މިލިއަން ޑޮލަރަށް ޚިޔާނަތްތެރިވި މައްސަލައިގައި ދައުލަތުން ކުރީގެ ނައިބު ރައީސް އަހުމަދު އަދީބާއި ، ހާމިދު ސޭޓުގެ  އިތުރުން އެމްއެމްޕީއާރްސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ މައްޗަށް އުފުލާފައިވާ ޚިޔާނާތުގެ މައްސަލައިގައި އިއްޔެ ހެނދުނު ކްރިމިނަލް ކޯޓުގައި ބޭއްވި އަޑުއެހުމުގައި ދައުލަތުން ވަނީ ސިއްރު ހެއްކި ގޮތުގައި ނުވަ މީހެއްގެ އިތުރުން ބޭންކް ސްޓޭޓްމަންޓް ތަކެއް ވެސް ދައުލަތުން ވަނީޝަރީއަތަށް ހުށައަޅާފައެވެ.

ސިއްރު ހެކި ހުށަހެޅިއިރު، އެމީހުން ހުށަހެޅީ ކޮންކަމެއް ސާބިތުކުރަންކަން ދައުލަތުން ބުނެދޭންޖެހޭނެ ކަމަށާއި އެހެން ނޫންނަމަ ހެކީންނާ ކުރާނީ ކޮން ސުވާލެއްކަން ކަނޑައަޅައި އެކަމަށް ދުރާލައި ތައްޔާރު ނުވެވޭނެ ކަމަށްވެސް ދިފާއީ ވަކީލުން ވިދާޅުވި އެވެ.

ދައުލަތުގެ ވަކީލު ވިދާޅުވީ މިއަދު އަނގަބަހުން ހެކި ހުށަހެޅިނަމަވެސް ލިޔުމުން ހެކި ހުށަހަޅާނެ ކަމަށާއި ލިޔުމުން ހުށަހަޅާއިރު، ކޮންމެ ހެއްކެއް ވެސް ހުށަހަޅަނީ ކީއްވެގެންކަން ބަޔާންކޮށްފައިވާނެ ކަމަށެވެ.

ގާޒީ އިބްރާހީމް އަލީ ވިދާޅުވީ ދެން އޮންނަ އަޑުއެހުމެއްގައި ފުރަތަމަ އޮންނާނީ ދައުލަތުން ހެކީން ހުށަހަޅާ ސަބަބު ޝަރީއަތަށް އިއްވުން ކަމަށެވެ. އަދި އޭގެފަހުން އޮންނާނީ ހެކީންގެ ހެކިބަސް ނެގުން ކަމަށް ވެސް ގާޒީ ވިދާޅުވި އެވެ.

 

ހާމިދުގެ ގާނޫނީ ވަކީލު ހުސްނުއްސުއޫދު ވަނީ އެކަމާ ހިތްހަމަނުޖެހުން ފާޅުކުރައްވާފައެވެ. އޭނާ ވިދާޅުވީ ހެކި ހުށަހަޅާ ސަބަބުތައް ޝަރީއަތަށް އިއްވުމަށްފަހު ހަމަ އެ އަޑުއެހުމުގައި ހެކިބަސް ނަގައިފިނަމަ ހެކީންނާ ސުވާލުކުރަން ތައްޔާރުވުމަށް އެކަށީގެންވާ ވަގުތު ނުލިބޭނެ ކަމަށެވެ.

ނަމަވެސް ގާޒީ ނިންމެވީ ދެން އޮންނަ އަޑުއެހުމެއްގައި ހެކީންގެ ހެކިބަސް ނެގުން ކުރިއަށް ގެންދިޔުމަށެވެ.

މެކްޑޮނަލްޑްސްއިން، ޓެކްސްގެ ގޮތުގައި 300 މިލިޔަން ޔޫރޯ ނުދައްކައި

mac

ދުނިޔޭގެ އެންމެ މަޝްހޫރު އެއް ފާސްޓްފުޑް ޗެއިން ކަމުގައިވާ މެކްޑޮނަލްޑްސްއިން، ޓެކްސްގެ ގޮތުގައި ފްރާންސްގެ ސަރުކާރަށް300 މިލިޔަން ޔޫރޯ ނުދައްކައި އޮތްކަން ހާމަވެއްޖެ އެވެ.

ފްރާންސްގައި ނެރޭ، ވިޔަފާރިއާ ބެހޭ މަޖައްލާ އެއްގައި ބުނެފައިވާ ގޮތުން، މެކްޑޮނަލްޑްސްއިން ވަނީ ފްރާންސްގައި ޓެކްސްއަށް މަކަރު ހަދަން މަސައްކަތް ކޮށްފަ އެވެ. އަދި އެކަން ކުރަން މެކްޑޮނަލްޑްސްއިން މަސައްކަތް ކޮށްފައި ވަނީ ސްވިޓްޒަލެންޑާއި ލަގްޒެމްބާގްގައި ހުންނަ މެކްޑޮނަލްޑްސްގެ ސަބްސިޑަރީ ކުންފުނި މެދުވެރިކޮށެވެ.

މިކަން 2013 ވަނަ އަހަރު ފްރާންސްގެ ސަރުކާރަށް އެނގި، އެ އަހަރު މިކަމުގެ ތަހުގީގެއް ފެށި އިރު، ތަހުގީގު ނިންމައި، މަކަރު ހަދައިގެން ނުދައްކައި ވާ ޓެކްސްގެ އަދަދު ކަމުގައިވާ 300 މިލިޔަން ޔޫރޯ ދެއްކުމަށް މިދިޔަ އަހަރު ސަރުކާރުން ވަނީ މެކްޑޮނަލްޑްއަށް އަންގައި، ބިލު ފޮނުވައިފަ އެވެ.

އެހެން ނަމަވެސް މެކްޑޮނަލްޑްސްއިން ބުނަމުން ދަނީ، އެކުންފުންޏަކީ ފްރާންސްގައި އެންމެ ބޮޑު އަދަދަކުން ޓެކްސް ދައްކާ އެއް ކުންފުނި ކަމަށާއި، 2009 ވަނަ އަހަރުން ފަށައިގެން 1.2 ބިލިޔަން ޔޫރޯގެ ޓެކްސް ދައްކައި، 15،000 އަށް ވުރެ ގިނަ ވަޒީފާ އެތަނުން އުފައްދާފައިވާ ކަމަށެވެ.

މެކްޑޮނަލްޑްސްއިން ފްރާންސްގައި ޓެކުހަށް މަކަރު ހަދާފައިވާ އިރު، އެތަނުގެ ވަޒީފާގައި އުޅޭ ފަރާތްތަކަށް ދޭ މުސާރަ ކުޑަވެ، ވަޒީފާގެ ރައްކާތެރިކަން ކުޑަ ވުމުގެ ސަބަބުން މުވައްޒަފުން ވަނީ ޕެރިހުގައި މުޒާހަރާ ވެސް ކޮށްފަ އެވެ.

ރާއްޖެއަށް ފާޑުކިޔާ ޤައުމުތަކުން ބަލައިގެންފައިވަނީ ހަމައެކަނި ނަޝީދު ދައްކަވާ ވާހަކަފުޅުތައް:ދުންޔާ

medium_71436

ރާއްޖެއަށް ފާޑުކިޔާ ބޭރުގެ ބައެއް ޤައުމުތަކުން ބަލައިގެންފައިވަނީ ހަމައެކަނި ކުރީގެ ރައީސް މުހައްމަދު ނަޝީދު ދައްކަވާ ވާހަކަފުޅުތައް ކަމަށް ރާއްޖޭގެ ޚާރިޖީ ވަޒީރު ދުންޔާ މައުމޫން ވިދާޅުވެއްޖެއެވެ.

ދުންޔާ މިހެން ވިދާޅުވެފައިވަނީ އެމެރިކާގެ ނޫހެއް ކަމަށްވާ ދަ ހިލްގައި އެކަމަނާ ލިޔުއްވާފައިވާ ލިޔުމެއްގައެވެ.

ފޮރިންގ މިނިސްޓަރ ދުންޔާގެ މަޒުމޫނުގައި ވިދާޅުވެފައިވަނީ ރާއްޖެއާ ބެހޭގޮތުން ފާޑުކިޔާ ފަރާތްތަކުން ފާޑުކިޔަމުންދަނީ، ކަންކަމުގެ ދެކޮޅު ބެލުމެއްނެތި އެންމެ މީހަކު ދައްކާވާހަކަތަކާއި، މަންޒަރުތަކަށް ބަރޯސާވެގެން ކަމަށާއި،

މިއީ ދިވެހިރާއްޖެއިން ކަންބޮޑުވެ ހިތާމަކުރާ ކަމެއްކަމަށް ކަމަށެވެ.

ރާއްޖެއާއި މެދު ބިނާކުރުވަނިވި ގޮތެއްގައި ފާޑު ކިޔަން ބޭނުންވާނަމަ ކޮންމެ ބަޔަކަށްވެސް ރާއްޖެއައިސް ރާއްޖޭގައި ކަންހިގާ ގޮތް ބަލައި ތަޖުރިބާ ކުރުމުގެ ފުރުސަތު އެބައޮތްކަމަށާ، އެކަމަށް ދުނިޔޭގެ ހުރިހާ ފަރާތްތަކަށް ދައުވަތުދެއްވާކާމަށްވެސް މިނިސްޓަރ ދުންޔާގެ ލިޔުއްވުމުގައި ފާހަގަކޮށްފައިވެއެވެ.

” ކޮންމެ ވާހަކައެއްގައިވެސް ދެކޮޅު އޮންނާނެ ދިވެހި ސަރުކާރުން އަޅުގަނޑު މެން މިގެންދަނީ ޤައުމުގައިހުރި އިސްލާޙުކުރަންޖެހޭ ކަންކަން އިސްލާޙުކުރަމުން” ދުންޔާ ވިދާޅުވެފައި ވެއެވެ.

ކުރީގެ ރައީސް މުޙަންމަދު ނަޝީދުގެ ޖަލުޙުކުމާބެހޭގޮތުން ދުންޔާ ވިދާޅުވެފައިވަނީ ނަޝީދު ޖަލުގައި ހުންނެވި، ތަނާބެހޭގޮތުންވެސް ބޭރުގެ ބައެއްމީޑިއާތަކުގައި ރިޕޯޓު ކޮށްފައިވަނީ މުޅިން ގޯސްކޮށް ހަޤީގަތާ ޚިލާފު މަޢުލޫމާތުތަކެއްކަމަށާއި، ބްރިޓިޝް އޯލް ޕާޓީގެ ގްރޫޕުގެ ބޭފުޅުން ރާއްޖެ ވަޑައިގެން އަމިއްލަފުޅަށް، އެތަނަށް ޒިޔާރަތްކުރައްވައި، ކުރެއްވި ތަޖުރިބާއަށްފަހު އެތަނުގެ ޙާލަތުގެ ހަޤީގަތް ރިޕޯޓު ކޮށްފައިވާކަމަށެވެ. ނަޝީދުގެ ޖަލުޙުކުމާމެދު ބޭރުގެ ބައެއް ބޭބޭފުޅުން ފާޑުވިދާޅުވާއިރު، އެކިއެކި މުނާސަބަތްތަކުގައި ނަޝީދު އަމިއްލަފުޅަށް ވަނީ، އެމަނިކުފާނު ޤާނޫނާ ޚިލާފަށް އަބްދުﷲ ޤާޒީ ހައްޔަރުކޮށްފައިވާކަމަށް ވިދާޅުވެ ތަކުރާރުކޮށް ވާހަކަފުޅުދައްކަވާފައިވާކަމަށް ވެސް ދުންޔާގެ މަޒްމޫންގައި ވިދާޅުވެފައިވެއެވެ.

ދިވެހިރާއްޖެއަކީ ތިންބާރު ވަކިވެފައި އޮތް ޤައުމެއްކަން ހަނދާންކުރަންޖެހޭކަމަށާ، ރާއްޖޭގެ ޝަރުޢީ ދާއިރާއަކީ ސަރުކާރާ މުޅިންވަކިން އޮންނަ މިނިވަން ބާރެއްކަމަށާއި،ރާއްޖޭގެ އެކިއެކި މުއައްސަސާތަށް ވަރުގަދަކޮށް އިންސާނީ ހައްޤުތައް ރައްކާތެރިކޮށް، ޑިމޮކްރަސީގެ އަސާސްތައް ހިފެހެއްޓުމުގައި ދިވެހިރާއްޖެއިން ސާބިތުކަންމަތީ ދެމިތިބޭނެކަމަށްވެސް  މިނިސްޓަރ ދުންޔާ ވިދާޅުވެފައިވެއެވެ.

“އަސިސަ” ފެއަރ މި ނަމުގައި ފެއާ އެއް ހުޅުވައިފި

igmh

އައިޖީއެމްއެޗްގެ 21 ވަނައަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން “އަސިސަ” ފެއަރ މި ނަމުގައި ފެއާ އެއް ހުޅުވައިފިއެވެ. މިއަދު ހަވީރު ރަސްފަންނުބީޗްގައި ފެއާ ހުޅުވައިދިނީ، އައިޖީއެމްއެޗްގައި ގިނަ ދުވަސް ތަކެއް ވަންދެން ފަރުވާ ހޯދައިފައިވާ ހަތަރު މީހަކެވެ.

ޖުމުލަ 21 ސްޓްލޯ ހިމެނޭ މިފެއާގައި އައިޖީއެމްއެޗް އިން ފޯރުކޮށްދޭ ޚިދުމަތްތަކާއި މެދު ރައްޔިތުން ހޭލުންތެރި ކުރުމާއި، އެ ހޮސްޕިޓަލުގައި އަލަށް ތައާރަފް ކުރަން ނިއްމައިފައިވާ ޚިދުމަތްތަކާއި، ބެހޭ މައުލޫމާތު ރައްޔިތުންނަށް ވަނީ ދީފައެވެ.

މީގެ އިތުރުން އެ ހޮސްޕިޓަލުގައި ހަދާ ސާޖާރީ ތަކާއި އެނޫންވެސް ޚިދުމަތްތަށް ދޭގޮތް އާންމު ރައްޔިތުންނަށް މިއަދު ދައްކާލާފައިވާއިރު ހެލްތް ސްކްރީން ކުރުމުގެ ޚިދުމަތްވެސް އެތަނުގައިވަނީ ކުރިއަށް ގެންގޮސްފައެވެ. މިފެއާ މިރޭ ދިހަގަޑި ތިރީހުގެ ނިޔަލަށް ކުރިއަށްދާނެ ކަމަށްވެސް އައިޖީއެމްއެޗް އިން ބުނެއެވެ.

0_141283917023_news

މިއަދުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އައިޖީއެމްއެޗްގެ ސީއީއޯ ފަރުހަތު ޝަހީރު ވިދާޅުވީ ވޭތުވެ ދިޔަ އެކާވީސް އަހަރުދުވަހުގެތެރޭގައި ގިނަ ޚިދުމަތް ތަކެއް އެ ހޮސްޕިޓަލުން ތައާރަފްކޮށްފައިވާއިރު ޚިދުމަތުގެ ފެންވަރުގެ ރަނގަޅު ކޮށް އާޚިދުމަތްތަށް ތައާރަފް ކުރުމުގެ މަސައްކަތް ވެސް ކުރިއަށްދާ ކަމަށެވެ.

“ސިއްހީ ދާއިރާގެ މަސައްކަތް ކުރާ ޚިދުމަތްތެރިންނަކީ ރައްޔިތުންނަށް ޚިދުމަތް ފޯރުކޮށްދިނުމުގައި ވަރަށް ބޮޑު ގުރުބާނީ އެއް ވަމުންދާ ބަޔެއްކަމަށާއި، އެއީ ބަތަލުން ތަކެއް” ފަރުހަތު ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވިސް ގެ ރައީސާ އައިމިނަތު އީނާޝް ވިދާޅުވީ 2014 ވަނަ އަހަރާއި 2015 ވަނަ އަހަރަށްބަލާއިރު، ސިއްހީ ޚިދުމަތާގުޅޭ 83 މައްސަލަ އެ އެކޮމިޝަނަށް ހުށައަޅާފައިވާ ކަމަށެވެ. އަދި މިއަހަރުގެ މިހާތަނަށް ސިއްހީ ޚިދުމަތާއި ގުޅޭ 15 މައްސަލަ އެއް ހުށައެޅިފައިވާ ކަމަށްވެސް އީނާޝް ވިދާޅުވިއެވެ.

ހުލެއާއި ހުޅުމާލޭގެ ކަރަންޓުގެ ނިޒާމް އެއް ވިއުގައަކުން ގުޅާލުމުގެ ޕްރޮޖެކްޓުގެ ޑޮކިއުމެންޓްތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި

hulhmale

މާލެއާއި ހުޅުމާލޭގައި ބޭނުންކުރާ ކަރަންޓުގެ ނިޒާމް އެއް ވިއުގައަކުން ގުޅުވާލުމަށްޓަކައި ހިންގާ ޕްރޮޖެކްޓުގެ ޑީޓެއިލްޑް ޑިޒައިނާއި، ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކޮށްދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކޮށްފައިވާ އިއުލާނުގައި ބުނެފައިވަނީ ދިވެހި ސަރުކާރުގެ ފަރާތުން އެންވަޔަރަންމަންޓް އެންޑް އެނަރޖީ މިނިސްޓްރީން މާލެއާއި ހުޅުމާލޭގެ ކަރަންޓުވިއުގަ ގުޅުވާލުމަށްޓަކައި ބޭނުންވާ ޑީޓެއިލްޑް ޑިޒައިން ހެދުމަށާއި ޓެންޑަރ ޑޮކިއުމެންޓްތައް ތައްޔާރުކުރުމަށް ކޮންސަލްޓެންސީގެ ޚިދުމަތް ދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާއިރު، މި މަސައްކަތް ހަވާލުކުރެވޭ ދުވަހުން ފެށިގެން ސަތޭކަ ވިހި ދުވަސްތެރޭގައި ނިމެންޖެހޭނެކަމަށެވެ.

މި މަސައްކަތުގެ މަޤުޞަދަކީ މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލައި، ޒަމާނީ ނިޒާމެއްގެތެރެއިން ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅުކުރުމަށް އެހީތެރިވެދިނުންކަމަވެސް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.

އެހެންކަމުން މި މަސައްކަތް ކުރުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ އަށާވީސް ވަނަ ދުވަހުންގެ ކުރިން ފިނޭންސް މިނިސްޓްރީއަށް ލިޔުމަކުން ހުށެހެޅުމުން ރަޖިސްޓްރީ ކޮށްދެވޭނެކަމަށް މި އިއުލާނުގައި ބުނެފައިވެއެވެ.

އަދި ޝަރުޠު ހަމަވާ ފަރާތްތަކުން އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ކުރިން ޕްރޮޕޯޒަލް ހުށެހެޅުމަށްވެސް އެމިނިސްޓްރީން ވަނީ އަންގާފައެވެ.

ދިވެހިރާއްޖޭގެ އާބާދީގެ ބޮޑުބައެއް ދިރިއުޅެމުން އަންނަ މާލޭގައި ކަރަންޓު ބޭނުންކުރާ މިންވަރު އިތުރުވަމުންއަންނަ ނިސްބަތަށް ބަލާއިރު ދެމެހެއްޓެނިވި ގޮތެއްގައި ކަރަންޓުގެ ޚިދުމަތް ފޯރުކޮށް ދިނުމަށާއި ކެޕޭސިޓީ އިތުރުކުރުމަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކޮށް މާލޭގެ ކަރަންޓު ވިއުގަ ޒަމާނީ ނިޒާމަކަށް ބަދަލުކުރުމުގެ މަސައްކަތް ސަރުކާރުން ފައްޓަވާފައިވާކަމަށް އެންވާރަމަންޓް މިނިސްޓްރީން މީގެކުރިންވަނީ ވިދާޅުވެފައެވެ.

މާލެއާއި ހުޅުމާލޭގެ ކަރަންޓު ވިއުގަ ގުޅުވާލުމަށް ހަމަޖެހިފައިވަނީ މާލެއާއި ހުޅުމާލެއާއި ދެމެދު އަޅާ ބްރިޖްގެ ތެރެއިން ހައިވޯލްޓޭޖް ކޭބަލް އަޅައިގެންކަމަށްވެސް އެންވާރަމަންޓް މިނިސްޓްރީން ވިދާޅުވިއެވެ.

މާލެއާއި ހުޅުމާލޭގައި ބޭނުންކުރާ ކަރަންޓުގެ ނިޒާމް އެއް ވިއުގައަކުން ގުޅުވާލުމުގެ މަސައްކަތް ސަރުކާރުން ފެއްޓެވުމަށް ނިންމާފައިވާއިރު، ދޭތެރެ ދޭތެރެއިން ހުޅުމާލެއާއި މާލެއިން ކަރަންޓް ކެނޑުމުގެ މައްސަލަތައް މިހާރުވެސް ކުރިމަތިވަމުންދާކަން ފާހަގަކޮށްލެވެއެވެ.