ސުޕީރިއާ ތިން ކޯޓެއްގެ ހަތަރު ފަނޑިޔާރަކު އެކި ކޯޓުތަކަށް ބަދަލުކުރަން ނިންމައިފި

Judicial-Service-Commission-JSC-Kenya

ސުޕީރިއާ ތިން ކޯޓެއްގެ ހަތަރު ފަނޑިޔާރަކު އެކި ކޯޓުތަކަށް ބަދަލުކުރަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން މިއަދު ފާސްކޮށްފި އެވެ.

ޖޭއެސްސީން ބުނީ އެގޮތަށް ފާސްކޮށްފައި ވަނީ ސުޕްރީމް ކޯޓުގެ ހުށަހެޅުމެއްގެ މަތިން ކަމަށެވެ. އެގޮތުން ކްރިމިނަލް ކޯޓުގެ ގާޒީ ސައީދު އިބްރާހީމް ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށްފަހު ޖުވެނައިލް ކޯޓުގެ ގާޒީ އަހުމަދު ޝަކީލް ކްރިމިނަލް ކޯޓަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު އީސާފުޅު ޖުވެނައިލް ކޯޓަށް ބަދަލުކުރުމަށްފަހު ޖުވެނައިލް ކޯޓުގެ ގާޒީ އައްޝައިޚް މުހައްމަދު ނައީމް ޑްރަގް ކޯޓަށް ބަދަލުކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

މީގެ އިތުރުން ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މޫސާ ނަސީމް ގދ. ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރަން ވަނީ ފާސްކޮށްފަ އެވެ. އަދި ގައްދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އަބްދުލް ޣަފޫރު ވ. ކެޔޮދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލުކުރުމަށް ވަނީ ފާސްކޮށްފަ އެވެ.

ވ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް މުހައްމަދު ރާޣިބު ކ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް ކަމަށް ބަދަލު ކުރުމަށް ވެސް މިއަދު ވަނީ ފާސްކޮށްފަ އެވެ.

އެ ނިންމުމަށް އެ ފަނޑިޔާރުން އަމަލު ކުރަން ޖެހޭނީ މިއަދުން ފެށިގެން 15 ދުވަސް ފަހުން ކަމަށް ޖޭއެސްސީން ބުންޏެވެ.

ތިނަދޫ މެޖިސްޓްރޭޓް ސަސްޕެންޑުކޮށްފި

medium_92576

މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކުރި  ގދ. ތިނަދޫ ކޯޓުގެ މެޖިސްޓްރޭޓް އިބްރާހީމް ރަޝީދު މުއްދަތެއް ނެތް ގޮތަށް ސަސްޕެންޑުކޮށްފި އެވެ.

ޖޭއެސްސީް ބުނީ އިބްރާހީމް ރަޝީދު ސަސްޕެންޑު ކުރީ އޭނާއާ ގުޅޭ މައްސަލައެއް ފުލުހުން ތަހުގީގު ކުރާތީ، އެ ކޮމިޝަންގެ ހިންގާ ގަވާއިދުގެ 42 ވަނަ މާއްދާގެ ދަށުން ކަމަށެވެ.

އުމުރުން 38 އަހަރުގެ އިބްރާހީމް ރަޝީދު ފުލުހުން ހައްޔަރުކުރީ މިދިޔަ އާދީއްތަ ދުވަހުގެ ރޭގެ ވަގުތެއްގަ އެވެ. ފުލުހުން ބުނީ ހައްޔަރުކުރި އިރު އޭނާ ހުރީ މަސްތުގެ ހާލަތުގައި ކަމަށާއި، ހައްޔަރުކުރި އިރު އޭނާ ހުރި ދިމާލު ބިންމަތިން މަސްތުވާތަކެތި ކަމަށް ޝައްކުރެވޭ ޕެކެޓެއް ފެނިފައިވާ ކަމަށް ފުލުހުންވަނީބުނެފައެވެ.

ތިނަދޫ މެޖިސްޓްރޭޓް އިބްރާހިމް ރަޝީދު ހައްޔަރު ކުރުމަށްފަހު އޭނާގެ ބަންދައް ގޮތެއް ނިންމުމަށް ހައިކޯޓަށް ހާޒިރު ކުރުމުން ހައިކޯޓުން ވަނީ އޭނާ ދޫކޮށްލުމަށް އަމުރުކޮށްފައެވެ.

އެ ކޯޓުން ކަނޑައަޅާފައި ވަނީ އޭނާ ހައްޔަރުކުރީ ގާނޫނާ ޚިލާފަށް ކަމަށެވެ. އެ މައްސަލަ އިސްތިއުނާފުކޮށްދިނުމަށް ފުލުހުން ވަނީ ޕީޖީ އޮފީހުގައި އެދިފަ އެވެ.

 

ރައީސް ޔާމިން ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެންފި

haftha nawaz

ޕާކިސްތާނުގެ ބޮޑުވަޒީރު، މުޙަންމަދު ނަވާޒް ޝަރީފް އާލާސްކަންފުޅާ އުޅުއްވާ އޮޕަރޭޝަނެއް ކުރައްވަން ޖެހިވަޑައިގަންނަވާތީ، ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް، ޕާކިސްތާނުގެ ބޮޑުވަޒީރަށް އަވަސް ޝިފާއަކަށް އެދިވަޑައިގެން މެސެޖެއް ފޮނުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި މި މެސެޖުގައި، ޕާކިސްތާނުގެ ބޮޑުވަޒީރު އާލާސްކަންފުޅާ އުޅުއްވާތީ ވަރަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށް ވިދާޅުވެ، މާތްﷲ އަވަސް ޝިފާއެއް ދެއްވުމަށް އެދިވަޑައިގެން، ދިވެހި ސަރުކާރާއި ރައްޔިތުންނާއި ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި އިޚްލާޞްތެރި ހެޔޮއެދުންތައް ފޮނުއްވާފައިވެއެވެ.

 

އިންޑިއަން ޕުރިމިއަރ ލީގުގެ ތަށި ސަންރައިޒަރސް ހައިދްރަބާދުން އުފުލާލައިފި

asasasa
އިންޑިއަން ޕުރިމިއަރ ލީގުގެ ތަށި ސަންރައިޒަރސް ހައިދްރަބާދުން އުފުލާލައިފި
ދުނިޔޭގެ އެންމެ ވަރުގަދަ އެއް ކުރިކެޓް މުބާރާތް ކަމުގައިވާ އިންޑިއަން ޕުރިމިއަރ ލީގް ނުވަތަ އައި.ޕީ.އެލްގެ 9ވަނަ މުބާރާތުގެ ތަށީ ސަންރައިޒަރސް ހައިދްރަބާދުން ހޯދައިފިއެވެ. މުބާރާތުގެ ތަށި ހައިދްރަބާދުން ހޯދީ ފައިނަލް މެޗުގައި ރޯޔަލް ޗެލެންޖާސް ބެންގަލޫރާއި ވާދަކޮށް 8 ރަނުގެ ފަރަގަކުންނެވެ.
މެޗުގެ ފުރަތަމަ އިނިންގްސުގައި ހައިދްރަބާދުގެ ކެޕްޓަން ޑޭވިޑް ވާނަރ 38 ބޯޅައިން 69 ރަން ހޯދިއިރު އޮސްޓްރޭލިއާގެ ބެޓްސްމަނެއް ކަމަށްވާ ބެން ކަޓިންވަނީ 15 ބޯޅައިން 39 ރަން ހަދައި 208 ރަން 7 ވިކެޓުގެ ނަތީޖާއަކުން ފުރަތަމަ އިނިންގްސް ނިންމާލާފައެވެ. ޖަވާބުގައި ކުޅެން އަރަންތިބި ބެޓްސްމަނުންގެ ކުޅަދާނަކަމުން ބެލުންތެރިންގެ ނަޒަރުގައި މި ނަތީޖާވެގެން ދިޔައީ ވަރަށްވެސް ފަސޭހައިން އަތުވާނެ ނަތީޖާއަކަށެވެ. އެހެނަސް ކުރިސް ގޭލް، ވިރާތް ކޯލީ އަދި ޑެވިލިއާސް ފަދަ ކުޅުންތެރިންނަށް ނަތީޖާ އަނބުރާލެވޭ ގޮތެއް ނުވިއެވެ. ބެންގަލޯއިން 13 ބޯޅަ ހަޔަކަށް ޖެހިކަމުގައިވިޔަސް 2009 އަދި 2011ގެ ފައިނަލް ފަދައިން ރޭގެ ފައިނަލްވެސް ނިންމާލަން ޖެހުނީ ރަނަރަޕުގެ ގޮތުގައެވެ.
dasdada
ދުނިޔޭގެ އެކި ކަންކޮޅުތަކުން ކުޅުންތެރިން ގެނެސްގެން ކުޅެވޭ މި މުބާރާތަކީ ކޮންމެ އަހަރަކު އިންޑިޔާއަށް އަންނަ ކުރިކެޓުގެ އީދެކެވެ. 2008ވަނަ އަހަރު ފެށުނު މި މުބާރާތުގެ އެންމެ ގިނަ ރަންސް ހަދައިފައިވަނީ ވިރާތް ކޯލީ އެވެ. އެންމެ ގިނަ ވިކެޓު ކަމަށްވާ 143 ވިކެޓު ނަގައިފައިވަނީ ސްރިލަންކާގެ މަޝްހޫރު ބޯލަރު ލަސިތް މަލިންގާއެވެ. މުބާރާތުގެ ތާރީހުގައި 3 ޓީމެއްވަނީ މިހާތަނަށް މި މުބާރާތް 2 ފަހަރު ކާމިޔާބުކޮށްފައެވެ. އެއީ ޗެންނާއި ސުޕަރ ކިންގްސްއާއި މުމްބާއީ އިންޑިއަންސް އާއި މަޝްހޫރު ފިލްމީތަރި ޝާހްރުކް ޙާން ހިންގަމުންގެންދާ ކޮލްކަތާ ނައިޓް ރައިޑާސެވެ.

11ވަނަ ތަށްޓާއިއެކު ރިއާލް މެޑްރިޑް ތާރީޙު އިއާދަކޮށްފި

real
ޔޫރަޕުގެ އެންމެ ޝަރަފުވެރި މުބާރާތްކަމަށްވާ ޗެމްޕިއަންސް ލީގް 11 ފަހަރު ކާމިޔާބުކޮށް ރިއާލް މެޑްރިޑުން މުބާރާތުގެ ރެކޯޑް އާކޮށްފިއެވެ. މިހާތަނަށް އެންމެ ގިނައިން މި މުބާރާތް ކާމިޔާބުކުރި ޓީމު މިފަހަރު ތަށި އުފުލާލީ ވާދަވެރި އެތްލެޓިކޯ މެޑްރިޑާއި ވާދަކޮށް ޕެނަލްޓީ ޖަހައިގެން 3-5ގެ ނަތީޖާ އަކުންނެވެ. މެޗުގެ ކުރީކޮޅު ރިއާލް މެޑްރިޑުގެ ކެޕްޓަން ސާޖިއޯ ރާމޯސް ކާމިޔާބުކޮށްދިން ލަނޑުން ފުރަތަމަ ހާފު ރެއާލުން ނިންމާލުން ހަމަޖެހިލަމުންނެވެ. ދެވަނަ ހާފު ފަށައިގެން ކުޑަ އިރުކޮޅެއްގެ ތެރޭގައި ރެއާލްގެ ޕެނަލްޓީ އޭރިއާ ތެރޭގައި އެތްލެޓިކޯގެ ޓޮރޭޒަށް ރިއާލުގެ ޕެޕޭ ކުރި ފައުލަކުން އިނގިރޭސި ރެފްރީ މާކު ކުލަޓެންބާރގް އެތްލެޓިކޯ އަށް ޕެނަލްޓީއެއް ދިނެވެ. ނަމަވެސް ގުރިޒްމަން ފޮނުވާލި ބާރު ބޯޅަ އަމާޒުވީ ގޯލުގެ މަތީ ދަނޑިއަށެވެ.
މި މާޔޫސްކަމުން އެތްލެޓިކޯ ސަލާމަތްކޮށްދިނީ ދެވަނަ ހާފަށް ކުޅެން ނިކުތް ބެލްޖިއަމްގެ ފޯވާޑު ޔެނިކް ކަރަސްކޯ މެޗުގެ 79ވަނަ މިނެޓުގައި ކާމިޔާބުކޮށްދިން ލަނޑުންނެވެ. މި އާއިއެކު މެޗު އެއްވަރުވެ އިތުރުވަގުތުގެ 30 މިނެޓުކުޅެވުން އިރުވެސް ދެ ޓީމު ކުރެ އެއްޓީމަކަށްވެސް ލަނޑެއް ކާމިޔާބު ކުރެވޭ ގޮތެއް ނުވިއެވެ. އެހެންކަމުން މެޗުގެ ނަތީޖާ ނެރެންޖެހުނީ ދަނޑުގައި ތިބި 70،000މީހުންނާއި ދުނިޔޭގެ އެކި ހިސާބުތަކުގައި މިލިއަނުން މެޗު ބަލަންތިބި މީހުން ނެވާ ހިފަހައްޓާލައިގެން ތިބެންޖެހޭ ޕެނަލްޓީންނެވެ. ދެ ޓީމުގެ ޕެނަލްޓީތައް ކާމިޔާބުކުރަމުން ގޮސް 3-4ގެ ނަތީޖާގައި އޮއްވާ އެތްލެޓިކޯގެ ހުއާން ފުރާން ފޮނުވާލި ޕެނަލްޓީ ގޯލުގެ ވާތުފަރާތު ދަނޑިއާ އަމާޒުވިއެވެ. ރެއާލުގެ ފަހު ޕެނަލްޓީ ކާމިޔާބުކުރަން އައީ ދުނިޔޭގެ ފުޓުބޯޅައިގެ އެންމެ އަލިގަދަ ތަރިކަމަށްވާ ކުރިސްޓިއާނޯ ރޮނާލްޑޯއެވެ. ރޮނާލްޑޯ ފަސޭހަކަމާއިއެކު މި ޕެނަލްޓީ ކާމިޔާބުކޮށް ރިއާލާއި އެކު އޭނައިގެ 2ވަނަ ޗެމްޕިއަންސް ލީގު ޔަގީންކުރިއެވެ.
މެޗަށްފަހު ރިއާލް މެޑްރިޑުގެ ކޯޗު ޒައިނުއްދީން ޒިދާން ބުނިގޮތުގައި އޭނާއަށް ލިބިފައިވަނީ އާދަޔާއި ޙިލާފު ކުޅުންތެރިންތަކެއްކަމާއި ކުޅުންތެރިން ދެއްކި ކުޅުކަމަށް ތައުރީފު ހައްގުކަމެވެ. ‘އަހަރުމެން މި މެޗަށް ނުކުތީ ވަރަށް ރަނގަޅަށް ތައްޔާރުވެގެން. މެޗުގެ ފަހު ވަގުތު ކުޅުންތެރިންނަށް އަނިޔާގެ މައްސަލަތަށް ދިމާވިކަމަކު މެޗުގެ އެންމެ ފަހުވަގުތާއި ޖެހެންދެން ހުރިހާ ކުޅުންތެރިންވެސް ތިބީ މެޗުގެ ތެރޭގަ.’ ޖެނުއަރީ މަހު ޓީމާއި ހަވާލުވެ 5 މަސް ދުވަސްތެރޭގައި މި އަގުހުރި ތަށި ކާމިޔާބުކޮށްދިން ޒިދާން ރޭގެ މެޗާއި ބެހޭގޮތުން ބުންޏެވެ. ޒިދާންވަނީ ރިއާލް މެޑްރިޑަށް 9 ވަނަ ތަށި ކުޅުންތެރިއެއްގެ ގޮތުގައި، 10 ވަނަ ތަށި އެސިސްޓަންޓް ކޯޗެއްގެ ގޮތުގައި އަދި 11 ވަނަ ތަށި ކޯޗުގެ ގޮތުގައި ހުރެ ކާމިޔާބުކޮށްދީފައެވެ.
އަނެއްކޮޅުން އެތްލެޓިކޯގެ ކޯޗު ޑިއޭގޯ ސިމިއޯނޭ އަށް ރޭގެ މެޗު ވެގެންދިޔައީ ހިތާމައިގެ ކޮޅެއްވެސް ނެތް ރެއަކަށެވެ. ތިން އަހަރު ތެރޭގައި 2 ފައިނަލް ކުޅެ ބަލިވި ކޯޗު ބުނި ގޮތުން މިއީ އޭނަ ދެކޭގޮތުގައި ކުރިއެރުމެއްކަން، އެހެނަސް ނަތީޖާއި މެދު ހިތްހަމަ ނުޖެހޭކަމެވެ. ‘ފުރަތަމަ ފައިނަލުގައި 4-1ކުން ބަލިވެ ރޭގެ މެޗު ޕެނަލްޓީއަށް ގޮސް ބަލިވުމަކީ ކާމިޔާބީއެއް. މުޅި ޓީމުން ޓީމުގެ އެންމެ ރަނގަޅު ކުޅުން ދެއްކި ނަމަވެސް ހެދުނު މިސްޓޭކްތަކަކުން ބަލިވާންޖެހުނީ’ ހުސްއަތާ ސީޒަން ނިންމާލަން ޖެހުނު ކޯޗު ބުންޏެވެ.
މިއާއިއެކު ސީޒަން ނިންމާލިއިރު ސުޕޭނުގެ ބާސެލޯނާ ވަނީ ލީގު އަދި ކޮޕަ ޑެލްރޭ ކާމިޔާބުކޮށްފައެވެ. ސެވިއްޔާ ވަނީ ޔޫރޮޕާ ލީގު ކާމިޔާބުކޮށްފައެވެ. އަދި ރޭގައި ރިއާލް މެޑްރިޑުން ޗެމްޕިއަންސް ލީގު ކާމިޔާބު ކުރުމުން ސުޕޭނުގެ ގަދަ 3ގައި ވާދަކުރި ޓީމުތަކުގެ ތެރެއިން ހުސްއަތާ ނިންމާލަން ޖެހުނީ އެތްލެޓިކޯ މެޑްރިޑަށް އެކަންޏެވެ.

ރައީސްގެ ދެކަނބަލުން މެލޭޝިޔާއަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގެންފި

haftha raees
ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފާޠިމަތު އިބްރާހީމް، މި މޭ މަހުގެ 31 އިން ޖޫން މަހުގެ 2 އަށް މެލޭޝިޔާގައި ބޭއްވުމަށް ހަމަޖެހިފައިވާ “ޕަރމާޓާ އިންޓަރނޭޝަނަލް ކޮންފަރެންސް: ޗިލްޑްރަން ބިޔޯންޑް ޓުމޯރޯ” ގައި ބައިވެރިވެވަޑައިގެންނެވުމަށް މިރޭ މާލެއިން ފުރާވަޑިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވުމުގެ އިތުރުން، މި ދަތުރުފުޅުގައި މެލޭޝިޔާގެ ބޮޑުވަޒީރާ ބައްދަލު ކުރެއްވުމަށް ވެސް ވަނީ ހަމަޖެހިފައެވެ.
haftha raees 1

މި ކޮންފަރެންސްގެ ހައި-ލެވަލް ފޯރަމްގައި، މެލޭޝިޔާ ބޮޑުވަޒީރުގެ އަނބިކަނބަލުން ދާތިން ސެރީ ރޮސްމާހް މަންސޫރު ދެއްވާފައިވާ ދަޢުވަތަކަށް، ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަލްފާޟިލާ ފާޠިމަތު އިބްރާހިމް ބައިވެރިވެވަޑައިގެން “ޤައުމުގެ ކުރިމަގަށް ފެންވަރު ރަނގަޅު ތަޢުލީމް”، މި މަޢުލޫއަށް ތަޤްރީރުކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ޖަލްސާއަކީ، ކުޑަކުދިންގެ ތަރައްޤީއާއި ކުރިއެރުމަށް އަމާޒުކޮށްގެން، އެކި ޤައުމުތަކުގެ މާހިރުން އެއްތަންވެ ޚިޔާލުފާޅުކުރުމަށް ބޭއްވޭ ވަރަށް މުހިންމު ބައްދަލުވުމެކެވެ.

2017ވަނައަހަރު ނިމުމުގެ ކުރިން މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށޭނެ-ހޯމްމިނިސްޓަރ

haftha umar
ކުރިޔަށް އޮތް 2017 ވަނައަހަރު ނިމުމުގެ ކުރިން ރާއްޖޭގައި މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި ފުލުހުންގެ ޚިދުމަތް ފަށައި ފުލުހުން ތިބޭ ގޮތަށް ހަމަޖައްސަން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި މިނިސްޓަރ އޮފް ހޯމް އެފެއާޒް އޮނަރަބްލް ޢުމަރު ނަޞީރު ވިދާޅުވެއްޖެެއެވެ.

ދ. މީދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުންގެ މަރުކަޒު މީދޫގައި ހުޅުވުމަށްފަހު ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށެއްގައި ފުލުހުންގެ ޚިދުމަތް ޤާއިމްކޮށް ފުލުހުން ތިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ ރައީސުލްޖުމުހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްް ޤައްޔޫމުގެ ސަރުކާރުގެ މެނިސްފެސްޓޯގައި ހިމެނިގެން ވަރަށް ބޮޑު އިސްކަމެއްދީގެން ކުރައްވާ ކަމެއް ކަމަށެވެ. އެކަމަށް ރައީސުލް ޖުމުހޫރިއްޔާ ޚާޢްޞަ އިސްކަމެއް ދެއްވާ ކަމުގައިވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މި އަމާޒަށް ވާޞިލްވުމަށްޓަކައި މިއަހަރު ތެރޭގައިވެސް ގިނަ ރަށްރަށުގައި ފުލުހުންގެ ޚިދުމަތް ފެއްްޓެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. އަދި ކުރިޔަށް އޮތް ޖޫންމަހުގެ ތެރޭގައި އިތުރު 20 ރަށުގައި ފުލުހުންގެ ޚިދުމަތް ފެށުމުގެ ތައްޔާރީތައް ނިމިފައިވާކަން މިނިސްޓަރގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ ފުލުހުންގެ ޚިދުމަތް ފުޅާކުރާއިރު ރާއްޖޭގެ ވެށި އަމާން ކުރުމަށްވެސް ފުލުހުން ހަރުދަނާ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން މީގެ ދެތިން އަހަރު ކުރިން އަޅުގަނޑުމެންގެ ތެރޭގައި އޮތްް ނުރައްކާތެރި މާރާމާރީ ތަކާއި ތޫނު ހަތިޔާރުން ބިރުދެއްކުން ހުއްޓުމަށް ކުރެވުނު މަސައްކަތުގެ ނަތީޖާ ފެންނަންފަށާފައިވާކަން ފާހަަ ކުރައްވަމުން މިނިސްޓަރ ވިދާޅުވީ ރޭވިގެން ހިނގާބޮޑެތި ކުށްތައް ހުއްޓުވައި ޤާނޫނީ ގޮތުން އަަޅަންޖެހޭ ފިޔަވަޅު އަޅަމުންގެންދާ ކަމަށެވެ.

މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މިފަދަ ހެޔޮ ބަދަލު ފެނިގެންދާއިރު އެކަމާ ބޮޑާވެ، ފުލުހުންނާއި ސަރުކާރު މިތިބެނީ ހިތްހަމެޖި ފަސްޖެހިގެން ނޫން ކަމަށާއި މި ޤައުމުގައި ސަލާމަތާއި ރައްކާތެރިކަން ދަމަހައްޓަން ޤާނޫނުތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނެސް އަލަށް ގެންނަންޖެހޭ ޤާނޫނުތައް ގެނެސްގެންވެސް ކުރަންޖެހުނު ކޮންމެ މަސައްކަތެއް ފަސްނުޖެހި ކުރައްވަމުން ގެންދަވާނެ ކަމަށެވެ. އަދި އެމަސައްކަތްް ފުރިހަމަ ކުރުމުގައި ކުރިމަތިވާ ކޮންމެ ހުރަހެއް ނައްތަަވާ ލައްވަން މަސައްކަތް ކުރައްވާނެ ކަމަށްވެސް މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވި މި ސަރުކާރުގެ 5 އަހަރު ނިމިގެންދާއިރު މުޅި ރާއްޖޭގައި ކުށުގެ ބިރުވެރިކަން ކުޑަކޮށް، އަމާންކަން ޤާއިމް ކުރުމަށް ފުލުހުންް ބުރަ މަސައްކަތްތަކެއް ކުރައްވަމުން ގެންދާވާ ކަމަށެވެ. މިގޮތުން އިޖުތިމާޢީ ގިނަ ޕްރޮގްރާމް ތަކާއި ބްލޫޒް ފޮރ ޔޫތު ކޭމްޕާއި ރެޑީ ކޭމްޕްފަދަ ޙަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހިންގަމުންގެންދާކަމަށާއި އެފަދަ ޕްރޮގްރާމްތަކުގެ ނަތީޖާ ފެންނަމުންދާކަމަށް ޤަބޫލު ކުރައްވާކަމަށް ވިދާޅުވިއެވެ.

މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރ ޢުމަރު ނަޞީރު ވިދާޅުވީ މީދޫގައި ފުލުހުންގެ ޚިދުމަތް ޤާއިމް ކުރެވިގެންދިއުމާއެކު ރައްޔިތުން އެދުނުފަދަ އަމާން މާޙައުލެއް މީދޫގައި ޤާއިމް ކޮށްދެއްވަން މަސައްކަތް ކުރައްވާނެ ކަމަށެވެ.

ޓީސީއެލް ބްރޭންޑްގެ އިލެކްޓްރޯނިކް ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި

image-0a36c0c651b81ddd57b61147552ae1c529a24613901de34caa85ecac7c4f147f-V

ޓީސީއެލް ބްރޭންޑްގެ އިލެކްޓްރިކް ސާމާނު ވިއްކާ ފިހާރައެއް ހުޅުވައިފި.
ޕޮޕިއުލާ ޓްރޭޑް ނަމުގައި ރޭ މަޖީދީމަގު ހުޅުވި މި ފިހާރައިން ވިއްކާ ޓީސީއެލް ބްރޭންޑްގެ އިލެކްޓްރިކް ސާމާނަކީ ރާއްޖެއަށް އަލަށް ތައްރަފްކުރެވުނު ބްރޭންޑެއް. އަދި މި ބްރޭންޑް ރާއްޖެއަށް ހޯސޭލް ކުރަނީ ޕޮޕިއުލާ ޓްރޭޑުންނެވެ.

ރޭ ހުޅުވި މި ފިހާރައިން ލިބެން ހުރި ތަކެއްޗަށް ބަލާއިރު ޓީސީއެލް އިންވާޓަރ އެސީއަކީ އޭގައި ހުންނަ ޓެކްނޮލޮޖީގެ ސަބަބުން ތަނުގެ ބެކްޓީރިއާތަށް ނައްތާލާ ވައި ސާފުކޮށްދޭ އޭސީއެކެވެ. އަދި މި އޭސީ ޖައްސާތާ ދިހަ ގަޑިއިރު ފަހުން އަމިއްލައަށް ނިވޭއިރު އޭސީގައި މައްސަލައެއް އުޅޭނަމަ އޭސީގެ ޑިސްޕްލޭއިން ދައްކާނެއެވެ. އަދި މީގެ އިތުރުން މިސްޓިން އެއަރ ކޫލާއާއި ދޮންނަ މެޝިންވެސް ލިބެން ހުރިކަން ފަހަގަކޮށްލެވެއެވެ.
ދޭހާސް ފަނަރަ ވަނަ އަހަރު ދުނިޔޭގައި އެންމެ ގިނަ ޓީވީ ޓީސީއެލް އިން ވިއްކާފައިވާއިރު މި ބްރޭންޑަކީ މިހާރު ދުނިޔޭގެ ތިންވަނަގައި ވާދަކުރާ ބްރޭންޑެކެވެ. އަދި ޓީސީއެލްއަކީ މިހާރު ދުނިޔޭގެ ޓީވީގެ ހުރިހާ ކޮމްޕަނެންޓްތައް އަމިއްލައަށް ތައްޔާރުކޮށްގެން އެންމެން މަޝްހޫރު ކަމާ އިތުބާރާއެކު އެންމެ ފަހުގެ ޓެކްނޮލޮޖީއާއިއެކު ފޯކޭ ޔޫއެޗްޑީ ޓީވީ އުފައްދާ ކުންފުންޏެކެވެ.

ގިނަ ޢަދަދެއްގެ ބަނގުރާ ފުޅި ތަކެއް ނައްތާލައިފި

8c009c32016f99d4b3f466909cee4f7c1981d39f17c5b14761d87af9eb436705_full

އެކި މައްސަލަތަކުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ތަކެތީގެ ތެރެއިން ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގެ ބެލުމުގެ ދަށުގައި ހުރި ގިނަ ޢަދަދެއްގެ ބަނގުރާ ނައްތާލައިފިއެވެ.

ފުލުހުންގެ ބެލުމުގެ ދަށަށް ގެނެވޭ ބަނގުރަލާއި ބަނގުރަލުގެ މައްސަލަތަކާއި ގުޅިގެން ހިފެހެއްޓޭ ތަކެތި ނައްތާލުމުގައި ޢަމަލުކުރާ ގޮތުގެ ޤަވާއިދުގެ ދަށުން މި ތަކެތި ނައްތާލާފައިވަނީ މި މެއި މަހުގެ 24 ވަނަ ދުވަހު ލ. ފޮނަދޫ ޕޮލިސް ސްޓޭޝަންގައެވެ.

ނައްތާލެވުނު ތަކެތީގެ ތެރޭގައި ބަނގުރަލާއި ބިއަރު ހިމެނޭއިރު މި ތަކެއްޗަކީ 2015 ނޮވެމްބަރު 25 ން ފެށިގެން 2016 މެއި 23 ވަނަ ދުވަހާ ހަމައަށް އިސްކަންދަރު ވައިގެ ބަނދަރަށް ފުރަންދާ ފަތުރުވެރިންގެ އަތުން ހިފަހައްޓާފައިވާ ތަކެއްޗެވެ. މިތަކެތީގެ ތެރޭގައި ހިމެނެނީ 30 އިންސިޑެންޓެއްގައި ހިމެނޭ 40 އެވިޑެންސާއި 46 ފުޅި ބަނގުރަލާއި ބިޔަރު އެޅުމަށް ބޭނުންކުރާ ދެ ދަޅެކެވެ.

ސްޓޭންޑާޑް ފަސްޓްއެއިޑް ސެޓްފިކެޓް 40 ފުލުހުންނަށް ލިބިއްޖެއެވެ.

First-Aid

ސްޓޭންޑާޑް ފަސްޓްއެއިޑް ސެޓްފިކެޓް 40 ފުލުހުންނަށް ލިބިއްޖެއެވެ.

ފުލުހުންނަށް މި ސެޓްފިކެޓް ދީފައިވަނީ ދިވެހި ރެޑް ކްރްސެންޓާއި މޯލްޑިވްސް ޕޮލިސް ސާވިސްއިން ހިންގި ފަސްޓް އެއިޑް ކޯހުގެ 2 ބުރެއްގައި ބައިވެރިވެ ކޯސް ފުރިހަމަ ކޮށްގެންނެވެ.

މިމަހުގެ 10 ން ފެށިގެން 19 ވަނަ ދުވަހުގެ ނިޔަލަށް 2 ބުރެއްގެ މަތިން ހިންގި ކޯހުގައި ބައިވެރިވެފައިވަނީ މެރިން ޕޮލިސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންނާއި، ކަސްޓޯޑިއަލް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންގެ އިތުރުން ސްޕެޝަލިސްޓް އޮޕަރޭޝަންސް ޑިޕާޓްމަންޓުގައި މަސައްކަތްކުރާ ބައެއް ފުލުހުންނެވެ.

މި ކޯހަކީ ފުލުހުން ޑިއުޓީގައި އުޅޭއިރު އަދި އެނޫން ވަގުތުތަކުގައިވެސް ފުރަތަމަ އެހީގެ ގޮތުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދޭން ޖެހިއްޖެ ޙާލަތެއްގައި އެހީތެރިކަން ފޯރުކޮށްދިނުމަކީ އިންސާނީ ވާޖިބަކަށް ވާތީ ކޮންމެ ފުލުހަކީވެސް ފުރަތަމަ އެހީ ދިނުމުގެ ޢިލްމު ލިބިފައި ހުރި މީހަކަށް ހަދައި އެކަމަށް މަސައްކަތް ކުރުމުގެ ގޮތުން ދިވެހި ރެޑްކްރެސެންޓާއި ގުޅިގެން ހިންގަން ފަށާފައިވާ ޕްރޮގްރާމުގެ ތެރެއިން ހިންގި ކޯހެކެވެ.

މި ކޯހުން ފާސްވެ ސެޓްފިކެޓް ޙާޞިލްކުރި ފުލުހުންނަށް ސެޓްފިކެޓް ދެއްވާފައިވަނީ އެކަމަށްޓަކައި އިސްކަންދަރު ކޮށީގައި އޮތް ރަސްމިއްޔާތުގައި ހެޑް އޮފް ސެންޓްރަލް އޮޕަރޭޝަންސް ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ހަމްދޫން ރަޝީދު އެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ހަމްދޫން ރަޝީދު ވިދާޅުވީ ފުލުހުންނަކީ ތަޢުލީމާއި ތަޖުރިބާ ލިބިގަތުމުގައި ވަރަށް ބޮޑު އިސްކަމެއް ދޭންޖެހޭނެ ކަމަށާއި މަސައްކަތުގެ މާޙައުލުގައި ދިމާވާ ކޮންމެ ކަމަކަށް ތައްޔާރަށް ތިބޭ ބަޔަކަށް ފުލުހުން ވާން ޖެހޭނެ ކަމަށެވެ.

ސެޓްފިކެޓް ދިނުމުގެ މި ރަސްމިއްޔާތުގައި ދިވެހި ރެޑްކްރެސެންޓުގެ ރައީސް ޢަލީ ނާޝިދު އާއި އެ މުއައްސަސާގެ އިސްވެރިންގެ އިތުރުން ސެންޓްރަލް އޮޕަރޭޝަންސް ކޮމާންޑުގެ ޑެޕިއުޓީ ހެޑް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޙުސައިން ރަޝީދު އާއި އެކި ޑިޕާޓްމަންޓްތަކުގެ ވެރިންނާއި ފުލުހުން ބައިވެރިވެލެއްވިއެވެ.